ސަޚްޝިއްޔަތު
މީހާ މީހަކަށް ވަނީ އިސްކޮޅުން ކުރުވެ، ގޮތްދާ ހިތްލާ، އަޑަށް ބާރުލާ ވާހަކަ ދައްކައިގެނެއްނޫނެވެ. ނުވަތަ، އަޑުއޮތްތަނަކަށް ހަޅޭއްލާ ހިތަށް އަރާ އެއްޗެއް ދެން ތިބި މީހުންނާއި ދިމާލަށް ބުނުމަކުންވެސް ނޫނެވެ. ނުވަތަ ތިމާ ބުނާއެއްޗެއްގެ މާނަ އެހެން މީހަކު ޝަރަޙަކޮށްދިނުމަކުންވެސް ނޫނެވެ. އަދި، ގަދަ ބާރުން މުޢާމަލާތްކޮށް، ދެން ތިބި މީހުންގެ ހިތްތައް ބިރުވެރިކަމުން ފުރާލާ، ތިމާ ބޭނުންވާ ކަމެއް އެވެނި ގޮތަކަށް ނުވަތަ މިވެނި ގޮތަކަށް ނަމަވެސް، ޙާޞިލްކުރާނެކަމަށް ބުނެ، އިންޒާރު ދީގެނެއްވެސް ނުމެ ނޫންމެއެވެ. ނުވަތަ އާދައިގެ ދިރިއުޅުމެއް އުޅެމުން އައިސް، ކުއްލިއަކަށް ދިރިއުޅުމުގެ ހާލަތާއި މަޤާމު ބަދަލުވެ، ކުރިން އުޅުނުގޮތް ހަނދާންނެތި، ދެން ތިބީވެސް އިންސާނުންކަން ހިތުން ފިލައިގެންދާގޮތަށް ޢަމަލުކޮށްގެންވެސް ނުމެ ނޫންމެއެވެ. އަދި ކިއެއްތަ، ތިމާގެ ހިތުގައިވާ ބަދަލު ހިފުމުގެ ރޫޙުން ވާހަކަ ދައްކާ، ދެން ތިބި މީހުންގެ އަބުރާއި އިތްޒަތް ވެއްޔާ މޮޑެލާފަދަ ގޮތަކަށް މުޢާމަލާތްތައް ކޮށްގެންވެސް ނުމެ ނޫންމެއެވެ. އަދި ކިއެއްތަ، ތިމާގެ ބޯ ދިގުކޮށް، ދެތިން ގޮތް ނެއްޓިފައިވާ ގަމީހެއްލާ، ހަވަރަކަށް ތަނުން ހަލާކުވެފައިވާ ޖިންސެއްލާ، ކަންފަތާއި ނޭފަތުގައި ތަފާތު ބޮޅުތައްލާ، ކަރުގައި ހެއްދެވިހާ ބޮޑެތި ފަށްތައް އަޅައިގެނެއްވެސް ނޫނެވެ. ނުވަތަ، ތިމާގެ ބޯ ޒާތްޒާތަށް ދިގުކޮށް، ކައިރިވާ މީހަކަށް ނޯއް ދަމާނުލެވޭ ވަރަށް ސާފްތާހިރުކަން ގެއްލޭ ހިސާބަށް މީހާގެ ކަންތައްތައް ގޮސްގެނެއްވެސް ނޫނެވެ. ބައެއްގެ ހިތުން، މިކުރެވެނީ ވަރަށް މޮޅު ކަމެކޭ ހިތިޔަސް، މިއީ އެންމެ ދަށް ފަންތީގެ ޢަމަލްތަކެވެ. މިއިން ދައްކުވައިދޭނީ މީހާގެ ފެންވަރާއި ސަޚްޝިއްޔަތެއް ނޫނެވެ. މީހާގެ ނޭއްގާނީ ކަމާއި، ޖާހިލުކަމާއި، ދުނިޔެއަށް ލޯނުހުޅުވޭ، ނާތަހުޒީބު އާދަކާދަތަކަށް ދެވި ހިފައިވާ މީހެއްކަމެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން، ބައެއް ނުވިސްނޭ މީހުންގެ ކުރިމަތީގައި ތިމާއަށް ކޮންމެވެސް ވަރެއްގެ ޕްލަސް ޕޮއިންޓެއް ލިބުނެއްކަމަކު، ހަޤީޤީ މުޖުތަމަޢު އެމީހަކު ޤަބޫލުކުރާނީ އެންމެ ދަށްފެންވަރެއްގެ މީހެއްގެ ގޮތުގައެވެ. މިކަމާއި އަޅުގަނޑު ހިތުން ތި ހުރިހާ ބޭފުޅުންވެސް ޤަބޫލުވާނެކަން ކަށަވަރެވެ.
ނަމަވެސް، މިޒަމާނުގައި މީހާ މީހަކަށްވާކަން އެހެން މީހުން ދެކެނީ އަޅުގަނޑުގެ ނަޒަރުގައި އެކަން އޮންނަންވާ ގޮތާއި ޚިލާފަށެވެ. އެއް ބަޔަކު ދެކޭގޮތުގައި މިހާގެ ފައިސާވެރިކަމާއި މުދާވެރިކަމަކީ، އެމީހާގެ ސަޚްސިއްޔަތާއި ހައިބަތު ދައްކުވައިދޭ ކަމެކެވެ. އަނެއް ބަޔެއްގެ ނަޒަރުގައި އެމީހަކަށް ލިބިފައިވާ މަޤާމާއި އާރާއި ބާރަކީ، އެމީހެއްގެ ސަޚްޝިއްޔަތު ދައްކުވައިދޭ އެއްޗެކެވެ. ނަމަވެސް ހަޤީޤަތަކަކީ މިއެއް ނޫނެއެވެ. އަދި ވިސްނުމުގެ ދާއިރާގައި ވިސްނާ، ޚިޔާލުކޮށް ފިކުރުކުރާ މީހުންގެ ނަޒަރިއްޔާތުގައި މީހާގެ ސަޚްޝިއްޔަތަކީ މުޅިން އެހެން އެއްޗެކެވެ. މީހާ މީހަކަށްވަނީ ތިމާގެ ޢަމަލާއި ބަސްމަގު ދިމާވެގެންނެވެ.
އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިހާރު ފެންނަމުން މިދަނީ މިދެންނެވި ޝަހްސިއްޔަތުގެ މާނަ އޮޅިގެން އުޅޭ ތަނެވެ. ގިނަ މީހުންގެ ނަޒަރުގައި މިހާރު ޝަހްސިއްޔަތަކީ އެއްވެސް އެއްޗެއް ނޫނެވެ. ތިމާއަށް މަތީ މަޤާމާއި ޝާނާއި ޝައުކަތު ލިބުމުން މިދެންނެވި ޝަހްސިއްޔަތު އެމީހަކަށް ލިބި އެ ފުރިހަމަ ވީއެވެ. އެހެނަސް، ހަޤީޤަތަކީ މީއެއްނޫނެވެ. ދިވެހިންނަކީ ޒަމާނުއްސުރެން، ހިތްތިރި މަޑުމައިތިރިކަމަށް ލޯބިކުރާ ބަޔެކެވެ. އެމީހުން ބޭނުންވާނީވެސް، އެމީހުން ލޯބިވާނީވެސް، އެފަދަ ޝަހްސިއްޔަތުތައް ދެކެއެވެ. މަޑުމައިތިރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް އަޅާލުމާއި، އެހެން މީހުންގެ އިޙްޞާޞްތައް ދެނެގަތުން އެއީ ފުރިހަމަ ޝަޙްސިއްޔަތެއްގެ ވެރިއެއްގައި ހުރުން ލާޒިމުކުރާ ސިފަތަކެކެވެ. ހަމަ މިއާއިއެކު، ތިމާގެ ޢަމަލާއި ބަހާއި ދިމާވުމާއި، ދުލުން މިބުނެވެނީ ކިހާވަރެއްގެ ވާހަކައެއްކަމާއި، ތިމާ ބުނާ އެއްޗެއްގެ ސަބަބުން ދެން ތިބި މީހުންގެ ކުރިމަތީގައި ތިމާގެ އަގު ވެއްޓިގެން ދާނެކަން ހަނދާންކޮށް، އެފަދަ ނޭދެވޭ ޢަމަލުތަކުން ދުރުވެ ހުރުމަކީވެސް ހަރުދަނާ ޝަޙްސިއްޔަތުތައް ދައްކުވައިދީފައިވާ ނަމޫނާތެކެވެ. މިދެންނެވި އުޞޫލުން ތިމާގެ ބަސްމަގާއި ޢަމަލްތަކަށް ރައްކާތެރިވެ، މުޖުތަމަޢު ތެރޭގައި ތިމާގެ މަޤްބޫލުކަން އިތުރުވާނީ، ދެން ތިބީވެސް އިންސާނުންކަން ހަނދާނުގައި ބަހައްޓައިގެން އިންސާނުން އިންސާނުންނާއި މުޢާމަލާތްކުރާ ރިވެތި ހަރުދަނާ އުޞޫލުން މުޢާމަލާތްކޮށްގެންނެވެ. މިފަދަ ހުރިހާ ރިވެތި ސިފަތަކެއް ލިބިގެންވާ އިންސާނަކީ ހަމަ ޔަޤީނުންވެސް އަޅުގަނޑު ދެކޭ ގޮތުގައި ފުރިހަމަ ޝަހްސިއްޔަތުގެ ވެރިންނެވެ.
ތާރީޚުގެ ތެރެއަށް ނަޒަރު ހިންގާލާއިރު، ދުނިޔޭގައި ބާރާއި ނުފޫޒު ބޭނުންކުރި ވަރުގަދަ ޝަހުސިއްޔަތުތަކުގެ ތެރެއިން ނިމިގެން ދިޔަ ގަރުނުގެ ކުރީކޮޅުގައި އެންމެ ފާހަގަކޮށްލެވުނު އެއް ޝަހްސިއްޔަތަކީ އެޑޮލްފް ހިޓްލަރެވެ. ނަމަވެސް، އޭނާގެ ނިމުން އައީ، ތިމާގެ އާރާއި ބާރުހުރެ، ތިމާގެ ޝަހްސިއްޔަތު ވެއްޔާއި މޮޑެވިގެންނެވެ. އަދި މިނޫނަސް، މިއަށްވުރެކުރިން ދުނިޔެ ދެކެފައިވާ މިފަދަ ފަރާތްތަކުގެ ނިމުން ވަރަށް ހިތިކަން ތާރީޚްގެ ފަށްފުއްތައް ހެކިދެއެވެ. މިހެން މިކަން އޮތްއިރު، އަޅުގަނޑުމެން ނިންމާ ކޮންމެ ނިންމުމަކީ ގެންނަ ކޮންމެ ބަދަލަކީ އެންމެ ފަހު ނަތީޖާއަކީ އަޅުގަނޑުމެންގެ ޝަހްސިއްޔަތުގައި ހުރި އުނިކަން ދައްކުވައިދޭ ކަންކަމަށް ވެގެން ނުވާނެއެވެ. އަދި ހަމަ މިދެންނެވި ކަންތައްތަކަކީ ތިމާގެ ޝަހްސިއްޔަތުގައި ކަޅު ލައްގަނޑެއްޖެހި، އެ ޝަހްސިއްޔަތުގެ ނިމުން ގެނުވާ ކަމަކަށްވެސް ވެގެން ނުވާނެއެވެ.
އެކަމަކު، ސުވާލެއްވެސް ހިތުގައި އުފެދެއެވެ. އަޅުގަނޑުމެންގެ މިމުޖުތަމަޢުގައި މީހާގެ ސަޚްޝިއްޔަތާއި ދޭތެރޭ ވިސްނާލެވެނީ ކިހާ ވަރަކަށް ބާވައެވެ؟ މިއަދުގެ މުޖުތަމަޢު ޤަބޫލުކުރަނީ ކޮންފަދަ ސަޙްޝިއްޔަތު ތަކެއްތޯއެވެ؟ އެއްވެސް އުޅުމެއްނެތް، ހުޅަނގުގެ ތަހުޒީބަށް ލޯބިކުރާ މީހުންނަކީ ހަމަ އަހަރެމެންގެ ތެރޭގައި އެންމެ މަޤުބޫލު ސަޙްޝިއްޔަތު ތަކަށް ވާންޖެހޭތޯއެވެ؟ އެންމެ ބައްދަލުކުރާ ހިތްވާ މީހަކީ މިވެނި މީހެކޭ އަމިއްލަ ނަފްސާ ސުވާލުކޮށް ބަލާށެވެ. ގިނަ މީހުންގެ ޖަވާބަކަށް އަންނާނީ ކޮންމެވެސް ފިލްމީ ތަރިއެކެވެ. ނުވަތަ މިޔުޒިކީ ފަންނާނެކެވެ. ނުވަތަ ކުޅިވަރުގެ މައިދާނުގައި އަރާ ހުރި މީހެކެވެ. މިމީހުންގެ ހަޤީޤަތް ހޯދާލާއިރު، އެމީހުން ގިނަ ފަހަރަށް ވާނީ މާއްދިޔަތަށް ބޯލެބުމަށް ޝައުޤުވެރިވާ، ރޫޙާނީ ހުސްކަމެއްގެ ތެރޭގައި ދިރިއުޅެމުން އަންނަ އަޅުގަނޑުމެންގެ އިސްލާމްދީނާއި ބީރައްޓެހި ބަޔަކަށެވެ. އަޅުގަނޑުމެން ނަމޫނާއަކަށް ބަލަން ޖެހޭނީ އެމީހުންތޯއެވެ؟ ނުވަތަ އަޅުގަނޑުމެންގެ އިސްލާމީ ތާރީޚުގައި އުފެދިފައިވާ ނަމޫނާ ސަޚްޝިއްޔަތުތައް ތޯއެވެ؟ ތިޔަ ބޭފުޅުން އިންސާފްކުރައްވާށެވެ.
=ނިމުނީ=
3 Comments!
Comments are closed.


Mazumoonehtha? Vaahakaehnun gaimuves
Hama ekakivea nethy gaunegga dhy…
thats is so true. nice article eh 🙂