ގުދުރަތުގެ ގާނޫނާ އެއްގޮތަށް އިރު ވަށާ ދުނިޔެ ދައުރުވަމުން ދެޔެވެ. އާ ދުވަހަކަށް އިރު އެރުމާއެކު ވާނުވާ ނޭނގޭހާ އަވަހަށް އިރުއޮއްސި ދުވަސް ފާއިތުވަމުން ދެޔެވެ. ގޮނޑުދޮށުގައި ބަރަވެލި އަޅާލާ ރޮގުތަށް ގޮނޑުދޮށަށް ބިއްސާލާ ރާޅުތަކުން ފޮހެވިގެން ދާ އުސޫލުން އެދުވަހުގެ ކަންތައް މާޒީއަށްވެ ގިނަ ކަންތައް ހަނދާނުން ފޮހެވިގެންދެޔެވެ. ކުރިމަތިވާ އާ އިމްތިހާންތަކާ ކުރިމަތި ލާން ޖެހުމުން ވޭތުވި ހިތާމައާ މާޒީއާ ދޭތެރޭ ވިސްނާ ރޯނޭ ވަގުތެއް ނޯވެއެވެ. ނޭވާ ލާ ހިނދަކު ދިރިއުޅުމާގެން ކުރިއަށް ދިޔުން ނޫންގޮތެއް ނެތެވެ. އެގޮތުގައި އެސްފިޔަ ޖަހާލާހާ އަވަހަށް ފަސް އަހަރު ފާއިތުވެގެން ހިނގައްޖެއެވެ.
މެންދުރުގެ ދޮންގަދަ އަވީގައި ދުއްވާފައި އައި ޔީޝާ ސައިކަލު މަޑުކޮއްލީ ގޭގެ ދޮރާށި ކައިރިއަށެވެ. އަޅައިގެން ހުރި އަވިއަނު ލޯމަތިން ނަގާ ބޯމަތީ ބާއްވާލަމުން ސައިކަލުން ފޭބިއެވެ. ސައިކަލު މަޑި ދަށުގައި ހުރި ދެ ކޮތަޅުވަރު ހިފައިގެން ގެއަށް ވަނުމަށް ޔީޝާ ހިނގައިގަތް އިރު އަނގައިން ބޭރުވާ ފުން ނޭވާއިން އޭނާ އެހުރީ ވަރު ބަލިވެފައިކަން ދޭހަކޮށްދެއެވެ.
ބޮލުގައި އަޅާފައި އޮތް ކުޑަ ވަށް ބުރުގާ ބާލަމުން ސިޓިން ރޫމުގައި ހުރި ކުޑަ މޭޒުމަތީ ކޮތަޅުތައް ބަހައްޓާފައި ޔީޝާ މިސްރާބު ޖެހީ ކާގެއަށެވެ. އަލަމާރިން ފިނި ފެންފުޅިއެއް ނަގާ ތައްޓަށް އަޅާލީ ވަރުބަލިކަން ފިލުވާލަން ފެންފޮދެއް ބޯލާށެވެ. ފެންތަށި ތުނބުގައި ޖައްސާލިތަނާ ޔީޝާއަށް ފެންތަށި ތިރި ކޮށްލެވުނީ “މަންމީ” އޭ ކިޔާފައި ރޯންފެށި ކުޑަ ކުއްޖެއްގެ އަޑަށެވެ. ފެންތަށި މޭޒުމަތީ ބަހައްޓާފައި ޔީޝާ އަވަސް ފިޔަވަޅުގައި ސިޓިން ރޫމަށް ނުކުތެވެ.
“ކިހިނެއްވީ ދަރިފުޅާ.. ކޮންތާކަށް ތަދުވީ ދޫނިގަނޑޫ؟” ދެއަހަރަށް ދާ ކުޑަކުޑަ އަޝްކާގެ ކައިރީ ކަކޫ ޖަހާލަމުން ތިރިވެފައި ޔީޝާ އަހާލީ ކަންބޮޑު ވެފައެވެ.
“ދޮންބެ ޓެބު ނުދިނީ.. އަތުލީ… ކޮއްކިއަކަށް ނުދިން ކުޅޭކަށް” ޔީޝާގެ އުނގު ތެރެއަށް ވަދެ ބޮޑާ ހާކާލަމުން އެކުއްޖާ ބުނެލިއެވެ. ރީއްޗަށް ވާހަކަ ދައްކަން ނޭނގޭތީ ގިނަ ބަސްތައް ދަނީ ކޮށިކޮށެވެ.
“އުހޫމް… ކޮބާ ދޮންބެ.. ހިނގާ ދޮންބެ ހޯދަން” އަޝްކާ އުރާލައިގެން ޔީޝާ ހިނގާގަތެވެ. އަޝްކާ ކޮޓަރިއާ ދިމާއަށް އިނގިލި ދިއްކޮއްލުމުން ޔީޝާ ވަނީ ކޮޓަރިއަށެވެ. އޭރު އެނދުމަތީ ވަރަށް ރީތިކޮށް އުއްޑުން ދެފާ ދާމަލައިގެން އުނގުމަތީ ޓެބް ބާއްވައިގެން ކާޓޫނަ ބަލަން އަޝްކާއަށް ވުރެ ދޮޅުއަހަރު ދޮށީ އިޔާން އޮތެވެ.
“ތެދެއް ދޮންބެ ކޮއްކިއަށް ޓެބު ނުދިނީތަ.. ޝެއާ ކުރަން ވާނެއްނުން.. ޝެއާ ކޮއްގެން ޓެބު ނުގެންގުޅެވެންޏާ ދެން ޖެހޭނީ ޓެބު އަތުލަން.. އޭރުން އެއް ކުއްޖަކަށްވެސް ނުކުޅެވޭނެ” އިޔާން ކައިރީ އަޝްކާ ބައިންދަމުން ޔީޝާ ބުނެލިއެވެ. ޔީޝާގެ އަޑުއިވުމުން އިޔާން އަވަހަށް އަޝްކާގެ އަތަށް ޓެބު ދިނެވެ. އަދި ޔީޝާއާ ދިމާއަށް ބަލާލީ އިޔާންއަކީ ބަސްއަހާ ކުއްޖެކޭ ބުނޭތޯއެވެ. އިޔާންގެ ބޮލުގައި ފިރުމާލަމުން ޔީޝާ ދެފާރަތަށް ބޯހޫރާލިއެވެ. ބަސްއަހާ ކުއްޖެކޭ ބުނެފައި ޔީޝާ އެކޮޓަރިން ނުކުތީ ޔީޝާ ނުކުންނަ އިރަށް އެދެބެން ކޯޅެން ފަށާނެކަން އެނގިހުރެއެވެ.
“ޔީޝް ދަރިފުޅާ މިހާރު އައީތަ” ބޭރަށް ނުކުތް ތަނާ އިވުނީ ރާޝިދާގެ އަޑެވެ. އާނއެކޭ ކިޔަމުން ޔީޝާ ރާޝިދާ އުޅޭ ދިމާއަށް ހިނގާގަތެވެ.
“ލިބުނުތަ އެއާ ގުޅޭ ރީތި ފޮތިކޮޅެއް…” ބަދިގެއަށް ވަދެގެން އައި ޔީޝާއަށް ރާޝިދާ ބުނެލިއެވެ.
“ނުލިބުނު.. މުޅި ރަށް ވަށާ ދުއްވިއްޖެ.. ނުބަލާ ފިހާރައެއް ނުހުންނާނެ.. މަންމަ ދެއްކި ކުލައާ ގާތް ކުރާ ކުލައެއްގެ ފޮއްޗެއްވެސް ނެތް” ޔީޝާ ބުނެލިއެވެ.
“ދެން ހަމަ ކަމުދާ އެކައްޗެއްވެސް ނުފެނުނު؟” ރާޝިދާ ގަބޫލު ނުކުރާ ފަދައަކުން އަހާލިއެވެ.
“ނުލިބުނޭ.. މިރޭ ހިނގާބަލަ އަހަރެންނާ އެކީ މަންމަވެސް ދާން.. އޭރުން ދޯ އަވަހަށް ފެހޭނީ.. މިއަދު މިއީ ކިތައްކެއްތަ.. މިހާރު މިއީ 15 .. އަންނަ މަހު 20 ހާތާގައޭ ދޯ ތުއްތުބެ ބުނީ” ޔީޝާ ޔަގީން ކޮއްލާ ފަދައަކުން އަހާލިއެވެ.
“އާން.. އެކަހަލަ އެއްޗެކޭ ބުނީ.. އަދިވެސް އެދެމީހުން ނާންނަނީތަ ގެޔަށް.. އަދިވެސް ދައްކާ ނުނިމެނީބާ؟” ރާޝިދާ ހަމަ އެހެން ބުނެލިތަނާ ބޭރުން އިވުނީ ޔައީޝްއާ އަފާގެ އަޑެވެ.
“ހޮސްޕިޓާ ކައިރިން ޓެކްސީ ނުލިބިގެން ލަސްވީ.. ސެންޓަރަށް ގުޅީމަވެސް އަވަހަކަށް ފޮނުވަނީކީ ނޫންވިއްޔަ.. މިއޮތް އަވީގަ އެތާ ހުންނަން ޖެހުނީ” ޔައީޝް ޝަކުވާގެ ރާގަކަށް ބުނެލިއެވެ.
“ކީކޭތަ ޑަކްޓަރު ބުނީ” އަފާ އިށީންނަން ގޮނޑި ދައްކާލަމުން ޔީޝާ އަހާލިއެވެ.
“ބަރާބަރޭ.. ބުނީ.. އެކަމު ދަރިފުޅު ތަންކޮޅެއް ބޮޑީ.. ސިޒޭރިއަން ހަދަންހެން ހީވަނީ ޖެހޭނީ..” އަފާ އޭނާގެ 8 މަހުގެ ބަނޑުގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ.
“އަދިވެސް ގިނައިން ފޮނި އެއްޗެހި ކާތި..” ޔީޝާ އެހެން ބުނެލީ އަފާއަށް ދިމާ ކޮށްލުމުގެ ގޮތުންނެވެ.
“ދެން މައްސަލައެއް ނެތޭ.. އަހަރެން މިހާރު ޔީޝް ހެން ހިކި ނޫންވީމައޭ ނުން ތި މަލާމާތް ކުރަނީ” އަފާ ތުން އޫކޮއްލަމުން ބުނެލިއެވެ.
“ދަރިފުޅު ފަލައެއް ނޫން.. އެއީ ޔީޝް ތަޅުވާ ބޭކާރު އަނގަ.. އެ މަންޖެއަށް މަންމަ ދެއްކި ފޮތިކޮޅާ ގުޅޭ ކުލައަކުން ފޮތިކޮޅެއް ނުލިބުނޯ މިރަށަކުން.. ނުފެންނާނެއްނު.. ބަލާނީ އެއްލޯ ހުޅުވައިގެންވިއްޔާ” ރާޝިދާ އެހެން ބުނެލުމުން ޔީޝާ ޕިސް ތަޅާލިއެވެ.
“ހަމަ އަސްލުވެސް ނުފެނުނޭ.. މާލޭގަ ހުރި މީހަކު ލައްވާ ހޯދަން ޖެހޭނީ..” ޔީޝާ ބުނެލިއެވެ.
“ދެން ކޮންމެ ފަހަރަކު އާ ބެޑު ސީޓުތައް ނުފެހިޔަސް ރަނގަޅު ވާނެ.. އިޔާންއާ އަޝްކާ ކުޑަ އެނދުގަ އޮތްއިރު ގެންގުޅުނު އެއްޗެހިތަށްވެސް ހުންނާނެ.. އެ ނުވާނެ ބަލެއްވެސް” އަފާ ބުނެލިއެވެ. އަޝްކާ އާއި އިޔާން ވިހަން ވާއިރަށްވެސް ރާޝިދާ ބެޑުސީޓާ ބާލިސް އުރަ އަދި ކުދި ކުދި ހެދުން ކޮޅު ފެހިއެވެ. އެއެއްޗެހި އެކުދިންނަށް ބޭނުން ކުރެވެނީ ކުޑަ ދުވަސްކޮޅަކަށް ވިއަސް ރާޝިދާ އެފަހާނެއެވެ. ކޮންމެ ކުއްޖަކަށް އާ ހެދުމާ އެހެން ސާމާނުތަށް ހޯދާނެއެވެ. އެއީ އޭނާ މާމަ ދަރިން ދެކެ ވާ ލޯބި ފާޅުކުރާ ގޮތެވެ.
ރާޝިދާ އެކަމާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ ބަދިގޭގައި ގުގުމާލީ ބަދިގެއަށް އައިސް ވަތް އަޝްކާއާ އިޔާންގެ ކޯޅުމުގެ އަޑުންނެވެ. އެއައީ ކޮންމެވެސް އެކަކު ތޮޅުނީމާ ކުޓުވަންކަން އެންމެނަށްވެސް އެނގުނެވެ
“މަންމީ.. އަޝްކޮ ތޮޅުނީ” އަފާގެ އުނގުތެރެއަށް ވަދެ އިޔާން ބޮޑާވިއެވެ.
“މަންމި އަބަދުވެސް ބުނަމޭނުން ދެކުދިން ނުތޮޅި އުޅޭށޭ.. މަންމިގެ ބަސްއަހާ އެއްކުއްޖަކުވެސް ނެތް ” އިޔާންގެ ބޮލުގައި ފިރުމާލާ ކޮލުގައި މަޑުމަޑުން ހިފާލަމުން އަފާ ބުނެލިއެވެ.
“މިއަދު މިހާރު ދެވަނަ ފަހަރަށް އެއައީ އެހެން ކިޔަމުން.. އަބަދުވެސް ތޮޅިލަ ތޮޅިލަ ތިބެނީ ދޯ.. ތޮޅޭ ކުދިން ކިހިނެއް މިއަދު ހަވީރު ބޭރަށް ގެންދާނީ..” އަޝްކާ އުރާލަމުން ޔީޝާ ބުނެލިއެވެ.
“އާން.. ހަމަ ޔީޝްއާ ޔައީޝްގެ ގޮތްގަނޑު އެއީ..” އަފާ އެހެން ބުނުމުން ރާޝިދާ އެބުނީ ތެދެކޭ ބުނެ އަފާއާ އެއްބައި ވިއެވެ.
“ނުވާނެ އެހެނެއް.. އަހަރެން ކުޑައިރު ޔީޝްދެކެ ނުލާހިކު ލޯބިވާނެ” އިޔާން ނަގާ ކޮނޑަށް އަރުވަމުން ޔައީޝް ބުނެލިއެވެ.
“ވަރަށް ލޯބިވާނެ.. ލޯބިންގޮސް ތޮޅިފަ ރޮއްވާލާނީ” ޔީޝާ އެހެން ބުނުމުން އެންމެން ހޭން ފެށިއެވެ.
ހަވީރެވެ. އަފާގެ ދެބެން ގޮވައިގެން ހިނގާލަން ދާން ޔީޝާ ތައްޔާރު ވަމުން ދިޔައިރު ފޯނަށް އަންނަމުން ދިޔަ މެސެޖުތަކަށް އިރު އިރު ކޮޅާ ޖަވާބު ދެމުން ދިޔައެވެ. ފޯނަށް ފުލު ފުލުގައި އެއަންނަނީ ޔީޝާއާ އެއް އޮފީހެއްގައި މަސައްކަތްކުރާ ކުއްޖެއްގެ ޝަކުވާތަކެވެ. ޔީޝާ ޗުއްޓީގައި ރަށަށް އައުމުން ހުރިހާ މަސައްކަތެއް ކުރަން ޖެހެނީ އޭނާ އަށޭ ކިޔާ ބޮޑާ ހާކަނީއެވެ. ޔީޝާ ނެތުމުން އޭނާއަށް ބުރަވާނެކަން ޔީޝާއަށް އެނގެޔެވެ. މާލޭން ކޯސް ހަދާފައި ނޫސްވެރިއެއްގެ ގޮތުގައި ޔީޝާގެ ކެރިއާ ފެށިތާ މިހާރު ދެއަހަރު ފުރުނީއެވެ. މާލޭގައި އުޅުމަށް ޔީޝާ ހިޔާލު ކުރީ ރަށުގައި ހުންނައިރު ދާނިޝް މަތިން މާބޮޑަށް ހަނދާން ވާތީއެވެ. ބުރަ ވަޒީފާއެއް ހިޔާރު ކުރީވެސް އެހެންވެއެވެ. ނަމަވެސް ކިތަންމެ ބުރަކޮށް އުޅެމުން ދިޔަޔަސް ދާނިޝްގެ ހަނދާންތަކާ އެންމެ ސިކުންތަކަށްވެސް ދުރު ނުވެވެއެވެ. އެސޫރައާ ހިޔާލުތަށް އަބަދުމެ ސިކުނޑީގައި އެނބުރެމުން ދެޔެވެ.
ފޯނަށް އައި މެސްޖު ބަލާލާފައި ދެފަރާތަށް ބޯ ހޫރާލަމުން ޔީޝާ ލައިގެން ހުރި ހެދުމުގެ އަތް އުޅަން ބޯއްޓާހަމައަށް ހިއްލާލީ ހެދުން ލުމުގެ ކުރިން އަތުގައި ލޯޝަން ލާން ހަނދާން ނެތުމުންނެވެ. އަތަށް ލޯޝަން ކޮޅެއް އަޅާލުމަށް ފަހު އަތުގައި ހާކާލި ވަގުތު ޔީޝާގެ އަތުގައި މަޑު ތުރު ތުރެއް އުފެދުނީ މުލައްދަނޑީގައި އަތް ޖެހުމުންނެވެ. އަތްތިލައެއްގެ ނިޝާނަށް ކަޅުވެފައި އިން ތަނުގައި ޔީޝާގެ އިނގިލިތައް ދަތުރު ކޮއްލިވަގުތު ފަސް އަހަރު ކުރީގެ މާޒީ ލޯކުރިމަތީ ސިފަވެގެން ދިޔައެވެ. އޭނަގެ ހަޔާތް އެފުށް މިފުށަށް ޖަހާލި ޒަބޫރިޝްގެ ފަރާތުން ޔީޝާ އެކޮށް މިންޖުވި ނަމަވެސް ޔީޝާގެ ހަށިގަނޑުން ނުފިލާ މި ލަކުނުން ހީވަނީ އަދިވެސް ޔީޝާއަކީ ޒަބޫރިޝްގެ މިލްކެއްހެނެވެ. ޒަބޫރިޝްގެ އުނދަގޫ ދެން އޭނާއަށް ނުޖެހޭނޭކަން އެނގުނަސް އަމިއްލަ ރައްކާތެރިކަމާ މެދު ޔީޝާ އަދިވެސް ކަންބޮޑުވަނީ އެހެންވެއެވެ. އަމިއްލަ ހަށިގަނޑު ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހަޔާތުގެ އަނދިރި ދުވަސްތައް ލޯކުރިމަތީ ތަކުރާރު ވާތީއެވެ.
“މާޝާﷲ.. ދަރިފުޅު ދުވަހެއް ދުވަހެއް ތިދަނީ ރީތިވަމުން..” ލޯޝަން ލާން އުޅެނިކޮށް ލަކުނު ފެނިގެން ހުއްޓުން އަރާފައި ހުރި ޔީޝާ ސިހުނީ ކޮޓަރިއަށް ވަދެގެން އައި ރާޝިދާގެ އަޑަށެވެ. އަވަސް އަވަހަށް ހެދުމުގެ އަތް ތިރި ކޮއްލަމުން ޔީޝާ ކީކޭހޭ އަހާލިއެވެ. ޔީޝާ ކައިރީ ހުއްޓިލަމުން ރާޝިދާ ޔީޝާގެ ބޮލުގައި ބުރުގާ މަތިން ފިރުމާލަމުން އޭނާގެ ބުނެލި އެތި ތަކުރާރު ކޮއްލިއެވެ. މަންމަގެ ފަރާތުން އިވުނު ތައުރީފުގެ ބަސްތަކުން ޔީޝާގެ ތުންފަތް މަތީ ހިނިތުންވުމެއް ފަވާލިއެވެ.
ކަކުލާ ހަމައަށް އަންނަ ގޮޅި ޖެހި ގަމީސް ހެދުމާއި ކަޅު ޝޯލްގައި ޔީޝާ ވަރަށް ރީއްޗެވެ. ޔީޝާ އަށްވެސް އޭނާ ބުރުގާ އެޅުމުން މާ ގުޅޭކަމަށް ގަބޫލު ކުރެވެއެވެ. ޔީޝާ ބުރުގާ އެޅީ ހަތަރު އަހަރު ކުރިން ހައްޖު ދުވަހުއެވެ. ފުރަތަމަ ބުރުގާ އަޅައިގެން އަމިއްލަ ސޫރަ ފެނުނު ދުވަހު ކުރިން އޭނާއަށް ބުރުގާ އެޅުނު ނަމައޭ ޔީޝާ ހިތަށް އެރިއެވެ. ދާނިޝް އަށްވެސް ޔީޝާގެ މިސިފަ މާ ކަމުދާނޭ ޔީޝާއަށް ހީވާތީއެވެ.
“ކަމަކުތަ؟” ރާޝިދާ އެހުރީ ވަހަކައެއް ބުނަން ބޭނުންވެފައި ހެން ހީވެގެން ޔީޝާ އަހާލިއެވެ.
“ކަމަކު ނޫން.. ބުރުގާ ނާޅާ ބޭރަށް ނުނިކުންނާތިވޭ ބުނަން” ރާޝިދާ ބުނެލިއެވެ. ބޭރުގައި އުޅެނީ ކާކުތޯ އަހަން އުޅެފައިވެސް ޔީޝާ އަޅާ ނުލީ މުޅި ގޭގައި ދުވަން ފެށި ދުންދަނޑީގެ މީރު ވަހުންނެވެ. ފާތިހާ ކިޔަވަން އަންނަ މީހާ އައީކަން ޔީޝާއަށް އެނގުނެވެ. ހައްވާދީގެ މަރަށް ތިން އަހަރު ފުރުނީކަން ޔީޝާ ހަނދާންވީ ދެނެވެ. ހައްވާދީ ނިމިދިޔައީ ދެއަހަރު ވަންދެން އެއްފަޅި ވާގިނެތި ވަރަށް ހާލުގައި އޮވެއެވެ. އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވި ނިކަމެތިވި ހައްވާދީގެ ފަހު ދުވަސްތައް ހޭދަކުރީ ދަރިފުޅު ރާޝިދާގެ ކައިރީގައެވެ. ހައްވާދީގެ ސަބަބުން ރާޝިދާގެ ދަރިފުޅުގެ ދިރިއުޅުން ހަލާކުވެގެން ދިޔަ ނަމަވެސް އެ މަންމަ ދެކެ ރުޅިއައިސް ދުރުކޮށްލަން ރާޝިދާއަށް ނުކެރުނީއެވެ. އެއީ ޔީޝާވެސް ބޭނުންވި ގޮތެވެ. ޔީޝާއަށް ވީކަންތަކުން ހައްވާދީ ކުށްވެރިކުރާކަށް ޔީޝާ ބޭނުމެއް ނުވެއެވެ. އެއީ އޭނާގެ ބަދު ނަސީބުކަން ކަމަށް ޔީޝާ މާ ކުރިންސުރެ ވަނީ ގަބޫލުކޮށްފައެވެ.
“މަންމަ ވާހަކައެއް އަހާލަންތަ؟” ޔީޝާ ކައިރީ އިށީންނަމުން ރަޝިދާ އަހާލިއެވެ.
“އަހާބަލަ… މަންމަ ވާހަކައެއް އަހަން ބޭނުންވިއަސް އަހަރެން ކައިރިން ހުއްދަ ހޯދަން ޖެހޭތަ” ޔީޝާ ހެވިފައި އިނދެ ބުނެލިއެވެ.
“މަންމަ ކުރީ ދުވަހު ބުނީމެއްނު ކުއްޖެއްގެ ވާހަކަ.. މަންމަގެ ރައްޓެއްސެއްގެ ފިރިހެން ދަރިއެއްގެ ވާހަކަ..” ރާޝިދާ ދައްކަން ފެށި ވާހަކައަކުން ޔީޝާގެ މޫނު ފުސްވިއެވެ. މޫނު މަތީވި ހިނިތުންވުން ވަގުތުން ފިލައިގެން ދިޔައެވެ.
“އެއީ ވަރަށް ރަނގަޅު ކުއްޖެކޭ.. އަހްލާގު އެހާ ރަނގަޅު.. އަނެއްކާ މުސާރަ ބޮޑު ވަޒީފާއެއްގަ އެއުޅެނީ.. މަންމައަށް ޔަގީން އޭނަ ފަރާތުން ޔީޝާއަކަށް އެއްކަމެއްވެސް އުންޏެއް ނުވާނެކަން” ޔީޝާ ހިތްހަމަ ނުޖެހުނުކަން އެނގިހުރެވެސް ރާޝިދާ ބުނެލިއެވެ.
“މަންމާ.. އަހަރެން ކިތައްފަހަރު ބުނާނީ އަހަރެން ކައިރީ ތިކަހަލަ ވާހަކަ ނުދައްކާށޭ.. އަހަންނަށް ހެވޭ ކިތަންމެ ރަނގަޅު މީހަކަށްވިއަސް.. އަތުގަ ކިތަންމެ ފައިސާއެއް ހުއްޓަސް ލޯބިނުވެ މީހަކާ އިނދެވޭތަ.. ކިތައްފަހަރު އަހަރެން ބުނަންޖެހޭނީ އަހަރެން އަދި މީހަކާ އިންނާކަށް ބޭނުމެއް ނޫނޭ” ޔީޝާ އިސްޖަހާލަމުން ބުނެލިއެވެ.
“އަބަދު އެކަނި އުޅެވޭތަ.. މިހާރު ތިހިރީ މީހުނާ އިނދެ ދަރިން ހޯދާ އުމުރަށް ގޮސްފަ.. މަންމައަށް އެނގޭ އުނދަގޫވާނެކަން.. އެކަމު ދަރިފުޅުވެސް މަސައްކަތް ކުރީމަ ދޯ ކުރިއަށް ދެވޭނީ.. އަބަދު ތިހިތާމާގަ ހުރުން ބުއްދިވެރިއެއް ނޫން” ރާޝިދާ ބުނެލިއެވެ.
“އަބަދު ހިތާމަކޮށް ރުއިމުގައެއް ނޫނޭ އަހަރެން މިއުޅެނީ.. އަހަރެން މިހާރު ހެޕިއޭ.. ދާނިޝް ނެތޭ ކިޔާފަ އަހަރެން އަބަދު ޑިޕްރެސް ވެފައެއް ނޫނެއްނު މިހުންނަނީ.. މަންމަ ބޭނުންވާހެން މީހުނާ އެކީ އުޅެ ސަކަރާތް ޖަހާ ހަދަމޭނުން.. ރަނގަޅު ވަޒީފާއެއްވެސް ހޯދާ ދިރިއުޅުމާގެން ކުރިއަށް ދަނީނުން.. އަހަރެން ބުނާ ހަމައެކަނި ވާހަކައަކީ އަހަރެން އަދި މީހަކާ އިންނާކަށް ބޭނުމެއް ނުނޭ.. އެހެން މީހަކު ދެކެ ލޯބިވާކަށް ތައްޔާރެއް ނޫނޭ” އެނދުމަތިން ތެދު ވަންނަމުން ޔީޝާ ބުނެލިއެވެ.
“ޔީޝާ މަންމަ މިދައްކަ ވާހަކަ އަޑުއަހާބަލަ..” ރާޝިދާ ބުނެލިއެވެ.
“އަހަރެން މަންމަ ދައްކާ ވާހަކަ އަޑުއަހަން.. މިފަހަރު މަންމަވެސް އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ.. ޕުލީސް.. މީހަކާ އިންނާށޭ ކިޔާ އަހަންނަށް މަޖުބޫރު ނުކޮށްބަލަ.. އަދި މިވީ އެންމެ ފަސް އަހަރޭ. ލޯބިވާ މީހަކު މަތިން ހަނދާން ނައްތާލަން އެއީ ފަސޭހަ ކަމެކޭ މަންމައަށް ހީވަނީތަ.. އަހަރެން މީހަކާ ނީންދެގެން މަންމައަށް އުނދަގުލެއް ވަންޏާ އައިމް ސޮރީ.. އައިމް ސޮރީ އެކަމު އަހަރެން އަދި ވަގުތު ބޭނުންވޭ..” ޔީޝާ އެހެން ބުނެފައި ކޮޓަރިން ނުކުތެވެ. ޔީޝާ އެތާ ހުރެއްޖެނަމަ ރާޝިދާ އަނެއްކާވެސް އެވާހަކަ ފަށާނެ ކަން އެނގޭތީއެވެ.
ޔީޝާ ހިތްހަމަ ނުޖެހިފައި ދިޔުމުން ރާޝިދާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ދެފަރާތައް ބޯހޫރާލާފައި ރާޝިދާ ދިޔައީ އޭނަގެ ކޮޓަރިއަށެވެ. އެއީ ޔާސިރުވެސް ފާހާނައިން ނުކުތް ވަގުތެވެ.
“އަނެއްކާ ޔީޝް ކައިރީ އެވާހަކަ ދެއްކީ ދޯ.. ރާޝިދާ ތިހެން ކަންތައް ކުރަން ވެއްޖެއްޔާ މިހާރު ޔީޝް ރަށަށް އަންނަ ވަރަށްވެސް ނާންނަން ފަށާފާނެ..” ރާޝިދާގެ މޫނުމަތި ހުރިގޮތުން ޔާސިރުއަށް އެނގުނެވެ.
“އެކަމު ފާތުމަ ގޯތި އެސޮރަކީ ވަރަށް ރަނގަޅު ސޮރެއް.. އެހެންވެއޭ އެވާހަކަ ދެއްކެނީ.. ޔާސިރު ބޭނުމެއް ނުވޭތަ ޔީޝްއާ އެސޮރު ގުޅޭކަށް” ރާޝިދާ ބުނެލިއެވެ.
“ނޫން.. ފާތުންގެ ދަރިއަކީ ރަނގަޅު ކުއްޖެއް.. އެކަމު އެހެނޭ ކިޔާފަ އަހަރެމެން ނުވާނެއްނު ޔީޝާއަށް މަޖުބޫރު ކުރާކަށް.. ޔީޝާ އަމިއްލައަށް ބޭނުންވެގެން ނޫނީ ކައިވެންޏެއް ކުރާކަށް އަހަރެން ނޭދެން.. އޭރުން ޔިޝާއަށް ހަގީގީ އުފަވެރިކަން ނުލިބިދާނެ.. އަހަރެމެން ދެކެ ރުޅިވެސް އައިސްދާނެ.. ޔީޝާއަށް ވަގުތު ދެމާ.. ހަގީގަތުގަ ޔީޝާއަށް ކުރާ އަސަރާ ވޭން އަހަރެމެނަކަށް ނޭނގޭނެ..” ޔާސިރު ބުނެލީ އޭނާ ގަބޫލުކުރާ ގޮތެވެ. ޔާސިރުގެ ވާހަކަ ގަބޫލުކުރަމުން ރާޝިދާ ބޯޖަހާލިއެވެ.
“އަހަރެން ދުނިޔޭގާ ހުއްޓާ އެދަރިފުޅު މީހަކާ އިނދެ ލޯބި ކުދިންކޮޅެއް ހޯދާނޭ ދުވަސް ދެކޭ ހިތްވާތީ ބުނެވެނީ” ރާޝިދާ އެހެން ބުނުމުން ޔާސިރު އައިސް ރާޝިދާގެ ކޮނޑުގައި ހިފާލިއެވެ.
“އަހަރެންވެސް ތިދުވަސް ދެކެން ބޭނުންވެއޭ.. އެކަމު އަދި އެކުއްޖާއަށް ވަގުތު ކޮޅެއް ދެމާ.. ޔީޝާ އެކަމަށް ތައްޔާރުވީމަ އެކަން ކުރާނެ” ޔާސިރު ބުނެލިއެވެ.
ރާޝިދާ ދައްކަން ފެށި ވާހަކައަކުން މިލާފައިވާ ޔީޝާގެ މޫނުމައްޗަށް ކުރިން ހުރި ހިނިތުންވުން ގެނުވީ ބޭރަށް ނުކުތްއިރު ފެންޑާގައި ހުރި އުނދޯލީގައި އިން މަލަކާއާއި އޭނާގެ ދޮޅުއަހަރުގެ ދަރިފުޅު ފެނުމުންނެވެ. ދުވެފައިގޮސް މަލަކާގެ އުނގުގައި އިން ތުއްތު މިޝްކާ އުރާލިއެވެ.
“ރެޑީ ވެވިއްޖެ ދޯ.. އަހަރެމެން ދަރިން ގެންގުޅޭ މީހުނަށްވުރެ މީނަ ލަސްވާނެ” މަލަކާ ދެފަރާތަށް ބޯހޫރާލަމުން ޕިސް ޖަހާލިއެވެ.
“ދެން މައްސަލައެއް ނެތޭ.. މިތާ އަނގަ ތަޅަން ތިއްބަކަސް އަވަހަކަށް ނުދެވޭނެ.. ދެންވެސް ނުކުންނަން އުޅޭ..” މަލަކާއާއި އަފާ އޭނާ ތައްޔާރުވާން ގިނަވަގުތު ނަގާ ކަމާމެދު ބަހުސްކުރަން ފަށާފާނެތީ ޔީޝާ އަވަހަށް ބުނެލިއެވެ. އެއަށްފަހު ތިންމީހުން ކުދިވެރިންގޮވައިގެން ނުކުތެވެ.
ހަވީރު ފިންޏަށް ބުރުޖަހާ މިހުނާ ހިނގާލަން ނުކުމެ އުޅޭ މީހުނުން ރަށުގެ ފުއްޓަރަށް ދިރުމެއް އައިސްފައި ވެއެވެ. ތުއްތު ކުދިންތަށް ހީ ސަކަރާތް ޖަހަމުން ދުވެ ނަގާއިރު އެކުދިންގެ މައިންބަފައިން ތިބީ އޮލަ ވާހަކައިގައެވެ. ދުނިޔެއަށް ޖެހޭ ސާފު ވައިން ސިކުނޑި ތާޒާކޮށްލަން ނުކުމެ އުޅޭ މުސްކުޅިންނާއި، އަތުގުޅާލައިގެން ތިބެ މާފޮޅުވަމުން ދިޔަ ޒުވާނުންނެއްވެސް މަދެއް ނޫނެވެ.
“ހައިފާ ނެތީމަ ފޫހިދޯ.. އޭނަ ވެއްޖެ ވިއްޔަ ބީރައްޓެހި ސޮރަކާ އިންނަން.. އެކަމާ ހުރެ މިހާރު އަހަރެމެންނަކަށް އޭނަ ނުވެސް ފެނޭ” މަލަކާ ބުނެލިއެވެ.
“އާން ދޯ.. މިހާރު އެންމެން އެއްވެލައިގެން ކަމެއް ނުކުރެވޭތާވެސް ހާދަ ދުވަހެއް ވެއްޖެއޭ.. އޭނަ ރަށަށް އަންނާނީވެސް އަހަރެން މާލޭގަ ހުންނަ އިރު” ޔީޝާ ބުނެލިއެވެ.
“އޭނަ އަދިވެސް ނޫޅޭ ދޯ ކުއްޖަކު ހޯދާކަށް… އަހަރެން ކުރީދުވަހު އަހާލީމަ ބުނި އަދި އަހަރެއް ފަހުންނޭ އެކަމާ ވިސްނާނީ” އަފާ ބުނެލިއެވެ.
“އާން އެއީ އަފާއެއް ނޫނޭ.. މީހަކާ އިނީމަ އަފާއެކޭ ޖަޕާނު މަހެކޭ ތަފާތެއް ނެތް.. ކައިވެންޏަށް ކިރިޔާ ފަސް އަހަރުވީ މިހާރު ތިންވަނަ މީހާ ކިއުގަ” މަލަކާ އަބަދުހެން އަފާއަށް ކުރާ ދިމާ ކުރުންގަނޑު ފެށިއެވެ.
“ކޮބާ މައްސަލައަކީ.. މިއީ ލޯބީގެ ނިޝާނޭ.. އަދި ހުއްޓާލާކަށް ހިޔާލެއް ނުކުރަން” އަފާ ބުނެލިއެވެ.
“މިވަރުން ދަންޏާ ޓީމެއް ހަމަ ކުރާނެ ކަންނޭނގެ” މަލަކާ އެހެން ބުނުމުން އަފާ ބޯޖަހާލިއެވެ.
“ޔަގީނެއްނު” އަފާ އެހެން ބުނުމުން ތިންމީހުން ހޭންފެށިއެވެ.
“ދެން ޔީޝް ދޯ މިކަމާ އުޅެންވީ” މަލަކާ އެހެން ބުނުމުން ޔީޝާ ދެފަރާތަށް ބޯހޫރާލީ ކޮންކަމެއް ހެއްޔޭ އަހާލާ ފަދައިންނެވެ.
“ދަރިއަކު ހޯދުން.. އާން.. އަދި ފުރަތަމަވީ މީހަކާ އިންނަންތާ ދޯ.. ކޮންއިރަކުން އެކަމާ އުޅޭނީ؟” މަލަކާ އެހެން ބުނުމުން ޔީޝާ އިސްޖަހާލިއެވެ.
“ޕްލީސް ކަލެމެންވެސް ދެން އެވާހަކަ ފަށަން އުޅޭނި ކަމެއް ނެތް.. މިހާރު އެ މައުޟޫއާ ހުރެ މަންމައާ ބޮޑު ފައިޓެއް ކުރެވިއްޖެ.. އަހަރެން އަދި ކައިވެންޏެއް ކުރާކަށް ތައްޔާރެއް ނޫން” ޔީޝާ ބުނެލިއެވެ.
“އެކަމު މީހަކާ ނީންދެ ހުންނާކަށް ނުވާނެ.. ތިހެން ހުއްޓާ މީހާ އުމުރު ހިނގައި ދާނެ” މަލަކާ ބުނެލިއެވެ.
“އަސްލު މިއީ ޔީޝް ދެރަކުރަން ދައްކާ ވާހަކައެއް ނޫން.. ޔީޝްއަށް ރަނގަޅަކަށް. ތިހެން އެކަނިވެރިކޮށް އުމުރު ދުއްވާލާކަށް ނުވާނެ” އަފާ އެހެން ބުނުމުން މަލަކާވެސް އެވާހަކައާ އެއްބައި ވަމުން ބޯޖަހާލިއެވެ.
“އަހަންނަށް އެނގެޔޭ އެންމެންވެސް އެދެނީ އަހަންނަށް ރަނގަޅު ގޮތްކަން.. އެކަމު އަހަރެން މިއުޅެނީ އެކަންޏެއް ނޫނެއްނު… މަންމަމެން އެބަތިބި.. ރައްޓެހިން އެބަތިބި.. އަނެއްކާ ކަލެމެންވެސް ތިތިބީން އަހަރެންނާއެކީ.. ދެން ކޮން އެކަންޏެއް އަހަރެން ވާނީ.” ޔީޝާ ބުނެލިއެވެ.
“މިދައްކަނީ އެވާހަކައެއް ނޫނޭ.. މަންމަ ބުނި ކޮންމެސް ފާތުންއެއްގެ ފިރިހެން ދަރިއެއްގެ ވާހަކަ.. ޔީޝްއާ މިވާހަކަ ދައްކާލަބަލާށޭ މަންމަ ބުނެފަ އޮތީ” އަފާ ބުނެލިއެވެ.
“ހެޔޮނުވާނެ އޭނަގެ ވާހަކަ އަހަރެން ކައިރީ ނުދައްކާ.. މަންމަވެސް މިހާރު އެވާހަކަ ދައްކާފި.. ދެންވެސް އަހަންނަށް ދެވޭނީ އެއް ޖަވާބެއް.. އަހަރެން އަދި ކައިވެންޏެއް ކުރާކަށް ތައްޔާރެއް ނޫނޭ.. ސޯ މިހިސާބުން މިޓޮޕިކަށް ވާހަކަ ދެއްކުން ނިމުނީ…” ޔީޝާ އެހެން ބުނެފައި އެމީހުނަށްވުރެ ހިނގުން ބާރުކޮއްލިއެވެ. އަދި އަތް ފުރާ ގާހޮވަމުން ދިޔަ ދެބެންނާ އެއްހަމަ ކުރިއެވެ. އެމީހުންގެ ސަކަރާތުގައި ބައިވެރިވާ ކަމަށް ހެދި ޔީޝާ އެދިޔައީ އެމީހުންގެ ވާހަކަ އަޑު ނާހަންށެވެ. އަފާއާއި މަލަކާ އެކަކު އަނެކަކު މޫނަށް ބަލާލާ ފުން ނޭވައެއް ދޫކޮއްލިއެވެ.
މަލަކާއާއި އަފާ އެތަނުގައި އޮތް ގަސްގަނޑެއް މަތީ އިށީނުމުން ޔީޝާ ދިޔައީ މޫދު ކައިރިއަށެވެ. ރާޅުތައް އައިސް ފައިގައި ބީހިލާފައި ދާ މަންޒަރު ބަލަން ޔީޝާ ހުއްޓެވެ. ބޮޑު ނޭވާއެއް ހަށިތެރެއަށް ދަމާލީ މާލޭގެ ހަލަބޮލި މާހައުލުގައި އުޅޭތީ އެތެރެ ހައްޓަށް ވަދެފައިވާ ނުސާފު ވައިކޮޅު ސާފުކޮއްލި ފަދައިންނެވެ.
“އަހަރެން ކައިރީ ދާނިޝްވެސް ހުރިނަމަ.. ދާނިޝް ހުރިނަމަ މިހާރު އަހަރެމެންގެވެސް ލޯބި ލޯބި ކުދިންކޮޅެއް ތިބީސް.. އެކުދިން ދުވެ މަޖާ ކުރާތަން އަހަރެމެން ބަލަން ތިބުން އެއީ ކިހާ އުފާވެރި ވަގުތު ކޮޅަކަށްވީސް.. ވަރަށް ހަނދާންވޭ.. ވަރަށް ބޮޑަށް ހަނދާންވޭ.. ދާނިޝްއާ ނުލާ އުފަލުގަ ހުންނަން ވަރަށް މަސައްކަތް ކުރަން.. އެކަމު މިހިތް ހަމައެކަނި އެދެނީ ދާނިޝް.. ދަނިޝްއާ ނުލާ އުފަލެއް ނެތް.. ދާނިޝްގެ ވަސިއްޔަތް ފުރިހަމަ ކުރަން ވަރަށް މަސައްކަތް ކުރަން.. އަހަރެންނަށް އެކަން ކުރެވެން ކިތަންމެ ދުވަހެއް ނެގިއަސް އިންޝާﷲ އެކަން ކުރާނަން.. ދާނިޝްގެ އެދުމަކީ އެއީނަމަ އަހަރެން އެކަން ކުރާނަން.. އެކަމު ތިޔަ ސޫރަ.. ތިޔަ ލޯބި އަހަރެންގެ ހިތަކުން ފޮހެއެއް ނުލާނަން.. ނުވެސް ފޮހެވޭނެ.. އައި ވިލް ލަވް ޔޫ” ކުރިމަތީވި މާކަނޑާ ދިމާ ދުރު ބަލާލަން ޔީޝާ ހުރީރު އޭނާގެ ހިތުގައި ވިއެވެ.
“އޯލްވޭސް އެންޑް ފޯއެވަރ” ލޮލަށް ޖަމާވި ކަރުނަޔާއެކު ޔީޝާގެ ދުލުން މަޑުމަޑުން އެ ތިން ލަފްޒު ބޭރު ކޮއްލީރު ތުންފަތް މައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.
(ނިމުނީ)
2 Comments!
Comments are closed.




So niceeee. Im in love with this storyy. Dhen nimumydhoa ekkoh? When new story eh up kuran fashaany. Alhe dhaanish hurinama dhoa. Eeyrun hama varah reethi vaane. Ekamaku eki stories eki goiygothah dhoa nimeynee. Miee ves hama varah salhi gotheh. Love u dheem n ekku.
Lysm
Tc
Byeee❤❤❤
Hope to see u soon in the next story
Masha Allah i love this story so much ❤?
And yeesha 5 years vee iru ves move on nukuraathi varah touch vi…? sis ge ehen story akah varah inthizaaru kure vey… yeesha and dhaanish i love this couple….☺ my favorite story mi site ga ves… badhu naseebuge hiyani ????????
Love you sis❤
Take care ?
Eid Mubarak