Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

ޔޫސުފުގެފާނު ވާހަކަ: ޤުރްއާނުގައިވާ އެންމެ ރީތި ވާހަކަ 04

Ali Ihsaan Level 210 Stories100 Login
July 12, 2021 6 Mins Read
0 Comments

ޖަލުގެ އެކުވެރިން

ޔޫސުފު ޢަލައިހިއްސަލާމު ޖަލަށް ލެވުނު ދުވަސްވަރުގައިމެ، އެހެން ދެ މީހަކުވެސް ޖަލަށް ލެވުނެވެ. އޭގެ ތެރެއިން އެކަކީ ރަސްގެފާނަށް ރާފޮދު އަރުވާ މީހާއެވެ. އަނެކަކީ ރަސްގެފާނަށް ރޮށި ފިހެދޭ މީހާއެވެ. މިދެމީހުންނަށް ވަރަށް އާދަޔާ ޚިލާފު ދެ ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގެ ވާހަކަ އެ ދެ މީހުން ޔޫސުފުގެފާނުގެ އަރިހުގައި ދެންނެވިއެވެ.

[ އޭގެތެރެއިން އެކަކު ދެންނެވިއެވެ. ހަމަކަށަވަރުން، ރާހެދުމަށް، ތިމަން މޭބިސްކަދުރުން ދިޔަފެލާތީ ތިމަންނާއަށް ހުވަފެނުން ފެނުނެވެ. އަދި އަނެކަކު ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންގެ ބޮލުގައި ރޮށިތަކެއް ބަހައްޓައިގެން ދަނިކޮށް، ދޫނި އެއިން ކާތީ ތިމަންނާއަށް ހުވަފެނުން ފެނުނެވެ. މިކަމުގެ މާނަ ތިމަންމެންނަށް ކަލޭގެފާނު ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، ތިމަންމެން ކަލޭގެފާނު ދެކެނީ، އިޙްސާންތެރިންގެ ތެރެއިންވާ ބޭކަލަކު ކަމުގައެވެ.] {ޔޫސުފު 36}

މި ދެ މީހުންގެ ވާހަކަ އަޑު އައްސަވައި ޔޫސުފުގެފާނު ވިދާޅުވިއެވެ.

[ތިޔަ ދެމީހުންނަށް ލިބޭ ކާނާއެއް ތިޔަ ދެމީހުންނަށް އައުމުގެ ކުރިން، ތިމަންކަލޭގެފާނު ތިޔަ ދެމީހުންނަށް އެއީ ކޮންއެއްޗެއްކަން އަންގައިދެއްވާހުށީމެވެ. އެއީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިމަންކަލޭގެފާނަށް އުނގަންނައިދެއްވި ކަންތަކުގެ ތެރެއިން ކަމެކެވެ. اللَّه އަށް އީމާން ނުވާ ބަޔެއްގެ ދީން ހަމަކަށަވަރުން، ތިމަން ދޫކޮށްލައިފީމެވެ. އަދި އެއުރެންނީ، ހަމަ، އާޚިރަތަށް ކާފިރުވެ ވެގެންވާ ބަޔެކެވެ. އަދި ތިމަންކަލޭގެފާނުގެ ކާބަފައިކަލުނަވި އިބްރާހީމު ގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނުގެ ދީންއަށް ތިމަންކަލޭގެފާނު ތަބަޢު ވެވަޑައިގަތީމެވެ. اللَّه އަށް އެއްވެސް އެއްޗެއް ޝަރީކު ކުރުމަކީ ތިމަންމެންނަށް އޮތްކަމެއްނޫނެވެ. އެއީ ތިމަންމެންނަށާއި، މީސްތަކުންނަށް اللَّه ދެއްވި ފަޟުލު ވަންތަކަމުގެ ތެރެއިންވާ ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަލާނގެއަށް) ޝުކުރު އެއް ނުކުރެތެވެ. އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ވަކިވަކިވެގެންވާ ކަލާނގެ ތަކެއްހޭ ރަނގަޅީ، ނުވަތަ އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه ހެއްޔެވެ؟ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން އެ އެއްޗިއްސަށް ނަންދީފައިވާ އެއްޗެހިތަކަކަށްމެނުވީ، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަމެއް ނުކުރަމުއެވެ. އެ އެއްޗަކަށް (އަޅުކަންކުރުމަށް) އެއްވެސް ޙާޖަތްއެއް اللَّه ބާވައެއްނުލައްވަތެވެ. اللَّه އަށް މެނުވީ ޙުކުމު ކުރެއްވުމެއްނެތެވެ. އެކަލާނގެއަށް ފިޔަވައި ތިޔަބައިމީހުން އަޅުކަން ނުކުރުމަށް އެކަލާނގެ ވަނީ أمر ކުރައްވާފައެވެ. އެއީ ޙައްޤު ތެދު ދީން އެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. ” {ޔޫސުފު ސޫރަތުގެ 36 ވަނަ އާޔަތުން ފެށިގެން 40 ވަނަ އާޔަތުގެ ނިޔަލަށް}

އޭގެ ދެ މީހުން އިސްލާމްވުމުން، ޔޫސުފު ޢަލައިހިއްސަލާމު  އެ ދެ މީހުންނަށް، ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ ތަޢުބީރު ވިދާޅުވެ ދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

[އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ތިޔަ ދެމީހުންކުރެ އެކަކު ދަންނާށެވެ! ފަހެ، އޭނާގެ ސާހިބުމީހާއަށް އޭނާ ރާ ދޭނެތެވެ. އަދި އަނެކަކު ދަންނާށެވެ! ފަހެ، އޭނާ ޞަލީބު އަށް އެރުވޭނެތެވެ. ދެން އޭނާގެ ބޮލުން ދޫނި ކާނެތެވެ. ތިޔަ ދެމީހުން އޮޅުންފިލުވަން އުޅޭކަންތައްވަނީ (އެގޮތަށް) ނިޔާކުރައްވާފައެވެ.] {ޔޫސުފު 41}

އޭގެ ތެރެއިން ސަލާމަތްވާނެ މީހާކަމުގައިވާ ރަސްގެފާނަށް ރާފޮދު އަރުވާ މީހާއަށް ޔޫސުފު ޢަލައިހިއްސަލާމު ވިދާޅުވިއެވެ. [ހަމަކަށަވަރުން ކަލޭ އަހަރެންގެ ވާހަކަ ރަސްގެފާނަށް ދަންނަވައި ދެއްވާށެވެ.] ނަމަވެސް ޝައިޠާނާގެ ސަބަބުން އޭނާ ޔޫސުފުގެފާނު މަތިން ހަނދާން ނެތުނެވެ. އޭގެ ސަބަބުން އެތަކެއް އަހަރުވަންދެން ޔޫސުފުގެފާނު ޖަލުގައި ހައްޔަރުވެވަޑައިގެން ހުންނަވަން ޖެހިވަޑައިގެންނެވިއެވެ. މިވާހަކަ ޤުރްއާނުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.

وَقَالَ لِلَّذِي ظَنَّ أَنَّهُ نَاجٍ مِّنْهُمَا اذْكُرْنِي عِندَ رَبِّكَ فَأَنسَاهُ الشَّيْطَانُ ذِكْرَ رَبِّهِ فَلَبِثَ فِي السِّجْنِ بِضْعَ سِنِينَ ﴿٤٢﴾

މާނައީ: [އެ ދެމީހުންކުރެ ނަޖާވާނެކަމަށް ހީކުރެއްވި މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ވާހަކަ، ތިބާގެ ސާހިބުމީހާގެ ގާތުގައި ކިޔައިދޭށެވެ! ފަހެ، އޭނާގެ ސާހިބުމީހާގެ ގާތުގައި އެވާހަކަދައްކަން ޝައިޠާނާ އޭނާ ހަނދާން ނެއްތިއެވެ. ފަހެ (އެކަމުގެ ސަބަބުން) އެކަލޭގެފާނު ޖަލުގައި (އިތުރު) އެތައްއަހަރަކު ހުންނެވިއެވެ.]

މިދެންނެވި އާޔަތުގައިވާ [بِضْعَ سِنِينَ ] އޭ ގޮތް ބަސްފުޅުގެ މުރާދަކީ ތިން އަހަރާއި ނުވަ އަހަރާ ދެމެދުގެ މުއްދަތެއް ކަމަށް މުޖާހިދު ވިދާޅުވެފައިވެއެވެ. ވަހަބު ބުން މުނައްބިހު ވިދާޅުވެފައިވެއެވެ. [އައްޔޫބުގެފާނު އާލާސްކަންފުޅާ ހަތްއަހަރު ދުވަސް އުޅުއްވިއެވެ. ޔޫސުފުގެފާނު ޖަލުގައި ހަތްއަހަރު ދުވަސް ވޭތު ކުރެއްވިއެވެ. އަދި ހަތްއަހަރު ވަންދެން ބުޚްތުނަޞްރު އަށް ދުނިޔެމަތީގެ ޢަޛާބު ޖެހުނެވެ.] ބުޚްތުނަޞްރު އަކީ ބާބިލުގައި ރަސްކަންކުރި ޖައްބާރު ރަސްކަލެކެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު 171 ވަނަ ޞަފްޙާ}

ރަސްގެފާނުގެ ހުވަފެން

ޔޫސުފު ޢަލައިހިއްސަލާމު  އަށް ޖަލުން ދިމާވި އެކުވެރިންގެ ތެރެއިން ރަސްގެފާނަށް ރާފޮދު އަރުވާ މީހާ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެކަލޭގެފާނުގެ މަތިން ހަނދާންނެތިފައި ހުއްޓެވެ. އެހެން ހުއްޓާ ރަސްގެފާނަށް ވަރަށް އާދަޔާ ޚިލާފު ހުވަފެނެއް ފެނިވަޑައިގަތެވެ. އޭނާއަށް ފެނުނީ ހިކިހަތް ގެރި އައިސް ފަލަ ހަތްގެރި ކަނިކޮށެވެ. މިހުވަފެންފުޅު ފެނިވަޑައިގަތުމުން ރަސްގެފާނު ވަރަށް ޢަޖާއިބު ވެއްޖެއެވެ. އޭގެ ތަޢުބީރާމެދު އެކަމުގެ މާހިރުންނާ ސުވާލު ކުރުމުން އެބައިމީހުންގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިވަޑައެއް ނުގެންނެވިއެވެ. އެބައިމީހުން ބުނިހާވެސް ބަހަކީ އެއީ ހުސް ހާސަރުތަކެއް ކަމަށެވެ. އޭގެ އެއްވެސް މާނައެއް ނެތްކަމަށެވެ.  މިވާހަކަތައް ޔޫސުފު ސޫރަތުގެ 43 އަދި 44 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުންނެވެ.

وَقَالَ الْمَلِكُ إِنِّي أَرَىٰ سَبْعَ بَقَرَاتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعَ سُنبُلَاتٍ خُضْرٍ وَأُخَرَ يَابِسَاتٍ ۖ يَا أَيُّهَا الْمَلَأُ أَفْتُونِي فِي رُؤْيَايَ إِن كُنتُمْ لِلرُّؤْيَا تَعْبُرُونَ ﴿٤٣﴾ قَالُوا أَضْغَاثُ أَحْلَامٍ ۖ وَمَا نَحْنُ بِتَأْوِيلِ الْأَحْلَامِ بِعَالِمِينَ ﴿٤٤﴾

މާނައީ: “ރަސްގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއަށް (ހުވަފެނުގައި) ފަލަ ހަތް ގެރި ފެނެއެވެ. (ފެންނަނީ) ހިކި ހަތް ގެރި، އެ ގެރިތައް ކަނިކޮންނެވެ. އަދި ރޯ ހަތް ކުރާއާއި، ހިކި ހަތް ކުރާ ފެނެއެވެ. އޭ ބޮޑުންނޭވެ! ތިޔަބައިމީހުން ހުވަފެނުގެ މާނަ ކިޔައިދޭ ބަޔަކު ކަމުގައިވާނަމަ، އަހުރެންގެ މި ހުވަފެނާ މެދުގައި، އަހުރެންނަށް އޮޅުންފިލުވައިދޭށެވެ! އެއުރެން ދެންނެވޫއެވެ. (ތިޔައީ) ހުވަފެނުގެ ހާސަރެކެވެ. އަދި (އެކަހަލަ) ހުވަފެން މާނަކުރަން ދަންނަ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.”

ހުވަފެން ތަޢުބީރު ކުރާމީހުންގެ ޖަވާބާމެދު ރަސްގެފާނު ހިތްޕުޅު ހަމަޖެހިވަޑައިނުގެން އުޅުއްވާތަން، ރަސްގެފާނަށް ރާފޮދު އަރުވާ މީހާއަށް، އެނގުމުން އޭނާ އަށް ކުއްލިއަކަށް ޔޫސުފު ޢަލައިހިއްސަލާމު   ގެ މަތިން ހަނދުމަވިއެވެ. އަދި އެބައިމީހުންނާ ދިމާއަށް އޭނާ ބުންޏެވެ.

[އެ ހުވަފެނުގެ މާނަ ތިޔަބައިމީހުންނަށް ތިމަން ކިޔައިދީފާހުށީމެވެ. ފަހެ، ތިޔަބައިމީހުން (ޔޫސުފުގެފާނުގެ އަރިހަށް) ތިމަން ފޮނުވާށެވެ!] {ޔޫސުފު 45}

ދެން އޭނާ ޔޫސުފު ޢަލައިހިއްސަލާމު  ގެ އަރިހަށްގޮސް އެކަލޭގެފާނަށް ރަސްގެފާނަށް ފެނިވަޑައިގެން ހުވަފެނުގެ ތަފުޞީލު ބަޔާންކޮށް ދެއްވިއެވެ. އޭނާ ދެންނެވިއެވެ.

[(އޭނާ ދެންނެވިއެވެ.) އޭ ޔޫސުފުގެފާނެވެ! އޭ ތެދުވެރިޔާއެވެ! ހިކި ހަތް ގެރި (ވެގެން) ކާ، ފަލަ ހަތް ގެރިއާއި، ރޯ ހަތް ކުރާއާއި، ހިކި ހަތް ކުރާއާމެދު (އެބަހީ: އެ ހުވަފެނާމެދު) އަހުރެމެންނަށް އޮޅުންފިލުއްވައި ދެއްވާށެވެ! (އެއީ) ތިމަން އެއުރެން ގާތަށް އެނބުރިގޮސް ކިޔައިދިނުމަށްޓަކައެވެ. (އެއީ) އެއުރެންނަށް (އެކަން) އެނގުމަށްޓަކައެވެ.] {ޔޫސުފު 47}

ޔޫސުފު ޢަލައިހިއްސަލާމު މިހުވަފެނުގެ ވާހަކަ އަޑު އައްސަވައި ނުހަނު އަވަސް ފުރުޞަތެއްގައި، އެ ހުވަފެނުގެ ތަޢުބީރު ބަޔާންކޮށް ދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

[ވިދިވިދިގެން ހަތް އަހަރުވަންދެން ތިޔަބައިމީހުން ގޮވާންކުރާ ހުށިކަމެވެ! އަދި ތިޔަބައިމީހުން ކަނޑާ ގޮވާމެއް، ކުރާގަނޑުގައި ބަހައްޓާށެވެ! ކެއުމަށް ބޭނުންކުރާ މަދު އެތިކޮޅެއް މެނުވީއެވެ. ދެން އެއަށްފަހު، ތަދުމަޑު ހަތް އަހަރު އަންނާނެތެވެ. ތިޔަބައިމީހުން ރައްކާކުރި ތަކެތިން މަދުއެތިކޮޅެއް މެނުވީ، އެ އަހަރުތަކަށް ބަހައްޓާފައިހުރި ތަކެތި ތިޔަބައިމީހުން ކައިހުސްކުރާނޫއެވެ. ދެން އެއަށްފަހު، މީސްތަކުންނަށް ވާރޭފެން ގިނައިން ލިބޭނޭ އަހަރެއް އަންނާނެތެވެ. އަދި އެ އަހަރުގައި އެއުރެން (ދިޔަފެލާ ތަކެތިން) ދިޔަފެލާނެތެވެ.] {ޔޫސުފު 48 އަދި 49}

ދެން، ރަސްގެފާނަށް ރާފޮދު އަރުވާ މީހާގޮސް ރަސްގެފާނުގެ ދަރުބާރުގައި ޔޫސުފު ޢަލައިހިއްސަލާމު  ހުވަފެން ތަޢުބީރުކޮށް ދެއްވި ގޮތްދެންނެވިއެވެ. ދެން ރަސްގެފާނު ވަގުތުން މީހަކަށް އަމުރުކުރެއްވީ ޔޫސުފު ޢަލައިހިއްސަލާމު ، އޭނާގެ އަރިހަށް ޖަލުން މިނިވަންކޮށްގެން ގެނައުމަށެވެ. ނަމަވެސް ޔޫސުފު ޢަލައިހިއްސަލާމު ރަސްގެފާނު ފޮނުވި މީހާއަށް ދެންނެވީ އެކަލޭގެފާނު ޖަލުން ނުކުމެވަޑައިވަޑައިގަންވާނީ އެކަލޭގެފާނުގެ އެއްވެސް ކުށެއްނެތި ޖަލަށް ލެވުނު މައްސަލަ ބަލައި ތަޙްޤީޤު ކުރުމުން ކަމުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

[ތިބާގެ ސާހިބުމީހާގެ ގާތަށް ތިބާ އެނބުރި ހިނގައިދާށެވެ! ފަހެ، އެއުރެންގެ އަތްތައް ކޮށައިލި އަންހެނުންތަކަށް ވީގޮތަކާމެދު، އޭނާއާ ސުވާލުކޮށްބަލާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މަކަރުވެރިކަން މޮޅަށް ދެނެވޮޑިގެންވެތެވެ.] {ޔޫސުފު 50}

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ޙަދީޘްފުޅު ކުރައްވައިފައިވެއެވެ.

[‏ لَوْ لَبِثْتُ فِي السِّجْنِ مَا لَبِثَ يُوسُفُ، ثُمَّ أَتَانِي الدَّاعِي لأَجَبْتُهُ ]‏‏ {صحيح البخاري، كتاب التعبير، ޙަދީޘް ނަންބަރު 6992}

މާނައީ: [ ޔޫސުފުގެފާނު ޖަލުގައި، ހޭދަކުރެއްވި މުއްދަތުގައި ތިމަންކަލޭގެފާނު ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވިނަމަ، ޖަލުން ނިކުންނެވުމަށް އެންގެވުމަށް އައި މީހާ އައުމާއެކު ތިމަންކަލޭގެފާނު އޭނާއަށް އިޖާބަ ދެއްވައި ޖަލުން ނިކުންނެވީމުހެވެ.]

ރަސްގެފާނު ވަގުތުން އެމައްސަލައިގެ ތަޙްޤީޤު ފެއްޓެވިއެވެ. އަދި މިޞްރުގެ އަންހެން ބޭކަނބަލުން އެއްކުރައްވައި  ޔޫސުފުގެފާނުގެ އިސްތަށިފުޅުގައި އެޅުވިގެންދިޔަ ދޮގު ތުހުމަތުތަކާ ބެހޭ ގޮތުން ސުވާލު ކުރެއްވިއެވެ.

[ތިޔަކަނބަލުން ޔޫސުފުގެފާނުގެ ކިބައިން ނުބައިކަމަކަށް އެދުނުހިނދު، ކަންވީގޮތަކީ ކޮބައިހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. حاش للَّه އެވެ! (اللَّه ގެ ހުސްطاهر ވަންތަކަމާއެވެ!) އެކަލޭގެފާނުގެ ކިބައިގައި އެއްވެސް ނުބައިކަމެއްވާ ކަމަކަށް ތިމަންމެން ދެނެއެއްނެތީމުއެވެ. އަލްޢަޒީޒު ގެ އަންހެނުން ބުންޏެވެ. މިހާރު ޙައްޤު ތެދު ފާޅުވެއްޖެއެވެ. އެކަލޭގެފާނުގެ ކިބައިން ނުބައިކަމަކަށް އެދުނީ، ތިމަންނާއެވެ. އަދި ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތެދުވެރިންގެ ތެރެއިންނެވެ.] {ޔޫސުފު 51}

ޔޫސުފު ޢަލައިހިއްސަލާމު ގެ އެއްވެސް ކުށެއް ނެތްކަން ރަސްގެފާނަށް އެނގިވަޑައިގެން އަދި އެންމެހާ މީސްތަކުންގެ ދޫތަކުން އެކަލޭގެފާނުގެ އިއްފަތްތެރިކަމާއި ތެދުވެރިކަން ޘާބިތުވުމުން، ރަސްގެފާނުގެ ހިތްޕުޅުގައި، އެކަލޭގެފާނަށްޓަކައި ވަރަށް ޚާއްޞަ މަޤާމެއް ދެވިއްޖެއެވެ. ރަސްގެފާނު ބޭނުންފުޅުވެވަޑައިގަތީ، ޔޫސުފުގެފާނު އޭނާގެ ޚިދުމަތަށް ޚާއްޞަ ކުރުމަށެވެ. މި ވާހަކައިގެ ތަފްޞީލު ޔޫސުފް ސޫރަތުގެ 54 ވަނަ އާޔަތާއި 55 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.

وَقَالَ الْمَلِكُ ائْتُونِي بِهِ أَسْتَخْلِصْهُ لِنَفْسِي ۖ فَلَمَّا كَلَّمَهُ قَالَ إِنَّكَ الْيَوْمَ لَدَيْنَا مَكِينٌ أَمِينٌ ﴿٥٤﴾ قَالَ اجْعَلْنِي عَلَىٰ خَزَائِنِ الْأَرْضِ ۖ إِنِّي حَفِيظٌ عَلِيمٌ ﴿٥٥﴾

މާނައީ: “ރަސްގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނު ތިމަންގެ ޚިދުމަތަށް ޚާއްޞަ ކުރުމަށްޓަކައި، އެކަލޭގެފާނު ތިމަންގެ ގާތަށް ގެންނާށެވެ! ފަހެ، އެކަލޭގެފާނާ ވާހަކަ ދައްކަވާފައި، އެ ރަސްގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، މިއަދު ތިމަންގެ ގާތުގައި އިތުބާރުކުރެވޭ އަމާނާތް ތެރިޔަކީމުއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (مصر ގެ) ބިމުގެ ޚަޒާނާތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން، ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ.”

ކޮންމެއަކަސް މިދެންނެވި ފަދައިން މާތްﷲ އެކަލޭގެފާނު މިޞްރުގެ ބިމުގައި ބާރުވެރި ކުރެއްވިއެވެ. މިޞްރުގެ މައްޗަށް ބާރު ހިނގޭ ފަދަ މަޤާމެއް ދެއްވިއެވެ. އެއީ އެކަލޭގެފާނުގެ އިޙްސާންތެރިކަމުގެ ބަދަލެއްގެ ގޮތުންނެވެ. މާތްﷲ އެކަލޭގެފާނުގެ މައްޗަށް ލެއްވި ރަޙްމަތެއްގެ ގޮތުންނެވެ. މިކަން ބަޔާން ކުރައްވައި ޔޫސުފް ސޫރަތުގެ 56 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِي الْأَرْضِ يَتَبَوَّأُ مِنْهَا حَيْثُ يَشَاءُ ۚ نُصِيبُ بِرَحْمَتِنَا مَن نَّشَاءُ ۖ وَلَا نُضِيعُ أَجْرَ الْمُحْسِنِينَ ﴿٥٦﴾

މާނައީ: [އެފަދައިން އެކަލޭގެފާނު ބޭނުންފުޅު ތަނެއްގައި ހުންނެވޭނެގޮތުން ތިމަންރަސްކަލާނގެ އެކަލޭގެފާނު (مصر ގެ) ބިމުގައި ބާރުވެރި ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކަށް، ތިމަންރަސްކަލާނގެ ރަޙްމަތް ލައްވަމެވެ. އަދި އިޙްސާން ތެރިންގެ ދަރުމަ، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ.]

ޔޫސުފުގެފާނު މިޞްރުގެ ޚަޒާނާތަކުގެ ވެރިއަކަށް ނުވަތަ މާލީ ވަޒީރަކަށް އިސްކުރެވުނު އިރު މިޞްރުގެ ރަސްކަމުގައި، ރެނދަލި ކުރައްވައިގެން އިންނެވީ ރައްޔާނު ބުނުލް ވަލީދު އެވެ. ޔޫސުފުގެފާނުގެ ކުރިން އެ މަޤާމުގައި ހުންނެވީ ޔޫސުފުގެފާނު ބައްލަވައިގެންނެވި މިޞްރުގެ ޢަޒީޒެވެ. މުޖާހިދު ވިދާޅުވެފައިވާ ގޮތުގައި، ރައްޔާނު ބުނުލް ވަލީދު ވަނީ، ޔޫސުފުގެފާނުގެ ރިސާލަތަށް އިމާންވެވަޑައިގެންފައެވެ. އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް އިސްލާމްވެވަޑައިގެންފައެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު 181 ވަނަ ޞަފްޙާ}

ޔޫސުފްގެފާނުގެ އަޚުން އައުން

އައްސުއްދީ އާއި، މުޙައްމަދު ބިން އިސްޙާޤު ވިދާޅުވެފައިވެއެވެ. [ޔޫސުފުގެފާނު މިޞްރުގެ މާލީ ވަޒީރަށް ވެވަޑައިގެން، ތިޔާގިކަމުގެ ހަތް އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. އެއަށްފަހު ތަދުމަޑުކަމާއި ހައިހޫނުކަމާއި ހަނަފަސްކަމުގެ ހަތް އަހަރަށް ފެށިއްޖެއެވެ. މި ތަދުމަޑުކަން މިޞްރުގެ އެންމެހައި ހިސާބުތަކެއްގެ އިތުރު ކަންޢާނަށްވެސް ފޯރިއެވެ. ކަންޢާނުގެ ބިމަކީ، ސަލާމްލެއްވި ޔަޢުޤޫބުގެފާނާއި، އެކަލޭގެފާނުގެ އަހުލުބައިތުން ވަޒަންވެރިވެވަޑައިގެން އުޅުއްވަމުން ގެންދެވި ބިމެވެ.

ތިޔާގިކަމުގެ ހަތް އަހަރުގެ ތެރޭގައި، ޔޫސުފުގެފާނު ވަރަށް ރަނގަޅަށް ދަނޑުގޮވާމުގެ ބާވަތްތައް ކޮށާރުކޮށް ފަހަށް ރައްކާ ކުރައްވަމުން ގެންދެވިއެވެ. ތަދުމަޑުކަމުގެ އަހަރުތަކުގެ ތެރޭގައި، ފަރާތްފަރާތުން މީސްތަކުން މިޞްރަށް ގޮވާމުގެ ބާވަތްތައް ގަންނަން އަންނަން ފަށައިފިއެވެ. ޔޫސުފުގެފާނު ކޮންމެ ޢާއިލާއަކަށްވެސް ގޮދަން ދޫކުރައްވަމުން ގެންދެވީ، ކަނޑައެޅިގެން ވަކި މިންވަރަކަށެވެ. އަހަރެއްގެ މައްޗަށް ކޮންމެ ޢާއިލާއަކަށްވެސް ދެއްވަމުން ގެންދެވީ ޖަމަލެއްގެ ގޮދަނެވެ. ރަސްގެފާނާއި، ޔޫސުފުގެފާނާއި، އެކަލޭގެފާނަށް އެހީތެރިވެވަޑައިގަންނަވަމުން ގެންދެވި މީސްތަކުންވެސް ފަރިއްކުޅުއްވަމުން ގެންދެވީ ދުވާލަކު އެއްފަހަރުއެވެ.

ފަރާތްފަރާތުން ގޮވާން ގަންނަން މިޞްރަށް އައި މީސްތަކުންގެ ތެރޭގައި، ޔޫސުފުގެފާނުގެ އަޚުންވެސް ހިމެނުނެވެ. އެބައިމީހުން މިޞްރަށް ވަޑައިގެންނެވީ އެބައިމީހުންގެ ޢިއްޒަތްތެރި ބަފައިކަލުން ސަލާމްލެއްވި ޔަޢުޤޫބުގެފާނު އަމުރުފުޅުގެ ކުރައްވައިގެންނެވެ. މިޞްރުގައި ހުންނަވާ ޢަޒީޒު ބޭނުން ޖެހިފައިތިބޭ މީސްތަކުންނަށް ވަރަށް ކުޑަ އަގެއްގައި ކާބޭތަކެތި ދެއްވާކަން އެބޭފުޅުންނަށް ވަނީ އެނގިވަޑައިގެންފައެވެ. އެހެންކަމުން، އެބައިމީހުން އެބައިމީހުންގެ ބިމުން ލިބެހުންހުރި ބައެއް ފިޔަފާރި މުދަލާއިގެން ޔޫސުފުގެފާނުގެ އަރިހަށް ވަޑައިގަތެވެ. މިވަޑައިގަތް ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ބިންޔާމީން ފިޔަވައި ޔޫސުފުގެފާނުގެ ދިހަ އަޚުންނެވެ. ބިންޔާމީނަކީ، ޔޫސުފުގެފާނު ފިޔަވައި، ޔަޢުޤޫބުގެފާނު އެންމެ ލޯބިފުޅުވާ ދަރިކަލުންނެވެ.

ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނުގެ އަރިހަށް ހަމަ ވަޑައިގެންނެވުމުން އެކަލޭގެފާނުގެ އެންމެ ފުރަތަމަ ނަޒަރުންވެސް އެއީ، އެކަލޭގެފާނުގެ ދިހަ އަޚުންކަން އެނގިވަޑައިގެންފިއެވެ. ނަމަވެސް އެބޭކަލުންނަކަށް މިހާރު މިޞްރުގެ ޢަޒީޒުގެ ގޮތުގައި ހުންނެވީ މީގެ އެތައް ދުވަސްތަކެއް ކުރިން، އެބައިމީހުންގެ އަމިއްލަ އަތްތަކުން ވަޅުގެ ތެރެއަށް އެއްލައިލެއްވި ޔޫސުފުގެފާނު ކަމެއް އެނގިވަޑައެއްނުގެންނެވިއެވެ.{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު،  181-183 ޞަފްޙާ}

އައްސުއްދީ ވިދާޅުވެފައިވެއެވެ. [ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އަޅުގަނޑުގެ ބިމަށް ތިޔަބައިމީހުން ވަޑައިގަންނަވަން ޖެހިވަޑައިގަތީ ކޮން ސަބަބަކާ ހުރެތޯއެވެ؟] އެބައިމީހުން ދެންނެވިއެވެ. [އޭ ޢަޒީޒެވެ. އަޅުގަނޑުމެން މިއައީ ކާބޯތަކެތި ގަންނާށެވެ.] ޔޫސުފުގެފާނު ވިދާޅުވިއެވެ. [ތިޔަބައިމީހުންނަކީ، ޖާސޫސުންކަމުގައި ނުވެދާނެބާވައެވެ.] އެބައިމީހުން ދެންނެވިއެވެ. [އެއީ މާތްﷲ ޙަރާމްކުރައްވައިފައިވާ ކަމެކެވެ.] ޔޫސުފުގެފާނު ވިދާޅުވިއެވެ. [ތިޔަބައިމީހުންގެ ވަޒަނަކީ ކޮބައިހެއްޔެވެ؟] އެބައިމީހުން ދެންނެވިއެވެ. [އަޅުގަނޑުމެންގެ ބިމަކީ، ކަންޢާނެވެ. އަޅުގަނޑުމެންނަކީ، މާތްﷲ ގެ ނަބިއްޔާ ޔަޢުޤޫބުގެފާނުގެ ދަރިދަރިކަލުންނީމުއެވެ.] ޔޫސުފުގެފާނު ވިދާޅުވިއެވެ. [ތިޔަބައިމީހުންގެ އިތުރު އަޚަކުވޭ ހެއްޔެވެ؟.] އެބައިމީހުން ދެންނެވިއެވެ. [އާދޭހެވެ. ބައްޕާފުޅުގެ 12 ބޭފުޅުން ތިއްބަވައެވެ. އެތަނުން އެއްކުއްޖަކުވަނީ، ވަރަށް ކުޑައިރު ސަހަރާ ތެރޭގައި މަރުވެފައެވެ. ބައްޕާފުޅު އެންމެ ލޯބިފުޅުވަނީ އޭނާ ދެކެއެވެ. ދެންހުރީ އޭނާއާ އެއްކިހުނުފަން ކޮއްކޮއެވެ. މިހާރު ބައްޕާފުޅުގެ ހުރިހާ ލޯބިފުޅެއް ހަދިޔާ ކުރައްވައިފައިވަނީ އެބޭފުޅާއަށެވެ. ބައްޕާފުޅު އަމުރުފުޅު ނުދެއްވުމުން ނާދެވުނީއެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު،183 ޞަފްޙާ}…ނުނިމޭ….

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ހިތްދަތި ދުވަސްތައް 22 ( ނިންމާ ބައި )

Next

ބަދު ނަސީބުގެ ހިޔަނި އެޅުމުން (40، ފަހުބައި)

Next
July 12, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (40، ފަހުބައި)

Previews
July 11, 2021

ހިތްދަތި ދުވަސްތައް 22 ( ނިންމާ ބައި )



All Right Reserved!