ކަޅުބުޅާ… (ފަހުބައި)
” އޭ. ދިމާ ނުކުރައްޗޭ. ބޮސްގެ އާ އެސިސްޓެޓް އެއީ.” ހާނިމް ބުނެލިއެވެ.
” ދެން ކޮންމެ މީހަކަށް ވިޔަސް ރީތިވީމަ ރީއްޗޭ މިބުނީ.” ރިޝާމް ބުނެލިއެވެ.
ލިފްޓް ހުޅުވުމާއި އެކު ނަހުމާ ހިނގައިގަތެވެ. ގޮސް އޮފީހުގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. އޮފީސް ތެރޭގައި ތިބި ގިނަ ފިރިހެނުންގެ ކަޅިތައް ހުރީ ނަހުމާއާއި ދިމާލަށް ހުއްޓިފައެވެ. ނަހުމާ ހިނގަމުން ދިޔައިރު އެމީހުން ކީ އެއްޗެހި ނަހުމާއަށް އަޑުއިވުނެވެ. އެކަމަކު، އަޑުވެސް ނީވޭކަމަށް ހަދާފައި ގޮސް ނަހުމާގެ މޭޒު ކައިރީގައި އިށީނެވެ. އަޝްރަފް އައިސް ނަހުމާގެ ކައިރީގައި އިށީނެވެ. ދެން ކުރަން ހުރި މަސައްކަތްތައް ޙަވާލުކޮށްލިއެވެ.
” މާ ބިޒީކޮށް މަސައްކަތް ނުކުރިޔަސް މައްސަލައެއްނެތް. ތިހާ ރީތި ކުދިން ނުވާނެ މާ ބުރަކޮށް އުޅޭކަށް.” އަޝްރަފް ހާދަހާ ރަނގަޅޭ ނަހުމާގެ ހިތަށް އެރިއެވެ.
ނަހުމާ ދިޔައީ އޮފީހުގައި މަސައްކަތް ކުރަމުންނެވެ. ކުއްލިއަކަށް އޮފީހުގެ ފޯން ރިންގްވާން ފެށިއެވެ.
” ހަލޯ.” ފޯން ނަގަމުން ނަހުމާ ބުނެލިއެވެ.
” މީ ރިޝާމް. ލިފްޓް ތެރޭން ދިމާވިއެއްނުދޯ. އެންމެ އެއްޗެއް ބުނަންވެގެން މިގުޅާލީ. އަހަންނަށް ވަރަށް ރީތި ނަހުމާ. މީޓްކުރެވިދާނެތަ ތަންކޮޅެއް ފަހުން ނަމަވެސް؟” ރިޝާމް ބުނެލިއެވެ.
” ތީ ކާކުކަންވެސް ނޭނގޭއިރު ކިހިނެއް މީޓްކުރާނީ.” ނަހުމާ ބުނެލިއެވެ.
” ނަހުމާގެ ކުރިމަތީ ކެބިންގައި މިއިނީ. ބަލާލަބަލަ.” ރިޝާމް އެހެން ބުނުމުން ނަހުމާ ބަލާލިއެވެ. ނަހުމާ ބަލާލުމާއިއެކު، ރިޝާމް އަތުން ހައި ޖަހާލިއެވެ. ނަހުމާގެ ގާތަށް ކުއްލިއަށް އައީ ރުޅިއެވެ. ރިޝާމް ހުރި ގޮތުންނެވެ. ނަހުމާ އަވަހަށް ފޯން ބޭއްވިއެވެ. ރިޝާމްއަކީ ނަހުމާ ދެކޭ ގޮތުގައި ނަހުމާއާއި ވާހަކަ ދައްކަންވެސް ކުފޫ ހަމަވާ މީހެއް ނޫނެވެ. ނަހުމާ ހިތްހަމަޖެހޭ ސިފައެއް ރިޝާމްގެ ނެތެވެ.
ރިޝާމް ދެވަނަ ފަހަރަށް ވެސް ގުޅިއެވެ. އެކަމަކު ނަހުމާ ފޯނެއް ނުނަގައެވެ. ރިޝާމްގެ ހިތަށް އެރިއެވެ. ހާދަހާވާ ހިތް މޮޅު އަންހެން ކުއްޖެކެވެ. ރީތިކަމެއް ލިބުނަސް އަދި އެވަރު ވާކަށް ނުޖެހޭ ނޫންހެއްޔެވެ؟ ރިޝާމް އެދުނީ އެންމެ ކުޑަކުޑަ ކަމަކަށެވެ. އެވެސް ނަހުމާ އާއި ބައްދަލުކޮށްލުމަށެވެ. އެކަން ނަހުމާ ކޮށްދޭން އެއްބަސް ނުވުމުން ރިޝާމް ވަރަށް ހިތްހަމަ ނުޖެހުނެވެ. އެއް އޮފީހެއްގައި އުޅޭ ދެމީހުން އެކުވެރިކަމުގައި ބައްދަލުކުރުމަކީ މައްސަލައެއް ކަމަކަށް ރިޝާމް އަކަށް ނުފެނެއެވެ. އެކަމަކު ނަހުމާގެ ޚިޔާލުގައި އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ނަހުމާ އޮފީހަށް އައީ މިއަދުގައެވެ. މިހާރު އޮފީސް ފިރިހެން ކުދިންގެ ފޯން އަންނަން ފެށީއެވެ. އަދި އެފޯންކޯލްތައް އައުން އަވަސްކަން ނޭނގެއެވެ. އަނެއްކޮޅުން ނަހުމާ ދިރިއުޅުމުގެ ހުވަފެނީ ފިރިމީހާ އަކީ އާދައިގެ މީހަކަށް ހަދާކަށް ނަހުމާ ބޭނުމެއް ނޫނެވެ.
އޮފީސް ނިމިގެން ގެއަށް ދިއުމަށްޓަކައި ނަހުމާ އިނީ ބޭރުގައި މަޑުކޮށްލައިގެނެވެ.
” ހިނގާފަތަ ގެއަށް ދަނީ؟” އަޝްރަފް ކާރުގައި އައިސް ލޯގަނޑު ތިރިކޮށްލަމުން އަނހާލިއެވެ.
” އަދި އަރާނެ ކާރެއްނެތް. އެހެން ވީމާ ދާންޖެހޭނީ ހިނގާފައެއްނު.” ނަހުމާ ނުސީދާކޮށް ބުނެލިއެވެ.
” އަރާ ކާރަށް ގެއަށް ގެންގޮސްދީފާނަން.” އަޝްރަފްގެ ބޭނުމަކީ ކޮބައިކަމެއް ނަހުމާއަކަށް ނޭނގެއެވެ.
” މައްސަލައެއް ނެތޭ. އަރާ ކުރީ ގޮޑިއަށް.” ނަހުމާ ފަހަތު ގޮނޑިއަށް އަރަން ދިމާކުރުމުން އަޝްރަފް ބުނެލިއެވެ.
ނަހުމާ ކާރަށް އެރިއެވެ. ހަމަޖެހިގެން ކުރީ ގޮޑީގައި އިށީދެލިއެވެ. ދެން މަޑުމަޑުން ކާރުގެ ތެރެއަށް ބަލާލިއެވެ. ނަހުމާ އެންމެ ހިތްހަމަ ޖެހެނީ ކާރު ތެރެއަށް ޖަހާފައިވާ ސެންޓްގެ މީރު ވަހުންނެވެ. “ހޫގޯ ޑާރކްބްލޫ” ގެވަހުން މުޅި ކާރު ތެރެވަނީ އެއްވަސް ވެފައެވެ. ނަހުމާ މަޑުމަޑުން އެތެރެއަށް ފުން ނޭވާއެއް ލިއެވެ. ދެން ދެލޯ މަރާލިއެވެ.
” ނިދި އަންނަނީތަ؟” އަޝްރަފް އަނހާލިއެވެ.
” ކުޑަކޮށް.” ނަހުމާ ބުނެލިއެވެ.
” ހިނގާ ރިސޯޓަށް ޖައްސާލަންދާން.” އަޝްރަފް ނަހުމާއަށް ދަޢުވަތު ދިނެވެ.
” އަޝްރަފް ބޭނުމިއްޔާ ދެވިދާނެ.” ނަހުމާ ވެސް ބޭނުމީ ދާށެވެ.
އަޝްރަފް ކާރުގެ މިސްރާބް އެއް ނަމްބަރ ފާލަމާއި ދިމާލަށް ބަދަލުކޮށްލިއެވެ.
ދެން ހުރިހާ ކަމެއް ފޯނުން ނިންމާލިއެވެ. ފަސްމިނިޓް ފަހުން ނަހުމާއާއި އަޝްރަފް ތިބީ އަޝްރަފްގެ “ޕްރިޓީ ލޭޑީ” ލޯންޗްގައެވެ. ފަންސަވީސް މިނިޓްފަހުން ލޯންޗް ކައިރިކޮށްލީ އަޝްރަފްގެ “ފަން ލައިފް” ރިސޯޓަށެވެ. އަޝްރަފް އާއި ނަހުމާ ލޯންޗުން ފޭބިއެވެ. އޭރު އަޝްރަފްގެ އިސްތިޤްބާލުގައި ރިސޯޓްގެ އިސް ސްޓާފުން ތިބީ ފާލަން މަތީގައެވެ. އެމީހުންނަށް އަޝްރަފް ނަހުމާ ތަޢާރަފްކޮށްދިނެވެ. އެ ހުރިހާ މީހުންގެ ކުރިމަތީގައި ނަހުމާގެ ޤަދަރާއި މަޤާމް އަޝްރަފް ވަރަށް މަތިކުރިއެވެ.
” ކީއްވެތަ އަޝްރަފް އަހަންނަށް ތިހާ ރަނގަޅީ؟” ރޭގަނޑުގެ ކެއުމުގެ ތެރެއިން ނަހުމާ ސުވާލުކޮށްލިއެވެ. އޭރު އެމީހުން ތިބީ ރެސްޓޯރަންޓްގައެވެ.
” ހަމަ ނޭނގިގެންތަ ތި ސުވާލު ތިކުރީ؟ ނަހޫ ފަދަ ރީތި ފުރިހަމަ ކުއްޖަކަށް އެހީ ނުވެ އަހަންނަކަށް ނުހުރެވޭނެ.” އަޝްރަފް ބުނެލިއެވެ.
” ތިބުނީ އަޝްރަފް އަހަރެންދެކެ ލޯބިވޭތަ؟” ނަހުމާ ބޭނުމީ އެކަން ޔަޤީން ކުރާށެވެ.
” އާނ. ވަރަށް. އިނގޭތަ އިންޓަރ ވިއު ރޫމުން ދިމާވި ދުވަހުން ފެށިގެން އަހަރެން ހިތުގައި ތިނޫން ނަމެއް ނެތް. އެހާ އަވަހަށް ވަޒީފާވެސް ހަމަޖައްސައިދިނީ އެހެންވެ. މިހާރު ބޭނުންވަނީ އަބަދަށް އަހަރެންގެ މީހަކަށް ހަދަން. ކީކޭތަ މިކަމާއި ނަހޫ ބުނަނީ؟” އަޝްރަފްގެ ވާހަކައިން ނަހުމާ ދަނީ ހިތްހަމަޖެހެމުންނެވެ.
” އަޝްރަފް ބޭނުން ގޮތެއް. މާދަމާ ކުރިއަސް މައްސަލައެއްނެތް. ކޮބާތަ އަޝްރަފްގެ އަންހެނުން؟” ނަހުމާ ބޭނުންވަނީ އަޝްރަފް ފަދަ މުއްސަނދި ފިރިއެކެވެ.
” އަންހެނުންވެސް ހުންނާނެ. އެކަމާއި ހާސްނުވޭ. ނަހުމާ އާއި އިނދެފަ އަހަރެން އަންހެނުން ވަރިކުރާނަށް. މައްސަލައެއްނެތެއްނު ދޯ.” އަޝްރަފް ނަހުމާއަށް ޔަޤީންކަން ދިނެވެ.
ކައި ނިމިގެން ނަހުމާ ގޮވައިގެން ރޫމަށް ދިއުމަށްޓަކައި އަޝްރަފް ކާރަށް އެރިއެވެ. އަޝްރަފަށް ޚާއްޞަކޮށް ހަދާފައިވާ ރޫމް ހުންނަނީ ރިސޯރޓްގެ ތަންކޮޅެއް ދުރުގައެވެ. އަޝްރަފް ނަހުމާގެ އަތުގައި ހިފައިގެން ގޮސް ރޫމަށް ވަނެވެ. ދެން ދެމީހުން ގޮސް އެނދުގައި ޖައްސާލިއެވެ. ދެން އަޝްރަފް ރޫމްގެ ބޮކީގެ އަލި ފަނޑުކޮށްލިއެވެ. އެ ފަނޑު އަލިކަމުގެ ތެރޭގައި އަޝްރަފް ނަހުމާއާއި ގާތްވެލިއެވެ. ނަހުމާވެސް އަޝްރަފްއާއި ދުރުވާކަށް ބޭނުމެއް ނުވިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއްވެ ނިމިއްޖެއެވެ. ނަހުމާގެ ހިތް އުފަލުން ފުރުނެވެ. އަޝްރަފްވެސް ބޭނުންވި ކަންތައް ވީއެވެ. ނަހުމާ ހިތުން އަޝްރަފް ނަހުމާ ދެކެ ޙަޤީޤީ ލޯބިވެއެވެ. އަޝްރަފް ނަހުމާއާއި ކައިވެނިވެސް ކުރާނެއެވެ. ހުރިހާ އުފަލުން ނަހުމާގެ ހިތް ފުރައިދޭނެއެވެ. އެކަމަކު މަންޒަރު ބަދަލުވާއިރު ވާނީ ކިހިނެއްކަމެއް ނަހުމާއަކަށް ނޭނގެއެވެ. އަޝްރަފްގެ ނިޔަތަކީ ކޮބައިކަން އިނގޭނަމަ ނަހުމާ އެ ދަޢުވަތު ޤަބޫލެއް ނުކުރާނެއެވެ.
ނަހުމާ އޮފީހަށް އައި ދުވަހެކެވެ. ތަންކޮޅެއް ލަހުން ހޭލެވެމުން އޮފީހަށް ނަހުމާ އައީ ހެނދުނުގެ ނާސްތާވެސް ނުކޮށެވެ. އެހެންވެ، އޮފީހުގެ އެހެން އަންހެން ކުއްޖަކާއިއެކު ސައިބޮއިމަށްޓަކައި ނަހުމާ އޮފީސް ކެންޓީނަށް ވަނެވެ. ރިޝާމް ވެސް ކެންޓީނަށް ވަނީ އެވަގުތުގައެވެ. ކާއެއްޗެހި ނަގައިގެންގޮސް ރިޝާމް ގޮސް ނަހުމާމެންގެ ކައިރީގައި ޖައްސާލިއެވެ.
” ނަހުމާ. ކޮން އިރަކުން ބައްދަލުކޮށްލާނީ. އަހަންނަށް ވަރަށް ރީތި ނަހުމާ. ނަހުމާ ހިތްހަމަ ނުޖެހުނަސް މިހެން ބުނެވޭނެ. ކުރުކޮށް ބުނާނަމަ، ނަހުމާ އޮފީހަށް އައި ފުރަތަމަ ދުވަހުން ފެށިގެން އަހަންނަށް ކެތް ކުރެވެނީކީއެއް ނޫން. އަހަންނަކަށް ނޭނގޭ މިވާގޮތެއްވެސް. ހަމަކުއްލިއަކަށް ނަހުމާ ދެކެ ލޯބިވެވުނީ. ބޭނުން ނަހުމާއާއި ބައްދަލުކޮށް ވަރަށް ސީރިއަސްކޮށް މިވާހަކަ ދައްކާލަން.” ރިޝާމްގެ ހިތުގެ އުދާސްތައް ނަހުމާގެ ކުރިމަތީގައި ބޭރުކުރަންފެށިއެވެ.
” ރިޝޭމެންނަކަށް މިކަމެއް ދެން ނުވާނެ. މީ މިހާރު ބޮސްކުރާކަމެކޭ.” ރީމާ ބުނެލިއެވެ.
” ރީތި ކުއްޖެއްވިއްޔާ ބޮސް އަތުއަޅުވާލާނެ. އެކަމަކު ފަހުން ނަހުމާވެސް ރޯނެ. އަހަންނަށް އިނގޭ ބޮސްގެ އުޅުން. އެންމެ ފަހުން ރައްޓެހިވި ކުއްޖާއަށްވެސް ދިނީ ކޮޅުކެހި. ފޮނިބޯލާފަ މާ އެއްލާލީ. ނަހުމާއަށް އެހެން ވާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ނަހުމާއަށް ވަރަށް ހެޔޮއެދެން. ވަރަށް ލޯބިވެސްވޭ. ދުވަސްކޮޅެއް ވެއްޖެ މިވާހަކަ ދައްކަން އުޅޭތާ. އެކަމަކު ހަމަ އަހަރެން ގުޅާލާއިރަށް ފޯން ބިޒީކޮށްލާނެ. ނޫނީ ކޮންމެވެސް ހާސަރެއް ދަމާނެ.” ރިޝާމްގެ ރާގުގައި ވަނީ އާދޭހެވެ. ރިޝާމް އެގޮތަށް ވާހަކަ ދައްކަމުން ދާތީ ނަހުމާ ގާތަށް ކުޑަކޮށް ރުޅިވެސް އައެވެ.
” ނަހުމާ ދެން ކޮންމެވެސް އެއްޗެއް ބުނެބަލަ. ހާދަ ވާހަކަ އެކޭ ރިޝޭ އެދައްކަނީ. ނަހޫ ހިތްހަމަ ޖެހުނަސް ނުޖެހުނަސް ބުނީމައެއްނު ރިޝޭއަށް އެހެން ކޮޅެއް ހޯދަންވެސް އިނގޭނީ.” ނަހުމާ އެއްޗެކޭ ނުބުނެ އިނުމުން ރީމާ ބުނެލިއެވެ.
” އައްޗި. ތީކާކު؟ ތިކަހަލަ ކިތައް ފިރިހެނުންތަ އަހަރެން ނުލިބިގެން މިއުޅެނީ؟ ކަޅު ބުޅަލަކާ އިންނަން ޖެހުނަސް ކަލެއަކާ ނުއިންނާނަން. މިހާރުވެސް މަށަށް މަށަށް ކިޔަމުން ކިތައް ފިރިހެނުންތަ އަހަރެން ފަހަތުން އެދުވަނީ؟ ރިޝާމްއަކަށް ނުފެނޭތަ؟ ރިޝާމްއަށް އެމީހުން ކައިރީ ފިޔަވަޅެއްވެސް ނޭޅޭނެ. އެހެންވެ އަދިވެސް މިބުނަނީ ކަޅު ބުޅަލަކާއި އިންނަންޖެހުނަސް ރިޝާމްއަކާއި ނުއިންނާނަމޭ. މިހާރު ސާފްވެއްޖެކަމަށް ހީކުރަން.” ނަހުމާ ފަޚްރުވެރިކަމާއިއެކު ބުނެލިއެވެ.
” އަހަރެން ޤަބޫލުކުރަން އަހަންނަކީ ނިކަމެއްޗެއްކަން. އަހަރެންގެ ވިޔަފާރިއެއް ފައިސާތަކެއް ނެތް. އެހެނަސް ނަހުމާދެކެ އަހަރެން ވަރަށް ލޯބިވޭ. ރީތިކަމެއް ލިބުނަސް ބޮޑާ ނުވައްޗޭ ނަހުމާ. ވާހަކަ ދައްކާއިރު މާދަމާ ވެދާނެގޮތަކަށްވެސް ވިސްނާލައްޗޭ. ހިތަށް އަރާ ކޮންމެ އެއްޗެއް ދުލަށް ގެންނާކަށް ނުވާނެ.” ނަހުމާގެ ބޮޑާކަން ފެނިފައި ރިޝާމް ހުރީ ހިތްމަ ނުޖެހިފައެވެ. އެހެން ބުނުމަށްފަހު ރިޝާމް ދިޔައީއެވެ.
ދުވަސްތައް ވޭތުވަމުން ދިޔައެވެ. އަޝްރަފްގެ އުނގުތެރޭގައި ނަހުމާ އުފާކުރަމުން ދިޔައެވެ. ނަހުމާއަށް ދުނިޔޭގައި އޮތީ ހުސް އުފާވެރިކަމޭ ހިތަށް އަރައެވެ. ދުރުން މަންޒަރު ބަލަމުން ރިޝާމް ގެންދިޔައެވެ. ކަންތައްވެ، ނިމޭއިރު ނަހުމާ ބާކީ ވާނެކަން ރިޝާމްއަށް އިނގެއެވެ. އެދުވަހަކުން ނަހުމާގެ ހިތުގައި ޖެހި، ވޭން ލިބޭނެކަން ރިޝާމްއަށް އިނގެއެވެ. ބައެއް ފަހަރު ރިޝާމްގެ ހިތަށް އަރައެވެ. މިއުޅޭ ރީތި ގިނަ، އަންހެން ކުދިންގެ ހުންނަނީ ބޮލެއް ނޫނެވެ. ވިސްނުމެއް ނޫނެވެ. ކޮންމެވެސް އެހެން އެއްޗެކެވެ. ފައިސާގެ ދަޅައާއި ދުނިޔޭގެ އަރާމާއި މަސްތުގައި ހަލާކުވެދަނީ ކިހާ ރީތި މަޢުސޫމް އަންހެން ކުދިންހެއްޔެވެ؟
ރޭގަނޑުގެ ވަގުތެކެވެ. ކުއްލިއަކަށް ގެއަށް އަންނަންވެގެން ނަހުމާ އަށް އޮފީހުން އާދެވުނީ، އޮފީހުގައި ހޭންޑްބޭގް ބާއްވާފައެވެ. އެހެންވެ ނަހުމާ ދެވަނަ ފަހަރަށް އޮފީހަށް ދާން ޖެހުނެވެ. ނަހުމާ ގޮސް އޮފީހަށް ވަނެވެ. މަޑު ހިނގުމެއްގައި ނަހުމާ ގޮސް މޭޒުކައިރީގައި ޖައްސާލިއެވެ. ދެން ހޭންޑްބޭގް ނަގައިގެން ހިނގައިގަތެވެ. އެވަގުތު ނަހުމާގެ ކަންފަތުގައި ޖެހުނީ އަޝްރަފްއާއި އަންހެން ކުއްޖެއްގެ ސަކަރާތުގެ ހުނުމުގެ އަޑެވެ. މަޑުމަޑުން ނަހުމާ ހިނގައިގަތެވެ. އަޝްރަފްގެ ކެބިން ކައިރީގައި މަޑުކޮށްލިއެވެ. ނަޞީބަކުން އަޝްރަފްގެ ކެބިންގެ ދޮރު އެވަގުތު ހުރީ ކުޑަކޮށް ހުޅުވިފައެވެ. ނަހުމާ މަޑުމަޑުން އެތެރެއަށް ބަލާލިއެވެ. ނަހުމާއަށް ފެނުނީ ބަލަން ބޭނުންވި މަންޒަރެއް ނޫނެވެ. އަޝްރަފްގެ އުނގުގައި އިނީ ރީމާއެވެ. އެ ދެމީހުން ހީވަނީ އެކެއް ހެންނެވެ. ދެން އިވެން ފެށީ ނަހުމާ ބޭނުންވި އަޑެއް ނޫނެވެ. ނަހުމާއަށް ހުރިހާ ކަމެއް ފެނުނީއެވެ. އަޝްރަފްގެ ޙަޤީޤަތް ހާމަ ވީއެވެ. ހުރި ތަނަށް ގާވެފައި ކަހަލަ ގޮތަކަށް ނަހުމާ ހުއްޓެވެ. ފެން ކަޅިވެފައެވެ. އެހެން ހުރެވުނީ ކިހާ އިރަކު ކަންވެސް ނަހުމާއަކަށް ނޭނގެއެވެ. ނަހުމާ ވަރަށް ދެރަވިއެވެ. ރޯންވެސް ނޭގިފައި ކަހަލަގޮތަކަށް، އެތަނަށް ޖަހާފައި ހުރި ބުދެއްހެން ނަހުމާ ހުއްޓެވެ.
” ވަގު ހިފުނީދޯ. މަބުނީމެއްނު ކުރިންވެސް އަޝްރަފަކީ އެކަހަލަ މީހެކޭ. އެއީ އިއްޔަރެއަކު، މިރެއަކު ވާކަމެއް ނޫން. ކިތަންމެ ރޭއް އެކަންތައް ވަމުންދާތާ. ކުރިން އަހަރެން އެ ތަން ނުދެއްކީ. ނަހުމާ ޤަބޫލުނުކުރާނެތީ.” ނަހުމާއަށް ހޭވެރިކަންވީ ރިޝާމްއައިސް ކޮނޑުގައި ކޮށްޓާލުމުންނެވެ.
ނަހުމާއަށް އެއްޗެކޭ ނުބުނެވުނެވެ. ފެން ކަޅިވެފައި ހުރެވުނީއެވެ. މަޑުމަޑުން ނަހުމާ ރިޝާމްއާއި ކައިރިއަށް ޖެހިލިއެވެ. ރިޝާމްއަށް ވަމުން ދާގޮތް އިނގެއެވެ. ވަގުތުގެ ފައިދާ ރިޝާމް ނެގިއެވެ. ނަހުމާ ރިޝާމްގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތެވެ. އެގޮތަށް އޮވެވުނީ ކިހާ އިރަކުކަންވެސް ނަހުމާ އަކަށް ނޭނގެއެވެ.
” ދެން ނުރޮއި. އަހަރެންވެސް މިހުރީ އެއްނު. ނަހުމާ ބޭނުމިއްޔާ މާދަމާވެސް އިންނަންވީ.” ފުރުޞަތުގެ ބޭނުން ހިފަން ރިޝާމް ބޭނުމެވެ.
” ޙަޤީޤަތުގައިވެސް މިއަދު އަހަރެން ޤަބޫލުކުރަން ރިޝާމްތީ ރަނގަޅު މީހެއްކަން.” ނަހުމާ އަކަށް މިވަމުންދާގޮތެއް ނޭނގެއެވެ.
ނަހުމާއަށް ފަހުން އަޝްރަފް ގުޅަން ފެށިއެވެ. ނަހުމާ އެއްވެސް ޖަވާބެއް ނުދެއެވެ. އަޝްރަފްވެސް އެހެންވެ ފަހުން ނުގުޅައެވެ. އެކަމަކު އެސް.އެމް.އެސް ކޮށްފައި ނަހުމާގެ ހިތްހެޔޮކަމަށް ޝުކުރު އަދާކުރިއެވެ. ދިން ފުރުޞަތުގެ މަތިން ދުވަހަކުވެސް ހަނދާންނުނެތޭނެކަން ބަޔާން ކުރިއެވެ. ނަހުމާގެ ގާތަށް ވަރަށް ރުޅިއައެވެ. އެކަމަކު އެސް.އެމް.އެސްއަށް ނަހުމާ ޖަވާބެއް ނުފޮނުވައެވެ. މިދުވަސްކޮޅުގެ ތެރޭގައި ރިޝާމްގެ ހިތްހެޔޮކަން ނަހުމާއަށް އިނގުނެވެ. ނަހުމާ ހިތްނުތަނަވަސްވާ ކޮންމެ ވަގުތެއްގައި ރިޝާމްއަށް ގުޅާލައެވެ. ރިޝާމްގެ ވާހަކަތަކުން ނަހުމާގެ ހިތުގައި ދިރިއުޅުމުގެ އުންމީދު އާލާވިއެވެ. ނަހުމާގެ ހިތް ރިޝާމްއަށް ދީލާލަމުންދާކަން ރިޝާމަށް ފާހަގަ ކުރެވުނެވެ. އެންމެ ފަހުން ރިޝާމް ބޭނުންގޮތަށް ހުރިހާ ކަމެއް ވިއެވެ. ނަހުމާ ރިޝާމްގެ ބާރުގެ ދަށަށް ގެނައެވެ. ނަހުމާގެ އާދޭހުގެ މަތިން ރިޝާމް ނަހުމާއާއި ކައިވެނި ކުރިއެވެ. ރިޝާމްގެ އެންމެ ފަހުގެ އެދުން ޙާޞިލްވީއެވެ.
ދަންވަރުގެ ވަގުތެކެވެ. ރިޝާމަށް ހޭލެވުނީ ކުއްލިއަކަށެވެ. އޭރު ނަހުމާ އޮތީ މީހަކާއި ވާހަކަ ދައްކާށެވެ. ވަގުތާއި ޙާލަތުގެ ގޮތުން ނަހުމާ ދައްކަމުން ދިޔައީ ރިޝާމް ހިތްހަމަޖެހޭ ވާހަކައެއްނޫނެވެ. ނަހުމާގެ ވާހަކައިން އެކޮޅުން ވާހަކަ ދައްކަނީ އަޝްރަފް ކަންވެސް އިނގުނެވެ.
” ނަހުމާ. އަދިވެސް އަޝްރަފްގެ ފަރާތުން ލިބުނު ލަނޑު ކުޑައީދޯ ތިވާހަކަ ދައްކަނީ. ހަމަ މިހާރު ފޯން ބާއްވާ!” ރިޝާމް ބުނިގޮތުން ނަހުމާ ދިޔައީ ހަތަރެސްފައި ކޮޅަށް ޖެހިގެނެވެ.
” ނުޖެހޭނެ ބާއްވާކަށް. އަޅެ ނިކަން ގޮތެއް ހަދާބަލަ! ހަމަ ގައިމުވެސް ނުކެރޭނެ ވަރިކުރާކަށް. އަހަރެންކަހަލަ އަންހެނަކު ދުވަހަކުވެސް ރިޝާމަށް ނުލިބޭނެވިއްޔަ.” ނަހުމާވެސް ދެކޮޅު ހެދިއެވެ.
” ނަހުމާއަށް ހީވަނީތަ ނަހުމާ ނޫން ރީތި އަންހެނަކު މިދުނިޔޭގައި ނެތޭ؟ ބުނަންތަ؟ ތިއިނީ ވަރިކޮށްފައި! ހަމަ މިހާރު ދޭ މިގެއިން ނިކުމެގެން. އިޙްޞާންތެރިކަމުގެ ބަދަލު ދޭން ނޭގޭ މީހަކު ދުވަހަކުވެސް ރަނގަޅެއް ނުވާނެ. އެއްފަހަރު ކަށިޖެހި ހަރަކަށް އަތްކޮށްޕަން ތިވިސްނަނީ ކޮން މޮޅެއްވާނެކަމަށް! އަދިވެސް ފިރިހެނުން ދަހެއްނުވޭދޯ!” ރިޝާމް އެހެން ބުނުމުން ނަހުމާއަށް ލިބުނީ ޙައިރާން ކަމެކެވެ.
” ރިޝާމް ތިހެން ނުހަދާ. އަހަރެން މީނީ ރިޝާމްގެ ކުއްޖަކަށް ބަލިވެޔޭ؟” ނަހުމާ އާދޭސްކުރަން ފެށިއެވެ.
” މައްސަލައެއް ނެތޭ. ކަލޭ ތިއިނީ ކަޅު ބުޅަލަކާއި. ކަލެއަށް ލިބޭނީވެސް ކަޅު ބުޅަލެއް. ދެން އަހަރެން ތި ނަހުމާއެއް ބޭނުމެއްނޫން. އެދުވަހު ކެންޓީން ތެރޭގައި ބޮޑާވެލާފައި ނަހުމާ ބުނި ބަސްތައް އަދިވެސް އަހަރެން ހަނދާން އެބަހުއްޓޭ. އަހަރެން ހާދަ ހިތުގައި ޖެހުނޭ އެދުވަހު. އަހަންނާއި ކައިވެނި ކުރި އިރު ނަހުމާ އެކަންތައް ހަނދާންނެތީތީ އަހަރެން ވަރަށް ދެރަވެއްޖެ. ހަނދާން ކުރާތީ! ކިތަންމެ ރީތި އަންހެނަކަސް ހުރިހާ ފިރިހެނުން ހައްދަމުން ނުދެވޭނެ.” ރިޝާމްގެ ބޭނުމަކީ ބަދަލު ހިފުމެވެ.
” އަޅެ ހެޔޮނުވާނެ ތިހެން ނުހަދާ. އަހަރެން ބޭނުން އަދިވެސް ރިޝާމްއާއި ގުޅިގެން އުޅެން.” ނަހުމާގެ ރޮއިފައި އާދޭސްކުރިއެވެ.
” ނަހުމާއަކަށް ނޭނގޭ މީހުންނާއި ގުޅިގެން އުޅޭކަށް. ދެން އަހަރެންގެ ޙަޔާތުގައި ނަހުމާއަށް ޖާގައެއްނެތް. ވީ އެންމެ އަވަހަކަށް ނަހުމާ ޖެހޭނެ މިގެއިން ނިކުމެގެން ދާން. ހެޔޮ ކޮންމެ ތަނަކަށް ދިޔަސް. ފަހަތުން ހޯދާކަށް އަހަންނެއް ނުދާނަން. މިހާރު ސާފްވެއްޖެކަމަށް ހީކުރަން.” ރިޝާމް ވާހަކަ ދައްކަމުން ދިޔައެވެ.
ނަހުމާ، ކޮނޑުގައި ދަބަސް އަޅުވާލައިގެން މަޑުމަޑުން ކޮޓަރިން ނިކުމެގެން ދިޔައެވެ. ރިޝާމް ބަހެއްވެސް ނުބުނެ ބަލަހައްޓައިގެން ހުއްޓެވެ. މިއަދު ރިޝާމް ނަހުމާއެއް ނުހުއްޓުވާނެއެވެ. އެކަމަކު ނަހުމާ ރިޝާމް އިންތިހާޔަށް ބޭނުމެވެ. އެކަން އެގޮތަށް ނުވާނެކަންވެސް ނަހުމާއަށް އިނގެއެވެ. ތަންކޮޅެއް ކުރިން ބުނެވުނު ބަދު ބަހެއްގެ ސަޒާ މިއަދު ނަހުމާއަށް ލިބެނީއެވެ. އެކަމަށްޓަކައި ނަހުމާ މިއަދު ހިތާމަކުރަން ޖެހުނީއެވެ. ކޮންމެ ގޮތެއް ވިޔަސް ނަހުމާ ރިޝާމްގެ ދަރިފުޅު ވިހާނެއެވެ. ކަޅު ބުޅަލަކަށްވިޔަސް، ދޮން ބުޅަލަކަށް ވިޔަސް ނަހުމާ އަށް ދެވުނު ހުރިހާ ލޯތްބެއް ދީގެން އެދަރިފުޅު ބޮޑުކުރާނެއެވެ. ރިޝާމްގެ އެއްވެސް އެހީތެރިކަމެއް ނުލިބުނަސްވެހެވެ.
= ނިމުނީ =
19 Comments!
Comments are closed.


VR SALHI , IBRAY THERI STORY EH
V reethi
Ehen site akun ves mi story kyn
Hada vahaka kias kudiney dw
Ey…. oi… e numberun hama guleytha….
Copy eh tha mee?mi vaahaka keen kurin…
Amaaz keevve mi vaahaka copy kuree?? Amilla story eh liyun nama maaarangalhu vees copy kurumah vure…. Sheleen vx keen mi vaahaka
Copy eh
Copyeah nun. Miee hama amaazge vahakaeah. Furatama publish kury muraasilga. Ok. Anekaves publish ekury handaanaai taaryhahtakai…. ituru suvaaleah…
Adhives anhen kudhin ulheyne boluga fagudi alhaigen moonu ga dhavadhu haakaigen thima ah vure reethi meeheh nethey hitha. E heyo meehaka marry koggen huttas. Ehn firihenun nah ves thima huhdha kamah dhakkaigen ulheyny. Gina anhen kudhinnah ladu libeny thima ahvure hiy molhu v ma.
Tedeahthy…. ma mi madukurany maryge vahaka kian. Kon duvahakutha mary vahaka liany…
Boa falaigendania mary nukiaany…. ehen nuny molhuvahaka nudakaa vahaka lian marry feshyma okvane… komehen mitaa tui dakaane kameahnei… aneakolun mitaa vahaka liaa myhun nujeheyne marryah komehen rythivaa gotah vahaka liaakahves….
Rythi n v ibraiy thri mi story.. Bt maa kury ehn noon nama vv rythi vaane. Mi copy eh nama copy ey buni meehun dhn an nanvynu copy nukh loyan eyrun OK vaanu.. Eurah dhn myhunna dhumaalah ehchehi nukiyavx hure veynennu…
Don’t judge others before u judge ur self. 😉
Destiny wrote this story..rebury 15 ga publish kurey ves….amaaz copy kuraney destiny ge vaahaka…hama ekani story ge photo different..dhen hurihaa eche same…copy cat..liyan neygenaa nuliyan veenun..font copy others stories..:-(
Destiny and amaaz re the same writer. Ok. He is my close friend… ok. Now he ll be writing inder amaaz. Ok. This is not copied story… ok..
*February.. * dont
ibraitheri vrhaka eh. asluves reethi kudhin varh foni. enme kairy ga ulhey myhunah ves dheny ladu. mizamaanuga trust kurany kakah kameh ves neyge 🙁
This storyga ulhey nahuma ge sifa thakakaa nahu ge sifa thakaa v v thafaathu . ☺ anyways iburai v salhi