Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވީމޭ ތިޔަ ލޯބީގައި-1

Mohamed Naafiz Level 1
July 26, 2021 5 Mins Read
4 Comments

بِسْمِ اللَّهِ الرَّحْمَنِ الرَّحِيم

“ޕިސްޕިސް.. މިހާރު އެއޮށް ނުވައެއް ޖެހީ ވިއްޔަ ދޯ.. އަދިވެސް ނޭނގެ އެ ޔޫނީނު އެނދުން ހިއްލާލި ކަމެއް..” ބަދިގޭގައި ރޮށިފިހަން ހުރި ހަސްނާ ކުދި ކިޔާލިއެވެ. އެންމެ ފަހު ރޮށި ފިހެލާފައި ބާރު ހިނގުމެއްގައި އޭނާ ދިޔައީ ޔޫނީންގެ ކޮޓަރިއަށެވެ. “އޭއި ޔޫނީނޫ.. ތެދުވާށޭ ކިޔާތާ މިހާރު ކޮން އިރެއްހޭ.. މިހާރު އެއޮތް ހައްވަގޯތި ނޫރާ ކުނިކަހާފައި ވަދެއްޖެ.. ކަލޭ އަދިވެސް އެނދުގައި ދެފައި ދަމާފަ ނިދަން.. ސާބަސް ސާބަސް އިނގޭ.. ތިއީފަހެ އަންހެންކުދިން ދެން އުޅޭގޮތްތަ..” ހަސްނާ ޔޫނީންއަށް އެތިވަރު ގޮވައިގަތުމުން ޔޫނީން އެނދުން ހިއްލާލިއެވެ. “ހޫން.. މަ ސައި ހަދާފައި ހުންނާނީ.. ފެންވަރައިގެން ދޭ ސައިބޯން..” ހަސްނާ ޔޫނީންގެ ކޮޓަރިން ނުކުންނަމުން ބުނެލައިފިއެވެ. ހަސްނާގެ ބަސްތަކުން ޔޫނީންގެ ހިތަށް މާ އަސަރު ނުކުރީ ރުންކުރު ކަމަކީ އޭނާގެ މަންމަގެ މިޒާޖުގައި ހުންނަ ކަމަކަށް ވާތީއެވެ.

ގައިގައި އޮތް ރަޖާގަނޑު އެއްފަރާތް ކޮށްލަމުން އޭނާ ތެދުވެލިއެވެ. އެއާއެކު އޭސީގެ ފިނިން އޭނާގެ ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ލައިގެންހުރި ޕިޖާމާ ރީތި ކޮށްލަމުން އޭނާ ފާހާނައަށް ދިޔައެވެ.

ޔޫނީންއަކީ ހަސްނާއަށާއި އާމިރަށް ލިބިފައިހުރި ތިން އަންހެންކުދިންގެ ތެރެއިން މެދަށް ހުންނަ ކުއްޖާއެވެ. ޔޫނީންގެ އުމުރުން އަށާރަ އަހަރު ވެފައިވީއިރު ޔޫނީންއަކީ ބަލައިލަން ހުތުރު ކުއްޖެއް ނޫނެވެ. ޔޫނީންއަށް ލިބިފައިވަނީ ދަންފުޅި ބަށްޓަމަށްވާ ހަށިގަނޑު ނޫނަސް ރީތި ހަށިގަނޑެކެވެ. ވަށް މޫނަކާއިއެކު އޭނާއަށް ލިބިފައިވަނީ ދޮން ހަންގަނޑެކެވެ. ކަޅުކުލައިގެ ފުންކަނޑެއްފަދަ ދެލޮލުގެ ވަށައިގެންވަނީ ދިގު އެސްފިޔަތަކެވެ.

ފެންވަރާލައިގެން ޔޫނީން ނުކުތްއިރު އުނަގަނޑާއި ހަމައަށްދާ އެރާޅުބާނީ އިސްތަށިގަނޑުން ދިޔައީ ފެންތިކި ތަޅަމުންނެވެ. ހެޔަރ ޑްރަޔާއިން ބޯ ހިއްކާލާފައި މުޅި ހަށިގަނޑުގައި ބޮޑީ ލޯޝަން ހާކާލިއެވެ. އެއަށްފަހު ގޭގައި ލާކަހަލަ އޯވަސައިޒްޑް ހުޑީއަކާއި ސްވެޓްޕޭންޓެއް ލަމުން ބޮލުގައި ހުޅިއެއް ޖަހާލިއެވެ. އުމުރުން އަށާރަ އަހަރު ވެފައިވިއެއްކަމަކު ބިސްގަނޑެއް އަޅާލާފައި ސައިތައްޓެއް ގިރާލަން ނޫނީ ޔޫނީންއަކަށް ނޭނގެއެވެ. އެހާ ކަންނެތް ވާނެއެވެ. މެންދަމު ދޭއް ޖަހަންދެން ފޯނާއި ކުޅެން އޮވެއޮވެފައި ނިދާއިރު ހުންނާނީ ތިނެއް ޖަހާފައެވެ. ދެން ހޭލާނީ ނުވައެއް ނޫނީ ދިހައެއް ޖަހާއިރުއެވެ.

ސިޑިން ފަރިތަކަމާއެކު ފައިބައިގެން ގޮސް ކާގެއަށް އޭނާ ވަނެވެ. އޭރު ސިންކު ކައިރީ ހަސްނާ ތަށިތައް ދޮންނަން ހުއްޓެވެ. ފާޑަކަށް ޖެހިލުންވެފައި ހުރެ ތަށްޓެއް ނަގައިގެން ސިއްރު ފިޔަވަޅު ތަކެއްގައި ގޮސް ގޮނޑީގައި އިށީނީ އޭނާއަށް ބޮމެއް އެއްލަފާނެތީއެވެ. “ނިކުމެވޭވަރު ވެއްޖެދޯ” ފަހަތުން އިވުނު ހަސްނާގެ އަޑާއެކު ޔޫނީންއަށް ސިހުމެއް ލިބިގެން ދިޔައެވެ. “ތިހެން އުޅެގެން ކިހިނެއް އިންނާނެ މީހަކުވެސް ވާނީ.. އޭނ؟”  ހަސްނާ ބުނެލިއެވެ. ޔޫނީންގެ މޫނުން ފޫހިކަން ފާޅުވެލިއެވެ. “އަދި ނީނދެވިފަކާ ނެތެއްނު..” ޔޫނީން ބުނެލައިފިއެވެ. “ހޫނ.. އަދި އެހެން ބުނާއިރަށް ބުނާނެ އެހެން.. ތަށި ދޮވެފައި ކޮޓަރިއަށްދާނީ.. އެންމެން ސައިބޮއެފި މިހާރު..” ހަސްނާ ބުނެލިއެވެ.

ކޮޓަރިއަށް ޔޫނީން ވަތްގޮތަށް ފެނުނު މަންޒަރުން ދެލޯ ބޮޑުކޮށްލެވުނެވެ. “ޔަ..އި..ނާ..” އަކުރުތަކަށް ބާރުލަމުން ޔޫނީން އޭނާގެ ކޮއްކޮއަށް ގޮވާލިއެވެ. ޑްރެސިން ޓޭބަލް ކައިރީ އިން ނުވައަހަރުގެ ޔައިނާއަށް ލިބުނީ ސިހުމެކެވެ. “ކިތައް ފަހަރަށް ބުނާނީ މަގޭ މޭކަޕް ސެޓުގައި އަތް ނުލާށޭ އޭނ… އަޑެއް ނީވޭތަ.. ތި އަދި އެންމެ ފަހުން ގަތް ޕެލެޓް..” ރުޅިއައިސްގެން ގޮސް ޔޫނީންއަށް ހިފުނީ ޔައިނާގެ އިސްތަށިގަނޑުގައެވެ. އިސްތަށިގަނޑަށް ދަމައިގަތުމުން ޔައިނާ ފެށީ ރޯށެވެ. “އޯހް ނޯ.. އޭ އިނާ.. ސޮރީ އިނގޭ ތުއްތަ ގަސްތަކު ނޫން…” ޔައިނާ ރޯންފެށުމުން ޔޫނީން ކަންބޮޑުވިއެވެ.

ޔައިނާ ގޮސް ހަސްނާގެ ގާތު ކިޔާލާނީ ކަން ހިނގި ވަރަށްވުރެ ބޮޑުކޮށްލައިގެންނެވެ. “މަންމަ ކައިރި ބުނާނަން..” ރޮމުން ރޮމުން ޔޫނީން ބުންޏެވެ. “އޭ ނޫން ނޫން ސޮރީއޭ.. ކީއްކުރީމަ ތުއްތަ ވާހަކަ މަންމަ ކައިރި ނުބުނާނީ..” ޔޫނީން ބުންޏެވެ. “ހަވީރުން އައިސްކްރީމް ބޯން ދާންޖެހޭނެ..” ޔައިނާ ބުނެލިއެވެ. “އާނ ދެން ހުއްޓާލާ އަހަރެމެން ދާނީ ދޯ ހަވީރު.. ހާދަ ބަސްއަހާ ކުއްޖެކޭ މި..” ޔައިނާގެ ކޮލުގައި ހިފާލަމުން ޔޫނީން ބުންޏެވެ. ‘ދެންދޭ ކޮޓަރިއަށް.. މަގޭ އެއްޗިއްސާ ކުޅެންޏާ ވާނެގޮތް ފެނިއްޖެންނު..” އެންމެ ފަހު ޖުމްލަ ޔޫނީން ބުނެލީ މަޑުމަޑުންނެވެ. ޔައިނާ އެކޮޓަރިން ދިއުމުން ޔޫނީންއަށް  ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. “އަޅެ މަގޭ ޕެލެޓް..” ހުރިހާ ކުލަތަކެއް ކަހާލާފައިހުރި މޭކަޕް ޕެލެޓް ފެނުމުން ޔޫނީންއަށް ބުނެވުނެވެ.

މެންދުރު ނަމާދުން ފައިބައިގެން އަރްސަލާން ދިޔައީ ޔޫނީންމެންގެ ގެއަށެވެ. ޔޫނީން އެގެއަށް އަންނާށޭ ބުނެފައި އޮތުމުންނެވެ. އަރްސަލާން ޔޫނީން މެންގެއަށް ވަންނަމުން ސަލާން ގޮވާލިއެވެ. ސަލާން ބަލައިގަންނަމުން ހަސްނާ އެތެރެއިން ނުކުތެވެ. “ޔޫނީން.. މިއޮށް އައީ އަރްސަލާން.. އަރްސަލާން މިއަދު މިގެއިން ކައިގެން ދާންވާނީ..” ހަސްނާ ބުނެލިއެވެ. އަރްސަލާންއަކީ މާ ކުރިއްސުރެވެސް ހަސްނާއަށް ކަމުދާ ޒުވާނެކެވެ. ހަސްނާއާއި އަރްސަލާންގެ މަންމަ ވަސީމާ އަރްސަލާންއާއި ޔޫނީން ގުޅުވުމުގެ ހުވަފެން އަބަދުވެސް ދެކެއެވެ.

“ދޭ މައްޗަށް އަރްސަލާން..” ހިނިތުންވެލަމުން ހަސްނާ ބުނެލިއެވެ. އަރްސަލާން ގޮސް ޔޫނީންގެ ކޮޓަރިއަށް ވަދެލިއެވެ. “ކިހިނެއްވީ މިހާރު..” ހީނލަމުން އަރްސަލާން ބުނެލީ ޔޫނީން ގުޅާނީ ކޮންމެވެސް ކަމެއް ޖެހުނީމައި ކަން އެނގޭތީއެވެ. “މިއަދު ފިހާރައަށް ނުދަން؟” އަރްސަލާން އަހާލިއެވެ. “ރޭގަނޑު ޑިއުޓީ..” ޔޫނީން ބުނެލިއެވެ. ކިޔަވައި ނިމުމުން ހުސްކޮށް ހުރުމުގެ ބަދަލުގައި ބައްޕަގެ ފިހާރައަށް ނުކުންނަން ޔޫނީން ބޭނުންވީއެވެ. “މަގޭ ސެލެރީ ހުސްވެއްޖެ.. މިއަދު ހިނގި ކަމަކާއި ހެދި ޖެހިއްޖެ ކޮއްކޮއަށް އައިސްކްރީމް ދޭން.. އަލާންއަށް މިއަދު ހަވީރު ދެވިދާނެތަ އަހަރެމެން އެކީ އައިސްކްރީމް ބޯން..” ޔޫނީން ބުނެލިއެވެ. “އަލާން ޕޭ ކުރާ ގޮތަށް..” ޔޫނީން އިތުރު ކޮށްލިއެވެ. އަރްސަލާން ކައިރިއަށް ހިނިއައެވެ. “އާނ ދެން.. ދާނީ ދޯ..” އަރްސަލާން ބުނެލިއެވެ. “ތެންކްސް.. ތިއީ ހަމަ ޑައިމަންޑެއް..” އަރްސަލާންގެ ގައިގައި ބައްދައި ގަންނަމުން ޔޫނީން ބުނެލިއެވެ.

ހަވީރު ހަތަރުގަޑި ބައިވިއިރު ޔޫނީންއާއި އަރްސަލާން ތިބީ އަރޓިފިޝަލް ބީޗްގައެވެ. ތަނުގައި ތިބި ހުރިހައި އަންހެން ކުދިންގެ ނަޒަރުތައް ހުއްޓިފައިވަނީ އަރްސަލާން އަށެވެ. “އަޅޭ އެމީހުން އަލާން މޫނަށް އެބަލަނީ ކޯޗެއް ފެންނާތީތަ؟” ޔޫނީން ކައިރިއަށް ފާޑަކަށް ރުޅިއަންނަ ގޮތް ވިއެވެ. “ސާބަސް.. އަހަރެން ރީތި ވީމައެއްނު ބަލާނީ..” އެއްބުމަ ހިއްލާލަމުން އަރްސަލާން ބުނެލިއެވެ. “އައްޗި.. ތީ ދެން ވަރަށް ރީތި މީހެއް ވިއްޔާ..” މޫނު ހަދާލަމުން ޔޫނީން ބުނެލިއެވެ. “އަސްލަށްވެސް ހަމަ ހަޑިތަ؟” އަރްސަލާން ސީރިއަސް ގޮތަކަށް ބުނެލިއެވެ. “ސާބަސް.. ވަރަށް ރީތި އެންޑް ހޭންޑްސަމްއޭ އަލާން..” ޔޫނީން ބުނެލިއެވެ. ތެދެކެވެ. އަރްސަލާންއަކީ ޒުވާން އަންހެންކުދިން ހިތްކިޔާފަދަ ސިފަތަކެއް ހުރި ކުއްޖެކެވެ. ހަފޫޓުގެ ދިގު އިސްކޮޅެއް ލިބިފައިވާއިރު އަރްސަލާންއަކީ މެދުމިނެއްގެ ދޮންކަމެއް ލިބިފައިވާ ކުއްޖެކެވެ. މޫނުމަތީގައި އަބަދުވެސް ތުނިތުނިކޮށް ހުންނަ ތުނބުޅި މަތިމަހަކީ އެ ފިރިހެންވަންތަކަމަށް އިތުރުކަމެއް ގެނުވައިދޭ އެއްޗެކެވެ. ޖިމަށް ނުދިޔަނަމަވެސް އެއީ ރީތި ހަށިގަނޑެކެވެ. “ތެންކްސް ޔޫންސް..” ފޮނިގޮތަކަށް އަރްސަލާން ބުނެލިއެވެ.

އިރުގެ އަލި ލޮލަށް އެޅިލުމާއެކު ޒައިނާންއަށް މަޑުމަޑުން ދެލޯ ހުޅުވާލެވުނެވެ. ތެދުވަން އުޅުނު ވަގުތު ބޮލަށް އެރި ތޫނު ތަދުން އަނެއްކާވެސް އެނދުގައި އޮށޯވެލެވުނެވެ. އިރުކޮޅަކު އެހެން އޮވެލުމަށްފަހު އަނެއްކާވެސް އޭނާ ތެދުވެލިއެވެ. މޯޅިއަކަށް ދެމިލަމުން ގައިގައި އޮތް ރަޖާ އެއްފަރާތް ކޮށްލިއެވެ. ކަންނެތް ގޮތަކަށް ހިނގާފައިގޮސް ފާހާނައަށް ވަނެވެ. އިރުކޮޅެއްފަހުން ފާހާނާއިން ނުކުތްއިރު ޒައިނާންގެ މޫނުމަތިން ފާޅުވަނީ ތާޒާކަމާއި ހިތްހަމަޖެހުމެވެ. ތެތް އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން އޭނާ މިސްރާބުޖެހީ އަލަމާރިއާއި ދިމާލަށެވެ. ލާނެ ޓީޝާޓަކާއި ޖިންސެއް ނަގަމުން އޭނާ އެނދުގައި އިށީނދެލިއެވެ.

ބާލީސް ދަށުގައި އޮތް ފޯނު ރިންގުވާން ފެށުމާއެކު ޒައިނާންއަށް ލިބުނީ ސިހުމެކެވެ. ފޯނު ނަގާ ބަލާލިއިރު ގުޅަމުން ދިޔައީ ކައިނާއެވެ. ކައިނާއަކީ ޒައިނާންގެ ލޯބިވެރިޔާއެވެ. “އޮހް ނޯ..” ބޮލުގައި ޖަހާލަމުން ޒައިނާން ބުނެލިއެވެ. ފޯނަށް ގުޅާފައިހުރި މީހުންނަށް ބަލައިލެވުނީ ދެނެވެ. ކައިނާ ތިރީސް ދެފަހަރު ގުޅާފައި އިންތަން ފެނި ޒައިނާންއަށް ލޯ ބޮޑުކޮށްލެވުނެވެ. ގަޑިން ވީއިރެއް ބަލާލަންވެސް ހަނދާންވީ ދެނެވެ. ގަޑިބަލާލިއިރު މެންދުރު އެއްގަޑި ބައިވެއްޖެއެވެ. އޭނާއަށް އެހާ ގިނައިރު ނިދުނީތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. ކައިނާއަށް ގުޅުމުގެ ބަދަލުގައި ކައިނާގެ ގެއަށް ދާނީއޭ އޭނާގެ ހިތް ބުނެލިއެވެ.

ކޮޓަރިން ނުކުތްއިރު ސޯފާގައި ފިލްމެއް ބަލަން އިން އޭނާގެ މަންމަ އޭނާއަށް ގޮވާލިއެވެ. “ކީކޭ މަންމާ..” ޒައިނާން އަތުގައި ގަޑި އަޅާލަމުން ބުނެލިއެވެ. “ބައްޕަ ގުޅި އޮފީހަށް ނުގޮސްގެން.. މަންމަ ގޮވާގޮވާވެސް ނާނުއަށް ހޭލެވޭ ކަމަކަށްނުވި.. ތިއީ ގައިމު ރޭގަ ހަތެއްޖެހިއިރު ނިދަން އޮށޯތް މީހާ ވިއްޔަ..” އަމީނާ ބުނެލިއެވެ. “ނޭނގެ ރޭގައި ވީގޮތެއް މަންމާ.. މާބޮޑަށް ބޮލުގައި ރިއްސައިގަތީ.. އަންނާނަން ބޭރަށް ގޮސްލާފައި..” ޒައިނާން ބުނެލިއެވެ. “ދެން ނުކައި ދަނީ؟” އަމީނާ އަހާލިއެވެ. “ހޫމް ބޭރުން ކާނީ ދެން މިއަދު..” ޒައިނާން އަވަސް އަރުވާލާފައި ބުނެލިއެވެ.

ޒައިނާންއަކީ އަމީނާއަށާއި އަހުމަދަށް ލިބުނު ދެ ފިރިހެންކުދިންގެ ތެރެއިން ހަގު ކުއްޖާއެވެ. އުމުރުން ނަވާރަ އަހަރުގެ ޒައިނާނަކީ ފިރިހެންވަންތަ ކުއްޖެކެވެ. ދިގު އިސްކޮޅަކާއެކު ލިބިފައިވަނީ ކަސްރަތީ ހަށިގަނޑެކެވެ. ތުނިކޮށް ހުންނަ އިސްތަށިގަނޑާއި ތުނބުޅި މަތިމަހުން އޭނާގެ ރީތިކަން އިތުރުކޮށްދެއެވެ. އަބަދުވެސް މޫނުމަތީގައި ހުންނާނީ ސީރިޔަސް ކުލަވަރެވެ. ހޭޒެލް ކުލައިގެ ކަޅިއެއް ލިބިފައިވާ ޒައިނާން ބޮޑަށް ވައްތަރީ ބޭރު ކުއްޖަކާއެވެ. ކޮންސްޓްރަކްޝަން ދާއިރާއިން ޑިގްރީ ހަދަމުން ގެންދާ ޒައިނާން މަސައްކަތް ކުރަނީ އޭނާގެ ބައްޕަގެ ޕްރައިވެޓް ކޮމްޕެނީގައެވެ.

ޔޫނީން އެނދުމަތީގައި އޮށޯވެލައިގެން އޮއްވާ އޭނާގެ މަންމަ ކޮޓަރިއަށް ވަދެއްޖެއެވެ. “ކީއްވެ މިއަދު ޔައިނާ އިސްތަށިގަނޑުގައި ހިފާ އަނިޔާކުރީ.. މޭކަޕް ޕެލެޓެއް ހަލާކު ކޮށްލިޔަސް އެހާވަރު ކޮށްލާކަށް ނުޖެހޭ ދޯ” ހަސްނާ އައިގޮތަށް އައިސް ޔޫނީނަށް އެއްޗެހި ގޮވާލިއެވެ. “އިބިލީސް.” ހިތާހިތުން ޔޫނީން ކިޔައިލިއެވެ. “މޮޔަކަމުން އެ އިބިލީހުގެ ބަހަށް އިތުބާރު ކުރެވުނީ.. އައިސްކްރީމް ކޮޅު ބޯލައިގެން އެބައޮތެންނު އަދި..” ޔޫނީން ކުދި ކިޔާލިއެވެ. “އަހަރެން 3000 ރުފިޔާ ދީފަ ގަތް މޭކަޕް ސެޓެއް ވިއްޔަ.. އަދިވެސް ކޮށްލެވުނު ވަރު ކުޑައީ.. މަންމަވެސް އަބަދު އޭނަ ކޮޅަށް ހިފާނީ..” ފޫހި ގޮތަކަށް އެހެން ބުނެލާފައި މޫނުމަތީ ޔޫނީން ރަޖާއެޅިއެވެ. “ސަހާދެއް ހުވާ.. ކުޑަކުއްޖަކު ގެންގުޅެންވެސް ފަސޭހަވާނެ މި ޔޫނީނަށްވުރެ..” ހަސްނާ މިހެން ކިޔަމުން ކޮޓަރިން ނުކުމެއްޖެއެވެ.

ބެލް އަޅާލުމާއެކު ދޮރު ހުޅުވީ ކައިނާއެވެ. “އައި.. އޭމް ރިއަލީ ސޮރީ..” ޒައިނާން ބުނެލިއެވެ. ކައިނާ އެއްޗެއް ނުބުނެ ދޮރު ލައްޕާލާފައި އެތެރެއަށް ވަދެ ސޯފާގައި އިށީނދެއްޖެއެވެ. “ސޮރީ އޭ ކައި…” ޒައިނާން ތަކުރާރު ކޮށްލިއެވެ. “ސޮރީއޭ؟ ތިރީސް ދެފަހަރު.. އެންމެ ފަހަރަކު ނޫން.. އަހަރެން އެވަރަށް ގުޅިއިރު ނާނުއަށް ފޯނު ނުނެގުން.. އަހަރެން ނާނުއަށް އިމްޕޯޓެންޓް ނުވީމަ ދޯ ނުނަގާނީ..” ކައިނާ ބުނެލިއެވެ. “ރޭގަ ވަރަށް ގަދަޔަށް ބޮލުގައި ރިއްސާތި ޖައްސާލިތަނާ ނިދުނީ.. ވަރަށް ސޮރީ ދެން އެހެންނެއް ނުވާނެ..” ޒައިނާން މައާފަށް އެދުނެވެ. “ހޫމް ދެން އޯކޭ..” ކައިނާ ބުނެލިއެވެ. އަދިވެސް ކައިނާ އިނީ ފާޑަކަށް ނުރުހިފައެވެ. “ހިނގާ ބާގާ ކިންގްއަށް ދާން..” ޒައިނާން ބުނެލިއެވެ. “ހިނގާ.. އަންނާނަން ރެޑީވެގެން.. ނާނު މަޑުކޮށްލާ.. އެހާ ގިނައިރެއް ނުވާނެ..” ކައިނާ ޒައިނާން އެހެން ބުނިކަމެއް ނޭނގެ ފުންމައިގެން ތެދުވެއްޖެއެވެ. ކައިނާ ދިޔަ ދިމާލަށް ބަލަހައްޓައިގެން އިން ޒައިނާންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.

ޒައިނާން ކެބިންގައި އިށީނދެގެން އިންދާ އޭނާގެ ބައްޕަ އަންނަތަން ފެނިއްޖެއެވެ. “ކިހިނެއްވީ؟” ވަރަށް ނުގަޑިއެއްގައި އަހުމަދު އައުމުން ޒައިނާން ބުނެލިއެވެ. “ބައްޕަ ބުނީމެއްނު ވާހަކައެއް އެބައޮތޭ..” އަހުމަދު ބުނެލިއެވެ. ޒައިނާން ހޫމް ލައްވާލިއެވެ. “ކުޅުދުއްފުށީގައި ގެސްޓް ހައުސްއެއް ހަދަން އެގްރީމެންޓެއްގައި ސޮއެ ކުރީމެންނު ދޯ.. ބައްޕަ މިހާރު އެކޮޅަށް ހުރިހާ އެއްޗެހި ފޮނުވައިފިން ގެސްޓް ހައުސް ހަދަން ބޭނުންވާ.. މިފަހަރު ސުޕަވައިޒަރެއްގެ ގޮތުގައި އެތަނަށް ދާނީ ނާނު..” އަހުމަދު ބުނެލިއެވެ. “އޭނ.. އަހަރެން ކިހިނެއް އެކަހަލަ ފޫހި ރަށްގަނޑެއްގައި ދިރިއުޅޭނީ…” ފޫހި ވައްތަރެއް މޫނަށް ޖައްސާލަމުން ޒައިނާން ބުނެލިއެވެ. “އެކަމަކުވެސް ދެން މިފަހަރު އެނޫން ގޮތެއް ނާނުއަށް ނެތް.. މާދަން މެންދުރުފަހު ފުރަން ތައްޔާރުވާންވީ.. ހުންނާނީ ބައްޕަގެ ރައްޓެއްސެއްގެ ގޭގައި..” އަހުމަދު ބުނެލިއެވެ. “ކިހާ ދުވަހެއް ވާނެ އެކޮޅުގައި..” ޒައިނާން އަހާލިއެވެ. “ހަމަސް..” އަހުމަދު ބުނެލިއެވެ. އަދި ޒައިނާންގެ ކެބިންއިން ނުކުތެވެ. “ދެން ނޫންން.. އަހަރެން ކިހިނެއް ހަމަސް ވަންދެން ގަރުދިޔައާއި ބަތާއި ކައިގެން އުޅޭނީ.. އަބަދު ހިނގާފައި ކަންނޭނގެ އުޅެންވެސް ޖެހޭނީ.. ދެންދޯ..” ޒައިނާން ބުނެލިއެވެ.

=ނުނިމޭ=

Share Article

Follow Me Written By

Mohamed Naafiz

Level 1

Other Articles

Previous

ތިޔަ ލޯތްބަށް އެދެމޭ 2 – 22

Next

ތިޔަ ލޯތްބަށް އެދެމޭ 2 – 23

Next
July 26, 2021

ތިޔަ ލޯތްބަށް އެދެމޭ 2 – 23

Previews
July 26, 2021

ތިޔަ ލޯތްބަށް އެދެމޭ 2 – 22

4 Comments!

  1. Reen says:
    July 26, 2021 at 11:08 pm

    Wow vrh rythi vhk eh ?? Masha allah ❤

  2. Mohamed Naafiz says:
    July 27, 2021 at 9:20 am

    In reply to reen: thankyou so much this really means to me?❤??

  3. Mal? says:
    July 28, 2021 at 1:03 pm

    When is next part

  4. Mohamed Naafiz says:
    July 28, 2021 at 3:13 pm

    Tommorow inshaallah

Comments are closed.



All Right Reserved!