ޕޯޝަން – 2
“ކިހިނެތްވީ؟؟ ..” ޔޫވް ހާސްވެފައި އަހާލިއެވެ. ވާނީ ވެސް އެހެންނެވެ. އަނާ އުޅުނު ގޮތުންވެސް މީހަކު ބިރު ނުގަނެ ނުދާނެއެވެ.
“ޔޫލްލްލްލްލްލް ..” އަނާ ފުންނޭވާއެއް ލިއެވެ. “ކިހިނެއް ވީތަ.. ކަމަނާފާނު ..” ޔޫލީގެ ގާތަށް އައީ ހިންޏެވެ. “އަހަރެން ވެސް ބޭނުމޭ އެތަނަށް ދާން .. “އަނާ ހާމަކުރިއެވެ.
“އަސްލު؟؟ ރިއަލީ؟؟ ޕްލޭންއެއް .. މިވަގުތު!! ..” ޔޫވް ނުހަނު އުފާވިއެވެ. ޔޫލީ ވެސް މެއެވެ. “އަމްމްމް.. ކިހިނެއް ވާނީ މިޑްނައިޓް؟؟ ..”ޔޫލީ ޔޫވްއާ އިސުވާލު ކޮއްލިއެވެ. އަނާ ހަމަޖެހިލައިގެން އިނީ މިދެކުދިންގެ ރޭވުން ބަލާށެވެ. “ރަނގަޅު ވާނެ! މަންމަމެން ނިދީމަ ދާނީ.” ޔޫވް އިތުރު ކޮއްލިއެވެ. “ތިބޭނީ ނިދާކަމަށް ހެދިގެން، މަންމަމެން ތެދުވާ ގަޑިއާއި ދިމާކޮށް އަލުން އަންނާނީ .”ޔޫލީ ވެސް ޚިޔާލު ފާޅުކޮއްލިއެވެ. ޔޫވް އާއި އެކު މިފަހަރު އަނާއަށް ވެސް ބޯޖަހާލެވުނެވެ.
ތިން ކުދިންވެސް ދިޔައީ ޕްލޭން ކުރަމުންނެވެ. ރީހާނާ އަދި އާމާލްއަށް ހިލަމެއް ވެސް ނުވާނެހެން ގެއިން ނުކުންނާނެ ގޮތާއި ދަތުރު ކުރާނެ ގޮތެވެ. ހުރިހާ ކަމެއްވެސް ހަމަޖެހި ނިމުމުން ތިން ކުދިންވެސް ނުކުތީ އަލުން ބަގީޗާއަށް ދާށެވެ. ރީހާނާ އަށް ވަގަށް ބާރަށް އުދުހެވޭ ވައްތަރުގެ މޭވާ ބިންނުމަށެވެ. އޭރުން އަވަހަށް ދަތުރު ކުރެވިދާނެތީއެވެ.
“މިތާ މަޑުކޮއްލާ އިހަށް! އެބައަންނަން އިނގޭ ..” ބޭރަށް ނުކުމެވުމާއިއެކު ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށް އަނާ އަނެއްކާ ވެސް އެތެރެއަށް ވަނެވެ. އެއަށްފަހު އައީ އޭގެ ދެމިނެޓް ފަހުންނެވެ. “ކީއްކޮއްލާފަ ތިއައީ؟ ..” ބުމަ އަރުވާލަމުން ޔޫވް އެއްސެވެ. އެއާއިއެކު އަނާ އެއްލޯ މަރާލަމުން ބޯ ހޫރުވާލިއެވެ. “ދެން ވެސް! އަނެއް ހަކަންތައް ..” ޔޫލީގެ ހިތަށް އެހެން އަރާފައި ހިނިވެސް އައެވެ. އިރުކޮޅެއް ފަހުން އުދުހިފައި އައި ތިން ކުދިންނަށް ބަގީޗާ އާއި ހަމައަށް ވާސިލްވެވުނެވެ.
ފިލައިގެން ހުރެ މީހަކު އަންނަނަމަ ސިގްނަލް ދޭން ހުރީ އަނާއެވެ. ޔޫވް ހުރީ ހެދިފައިވާ ބޯ ވިނަގަނޑެއްގެ ދަށުގައި އޭގެ ނިވަލުގައެވެ. ޔޫލީ ހުންނަން ހަމަޖެހިފައިވަނީ ޔޫވްއަށް އެހީވެދޭށެވެ. އެ މޭވާ އަކީ މަލެއް ގޮތަށް ހުންނަ ނަމަވެސް ކުޑަކޮށް ފިއްތާލުމުން އަތަށް އަންނަ ބޯޅައެކެވެ. މިވީގޮތުން މި ޖެހެނީ ބާރަށް ފިއްތާށެވެ. އަދި ޔޫވް އެއެއްޗިހި ނަގާފައި ބާއްވަން ޖެހޭނީ ވިނަގަނޑުގައި ކަމުން ޔޫލީ ހުންނަން ޖެހޭނީ ޔޫވްގެ އެސިސްޓެންޓަކަށެވެ.
“ރެޑީ؟؟ ..” ޔޫލީ އަހާލިއެވެ. ރިހާނާ އަށް ފެނިދާނެތީ ތިން ކުދިންގެ ހިތްވެސް ޑަންޑަން ލާފައި އެބަ ތެޅެއެވެ. “ރެޑީ ..” ޔޫވް އާއި ޔޫލީ އެކުއެކީގައި ބުނެލިއެވެ. އެއާއިއެކު އެދެކުދިން ގަސްތުގައި ވެލިގަނޑު މައްޗަށް ވެއްޓިގަތެވެ. “ތަދުވި؟؟ ..” ލޯމަރާލައިގެން އޮތް ޔޫލީގެ ހިތުގައި ބިރުވެރިކަމެއް އުފެދުނީ ދާދި ގާތުން އިވުނު އަޑު އިވިފައެވެ. ދެން ދެން މި ޕްލޭން ބަސްޓް ވީއޭ ހިތަށް އެރިއެވެ. ފިލައިގެން ހުރި އަނާއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. މިވަގުތު ކޮޅު ރީހާނާ ފެނިދާނެކަމަށް އޭނަ އުންމީދުވެސް ނުކުރެއެވެ..
“ނޫން ދައްތާ!! ..” ވަރަށް ބަލި ކަމަށް ހެދިގެން ޔޫވް އެކްޓު ކުރަން ފެށިއެވެ. ޔޫވް ހަދާ ތަންފެނި ޔޫލީގެ ހިތަށް ޤަބޫލެއް ވެސް ނުކުރެވުނެވެ. ނަމަވެސް އެކަން ކުރަން ޖެހޭތީ ޔޫލީ ވެސް ކުޅުނެވެ.
“ދައްތަ އެންމެ މަޖާވީ ވެއްޓުނު ގޮތް! ކީއްވެ ވެއްޓުނީ؟ ތަނަކަށް ތަދުވަނީތަ؟ ..” ދެކުދިން ބިންމަތިން ތެދުވުމުން ރީހާނާ އަހާލީ ހިނިގަނޑު މައިތިރި ކޮއްލަމުންނެވެ. ރީހާނާގެ ފަހަތުގައި ބޮނދައިގެން ހުރި އަނާއަށް ނިކުންނަން މަޖުބޫރު ވިއެވެ. “އާން! ކީއްކުރާނީ ފަޔަށް ކުޑަކޮށް ތަދުވީމަ. މިހާރު އޯކޭއޭ ދައްތާ .. ދޯ ޔޫވް “. ޔޫލީ ޔޫވްއަށް ދޯ އޭ ބުނެލިއެވެ. ވަގުތުން ޔޫވް އެއްބަސް ވިއެވެ.
ރީހާނާގެ ފަހަތުގައި ސިއްރު ސިއްރުން އަނާ ގޮސް ހުއްޓުނެވެ. މީހަކު އައިހެން ހީވެގެން ރިހާނާ ބަލާލިއެވެ “މަންމާ!.. ބަލާބަ. މެޝިނަށް ދޮންނަން އަޅާފަ ހުރި އެއްޗިހީގަ ފާޑެއްގެ ފަރުހަކި ވަހެއް އެބަ ދުވޭ! އެހެންވެ މަންމަ ހޯދަން މިއައީ ..” ރީހާނާގެ ފަހަތުގައި ހުއްޓި ހުރި އަނާ ރީހާނާއަށް ގޮވާލަމުން ހާސްވެފައި ހުރި ކަމަށް ހެދުނެވެ. ޔޫވް އާއި ޔޫލީގެ ގާތަށް އައި ހިނި ކޮންޓްރޯލް ކުރުންވީ ބޮޑު ވޭނަކަށެވެ. އަނާ އަށް ބަލަހައްޓައިގެން ހުރުމަށްފަހު ރީހާނާ ފާޑަަކަށް ދުއްވައިގަތީ ގެއާއި ދިމާލަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


