Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

މަލްހާ

Shaila Level 110 Stories
May 9, 2021 9 Mins Read
2 Comments

އަހަރެންގެ ނަމަކީ މަލްހާއެވެ. އުމުރަކީ ސަތާރަ އަހަރެވެ. ނިސްބަތްވަނީ މެދު ރާއްޖެތެރޭގެ އާދައިގެ މީސްކޮޅު މަދު، ވަސީލަތްތައް އެހާމެ މަދު ރަށަކަށެވެ. މަންމައާއި ބައްޕައަށް ލިބުނު ތިން ކުދިންގެ ތެރެއިން ދެވަނަ ކުއްޖާއެވެ. އެހެން ނަމަވެސް، އެންމެ ދޮށީ އަންހެން ދަރިވެސް މެއެވެ. ހަގަށް ހުންނަނީ ވެސް، އަންހެން ކުއްޖެކެވެ. އެއީ އަހަރެންގެ މަލްކޮއެވެ. މަލްކޮއަކީ އަހަރެން ލޯބިން ދިން ނަމެކެވެ. ހަތް ދުވަސް ކޮށްފައި އޭނާއަށް ބައްޕަ ދިން ނަމަކީ ފާތިމަތު މަލްސާއެވެ. އެންމެ ދޮށްޓަށް ހުންނަނީ މައީސެވެ. އޭނައަށް އަހަރެން ލޯބިން ކިޔަނީ ޕްރިންސް އޮފް މަޑަގަސްކަރައެވެ. ސަބަބަކީ މަންމަ އޭނާ ދޮންފުތު ކޮށްގެން ގެންގުޅޭ ވަރުންނެވެ. ރަސް ދަރިއަކަށް ވުރެ އޭނާގެ ދަރަޖަ މަތި ވީމައެވެ.

ގޭގައި މުޅި ޖުމްލަ ހުންނަނީ ދެ ކޮޓަރިއެވެ. އޭގެ ތެރެއިން އެއް ކޮޓަރި ހުންނަނީ ގޭގެ ޕްރިންސަށް ދީފައެވެ. އެވެސް އަދި އެންމެ ބޮޑު ކޮޓަރިއެވެ. ސްކޫލު ނިމި ރަށު ސްކޫލުގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދާ ޕްރިންސްގެ ކޮޓަރިއަށް އަހަރެންނާއި ކޮއްކޮއާ ދެ މީހުންނަށް އޮޅިގެން ބަލައިލެވުނަސް މަންމަ ހީވާނީ އަހަރުމެންގެ ލޮލުގެ ކަޅި ދަމައިގަނެފާނެ ހެންނެވެ. އަދި އެތަނަށް ވަންނަން ހިތަށް އަރުވާލައިފިއްޔާ ކޮށްލާނެ ވަރު ވިސްނާލާށެވެ. މަންމަ އަބަދު ހުންނާނީ ޕްރިންސްގެ ހިދުމަތުގައި އަތުކުރި އޮޅާލައިގެންނެވެ. ވާނީ ވެސް، އެހެންތާއެވެ. ޕްރިންސް އޮފް މަޑަގަސްކަރަ ވިއްޔާއެވެ.

 

އަހަރެން ހުރީ ސްކޫލް ނުނިމިގެންނެވެ. އަވަހަށް އެ ރަށް ދޫކޮށްފައި މާލެދާން ބޭނުން ވެގެންނެވެ.

ސްކޫލު ނިމުނުއިރު ކިރިޔާ ދިވެހި އިސްލާމުން ފާސްވިއެވެ. އެވަރުވެސް އަހަންނަށް ރަނގަޅުތާއެވެ. އަހަރެންމީ މޮޅު ނަތީޖާ ހޯދަން ސްކޫލަށް ދިޔަ މީހެއް ނޫނެވެ. ދިވެއްސަކަށް ވީތީ، ދިވެހިން އެއޮތީ ފާސް ވެފައެވެ. އިސްލާމަކަށް ވީތީ، އިސްލާމުން ވެސް، ފާސްވާ ވަރު ކުރީމެވެ.

މިކަމާ އެއްކަލަ ޕްރިންސް އުތުރިއަރައި ގަނެފިއެވެ. މާލެ ދިއުމަށްޓަކައި ކުރަމުން އައި ފޮނި އުންމީދުތައް ފެނަށް ވެގެން ދިޔައީ ޕްރިންސް އެކަމަށް ނުރުހުން ފާޅު ކުރުމުންނެވެ. ޕްރިންސްގެ ނުރުހުމާއެކު ގައުމުގެ ހިނގުން ވެސް، ހުއްޓޭ ކަހަލައެވެ.

މަންމަ ވެސް، ހީވަނީ އެހެންފަދަ ކަމެއް ވެގެން އުޅޭހެންނެވެ. ލަދުން ބޯ ހަލާކު ވެއްޖެ ޔޯލައޭ.. އަޖައިބެއް ފަހެ ނުވާނެތަ؟ އަހަރެން ޔޫ ސެޓް ހިފައިގެން އައުމަކީ މަންމަ ލަދު ގަންނަވަރުގެ ކަމެއްހެއްޔެވެ؟ ސްކޫލަށްދިޔައީ އަހަރެންނެވެ. މަންމައެއް ނޫނެއްނޫންހޭ އަހަރެން ބުނީމެވެ.

ދުވަހަކު ޓިއުޝަނަކަށް ވެސް، ފޮނުވީއެއް ނޫންވިއްޔާއެވެ. ކިޔަވާ ހިތް ނުވާ ތާނގައި ޓިއުޝަނަށް ފޮނުވި ނަމަ، އެތަނުން ބިޓެއްވެސް ސެޓު ކުރެވުނީސް ތާއެވެ.

ނޭނގޭ އެއްޗެއް ނުހަދައި، ދަސްނުކޮށް ގްރޭޑް ދިހައެއް މި ނިންމާލީ އެވެ. ހިތްވަރު ގަދައެއް ނޫންހެއްޔެވެ؟ އެވަރުންވެސް އެވޯޑެއް ދިނުމުގެ ބަދަލުގައި އިސްކުރީ ރުޅިއެވެ.

މާލެ ދާން ވަރަށް އާދޭސްކޮށް ރޮއި ހަދައިފީމެވެ. މާލެ ގޮސް ވަޒީފާއަކަށް ދަމުން އިތުރަށް ކިޔަވައިގެން މޮޅު މީހަކަށް ވާނަމޭކިޔައި އެތައް ވާހަކަތަކެއް ދެއްކިއްޖެއެވެ. ޕްރިންސްގެ ޖަވާބަކަށް ވީ ނުފޮނުވޭނެ ކަމަށެވެ. ސަބަބަކީ އަންހެން ކުއްޖަކަށް ވީމަޔޯލައެވެ. އަޖައިބެއް ނުވާނެހެއްޔެވެ؟ “އަންހެނުން ތިހާ ދަށް ކޮށްލަނީ ކީއްވެތަ؟ ގައިމު ދޮންބެ ވެސް، އިންނާނީ އަންހެނަކާއެއްނު.”

އަހަންނަށް އެހެން ބުނެވުނު ކަމެއްނޭނގެ މަންމަ ފުންމައިގެން އައިސް އަހަރެންނަށް ހަމަލާދޭން ހުށިޔާރުވިއެވެ. މީގެ ކުރިން އަހަންނަށް އަދި ނޭނގުނީ މަންމަ ހައި ޖަމްޕް ޖަހަން އެހާ މޮޅުކަމެވެ. އަހަރެންވެސް ވަގުތުން ލޯންގް ޖަމްޕުގެ ޗެމްޕިއަނަކަށް ބަދަލުވީމެވެ. މަންމައަށް އަހަރެން އަތުވާ ގޮތެއް ނުވިއެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. ސްކޫލުން ލިބުނު ފުރުސަތެއްގައި މަންމަގެ ޕްރިންސް ދިޔައީ އަތޮޅުން ބޭރަށް ތަމްރީނު ޕްރޮގްރާމެއްގައެވެ. އެ ދިޔައީ މަޑަގަސްކަރައަށް ނޫންކަމެއްވެސް ނޭނގެއެވެ. މަންމަ އަނގައިގެ ބައްތިރީސް ދަތް ނުފެންނަ އެންމެ ވަގުތެއްވެސް ނުދެއެވެ. އަވަށްޓެރިން ކައިރީގައި ވެސް، ޕްރިންސް ދިޔައީ ކޯހަކަށޭ ކިޔައިގެން އެތައް ފޮންޏެއް ކަނޑައިފިއެވެ. ޕްރިންސް އެ ދަތުރެއް ދިޔަ ފަހުން، ކަމާކަންފަށައި އަވަށްޓެރި ގޭގެއަށް ޒިޔާރަތްކޮށް ޕްރިންސްގެ ވާހަކަ ދެއްކުމަކީ މަންމަގެ ހޮބީއަކަށް ވެއްޖެއެވެ. ފަށަނީ ޕްރިންސްގެ ވާހަކައިން ކަމުގައި ވިޔަސް، އެ ވާހަކައިގެ ނިމުން އަންނަނީ އަހަރެން “ޔޫ ސެޓް” ހިފައިގެން ގެއަށް އައި ވާހަކައެވެ. އަޖައިބެއް ނުވާނެ ހެއްޔެވެ؟ އަހަރެން ދެން އެ ހިފައިގެން ދާންވީ ސްކޮލަޝިޕަކަށް އެޕްލައިކުރަން ހެއްޔެވެ؟ ދެން މަންމަ އެ ވާހަކަ އެވަރަށް ދެއްކީމާ ޔޫ ސެޓް އޭ ސެޓަކަށް ބަދަލުވާނަމަ ރަނގަޅެވެ.

ޕްރިންސް އެބުނާތާކަށް ދިޔަފަހުން މަންމައަށް ގުޅާވެސް ނުލައެވެ. އެވަރުންވެސް ކޮންމެ ރެއަކު މަންމަ ޕްރިންސަށް ގުޅާނެއެވެ. ގުޅީމާ ބައެއްފަހަރު ފޯނު ނަގާފައި ވަރަށް ބިޒީއޭ ކިޔާފައި ފޯނު ބާއްވާނެއެވެ. މަޑަގަސްކަރައިގެ ޕްރިންސް އެއީ ހަމަ އެހާ ބިޒީ މީހެއްހެއްޔެވެ؟؟ ރަނގަޅަށް ވިއްޔާ މިހާރުވެސް އިންނާނީ ކޮންމެސް ބިޓެއް ކައިރީގައި ފޮނި ކަނޑާށެވެ.

ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފައި، މަންމަ ކައިރީގައި އާދޭސްކޮށްގެން މާލެ ދާން އެއްބަސް ކުރުވައިފީމެވެ. ހުންނަން ހަމަޖެހިފައި ހުރީ ދައްތައެއްގެ ރައްޓެއްސެއްގެ ގޭގައެވެ. އަހަރެންގެ ހިތް އުފަލުން ނަށަން ފަށައިފިއެވެ. އެހެން ނަމަވެސް، ކޮއްކޮ ވަރަށް ދެރަވެގެން ރޯން ފަށައިފިއެވެ. އަހަރެންގެ ހިތަށްވެސް ވަރަށް ތަދުވިއެވެ.

“ބަސްއަހައިގެން ކިޔަވާތި.. ދޮންތަ މާލެ ގޮސްފައި ކޮއްކޮއަށް ހަދިޔާ ފޮނުވަދޭނަން”

ކިޔަވާށޭ ކިޔާފައި ނަސޭހަތް ދޭން އަހަރެން މީ އެންމެ ރަނގަޅު މީހާ ނޫންކަންވެސް ގަބޫލު ކުރާ ހާލުގައި އަހަރެން ކޮއްކޮއަށް ހިތްވަރު ދިނީމެވެ.

ކޮއްކޮގެ ކަރުނަތައް އަހަރެންގެ އަތުން ފޮހެލައި ދިނުމަށްފަހު ނިތްކުރީގައި ބޮސްދިނީމެވެ. މަންމަ ފެނޭތޯ ވަށައިގެން ހޯދާލީމެވެ. ފެންނަން ނެތުމުން ކޮއްކޮ ކައިރީގައި މަންމަ ނާދޭހޭ އެހީމާ ބުނީ ދޮންބެއަށް ކޮންމެވެސް އެއްޗެއް ފޮނުވާން ވެގެން އެބުނާ އެއްޗެއް ހޯދާށޯ ދިޔައީ.. އަސްތާ! ޕްރިންސްގެ ކަމެއް އޮއްވާ އަހަރުމެން ކައިރިއަށް ނާދެވޭނެ ތާ ދޯއޭ ބުނެލެވުނެވެ. ކޮއްކޮގެ ތުންފަތަށް ވެސް ލުއި ހިނިތުންވުމެއް ވެރިވެއްޖެއެވެ.

“ދެން ދޭ ގެއަށް.. ބާއީ.. ވަރަށް މިސްވާނެ..”

އަހަރެން ގޮސް ބޯޓަށްއެރީމެވެ. އަހަރެންގެ ދަބަސް ގެންގޮސް، ނިދަން ހާއްސަ ކުރެވިފައިވާ ތަނުގެ ބޯ ލާ ކޮޅުގައި ބެހެއްޓީމެވެ. ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް ސައުވީސް ގަޑިއިރުކަން އެނގުނީ ބޯޓުގައި އުޅޭ ބިދޭސީއެއް ކައިރީގައި އަހާލީމައެވެ. އަވަހަށް ބޭސް ކައިގެން އޮށޯވެ މުޅި މޫނާއެކީގައި ބެޑްޝީޓް އަޅައިގެން އޮށޯވެ ނިދައިފީމެވެ. ބޭސް ނުކައިފިއްޔާ އަހަރެންނެކޭ ހޮޑު ގުޅިއެކޭ މާ ބޮޑު ތަފާތެއް ނުހުންނާނެއެވެ. މާ ގިނަ އިރުތަކެއް ނުވެ ނަސީބަކުން އަހަންނަށް ނިދިއްޖެއެވެ. އިރުގަނޑެއް ފަހުން ހޭލެވިގެން ބެޑުޝީޓް ތިރިކޮށްލާފައި ބަލައިލި އިރު ބައެއް މީހުން ފާޑުފާޑުގެ  ލުއި ކާނާތައް ކަނީއެވެ. ހީވަނީ އެއެއްޗެހި ވިއްކުމުގެ ކުރިން އެމީހުން ލައްވާ ޓެސްޓު ކުރުވަނީ ހެންނެވެ. ތަންކޮޅެއް ދުރުގައި ދެ ގުރޫޕެއް ތާސް ކުޅެން ތިއްބެވެ. ގޭގައި ކުޅޭނެތަން ނެތިގެން އައިސް ތިބި ބައެއްހެން ހީވާ ހައިވެސް ފޯރި ގަދައެވެ. އިންޖީނުގެ އަޑަށްވުރެ އެ މީހުންގެ އަޑު ބާރެވެ. ބޯޓުގައި ޖަހާފައި ހުރި ތަނބުތަކަށް ވުރެ ފެންނަ ފެނުމަށް އެމީހުން ވަރުގަދައެވެ. އަހަރެންގެ އަތުގައި ނެޓަށް ވަދެވޭ ފޯނެއް އޮތްނަމަ ވަގުތުން ދިރާސާއެއް ފަށާނަމޭ ހިތަށްއެރިއެވެ. ދިރާސާކުރާނީ އެމީހުން ކަނޑު މައަޗަށް އެހާ ގަދައީ ކޯޗެއް ކައިގެންތޯ ބަލާށެވެ. ދިރާސާ ކުރުމަށްފަހު ބޮޑު ފޮތެއް ޗާޕްކޮށްފައި ބޮޑު އަގުގައި ވިއްކައިލާނީއެވެ. އެ ފޮތަށް ކިޔާނީވެސް “ކަނޑުމަތި” އެވެ. އޭރުން އެއްފަހަރުން އަހަރެން މުއްސަނދި ވާނެއެވެ.

ނެޓަށް ވަދެވޭ ފޯނެއް ކީއްކުރަން އާދައިގެ ފޯނެއްވެސް އަހަރެން އަތުގައި ނެތެވެ. ޕްރިންސް ނުގަބޫލުވީމަ މަންމަ ފޯނެއްވެސް ހޯދައި ނުދިނެވެ. ޕްރިންސް ގެންގުޅޭނީ އަބަދުވެސް އެއިރެއްގެ އެންމެފަހުގެ އަގު ބޮޑު ފޯނެވެ.

“ހުރެބަލަ ނިކަން، މާލެ ދެވުނީމަ ވަޒީފާއަކަށް ގޮސްގެން އަގުބޮޑު ފޯނެއް ހޯދާނަން.” މަޑުމަޑުން ބުނެލެވުނެވެ. މީހަކަށް އަޑެއް ނީވޭނެއެއް ނޫންހެއްޔެވެ. ބޯޓުގެ އަޑަށްވުރެ މިތާ ކުޅެން ތިބި މީހުންގެ އަޑު ގަދައެވެ. ދިވެހިރާއްޖޭގެ އަޑަށްވުރެ އެމީހުންގެ އަޑު މާ ދުރަށް ސިގުނަލް ފޮނުވައި ދޭނެކަން ޔަގީނެވެ.

ވަށައިގެން ހުޅުވާލެވިފައިވާ ކުޑަދޮރުތަކުން ޖެހެމުންދާ ރީތި ނަލަނަލަ ވައި ރޯޅިތައް އަހަރެންގެ ހަށިގަނޑުގައި ބީހެމުންދެއެވެ. ހުރިހާ ލޯލިތަކެއް ކޮޅަށްޖެހިފައި ހުރިއިރު އަހަރެންގެ އިސްތަށިގަނޑު ވެސް، ހީވަހީ ވަޔާ އިދިކޮޅަށް ދުވަން ދަސްކުރާ މުބާރާތަކުން އެއްވަނަ ލިބިގެން ތައްޓާއި މެޑަލް އެއްފަހަރާ އުފުލާލައިގެން ހުރިހެންނެވެ. އިތުރަށް ކަންނެތް ކުރުވާ ކަހަލަ އަރާމު ވައިރޯޅި ތަކެކެވެ. ތެދުވާހިތް ނުވެފައި އޮށޯތީމެވެ. ކުޑައިރުކޮޅެއް ފަހުން އަނެއްކާވެސް ކުޑަކޮށް ބޯ ހިއްލާލާފައި ކައިރީގައި އޮތް މީހެއް ކައިރީގައި ގަޑިން ކިހާވަރެއްތޯ އަހާލުމުން އެނގުނީ މެންދުރު ބާރަ ޖަހަނީކަމެވެ. އަދިވެސް ހާދަ ވަގުތެއް އެބަ އޮތޭ ހިތަށްއެރިއެވެ. އިރުކޮޅަކުން ބަންގި ގޮވާނެއޭ ހިތާ ބަންގި ގޮވަން ވާ އިރަށް ފާހާނާއަށް ވަދެ ވުޟޫކޮށްގެން ނިކުމެ ބަދިގެ ފަރާތަށް ބޯ ދިއްކޮށްލައިފީމެވެ. އަސްތާ ކަމަކުދާކަށް ނެތެވެ. ދުވާ މީރުވަހުން އަހަރެންގެ ބަނޑުހައިކަން އިހުސާސް ކުރެވިއްޖެއެވެ. ވަގުތުން ބަނޑު ތެރޭގައި ހަޅުތާލެއް ފަށައިފިއެވެ. ބަދިގޭގައި އުޅޭ ބިދޭސީ މީހެއް އަހަރެން ފެނިގެން އައިސް ބޭނުންވަނީ ކޮން އެއްޗެއްތޯ ސުވާލު ކުރިއެވެ. އަހަރެން ވަރަށް ބަނޑުހައޭ ބުނުމުން ބުނީ ހެނދުނު ސައި ގަޑީގައި ނިދާފައި އޮތީމަ ސައި ނުލިބުނީ ކަމަށެވެ.  ވާނީ އެހެންތާއެވެ. ހޮޑު ގުޅި އޮތީ ހޮޑުލެވިދާނެތީ ރަޖާ ލައިގެންނެވެ. ތަނުއެޅި ކުނަލެއްހެން އޮތަކަސް ބަނޑެއް ނުފުރޭނެއެވެ.

“މިތާ އިށީންދޭ..” އެމީހާ އެތަނުން ގޮނޑިއެއް އަހަރެން ކައިރިއަށް ޖައްސާލާފައި އެތެރެއަށް ވަނެވެ. ބިދޭސީ މީހާ ދިވެހިން ވާހަކަ ދައްކާލީ ދިވެހިބަހުގެ އެކަޑަމީގެ ރައީސަށް ވުރެ ވެސް، ފަރިތަކޮށެވެ. އަހަރެން އެ ގޮނޑީގައި އިށީނދެލައިގެން ހާމައަށް ފެންނަން އޮތް ކަނޑަށް  ބަލަން އިނީމެވެ. ލޮލުކޮޅަށް ކިރިޔާ ފެންނަ ހިސާބުގައި ނޫނީ ރަށެއް ފެންނާކަށް ވެސް، ނެތެވެ. އަނެއްކާ މިބޯޓު މިދަތުރު ކުރަނީ ރަނގަޅު ދިމާލަށްބާއޭ ހިތުގައި ސުވާލު އުފެދުނެވެ. އިރުކޮޅަކުން ބޭރުމީހާ ކޮފީ ތައްޓަކާއި ފާޑެއްގެ ބިސްކޯދު ތައްޓެއް އަހަރެން އަތަށް ގެނެސްދީފިއެވެ. އެކަޑަމީގެ ރައީސް ވަރަށް ހިދުމަތް ވެސް، ރަނގަޅުތާދޯއެވެ.

އިސާހިތަކު މާލެ ދެވިއްޖެއެވެ. މާލޭ ބަނދަރު މައްޗަށް ފޭބުމަށްފަހު މަޑުކޮށްލައިގެން ހުރީ ޓެކްސީއެއް ލިބޭތޯއެވެ. ފެހި ބޮކި ދިއްލައިގެން މީހުން އަރުވާ ފުރައިގެން މީ ކޮން ތަނަކަށް ދާ ޓެކްސީއެއްބާއޭ ހިތަށް އެރިއެވެ. މާލޭގައި ގަސް އިންދާނެ ތަނެއް ނެތީމައި މާލެ ފެހިކުރާ ގޮތަކީ މިއީ ނޫން ކަމެއްވެސް ނޭނގެއެވެ. އަތުގައި ގާ ބުރިއެއް ޖެހުނުނަމަ، ފެހި ބޮކި ރަނގަޅަށް ފެހި ކޮށްލައި ދޭނަމޭ ހިތަށް އަރައި ދަތް ކުޑި ވިކައިލެވުނެވެ. އެހެން ހުއްޓާ ނަސީބަކުން ޓެކްސީއެއް ލިބިއްޖެއެވެ.

ހުންނަން ހަމަޖެހިފައި ވާ ގޭގައި ގާތްގަނޑަކަށް ފަންސާހަކަށް މީހުން އުޅޭނެއެވެ. ކުދިން ބަހައްޓަނީޔޯލައެވެ. އަދި އެހިސާބުން ނިމުނީއެއް ނޫން މަސައްކަތް ވެސް، އެވަރަށް ކުރަން ޖެހެއެވެ. އަންހެން ކުދިންނަށް އޮންނަނީ ކައްކައި ކާންހެދުމެވެ. ފިރިހެން ކުދިންނަށް އޮންނަނީ ބާޒާރު ކުރުމާއި އެގޭ ކުދިން ސްކޫލަށް ގެންގޮސް ގެނައުމެވެ.

ފުރަތަމަ ރޭ ނިދަން ޖެހުމުން ހުރީވެސް ވަރަށް ހާސްވެފައެވެ. ފުރަތަމަ ފަހަރަށް އާއިލާއާ ވަކިން މިގޮތަށް ނިދަން ޖެހުމުން ވެރިވެފައި ހުރި ނުތަނަވަސް ކަމެކެވެ.

ކޮންމެ އެނދެއްގައި ދެ ކުދިންނެވެ. އަހަންނަށް އަރަން ޖެހުނީ ބަންކު ބެޑުގެ މަތީ އެނދަށެވެ.  އޮވެ އޮވެ ނިދޭ ގޮތެއް ނުވިއެވެ. ރަށާއި ކޮއްކޮ މަތިން މާބޮޑަށް ހަނދާން ވަނީއެވެ. ނުނިދިފައި އެހެން އޮއްވައި ކައިރީގައި އޮތް ކުއްޖާ ފައިން އަހަރެންގެ ގައިގައި ޖަހައިފިއެވެ. އޭނާ އޮތީ ގަދަ ނިދީގައެވެ. މަޑުމަޑުން އޭނަ ފައި ނަގައި ދުރަށް ޖައްސައިލީމެވެ. އަދި އެއަށް ވުރެ ބޮޑަށް ގައި މައްޗައް ފައި އެއްލައިފިއެވެ. އެރި ރުޅިން އެއްފައިގައި ހިފައި އެނދުން ހުރާލަފާނަމޭ ހިތަށް އަރައި ދަތްކުޑި ވިކާލެވުނެވެ. އަނެއްކާވެސް ފައި ނަގައި މަޑުމަޑުން ދުރުކޮށްލައިފީމެވެ. ނަސީބަކުން ދެން  އެފައިގެ ހަމަލާއެއް ނާދެއެވެ. އަހަރެން ނިންމައިގެން ހުރީ ދެން އޭނަ ފައި އެއްލައިފިއްޔާ އަހަރެންވެސް އޭނަގައިގަ ފައިން ޖަހާށެވެ. ފައި ކުރުކޮށްފައި ލަޑާނީވެސް އަނގަ މަތީގައެވެ. އެވެސް ލޭ އަންނަ ވަރަށެވެ. އަހަރެން އޮންނާނީ ނިދާ ކަމަށް ހަދައިގެންނެވެ. އޭރުން އޮންނާނީ ރަނގަޅަށް ކަރާޓީ ތެޅިފައެވެ. އާނ އެހެންޏަ ބުރުސްލީ ހެދިގެން ކޮން ކަރާޓީއެއް ތަޅާކަށް ހެއްޔެވެ.

އެހެން އޮއްވައި ކައިރީ މިސްކިތުން އިވުނީ ބަންގީގެ އަޑެވެ. އަވަހަށް ތެދުވެ އެނދުން ފުންމައި ލައިފީމެވެ. ސިއްސައިގެން ދިޔައީ މީހެއްގެ ހަޅޭކުގެ އަޑަށެވެ. އަދި އެ ހިސާބުން މި އެނގުނީ މި ފުންމާލެވުނީ މިޔަރު އައިނެއްގެ ތެރެއަށްކަމެވެ. ކަނު އަނދިރި ކަމުން ލޮލަށް އިނގިލި ކޮއްޕާލިޔަސް ނޭނގޭހާ އަނދިރިއެވެ. ވަރަށް މަސައްކަތުން ފައި ކާއްތަމުން ގޮސް ބޮތްކެއް ދިއްލާލެވޭވަރު ވިއެވެ. އޭރު ދެތިން މީހުންގެ ބޮލު އިސްތަށިގަނޑަށް އެރެވިއްޖެއެވެ. ފަހާނާއަށް ވަދެ ވުޟޫކޮށް ހަދައިގެން ނިކުމެ ނަމާދުކޮށް އަވަދިވެގެން ބަލައިލިއިރު އަހަރެންގައިގައި ފައިންޖެހި ކުއްޖާ ތެދުވެ އުޅެއެވެ. އޭނަ ނޫން އިތުރު އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މީ ނަމާދުވެސް ނުކުރާ ޝައިޠާނުން ތަކެއްބާއޭ ހިތަށް އަރައި ހިތަށް ބިރުވެރިކަމެއް ވެރި ވިއެވެ. ގައިމު ފަނަރަ އަންހެނުން އެއްފަހަރާ ނަމާދު ނުކުރެވޭ ހާލަތަކަށްވެސް ނާންނާނެތާ ދޯއެވެ.

“މިތާކު ނޫޅެވޭނެ.. އަވަހަށް އެހެން ތަނެއް ހޯދައިގެން ދާންވީ.. ފުރަތަމަ ނިކުންނަންވީ ވަޒީފާއެއް ހޯދަން ” ނަމާދު ކޮށްލައިގެން ބޭރަށް ނިކުމެލާނަމޭ ހިތައި ކޮޓަރީގެ ދޮރު ހުޅުވައިލީމެވެ. ހުޅުވުނީ ކިރިޔަ ކިރިޔާއެވެ. ދޮރު ހުރީ ކޮންމެވެސް އެއްޗެއްގައި ޖެހިފައެވެ. މީހަކު ދޮރުގައި ހިފަހައްޓައިގެން ހުރީބާއެވެ. ބަލާކަށް ނުހުރެ ފަހަތަށް ޖެހިލާފައި އެދިޔަ ބާރުމިނުގައި ދޮރަށް  އެތި ފަހަރެއް އަރުވާލައިފީމެވެ. ކުއްލިޔަކަށް ބާރު އަޑުފައްގަނޑަކާއެކު މީހަކު ހަޅޭއްލަވައިގަތް އަޑު އިވުނެވެ. ދޮރު ތާށިވެފައި ހުރީ އެތާނގައި ނިދަން ތިބި މީހުން ގެ ތެރެއިން މީހަކު ދޮރުފަތުގައި ޖެހިފައި އޮތީމައިކަން އެނގުނީ އަދި މާފަހުންނެވެ. އަވަސް އަވަހަށް ދޮރު ލައްޕައި ތަޅުލީމެވެ.

މިކަހަލަ ހާލެއްގައި އުޅެނިކޮށް އިރު އަރައިގެން މީހުން ގަނޑު ތެދުވެ ފާހާނާ ދޮށުގައި ކިއު ހަދަން ފަށައިފިއެވެ. ހިވަނީ ހިނި ދަރުގަނޑަކުން ހިނިތަކެއް ނުކުމެގެން ރޮނގު ހަދާލާފައި ދާހެންނެވެ. ތަންކޮޅެއް ކުރިން ފާހާނާއަށް ވަދެވުނުކަން ވެސް، ނަސީބެކޭ ހިތަށް އެރިއެވެ. މާގިނަ އިރެއްނުވެ އެގޭގެ ބޮޑުމީހާ އެކޮޓަރި ހުޅުވާލާފައި ވައްޓާލީ ކޮމާންޑެކެވެ. އެތަނުން ދެކުއްޖެއްގެ ޖަވާބަކަށްވީ ފާހާނައަށް ވަދެފަ މިދަނީ ކަމުގައެވެ. އަހަރެން ތެދުވެ މެޑަމަށް ހިނިތުންވުމެއް ދިނުމަށް ފަހު، މެޑަމްގެ ފަހަތުން ނިކުމެގެން ބަދިގެއަށް ދިޔައީމެވެ. އަދި އެހިސާބުން މިއެނގުނީ ބަދިގޭގައި ވެސް، މީހުން ނިދާކަމެވެ. ނޫނޭވާ މެޑަމް އެބަހުރި ގޭގައި ކުދިން ބެހެއްޓުމުގެ ދާއިރާއިން ޕީއެޗްޑީ ނަގާފައި.. އަހަންނަށް ބޯ ހޫރާލެވުނެވެ.

އަހަރެންނާއި އެހެން ދެ ކުއްޖަކު ފިޔަވައި އެހެން ކުދިން ހެނދުނު ވަޒީފާތަކަށް ނޫނީ ކިޔަވަންދެއެވެ. ހެނދުނު ދަންފަޅީގައި ބަދިގޭގައި ފޯރި މަރަން ޖެހުނީ އަހަރެންގެ އިތުރުން އެހެން ދެ ކުއްޖަކާއެވެ. ފިރިހެންވެރިން މަސައްކަތަށް ދާންވާއިރަށް އެމީހުންނަށް ސައި ހަދައިދީ ނިމުނު އިރު ހުރީ އަނެއްކޮޅުން މެންދުރު ކައްކަންވެފައެވެ. މެންދުރަށް ޑިއުޓީ ބަދަލުވީ ދެންތިބި ދެ ކުދިންނެވެ. އެ މީހުން ކުލާހަށް ދާ ގަޑި ޖެހުމުން އެމީހުން އަމާންދީފިއެވެ.  މެންދުރު ދަންފަޅި  ފޯރިމަރަން ޖެހުނީ އަހަންނާ އެހެން ދެ ކުއްޖަކާ އެކުގައެވެ.  ދެދަންފަޅީގެ  ކަންކަން ބަލައިލުމުގެ ޝަރަފް އަހަންނަށް ލިބުނެވެ. މި މީހުންގެ ކަމަކީ ސިއްރު ސިއްރުން މެޑަމަށް އެއްޗެހި ކިޔުމެވެ. އަހަރެން އެއްޗެއް ނުބުނެ އެތެރެއިން ހީލަހީލާ ހުރީ ކެތް ކޮށްލައިގެން އެތަނުން ސަލާމަތް ވެވޭނެ އިރަކަށެވެ.

ފެންވަރާލައިގެން ބޭރަށް ނިކުމެލީމެވެ. ވަޒީފާއެއް ލިބޭތޯއެވެ. ދެތިން ތަނަކުން ސޭލްސް ގާލްސް ބޭނުން ކަމަށް ފެނުމުން ނޯޓު ފޮތުގައި ނަންބަރު ނޯޓްކޮށްލީމެވެ. އެއަށްފަހު ކައިރީގައި ހުރި ބުކްޝޮޕަށް ވަދެ ނޫހެއް ގަނެލީ ކުދިން ބަހައްޓާ ތަނެއް ހޯދުމުގެ ނިޔަތުގައެވެ. ކޮޓަރިއަށް ވަދެ ހަމަޖެހިލި އިރު އަދި މި ފެނުނީ ރޭގައި އަހަރެން ގައިގައި ފައިންޖެހި ގޮލައެވެ. ދެންތިބި ބައެއް ކުދިންނާ ބަދިގެ ތެރެއިން އުފެދުނު ގުޅުމުގެ ތެރެއިން ގާތް ގުޅުމެއްވެސް ނަސީބަކުން އުފެދިއްޖެއެވެ. އެންމެން ހޭވައްޓާލާފައި ކޮންމެވެސް މީހަކާ ޗެޓް ކުރަނީއެވެ. ނޫނީ ކޮންމެވެސް ބިޓަކަށް ގުޅައިގެން ތަރި ބާލަނީއެވެ. ގުޅާލަން ފޯނު ދޭން ބުނާނީ ކާކު ކައިރީގައި ބާއޭ ހިތާ ވިސްނުމެއްގައި ހުރެފައި އެނދަށް އަރައިފީމެވެ. އޭރު އެނދުގައި އޮތް ކުއްޖާ އަހަންނަށް ހިނިތުންވުމެއް ދިނެވެ. ނަން އެހުމަށްފަހު މިކޮޅުގައި ކުރަން ގަސްދު ކުރަނީ ކޮންކަމެއްތޯ އަހައި އޮޅުން ފިލުވާލިއެވެ. އަނެއްކާ ކަރާޓީ ފިލްމަކުން އަހަރެންނަށް ޖާގަ ލިބެނީ ބާއޭ ހިތަށްއެރިއެވެ. އަދި އޭނާއަށް ކިޔަނީ ސަނާ ކަމަށް ބުންޏެވެ. އިރުކޮޅަކު ވާހަކަ ދެއްކުމަށް ފަހު އަހަރެން އޭނާއަށް ދިހަ ރުފިޔާ ދިއްކޮށްލުމަށްފަހު އެދުނީ ފޯނެއް ކޮށްލަން އޭނަގެ ފޯނު ދިނުމަށެވެ. ސުބްހާނައްﷲ އަހަރެން ހީކުރި ގޮތާ މުޅިން ހިލާފަށް އޭނަ އަހަރެން އަތުން ލާރިއެއްވެސް ނުހިފައި ފޯނު ދިއްކޮށްލިއެވެ. އަދި ފްރީ މިނިޓްސް ހުންނާނެ ވާހަކަ ބުނީ ފުޅާ ހިނިތުންވުމަކާ އެކީގައެވެ. އަހަރެން އަތުގައި ފޯނެއް ނެތް ވާހަކަ ބުނުމުން އޭނަ އަތުގައި އިތުރަށް އޮތް ފޯނެއް އަހަންނަށް ދިނެވެ. އަހަރެން އޭގަ ނުހިފަން ވަރަށް އުޅުމުންވެސް އޭނަ ކުރު ނުކުރުމުން އޭގަ ހިފަން މަޖުބޫރު ވިއެވެ. ނޫސްބަލައިގެން އަހަރެން ގުޅީ ކޮންތާކަށްތޯ އެހެމުން ދޮގު ހަދާކަށް ނުކެރުނެވެ. ތެދަށް ހުރިހާ ވާހަކައެއް ކިޔައިދިނުމުން ވީ އަދި މާ ރަނގަޅަކަށެވެ. އަހަރެން ގޮވައިގެން އެގެއަށް އޭނަ ދިޔައެވެ. ސައިކަލުގައި އަހަރެން ގޮވައިގެން ކުދިން ބަހައްޓާ ދެތިން ގެއެއް ބެލުމަށް ފަހު ދެ ޖާގަ ހަމަޖައްސާފައި އޭނަވެސް އަހަންނާއެކު ބަދަލު ވިއެވެ. މި ލިބުނީ ރަނެއް މަލެއް ކަހަލަ އެކުވެރިއެކެވެ.

“ކޮންކަހަލަ ވަޒީފާއެއް ބޭނުންވަނީ”

ސަނާ އަހަރެން ކައިރިގައި އަހާލިއެވެ.

“ފިހާރައަކުން އޯކޭވާނެ.. އަހަރެންމީ އެހާ މޮޅަށް ކިޔަވައިގެން ހުރި ކުއްޖެއް ނޫން..”

ސަނާއަށް ބަލައިލަމުން އަހަރެން ބުނީމެވެ.

ވަޒީފާއެއް ހޯދައިދޭން މަސައްކަތް ކޮށްދޭނެ ކަމަށް ސަނާ ބުނުމަށްފަހު ދެން ނިދާލާށޭ ބުނެ އޭނާވެސް ނިދީގެ ތެރެއަށް ޣަރަޤު ވެއްޖެއެވެ. އަހަންނަށް ނިދޭ ގޮތެއް ނުވިއެވެ.  މިކޮޓަރިގައި ތިބެނީ ހަތަރު ކުދިންނެވެ. ކޮންމެ ކުއްޖަކަށް އެނދެއް ހުރެއެވެ. ވަރަށް ބޮލަށް ފަސޭހަ ތަނަވަސް ކޮޓަރިއެކެވެ. އެހެންނަމަވެސް، ރަށާއި ގެ ހިތަށް އުނދަގޫ ކުރަނީއެވެ. ބުނަން ނޭނގޭ ކަހަލަ އުނދަގުލެއް ވަނީއެވެ. އަލުން ރަށަށް ދާންވީއޭވެސް ހިތަށް އެރިއެވެ.

ފޯނު ނަގައި މަންމަގެ ނަންބަރަށް ގުޅަން ހިތަށް އަރާފައިވެސް ވަޒީފާއެއް ލިބުނީމަ ގުޅަން މަޑު ޖައްސައިލީއެވެ. އެކި ހިޔާލުތަކުގެ ތެރޭގައި އޮއްވައި އަހަންނަށް ނިދުނު އިރެއް ނޭނގެއެވެ.

ފަތިސް ނަމާދަށް ފަހުވެސް، ކުޑަކޮށް ބޮލަށް ބަރުވެފައި ހުރުމުން އަހަރެން ޖައްސައިލީ ނިދާލާށެވެ. ނިދިފައި ދެން ހޭލެވުނު އިރު އެކަކުވެސް ކޮޓަރީގައި ނެތެވެ. އެވަގުތު ސަނާ ގުޅާފައި ބުނީ އިންޓަވިއުއަކަށް ދާން ރެޑީވާށެވެ. އިރުކޮޅަކުން ބަލައި އަންނާނަމެވެ.

ބުރުސްލީ މޮޅީ ހަމައެކަނި ކަރާޓީ ތަޅާކަށް ނޫނެވެ. ހުރިހާ ކަމަކަށްވެސް އެހާ މޮޅެވެ.

އެދުވަހުން ދުވަހަށް އަހަންނަށް ވަޒީފާވެސް ހަމަޖެހިއްޖެއެވެ. ފަހުން އެނގުނު ގޮތުގައި އެއީ ސަނާގެ ރައްޓެއްސެއްގެ ކުންފުންޏެކެވެ. އަހަރެން ކަހަލަ ނުކިޔަވާ ހުރި މީހަކާ ބަލާފައި ރަނގަޅު މުސާރައެއް ވެސް، ލިބެއެވެ. ގެއަށް ލާރި ދީފައި އަހަރެން ބޭނުންވާ އެއްޗެހި ގަނެފައި ކޮއްކޮއަށް ވެސް، ކޮންމެ މަހަކު ކޮންމެވެސް ހަދިޔާއެއް ފޮނުވޭތީ، އަހަރެން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

“މެންދުރު ފަހު ފްރީއެއްނު..”

ސަނާ އަހަރެން ގޮވައިގެން ގެއަށް ދަމުން ބުނެލިއެވެ.

“އާނ.. ކަމެއް އޮތީތަ..؟؟

ބުރުސްލީ ދެން ދެއްކީ އަހަރެން އެންމެ ފޫހިވާ ކަންތަކުގެ ވާހަކައެވެ. އަހަރެން ކޮންމެސް ދައިރާއަކުން ކިޔަވަންވީޔޯލައެވެ. ބުރުސްލީއާ ދެކޮޅަށް އެއްޗެއް ބުނާނެހާ ހިތްވަރެއް ނެތެވެ. އެހެންވެ ހިތުގައި ހިލަގަނޑެއް އެޅުމަށްފަހު އެކަމަށްވެސް އެއްބަސްވީމެވެ.

މިހާރު ދުވަސް ދަނީ ވަރަށްވެސް ބިޒީކޮށެވެ. ހެނދުނު އަށަކުން ހަވީރު ހަތަރަކަށް އޮފީސް ގަޑިއެވެ. އިރު އޮއްސުމާ ދޭތެރޭގައި އޮންނަ ވަގުތު ކޮޅުގައި ކްލާހެވެ. އަނެއްކާ ރޭގަނޑު ފިހާރައަކަށް ވަޒީފާއަކަށް އަހަރެން ދާން ފެށީ ކިޔަވަން ފެށުމުން އިތުރު ލާރިއެއް ރައްކާކުރެވޭ ތޯއެވެ.

ބުރުސްލީ ބޭނުންވަނީ ބުރުސްލީ ކަހަލަ ފިސާރި ކަނބަލަކަށް އަހަރެންވެސް ވާށެވެ. ބުރުސްލީއަކީ އެޑިއުކޭޝަން މިނިސްޓްރީގެ މަތީ މަގާމެއް ފުރަމުންދާ ހިތްވަރުގަދަ ޒުވާނެކެވެ. ރަސްމީ ވަޒީފާގެ އިތުރުން މާލޭގެ އެކި ކޮލެޖް ތަކަށް ކިޔަވައިދޭން ދާ ލެކްޗަރާއެކެވެ. އެކަހަލަ ޖަވާހިރެއް އަހަންނާ ދިމާވީތީވެ އަހަރެން ހެއްދެވި ފަރާތަށް ޝުކުރު ކުރަމެވެ. ފުރަތަމަ ރޭ އެނދުން ނަގައި ހޫރާލަން ހިތަށްއަރާފައި އެކަން ނުކުރެވުނު ކަމަށްޓަކައި އަހަރެން އުފާކުރަމެވެ.

މިހާރު އަހަރެންގެ މަންމަ ވެސް، ވަރަށް ހަދިޔާ ފޮނުވައި ގުޅައި ހާލު ބަލައި ހަދައެވެ. ވާނީވެސް އެހެންތާއެވެ. އަހަރެން އެވަރަށް މަންމައަށް ވެސް، ލާރި ފޮނުވަމެވެ. ކުޑައަށް ހުންނަ ކޮއްކޮ ސްކޫލު ނިމުމުން އޭނަ މާލެ ގެނެސްގެން ބަލަނީވެސް އަހަރެންނެވެ. އޭނަ ބޭނުންވާ ގޮތަށް ނަރުހަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހަދައިދޭން އަހަރެން މަސައްކަތް ކޮށްދެނީއެވެ. މަންމަ ބައްޕަ އަދި ޕްރިންސް އޮފް މަޑަގަސްކަރަ ވެސް، މިހާރު ވަރަށް ހެޔޮވެގެން އުޅޭއިރެކެވެ.

ދުވަސްތައް ފާއިތުވަމުން ދަނީ އަހަރެން ހީވެސް ނުކުރާހާ ބާރު ދުވެލީގައެވެ. ވަގުތު އޮންނަނީ މަދުވެފައެވެ. އެގޮތުން ސަނާގެ އެދުމުގެ މަތިން އަހަރެން ކިޔަވަންފެށި މެނޭޖްމަންޓް ކޯސް ނިމި މިރެއަކީ އަހަރެންގެ ދަސްވެނިވުން އޮންނަ ރެއެވެ.

އެހެންވެ ޖަލްސާއަށް ދިއުމުގެ ކުރިން އަހަރެން މި އިނީ އަދަބެއް ދީފައި އިން މީހެއް ފަދައިންނެވެ. މަލްކޮއާއި ސަނާއާ ދެ މީހުން ދެފަރާތުގައި ތިބި އިރު އަހަރެން މޫނުގައި ދަވާދު އުނގުޅަން ގެނެސްފައި ހުރީ ވަރުގަދަ މީހެކެވެ. އެއްގޮތަށް އިނދެ އިނދެ ބުޑުގައި ރިއްސަން ފަށައިފިއެވެ. މޫނު އަނބުރާ ނުލައި އެއްގޮތަށް އިނުމުން ކަރަށް ނާރެއްވެސް އަރައިފިއެވެ. އެބޮޑު ގައުންގަނޑު ލައިގެން އިނދެ އިނދެ ދާ ހިތްލާ ފޯވެއްޖެއެވެ. މިވަރު ނުކުރިއްޔާ ސެޓްފިކެޓް ނުދެނީބާއޭ ވެސް އެބަ ހިތަށް އަރައެވެ. އަހަންނަށް ވުރެ މާ ފަރިވެފައި މަލްކޮއާ ސަނާ އެބައުޅެއެވެ. ސްޓޭޖަށް އަރުވަންވީ އެ ދެމީހުންނެވެ.

މިހިސާބަށް އާދެވުމުގައި އަހަންނަށް އެންމެ ބޮޑުހިތްވަރެއް ލިބުނީ ބުރުސްލީގެ ފަރާތުންނެވެ. މިހާރު ބުރުސްލީ ކައިވެނި ކޮށްގެން އެހެން ގެއެއްގައި އުޅުނަސް އަހަރެންގެ ހާލު ބަލައެވެ. ބަންދު ދުވަހެއް ލިބިއްޖިއްޔާ އެގެއަށް ގެންދާނެއެވެ.

ދަސްވެނިވުމުގެ ހަފްލާ ނިމުމުން އަހަރެންގެ ތޮފި ސަނާގެ ބޮލުގައި އެޅުވީމެވެ. އެވަގުތު ސަނާ އަހަރެންގެ ގައިގައި ބައްދާލުމަށްފަހު ހިތްވަރުދިނުމުގެ ގޮތުން އަހަރެންގެ ބުރަކަށީގައި ޖަހާލިއެވެ.

(ނިމުނީ)

Share Article

Follow Me Written By

Shaila

Level 110 Stories

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 15

Next

ދެފުށްކެހެރި ލޯބި

Next
May 9, 2021

ދެފުށްކެހެރި ލޯބި

Previews
May 9, 2021

ނަފްރަތުން ވެވުނު ލޯބި 15

2 Comments!

  1. ?Zai? says:
    May 9, 2021 at 10:22 pm

    Nice ????

  2. Rain lover says:
    May 10, 2021 at 12:39 pm

    Mashaallah mashaallah. .varah majaa adhi furihama vaahakaeh. Hinigandu hifahahtaalaigen iny hama. Varah majaa ingey. Keep going

Comments are closed.



All Right Reserved!