Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޯޓް ކަރުދާސްކޮޅު

DESTINY2020 Level 210 Stories
July 13, 2015 7 Mins Read
12 Comments

އަހަރެން ސިގިރޭޓެއް ނުބޮމެވެ. ކޮފީއެއް ނުބޮމެވެ. ރައްޓެހިންނާއިއެކު ހީ ސަމާސާ ކުރުމެއް މިހާރަކު ނެތެވެ. ހުރިހާ ކަމެއް ބަދަލުވީ ކުއްލިއަކަށެވެ. ހީވެސް ނުކުރާހާ އަވަހަށެވެ. ދުރުން މަންޒަރު ބަލަން ހުންނަ މީހާވެސް ކޮސްވާނެއެވެ. އަހަންނަށް ކުއްލި މި ބޮޑު ބަދަލު އައީ ކީއްވެހޭ ސުވާލުވެސް ކުރާނެއެވެ. މާޒީގައި އަހަންނަކީ ރަނގަޅަށް އުޅެނު މީހެއް ނޫނެވެ. އަހަންނަށްވުރެ ގިނައިން ދުވާލަކު ސިނގިރޭޓް ކޮފީ ބުއި އުޅުނު އިންސާނަކު ވާނެހެނެއް ހީއެއް ނުވެއެވެ. ނަމާދު ގަޑިއެއް އެހެން ގަޑިއެއް ނުބަލާ، ސައްވީސް ގަޑިއިރުގެ ތެރޭގައި ފަސް ގަޑިއިރު ކޮފީގައި ހޭދަކުރެވެއެވެ. މުސާރައިގެ ބޮޑު ޕަރސެންޓެއް އެހެން ބޭކާރު ކުރެވެއެވެ. ރައްޓެއްސަކު ގުޅާލުމުން ކޮފީ ނުދީއެއް ނުހުރެވެއެވެ. އަހަރެން ރައްޓެހިންދެކެ އެހާވެސް ލޯބިވެއެވެ. އަމިއްލަ މަޞްލަޙަތަށްވުރެ، އެމީހުންގެ މަޞްލަހަތަކީ އަހަރެންގެ ފުރަތަމަ ވާޖިބެވެ. އިންސާނާގެ އަމިއްލަ ދިރިއުޅުން، ކުރިއަށް ނުގެންގޮސް، ދެން ތިބީން ކުރިއަށްގެންދަން އުޅުނު މީހުންނަށް ފައިދާއެއް ވި ހެއްޔެވެ؟

އެހެނަސް، މިއަދު އެކަން ބަދަލުވެއްޖެއެވެ. ދިރުއުޅުންވެސްބަދަލުވީއެވެ. ތެދެކެވެ. އިންސާނާ އަޅާ ކޮންމެ ފިޔަވަޅަކާއިއެކު އޭނާގެ މަންޒިލާއި ދުރަށް ގެންދާނަމަ، އަމާން އައްސޭރިއަކަށް އެއިންސާނާއަށް ވާޞިލް ވެވޭނެ ހެއްޔެވެ؟ އަމިއްލަ ކަންތައްތަކަށްވުރެ، ދެން ތިބި މީހުންގެ ކަންތައްތަކަށް އިސްކަންދޭނަމަ، ތިމާގެ ދިރިއުޅުން ކުރިއަށްދާނެހެއްޔެވެ؟ ނުދާނެއެވެ. އެކަން ދެނެހުރެވެސް، އަހަންނަށް އުޅެވުނު ގޮތް ހިތަށް އެރުމުން އަހަންނަކީ ހަމަޖެހޭ މީހެއްބާވައޭވެސް ހިތަށް އަރައެވެ. ނޫނެކެވެ. އަހަރެން ހަމައެއް ނޫނެވެ. އިންސާނެއްގެ ގައިގައި ފަސް ފިތް ހުންނަމަ، އަހަރެންގެ އެއް ފިތް މަދެވެ. އެކަން އަހަންނަށް އިނގެއެވެ. އެކަން ރަނގަޅު ކުރަންވެސް އެބަޖެހެއެވެ. ނޫނީ، ޙަޔާތުގެ ސަފުން އަހަރެން ބާކީ ވެދާނެއެވެ.

” ކޮބާ ކޮންތާކު ތިހިރީ. ގޭގަދޯ. އެބަދަން ބަލާ.. ހިނގާ ކޮފީއެއް ބޯލަން ދާން؟” އަހަންނަށް ނާއިޝް ގުޅީ ވިސްނުމުގެ ތެރޭގައި ހުއްޓައެވެ.
” ނޫނޭ. ގޭތެރެ ސާފްކުރުމުގަ މިއުޅެނީ. މިއަދު ދިމާވާނެ ހެނެއް ހީއެއްނުވޭ.” އަހަރެން ނުދަންވެގެން ބަހަނާ ދެއްކީމެވެ.
” މީ ހުކުރު ދުވަހެއްނު. މީ ހުރިހާ މީހުންގެ އޮފް ދުވަސް. ކޮބާތަ ގޭގަ އުޅޭ އެހެން މީހުން. އެމީހުންނާ ތިކަން ޙަވާލުކޮށްފަ ޝާމް ނުކުމޭ. އެބަދަން.” އެހެން ބުނެފަ ނާއިޝް ފޯން ކަނޑާލިއެވެ.

ކުޑައިރުކޮޅަން، ނާއިޝް އަންނާނެއެވެ. އެއީ އަހަރެންގެ ގާތް އެކުވެރިއެކެވެ. ރަނގަޅު އެކުވެރިއެއްކަމަށް ނިންމިދާނެއެވެ. އެކަމަކު، ސިނގިރޭޓާއި ކޮފީ ބުއިމުގައި އުޅޭނީ އަހަންނަށްވުރެ ތަންކޮޅެއް ކުރީގައެވެ. ވަގުތު ބޭކާރުވެސް ކުރާނެއެވެ. މައިން ބަފައިންގެ ތަނަވަސް ކަމުގައި ދުނިޔޭގެ ހަރަތު ބިތް އޭނައަށް ފެނިއްޖެއެވެ. ވީއިރު، އޭނާ ހާހެއް ނުވާނެތާއެވެ. އަހަންނަށް އެހެނެއްނުވާނެއެވެ. މަސައްކަތް ކުރަންޖެހެއެވެ. ޢާއިލާއެއް ބަލަހައްޓަން ޖެހެއެވެ. ދެކުދިންނާއި އަންބެއްގެ ބަލަމުން، މާލޭގައި ދިރިއުޅުމަކީ ކިހާވަރުގެ ކަމެއްކަން އިނގޭހެއްޔެވެ؟

އަންހެނުންނަކީ މާލޭގެ މީހަކަށްވިޔަސް، ކުޑަކުޑަ ތަންކޮޅެއްގައި އުޅެން ޖެހުމުން، ދިމާވާ ހުރިހާ މައްސަލައެއް އަހަންނަށް މިދަނީ ދިމާވަމުންނެވެ. ގޭތެރޭގެ ހާސްކަން އެހާ ބޮޑެވެ. ދަރިންގެ ޝަކުވާތަކެވެ. ދަރިން ޝަކުވާ ކުރަނީ ކުރަންވެގެންނެވެ. އަބަދުވެސް އޮންނަނީ ބޭނުންވާ އެއްޗެއް ހޯދައި ނުދެވިފައެވެ. ލާރިއެއްނެތޭ ބުނެގެން، އަހަރެން އޮފީހުން އައިރު ކޮޓަރީގެ ފާރުގައި ހަރުކޮށްފައިވާ ގަނޑުކޮޅުގައި ލިޔެފައިވާ ޖުމްލަތަކުން ހިތް ނުހުއްޓުނީ ކިރިޔާއެވެ.

” ބައްޕަ ތިބޯ ސިނގިރޭޓާއި ކޮފީ ބޮއެފަ ދަރިންނަށް ޚަރަދުކުރާނެ ލާރިއެއް ދުވަހަކުވެސް ނުލިބޭނެ. ބައްޕާ! އަދިވެސް ނުވޭތަ ވިސްނައިގެން ދިރިއުޅޭކަށް؟ ބައްޕަ ތީ ދަރިންނަށް ވިސްނައިދޭން ހުރި މީހާ. އެކަމު، މިއަދު ދަރިން މިޖެހެނީ ބައްޕަ އަށް ވިސްނަދޭން. ލޯބި ބައްޕާ! ދެން ސިނގިރޭޓް ބުއިން ހުއްޓާފަ ކޮފީވެސް މަދުކޮށްބަ. ޕްލީޒް ބައްޕާ! ބައްޕަ ކޮފީއަށް ދިއުމުގެ ބަދަލުގަ ކީއްތަ ވާނީ ކޮކީމެން ގޮވައިގެން ކޮންމެ ހުކުރު ދުވަހަކު، ބީޗަށް ގޮސް މޫދަށް އެރިފަ އައިސްކުރީމް ބުއިއްޔާ! ހަމަ ގައިމުވެސް ޞިއްހަތަށް ފައިދާވާނެދޯ. ބައްޕަ ދެކެ ލޯބިވާ އާން.”

އަހަރެންގެ ދިހައަހަރުގެ ގްރޭޑް ފަހަކަށްދާ އަންހެން ދަރިފުޅު އަނާން ލިޔެފައިވާ އެޖުމްލަތައް ފެނުމުން އަހަރެން ފެންކަޅިވިއެވެ. އަހަރެންގެ ދަރިން އަހަރެން ހީކުރިވަރަށްވުރެ ވިސްނުން ތޫނެވެ. މުސްތަޤްބަލަށް ވިސްނައެވެ. އަހަންނާއި ދޭތެރޭގައި ފުންކޮށް ވިސްނައެވެ. އެކަން އަހަންނަށް ނޭގުނީ ކީއްވެގެން ހެއްޔެވެ؟ ޙަޤީޤަތުގައި ޢާއިލާއާއި ދޭތެރޭގައި ވިސްނަންޖެހޭނީ އަހަންނެވެ. އެކަމު، އެވެސް މިޖެހެނީ އަނެއްކޮޅަށެވެ. އަންހެނުން ޝަކުވާ ކުރިޔަސް، އަހަރެންގެ އަމިއްލަ ކަންތައްތަކާއި މަދު ފަހަރެއްގައި ނޫނީ ފާޑު ކިޔާފައެއް ނެތެވެ. ޝަކުރާ ކުރަނީ ކުރަންވެގެންކަން އަހަންނަށް އިނގެއެވެ.

” ހިނގާ ދާން.” ނާއިޝް ގޭތެރެއަށް ވަދެގެން އައިއިރު، އަހަރެން ހުރީ ސިޓީންގ ރޫމްގެ ފަންކާތައް ފުހަންވެގެން ހަރުގަނޑަށް އަރައެވެ.
” ނޫނޭ. މިރޭ ދެވޭނީ. އޯކޭތަ؟” މަޑުމަޑުން ހަރުގަޑުން ފައިބަމުން އަހަރެން ބުނީމެވެ.
” ދެން ހިނގާބަލަ. މީދަ ކައިރި ގޯޅި ތެރޭ އިން ތަނަށް ދާނީ. ދިހަ މިނިޓޭ ވާނީ؟” އާދޭހުގެ ރާގުގައި ނާއިޝް ބުނެލިއެވެ.
” ދެން ހިނގާދާން.” އަހަރެން މަޑުމަޑުން ބުނީމެވެ.
” ޑެޑީ ދަނީތަ. ކޮއްކޮވެސް ގެންދޭ ކޮފީއަށް.” އަނާން އައިސް އަހަރެންގެ އަތުގައި ހިފާ ބޮޑާ ހާކާލިއެވެ.
” ނޫނޭ. ކުޑަކުދިން ނުވާނެ ކޮފީއަށް ދާކަށް. އެތާ ތިބޭނީ ހުސް ސިނގިރޭޓް ބޯމީހުން. އޭގެ ދުން ޖެހުނީމަ ކުޑަކުދިންގެ ސިއްހަތަށް ގެއްލުންވާނެ. ބައްޕަ އަންނަމުން ކޮންމެވެސް ކާއެއްޗެއް ގެންނާނަން.” އަހަރެން އަނާންއަށް ވިސްނައިދޭން މަސައްކަތް ކުރީމެވެ.
” ތީ ދޮގެއް. ކީއްވެތަ ހަމައެކަނި ކުޑަކުދިންނަށް ގެއްލުންވާނީ؟ ބޮޑެތި މީހުންނަށް ނުވާ ގެއްލުމެއް ކުޑަކުދިންނަކަށްވެސް ނުވާނެ. ކުޑަކުދިން އުފެދުނީ ކަރުދާހުންބާ؟ ބޮޑެތި މީހުން ދަނގަޑުންބާ؟” އަނާންގެ ވިސްނުން ތޫނުކަން އެހިސާބުން އަހަންނަށް އިނގުނެވެ.

އަހަރެންގެ ބަސްހުއްޓުނެވެ. ދަރިންނަށް އަބަދު ދޮގެއް ނެހެދޭނެއެވެ. މިޒަމާނުގެ ތަޢުލީމް ނިޒާމުން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ކޮންކަހަލަ ކަމެއްކަން ގްރޭޑް ފަހެއްގައި އުޅޭ ކުއްޖަކަށް އިނގޭނެއެވެ. އަހަރެން އެއްޗެކޭ ނުބުނުމުން ނާއިޝް ވާހަކަ ދައްކަން ފެށިއެވެ.

” ބޭބެމެން އަންނަމުން، ކޮކީއަށް އައިސް ކްރީމެއް ގެނެސްދޭނަން. ދެން ދޭ މަންމަ ކައިރިއަށް ބަދިގެއަށް. ” ނާއިޝް އެހެން ބުނުމުން އަނާން ޝަކުވާއެއް ނުކޮށް ބަދިގެ ފަރާތަށް ދިޔައެވެ.

އަހަންނާއި ނާއިޝް ދިޔައީ ގޭ ކައިރީގައި އިން ކޮފީ ޝޮޕަށެވެ. ކޮފީ ޝޮޕްގެ މަދު މޭޒެއް ފިޔަވައި ހުރިހާ މޭޒެއް ވަނީ ފުރިފައެވެ. ހުސް ނޫކަށި ފުރައިގެ ޒުވާނުންނެވެ. ކޮންމެ މޭޒެއްމަތީގައި ކަހަލަ ގޮތަކަށް ސިނގިރޭޓް ފޮއްޓެއް އޮތެވެ. ފަހަރަކު މީހަކު އެއިން ސިނގިރޭޓެއް ނަގަމުން ބޮމުން ގެންދެއެވެ. ތަނަށް އަރުވަމުންދާ ދުމުން ހީވާނީ އެތަނުގެ އެއްކަނުގައި ކުޑަ ވަރެއްގެ ފޮގް މެޝިނެއް ބަހައްޓާފައި ހުރިހެންނެވެ. އެތަނުގައި ތިބި މީހުން ސިނގިރޭޓް ބޮމުންދަނީ އިންތިހާޔަށެވެ. ތަނުގައި ދުން ނޫން އެއްޗެއްނެތެވެ. އިރުއިރުކޮޅާ، ކޮފީ ބޯލަމުން ސިނގިރޭޓުން ދުން އަރުވަމުން އެމީހުން ގެންދިޔައެވެ.

” އަދީލްގެ އަނާންއަށް ހާދަ ވިސްނެޔޭދޯ.” ގޮނޑީގައި އިނށީދެ ހަމަޖެހިލަމުން ނާއިޝް ބުނެލިއެވެ.
” ތީތެދެއް. މައްސަލައަކީ އެވަރުގެ ކުޑަކުދިންނަށް ވިސްނޭއިރުވެސް، ހޭޖެހޭ ބޮޑެތި މީހުންނަށް ނުވިސްނޭކަން ދޯ.” އަހަރެން އެހެން ބުނިތަނާހެން ވޭޓަރު އައެވެ.

ނާއިޝް އޯޑަރ ދިނީ ފްރެޝް ޖޫހަކަށެވެ. އަހަރެން ބޭނުންވީ ކިރު ތައްޓެކެވެ.

” ކޮފީ ނުބޮނީތަ މިހާރު؟” ނާއިޝް ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ.
” އާނ. ބަދަލު ކޮށްލީ. ކޮފީވެސް ބޮވިއްޖެތާ. ވީ ކަމެއް ނެތެއްނު.” އަހަރެން މަޑުމަޑުން ބުނީމެވެ.
” ސިނގިރޭޓް ގެނޭތަ؟” ނާއިޝް އަނހާލިއެވެ.
” ނާއިޝް ބޭނުމިއްޔާ ގެނޭ. އަހަރެން ދެން ސިނގިރޭޓެއް ނުބޯނަން.” އަހަރެން މަޑުމަޑުން ބުނީމެވެ.
” ވަރަށް ބަރާބަރު އިނގޭ. އަސްލު މަވެސް މިއައީ ތިވާހަކަ ދައްކަންވެގެން. އަދީލްއަށް ފާހަގައެއްނުވިދޯ ތަފާތެއް. އަހަރެން ހީކުރީ އިނގޭނެކަމަށް.” ހެމުން ނާއިޝް ބުނެލިއެވެ.
” ނޫނޭ ކަމެއް ތަފާތުހެން ހީވޭ. އާނ. ކީއްވެ ކޮފީ ނުގެނައީ. ކޮބާ ކޮފީމޭޒަށް އަރާތަނުން ޖީބުން ނަގާ ސިނގިރޭޓް ފޮއްޓާއި ލާޓަރ.” އަހަރެން އަވަސް އަވަހަށް އަނހާލީމެވެ.
” ސިނގިރޭޓަށް އަލްވަދާޢު. ކޮފީވެސް ބޯނީ މަދުމަދުން. ދެންވެސް ނާހާނަންތަ ކީއްވެގެންކަން ކުއްލިއަކަށް މިބަދަލުވީ؟” ނާއިޝްގެ މޫނުމަތިން އޭނާ އުފާވެފަ ހުރިވަރު އަހަންނަށް ފާހަގަވިއެވެ.
” ނޫނޭ. ކީއްތަ މިވަނީ؟ ތީ ކުރީގެ ނާއިޝް ނޫންކަން މިހާރު ޔަޤީންވެއްޖެ. ކިހިނެއްތަ ތިހެދީ. ހަބޭހަށް ސިނގިރޭޓް ބުއި މީހާ ކުއްލިއަކަށް ތިހުއްޓާލީޔޯ.” އަހަރެން މަޑުމަޑުން އަނހާލީމެވެ.
” ހަނދާންވޭތަ އެއްކަލަ ލޯބި ބިޓުގެ ކަންތައްތައް؟ އެކަން ވެއްޖެ. މިއުޅެނީ އަންނަ މަހުގަ އިންނަން.” ނާއިޝް ހުރީ އުފަލުން ފޮޅިފައެވެ.
” ނައުރީންދޯ. އެކަންތައް ވީތަ؟ އެކަންވީމަ މިކަން ހުއްޓާލީދޯ.” އަހަރެން ސަމާސާ ރާގަކަށް ބުނީމެވެ.
” ތެދެއް ތިބުނީ. ނައުރީން ބުނީ ސިނގިރޭޓް ބުއިން ހުއްޓާލާށޯ. އޭރުން އަހަންނާއި ގުޅިގެން، އަދި އިންނަންވެސް އެއްބަހޭ. ކޮންތާކުން އެވަރުގެ ކުއްޖަކު ހޯދާނީ. ނައުރީން އެއީ ޖަވާހިރެއްނު.” ނާއިޝް އެއްމިޔަކަނުން ހީނލިއެވެ.
” ތީ ތެދެއް. ކިތައްމެ ނިކަމެއްޗަސް އެއީ ހަމަޖަވާހިރެއް. ރަނގަޅަށް ނައުރީން ގެންގުޅެއްޗޭ.” އަހަރެން މަޑުމަޑުން ބުނީމެވެ.
” މައްސަލައެއްނޯންނާނެ. ދެން ނައުރީން ނުކިޔާނެ ނިކަމެއްޗަކަށްދޯ.” ހެމުން ހެމުން ނާއިޝް ބުނެލިއެވެ.
” މަގޭ ސަލާމް ބުނާތި. ދެން ހިނގާދާން. މިހާރު އެގާރަ ޖަހަނީއެއްނު. ހުކުރަށްވެސް ދާންޖެހޭނެއްނު.” ގޮނޑިން ތެދުވަމުން އަހަރެން ބުނީމެވެ.

ގެއަށް އައި މަގުމަތީގައި ނާއިޝް އަހަރެންގެ ދަރިފުޅަށް އައިސްކުރީމް ގަނެފައި އަހަރެންގެ އަތަށް ދިނެވެ. ގެއާއި އަރާ ހަމަވުނުން، ނާއިޝް އޭނަގެ ސައިކަލުގައި ނައްޓާލިއެވެ.

އަހަންނަށް ރަނގަޅަށް ގެއަށް ނުވެސް ވަދެވެނީސް އަނާން އައިސް އަހަރެންގެ އަތުން އައިސްކުރީމް އަތުލިއެވެ.

” ބައްޕަގައިން ދުވަނީ ހުސް ސިނގިރޭޓްވަސް. ތިވަސް ނުދުވާނެ ދުވަހެއް ނާންނާނެދޯ.” އަނާން ލާނެތް ގޮތަކަށް ބުނެލިއެވެ.
” ނޫނޭ. ދެން ނުދުވާނެ.. އަސްލު ބައްޕަ މިހާރު ނުބޮމޭ ސިނގިރޭޓެއް. އެކަމު ނާއިޝްބޭ ވަތް ތަނެއްގަ ތިބި އެންމެ ތިބީ ސިނގިރޭޓްބޯން. ދެން އެވަސް ބައްޕަގެގައިގަވެސް ހުންނާނެތާދޯ.” އަނާންގެ ކޮލުގައި ފިރުމާލަމުން ބުނީމެވެ.
” އެހެންތަ؟ ނާއިޝްބެތަ އައިސްކުރީމް ގަނެދިނީ؟” އަނާން ސުވާލުކޮށްލިއެވެ.
” ލައްބަ ދަރިފުޅާ” އަހަރެން މަޑުމަޑުން ބުނީމެވެ.
” ނާއިޝްބެއަށް ޝުކުރިއްޔާ ބުނާތި ދެން ދިމާވުމުން.” އަނާން ހެމުން ބުނެލިއެވެ.

އަހަރެން ފެންވަރަން ވަނީ އިރުކޮޅެއް ފަހުންނެވެ. ހުކުރު ފައިބައިގެން އައިސް ގެއަށް ވަނީ ކެއުމަށެވެ. އަހަރެން އައިރު، އަންހެނުން ކާން ހަދާފައި ހުއްޓެވެ. އަހަރެން ކާން އެރުމުން، ދެކުދިންނާއި އަންހެނުން އައިސް އަހަންނާއި ބައިވެރިވިއެވެ. އަހަރެމެން ކެއުމުގެ ތެރޭގައި ދެއްކީ ދިރިއުޅުމުގެ ވާހަކައެވެ. އަނާން އޭނަގެ މުސްތަޤްބަލަށް ވިސްނާވަރު އެހިސާބުން އަހަންނަށް ދޭހަވިއެވެ. ދެން ހުރީ ދެއަހަރު ނުވާ ކުޑަކުޑަ ލީމް އެވެ. އޭނާދެކެ އަނާން އިންތިހާޔަށް ލޯބިވާތީ އަހަރެން އުފާވެސް ކުރަމެވެ. އަންހެނުންވެސް ބައެއް މަޝްވަރާކުރިއެވެ. އަހަރެން އެހާ ގިނަ ވާހަކަ އެއް ނުދައްކަމެވެ. އަހަރެން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލިކަން އެއްވެސް މީހަކަށް އަންގާކަށް ބޭނުމެއްނޫނެވެ. ވަގުތު ޖެހުމުން އެކަން އަންހެނުންނާއި ދަރިންނަށް އަންގާނަމެވެ.

އަހަރެން ކައިނިމިގެން ސިޓިންގ ރޫމްގައި ޖައްސާލިތަނާހެން ރައްޓެއްސަކު ގުޅިއެވެ. އެއީ ދޭތެރެއަކުން ގުޅާ ރައްޓެއްސެކެވެ.

” އާދެބަލަ ސިނގިރޭޓެއް ބޯލަން. ކައިނިމިގެން ވާނެއްނު ބަނޑު ހަމަޔަކަށް އަޅުވާލަން.” ހެމުން ހެމުން ހާމިލް ބުނެލިއެވެ.
” ނޫނޭ. މިހާރު ނުބޮން ސިނގިރޭޓެއް. އަނެއްކޮޅުން މިގަޑީގަ މިއިނީ ގޭގަ. ހުކުރު ދުވަސްކަމުން ދަރިން ގާތު މަޑުކޮށްލަން މިބަލަނީ..” އެހެން ބުނިގޮތަށް އަހަރެން ފޯން ބޭއްވީމެވެ.

އެރޭގެ ރޭގަނޑެވެ. ވަރަށް ގިނަ ރައްޓެހިން ކޮފީއަށް ގުޅިއެވެ. އޮފީސް ކުދިންނާއި ސްކޫލުގެ ރައްޓެހިންނެވެ. އެކަމަކު، އަހަރެން ދާހިތެއްނުވިއެވެ. ހުކުރު ދުވަސްކަމުން، އަހަރެން ބޭނުންވީ ގޭގައި މަޑުކުރާށެވެ. އާޢިލާއަކީވެސް މުހިންމު ބަޔެކެވެ. ދިރިއުޅުމުގައި ބިޒީކޮށް އުޅެމުން، އެމީހުންނަށް ވަގުތު ކޮޅެއް ނުދޭތީ އަންހެނުންނާއި ދަރިން ޝަކުވާކުރެއެވެ. އެހެންވެ، ހުކުރު ދުވަހާއި މުޅިރޭ އަހަރެން ހޭދަކުރީ ގޭގައެވެ. އަންހެނުންނާއި ދަރިން އުފާކުރުމަށްޓަކައެވެ. އަނާން އިނީ ވަރަށް އުފަލުންނެވެ.

އަހަރެން ގެއަށް އައުމުން އަންހެނުން ގައިން ވަސް ބަލަން ފެށިއެވެ.

” ހާދަ މީރު ވަހެކޭ އެދުވަނީ. އެއީ މަސްކުތަ؟” އަހަރެން ޖަހައިގެން އިން ސެންޓްވަސް މީރުވެގެން އަންހެނުން ސުވާލުކުރިއެވެ.
” ރަނގަޅަށް ތި ދިމާވީ.” އަހަރެން ހެމުން ބުނެލީމެވެ.
” މިހާރު ޤަބޫލުކޮށްފިން އަދީލް ސިނގިރޭޓް ނުބޯކަން.” އަހަރެންގެ ނޭފަތާއި ނޭފަތް ގާތްކޮށްލަން އަންހެނުން ބުނެލިއެވެ.
” އެހެންތަ؟ ދެން ދުވަހަކުވެސް ނުބޯނަން ސިނގިރޭޓެއް. ދަރިންނަށް މިމަންޒަރު ފެނުނީމަ ކީކޭތަ އެމީހުން ބުނާނީ؟” އަންހެނުންގެ ގައިގައި ބައްދާލަމުން އަހަރެން ބުނީމެވެ.

” ބައްޕާ ހިނގާ ގެޔަށް ދާން.” އަހަރެން ސިއްސައިގެން ދިޔައީ އަނާން އައިސް ބައްދާލުމުންނެވެ. މޫދުން އެރިގޮތަށް އައިސް، އަހަރެންގެ ގައިގައި އަނާން ބައްދާލުމުން އަހަންނަށް ފިނިވިއެވެ.
” ކޮބާތަ މަންމައާއި ކޮއްކޮއާއި؟” އަހަރެން އަނހާލީމެވެ.
” އެތިބަ އަންނަނީ އައިސްކުރީމް ގަނެގެން.” އަނާން އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ.

އަހަރެންގެ އަންހެނުން އައިސް އަރާ ހަމަވުން، ގޮނޑިން ތެދުވީމެވެ. ހުކުރު ދުވަސްކަމުން އާރޓީފިޝަލް ބީޗުގައި މީހުން ގިނައެވެ. އަހަރެން މޫދަށް ނޭރުނީ ފައިގެ ކުޑަތަންކޮޅެއްގައި ބޭސް އަޅައިގެން ހުރުމުންނެވެ. އަހަރެން މޫދަށް ނޭރުނަސް، އަންހެނުން އެބައި ކުޅުނެވެ. ދެދަރިން ތިބީ އުފަލުންނެވެ.

އަނާން އައިސް އަހަރެންގެ އަތުގައި ހިފުމުން، އަހަރެން ހިނގައިގަތީމެވެ. ގެއާއި ދިމާލަށެވެ. ދުވަސްކޮޅަކުން އަނާންވެސް ސްކޫލު ނިމޭނެއެވެ. ކުޑަ ފިރިހެން ދަރިފުޅު ދާނީ ހަތަކަށެވެ. އަހަންނަކީ އުފާވެރި ޢާޢިލާއެއްގެ ޒިންމާދާރު ބައްޕައެކެވެ. ކުރިން ބުއި ކޮފީތަކާއި ދުރުވީމައެވެ. އަނާން ފަހެއްގައި އުޅުނު އިރު ކޮޓަރީގައި ތަތްކުރި ގަނޑުގެ އަސަރު އަހަރެންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ކުރިއެވެ. އަހަރެން ސިނގިރޭޓް ބުއިން ހުއްޓާލީ އެގަނޑުކޮޅު ފެނުނު ދުވަހުގައެވެ. އެގަނޑު ކޮޅުގެ ތިރީގައި ތާރީޚްވެސް ޖަހާފައިވަނީ އަނާންގެ އަތުންނެވެ. އެކަމު، އެދުވަހުގައި ސިނގިރޭޓް ބުއިން ހުއްޓިކަމެއް އަހަރެންގެ އަނާންއަކަށް ނޭނގޭނެއެވެ. ގެއަށް އައިރުވެސް އަހަރެންގެ ހިތުގައި ހުރީ އެގަނޑުކޮޅުގައި އަނާންގެ ކުޑަކުޑައިރު ލިޔުން ހުރި މަޖާގޮތުގެ ތަސްވީރެވެ.

ތެދެކެވެ. ދިރިއުޅުމުގައި އިންސާނާ ބަދަލުވާން ޖެހެއެވެ. އިސްލާޙްވާން އެބަޖެހެއެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖައްސާ އިތުރުކުރަންވެސް ވިސްނަން އެބަޖެހެއެވެ. ބައެއް ފަހަރު، މިބުނާ ބަދަލު އަންނާނީ ކުއްލިއަކަށެވެ. އަނެއް ބައި ފަހަރަށް ބަދަލު ގެންނަން މަޖުބޫރުވާނެއެވެ. ކުޑަކުއްޖަކު ނަމަވެސް ރަނގަޅު އެއްޗެއް ބުނެފިއްޔާ ޤަބޫލު ކުރުމަކީ އިންސާނީ ރިވެތި ސިފައެކެވެ.
ކުރިން އަހަރެން ހައްދުން ނައްޓާވަރަށް ސިނގިރޭޓް ކޮފީ ބުއީމެވެ. ތިމާގެ އަމިއްލަ އަތުން، ތިމާގެ ނަފްސް ހަލާކުގެ ތެރެއަށް ވައްޓާލާނީ މޮޔައެކެވެ. އެފަދަ މޮޔަކަށް ދެން އަހަރެން ނުވާނެއެވެ. އަހަރެންގެ ޙަޔާތަށް އެދުވަހު ގެނައި ބަދަލުގެ ނަތީޖާ ފޮންޏެވެ. ދަރިފުޅު ކިޔެވުން ނިމެންވާއިރަށް، ބޭރަށް ކިޔަވަން ފޮނުވަން ބޭނުންވާ ފައިސާ ދެބައި ކުޅަ އެއްބައި އަހަރެން އެކަނި ސޭވްކުރީމެވެ. އަމިއްލަ ސައިކަލެއް ގަތީމެވެ. އަންހެނުންގެ ބައްޕަގެއިން ބަހައިގެން ލިބުނު ތަން އަހަރެމެންގެ ފެންވަރުން 03 ބުރިއަށް ހެދީމެވެ.

މިހާރު ވިސްނެއެވެ. ތެދެކެވެ. ކޮންމެ އިންސާނަކުވެސް ވިސްނާނަމަ، ކާމިޔާބު ހޯދޭނެއެވެ. ދިރިއުޅުމުގައި ވިސްނާށެވެ. އަޅާކޮންމެ ފިޔަވަޅެއް ވިސްނައިގެން އަޅާށެވެ. ތިމާ ދާން ބޭނުންވާ މަންޒިލް ކުރަހާށެވެ. ނުވަތަ ތަޞައްވަރު ކޮށްލާށެވެ. އެމަންޒިލަށް ވާޞިލުވުމުގައި ހުރި ދަތި ތަކާއި މައްސަލަތައް ހޯދާ ބަލާ ދިރާސާކުރާށެވެ. އެކަމަށް ހައްލުހޯދާނެ ގޮތާއި، ހޯދާނެ ޙައްލުތައްވެސް ދެނެގަންނާށެވެ. މަސައްކަތްތަކާއި ގަޑިތަކާއި ވަގުތުތައް ތަރުތީބު ކޮށްލާށެވެ. ދިރިއުޅުމުގެ ކަންކަމުގައި އިސްކަންދޭ ތަރުތީބެއް ގެންގުޅޭށެވެ. އޭރުން ދިރިއުޅުން މެނޭޖް ކުރަން ދަސްވާނެއެވެ. ރައްޓެހިންވެސް ތަރުތީބު ކޮށްލާށެވެ. އެންމެ މުހިއްމު މީހުންނެވެ. މިހެންގޮސް ހުރިހާ ކަމެއްގައި ރޭވުން ތެރިކަމެއް ގެންގުޅޭށެވެ.

ދިރިއުޅުމުގައި އިސްކަންދޭ ތަރުތީބު ރާވާލާށެވެ. ފުރަތަމަ އިސްލާމް ދީނެވެ. ދެން މައިން ބަފައިންނާއި ޢާއިލާއެވެ. ދެން ތިމާގެ ދިރިއުޅުމާއި ވަޒީފާގެ މަސްއޫލިއްޔަތެވެ. ވިސްނާށެވެ. ކުރިއަށް ދާން މަސައްކަތްކުރާށެވެ. ރެޔަކާއި ދުވާލު ފަސްފަހަރު މާތް ﷲ ގެ ދަރުބާރަށް ހާޟިރުވުމަށް ގޮވާލާ އަޑަށް ސަމާލުވެ، އެއަށް އިޖާބަ ދޭށެވެ. އޭރުން ހުރިހާ ކަމެއް ހުންނާނީ ފާލުގައެވެ. އެއްވެސް ކަމެއް ފާލުން ނެއްޓިގެނެއްނުދާނެއެވެ. ކާމިޔާބު ލިބޭނެކަން ޝައްކެއް ނެތެވެ. ޔައުނީ ކާމިޔާބު ލިބޭހުއްޓެވެ. އަދިވެސް މޮޅު އިތުރު ގޮތެއް އެބައޮތެވެ. ކިރިޔާވެސް މުރާލިކަމާއި ހިތްވަރެއް ހުރިއްޔާ ފަތިސް ނަމާދުން ދުވަސް ފައްޓަން އާދަކުރާށެވެ. މީ އަހަރެން ޢަމަލު ކުރިގޮތެވެ. އަހަރެންގެ ކުޑަ ދަރިފުޅުގެ އެދުމުގެ މަތިން ސިނގިރޭޓް ބުއިން ހުއްޓާލީމެވެ. އޭގެ ފަހުން މިހާރު ފަސް އަހަރުވަނީއެވެ. މިވީ ފަސް އަހަރުގައި ސިނގިރޭޓެއް ނުބޮމެވެ. ދެން ދުވަހަކުވެސް ނުބޯނަމެވެ. އަހަންނަށް ވެސް ސިނގިރޭޓް ނުބޮއި ހުރެވޭނެއެވެ. ހަމަ ގައިމުވެސް، އެ ނުބޮއެގެން ، މީހަކު މަރުވި ވާހަކައެއް ނާހަމެވެ. ވީއިރު، ވާނެ ގެއްލުމެއްނެތްތާއެވެ.

ހަވީރުގެ ވަގުތެކެވެ. އަހަރެން ގެއަށް އައިރު، އަންހެނުން އިނީ ސިޓިންގ ރޫމްގައެވެ. ދަރިފުޅު އިނީ ސިޓިންގ ރޫމްގައި ކިޔަވާށެވެ.

އަހަރެން ގޮސް ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލީމެވެ. ފެންވަރަށް ފާޚާނާއަށް ވަންނަނިކޮށް ލޮލުގައި އަޅައިގަތީ ފާޚާނަގެ ދޮރުގައިވާ ގޮތަށް ހަރުކޮށްފައިވާ ގަނޑުކޮޅެކެވެ.

” ސިނގިރޭޓު ބުއިން ހުއްޓާ، އަދި އެދުމުން މަންމައާއި ކޮއްކޮމެން ސަލާމަތްކޮށްދިން ބައްޕައަށް ޝުކުރިއްޔާ! ތީ މީހަކީ ބައްޕާ. ޔޫ އާ މައި ހީރޯ.” އަނާން އާއި ލީމްވެގެން ލިޔެފައިވާ އެލިޔުން ކޮޅު ފެނުމުން އަހަންނަށް ލިބުނު އުފަލުގައި ހިނިގަނޑެއް ޖަހާލެވުނެވެ. އަހަރެންގެ ދިރިއުޅުން ބަދަލުކޮށް، އުފާވެރިކަން ގެނެސްދިނީވެސް ހަމަ އެފަދަ ނޯޓްކޮޅަކުންނެވެ. އަހަރެންގެ ދަރިން އަހަރެންދެކެ ވާ ލޯބި ފެނުމުން އިތުރަށް އުފާވިއެވެ. ފާޚާނާއަށް ވަނުމުގެ ކުރިން އެނޯޓްކަރުދާސްކޮޅުގައި ވާ ދެދަރިންގެ ނަންމަތީގައި ދެއަތުން ފިރުމާލީމެވެ.

=ނިމުނީ=

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ހިތަކުން ނުފިލާނެ 28

Next

ކަޅު ބުޅާ…(1)

Next
July 14, 2015

ކަޅު ބުޅާ…(1)

Previews
July 13, 2015

ހިތަކުން ނުފިލާނެ 28

12 Comments!

  1. liu says:
    July 13, 2015 at 7:25 pm

    varah iburaitheri,masala aky ibaaraai kurumaai ,vaahakaige ehves sauguverikameh neh….

  2. fath says:
    July 13, 2015 at 7:31 pm

    varah ibrai theri

  3. lovely says:
    July 13, 2015 at 8:02 pm

    Viihaa vx ginain mi kahala ibrayytheri vaahaka genes dheyn v nu.. v salhi mi vaahaka vx.. hiikuran kuri ah oyy thaanga mi kahala ibrayytheri vaahaka esfiya in genes dheyne kamah…

  4. maash says:
    July 13, 2015 at 8:27 pm

    amaax ge story eh dw , nice 🙂

  5. amax says:
    July 13, 2015 at 9:33 pm

    Koba shudooo.. hide n seekdw.

  6. Shabee says:
    July 13, 2015 at 10:25 pm

    Mi vaahaka kurin keen… dhivehi vaahaka site in… note karudhaas ge namuga inee e vaahaka… dhen mee hama evaahaka?!? Is this a copy AMAAZ?? Ir dhen wats happening… 😮

  7. Shabee says:
    July 13, 2015 at 10:25 pm

    Hama ehnameh dhw… so this is a copy right?? :/

  8. Shabee says:
    July 13, 2015 at 10:28 pm

    Ey sorry everyone…e story eves AMAAZ liyefa oeh story eh… sorry v bodah… eyru author nubalaalevunee…dhen dhemme balaaliiru inee AMAAZ…hehe sorry ingey..its my.mistake telling tht its a copy… but v reethi mivaahaka… 😀

  9. me says:
    July 14, 2015 at 12:47 pm

    mi vaahaka keen fanvathun ves. mee hama mi author ge story ehtha?

  10. zee says:
    July 15, 2015 at 7:28 am

    mivaahaka keen

  11. Leeeeeeee says:
    December 20, 2015 at 11:09 am

    me 2

  12. DESTINY2020 says:
    February 21, 2020 at 6:15 am

    Yup its my story. My friend wanted to show off a girl that he can write a story. So i wrote it under his name that time.
    Thank you..

Comments are closed.



All Right Reserved!