Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 16

Baby Devil Level 610 Stories100 Stories
September 27, 2021 7 Mins Read
2 Comments

އަތްމުއްކެވިފައި ހުރި ނުކްޝާން ފެނިފައި ޔަމްހާ ލާންއުޅުނު ނޭވާ ކާރުތެރޭގައި ތާށިވިއެވެ.”ނު..ކް..ޝާން..” ޔަމްހާ އަވަސްވެފައިވާ ހިތަކާ އެކީ ގޮވާލެވުނެވެ.”މަށާ ވާހަކަ ނުދައްކާބަލަ މިހިރަ ނުލަފާ ގަނޑާ.. ކަލެއާ ހެދިއޭ އާޒިމް ފިލައިގެން ގޮސް އެއުޅެނީ… ދާން އުޅޭ.. ދާންއުޅޭށޭ!..” އަތުޖެހުނު ބިއްލޫރި ސެންޓް ފުޅި ނުކްޝާން ޔަމްހާއާއި ދިމާއަށް އެއްލިއެވެ. އެއާއި އެކީ ޔަމްހާގެ ވޭނީ ހަޅޭކުގެ އަޑު މުޅިތަނުގައި ގުގުމާލިއެވެ. ނުކްޝާންގެ ރުޅިގަނޑު ފިނިވީ އެހިސާބުންނެވެ. އޭރު ވާނުވާ ބެލުމަށް ކޮޓަރިތެރެއަށް އެންމެން ވަންނަމުން ދިޔައެވެ. ކިތަންމެ ރުޅި އަޔަސް އެއްވެސް މީހަކަށް އަނިޔާ ކުރާކަށް ނުކްޝާން ބޭނުމެއް ނޫނެވެ. ޔަމްހާ ކައިރިއަށް ތިރިވާން އުޅެފައި ނަވްޔާ އާއި ނީކިޔާ އަދި ހަމްނާގެ އިތުރުން ޒާއިފް ކަންބޮޑުވުމާއެކު ލޭމަނާ ކުރަން އުޅުންތަން ފެނި އެ ޚިޔާލު ދޫކޮށް ނުކްޝާން ކޮޓަރިން ބޭރަށް ނިކުތެވެ. ހައިރާންވެފައި ޔޫޝައު ހުރީ ނުކްޝާން ނިކުތްތަން ބަލަންށެވެ. އަމިއްލަ ފިރިމީހާ ހުއްޓައި އެހެން ބަޔަކާއެކީ އެހެން ފިރިހެނަކު ޔަމްހާއާއި މެދު ކަންބޮޑުވާންފެށި މަންޒަރު ފެނުމުންނެވެ. ދެވަނަ ސިކުންތުގައި މަކަރުވެރި ހިނިތުންވުމެއް ޔޫޝައުގެ މޫނުމަތީގައި ދުވެލީ ޔަމްހާ އާއި މެދު ނުކްޝާންގެ ހިތް އެހާ ސާފު ނޫންކަން ފަހުމްވުމުންނެވެ. ނުކްޝާން ޔަމްހާ އާއި މެދު އަޅާ ނުލަންޏާ އޭނަގެ ރޭވުން ކާމިޔާބުކުރަން ވަރަށް ފަސޭހަވެ އަވަސް ވާނެކަން އިނގުމުންނެވެ.

 

**16 ވަނަ ޕާޓު**

 

އެ ފަދަ ޚިޔާލުތަކެއްގައި ހުއްޓައި ޔޫޝައު ސިހުނީ އެމްބިއުލެންސް އައި އަޑު އިވުމުންނެވެ. އެމްބިއުލަންސް އަށް ގުޅީ ނުކްޝާން ކަން އިނގުމުން ޔޫޝައު ދަތްކުނޑި ވިކާލިއެވެ. މިހީކުރެވުނީ ރަނގަޅަކަށް ނޫންތައޭ ހިތަށް އެރިއެވެ.”އާދޭ ޔޫޝައު..” ޔޫޝައު ސިހުނީ ޒާއިފްގެ އަޑުންނެވެ. އޭރު ޔަމްހާ ކޮޓަރިއަކު ނެތެވެ. އެމްބިއުލަންސް އަށް އެރުވީކަން އިނގުމުން ކަޅި މައްޗަށް ހިނގާލަމުން ޒާއިފްގެ ފަހަތުން ޔޫޝައު ނިކުތެވެ.”އޭނަ ބޮލުގެ ބޮޑުވައި ވަނީ ފަޅައިގެން ގޮސްފަ… ވަރަށް އުނދަގުލުން ލޭ މަނާވީ.. ޔަމްހާގެ ހެޔެއް ވެސް ނެތް..” ޒާއިފް ވާހަކަ ދެއްކިއެވެ.”އެހެންދޯ..” ވައްތަރެއް ޖައްސާލަމުން ޔޫޝައު ބުންޏެވެ.

 

ނުކްޝާން ބޯ ހާސްވެފައި ވީއިރު ކައިރީގައި ނީކިޔާ އާއި ނަވްޔާ އިނެވެ. އަނެއްކާ ވެސް އެވީ މާލެދާން ލަސްވާ ގޮތެވެ.”އަ… އަހަރެން ރުޅި ކޮންޓްރޯލް ނުކުރެވުނީ..ދެން މާލެ… ދެން މާލެ ދެވޭނީ ކޮން އިރަކުން..” ނުކްޝާން ބޮލުގައި އަތް އަޅާލައިގެން އިނދެ ބުންޏެވެ. ނަވްޔާ މެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނުކްޝާން އަކީ ކުރިން މިހާ ރުޅިގަދަ ކުއްޖެއް ނޫނެވެ. ޔަމްހާ އާ ކައިވެނި ކުރި ފަހުން ހުރިހާ ކަމެއްގެ ރުޅިގަނޑު ބައިލަނީ ޔަމްހާއަށެވެ.”އިންޝާ ﷲ ޔަމްހާ ރަނގަޅު ވާނެ..” ނަވްޔާ ހީކުރީ ނުކްޝާން ކަންބޮޑުވެފައި އެހުރީ ޔަމްހާ އާއި މެދު ކަމަށެވެ.”މަށަށް ހެޔޮ ކޮންމެ ކަމެއް ޔަމްހާއަށް ވިޔަސް.. އާޒިމް..އޭނަ އަތު ނުވެދަނެތީ މަ ހާސްވަނީ..” ނުރުހުމާއެކު ނުކްޝާން ބުންޏެވެ.”ސުބުހާނައްﷲ ނުކް… ކިހިނެއް އެހާ ރަހުމް ކުޑަވީ… އަމިއްލައިންނު ބުނީ ބޭނުމެއް ނޫނޭ ކިތަންމެ ރުޅި އަންނަ މީހަކަށް ވިޔަސް އަނިޔާ ދޭކަށް..” ނީކީޔާ ދެލޯ ބޮޑުވިއެވެ.”ހްމް އެކަމް..މަ ވެސް ހައިރާންވޭ ޔަމްހާ ދެކެ މިހާ ރުޅި އާދެވވޭތީ.. އައި މީން ކުރިން ވެސް މިކަހަލަ ކުދިންނާ ދިމާ ވެފަ ދޯ ހުރީ… ބަޓް ހަމަ ޔަމްހާއަށް ނަފްރަތު ކުރެވެނީ.. ހީވަނީ ހަމަ ބައްޕައާ އެކީ މަންމަ މަރާލަން އުޅުނީ ޔަމްހާއޭ.. އޭނަ މަ ހޯދަން ކޮންމެ ފަދަ ކަމެއް ވެސް ކޮއްފާނެއޭ..” ނިޝްފާގެ ވާހަަކަ ދެއްކުމުން ނުކްޝާން ފެންކަޅިވާގޮތް ވިއެވެ.

 

“ހީކުރާކަށް ނުވާނެ.. ޔަމްހާ އަކީ ރަނގަޅު ކުއްޖެއް.. ނުކްޝާން އަށް ދުވަހަކު ވެސް ފެނުންތަ ޔަމްހާގެ ކިބައިން ނޭދެވޭ ކަމެއް..” ނަވްޔާ އަބަދެކޭ އެއްގޮތަށް ވިސްނަދޭން އުޅުނެވެ. ނަމަވެސް އޭނަވީ އެހުރިހާ ކަމަކާ ވިސްނާ ވަރަށް ވުރެ ހާސްވެފައެވެ. ނުކްޝާން އެއްޗެކޭ ނުބުނުމުން ނަވްޔާ ވެސް ފުން ނޭވާއެއް ލާފައި ޔަމްހާ އާއި ދިމަ ބަލާލިއެވެ. ނީކިޔާ ވެސް ނަވްޔާ އެކޭ އެއްގޮތަށް ފެންކަޅިވެ އިސްޖަހާލިއެވެ.”މަ ހުރެފާނަން މިރޭ..” ޔަމްހާ ކައިރީގައި މީހަކު ހުންނަން ޖެހޭނެކަން އިނގުމުން ޔޫޝައު ބުންޏެވެ.”އުހުނ ނުކް ހުންނާނެ.. ނަވްމެން ވެސް އެތިބީނުން..” އެކުވެރިއެއްކަމަކު އެހެން ހަދާކަށް ޒާއިފް އަކަށް ނުކެރުނެވެ.”މަ ބިޒީ.. މާދަމާ ޑިއުޓީއަށް ދާންޖެހޭ..” ނުކްޝާން އެކަމުން ބޯ ދަމައިގަންނަންވެގެން ބުންޏެވެ. އެކަން ކިތަންމެ ރަނގަޅަކަށް ވެސް ޔޫޝައު އާއި ހަމްނާ ފިޔަވައި ދެންތިބި މީހުންނަށް ފާހަގަވިއެވެ.”ތިހެންވީރު މަ މަޑު ކޮށްފާނަން..” ނީކިޔާ ބުންޏެވެ.”ހްމްމް އޯކޭ.. އެކަމަކު މަ ބޭނުން މާލެދާން ވަރަށް އަވަހަށް.. މަ އެކަނި ކަމަކު އޯކޭއޭ..” ނުކްޝާން އާދޭސް ކޮށްލިއެވެ.”ހާސް ނުވެބަލަ..މި ހަފްތާ ދާނަމޭ..” ނީކިޔާ ޔޫޝައު އާއި ދިމަ ބަލާލަމުން ބުންޏެވެ.

 

ޔަމްހާ ހޭއެރީ ނުވައެއް ޖަހަނިކޮންނެވެ. ދެލޯ ހުޅުވައިލުމާއެކު ވެސް ބޮލަށް އެރި ތޫނު ތަދާ އެކީ އަނެއްކާ ވެސް ލޯ މަރާލެވުނެވެ. ގޮނޑީގައި ނިދިފައި އިން ނީކިޔާ އަށް ހޭލެވުނީ ޔަމްހާގެ ކެއްސާލި އަޑަށެވެ.”ޔަމް..” ނީކިޔާ ތެދުވިއެވެ. އެވަގުތު ޔަމްހާގެ ހަނދާނަށް އައީ ނުކްޝާން އޭނައާއި ދިމާއަށް ހަޅޭއްލަވާފައި އެއްލި ފުޅިއެވެ.”ކިޔާދީބަލަ ވީ ގޮތް.. އެގަޑީގަ ހަމްނާ އާ ޔޫޝައު އާ ތިބީމަ ނުކެރުން އޮޅުން ފިލުވާކަށް..” ނީކިޔާ އަހާލިއެވެ. ޔަމްހާ އެއްޗެއް ނުބުނެ އިސްޖަހާލިއެވެ. ނީކިޔާ ދެންވެސް ކިޔަން ފެށުމުން ޔަމްހާ ވާހަކަ ދައްކަން ފެށިއެވެ.”އޭނަ ދޮރު..ހު.. ހުޅުވާލިވަގުތު އަހަރެންނަށް ކުރިމައްޗަށް އެ..އެރުނީ..ދެން އޭނަ އަހަރެންގެ ބޮލުގަ ބިއްލޫރި ފުޅިން ޖެހީ.”

 

“ކަމަކުވާ މިހިރަ ނުކް އެއް.. އޭނަ މިހާ ރުޅިގަދަ އެއް ނުވާނެ ކުރިއަކުންނެއް..މީހަކަށް އަނިޔާއެއް ދޭކަށް ވެސް ނޫޅޭނެ.. މަ ހަމަ ހައިރާން ވެއްޖެ..” ނީކިޔާ ދެބުމަ ކައިރިކޮށްލިއެވެ. ޔަމްހާއަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ބޮލަށް އަރާފައިވާ ތޫނު ތަދާ އެކީ ޔަމްހާ އުޅުނީ ކޮޅަށް ތެދުވަންށެވެ.”ކޮންތާކަށް ތިދަނީ ޔަމް..” ނީކިޔާ ޔަމްހާ ހުއްޓުވަމުން ބުންޏެވެ.”ބޭރަށް.. މިތާ ހުންނަން ވަރަށް އުނދަގޫ..” އެހެން ބުނުމުން ވެސް ނީކިޔާ ޔަމްހާގެ އަތުގައި ހިފާ ހުއްޓުވިއެވެ.”އައިވީ ފުޅި އެހެރީ. އެހަށް އަރާމު ކޮށްލާ.. ކުޑަކޮށް ވައި ވެސް ގަދަ..” ނީކިޔާ އެހެން ބުނުމުން ވެސް ގަބޫލުނުކޮށް ދާން އުޅުމުން ޔަމްހާގެ ބޮލަށް ކުޑަކޮށް އެނބުރުން އަރާގޮތް ވެގެން އެންމެފަހުން އަލުން އޮށޯތެވެ.”ޔަމް.. މިވީ ގޮތުން ޔަމް މިރަށުގަ ބަހައްޓާފަ ދާން ނުކް އުޅުނީ..” ޔަމްހާ އޮށޯތުމާއެކު ނީކިޔާ ވާހަކަ ދެއްކިއެވެ.”ޔޫޝައު އާ ޔަމް ހަވާލު ކުރަނިއްޔޯ.. އަސްލު މަ ވެސް ހިތްހަމަ އެއް ނުޖެހޭ ފިރިހެނަކު ބަހައްޓާކަށް..” ނީކިޔާ އެހެން ބުނުމުން ޔަމްހާ ހާސްވިއެވެ.”އަހަރެން ދާނަން..” އަވަސްވެފައިވާ ހިތަކާ އެކީ ޔަމްހާ އަށް ބުނެވުނެވެ. ޔޫޝައު އޭނަ ކައިރީ ހުންނާނެ ވާހަކަ ބުނުމުން ޔަމްހާ ގަތީ އަމަށަކު ބިރެއް ނޫނެވެ. ނީކިޔާ ހީކުރީ ޔަމްހާ ނުކްޝާންގެ ނޫން އެހެން ފިރިހެނެއް ކައިރީގައި ހުންނަން ޖެހޭތީ ބިރުގަތީ ކަމަށެވެ. އެހެންކަމުން ދެކޮޅުހެދުމެއްނެތި އެއްބަސްވިއެވެ.

 

“ނުކް ހަމަ އަސްލު ވެސް މަ އޭނަ ކައިރީ ބަހައްޓަންތަ ތި ގަސްތު ކުރަނީ..” ޔޫޝައު އަހާލިއެވެ.”ނޫނޭ މަށަށް ފެންނަނީ ޔަމް ގޮވައިގެންދާން..” ޒާއިފް އެހެން ބުނުމާއެކު ނުރުހުމުގެ ނަޒަރަކުން ޔޫޝައު ޒާއިފް އަށް ބަލާލެވުނެވެ. ލިބުނު ރަނުގެ ފުރުސަތު ވެސް ގެއްލުނީތާއޭ ހިތަށް އަރާފައެވެ.”އެންމެ ރަނގަޅު.. އެކަމް ޔަމްހާ އެހާ ބަލިކޮށް އުޅޭއިރު ގޮވައިގެން ދާނީ ވެސް ކިހިނެއް.. ބަލި މީހާ ކައިރީގައި ބަލި މީހެއް އިންނަން ވެއްޖެއްޔާ މީހުން ކިޔާނީ ކީކޭ؟” ޔަމްހާ ގެންދަން ޒާއިފް ބުނުމުން ހިސާބަކަށް ހިތްހަމަ ނުޖެހިފައި ނުކްޝާން ބުންޏެވެ. ނުކްޝާން ހިތްހަމަ ނުޖެހުނުކަން ޒާއިފްއަށް ފާހަގަވިއެވެ. ނަމަވެސް ޔޫޝައުގެ ބެލުމުގެ ދަށަށް ޔަމްހާ ލާކަށް އެއްގޮތަށް ވެސް ޒާއިފް ބޭނުމެއް ނޫނެވެ.”އޭރު ވާއިރަށް ހަމަ ރަނގަޅު ވެސް ވެދާނެ..ނަސީބަކުން އެހާ ބޮޑު އަނިޔާއެއް ވެފައެއް ނެތެއްނު..” ޒާއިފް ނުކްޝާން އާއި ދިމަ ބަލާލީ ހުއްޓާލާށޭ ބުނާފަދަ ގޮތަކަށެވެ.”ހޫމް ދެން އޯކޭ..” ޔޫޝައު އިނުމުން މަޖުބޫރުން ކަހަލަ ގޮތަކަށް ނުކްޝާން އެއްބަސްވިއެވެ. އެވަގުތު ކޮޓަރިން ނަވްޔާ ގޮވާ އަޑަށް ޒާއިފް އަށް ދާންޖެހުނެވެ.

 

ދުވަސްތައް ފާއިތުވަމުން ގޮސް މާލެދާން ދުވަސް ޖެހިއްޖެއެވެ. ޔަމްހާ ވެސް ހޮސްޕިޓަލުން ދޫކޮށްލައިގެން ގެއަށް އާދެވުނީ އެދުވަހެވެ. އެމީހުން ފެރީއަށް އެރި އިރު ޔޫޝައުގެ ހިތްހަމަ ނުޖެހުމުގެ ނަޒަރު ހުރީ ޔަމްހާއަށް ހުއްޓިފައެވެ. ދެން އެމީހުން އަންނަނީ ވަރަށް ގިނަ ދުވަހަށް ފަހު ކަން އިނގޭތީއެވެ. ވީ ފޫހިން ކަޅި މައްޗަށް ހިންގާލަމުން ޔޫޝައު އިންތިޒާރު ކުރަން ފެށީ ފެރީ ނައްޓާލާނެ އިރަކަށެވެ. ކައިރީގައި ހަމްނާ ވެސް ހިތާމަވެރިކަމާ އެކީ ފެރީ އާއި ދިމާއަށް ބަލަން ހުއްޓެވެ. ދެތިން މިނިޓަށްވެފައި ހުއްޓައި ފެރީ ނައްޓާލިއެވެ. ޔޫޝައު ހަމްނާ އާއި ދިމަ ބަލާ ވެސް ނުލައި ސޯޓުގެ ޖީބަށް އަތް ޖަހާލައިގެން ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ހަނާ އަޅާލަމުން ހަމްނާ އޭނާގެ ގެއާއި ދިމާލަށް ދާން ހިނގައިގަތީ ހިތް ނުތަނަވަސްވާ ހާލުގައެވެ.

 

މާލޭގައި ފައި ޖެހުމާއެކު ޔަމްހާއަށް ދޫކޮށްލެވުނީ ފުންނެވާ އެކެވެ. އެންމެންގެ މޫނުމަތިން ވަރުބަލިކަން ފެންނަން ހުއްޓެވެ. ލަސްތަކެއްނުވެ ކާރެއް ލިބުމުން ދާންވީ އެޑްރެސް ބުނުމަށްފަހު ނުކްޝާން ފޯނުން ލަވައެއް ޕްލޭ ކޮށްލިއެވެ. އެވަގުތު ލަމާން ގުޅަން ފެށުމުން ނުކްޝާން ހިނިތުންވަމުން ފޯނު ނެގީ އެމީހުން ފުރުވަން ނައުމުންނެވެ.”ކޮބާ ނާދޭ ނުން އަހަރެމެން ފުރުވާލާކަށް..” ނުކްޝާން ޝަކުވާ ކުރާ ރާގަކަށް ބުންޏެވެ.”އާނ ދެން ޝަކުވާ ކުރާނެ ފުރުސަތެއް ލިބިއްޖެ ވިއްޔަ.. އަސްލު ކައިރި ރަށަކަށް ޖައްސާލީ މިދިޔަ ހަފްތާ އެހެންވެ ޚަބަރެއް ނުވެވުނީ.. މާލެ އަށް ފޯރައިފިތަ..” ހިނިގަނޑެއް ޖަހާލާފައި ލަމާން އެހިއެވެ.”ހޫމް މީނީ ކާރުގަ.. ވަރަށް ވަރުބަލި.” ނުކްޝާން ދެލޯ މަރާލިއެވެ.”ތި ޝަކުވާ ވެސް މަ ކައިރީ ކުރަންތަ އިނގެނީ..މަ ކުރާ ކަމެއް ނޫން ދޯ އެއީކީ..” އަނގައަށް ގޮތެއް ހަދާލަމުން ލަމާން ބުންޏެވެ.”ކުރާނަމޭ.. އޭ އެއްކަލަ ސުދާ އަހަރަމެން ހޯދައިފިއްޔާ ބުނޭ ރަށަކު ނެތޭ.. ވަކި ރަށެއްގެ ނަމެއް ބުނާނެ ކަމެއް ނެތް.. ދެން ބޭއްވިއްޔޭ ފަހުން ގުޅާނަން..” ނުކްޝާން ވާހަކަ ދެއްކުމަށް ފަހު ލަމާން އޯކޭއޭ ބުނެ ފޯނު ކަނޑާލިއެވެ.

 

ފެންވަރާލައިގެން އެނދުގައި އޮށޯތްތަނާ ނުކްޝާން އަށް ނިދުނެވެ. ނަވްޔާގެ އެޕޮއިންޓްމަންޓް އޮތީ މާދަމާ އެވެ. އެހާ އަވަހަށް ދާން ޖެހޭތީ ނަވްޔާ ހުރީ ނުތަނަވަސްވެފައެވެ. ނަވްޔާ އިށީނީ ޓީވީ ކުރިމަތީގައި ހުރި ސޯފާގައެވެ. ޒާއިފް ވެސް ފެންވަރާލައިގެން އައެވެ. އެމީހުން ހިފީ ދެ ކޮޓަރިއެވެ. ނުކްޝާން އާއި ޒާއިފްއަށް އެއް ކޮޓަރި އަދި ނަވްޔާ އާއި ނީކިޔާ އަދި ޔަމްހާއަށް އަނެއް އެކޮޓަރިއެވެ.”ހާދަ ހާސްވެފަހެން ހީވެޔޭ..” ކޮފީ ހަދަމުން ޒާއިފް އަހާލިއެވެ.”އާނ ހާސްވާނެނުން.. އެ ސާޖަރީގެ ސަބަބުން އަހަރެން ހަނދާން ނެތެންޏާ ކިހިނެއް ހަދާނީ..” ނަވްޔާ ފެންކަޅިވެފައި އިނދެ އަހާލިއެވެ.”އުހޫނ ބޭބީ ތިއޭ މައްސަލަ އަކީ.. ތިކަހަލަ ވާހަކަ ނުދައްކާ.. އިރާދަކުރެއްވިޔާ އެއްވެސް ދެރަ ކަމެއް ނުވާނެ..” ޒާއިފް ދެރަވެގެން އައިސް ނަވްޔާ ކައިރީގައި އިށީނެވެ.”ދެން.. ހަމަ ވެދާނެ ދޯ.. އެހެން ވެއްޖެއްޔާ ޒާއިފް އަހަރެން ދޫކޮށްލާފަ ދާނެތަ..” މާޔޫސް ކަމާއެކު ނަވްޔާ އަހާލިއެވެ.”ނަވްޔާ.. ތިހެން ހިތަށް އެރުވީ ކިހިނެއް.. ދުވަހެއްގެ ކޮޅުންވެސް އަހަރެން ނަވް ނުދޫކޮށްނުލާނަން.. ތިހެން ބުނީ ހަމަ މަ ދެރަ ކުރަންދޯ..” މޫނުމައްޗަށް ވެއްޓިފައި އިން އިސްތަށިކޮޅު ނަވްޔާގެ ކަންފަތަށް ލައްވާލިއިރު ޒާއިފް ހިތަށް ވެސް އަސަރު ކޮށްލިއެވެ.”އިންޝާ ﷲ އަހަރެން ދުވަހަކު ވެސް ނަވް އާ ވަތްކެއް ނުވާނަން..” ނަވްޔާގެ ފައިބަން ކައިރިވެފައި ހުރި ކަރުނަތައް ފޮހެލަމުން ޒާއިފް ބައްދާލިއެވެ.

 

“ގޯޝް.. ނުބައި ގަޑިއެއްގައޭ މި ނިކުމެވުނީ ބަނޑުހައި ވެގެން ވެސް..” އެވަގުތު ދޮރު ހުޅުވާލި ނީކިޔާއަށް އެ މަންޒަރު ފެނުމުން ހޭންފެށިއެވެ. ތެޅިގަންނަމުން ނަވްޔާ އުޅުނީ ޒާއިފް އާއި ދުރުވާންށެވެ.”ހާދަ ކަންބޮޑުވީ.. ނަވް އުފަލެއް ނުވޭތަ އެހެން މީހުންނަށް އަހަރެމެން ލޯބިން އުޅޭތަން ފެނުނީމަ އެއް..” ލާނެއް ކަމާއެކު އިތުރަށް ގާތް ކުރަމުން ޒާއިފް ބުންޏެވެ. ލަދުން ހަދާނެ ގޮތެއް ނޭނގިފައި ނަވްޔާ އިން އިރު ދިމާ ކުރާ ގޮތަކަށް ބަލަން ހުރީ ނީކިޔާ ފެނުމުން އިސްޖަހާލެވުނެވެ.”އާތްތް!! މަށަށް ހިޔެއް ނުވޭ މިމީހުން އަވަހަކަށް ނުނިންމާނެ ހެނެއް.. މަ ނެތިން ދެން ހުންނާކަށް..” ހެމުން ނީކިޔާ އަލުން ކޮޓަރިއަށް ވަންނަން ދިމާކުރިއެވެ.”އާނ މި ނިމުނީއޭ ދެން ވެސް ބަނޑުހައި ވަންޏާ އާދޭ ކާން..” ޒާއިފް އެ ހިނިތުންވުމުގައި ހުރެ އުނދުން ކައިރިއަށް ދިޔައެވެ.”ހާދަ ގަބޫލު ނުކުރެވެޔޭ.. އެހަށް ދޭ މަ ކައްކަފާނަން..” އައި މަގުމަތީގައި ގެނައި ލުއިކާނާ ތަކު ތެރެއިން ފަސް ނޫޑްލްސް ޕެކެޓް ނަގަމުން ނީކިޔާ ބުންޏެވެ. ޒާއިފް ދެކޮނޑު އަރުވާލާފައި ކޮފީ ތަށި ހިފައިގެން އާރމް ޗެއާރ އެއްގައި އިށީނެވެ.

 

ނުކްޝާން އަށް ހޭލެވުނީ އިރު އޮއްސޭން އުޅެނިކޮންނެވެ. ދެލޯ ރަނގަޅަށް ނުހުޅުވޭ ހާލުގައި ފެންވަރާލައިގެން އަލުން އެނދުގައި އިށީންދުނެވެ. އެވަގުތު ނަވްޔާ ދޮރު ހުޅުވާލާފައި ވަދެގެން އައެވެ.”ކާކަށް ދައްކަން ތިއޮތީ ޓީޝާޓު ނުލާ..” ހެވިފައި ހުރެ ނަވްޔާ އަހާލިއެވެ.”އެއްކަލަ ނުބައި މާނަ ނަގާ މަންޖެއޭ.. ދެންމެ މަ ފެންވަރައިގެން މި އައީ.. ޓީޝާޓާއި ހަމައަށް ނުފޯރަނީސް އެންގުމެއްނެތި ވަންނަންޏާ މިހެން ވެސް ވާނެ..” ކަންނެތް އަޑަކުން ނުކްޝާން ޖަވާބު ދިނެވެ.”އަދިވެސް ނިދި ނުފިލާ.. އާދޭ ކާން މިހާރު ނުކް އެކަނި ނުކައި ހުރީ.. އަހަރެމެން މިއުޅެނީ ބޭރަށް ދާން މިރޭ..މަށާ ޒާއިފް އާ..” ނަވްޔާ އެ ޖުމްލަ ފެށީ އަޑުގަދަ ކޮށް ނަމަވެސް ނިންމާލި ލަދުންނެވެ.”ހޫމް ދެން އަވަހަށް ދާންއުޅޭ ރެޑީވާން.. ދަންވަރު ވިޔަސް ނާންނާތި.. މިހާރު އަމިއްލަ ކޮޓަރި ނެތީމަ އުފާ ކޮށްލަން ވަގުތެއް ނުލިބުނީ ދޯ.. މި ދަނީ ކާން..” ފޮށިން ޓީޝާޓެއް ނަގާ ބޮލަށް ވައްޓާލަމުން ނުކްޝާން ކޮޓަރިން ނިކުތެވެ. ނުކްޝާންގެ ލާނެއް އަޑު އިވުމުން ނަވްޔާ ލަދުން ކުދިކިޔަންފެށިއެވެ.

 

ނަވްޔާ އާއި ޒާއިފް އެރޭ ބޭރަށް ދިއުމުން ޔަމްހާ އަކަށް ނިކުންނާކަށް ނުކެރުނެވެ. ނުކްޝާން އާއި ނީކިޔާގެ ހުނުމުގެ އަޑު ބޭރުން އިވުމުން ޔަމްހާ އިސްޖަހާލިއެވެ. އެފަދަ އުފާވެރި ދިރިއުޅުމެއް އުޅުމުގެ ނަސީބު އޭނައަށް ދެއްވާފައި ނުވާތީއެވެ. ޔަމްހާ ކުއްލިއަކަށް ހަނދާންވީ މަންމަގެ މަތިންނެވެ. އަވަަހަށް ފާޚާނާއަށް ވަނީ ތައްޔާރު ވުމަށެވެ. މިގަޑީގައި ކުރާނެ ރަނގަޅު ކަމެއް ފެނުނީތާއެވެ.”ޔަމް ކޮންތާކަށް..” ރީތިވެގެން ނިކުތުމުން ނީކިޔާ އަހާލިއެވެ.”ދެން ހަމަ ހިނގާލަން.. ވަރަށް އަވަހަށް އަންނާނަން..” ޔަމްހާ މަންމަގެ ވާހަކަ ބުނަން އުޅެފައި ވެސް ނުކްޝާން އިނުމުން ޖެހިލުންވުމާއެކު ބުންޏެވެ. ނީކިޔާ ތިމަންނަ އަންނަންދެން މަޑުކުރާށޭ ބުނަން އުޅެނިކޮށް އަވަސް ފިޔަވަޅު ތަކެއްގައި ނުކުމެގެން ދިޔައެވެ. މާ ބޮޑު ކަމަކަށް ނުހަދާ ނުކްޝާން އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓާލިއެވެ.”ދެން އަޅޭ ނުކް ވެސް ހިނގާބަލަ ބޭރަށް ދާން.. ވަރަށް ފޫހިވޭ އެބަ..” ނުކްޝާންގެ ފޯނު ޖަހައިގަންނަމުން ނީކިޔާ ބުންޏެވެ.”ފަހުން ދޯ… އާޒިމްގެ މައްސަލަ ހުޝަހަޅަން މިގަޑީގަ..” ކޮޓަރިއަށް ވަދެ ލެޕްޓޮޕް ދަބަސް ހިފައިގެން ނިކުންނަމުން ނުކްޝާން ބުންޏެވެ.

 

“މްމް އިނގެއޭ.. ލޯބިވެރިއެއް ބޭނުމިއްޔާ ބުނޭ މަގޭ ކައިރީގަ.. ހޯދަދޭނަން..” ނަވްޔާއަށް ކޮޓަރިއަށް ވަދެވުނުއިރު ނީކިޔާ އިނީ ފޯނުން ގުޅައިގެންނެވެ. އެކޮޅުން ކިޔާ އެއްޗެހި ނޭނގުނު ނަމަވެސް ނީކިޔާ ދޭ ޖަވާބުތައް ސާފުކޮށް ނަވްޔާއަށް އަޑުއިވެމުން ދިޔައެވެ.”އާނ..ދެން އޭއި ނޯ..” ނީކިޔާ އެހެން ބުނެލި ވަގުތު ނަވްޔާ އަތުގައި އޮތް ހޭންޑްބޭގް ބިންމައްޗަށް ވެއްޓުނެވެ.”ހެއި ފަހުން ގުޅާނަން އިނގޭ..” ދެލޯ ބޮޑު ކޮށްލާފައި ނީކިޔާ އަވަހަށް ފޯނު ކަނޑާލިއެވެ. ނަވްޔާ ހޭންފެށީ ދިމާކުރަމުންނެވެ.”ނުވެސް ބުނަމެއްނު އަންނާނެ ވަގުތެއް..”ކަރުކެހިލަމުން ނީކިޔާ ބުންޏެވެ.”ކާކު ގުޅީ..” ނަވްޔާ ދެލޯ ހަނިކޮށްލިއެވެ.

 

ނީކިޔާ އެއްޗެކޭ ނުބުނެ އެނދުގައި އޮށޯތެވެ. ނަވްޔާ ވެސް އިތުރަށް ވާހަކަ ނުދައްކާ ފާޚާނާއަށް ވަނީ ވަރުބަލިވެފައިވާ ވަރުންނެވެ. ނަވްޔާ ފާޚާނާއަށް ވަތް ވަގުތު ނީކިޔާގެ ކަރުނަތައް ފައިބަންފަށައިފިއެވެ. ދެންމެ އެ ކުރި ފޯނަށް ޖަވާބު ނުދެވުނު ނަމައޭ ނީކިޔާގެ ހިތަށް އެރިއެވެ. އެންމެ ފަހުން އެހެން އޮވެގެން ކެތް ނުވާ ވަރު ވުމުން ފޯނު ނަގައި އަލުން އެ ނަންބަރަށް ގުޅާލިއެވެ. ޖަވާބު ދިނީ އަންހެން ކުއްޖެކެވެ. ފުން ނޭވާއެއް ލަމުން ނީކިޔާ ދެލޯ މަރާލިއެވެ.”ކާކުތަ ލަހޫ..” އެ އިވުނީ މާނުގެ އަޑެވެ.”ނީކް ޖަހާފަ އިނީ.. އަނެއްކާ ކާކުތަ..” އެ އަންހެން ކުއްޖާ އަހާލިއެވެ.”އާނ އެއީ ދޯ.. ފްރެންޑެއް..” އާދައިގެ ރާގަކަށް އެހެން ބުނި ވަގުތު ނީކިޔާ ފޯނު ކަނޑާލިއެވެ.”ލަމާން..” ކަރުނަތައް ފޮހެމުން ނީކިޔާއަށް މަޑުމަޑުން ގޮވާލެވުނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ކޮމެޑީ ލޭންޑް 19

Next

ޔާރު ނުބުނޭ ތިހެން … (13)

Next
September 27, 2021

ޔާރު ނުބުނޭ ތިހެން … (13)

Previews
September 27, 2021

ކޮމެޑީ ލޭންޑް 19

2 Comments!

  1. Eevss says:
    September 27, 2021 at 12:33 pm

    wow..nice part..when next..curiously waiting for the next..?

    1. Baby Devil says:
      September 28, 2021 at 3:45 pm

      thankiu eevss.. Insha Allah tomorrow ??

Comments are closed.

Next Episodeހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 17←


All Right Reserved!