ކިޔާރާ
ވިއްސާރަ ވިލާތަކުން އުޑުމަތި ބައްދައިލައިފައި އޮތުމުން ފަޒާގައި ހަރުލައިފައިވަނީ ތެތްފިނިކަމެކެވެ. އިރުއިރު ކޮޅާ ގަދަޔަށް ވިދާލާއިރުގައި ބައެއްފަހަރު ބާރަށް ގުގުރާއަޑުވެސް އިވެމުންދިޔައެވެ. ގަދަވަޔަށް ކެއްނުކުރެވިގެން ގަސްތައް ބާރަށް ހެލެމުންދިޔައެވެ. އެހެން ރޭތަކާއި އެއްފަދައިން މިރޭވެސް އިޔާން އުޅުނީ ޓެކްސީ ދުއްވުމުގައެވެ. ދުވާލު ވަޒީފާއަށް ނުކުތުމަށްފަހު ރޭގަނޑު އިޔާން ކުރާ މަސައްކަތަކީ މިއީއެވެ. މިހާރު ގަޑިން އެކެއް ޖަހަން ކައިރި ވެފައި ވުމާއިއެކު އިޔާން މިސްރާބުޖެހީ ގެއަށް ދިއުމަށްޓަކައެވެ. މަޑު މިނެއްގައި ކާރު ދުއްވަމުންދިޔަ އިޔާންގެ ލޮލުގައި އަޅައިގަތީ މަގުގެ އެއްފަރާތެއްގައި ކާރަށް އަތްނަގައިގެން ހުރި އަންހެން ކުއްޖެކެވެ. އިސްޖަހައިގެން ހުރި މިއަންހެން ކުއްޖާގެ ކައިރީގައި ކަޅުކުލައަކަށްދާ ބޮޑު ފޮއްޓެއްވެސް ހުއްޓެވެ. މިއަންހެން ކުއްޖާ ހުދު ކުލައެއްގެ ގަޔަށްދޫ ކަކުލާއި ހަމައަށްއަރާ ހެދުމެއް ލައިގެން ހުރިއިރުގައި އޮނަގަނޑާއި ހަމައަށް އަރާ އިސްތަށިގަނޑު ވަޔާ އެކި ގޮތްގޮތަށް ހޫރެމުންދިޔައެވެ. މިފަދަ ތޫފާނީ ރެއެއްގައި އެއަންހެންކުއްޖާ އެކަނި އެހެން ބަހައްޓައިފައި ދާކަށް އިޔާންގެ ހިތެއް ނޭދުނެވެ. އެހެންނޫނަސް މަގުމަތިން ކާރެއްވެސް ފެންނަނީ ވަރަށްވެސް މަދުންނެވެ. އެހެންކަމުން އިޔާން ކާރު މަޑުކޮށްލީ އަދި އެއްދަތުރު އަޅައިލާނީއޭ ހިތައް އަރާފައެވެ. އިޔާން ކާރުން ފެއިބީ އެއަންހެން ކުއްޖާ ކައިރީގައި ހުރި ފޮށި ކާރަށް އަރުވައިދިނުމަށްޓަކައެވެ. އެއީ ފުދޭވަރަކަށް ބޮޑު ފޮއްޓެއް ކަމުން އެބަރުވާނެއޭ ހިތައް އަރާފައެވެ. އިޔާން ގޮސް އެފޮށީގައި ހިފައިލިއިރުގައި ހީކުރިގޮތަށް ވަރަށްވެސް އެބަރެވެ. އިޔާންގޮސް އެފޮށި ކާރުގެ ޑިކީއަށް ލައިފައި އައި އިރުގައިވެސް އެއަންހެންކުއްޖާ އެހުރި ގޮތަށް ހަމައެތާގައި ހުއްޓެވެ.
“ކިހިނެއްވެފަ ތިހިރީ؟…އަވަހަށް އަރާބަލަ….އަނެއްކާވެސް ވާރޭ ވެހެންފެށީ އެ…”
އިޔާން ކާރަށް އަރަން ދޮރު ހުޅުވައިލަމުން އެއަންހެން ކުއްޖާއާއި މުހާތަބު ކުރަމުން ބުނެލިއެވެ. އިޔާން މިހެން ބުނުމުން އެއަންހެންކުއްޖާ ކާރަށްއަރާ ފަހަތު ސީޓުގައި އިށީނެވެ. އެއަންހެން ކުއްޖާދާން ބޭނުންވާ މަންޒިލް އެހުމަށްފަހު އިޔާން ކާރު ދުއްވައިލިއެވެ. ވިއްސާރަ ރެއެއްކަމުން ދުއްވާއެއްޗެއްވެސް މީހެއްވެސް ފެންނަނީ ވަރަށް މަދުންނެވެ. އެހެންނޫނަސް މިހާދަން ގަޑިއެއްގައި ވިއްސާރަ ރެއެއްކަމުން ގިނަމީހުން ތިބޭނީ ނިދީގެ އަރާމު ހޯދުމަށެވެ. އިޔާން ކާރުގެ އޭސީ ނިއްވައިލީ ކާރުތެރޭގައި މާފިނި ވާންފެށުމުންނެވެ.
“ކީއްވެ އޭސީ ނިއްވާލީ….އެހާވެސް ފިންޔެއް ނޫނެއްނު….”
އެއަންހެންކުއްޖާ މަޑުމަޑުން ބުނެލިއަޑު އިވުނެވެ. އިޔާން ކާރުގެ ބިއްލޫރިގަޑުން ފަހަތް ބަލައިލި އިރުގައި އެއަންހެން ކުއްޖާވެސް އިނީ އިޔާންއަށް ނަޒަރު ހުއްޓައިލައިގެނެވެ. ބަލާބެލުމަށް އެއަންހެން ކުއްޖާއަށް ހީވަނީ ވިއްސަކަށް އަހަރު ވެދާނެ ހެންނެވެ. އެެއާއި ހިލާފަށް އިޔާން މިހާރު ދެބައި އުމުރަށް ވުރެވެސް މަށްޗަށް ދިޔައީއެވެ. މިކުއްޖާގެ އެދުމަށް އިޔާން އަނެއްކާވެސް އޭސީ ޖައްސައިލިއެވެ.
“ކޮންނަމެއް ކިޔަނީ؟….”
އަނެއްކާވެސް އެއަންހެންކުއްޖާ އަހައިލިއެވެ.
“އިޔާން….”
ކުއްލިއަކަށް މި އަންހެންކުއްޖާ މާގިނަ ވާހަކަ ދައްކަންމިފެށީ ކީއްވެބާއޭ އިޔާންގެ ހިތައްއެރިއެވެ. ނަމަވެސް އިޔާން މިކަން މާބޮޑު ކަމަކަށް ނެހެދިއެވެ.
“އަމް ކިޔާރާ…..އިޔާންއަށް ވަރަށް ފައްކާ ގޭމްއެއް ކުޅޭގޮތް ކިޔާދެންތަ؟….”
އިޔާން މާގިނަ ވާހަކަ ދައްކާކަށް ނަހަދައެވެ. ހަމައެކަނި ކިޔާރާ ކުރަމުންދިޔަ ސުވާލުތަކަށް ޖަވާބު ދެމުންދިޔައީއެވެ. ދިގު ދަތުރަކަށްވެފައި އިޔާން ފޫހިފިލުވައިލާން މިއީ މާ ރަގަނޅު ގޮތެކޭ އިޔާންގެ ހިތައްއެރިއެވެ. އިޔާން ސުވާލަކަށްފަހު ސުވާލެއް ކުރަމުންދިޔައެވެ.
“މީ އަހަރެންގެ ގާތް ރަހްމަތްތެރިން ކިޔާދިން ގޭމްއެއް…..ވަރަށްވެސް ފައްކާ ގޭމްއެއް އިނގޭ މިއީ…..މިރޭވެސް މިއައީ އެގޭމް ކުޅެން އިނދެފަ… އިޓްސް ރިއެލީ އިންޓްރެސްޓިން…..”
ކިޔާރާ ވާހަކަ ކުރިއަށް ގެންދިޔައެވެ.
“މިގޭމް ކުޅޭގޮތް ކިޔާދިނީމަ ޔަގީން އިޔާންވެސް ކުޅެން ބޭނުންވާނެކަން….”
“އެހެންވީއްޔާ އަވަހަށް ކިޔާދީބަލަ….”
“ރަގަނޅަށް އަޑު އަހަށްޗޭ….”
މިހެންބުނެ ކިޔާރާ ކިޔާދޭންފެށިއެވެ. އިޔާން އިނީ ނިކަން ޝައުގުވެރިކަމާއި އެކު ކިޔާރާގެ ވާހަކަ އަޑުއަހާށެވެ.
**************************
“ހެލޯ……”
ނިދާއެނދުމަތީގައި ކައްނެތް ގޮތަކަށް އޮށޯވެލައިގެން އޮތް ކިޔާރާ ބުނެލިއެވެ.
“އާން ކީކޭ ނަޝް…..”
“ކިޔާ އާދެބާ މިރޭ މިގެއަށް ސްލީޕް އޯވާއަކަށް…..ލޫންވެސް އައިސް އެބައިން…. އެހެންނޫނަސް ވަރަށް ފައްކާ ގޭމްއެއް ކުޅެން ރެޑީކޮށްފަ މިހިރީ…. ވަރަށް މަޖާވާނެ…..”
ނަޝްވާއާއި ލޫނާއަކީ ކިޔާރާގެ އެންމެ ގާތް ރަހްމަތްތެރިންނެވެ. އެކީގައި އުޅެ ބޮޑުވުމުން ތިންކުދިންގެ މެދުގައިވެސް ވަނީ ނިކަންގާތް ގުޅުމެއް އުފެދިފައެވެ.
“އަސްލުތަ؟….ތިންމީހުންއެކީގައި ސްލީޕްއޯވާ އެއް ނުކުރާތާ ވަރަށް ދުވަސް ވެއްޖެ ދޯ….ހުރެ މަމް ގާތުގައި އަހާލާފަ އެބަދަން…”
ކިޔާރާ ފުންމައިގެން ކަހަލަގެ ގޮތަކަަށް ތެދުވަމުން ދިޔައީ ކިޔާރާގެ މަންމަ ގާތުން ހުއްދަ ހޯދުމަށެވެ.
“މަންމާ އޯކޭ ދޯ ނަޝްގެ ގެއަށް ސްލީޕް އޯވާއަކަށް ދިއަސް ވެސް….”
ކިޔާރާ ވާހަކަ ދެއްކުމުން ބަދިގޭގައި ހުރި ސާމިރާ ހޫމް އެކޭ ބުނެލިއެވެ. ކިޔާރާ މިކަމަށް މާބޮޑު ސަމާލުކަމެއް ނުދިނީ މިއީ މަންމަގެ މިޖާޒު އަބަދުވެސް ހުންނަ ގޮތްވީމައެވެ.
“ކިޔާރާ….މިހިރީ މަންމަ ހެދި ޗޮކޮލެޓް ކުކީތަކެއް….ގެންދަބަލަ ލޫނާމެންނާ ޝެއާރ ކޮށްލަން…..”
ކިޔާރާ ދާން ހިނގައިގަތްތަނުން ސާމިރާ ބުނެލި އިރުގައި އަތުގައި ބިސްކޯދު އަޅާފައި ހުރި ފުޅިއެއްއޮތެވެ. ކިޔާރާ އޭގައި ހިފަމުން ހިނިތުންވެލިއެވެ. އެއީ ކިޔާރާއަށް އެންމެ މީރު ބިސްކޯދެވެ. ހާއްސަކޮށް މަންމަ ހެދީމާ ކިޔާރާއަށް އެވަރުގެ ކަމެއް ނޯންނާއެވެ. ކިޔާރާ ދާން ހިނގައިގަތީ ވަރަށްވެސް ހިތްހަމަޖެހިފައި ހުރެއެވެ. ކިޔާރާ ދިޔަ ދިމާއަށް ބަލަންހުރި ސާމިރާގެ މޫނުމަތިން އެއްވެސް އަސަރެއް ފައުޅެއްނުވެއެވެ. ހުރީ ރުޅިއައިސްފައި ކަމެއް ދެރަވެފައި ކަމެއް ނޫނީ އުފާވެފައި ކަމެއް ބަލާލާ މީހަކަށް ނޭންގޭނެކަން ގައިމެވެ. ނަޝްވާގެ ގެއަށް ދިޔައިރުގައި ނަޝްވާގެ މަންމަ ހާމިދާހުރީ ތިންކުދިންނަށް އެންމެ މީރު އެއްޗެހި ހަދައިފައެވެ. ނަޝްވާގެ މަންމައަކީ ވަރަށް ހިތްހެޔޮ މިޖާޒެއްގެ މީހެކެވެ. ތިންމީހުން ރަގަނޅަށް ކައިގެން ދިޔައީ ނަޝްވާގެ ކޮޓަރިއަށެވެ. އޭރު ނަޝްވާ ހުރީ ކޮޓަރީގެ ހުރިހާ ހޮޅިބުރިތަކެއް ނިއްވައިލައި މުޅި ކޮޓަރީގައި އުއްބައްތި ދިއްލައިފައެވެ. އަދި އެނދުކައިރީގައި އޮތް ކާޕެޓްމަތީގައި ބިއްލޫރި ފުޅިއެއް ބާއްވައިފައި އޮތެވެ.
“މިކޮންކަމެއް؟…..”
ކިޔާރާހުރީ ވާނުވާ ނޭންގިފައެވެ.
“ބުނީމެއްނު ވަރަށް ފައްކާ ގޭމް އެއް ކުޅޭ ވާހަކަ….މިއުޅެނީ އެ ގޭމް ކުޅެން….”
މިހެންބުނެ ލޫނާއާއި ކިޔާރާގޮވައިގެން ގޮސް އެފުޅި ވަށާގެން ވާގޮތަށް ތިންމީހުން އިށީނެވެ. އަދި ގޭމް ކުޅެން ހަދަންވާގޮތް ނަޝްވާ ކިޔާދޭންފެށިއެވެ. ކިޔާރާއާއި ލޫނާތިބީ ނިކަން ޝައުގުވެރިކަމާއި އެކު އަޑުއަހާށެވެ.
“މިއޮތީ ޔެސް އޯ ނޯ ޖަހާފަ އޮތް ދެ ގަނޑުކޮޅު މިތާގަ ބާއްވާފަ….ދެން ސުވާލު ކުރާ މީހާ ގޮސް ކޮޓަރީގެ ހަތަރުފާރު ކޮންމެ ފާރެއްގަ ތިންފަހަރު ޓަކި ޖަހާނީ…ދެން އައިސް އިށީންދެ ކުރަން ބޭނުންވާ ސުވާލު ކުރާނީ…..ހެހެހެ…ރެޑީތަ؟…ފުރަތަމަ ލޫންގެ ޓާން…..”
ނަޝްވާ ކިޔާދީ ނިންމައިލުމުން ލޫނާ ނަޝްވާބުނި ގޮތައް ކަންތެއް ކުރަމުން އައިސް އިށީނެވެ.
“ސޯ…މިތާގައި އަހަރުން ތިންމީހުން ފިޔަވާ އެހެނަ އެއްވެސް މީހެއް އެބަ ހުރިންތަ؟….ހެހެހެ…”
ލޫނާ ސުވާލުކުރީ މަޖަލަކަށް ހަދާފައެވެ. އެހެންވެ ނަޝްވާއާއި ކިޔާރާއަށް ވެސް ހީގަނެވުނެވެ. އެއްވެސް ކުއްޖެއް މިކަމާ އެހާ ސީރިއަސްނޫންކަންވެސް މިކަމުން ދޭހަވެގެން ދިޔައެވެ. ކުއްލިއަކަށް އެފުޅިއެބުރެން ފެށީ ނިކަން ބާރަށެވެ. ތިންމީހުން ސިހިފައި އެކަކު އަނެކަކަށް ބަލައިލި އިރުގައި ކިޔާރާއަށް ކުޑަކޮށް ހަޅޭއްލަވައިވެސް ގަނެވުނެވެ. ފުޅީގެ އެބުރުން މަޑުވަމުން ގޮސް ހުއްޓުނީ އެތާގައި “އާން” ޖަހައިފައި އިން ގަޑުކޮޅާއި ދިމާއަށެވެ. އެއާއިއެކު ތިންމީހުންނަށް އެކީގައި ހިންދިރުވައިލެވުނެވެ. ނަޝްވާ ތެދުވެ ކިޔާރާއާއި ލޫނާއަށް ބަލައިލަމުން ހިނގައިގަތެވެ. އަދި ގޮސް ފާރުގައި ޓަކި ޖެހުމަށްފަހު އައިސް އިށީންދެ ސުވާލު ކޮށްލިއެވެ.
“މިތަނުން އެންމެ އަވަހަށް މެރީ ކުރާނީ ކާކު؟….”
ނަޝްވާ މިހާރު އިނީ ބިރަކުންނޫނެވެ. އެހެންވެ މިފަހަރު ވެސް ސުވާލު ކޮށްލީ ސަމާސާއަކަށް ހަދައިފައެވެ. އޭރު ކުޑަކޮށް ސިހުނު ނަމަވެސް މިހާރު ތިންމީހުންވެސް ތިބީ ހަމައަކަށް އެޅިފައެވެ. މިފަހަރު ފުޅި ގޮސް ހުއްޓުނީ ލޫނާއާއި ދިމާއަށެވެ. އެއާއި އެކު ކިޔާރާއާއި ނަޝްވާ ނުލަފާ ގޮތަކަށް ހީލަމުން “ކޮންގުރާ” އޭ ބުނެލިއެވެ. ދެން ސުވާލު ކުރަން ޖެހުނީ ކިޔާރާއާއި އެވެ. ކިޔާރާގޮސް ފާރުގައި ޓަކި ޖަހައިލަމުން އައިސް އިށީނީ ނިކަން ހަމަޖެހިލައިފައެވެ.
“މިތަނުން އެންމެ އަވަހަށް މަރުވާނީ ކާކު؟…”
ކިޔާރާގެ ސުވާލުން ލޫނާއާއި ނަޝްވާ ކުޑަކޮށް ހައިރާންވިއެވެ. މިފަހަރު އެފުޅި އެބުރެމުން ގޮސް ހުއްޓުނީވެސް ސީދާ ކިޔާރާއާއި ދިމާއަށެވެ. “ކިޔާރާ” ނަޝްވާއާއި ލޫނާއަށް އެކުއެކީގައި ހެން ބުނެލެވުނެވެ.
********************
ކުއްލިއަކަށް ކާރުގެ ކުރިމަތިން ނިކަން ބާރަށް ސައިކަލެއް ހުރަސްކޮށްލުމުން އިޔާންއަަށް ކާރުގެ ބުރެކި ޖައްސައިލެވުނީ ހަމަ ކިރިޔާއެވެ.
“ޕިސް ޕިސް…. ”
“މިހާރުދެން އެއްޗެހި ދުއްވާ އިރުވެސް ބަލައިލުމެއްވެސް ނޯވޭ….”
އިޔާން ދެފަރާތައް ބޯހޫރާލަމުން ބުނެލިއެވެ.
އިޔާން ފަހަތް ބަލައިލީ ކިޔާރާގެ އެއްވެސް ހަބަރެއްނުވީމައެވެ. އިޔާން ހައިރާންވީ ކިޔާރާ ފެންނަން ނެތީމައެވެ. އިޔާން ކާރުން ނިކުމެ މަގުގެ ދެފަރާތް ބަލައިލި އިރުގައިވެސް ކިޔަަރާގެ ހިލަމެއްނުވިއެވެ. މިވީ ގޮތެއް އިޔާންއަކަށް ނޭންގުނެވެ. ކުއްލިއަކަށް އެއްޗެއް ހަދާންވާފަދަ ގޮތަކަށް އިޔާންގޮސް ކާރުގެ ޑިކީ ހުޅުވައިލިއެވެ. އިޔާން ކާރަށްލީ ފޮށި ހަމައެއޮތްގޮތަށް އޮތެވެ. އިޔާން އެއްވެސް ވިސްނުމަކާއި ނުލައި އެފޮށީގެ ޒިބު ކަހައި ބަލައިލިއެވެ. އެއާއިއެކި އިޔާންގެ ދެލޯބޮޑުވެ ފަހަތަށް ޖެހިލެވުނީ ސިހިފައިހުރެއެވެ.
“ސުބުހާނައް ﷲ….”
އިޔާންއަށް އަނގަމަތީގައި އަތްއެޅުނީވެސް ސިހުނުވަރުންނެވެ. މިވީ ކިހިނެއްހެއްޔެވެ؟… މިއީ އިޔާން ހުވަފެނަކުންވެސް ހީކުރިވަރުގެ ކަމެއްނޫނެވެ. އެފޮށީގެ ތެރޭގައި އެއޮތީ ކިޔާރާނޫން ދެވަނަ އެހެން މީހެއްނޫނެވެ. ގުޅަވަރަކަށް އެފޮށީގެ ތެރެއަށް ކިޔާރާ ލައިފައި އޮތްއިރުގައި ދެލޯވެސް ވަނީ ހުޅުވިފައެވެ. މުޅިމީހާގެ ހަމުގެ ކުލަ ބަދަލުވެފައި ވާއިރު ނުބައި ވަހެެއްވެސް އެއިން ދުވަމުން ދިޔައެވެ.
“އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން…..”
އިޔާން ލިބުނު ސިހުން ފިލާ ދިއުމުން އަވަހަށް ޕޮލިހަށްގުޅާ އެކަމުގެ މައުލޫމާތުދިނެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި މީސްމީޑިއާގައި އޮތީ ހުސް އެވާހަކައެވެ. ރަހުމުކުޑަ ގޮތަކަށް އަންހެން ކުއްޖެއް މަރާލައިފައި ފޮށްޓަކަށް ލައިފައި އޮތް ވާހަކައެވެ. ޕޮލިހުން މިކަން ހަލުވި ކަމާއިއެކުގައި ތަހްގީގުކުރަން ފެށިއެވެ. މަގުގައި ހަރުކުރެވިފައި ހުރި ކެމެރާއަކުން ފެންނަގޮތުން ޕްރައިވެޓް ކާރެއްގައި އައި މީހަކު ކާރުގައި އިނދެފައި އެފޮށި އެތާގައި ބައިންދައިފައި ދިޔައީއެވެ. އެއީ ކާކުކަމެއްވެސް ކާރުގެ މައުލޫމާތެއްވެސް އެވީޑިއޯގެ ނުސާފުކަމުން ހޯދޭގޮތެއްނުވި އެވެ. އިޔާން އައިސް އެފޮށި ކާރަށް އެރުވީ އެމީހަކު އެ ފޮށި ބެހެއްޓިތާ ގާތްގަނޑަކަށް ގަޑިއިރެއް ފަހުންނެވެ. ނަމަވެސް އިޔާންއާއި ދެކޮޅަށް ސާބިތު ހެއްކެއްނެތުމުގެ ސަބަބުން ޕޮލިހުންނަށް އިޔާން ދޫކޮށްލަން މަޖުބޫރުވިއެވެ. ނަމަވެސް އިޔާންވަނީ އެފޮށި ކާރަށް ލައިގެން ދިގު ދަތުރެއް ކޮށްފައެވެ. އެހެންކަމުން އިޔާންވެސް ޝައްކުވާ މީހުންގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް ހެއްކެއްނެތި އިޔާންވެސް ހަތްޔަރެއް ނުކުރެވޭނެތާއެވެ. އިޔާންއަށް ކިޔާރާގެ ސޫރަ ނުވަތަ ޖިންނި ފެނުނު ވާހަކަ މީހެއް ގާތުގައި ބުނާކަށް ނުކެރުނެވެ. އެހެންނޫނަސް އެވާހަކަ ގަބޫލުކުރާނީވެސް ކާކުހެއްޔެވެ؟…އިޔާން ވަރަށް ވިސްނާލުމަށްފަހު ގަސްދުކުރީ އެވާހަކަ ކިޔާރާގެ މަންމައަށް ކިޔާދޭށެވެ. ކިޔާރާގެ މަންމަގެ މައުލޫމާތު ލިބުނީ ވަރަށްވެސް މަސަތްކަތުންނެވެ. އިޔާން މިސްރާބުޖެހީ އެގެއަށް ދިއުމަށެވެ. ކިޔާރާގެ ގެއަށް ދެވުމުން އިޔާން އެގޭގެ ބޮޑުދޮރުގައި ޓަކި ޖަހަމުން ސަލާން ގޮވައިލިއެވެ. ސާމިރާ ސަލާން ބަލައިގަންނަމުން ދޮރު ހުޅުވައިލި އިރުގައި ނުދަންނަ މީހެއް ހުރުމުން ކީއްކުރަންއައި މީހެއްތޯ އަހައިލިއެވެ.
“ސާމިރާ އުޅުއްވާތޯ؟….”
“މިއީ ސާމިރާ އަކީ…. ކިހިނެއްވީ؟…”
ސާމިރާ ހީކުރީ އަނެއްކާވެސް މިއައީ ނޫސްވެރިއެއްކަމަށެވެ. ކިޔާތާގެ މަރަށްފަހު ނޫސްވެރިން އެގެއަށް އައި އަދަދެއްވެސް ބުނަން ނޭންގެއެވެ.
“އަޅުގަނޑު މިއައީ ކިޔާރާއާއި ބެހޭގޮތުން ވަރަށް މުހިއްމު ވާހަކައެއް ކިޔާރާގެ މަންމަ ގާތުގައި ދައްކާލަން ވެގެން …”
މި މީހާ މިއައީ ކިޔާރާގެ ކޮން ވާހަކައެއް ދައްކަން ބާއޭ ސާމިރާގެ ހިތައްއެރިއެވެ. އިޔާން ގޮވައިގެން ގޭތެރެއަށް ވަދެގެންދިޔަ ސާމިރާ އިޔާން އިށީންނަން ތަން ދެއްކިއެވެ. އިޔާން ގޭތެރެއަށް ވަދެގެން ދިޔައިރުގައި ކިޔާރާގެ އުމުރުގެ ދެއަންހެން ކުދިން ސޯފާގައި އިށީންދެގެން ތިއްބެވެ. އިޔާން ގޮސް ސޯފާގައި އިށީންނަމުން ދެންތިބި ދެކުދިންނަށް ރަގަނޅަށް ބަލައިލިއެވެ. މި މަންޒަރު ސާމިރާއަށް ފެނި އެެއީ ކިޔާރާގެ ރަހްމަތްތެރިން ކަމާއި އެކުދިން ތިއްބައި އެވާހަކަ ދެއްކިއަސް ރަގަނޅުވާނެ ކަމަށް ބުނެލިއެވެ.
“ތީ ނަޝްވާއާއި ލޫނާ ދޯ….”
އިޔާންއަށް ހީވާއެއްޗެެއް ބުނެލިއެވެ. މިއާއި އެކު އެންމެންގެ މޫނުމަތިން ހައިރާންކަން ފެނިގެންދިޔައެވެ. އިޔާން އެރޭގައި ހިނގާދިޔަ ހާދިސާ އެއްވެސް އަކުރެއް އުނި ނުކޮށް ކިޔާދޭންފެށިއެވެ. މިއާއި އެކު އެންމެން ހައިރާންވީ އިޔާން އެ ކިޔާދިން ވާހަކަ ތަކަކީ ހިނގާފައިވާ ހާދިސާތަކަށް ވާތީއެވެ. އެހެންކަމުން އިޔާން ދެއްކި ވާހަކަ އެ ތިން މީހުންނަށްވެސް ވަރަށް ފަސޭހައިން ގަބޫލުކުރެވުނެވެ. ތިންމީންގެ ލޮލުންވެސް ކަރުނަ ހިލުނީ ކިޔާރާ މަތިން ހަނދާންވެފައެވެ. އިޔާން އިނީ އެވާހަކަތައް ހިއްސާކުރެވެމުން ނިކަން ހިތްހަމަޖެހިފައެވެ. އެކަމަކު ކިޔާރަައަށް އެހެން އެހެދީ ކާކުބާއެވެ؟. .އިޔާން ދާންތެދުވީ ފުދޭވަރަކަށް ގިނައިރު އެގޭގައި އިނދެފައެވެ.
“އަން މި ގެންދޭ……މި ކިޔާރާއަށް އެންމެ މީރު ބިސްކޯދު….މީ އަހަރެންގެ ފަރާތުން އިޔާންއަށް ދިން ހަދިޔާއެއް…..ތި ކިޔާދިން ވާހަކަތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ…..”
ސާމިރާ އައިސް ދިއްކޮށްލީ ބިސްކޯދުތަކެއް އަޅައިފައިހުރި ފުޅިއެކެވެ. އިޔާން ހިނިތުންވެލަމުން އޭގައި ހިފިއެވެ. އިޔާން ދިޔަ ދިމާއަށް ބަލަން ހުރެފައި ސާމިރާގެއަށް ވަންނަން ހިނގައިގަތެވެ. ކޮޓަރިއަށް ވަތް އިޔާން އަތުގައި ހުރި ބިސްކޯދުފުޅި ތިރީގައި ބަހައްޓަމުން ގޮސް ވަތްގަނޑުން ނެގީ އުއްބައްތި ތަކެކެވެ. ވަރަށް ވިސްނާލުމަށްފަހު އިޔާން ނިންމީ ކިޔާރާ ކިޔާދިން ގޭމް ކުޅޭށެވެ. އިޔާން ބޭނުންވީ ކިޔާރާ މަރާލި މީހެއްގެ ނަން ހޯދާށެވެ. ކޮޓަރީގެ ލައިޓްތައް ނިއްވާލަމުން އިޔާން އުއްބައްތިތައް ދިއްލައިލިއެވެ. އަދި ކޮޓަރީގެ މެދުގައި ފުޅިއެއް ބޭއްވުމަށްފަހު ގޮސް ހަތަރު ފާރުގައި ޓަކި ޖަހައިލިއެވެ. އަދި އައިސް ފުޅިއޮތް ދިމާގައި އިށީންނަމުން ސުވާލެއް ކޮށްލިއެވެ.
“ކިޔާރާ…..މިތާ އެބަ ހުރިންތަ؟…”
ކުޑަ އިރުކޮޅެއް ވޭތުވެދިޔަފަހުން އެފުޅި އެބުރެމުންގޮސް ހުއްޓުނީ އެތާގައި އިން “އާން” ޖަހައިފައި އިން ގަނޑުކޮޅާއި ދިމާއަށެވެ. އިޔާން ފުންނޭވާއެއް ބޭރުކޮށްލިއެވެ. އިޔާން އަނެއްކާވެސް ގޮސް ޓަކި ޖަހައިލަމުން އައިސް އިށީންދެ ސުވާލު ކޮށްލިއެވެ.
“ކިޔާރާ….ކިޔާރާ މަރާލީ ކާކު؟…”
މިސުވާލު ކުރުމާއިއެކުހެން އެފުޅި ނިކަން ބާރަށް އެބުރެން ފެށިއެވެ. ހީވަނީ ދެންމެ ދެންމެ އެ ތެޅި ދާނެ ހެންނެވެ. އިޔާންއަށް ސިހިފައި ކޮޅަށްތެދުވެވުނީ އެހެންވެއެވެ. ކުޑަ އިރުކޮޅަކަށްފަހު ކުށްލިއަކަށް އެފުޅީގެ އެބުރުން އެއްކޮށް ހުއްޓުނެވެ. ދެން އެފުޅި އެކި ކޮޅުކޮޅަށް ފުރޮޅެން ފެށިއެވެ. ފުރޮޅެމުން ފުރޮޅެމުން އެފުޅި ގޮސް ހުއްޓުނީ ތަށިމުށިމަތީގައި ބަހައްޓައިފައި ހުރި ސާމިރާދިން ބިސްކޯދުފުޅިއާއި ދިމާއަށެވެ. އެއާއިއެކު އިޔާންއަށް ލިބުނު ހައިރާންކަމާއި އެކު ދެލޯ ބޮޑު ކޮށްލަމުން އަނގަމަތީގައި އަތްއެޅުނެވެ.
“ސުބުހާނައްﷲ….”
(ނިމުނީ)
One Comment
Comments are closed.



Nice story☺️?✔️?❤️✔️?❤️
Kiyaaraa ge mom dhw Eyna maraalee? How sad????
Waiting for your next story☺️???