ޔޫސުފުގެފާނު ވާހަކަ: ޤުރްއާނުގައިވާ އެންމެ ރީތި ވާހަކަ 02
ހުވަފެންފުޅު
ޔޫސުފު ޢަލައިހިއްސަލާމު ތުއްޕުޅުއިރު އެއްރެއަކު އެކަލޭގެފާނު އަވަހާރަފުޅަށް އޮންނަވަނިކޮށް ވަރަށް ބަރަކާތްތެރި ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ އެގާރަ ތަރިއާއި އިރާއި ހަނދު އެކަލޭގެފާނަށް ސަޖިދަކުރަނިކޮށެވެ. ޔޫސުފު ޢަލައިހިއްސަލާމު ގެ މި ބަރަކާތްތެރި ހުވަފެންފުޅުގެ ވާހަކަ ޤުރްއާނުގެ ޔޫސުފް ސޫރަތުގެ 24 ވަނަ އާޔަތުގައި މާތްﷲ ބަޔާން ކުރައްވަނީ މިދަންނަވާ ފަދައިންނެވެ.
إِذْ قَالَ يُوسُفُ لِأَبِيهِ يَا أَبَتِ إِنِّي رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَالشَّمْسَ وَالْقَمَرَ رَأَيْتُهُمْ لِي سَاجِدِينَ ﴿٤﴾
މާނައީ:[ ޔޫސުފުގެފާނު، އެކަލޭގެފާނުގެ ބައްޕާއަށް ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އޭ ބައްޕާއެވެ! ހަމަކަށަވަރުން، އެގާރަ ތަރިޔާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަންކަލޭގެފާނަށް ސަޖިދަ ކުރާތީއެވެ.]
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހާއި، ޤަތާދާ ރަޙިމަހުﷲ އާއި އިބްނު ޖުރައިޖު ރަޙިމަހުﷲ، ވިދާޅުވެފައިވެއެވެ. ޔޫސުފު ޢަލައިހިއްސަލާމު އަށް ހުވަފެންފުޅުގައި ފެނިވަޑައިގެންނެވި އެގާރަތަރީގެ ތަޢުބީރަކީ އެކަލޭގެފާނުގެ އެގާރަ އަޚުންނެވެ. އިރުގެ ތަޢުބީރަކީ އެކަލޭގެފާނުގެ މައިކަނބަލުންނެވެ. ހަނދުގެ މުރާދަކީ އެކަލޭގެފާނުގެ ބައްޕާފުޅެވެ. {އިމާމު ޤުރުޠުބީ، ތަފްސީރުލް ޤުރުޠުބީ،11 ވަނަ ޖިލްދު ޞަފްޙާ 245}
މީސްތަކުންނަށް ފެންނަ ތެދު ހުވަފެނަކީ ނުބުއްވަތުގެ ތެރެއިން ވާކަމެއް ކަމަށް އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ. އަނަސު ބިން މާލިކު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
الرُّؤْيَا الْحَسَنَةُ مِنَ الرَّجُلِ الصَّالِحِ جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ “ {صحيح البخاري/ باب رُؤْيَا الصَّالِحِينَ، ޙަދީޘް ނަންބަރު6983}
މާނައީ: [ޞާލިހުންނަށް ފެންނަ ރަނގަޅު ހުވެފަނަކީ ނަބީކަމުގެ ސާޅީސް ހަބައި ކުޅަ އެއްބައެވެ.]
އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
“ إِذَا رَأَى أَحَدُكُمْ رُؤْيَا يُحِبُّهَا فَإِنَّمَا هِيَ مِنَ اللَّهِ، فَلْيَحْمَدِ اللَّهَ عَلَيْهَا، وَلْيُحَدِّثْ بِهَا، وَإِذَا رَأَى غَيْرَ ذَلِكَ مِمَّا يَكْرَهُ، فَإِنَّمَا هِيَ مِنَ الشَّيْطَانِ، فَلْيَسْتَعِذْ مِنْ شَرِّهَا، وَلاَ يَذْكُرْهَا لأَحَدٍ، فَإِنَّهَا لاَ تَضُرُّهُ ”{صحيح البخاري، باب الرُّؤْيَا مِنَ اللَّهِ،ޙަދީޘް ނަންބަރު6985}
މާނައީ: [ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ތިމާ ހިތްރުހޭ ހުވަފެނެއް ފެނިއްޖެނަމަ، ފަހެ އެއީ ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުންނެވެ. ދެންފަހެ، އެކަމަށްޓަކައި ޙަމްދު ކުރާހުއްޓެވެ. އަދި އެ ހުވަފެނުގެ ވާހަކަ ކިޔައިދޭށެވެ. އެޔާ ޚިލާފަށް ތިމާ ނުރުހޭ ފާޑުގެ ހުވަފެނެއް ފެނިއްޖެނަމަ އެއީ ހަމަކަށަވަރުން ޝައިޠާނާ ގެ ވަސްވާސްތެރިކަމެވެ. ފަހެ އެސޮރުގެ ނުބައިކަމުން ﷲ ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދޭށެވެ. އަދި އެހުވަފެނުގެ ވާހަކަ އެއްވެސް މީހަކަށް ކިޔާ ނުދޭށެވެ. އެހެނީ، އޭރުން އެހުވަފެނުގެ ސަބަބުން އެއްވެސް ގެއްލުމެއް މެދުވެރިނުވާ ހުއްޓެވެ.]
ޔޫސުފު ޢަލައިހިއްސަލާމު އަށް ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ ވާހަކަ އެކަލޭގެފާނުގެ ބައްޕާފުޅު ޔަޢުޤޫބު ޢަލައިހިއްސަލާމު އަށް ވިދާޅުވެ ދެއްވުމުން، އެކަލޭގެފާނު ވިދާޅުވީ އެ ހުވަފެންފުޅުގެ ވާހަކަތައް ސިއްރުކުރެއްވުމަށެވެ. ޔޫސުފު ޢަލައިހިއްސަލާމު ގެ އަޚުންނަށް އެ ހުވަފެނުގެ ވާހަކަ އެއްވެސް ގޮތަކަށް ބަޔާންކޮށް ނުދެއްވުމަށެވެ. އެއީ އެބައިމީހުންގެ ހިތްތަކުގައި ޙަސަދަވެރިކަމުގެ ހުޅުރޯވެ، އެބައިމީހުންގެ ފަރާތުން އެއްވެސް ކަހަލަ ނުރައްކާތެރި ކަމެއް ޔޫސުފުގެފާނަށް އަތުވެދާނެ ކަމަށްޓަކައެވެ. ޔޫސުފް ސޫރަތުގެ ފަސްވަނަ އާޔަތުގައި މިވާހަކަތައް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا ۖ إِنَّ الشَّيْطَانَ لِلْإِنسَانِ عَدُوٌّ مُّبِينٌ ﴿٥﴾
މާނައީ: “އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ! ތިބާޔަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައިނުދޭށެވެ! ފަހެ، އެއުރެން ތިބާޔަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ. ހަމަކަށަވަރުން، ޝައިޠާނާއަކީ، އިންސާނާއަށްހުރި، ފާޅުވެގެންވާ ޢަދާވާތްތެރިއެކެވެ.”
ޔޫސުފު ޢަލައިހިއްސަލާމު އެކަލޭގެފާނުގެ ލޮބުވެތި ބަފައިކަލުން ޔަޢުޤޫބު ޢަލައިހިއްސަލާމު ދެއްވި އިރްޝާދަށް ފުރިހަމައަށް ތަބާވެވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ އެއްވެސް ވާހަކަފުޅެއް އެކަލޭގެފާނުގެ އަޚުންނަކަށް ބަޔާންކޮށެއް ނުދެއްވިއެވެ.
ޔޫސުފު ޢަލައިހިއްސަލާމު ، އާއި އެކަލޭގެފާނުގެ ކޮއްކޯފުޅު ބިންޔާމީން ދެކެ، ޔަޢުޤޫބު ޢަލައިހިއްސަލާމު އިންތިހާއަށް ލޯބިފުޅުވެވަޑައިގަންނަވައެވެ. މިކަން އެކަލޭގެފާނުގެ ދެންތިއްބެވި އެހެން ބޭފުޅުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެކަމުގެ ސަބަބުން އެބޭފުޅުންގެ ހިތްޕުޅުގައި ޙަސަދެވެރިކަމާއި، ނީހައިގެ ޝުޢޫރުތައް ހިނގައިފައިވެއެވެ. ނަތީޖާއެއްގެ ގޮތުން އެބޭފުޅުންގެ ޢިއްޒަތްތެރި ބައްޕާފުޅާމެދުވެސް ކުޑައިމީސް ބަސްތައް ރައްދު ކުރެވެމުން ދިޔައެވެ. ޔޫސުފު ސޫރަތުގެ އަށްވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.
إِذْ قَالُوا لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰ أَبِينَا مِنَّا وَنَحْنُ عُصْبَةٌ إِنَّ أَبَانَا لَفِي ضَلَالٍ مُّبِينٍ ﴿٨﴾
މާނައީ: “އެ އަޚުންތައް، ބުނިހިނދު، ހަނދުމަކުރާށެވެ! ތިމަންމެންނީ، ގަދަފަދަ ޖަމާޢަތެއް ކަމުގައި ވާހިނދުވެސް، ޔޫސުފުގެފާނާއި، އޭނާގެ އަޚު (ބިންޔާމީން) ތިމަންމެންގެ ބައްޕާގެ އަރިހުގައި ލޮބުވެތިކަން މާބޮޑެވެ. ހަމަކަށަވަރުން، ތިމަންމެންގެ ބައްޕާވަނީ، ފާޅުވެގެންވާ މަގުއޮޅުމެއްގައެވެ.”
ޔޫސުފު ޢަލައިހިއްސަލާމު ، ގެ އަޚުން އެބޭފުޅުންނަށް ބައްޕާފުޅުގެ ފުރިހަމަ ލޯބިފުޅު ލިބިވަޑައިގެންނަވާނެ ގޮތެއް ފެނިވަޑައިގަންނަވާތޯ މަޝްވަރާ ކުރައްވަން ފެއްޓެވިއެވެ. މިގޮތަށް ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި އެތަނުން އެއްބޭފުޅަކު ވިދާޅުވިއެވެ.
[ތިޔަބައިމީހުން ޔޫސުފުގެފާނު ޤަތުލު ކޮށްލާށެވެ! ނުވަތަ، ދުރު ބިމަކަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން ތިޔަބައިމީހުންގެ ބައްޕާގެ ހެޔޮކަން ތިޔަބައިމީހުންނަށް އެކަނި ލިބޭނެތެވެ. އަދި އެއަށްފަހު ތިޔަބައިމީހުން (توبة ވެ) ޞާލިޙު ރަނގަޅު ބައެއްކަމުގައި ވާނީއެވެ.] {ސޫރަތު ޔޫސުފު ނުވަވަނަ އާޔަތުގެ މާނަ}
ނަމަވެސް ޔޫސުފުގެފާނުގެ އެހެން އަޚަކު އިތުރު ޚިޔާލެއް ދެއްވިއެވެ. އޭނާ ދެންނެވިއެވެ. “ތިޔަބައިމީހުން ޔޫސުފުގެފާނު ޤަތުލު ނުކުރާށެވެ! ތިޔަބައިމީހުން ކަމެއްކުރަންޏާ (އަނދިރި) ވަޅެއްގެ އަޑިޔަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން، ދަތުރުކުރަމުންދާ ބަޔަކު، އެކަލޭގެފާނު ހޮވައިގެން ގެންގޮސްފާނެތެވެ.” {ސޫރަތު ޔޫސުފު 10}
ދެން އެބައިމީހުންނަށް މިގޮތަކީ މާރަނގަޅު ގޮތެއްކަމުގައި ވިސްނިގެން އެބައިމީހުންގެ އެންމެން އެކަމަށް އެއްބަސްވެއްޖެއެވެ. އެގޮތުން އެބައިމީހުން ޔޫސުފު ޢަލައިހިއްސަލާމު ، އާ މެދުކަންތައް ކުރާނެގޮތުގެ ވަރަށް ވަރުގަދަ ތަދުބީރެއް އެކުލަވައިލިއެވެ. އެއަށްފަހު އެބައިމީހުން އެކުލަވާލި މަކަރުވެރި ރޭވުމަށް ޢަމަލީ ސިފައެއް ގެނައުމަށްޓަކައި، މަސައްކަތްފެށިއެވެ. އެބައިމީހުން ބައްޕާފުޅުގެ ފައިންޕުޅު ދެންގޮސްފައި ދެންނެވިއެވެ.
[ އޭ އަހުރެމެންގެ ބައްޕާއެވެ! ޔޫސުފުގެފާނާމެދު، ކަލޭގެފާނު ތިމަންމެންނަށް އިތުބާރު ނުކުރައްވަނީ ކީއްވެތޯއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، އެކަލޭގެފާނަށް ހެޔޮއެދޭ ބަޔަކީމުއެވެ. ކައިބޮއި އުފާކޮށް، ކުޅެހެދުމަށްޓަކައި، ތިމަންމެންނާއެކުގައި، މާދަމާ އެކަލޭގެފާނު ފޮނުއްވާށެވެ! ހަމަކަށަވަރުން، ތިމަންމެން އެކަލޭގެފާނު ބަލަހައްޓައި ރައްކާތެރިކުރާހުށީމުއެވެ.] {ސޫރަތު ޔޫސުފް 11 އަދި 12}
މިބައިމީހުން އެދުނު އެދުމަށް ޖަވާބު ދެއްވަމުން ސަލާމްލެއްވި ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. [އޭނާ ގޮވައިގެން ތިޔަބައިމީހުން ދިއުމަކީ، ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ހިތާމަ ލިބޭކަމެކެވެ. އަދި ތިޔަބައިމީހުން އޭނާގެ މަތިން ޣާފިލު ވެގެންތިއްބައި، މިނިކާވަގު (އައިސް) އޭނާ ކައިފާނެތީ ތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ.] {ޔޫސުފު 13}
އެބައިމީހުން ބައްޕާފުޅަށް ދެންނެވިއެވެ. [ ތިމަންމެންނީ ބާރުހުރި ބަޔެއްކަމަށްވާހިނދު، މިނިކާވަގު (އައިސް) އޭނާ ކައިފިނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ (ކަމެއްނުކުރެވޭ) ގެއްލެނިވިގެންވާ ބަޔަކު ކަމުގައެވެ.] {ޔޫސުފު 14}
ވަޅުގައި
ޔޫސުފުގެފާނުގެ ދިހަ އަޚުންގެ އެތައް ބަހަނާއެއްގެ ނަތީޖާއެއްގެ ގޮތުން ޔަޢުޤޫބުގެފާނަށް ޖެހިވަޑައިގަތީ، ހަތިޔާރު ބަހައްޓަވާށެވެ. ޔޫސުފުގެފާނު އެބައިމީހުންނާއެކު ކައިބޮއެ އުފާކުރުމަށްޓަކައި ފޮނުއްވަ ދެއްވާށެވެ. ނަމަވެސް އެބައިމީހުންގެ މި އިޙްސާންތެރިކަމާއި، ކޮއްކޯފުޅަށް ހެޔޮ އެދިވަޑައިގަތުމުގެ ފަހަތުގައި ފޮރުވިފައިވަނީ އަނިޔާވެރިކަންކަމެއް އޭރު ޔަޢުޤޫބުގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ. އެބައިމީހުން ޔޫސުފުގެފާނު ގޮވައިގެން ވަޑައިގެން ކަންތައް ކުރެއްވިގޮތް ކީރިތި ޤުރްއާނުގެ ޔޫސުފު ސޫރަތުގައި ބަޔާން ކުރައްވައިފައިވަނީ، މިދަންނަވާ ޢިބާރާތުންނެވެ.
فَلَمَّا ذَهَبُوا بِهِ وَأَجْمَعُوا أَن يَجْعَلُوهُ فِي غَيَابَتِ الْجُبِّ ۚ وَأَوْحَيْنَا إِلَيْهِ لَتُنَبِّئَنَّهُم بِأَمْرِهِمْ هَـٰذَا وَهُمْ لَا يَشْعُرُونَ ﴿١٥﴾
މާނައީ: “ފަހެ، އެއުރެން އެކަލޭގެފާނު ގޮވައިގެން ދިޔަހިނދު، އަނދިރި ވަޅަކަށް އެކަލޭގެފާނު ލުމަށް އެންމެން އެއްބަސްވޫއެވެ. ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ވަޙީ ކުރެއްވީމެވެ. އެއުރެންގެ މިކަންތަކުގެ ވާހަކަ، އެއުރެންނަށް ނޭނގިތިއްބައި، ހަމަކަށަވަރުން، ކަލޭގެފާނު އެއުރެންނަށް (ފަހުން) ކިޔައިދެއްވާނެތެވެ.”
މިދެންނެވި ނުބައި ޢަމަލުކުރުމަށްފަހު، އެބޭފުޅުން ރޭގަނޑުގެ ވަގުތުގައި އެބޭފުޅުންގެ ޙުރުމަތްތެރި ބައްޕާފުޅުގެ އަރިހަށް ވަޑައިގެންނެވިއެވެ. ޔަޢުޤޫބުގެފާނުގެ ފައިންޕުޅު ދެކެން އެބޭފުޅުން ވަޑައިގެންނެވި ހިތާމަޔާއި މޮޅިވެރިކަމާއެކުގައެވެ. ރޮމުން ރޮމުންނެވެ. އެބޭފުޅުން ވަޑައިގެން ޔަޢުޤޫބުގެފާނުގެ އަރިހުގައި ދެންނެވިއެވެ.
[އޭ އަހުރެމެންގެ ބައްޕާއެވެ! ތިމަންމެންގެ ސާމާނުތަކުގެ ކައިރީގައި ޔޫސުފުގެފާނު ބަހައްޓާފައި، ތިމަންމެން ވާދަކުރުމަށް ދިޔައީމުއެވެ. ދެން މިނިކާވަގެއްއައިސް، އެކަލޭގެފާނު ކައިފިއެވެ. ތިމަންމެން ތެދުވެރިންކަމުގައިވިޔަސް، ކަލޭގެފާނު ތިމަންމެންގެ ބަސް ތެދެއް ނުކުރައްވާނެތެވެ.] {ޔޫސުފު 17}
މިނިކާވަގުގެ ޝިކާރަޔަށް ޔޫސުފުގެފާނު ވެވަޑައިގެންނެވި ކަމުގެ ހެއްކެއްގެ ގޮތުން ލޭ އުނގުޅާފައިވާ ގަމީހެއް ޔަޢުޤޫބުގެފާނަށް އެބޭފުޅުން ދައްކަވައި ލެއްވިއެވެ. އެ ގަމީހަކީ، ޔޫސުފުގެފާނު އެބޭފުޅުންނާއެކު ވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވި ގަމީސްކޮޅެވެ. މިވާހަކަ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ލަފުޒުތަކުންނެވެ.
[އަދި އެއުރެން އެކަލޭގެފާނުގެ ގަމީސްކޮޅުގައި ދޮގު ލެޔެއް އުނގުޅައިގެން ގެނައޫއެވެ. (ޔަޢުޤޫބުގެފާނު) ވިދާޅުވިއެވެ. އެހެންނަކުންނޫނެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސު ތައް (ނުބައި) ކަމެއްކުރުމަށް، ތިޔަބައިމީހުންނަށް ތަންދިނީއެވެ. ފަހެ، (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން، ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ اللَّه އެވެ.]
ޢައްލާމާ އިބްނު ކަޘީރު ރަޙިމަހުﷲ، އެކަލޭގެފާނުގެ ތަފްސީރުގައި ލިޔުއްވައިފައިވެއެވެ. [އެބައިމީހުން ޔޫސުފުގެފާނުގެ ގަމީސްކޮޅުގައި، ބަކަރިއެއްގެ ލޭ އުނގުޅައިގެން ގެނައި އިރު، އެ ގަމީސްކޮޅުގެ ތަންތަންކޮޅު ވީދައިލުމަކަށް ހަނދުމަފުޅެއް ނެތެވެ. ޔަޢުޤޫބުގެފާނު، އެބޭފުޅުންގެ ވާހަކަފުޅުތައް އަނބުރައި ރައްދު ކުރެއްވި ސަބަބަކީ އެއީއެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު 147 ވަނަ ޞަފްޙާ}
ޔޫސުފު ޢަލައިހިއްސަލާމު ، ގެ އަޚުން އެކަލޭގެފާނު ވަޅުގެތެރެއަށް އެއްލަވައިލެއްވުމަށްފަހު، ވަޑައިގެންނެވިއެވެ. ޔޫސުފުގެފާނު އެ ވަޅުގެ ތެރޭގައި ގިނިކަންޔާ ވަގުތުތައް ހޭދަކުރައްވަމުން ގެންދެވިއެވެ. އަބޫ ބަކުރު ބިން ޢައްޔާޝް ވިދާޅުވެފައިވައިވާކަމަށް ޢައްލާމާ އިބްނު ކަޘީރު ރަޙިމަހުﷲ، ލިޔުއްވައިފައިވެއެވެ. [ޔޫސުފުގެފާނު އެވަޅުގެ ތެރޭގައި، ތިންދުވަސް ވަންދެން ހުންނެވިއެވެ.]{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު 147 ވަނަ ޞަފްޙާ}
ޔޫސުފުގެފާނު އެކަނިވެރިކަމުގެ ވަގުތުތައް ގުނުއްވަމުން ގެންދަވަނިކޮށް އަރަހުށި މާތްﷲ އެތަނަށް ވިޔަފާރި ޤާފިލާއެއް ފޮނުއްވިއެވެ. އަލްއިމާމު ޤުރްޠުބީ ލިޔުއްވައިފައިވާ ގޮތުގައި އެ ވިޔަފާރި ޤާފިލާއަކީ، ޝާމުކަރައިން މިޞްރަށް ދަތުރު ކުރަމުން ދިޔަ ފިޔަފާރި ޤާފިލާއެކެވެ. ދެން އެ ޤާފިލާގެ ވެރިން އެބައިމީހުންނަށް ފެންގެނެސްދޭ މީހާ އެވަޅުގެ ކައިރިއަށް ފެންނަގަން ފޮނުވިއެވެ. އޭނާ އޭނާގެ ބާލިދީ ފެންވަޅަށް ތިރިކުރުމުން ޔޫސުފު ޢަލައިހިއްސަލާމު ، އެ ބާލިދީގައި ދެއަތްޕުޅުން ހިއްޕެވިއެވެ. ދެން އޭނާ ބާލިދީ ނަގައި ބެލުމުން ފެނުނީ ހަނދެއް ފަދަ ރީތި ސޫރައެއް ލިބިފައިވާ ފިރިހެން ކުއްޖެކެވެ.
މިވާހަކައަށް އިޝާރާތް ކުރައްވައި ޔޫސުފު ސޫރަތުގެ 19 ވަނަ އާޔަތުގައި އަރަހުށި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَجَاءَتْ سَيَّارَةٌ فَأَرْسَلُوا وَارِدَهُمْ فَأَدْلَىٰ دَلْوَهُ ۖ قَالَ يَا بُشْرَىٰ هَـٰذَا غُلَامٌ ۚ وَأَسَرُّوهُ بِضَاعَةً ۚ وَاللَّـهُ عَلِيمٌ بِمَا يَعْمَلُونَ ﴿١٩﴾
މާނައީ: “އެތަނަށް ދަތުރުކުރާ ބަޔަކު އައޫއެވެ. އަދި އެއުރެންނަށް ފެން ގެނެސްދޭމީހާ (ވަޅުކައިރިއަށް) ފޮނުވޫއެވެ. އަދި އޭނާ ބާލިދީ ވަޅަށް ތިރިކޮށްފައި (ޔޫސުފުގެފާނު ވަޅުން ނަގާފައި) ބުންޏެވެ. އޭ ހުރި އުފަލެއްގެ ބޮޑުކަމާއެވެ! މިހުރީ ކުޑަ ފިރިހެން ކުއްޖެކެވެ. ދެން ވިޔަފާރި މުދަލެއްގެ ގޮތުގައި، އެކަލޭގެފާނު ފޮރުވައި، ރައްކާކޮށްފޫއެވެ. اللَّه އީ، އެމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”
ވަރަށް ގިނަ މުފައްސިރު ލިޔުއްވައިފައިވާ ގޮތުގައި، ވިޔަފާރި ޤާފިލާގެ މީހުން ޔޫސުފުގެފާނު ވަޅުން ނެންގެވިއިރު، އެތަނުގައި، އެކަލޭގެފާނުގެ އަޚުން ތިއްބެވިއެވެ. ޤާފިލާގެ މީސްތަކުން ޔޫސުފުގެފާނު ވަޅުން ނެގުމުން އެބައިމީހުން ގޮސް ޤާފިލާގެ މީހުންނަށް ދެންނެވީ، ޔޫސުފުގެފާނަކީ، އެބައިމީހުންގެ އަޅުކުއްޖެއްކަމަށެވެ. އެއަށްފަހު، އެބައިމީހުން ޔޫސުފުގެފާނު، ޤާފިލާގެ މީސްތަކުންނަށް ވިއްކައިލިއެވެ. ޔޫސުފް ސޫރަތުގެ ވިހިވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَشَرَوْهُ بِثَمَنٍ بَخْسٍ دَرَاهِمَ مَعْدُودَةٍ وَكَانُوا فِيهِ مِنَ الزَّاهِدِينَ ﴿٢٠﴾
މާނައީ: [އަދި ވަރަށް ކުޑަ އަގަކަށް، ގުނައިލެވޭ މަދު ދިރުހަމު ކޮޅަކަށް، އެއުރެން އެކަލޭގެފާނު ވިއްކާލައިފޫއެވެ. އަދި އެކަލޭގެފާނާމެދު، އެއުރެންވީ (މަދު އެތިކޮޅަކަށް ރުހޭ) ޒާހިދުންގެ ތެރެއިންނެވެ.]
ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވަނީ، ޔޫސުފުގެފާނުގެ އަޚުން، އެކަލޭގެފާނު ވިއްކައިލެއްވީ ވިހި ދިރުހަމަށް ކަމަށެވެ. މިފަދައިން، ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހާއި، ސުއްދީ އާއި، ޤަތާދާ ރަޙިމަހުﷲ ގެ އަރިހުންވެސް ރިވާވެގެން އައިސްފައިވެއެވެ. ވިހި ދިރުހަމު އެބައިމީހުންގެ މެދުގައި ހަމަހަމައަށް ބަހާލުމުން އޭގެ ތެރެއިން ކޮންމެ ބޭކަލަކަށް ލިބިވަޑައިގަތީ ދެ ދިރުހަމެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު 151 ވަނަ ޞަފްޙާ}….ނުނިމޭ
2 Comments!
Comments are closed.



Masha Allah ???
Masha allah.. V v v reethi vhk eh.. Yoosufgefaanuge vhk akee haqeegathugai vx qur’an ga vaa enme reethi vhk.. Masha allah.. Neiy hama bunaane ithuru evvx ehcheh.. V v v reethi.. Maaiy allah thibaa ah heyo rahmaiy lavvaashi.. Keep it up! Waiting for the next episode..