ޕޯޝަން – 1
އިރުގެ އަލިތައް އަނާގެ ލޮލަށް އެޅުމާއިއެކު އަނާ އުނދަގޫ ގޮތަކަށް ލޯހުޅުވާލިއެވެ. ހުޅުވިފައިވާ ކުޑަދޮރަށް ނުރުހުމުގެ ނަޒަރެއް ދެމުން އޭނާ ކިލްޓު ތެރޭގައި ގައި ފޮރުވައިލިއެވެ. އަނެއްކާ ވެސް އަވަހަށް ނިދޭތޯ އުޅުނެވެ. ނަމަވެސް ނިންޖެއް ނައިސް ހުއްޓާ އަނާގެ މަންމަ ރީހާނާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
“އީން ދޭ ފެންވަރައިގެން ސައިބޯން. ހުންނާނެ ސައި ތައްޔާރު ކޮއްފައި. މޭޒުމަތީގަ ..”ރީހާނާ ކޮޓަރިއަށް ވަދެ ކޮޓަރި ތަރުތީބު ކޮއްލިއެވެ. ކުޑަދޮރުގެ ފަރުދާތައް ކަހައިލައި ދޮރު ފޮތިގަނޑު އެއްސިއެވެ. އެއަށްފަހު އެންމެ ފަހު ކަންތައް ނިންމާލި އިރުވެސް އަނާ، އެނދުމަތީގައި އޮތް ގޮތަށް އޮތެވެ. މާގިނައިން ނިދުމަކީ ރީހާނާ މާ ރުހޭ ކަމެއް ނޫނެވެ.
“ދެން އަނާ! ..” ރީހާނާ ގޮވާލިއެވެ. އަނާ ތެދުވިއިރު މޫނު، ބަނަ ވިލާގަނޑެކޭ އެއްވަރެވެ. މަޑުމަޑުން ހިނގައިފައި އަނާ ފާހަނާއަށް ވަތް އިރު ރީހާނާ ކޮޓަރިން ނުކުމެ، ކޮޓަރީގެ ދޮރު ލައްޕައިލަނީއެވެ.
ފެންވަރައި ތާޒާވެލައިގެން އަނާ ބޭރަށް ނުކުމެ ނާސްތާ ކޮއްލިއެވެ. އެއަށްފަހު ކުރާނެ އެއްވެސް ކަމެއް ނެތި ފޫހިވެގެން އުޅުނު އަނާއަށް މޭޒުމަތީގައި އޮތް ނޫސް ފެނުނެވެ. އަވަހަށް ގޮސް އެ ނޫސްގަނޑު އަތަށް ނެގިއެވެ.
“މިއޯ؟ ..” އަނާގެ ހިތުގައި ސުވާލުމާކު ޖެހުނީ ނޫހުގައި އޮތް ޚަބަރު ފެނިފައެވެ. އަވަހަށް ބަލާކަށް ނުހުރެ އަނާ އޭތި ކިޔާލިއެވެ. އޭގައި އޮތީ މެޖިކަލް ލޭންޑްއެއްގެ ވާހަކައެވެ. މިރެއާއި މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ މި އިވެންޓަކީ މެހެމާނުންނަށް ޚާއްސަކުރެވިފައިވާ ތަނެއް ކަމަށް އޭގައި ބުނެފައިވެއެވެ. ނަމަވެސް އެއާއި ބެހޭ އެއްވެސް މައުލޫމާތެއް އޭގައި ދެވިފައެއް ނެތެވެ. އަނާގެ ހިތުގައިވާ ޝައުޤުވެރިކަން މިއަށް އެކީ ދަމައިގަތެވެ.
“ޢައްސަލާމުޢަލައިކުމް!!! ..” ބާރު ބާރަށް އައްސަލާމަލައިކުމްއޭ ކީ ދޮރުމަތީގައި ހުއްޓިގެން ތިބި ދެކުދިންނެވެ. އެދެކުދިންގެ އެއަޑުން އެކަނިވެސް އަނާގެ ކަންފަތު ތޫރި ފަޅައިގެން ނުދިޔަކަން ނަސީބެކެވެ. “ވަޢަލައިކުމުއްސަލާމް ..” އަނާވެސް އެކުދިންނަށް ވުރެ ބާރަށް ބުނެލިއެވެ. އެއާއިއެކު އެދެކުދިން ހެމުން ހެމުން އެތެރެއަށް ވަނެވެ. އެއީ އަނާގެ އެކުވެރި ޔޫވް އާއި ޔޫލީއެވެ. ލާނެތްކަމުގެ އެއްވަނައެވެ.
“ބާރަށް ސަލާމް ނުގޮވިއަސް މީހަކަށް އަޑުއިވިދާނެޔޭ ..” އަނާއަށް ބުނެލެވުނެވެ. ” އެހާ ބާރަށް ސަލާމް ބަލައިނުގަތަސް މީހަކަށް އަޑުއިވިދާނެޔޭ! ..” ދެކުދިން އެއްއަޑަކުން ރައްދު ދިނެވެ. އެންމެފަހުން ރަކި ވީވެސް އަނާއެވެ. “ދެން މިވެސް ..”
“ހެހެހެ ..” ޔޫލީ ހީނގަތެވެ. “ދެން؟ މިއަދު ކީއްކުރާނީ؟ ..” ނޫސް އަތުން ދޫކޮއްލަމުން މޭޒުގައި އަނާ ލެނގިލިއެވެ. “މިއަދު ކުރާނެ ކަމެއް އެބައޮތްތަ؟ ..” ހިނިގަނޑު މައިތިރި ކޮއްލުމައްފަހު ޔޫލީ ފޫހިގޮތަކަށް ބުނެލިއެވެ. “ފޫހިވެގެން މިއައީވެސް ..” ޔޫވް ބޭރު ބަލާލިއެވެ. ބޭރުން ފެންނީ އެގޭގައި ހައްދާފައިވާ ވިލާމަތީ ބަގީޗާއެވެ.
“ބޭރަށް ދާހިއްވޭ ދޯ؟ ހިނގާ އެތަނަށް ..” އަނާ ވަރަގަނޑު ހުޅުވާލުމަށްފަހު ބޭރަށް އުދުހިގަތެވެ. “ކޮންތާކަށް؟ ..” އަނާ ދިޔަތަނުން ޔޫވް އަހާލިއެވެ. “ބަގީޗާއަށް ..” ޔޫލީ އިދުހިގަތުމުން ޔޫވްވެސް ފަހަތުން ދިޔައެވެ.
ގޭގެ ބޭރަށް ވާގޮތަށް ބަހައްޓާފައިވާ ބެންޗުގައި ތިން ކުދިން އިށީނެވެ. އެއާއިއެކު އައި ނައި ގޮތެއް ނޭނގި ބުރަކަށީފައި ފެޅިފައިވާ ފިޔަގަނޑު ޣަރަޤުވިއެވެ. “ވަރަށް ރީތިދޯ؟ ..” ވިލާމަތިން ފެންނަމުން ދިޔަ ޗާލު ތަރިތަކަަށް ބަލަމުން ޔޫލީ އެހީ ޔޫވްގެ ގާތުގައެވެ. “ކީއްވެ ހަޑިވީ؟ ..” ޔޫވް ސަމާސާ ކޮއްލިއެވެ. ޔޫލީގެ ގާތަށް އައީ ހިންޏެވެ.
ލޯމަރާލައިގެން ފުން ވިސްނުުމެއްގައި އޮތް އަނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެނޫހެވެ. އަނާ އެވާހަކަ ޔޫލީ އާއި ޔޫވްގެ ބުނަން ބޭނުންވި ނަމަވެސް ނުކެރުނީ އެދެކުދިންގެ އަނގަގަދަކަމުން މަންމަގެ ގާތުގައި ބުނެފާނެތީއެވެ. އެއީ މަންމަގެ ވިސްނުން ބޮޑު ކަމުން މާގަދައަށް ޝައްކު ކޮއްފާނެތީއެވެ.
“ހޭއި ޔޫލް އާއި ޔޫވް އާދޭ އީންގެ ފަހަތުން..” ކުދި ކުދި ސަމާސާތަކުގައި ތިބި ޔޫލީންއާއި ޔޫވްގެ އަތުގައި ހިފާ ކޮޅަށް ނެނގި އަނާ ބޭނުންވީ އެދެކުދިންނަށް އެނޫސް ދައްކާށެވެ. މަންމަ ގާތުގައި ބުނިއަސް ހެޔޮކަމަށެވެ. ކުއްލިއަކަށް އުދުހިފައި ގެއަށް ދާން އަންނާށޭ ބުނުމުން ޔޫވް އާއި ޔޫލީގެ ހިތުގައި ވަނީ ސުވާލުމާކެވެ. ގެ ހުންނަ ތިރީ ވިލާ ގަނޑަަށް އަރައި އަނާ އެނޫސް ޔޫލީ އާއި ޔޫވްއަށް ދެއްކިއެވެ.
“އަހަންނަށް ހީވަނީ ތިތަނަށް ދާންވީ ހެން! ..” ޔޫލީގެ އަނގައިން ބޭރުކޮއްލި ޖުމްލައާއިއެކު ސިޓިންގ ރޫމް ސޯފާގައި އިށީދެގެން އިން ރީހާނާގެ ނަޒަރު އެދިމައަށް ދަތުރު ކުރިއެވެ. “ނޯނޯނޯނޯ ..” އަނާ އަވަހަސް ޔޫލީގެ އަނގަ މަތީ އަތްއަޅައި އޭނަގެ ކޮޓަރިއަށް ވެއްދިއެވެ. ކުޑަދޮރުތައް ލައްޕައި ދޮރު ތަޅުލައި ހެދި އަނާގެ ހިތަށް ރީހާނާގެ ހިތަށް އަރާނެ އެއްޗެއް ވެސް ނޭނގުނެވެ. “ކިހިނެތްވީ؟؟ ..” ޔޫވް ހާސްވެފައި އަހާލިއެވެ. ވާނީ ވެސް އެހެންނެވެ. އަނާ އުޅުނު ގޮތުންވެސް މީހަކު ބިރު ނުގަނެ ނުދާނެއެވެ.
“ޔޫލްލްލްލްލްލް ..” އަނާ ފުންނޭވާއެއް ލިއެވެ. “ކިހިނެއް ވީތަ.. ކަމަނާފާނު ..” ޔޫލީގެ ގާތަށް އައީ ހިންޏެވެ. “އަހަރެން ވެސް ބޭނުމޭ އެތަނަށް ދާން .. “އަނާ ހާމަކުރިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


