Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 3

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
August 5, 2021 8 Mins Read
4 Comments

* “މަންމަގެ ރަން ދޫންޏާ ނިދާލާށޭ.. ނިދާލާށޭ..” މިއަލް ކިޔަންފެށީ މިޝްލާ މިއަލް ނިންދަވަންވެގެން ކިޔާ އުޅުނު ނާނާއެއްކަމަށް ސަފީނާ ބުނެދިން ނާނާއެކެވެ. ނަވާލް މަޑުމަޑުން މިއަލްގެ ކޮޓަރީގެ ދޮރު ހިންމިއަކަށް ހުޅުވާލިއެވެ. ފިޔާތޮށި ކުލައިގެ ޓީޝާޓްކޮޅަކާއި ނޭވީ ބްލޫ ކުލައިގެ ޖިންސެއް ލައިގެން އެ ރާޅުބާނި އިސްތަށިގަނޑުވެސް ހާވާލައިގެން ގިޓާރ ކުޅެން އިން މިއަލް ފެނިފައި ނަވާލްއަށް ހީވީ ލޯކުރިމަތީގައި ހަމަ މިޝްލާ ފެނުނު ހެންނެވެ. *

ކަނޑާލި ފޮޓޯގަނޑެއް ފަދައިން ނަވާލްގެ ހަނދާނަށް އައީ މިޝްލާއަށް ރީއަލް ލިބުނު ދުވަހު އެގެއަށް އައި ރެއެވެ. ކަކުލާއި ހަމައަށް އަންނަވަރުގެ ފިޔާތޮށި ކުލައިގެ ހެދުމަކާއި ކަނޑުނޫކުލައިގެ ހަރުވާޅެއް ލައިގެން މިޝްލާ ކުޑަކުޑަ ރީއަލް ނިންދަވަންވެގެން އެރޭ ގިޓާރ ހިފައިގެން ކިޔަން އިނީ ހަމަ އެ ލަވައެވެ. ނަވާލް މަޑު ނަމަވެސް ނުހަނު ހަލުވި ފިޔަވަޅުތަކެއް އަޅަމުން ގޮސް މިއަލްގެ ގައިގައި ނިކަން ލޯބިން ބައްދާލިއެވެ.

“ބައްޕަ އަޅުގަނޑު މަތިން މާ ބޮޑަށް މިސްވީ.. އަޅުގަނޑުވެސް ބައްޕަ މަތިން ވަރަށް ބޮޑަށް މިސްވި.. އަޅުގަނޑުގެ ގާތު އަންނަ ވާހަކަ ބުނެވެސް ނުލާ ބައްޕަ ތި އައީ..” ކުއްލިއަކަށް ނަވާލް ފެނުމާއެކީ މިއަލް ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތުނެވެ. ނަވާލްގެ ގައިގައި މިއަލްއަށްވެސް ބައްދާލީ ނުހަނު ބާރަށެވެ. ނަވާލްގެ ދެލޯ ފެންކަޅިވިއެވެ. މިޝްލާގެ މަތިން މާ ބޮޑަށް ހަނދާންވީއެވެ. މިއަލްގެ ގައިން ދޫކޮށްލުމުގެ ކުރިން ނަވާލް ކުޑަގޮތަކަށް ދެލޯ ފޮހެލިއެވެ.

“ބައްޕަ އަންނަ ވާހަކަ ދޮންބެ ދަރިފުޅުގެ ގާތުގައި ނުބުނަނީތަ..؟” ނަވާލް ލޯބިން މިއަލްގެ ބޮލުގައި ފިރުމާލަމުން އަހާލިއެވެ. “އާނ.. ނުބުނޭ..” މިއަލް ހިނިތުންވެފައި ހުރެގެން ވާހަކަ ދެއްކިއެވެ. ނަވާލް ފެނުމުން މިއަލް ބޭނުންވީ ނަވާލް މިއަލްއާއި ދޭތެރޭ ފިކުރު ނުކުރުމަށެވެ. މިއަލް ރޯ ކަން ނުވަތަ ދެރަވެގެން އުޅޭތަން ފެނިއްޖެނަމަ ހޭނެތޭ ވަރަށް ނަވާލް ކަންބޮޑުވެގެން އުޅޭނެއެވެ. އޮހެން ތައްޔާރަށް ހުރި ކަރުނަތައް ދިރުވާލާފައި ހިތާމަތައް ހިންދާލައިގެން މިއަލް ހިނިތުންވީ އެހެންވެއެވެ. “މިފަހަރު ބައްޕަ މިއައީ ޗުއްޓީ ނަގައިގެން.. ދެން ބައްޕަ ރިސޯޓަށް ދާން ޖެހޭނީ އަންނަ މަހުގައި…” ނަވާލް ބުނެލިއެވެ. މިއަލް ކުރިއަށްވުރެ އުފާވިއެވެ. އެ މަސް އެއްކޮށް ނަވާލް ހުންނާނީ މިއަލްއާއި އެކީގައި ކަމަށްވާތީއެވެ. ނަމަވެސް ނަވާލް މިހާ ބޮޑު ޗުއްޓީއެއް ނަގަން ޖެހުނީ ކީއްވެގެންކަމެއް މިއަލްއަކަށް ނޭނގުނެވެ. ”ބައްޕަ ކާން އަންނަންވީނު..؟” މިއަލް ބުނެލިއެވެ. “ބައްޕަ އެބަ އަންނަން ދަބަސް ކޮޓަރިއަށް ލާފައި.. ދަރިފުޅު ކާން ހަދާލާ…” ފުދޭވަރަކަށް ދިގު ދަތުރެއް ކޮށްފައި އައުމުން ނަވާލް ހުރީ ވަރުބަލިވެފައެވެ. “ދަރިފުޅާ..” މިއަލް ފަހަތަށް އެނބުރެލީ ނަވާލް ގޮވާލި އަޑަށެވެ. “ކީކޭ ބައްޕާ..؟” މިއަލް އަހާލިއެވެ. ”އެއްޗެއް ނޫން.. ފަހުންދޯ އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކާނީ..” ނަވާލް ހުރީ އެ ލަވައާއި ގުޅޭގޮތުން މިއަލްއާއި ސުވާލު ކުރަން ބޭނުވެފައެވެ. “އެންމެ ރަނގަޅު ބައްޕާ.. އަޅުގަނޑު ކާން ހަދާލާނަން…” މިއަލް ބުނެލިއެވެ. ނަވާލްވެސް މިއަލްގެ ފަހަތުން ކޮޓަރިން ނުކުތެވެ.

“އެލް އަދިވެސް މިޝްލާގެ މަތިން ހަނދާން ހުރޭބާ..؟” ކޮޓަރިއަށްވަދެ ދަބަސް ގޮނޑިމަތީ ބަހައްޓަމުން ނަވާލްއަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ.

މި ފާއިތުވީ އަހަރުތަކުގެ ތެރޭގައި މިއަލް އެންމެ ގާތުން ގެންގުޅެނީ އެ ގިޓާރކަން ނަވާލްއަށްވެސް ވަނީ ފާހަގަ ކުރެވިފައެވެ. ކުޑައިރުއްސުރެ މިއަލް ދާތަނަކަށް ހިޔަނިވެސް ދާ ބީދައިން މިއަލް އެގިޓާރ މިއަލް ދާ ތަނަކަށް ގެންދެއެވެ. ނަވާލް ގޭގައި ހުންނަ ދުވަހެއް ވިއްޔާ މިއަލް ގިޓާރ އާއި ދުރުމިން ބަހައްޓާ އުޅޭކަންވެސް ނަވާލްއަށް ވަނީ ފާހަގަވެފައެވެ. ނަމަވެސް މިޝްލާ ކިޔާ ރާގަށް އެ ލަވައިން އެންމެ ތަންކޮޅެއްވެސް އުނި ނުކޮށްލާ މިއަލް ކިޔާލިގޮތް ފުރިހަމަކަމުން ނަވާލްއަށް މިޝްލާ ސިފަވިއެވެ. މިޝްލާ ވެސް އަސަރާއެކީ ލަވަ ކިޔާލާގޮތް މަތިން ނަވާލް ނުހަނު ބޮޑަށް ހަނދާންވެއެވެ. ކުޑައިރުއްސުރެ ފެށިގެންވެސް ނަވާލްގެ ކައިރީގައި މިއަލް މަންމައޭ ކިޔައިގެން އެއްވެސް ސުވާލެއް ނުކުރާނެއެވެ. މިއަލްއަށް އެ ލަވަ ކިޔަން އެނގޭކަންވެސް ނަވާލްއަށް އެ އެނގުނީ މިއަދެވެ. މިއަލް ކުރިން ދުވަހަކު އެ ލަވަ ކިޔާފައިވާ އަޑު ނަވާލް އަހާފައި ނުވާތީއެވެ. އެހެންކަމުން މިޝްލާގެ މަތިން މިއަލް ހަނދާންނެތުނު ކަމަށް ނަވާލް ވަނީ ނުލާހިކު ކުރިންސުރެވެސް ނިންމާފައެވެ. އެހެނަސް ނަވާލް ނިންމައިގެން ހުރި ނިންމުން މިއަދު ބަދަލު ކުރަން މިޖެހުނީ މިއަލް އެ ލަވަ ކީ އަޑު އިވުމުންނެވެ.

ތައްޓަށް ބަތްއަޅަން ހުރި މިއަލް ހުރީ ކުޑަކޮށް ކަންބޮޑުވެފައެވެ. ސަފީނާ ދުނިޔޭގައި ހުރިއިރު އެންމެ ނަސޭހަތްތެރިވީ ނަވާލް ހުރި ތަނެއްގައި މިޝްލާގެ ވާހަކަ ނުދެއްކުމަށެވެ. ނޫނީ އުޅުމުންވެސް މިޝްލާ އާއި އެއްގޮތް ވާނެފަދަ އެއްވެސް އަމަލެއް ނުކުރުމަށެވެ. މިޝްލާ އަކީވެސް ނުހަނު ރީއްޗަށް ލަވަ ކިޔާ އުޅުން އަންހެނެއްކަމަށް ސަފީނާ ވަނީ ބުނެދީފައެވެ. އެހެންކަމުން ސަފީނާ އެންމެބޮޑަށް ނަސޭހަތް ތެރިވެފައި ވަނީ ނަވާލް އުޅޭ ގަޑިއެއްގައި ލަވަ ކިޔާ ނޫޅުމަށެވެ. އިތުރުން ނަވާލްގެ ގާތުގައި މިޝްލާ އާއި ބެހޭގޮތުން ކުޑަވެސް ސުވާލެއް ކުރުން ސަފީނާ ވަނީ ރީއަލް އާއި މިއަލްއަށް މަނާކޮށްފައެވެ. ކުޑަމިނުން އެއީ ކީއްވެކަމެއް މިއަލްއަކަށް އަންގާފައެއް ނުވެއެވެ. ނަމަވެސް މިއަދު ނަވާލްއަށް މިއަލް މިޝްލާ ކިޔާ އުޅުނު ލަވަ ކީއަޑު އިވުނު ކަން އެނގުމުން މިއަލް ހުރީ ހާސްވެފައެވެ. ނަމަވެސް ނަވާލްއަށް ބަދަލެއް އައިކަމަށް ފާހަގަ ނުކުރެވުމުން މިއަލްގެ ހާސްކަން މަޑުމަޑުން ފިލައިގެން ދާންފެށިއެވެ. މިއަދު ހެދި ބަނބުކެޔޮ ކުޅިރިހައާއި ޕާޕަރުތަށި ނަގައިގެން މިއަލް ކާމޭޒުމަތީ ބެހެއްޓިއެވެ. “ބައްޕަ ކޮން ވާހަކައެއް ދައްކަން ބޭނުން ވެގެންބާ އެ އުޅުނީ..؟” ނަވާލް ފަސްކޮށްލި ވާހަކަ މަތިން ހަނދާންވެގެން މިއަލްއަށް އެހުނެވެ. ބަނޑުހައިވެފައި ހުރުމުން މިއަލް އަވަހަށް ތައްޓެއް ނަގައިގެން ނަވާލްގެ އިންތިޒާރުގައި ހުއްޓެވެ.

ނަވާލް ފެންވަރައިގެން ކާގެއަށް އައިސްފައި ކާން އިށީންތަނާ ރީއަލްވެސް ގެއަށް އައިސްފިއެވެ. މިއަލް ރީއަލްއަށްވެސް ތައްޓެއް ނަގައިދިނެވެ. ތިންބަފައިން އެކީގައި ކަމުން ގެންދިޔައެވެ. ކައި ނިންމައިގެން ނަވާލް އިނީ ޓީވީއިން އަށެއްގެ ޚަބަރު ބަލާށެވެ. ރީއަލްވެސް ގޮނޑިއެއްގައި ލެނގިލައިގެން ފޯނާއި ކުޅެން އިނެވެ. މިއަލް އެއްޗެހިތައް ހޫނު ކޮށްލާފައި ތަށިތައްވެސް ދޮވެ ހަދާފައި ސިޓިންރޫމަށް ނުކުމެ އިށީނީ ނަވާލްގެ އެދުމަށެވެ.

“މިއަލް… ރީއަލް.. ބައްޕަ މިއުޅެނީ މިގޭގައި ކުއްޖަކު ކުއްޔަށް ބަހައްޓަން ގެންނަންވެގެން..” ނަވާލް ބުނެލި ޖުމްލައިން މިއަލްއަށް އިސްއުފުލާލާ ނަވާލްގެ މޫނަށް ބަލާލެވުނެވެ. “ގެނެސްފައި ކޮންތަނަކު ބަހައްޓަނީ..؟” ފޯނު ޖީބަށް ކޮއްޕާލާފައި ރީއަލް އަހާލައިފިއެވެ. ރީއަލްގެ ފުން ނަޒަރު މާމަ ކޮޓަރިއަށް ހުއްޓިފައި ވުމުން ނަވާލް ފުންނޭވާއެއް ދޫކޮށްލިއެވެ. މިއަލް ދެލޯ މަރާލާފައި ހިންދިރުވާލީ ނަވާލް އެ ގެންނަން އުޅޭ ކުއްޖެއް މާމަ ކޮޓަރީގައި ނުބަހައްޓާނެކަމަށް ދުއާ ކޮށްލަމުންނެވެ.

“އެއީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެއް… އެހެންވެ ދެކުދިން ވެގެން މާދާމާ މާމަ ކޮޓަރި އެކުއްޖާއަށް ހުރެވޭނެހެން ހަމަޖައްސާލަދޭށޭ ބުނަންވެގެން..” ނަވާލް އެންމެފަހުން އޭނާގެ އެދުން ހާމަ ކޮށްދިނެވެ. މިއަލް ތުންފިއްތާލައިގެން އިސްޖަހާލައިގެން އަޑު އަހަން ހުރީ ނަވާލްގެ ނިންމުމަށް އިތުރު އެއްޗެއް ނުބުނަންވެގެންނެވެ. ނަމަވެސް މިއަލްއަށް ވެގެންވަންޏާ ސަފީނާގެ ކޮޓަރި ބަހައްޓާނީ އިހު ހުރިގޮތަށެވެ. އެ މާމަގެ ހުރިހާ ހަނދާނެއް ވަނީ އެ ކޮޓަރީގައި ކަމަށްވާތީއެވެ. “އެންމެރަނގަޅު.. މާދަން ފިހާރައަށް ދިޔުމުގެ ކުރިން އެލް އާއި އެކީ އަޅުގަނޑު ތިކަން ކޮށްލާނަން..” ރީއަލްވެސް ނަވާލްގެ ނިންމުމާއި ދޭތެރޭ އެހާ އެހާ ހިތްހަމަ ނުޖެހޭކަން ވާހަކަ ދެއްކި ރާގުންވެސް އެނގުނެވެ. ނަވާލްއަށް އެކަން ފާހަގަވި ނަމަވެސް އަޅާނުލާ ހުރީއެވެ.

ނިދަން ވެގެން މިއަލް ވައިލެޓް އަތްދިގު ޓީޝާޓަކާއި ނޫކުލައިގެ ދޫ ހަރުވާޅެއް ލައިގެން އެނދުގައި ހަމަޖެހެލިއެވެ. ސަތާރަ ވީއިރުވެސް މިއަލް އުމުރުގެ އެހެންކުދިން ފަދައިން މޮޅުފޯނެއް ނުގެންގުޅެއެވެ. ޝައުގުވެރިކަން ނެތީއެވެ. މިއަލް ބޭނުންކުރަނީވެސް އާދައިގެ ކުޑަކުޑަ ފޯނެކެވެ. އެ ގެންގުޅުނަސް ކިއަނާ އަދި ރީއަލް ފިޔަވާ ވާހަކަ ދައްކާނެ މީހެއް ހުރީކީވެސް ނޫންވިއްޔާއެވެ. މިއަލް އިރުކޮޅަކު ކިއަނާއާއި މެސެޖް ކުރަން އިނދެފައި ގިޓާރ ނެގިއެވެ.

ކަޅުކުލައިގެ ގިޓާރގެ އަރިމަތީގައި ރިހިކުލައިގެ ރީތި އަކުރުތަކަކުން މިޝްލާގެ ނަން ލިޔެލާފައިވެއެވެ. މިއަލް އަތް ނަގާ އަކުރުތަކުގެ މަތީގައި ހިނިތުންވެގެން ހުރެފައި ފިރުމާލިއެވެ. “މަންމައަށް އަހަރެން މަންމަދެކެ ލޯބިވާވަރު އެނގޭނެނަމަ..” މިއަލް ގިޓާރ ކުޅެން ފެށިއެވެ. މިއަލްގެ ގާތަށް ނިދި އައީ ގިޓާރ ކުޅެން އިންދައެވެ. އެއީ މިއަލްގެ އާދައެވެ. މިއަލްގެ ހުރިހާވެސް އެއްޗަކީ ގިޓާރއެވެ. ކޮންމެ ދުވަހެއް ފެށުމަކީ އެ ގިޓާރއެވެ. ނިމުމަކީވެސް ގިޓާރއެވެ.

ދަންވަރުގެ އެންމެ ހަމަހިމޭން ވަގުތެވެ. މިއަލްއަށް ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. ކޮޓަރިއަށް ގެންދާ ފެންފުޅީގައި ހުރީ އެންމެ ކޯވަރެއް ހަމަކޮށްލެވޭހާ މަދު ފެންފޮދެކެވެ. ފެން އަޅަން ދިޔުމުގެ ކުރިން މިއަލްއަށް އެ ފެންފޮދު ބޯލެވުނީ ކަރުހިއްކުމަށް ކުޑަވެސް ލުޔެއް ލިބޭތޯއެވެ. މިއަލް ފެންތައްޓެއް ބޯލައިގެން ފެންފުޅިއަށް ފެން އަޅަން ފެށިއެވެ.

ކުއްލިއަކަށް އިވުނު އަޑުން ހީވީ ބަރު އެއްޗެއް ބަންލާފައި ފުރާޅުގެ މައްޗަށް ޖެހުނު ހެންނެވެ. މިއަލް ސިއްސައިގެން ދިޔަވަރުން އަތުގައި އޮތް ފުޅި ވެސް ދޫވިއެވެ. ފުޅީގައި ހުރި ހުރިހާ ފެނެއް އިސްރާފް ނުވަނީސް މިއަލް އަވަހަށް ފުޅި ނަގާ މަތި ޖެއްސެވެ. ބިރުން ހުރެ މިއަލް ކުޑަ ފެންފުޅި ގަޔާލާ ބޮނޑިކޮށްލާފައި މިސްރާބު ޖެހީ މައިދޮރާއި ދިމާލަށެވެ. އެ އިވުނީ ކޮންއަޑެއްތޯ ބަލާނުލާ ކޮޓަރިއަށް ގޮސްފިނަމަ މިއަލް ގެ ނިދި މިރޭ މިއަލް އާއި ރުޅިވާނެކަން ޔަގީންވާތީއެވެ.

މިއަލް މަޑުމަޑުން މައިދޮރު ހުޅުވާލިއެވެ. ބޭރުގައިވާ ހަނދުވަރުގެ މަޑު އަލި ގޯތިތެރޭ ހުރި ބަނބުކެޔޮ ގަހުގެ ތެރެއިންލާފައި ފުރޭނިގެން ވެލިގަނޑަށް އެޅިފައިވާ މަންޒަރު ވަރަށް ފުރިހަމައެވެ. އެ މަންޒަރަށް މިއަލް ގެއްލިފައި ހުއްޓާ އަނެއްކާވެސް ފުރާޅުގެ ޓިނުތައް މައްޗަށް އެއްޗެއް ބަންލާފައި ވެއްޓި ޖެހުން އަޑު އިވުނެވެ. މިފަހަރު އެ އަޑު އިވުނީ ނުހަނު ގާތުންނެވެ.

މަޑުމަޑުން މިއަލް ގެއިން ބޭރަށް ނުކުމެފައި މައްޗަށް ބަލާލިއެވެ. ދެން ފެނުނު މަންޒަރުން މިއަލްގެ ދެލޯ ބޮޑުވީ ވަކިވަރެއް ބަލާފައެއް ނޫނެވެ. މިއަލް މެންގެ ގޭ ފުރާޅު މަތިން ދުވެފައި ދިޔަ ކުއްޖާއަށް އެ ފައިނެގުނީ ފުރާޅުން ބޭރަށް ކަން ނޭނގުނީ ކަންނޭނގެއެވެ. “ޑޭމް އިޓް ހޯލީ ޝިޓް..!!” އެކުއްޖާ ފުރާޅުން ވެއްޓުނުއިރު މިއަލް އެކުއްޖާގެ ގައިދަށުވިއެވެ. އެވަގުތު ވީތަދުން އަޑުގެ ކޮޅަށް ރޮއިގަންނަން މިއަލް ބޭނުންވިއެވެ. ނަމަވެސް ހިތާމަތަކަށް ކެތް ކުރަން ދަސްވެފައިވާ މިއަލް ނޭވާ ހިފާއްޓާލާފައި ގައިގައި އަޅަމުން ދިޔަ ވޭން ވައިއަޑެއްގެ ސިފައިގައި ބޭރުކޮށްލިއެވެ.

ކަޅު ޓީޝާޓެއް ލައިގެން ހުރި އެ ކުއްޖާ ކަޅު މާސްކަކުން މޫނުގެ ބޮޑުބައި ނިވާކޮށްފައި ހުރުމުން މިއަލްއަށް ފެނުނީ ހަމައެކަނި އެކުއްޖާގެ ދެލޯ އެކަންޏެވެ. ގަދަ ނޫކުލައެއްގެ އެ ދެލޯ ފެނިފައި މިއަލް ގެ ގައިން ހީބިހި ނަގައިގަތެވެ. ހަނދުވަރުގެ ފަނޑު އަލީގެ ތެރެއިން މިއަލްގެ މޫނު އެ ފިރިހެން ކުއްޖާއަށް ފެނުމުން މިއަލްއަށް ފާހަގަވީ އެކުއްޖާގެ ދެލޯ ބޮޑުވިކަމެވެ. މަޑުމަޑުން އެ ކުއްޖާ އެއްޗެކޭ ބުނެލި ހެންވެސް މިއަލްއަށް ހީވިއެވެ. އަޅައިގެންހުރި މާސްކްގެ ސަބަބުން ވައިއަޑުން އެކުއްޖާ ބޭރުކޮށްލި ޖުމްލަ މިއަލްއަށް ސާފެއް ނުވިއެވެ. މިލީއޭ ބުނިހެން ހީވި ވަގުތުކޮޅެއްވެސް އައެެވެ. ދެވަނަ ސިކުންތުކޮޅުގައި އެފިރިހެން ކުއްޖާ ފުންމައިގެން ތެދުވެއްޖެއެވެ. މިއަލް އޮތީ ނުހަނު ބިރު ގަނެފައެވެ. އެއީ މިރަށުގައި އުޅޭ ގްރޫޕް ގަނޑުގެ ތެރެއިން އެކަކު ނަމަ ދެން ކުރާނީ ކީއްކަންވެސް ނޭނގޭނެތީ މިއަލްއަށް އޮތީ ވެލިގަނޑު މަތިން ތެދުވާންވެސް ނުކެރިފައެވެ. މިހާ ދަންވަރުގަޑީ ފާއިޒާ ވެސް ނުކުމެ އުޅޭނެ ކަމަށް މިއަލްއަށް ޝައްކެވެ. ނަމަވެސް އެވަގުތު މިއަލް ހަޅޭއްލަވައިގަނެފިނަމަ ނަވާލް ހޭލައިގެން އަންނާނެކަން އެނގޭތީ މިއަލް ހަޅޭއްލަވައިގަންނަން އަނގަ ހުޅުވާލިއެވެ. ނޫކުލައިގެ އެދެލޮލުން އެކުއްޖަކު މިއަލްގެ މޫނަށް އަމާޒު ކޮށްލި އިންޒާރުގެ ތޫނު ބެލުމުން މިއަލް ބިން ފަޅާފައި އަޑިއަށް ދާންވެސް ބޭނުންވިއެވެ.

އެއްޗެއް ވިސްނުމުގެ ކުރިން އެ ފިރިހެން ކުއްޖާ އޭނާގެ ބާރުގަދަ ދެ އަތުން މިއަލްގެ އަތުގައި ހިފާ ކޮޅަށް ނެގިގޮތަށް މިއަލްގެ ތުންފަތް މަތީގައި ޝަހާދަތް އިނގިލި ޖައްސާ ބާރުކޮށްލިއެވެ. އެ ކަޅު ދެ ބުމަ މަގުލަސް ޖަހައިގެން ހުރިއިރު އެ ބުނަނީ ހަޅޭއްލަވައިނުގަންނާށޭ ކަން މިއަލްއަށް އެނގުނެވެ. މިއަލް ގަތްބިރު ވީ އިތުރެވެ. އެރަށުގައި އުޅޭ ގްރޫޕް ކުދިންތައްވެސް މިއަލްއަށް އެފަދަ ނުރައްކާތެރި ބެލުމެއް ހަދިޔާ ކޮށްފައެއް ނުވެއެވެ.

ދެންމެ ދެންމޭން މިއަލް ހަޅޭއްލަވައިގަނެފާނެހެން ހީވުމުން އެ ފިރިހެންކުއްޖާ މާސްކް މޫނާއި ވަކިކޮށްލި ގޮތަށް މިއަލްގެ މޫނާއި ދިމާލަށް ގުދުވި ގޮތަށް ކޮށްލިކަމަކުން މިއަލްއަށް ހީވީ ހަށިގަނޑުގެ އެއްކޮޅުން އަނެއްކޮޅަށް ކަރަންޓުގެ އޮއިވަރެއް ދެމިގަތް ހެންނެވެ. މިއަލް ހަޅޭއްލަވައިގަންނަން ކުރި މަސައްކަތް އެ ފިރިހެންކުއްޖާ ނާކާމިޔާބު ކޮށްލީ ނުހަނު ފަސޭހައިންނެވެ. މިއަލްގެ އަޑު ބޭރުވިޔަނުދޭން އެފިރިހެން ކުއްޖާ ބޭނުންކުރި އުކުޅު މާމޮޅެވެ. ތުންފަތަށް އެރި ހޫނާއި އެކީ އެފިރިހެންކުއްޖާގެ ފިނި ނޭވާތައް މޫނުމަތީގައި ބީހެން ފެށުމުން ތެޅިގަނެފައި މިއަލް އެ ފިރިހެން ކުއްޖާގެ މޭމަތީ އަތްއަޅާ ދުރަށް ކޮއްޕާލައިފިއެވެ. އެ ފިރިހެން ކުއްޖާ ފަހަތަށް ނުދިޔައީ މިއަލްގެ ކަނދުރާގައި އަތް ވަށާލައިގެން ހުރުމުންނެވެ. އަޑެއްހާ ހިސާބު ވެސް ލައްވާލަން ނުކެރިފައި ހުއްޓާ އެ ފިރިހެން ކުއްޖާ ޖެހިގެން ހުރި ގޭގެ ފާރުގައި އަތް އަޅުވާލާފައި ނިކަން ފަރިތަ ކަމާއި އެކީގައި ފުރާޅު މައްޗަށް އަރައިފިއެވެ.

ފުރާޅުގެ މައްޗަށް އަރާފައި އެ ފިރިހެން ކުއްޖާ މިއަލްގެ މޫނަށް ބަލާލި ގޮތުން މިއަލް ތުރުތުރު އަޅައިގަތެވެ. ދެއަތް މެއާލާ ބޮނޑިކޮށްލަމުން މިއަލްއަށް ފަހަތަށް ފިޔަވަޅެއް ނެގުނީ ބޭއިޚްތިޔާރުގައެވެ. މިއަލް އެހުރީ ބިރުންގޮސް ފިތްކަނޑައިގެން ދާވަރު ވެފައިކަން އެނގުމުން އެފިރިހެންކުއްޖާގެ ތުންފަތް މައްޗަށް ކަންނެތް ހިނިތުންވުމެއް ވެރިވިއެވެ. އެ ފިރިހެން ކުއްޖާ އަތުން މާސްކް ހިފައިގެން ހުރުމުން ހަނދުވަރުގެ އަލީގެ އެހީގައި މިއަލްއަށް އެ ފިރިހެންކުއްޖާގެ މޫނު ފެނުނެވެ. ނުރައްކާތެރި ދަރަޖައަކަށް ރީތިކަން ލިބިފައިވާ އެފިރިހެން ކުއްޖާގެ ތަސްވީރު މިއަލްއަށް ހިތުގައި ކުރަހާލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ފިރިހެން ކުއްޖާ ދެ ފަޔަށް ބާރުލާފައި އެގޭ ފުރާޅު މަތިންލާފައި ދުއްވައިގަތެވެ.

ނަމަވެސް ކުއްލިއަކަށް ޓިނުގަނޑަށް ބަރުއެއްޗެއް ވެއްޓުމުން ގޮވާއަޑު ގުގުމައިގަތުމުން މިއަލް އަނެއްކާ ވެސް ސިއްސައިގެން ދިޔައެވެ. މިރޭ ވާރޭ ވެހުނުމަތި މިއަލް ހަނދާންވީ ދެނެވެ. އެ ފިރިހެން ކުއްޖާ ވެއްޓުމުގެ ސަބަބަކަށް ވާނީ ފުރާޅުތަކުގެ މަތީ ނުހިކި ހަރުލާފައި ހުރި ވާރޭފެނޭ މިއަލްގެ ހިތް ބުނެލިއެވެ. ނަމަވެސް އެކުއްޖާ ފުރާޅުގެ މަތިން ލާފައި ދިޔުމުގެ މަގްސަދަކީ ކޮބައިބާވައެވެ.؟ ދޮންވެލި ލާފައި ހުރި ފުޅާ ދިގު މަގުމަތީގައި އެފިރިހެންކުއްޖާގެ މަގަށް ހުރަސް އަޅާނެ މީހަކު މިވަގުތު ހޭލައެއް ނޫޅޭނެއެވެ. ފެންފުޅި ހިފައިގެން ކޮޓަރިއަށް ވަދެފައި ނިދުމުގެ ނަމުގައި އެނދުގައި އޮވެލި މިއަލްގެ ދެ ލޮލަށް ހިލާ ނިންޖެއް ނައެވެ. އެހެންޏާވެސް މިއަލްއަށް ނިދޭނީ ފުދޭވަރަކަށް ލަހުންނެވެ. މިއަލްއަށް އާންމުކޮށް ނިދޭނީ ސަފީނާއާއި މިޝްލާގެ ޚިޔާލުގައި އޮއްވައެވެ.

ނަމަވެސް މިރޭ މިއަލްގެ ނިދި މިއަލް އާއި ރުޅިވީ އެހެން ސަބަބަކާއި ހުރެއެވެ. އެ ފިރިހެންކުއްޖާ އާއި ދޭތެރޭ ވިސްނެނީއެވެ. ބާލީހުގައި ނުހަނު ބާރަށް ބައްދާލައިގެން އޮތްއިރު މިއަލްގެ ހިތް އޭރުވެސް ހަމައަކަށް ނޭޅެއެވެ. އަވަސް ނޭވާތަކެއް މިއަލްއަށް ލެވެމުން ދިޔައީ އޮކްސިޖަންއަށް ބޭނުންވެފައިވާ މީހެއް ފަދައިންނެވެ.

“އެއީ ކާކުބާ..؟” އެއީ މިރަށު ގޭންގް ގްރޫޕްގެ މީހެއްގެ އަމަލަކަށް ނުވާނެކަން މިއަލްއަށް ޔަގީން ކުރެވޭތީ އަހާލެވުނެވެ. ދެވަނަ ސިކުންތުކޮޅުގައި މިއަލްއަށް ތުންފަތުގައި ފިރުމާލެވުނީ ދެންމެ ވީގޮތް ހަނދާން ވުމުންނެވެ. މިއަލްއަށް އޭރުވެސް ވިސްނެމުން ދިޔައީ އެފިރިހެން ކުއްޖާ އާއި ދޭތެރޭ ގައެވެ. އެއީ ކާކުތޯ އެނގެން މިއަލްގެ ހިތް ބޭނުންވާވަރު ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. ދުވަހަކުވެސް ކުރެވިފައިނުވާ އިހުސާސެއް މިއަލްގެ ހިތުގައި އުފަންވެއްޖެއެވެ.

ޝަފްވާން ފުރާޅުން ފުންމާލިތަނާހެން އަނެއްކާވެސް މީހެއްގެ ގައިގައި ޖެހުނެވެ. ވެއްޓިފައި އޮތް މީހާ ގެ ގައިގައި ޖަހަން އަތް މަޅާލިތަނާހެން އެމީހާ ހެމުން ތެދުވިއެވެ. “ހަމަޖެހިބަލަ މީ މަށޭ.. އޭތް ބަލަ ޝަފްވާނޫ..! ލޮލަށް ފެންނަ ކޮންމެ ރީތި އަންހެން ކުއްޖަކަށް އެހެން ހަދަން ޖެހޭތަ..؟” ބިންމަތީގައި ވެއްޓިފައި އޮތް އަހުނަފް ތެދުވެ ޝަފްވާނުގެ ބުރަކަށީ ބާރަކަށް ޖަހާލިއެވެ. މިއަލް އާއި ޝަފްވާންގެ ދެމެދުގައި ހިނގައިދިޔަ ކުޑަ ހާދިސާ އަހުނަފްގެ ތޫނު ދެލޮލުގައި އަޅައިގަތްކަމުގެ އަލިގަދަ ހެއްކެކެވެ. ގައިން ވެލިފޮޅާލަމުން އަހުނަފް އަނެއްކާވެސް މާނޭވާ ލާން ހުރި ޝަފްވާންއާއި ކުރި ސުވާލު އަލުން ތަކުރާރުކޮށްލިއެވެ.

“މަ އެގަޑީ ހުރީ ވަރަށް ބޯ ގޮވާފައޭ.. އެމަންޖެ ހަޅޭއްލަވައިގަނެ ރައްޔިތުން އެއްކޮށްލައިފިނަމަ ދާނީ މަގޭ ދުވަސްވިއްޔަދޯ އަހޫ..” ޝަފްވާން ބޯ ކަހާލަމުން ބުނެލިއެވެ. “ބޯ ރަނގަޅޭ… ކަލޭ އެ މަންޖެގެ އަނގަ މަތީގައި އަތް އެޅިނަމަ.. ހަމަ ޔަގީނޭ އެހެން ހަދާހިތްވެގެންކަން ކަލޭ އެހެން ހެދީ..” އަހުނަފް ދިމާ ކުރާ ރާގަކަށް ހީނގަތެވެ. “ކަލޭވެސް ދޯ.. ލާނެތްކަމުން ފޮނި ހަކުރު…” ޝަފްވާން އަހުނަފްގެ ކޮނޑުގައި އަޅުވާފައިވާ ދަބަސް ދަމައިގަތެވެ.

ފަނަރަވަރަކަށް މިނެޓްވަރު ހިނގާލާފައި ދެމީހުން އެކީ ގޮސް ވަނީ ރަށަށް އައުމުގެ ކުރިން ކުއްޔަށް ހިފި ގެއަށެވެ. “މިފަހަރު ކުރިއާއި ބަލާފައި ވަރަށް ރަނގަޅު އެއްޗެއް ލިބިއްޖެދޯ..؟” އަހުނަފް އަހާލިއެވެ. އޭރު ޝަފްވާން އަހުނަފްގެ ދަބަސް ހުޅުވާފައި ދަބަސްތެރޭ އޮތް ފައިސާތައް އެނދުމައްޗަށް ބަންޑުން ޖަހާލައިފިއެވެ. ”ޔާ ބަރާބަރު ދެލައްކަ ރުފިޔާ މިފަހަރު ލިބުނީ.. ކަލެއަށް އެކެއް މަށަށްވެސް އެކެއް.. ބެހުމުގެ ކަންކަން ދެން އެވީއެއްނު..؟” ޝަފްވާން ފައިސާތައް ގުނާލާފައި ފުންނޭވާއެއް ބޭރު ކޮށްލިއެވެ.

“މާތްކަލާކޯ..! ކަލޭ ހާދަ ފާޑަކަށް ހުރި ރެއެއް..؟ އައްދޭ.. މާދަމާ ރަށަށް ދާން ބޭނުން ނުވާވަރުގެ ކަމެއް ދެންމެއަކު ހިނގީދޯ..؟؟” އަހުނަފް ލާނެތް ފާޑަކަށް އެހެން އަހާލުމުން ޝަފްވާން ބޯކަހާލިއެވެ. އަނެއްކާވެސް އަހުނަފް ދެންމެ ހިނގި ހާދިސާގެ ވާހަކަ ދައްކަން ފެށުމުންނެވެ. މީހަކާ ދިމާ ކުރަން ވެއްޖެނަމަ އަހުނަފްއަށް ވުރެ ތަޖުރިބާކާރު މީހަކު ނޫޅޭނެކަން އެނގޭތީއެވެ.

“ނޫންދޯ..؟ ކަލޭ އަދިވެސް މިލީން ގެގާތުގައި ނުބުނަންތަ އޭނަޔާއި ވަކިވާން ބޭނުންވާ ވާހަކައެއް..؟ މާ ގިނަ ދުވަހު ތިހެން ހުންނަންޏާ އަނެއްކާ ހިތް ބަދަލު ވެދާނެ..” އަހުނަފް ބުނެލިއެވެ. “ދާގޮތަށްގޮސް ބުނަން ނިންމައިގެން މަ މިހުރީ..” ޝަފްވާން އޭނަ ނިންމި ގޮތް ބުނެލިއެވެ. “މަގޭ ހިތަށް އަރާ ކަލޭ ކީއްވެގެން ބާވައޭ މިލީން މަތިން ފޫހިވާންވީ.. އެހާ ރީތި ނުހަނު ފައްކާ..” އަހުނަފް އެހެން ބުނެލުމުން ޝަފްވާނަށް ދެކޮނޑު އަރުވާލެވުނީއެވެ. “އޯކޭ ކަލޭ އުޅެން ބޭނުންވާ ގޮތަކަށް ކަލޭ އުޅޭނީ.. މަޔަކަށް ވެގެން މަ ނޫޅެން ކަލެއަށް ނަސޭހަތް ލައިދޭން ހުންނާކަށް..” އަހުނަފް އެނދަށް ވެއްޓިގަތެވެ. އެއްޗެހި ބަދަލުކޮއްގެން ޝަފްވާންވެސް އެނދަށް އަރާ އޮށޯތެވެ.

ޝަފްވާން ނިދަން އޮށޯވެލީ ނަމެއްގައޭ ބުންޏަސް ދޮގެއް ނުވާނެއެވެ. ނިތްކުރިމަތީ އަތް ބާއްވާލައިގެން ޝަފްވާން އޮތްއިރު ޖައްސާފައިވާ އޭސީގެ ފިނިކަންވެސް އިހުސާސް ނުކުރެވޭ ފަދައެވެ. ނިތްކުރި މަތީ މުތީތަކެއް ފަދައިން ވިދަމުން ދިޔަ ދާ ތިކިތައް ފޮހެލަމުން ޝަފްވާން ބެލީ ހަމަޖެހެލެވޭތޯއެވެ. ނަމަވެސް ދެންމެ އެ ފެނުނު އަންހެން ކުއްޖާއަކީ މިލީންއަށް ވެދާނެޔޭ ހިތް ބުނަމުން ގެންދިޔައީ ކީއްވެގެން ކަމެއް ނޭނގުނެވެ. ހަމަ އެ އޮމާން މޫނެވެ. ތަފާތު ވިދުމެއް ހުންނަ އެސްފިޔަ ބޯ ދެލޮލެވެ. ފިޔާތޮށިކުލައިގެ ދެ ތުންފަތެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ވިހި ވަނަ ބައި)

Next

މާތް ރަސޫލާގެ ދުނިޔެއާއި އާޚިރަތުގެ އަނބިއަނބަލުން ޢާއިޝަތުގެފާނުގެ ސީރަތު: 01

Next
August 5, 2021

މާތް ރަސޫލާގެ ދުނިޔެއާއި އާޚިރަތުގެ އަނބިއަނބަލުން ޢާއިޝަތުގެފާނުގެ ސީރަތު: 01

Previews
August 5, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ވިހި ވަނަ ބައި)

4 Comments!

  1. Aishath Faruha Abdulla says:
    August 5, 2021 at 2:22 pm

    Mi part vx ehn part thakekey ehgothah vrh thihthi… Masha Allah ❤️❤️❤️When next????

    1. yooon yooon says:
      August 5, 2021 at 2:26 pm

      Thankiu so much faruha ?? Glad you enjoyed.. Part 4 insha allah 7th ga 😀 Keep waiting.. Stay safe and take good care ?

  2. mimi says:
    August 5, 2021 at 6:15 pm

    Your storys are very nice?????
    And i know this story will be awsome too.. ??
    ?? yoon is my fav author.. ??

  3. DevilBoy says:
    August 5, 2021 at 8:23 pm

    Miadhu ge bai ves varah reethi!!.. Mial aa Shafvaan ge bai varah romantic!… Heebihi. Mial aa Mileen related 2 meehun tha.?.. I thinkso. Love you so much!!… Take care princess.!. You looks like one…ehehe

Comments are closed.

Next Episodeތި ސޫރަ ނޫން 4←


All Right Reserved!