Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުުރުވާހަކަ: އިންތިޒާރު

Azkii Level 110 Stories
June 28, 2021 4 Mins Read
0 Comments

އަހަރެންގެ އުމުރުން ތިރީސް އަހަރުވަނީއެވެ. އަހަރެންނާ އެއް އެއް އުމުރުގެ ކުދިން މީހުންނާ އިނދެ ދަރިން ހޯދާއިރުވެސް އަހަރެން މިހުންނަނީ ހުސްކޮށެވެ. އަހަރެންގެ މައިންބަފައިން އެންމެ ކަންބޮޑުވާ ސަބަބަކީވެސް އެއީއެވެ. އަހަރެން މީހަކާ ނީނދެ ހުންނާތީ މީހުން ފާޑުގެފާޑުގެ ވާހަކަތައްވެސް ދައްކައެވެ. އެކަމާ އަހަރެންގެ މާބޮޑު ފަރުވާލެއް ނެތެވެ. އަހަރެންގެ ހިތުގެ ހާލު އަހަރެންނަށް ވުރެ ބޮޑަށް އަހަރެން ހެއްދެވި ފަރާތް ދެނެވޮޑިގެން ވާނެއެވެ. އަހަރެންގެ މިހިތުގައިވަނީ އެންމެ އަންހެން ކުއްޖެކެވެ. އުމުރުން އަށާރަ އަހަރު ވީއްސުރެ އަހަރެން މިހުންނަނީ އޭނާގެ އިންތިޒާރުގައެވެ. އޭނާ ވީ ކޮންތާކު ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. ދިރިހުރިކަމެއްވެސް މަރުވީ ކަމެއް ނޭނގެއެވެ. އެގޮތް އެނގެންދެންވެސް އަހަރެން އޭނާއަށް އިނތިޒާރު ކުރަން ބޭނުންވެއެވެ. އަހަރެން އޭނާ ދެކެ ވަރަށް ލޯބިވެއެވެ. އެހެނަސް އަހަރެން އިންތިޒާރު މިކުރަނީ އޭނާ ދެކެވީ ލޯބީގެ ހައްޤުގައި އެކަންޏެއް ނޫނެވެ. ދެން ކޮންކަމެއްތޯ ސުވާލު އުފެދޭނެކަން ޔަގީނެވެ. އަހަރެން ބުނެދޭނަމެވެ.
މީގެ ބާރަ އަހަރުކުރިން އަހަރެންނަށް އެންމެ ފުރަތަމަ ޔަންހާ ފެނުނީ ސްކޫލް ތެރެއިންނެވެ. ޔަންހާ ސުކޫލަށް ޖޮއިން ކުރީ އަހަރުގެ މެދު ތެރެއިންނެވެ. އަހަރެން ގްރޭޑް ބާރައިގައި ކިޔަވަމުން ދިޔައިރު ޔަންހާ ކިޔަވަމުން ދިޔައީ ގުރޭޑް އެގާރައިގައެވެ. އެންމެ ފުރަތަމަ ނަޒަރުންވެސް އަހަރެންނަށް ޔަންހާ އާ ގަޔާވެވުނެވެ. ރީތި ކުދިން އަހަރެން ދެކެމެވެ. ނަމަވެސް ޔަންހާއަށް ލިބިފައިވަނީ ތަފާތު ރީތިކަމެކެވެ. އަޅާފައިވާ ކަޅު ބުރުގާގެ ތެރެއިން އެދޮން މޫނު ފެންނައިރު ހީވަނީ ސާދަވިލޭރެގެ ހަނދުހެންނެވެ. އަހަރެންނަށް މާގިނަ ދުވަހު ކެތެއް ނުކުރެވުނެވެ. ޔަންހާއަށް ލޯބި ހުށައެޅީ ކޮންމެ ޖަވާބެއް ލިބުނަސް އެކަމަށް ތައްޔާރުވެ ހުރެއެވެ. ޔަންހާގެ ޖަވާބު ލިބުނީ އަހަރެން ހިތްއެދޭ ފަދަ ގޮތަކަށެވެ.
ޔަންހާ އާ އެއްކޮށް އަހަރެން ހޭދަކުރަމުން ދިޔައީ އުފާވެރި ދުވަސްތަކެކެވެ. އަހަރުމެން ބައްދަލު ވަނީ ސްކޫލް ތެރެއިން އެކަންޏެވެ. މައިންބަފައިންނަށް ސިއްރުން ތަންތަނަށް ގޮސް ވަގުތު ހޭދަ ކުރުމަކީ އަހަރެންވެސް އަދި ޔަންހާވެސް ބޭނުންވާ ގޮތެއް ނޫނެވެ. އަހަރެމެން ދެމީހުންގެ ގުޅުން ކުރިއަށް ގެންދިޔައީ މައިންބަފައިންނަށްވެސް އެނގިގެންނެވެ. ދެފަރާތުގެ މައިންބަފައިންވެސް އަހަރުމެންގެ ގުޅުމަށް ރުހި ޤަބޫލެވެ. އެހެން ކަމުން އަހަރެން ބޭނުންވީ ޔަންހާ ކިޔަވާ ނިމުމާއި އެކު ކައިވެނި ކުރުމަށެވެ. ރައްޓެހިވެގެން ބޭކާރު ދުވަސްތަކެއް ހޭދަ ކުރަން ބޭނުން ނުވާތީއެވެ. ނަމަވެސް ކުރިއަށް ކަންތައްވާނޭ ގޮތެއް އެނގޭނީ ކާކަށް ހެއްޔެވެ؟
އެއްދުވަހު ޔަންހާ ސްކޫލަށް ބަލިވެގެން ނާންނާތީވެ އަހަރެން އޭނާ އާ ބައްދަލު ކުރުމަށް އެގެއަށް ދިޔައީމެވެ. އަންނަން އުޅޭ ތޫފާނުގެ ހިލަމެއްވެސް އަހަންނަށްވެސް އަދި ޔަންހާއަށްވެސް ނުވެއެވެ. އަހަރެން އެގެއަށް ދިއުމުން ޔަންހާ ކޮޓަރީގައި އޮތް ކަމަށް އޭނާގެ މަންމަ އަހަރެން ކައިރީގައި ބުންޏެވެ. އަދި ޔަންހާ ބައްޕައާ ދެމީހުން ފިހާރައަކަށް ގޮސްލާފައި އަންނަންދެން ޔަންހާ ކައިރީގައި މަޑުކޮށްދިނުމަށްވެސް އެދުނެވެ. އަހަރެން އެއްކަމަށް އެއްބަސްވީ ހިތުން ރުހުމުއެވެ. ޔަންހާ އޮތް ކޮޓަރިއަށް އަހަރެން ވަންއިރު އޭނާ އޮތީ ޓީވީ ބަލާށެވެ. އަހަރެން ފެނުމާއެކު ބުރުގާ ނާޅާ އޮތް ޔަންހާ ފުންމައިގެން ތެދުވިއެވެ. އަހަރެންނަށްވެސް ކުށެއް ކުރެވިއްޖެކަން އިހުސާސްވެ އަވަހަށް އަނެއް ފަރާތަށް އެނބުރުނީ ޔަންހާ ބުރުގާ އެޅުމަށް ވަގުތު ދިނުމަށެވެ. ކުރެވުނު ކަންތަކާ ދެރަވެ އަހަރެން ޔަންހާ ކައިރިން މައާފަށް އެދުނީމެވެ. ޔަންހާ އަހަރެންނަށް މައާފު ކުރީ ދެން އެކަހަލަ ކަމެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވަމުންނެވެ. އެރޭ އަހަރުމެން ދެމީހުން ވަރަށް ގިނައިރު ވަންދެން ވާހަކަ ދައްކަން ތިބީމެވެ. ނޭނގޭ ސަބަބަކާ ހުރެ އަހަރެންގެ ހިތް އެދެމުން ދިޔައީ ޔަންހާގެ މައިންބަފައިން އައުން ލަސްވުމަށެވެ.
ކަންތައްވީ އަހަރެން ދުވަހަކުވެސް ހީނުކުރާ ގޮތަކަށެވެ. އަންހެނަކާއި ފިރިހެނަކު އެކަހެރި ވެއްޖެ ނަމަ ތިންވަނަ މީހަކަށް ޝައިޡާނާ ހުންނާނޭ ބުނާ ބުނުން އެރޭ އަހަރެންނަށް ޤަބޫލު ކުރެވުނެވެ. ނަމަވެސް އަހަރުމެން ދެމީހުންނަށްވެސް ހަމަވިސްނުން ލިބުނު އިރު ވަގުތު ފާއިތުވެއްޖެއެވެ. ކުރެވުނު ކަންތަކާ މެދު ދެރަވެ އަހަރެން ޔަންހާ ކައިރިން މައާފަށް އެދުނީމެވެ. ޔަންހާއަށް ރޮވޭ ވަރުން ރަނގަޅަށް ވާހަކައެއް ނުދެއްކެއެވެ. އޭނާގެ ވެސް ކުށް ކަމަށް ބުނި ވަގުތު އެރުއިން އިތުރަށް ބާރުވިއެވެ. އެރޭ އެތަނުން އަހަރެން ނިކުމެގެން އައީ އިތުރަށް ޔަންހާ އާ ކުރިމަތިލާން ނުކެރިންނެވެ. އަހަރެންނަށް އަރައިގަނެވުނީ ބޮޑު ފާފައަކަށް ކަން އިހުސާސްވެ އެތައް ފަހަރަކު އަހަރެން އެކަލާނގެ ހަޟްރަތަށް ތައުބާވީމެވެ. އަދިވެސް އެކުށައް ތައުބާވުން އަހަރެން ހުއްޓައެއް ނުލަމެވެ.
އެރެއަށްފަހު ޔަންހާ އާ ކުރިމަތިލާން އަހަރެންނަށް އުނދަގޫވިއެވެ. ޔަންހާވެސް އަހަރެންނާ ކުރިމަތިލާން ބޭނުންނުވާ ކަހަލައެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަހަރެންގެ ހިތުގައި ޔަންހާއަށް ޓަކައި ވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ޔަންހާ އާ ވާހަކަ ދައްކަން އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. އެހެނަސް އަހަރެންނަކަށް އެހިތްވަރެއް ނުލިބުނެވެ. ޔަންހާވެސް އުޅޭ ގޮތުން އޭނާގެ ވެސް ހާލު އަހަރެން ފަދަ ކަން އެނގުނެވެ.
އެއްދުވަހު ސްކޫލު ނިންމާލާފައި ގެއަށް ދާން ނިކުތް ވަގުތު ޔަންހާ އަހަރެންނަށް ގޮވައިލިއެވެ. މުހިންމު ވާހަކައެއް ދައްކަން ބޭނުން ކަމަށް ބުނުމުން ޔަންހާ ގޮވައިގެން މީހުން މަދު ހިސާބަކަށް ޖެހިލީމެވެ. ޔަންހާގެ ލޮލުން ކަރުނަ ހިލެން ފެށުމުން ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން އަހަރެންނަށް އިހުސާސް ކުރެވި ކިހިނެއްވީތޯ ސުވާލުކުރީމެވެ. ޔަންހާއަށް ޖަވާބު ނުދެވި ރޮވެނީއެވެ. ލޮލުން ހުއްޓުމެއް ނެތި އަންނަމުން ދިޔަ ކަރުނަތައް އަތުން ފޮހެމުން ދިޔައިރު އެއަތުގައި ތުރުތުރެއް ހުރިކަން އަހަރެންނަށް ފާހަގަވިއެވެ. އަހަރެން ވަރަށް އަހައިގެން، ވީކަމެއް ޔަންހާ އަށް ބުނެވުނީ ވަރަށް ހިތްވަރުންނެވެ.
” ފަޒަލް، އަހަރެން ބަނޑުބޮޑު” ޔަންހާ ބުނެލި ވާހަކައިން އަހަރެންނަށް ކުރެވުނީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަކަހަލަ އިހުސާސެކެވެ. ހިތަށް ވަދެގެން ދިޔައީ އާދަޔާ ހިލާފު ބިރުވެރިކަމެކެވެ. އަހަރެންނަށް ޔަންހާގެ ކުރިމަތީގައި ހުންނަން އުނދަގޫ ވުމުން އަހަރެން އެތަނުން ދިޔައީއެވެ. ޔަންހާ ރޯން ދޫކޮށްލާފައެވެ.
ފަހުން އަހަރެން ޔަންހާ އާ ބައްދަލު ކުރީމެވެ. އަހަރެން ޔަންހާ ކައިރީގައި ބުނި އެއްޗަކުން އޭނާ އަހަރެންގެ ކޯތާފަތްމައްޗަށް އަރުވައިލީ ހޫނު އެތިފަހަރެކެވެ.
” އެބޯޝަން އޭ!! ފަޒަލް މޮޔަވީތަ.. އެއް ފާފައެއްގެ މައްޗަށް އިތުރު ފާފައެއް ކުރުވަންތަ ތިއުޅެނީ… ފާފަ ކުރެވުނީ އަހަރުމެން ދެމީހުންނަށް! އެކަމުގެ ސަޒާ އަހަރެންގެ ބަނޑުގައިމިވާ ކުއްޖާއަށް ލިބެންވީ ކީއްވެ؟ ދުނިޔެ މައްޗަށް ފަލީހަތް ވިޔަސް އަހަރެން މިދަރިފުޅު ވައްޓައެއް ނުލާނަން.. ހާސްނުވޭ !! އަހަރެން ފަޒަލް ފަލީހަތްވިޔަ ނުދޭނަން… އެކަމަކު ދެން ފަޒަލް އާ އެއްވެސް ގުޅުމެއް ބާއްވާކަން އަހަރެން ބޭނުމެއް ނޫން” ޔަންހާ ބުންޏެވެ. އެއީ ޔަންހާ އަހަރެންނަށް ފެނުނު އެންމެ ފަހު ފަހަރެވެ. އަހަރެންނަށް ކުރެވުނު ކުށް އިހުސާސް ކުރެވުނީ ދެނެވެ. ފާފަ ކުރީ އަހަރުމެން ދެމީހުންނެވެ. އެކަމުގެ ބުރަ އުފުލާނީވެސް އަދި ހުކުމެއް އަންނާނީވެސް ޔަންހާއަށެވެ. އަހަރެންނަށް ކުރެވުނު ކުށް އިހުސާސްވެ ޔަންހާގެ ކިބައިން މައާފަށް އެދެން އަހަރެން ބޭނުންވިއެވެ. ޔަންހާ އާ އެކުގައި އޭނާވީ ހާލެއްގައި ވާން އަހަރެން ހުންނާނެ ކަމުގައި ބުނެދޭން ބޭނުންވިއެވެ. އެކުއްޖާ ބަލައިބޮޑުކުރުމަށް އަހަރެންގެ އެއްބާރުލުން ލިބޭނެކަންވެސް ބުނަން ބޭނުންވިއެވެ.
ނަމަވެސް އަހަރެންނަށް އެފުރުސަތު ނުދީ ޔަންހާ ގެއްލުނީއެވެ. އަހަރެން ޔަންހާ ހޯދަން އެގެއަށްވެސް ދިޔައީމެވެ. ނަމަވެސް އެމީހުން އެގެދޫކޮށް ކޮންމެވެސް ތަނަކަށް ދިޔައީކަމަށް އެގޭ އެހެން ބައެއްގައި އުޅޭ މީހަކު އަހަރެން ކައިރީގައި ބުންޏެވެ. ޔަންހާ ހޯދަން އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. މިއަދާ ހަމައަށް ކޮންމެ ދުވަހަކުހެން އަހަރެން މީސް މީޑިއާ ގެ ޒަރީއާއިން ޔަންހާ ހޯދަން މަސައްކަތް ކުރަމެވެ. ނަމަވެސް އަދި އަހަރެންނަށް ކާމިޔާބު ވާގޮތެއް ނުވެއެވެ.
އަހަރެން އިންތިޒާރު މިކުރަނީ ހަމައެކަނި ޔަންހާއަކަށް ނޫނެވެ. ޔަންހާ އާއި އަހަރެންގެ ދަރިފުޅަށްވެސް މެއެވެ. އުއްމީދު ކުރަނީ ކޮންމެވެސް ދުވަހަކުން ޔަންހާ އަހަރެންނަށް ފެނުމެވެ. ޔަންހާ އާއި އަހަރެންގެ ދަރިފުޅާ ބައްދަލުކޮށްދެއްވާތޯ ކޮންމެ ނަމާދެއްގެ ފަހަތުގައި އަހަރެން ދުއާ ކުރަމެވެ. އަހަރެންގެ ވާހަކަ ކިޔުންތެރިންނާ ހިއްސާ މިކުރީވެސް ކޮންމެސް ގޮތަކުން ޔަންހާ އާ ހަމައަށް މިވާހަކަ ފޯރާނެ ކަމުގެ އުއްމީދުގައެވެ. ޔަންހާއެވެ. އަހަރެން މިހުރީ ޔަންހާ އާއި އަހަރެންގެ ލޯބިލޯބި ދަރިފުޅުގެ އިންތިޒާރުގައެވެ.

ނޯޓް: މީ ހަޤީޤީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޙިޔާލީ ވާހަކައެކެވެ. މި ވާހަކައަޚި ފަޒަލް ގެ ނަޒަރުން ގެނެސްދީފައިވާ ވާހަކައެކެވެ. ދެން އޮތް ބައި އިންޝާ ﷲ ގެނެސްދޭނީ ޔަންހާގެ ނަޒަރުންނެވެ. އިންތިޒާރު ކޮށްލައްވާ!!!

Share Article

Follow Me Written By

Azkii

Level 110 Stories

Other Articles

Previous

ރެދަން ފުރޭތަ 2 – ފަހުބައި

Next

ބަދު ނަސީބުގެ ހިޔަނި އެޅުމުން (37)

Next
June 28, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (37)

Previews
June 28, 2021

ރެދަން ފުރޭތަ 2 – ފަހުބައި



All Right Reserved!