
އައިކާ ރޯދަ ވީއްލުމަށް ގޮނޑީގައި އިށީނެވެ އެވެ. މޭޒުމަތީގައި އަތުރާލައިފައި ހުރި ކާތަކެތީގެ މީރު ވަހުން މުޅި ތަން ވަނީ އެއް ވަސް ވެފައެވެ. “ﷲ އަކްބަރު ﷲ އަކްބަރު” މިސްކިތުން ބަންގި ގޮވަން ފަށައިފިއެވެ. އެންމެން ކަދުރަކުން ރޯދަ ވީއްލިއެވެ. އައިކާ ތައްޓަކަށް ބޯވާ މަސް އެޅިއެވެ. ރޮށި ޖައްސައިގެން އޭނާ ކާން ފެށިއެވެ. ރޮށްޓަކަށް ފަހު ރޮއްޓެއް ކަމުން ގޮސް ފަސް ރޮށި އައިކާ ކެއެވެ. އޮރެންޖް ފަނިތަށީގައި އައިކާ ތުންޖަހާލިއެވެ އެވެ. މީރު ކަމުން އައިކާ އެއް ނޭވާއިން ފަނިތަށި ބޯލިއެވެ.
“މާމަ ކިތައް ފަހަރު ބުނާނި މަދުވެގެން ތިން ނޭވައިން ދިޔާ ތަކެތި ބޯށޭ! “އަނީސާ އައިކާ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އައިކާ ކިޔަމަންތެރި ކަމާއި އެކު ބޯޖަހާ ލިއެވެ. އޭނާ ފެންތަށި ތިން ނޭވައިން ބޯލުމަށް ފަހު ކޭތަށި ހިފައިގެން ކާގެއިން ނިކުތެވެ. އެ ގޭގެ ކާގެ އާއި ބަދިގެ އެއްކޮށް ހުރިކަމުގައި ވިޔަސް ސިންކު ހުންނަނީ ބޭރުގައެވެ. ތަށި ދޮވެލުމަށް ފަހު އޭނާ ފާޚާނާ އަށް ވަނެވެ. ވުޟޫކޮށްގެން ނިކުމެ މަޣްރިބް ނަމާދު ކުރިއެވެ. ދެން އިށީނީ ޚަތިމް ހިފައިގެން ޤުރުއާން ކިޔަވާށެވެ. ޝޫރާ ސޫރަތް ކިޔައި ނިމުމުނު އިރު ބަންގި ގޮވަނީއެވެ. އޭރު ބޭރުން ވާރޭ ވެހޭ އަޑު އިވެއެވެ.
މިރޭ އެހެން މީހުން ބަނދަރު މިސްކިތަށް ދާން ކުރިން ނިކުތުމުން އޭރު ގޭގައި ހުރީ އައިކާ އެކަންޏެވެ. އައިކާ ކުޑައެއް ހިފައިގެން ކައިރި މިސްކިތަށް ދާން ނިކުތެވެ. ވާރޭ ބޯކަމުން މިސްކިތަށް ދާން ޖެހުނީ ދުވެފައެވެ. މިސްކިތަށް ވަންނަ މަގުގައި ބޮޑު ކޯރެއް އޮތެވެ. އައިކާ ހެދުން އެއްއަތަށް އޮޅާލުމަށް ފަހު ކޯރުގެ އަރިމަތިން މަޑުމަޑުން ހިނގައިގަތެވެ. މިސްކިތަށް ވަދެ ފުރަތަމަ ވެސް ފައި ދޮވެލީ ކުޑަ ހިފައިގެން ހުރެއެވެ. ކުޑަ ލައްޕާލުމަށް ފަހު މިސްކިތުގެ ފާރުގައި ލަށްކޮއްލިއެވެ އެވެ. އެ މިސްކިތުގެ އެތެރެ ވަނީ ފުރިފައެވެ. އެހެން ކަމުން ފިނިވާ މީހުން ތިބޭ ދިމާލުގެ ކަނެއްގައި އައިކާ އިށީނެވެ. މުސައްލަ ފަތުރާލައިފައި އިސްޓާކީނަށް އަރައި އައިކާ ދޮޅި އެޅިއެވެ. އެއަށްފަހު އައިކާ އިޝާ ނަމާދުގެ އިހު ސުންނަތް ކުރިއެވެ. ސުންނަތް ނަމާދު ކޮށް ނުނިމެނީސް ބޭރުން ވިދާލިއެވެ. ހީވަނީ ފަސްސަތޭކަ ވޯޓުގެ ބޮއްކެއް ދިއްލާލި ހެންނެވެ. ދެން ޖަހާލި ގުގުރީގެ އަޑުފަށްގަނޑުގެ ސަބަބުން އައިކާގެ ކަންފަތް ފަޅައިގެން ނުދިޔަކަން ނަސީބެވެ. ސުންނަތް ކޮށް ނިމުމުން އައިކާ ސަލާން ދިނެވެ. އަނެއްކާ ވެސް ވިދާލިއެވެ. އޭރު ނަމާދު ކުރަން ފަށައިފިއެވެ. އޭރު ވެސް ބޭރުން ހުއްޓާނުލާ ވިދައި ގުގުރައެވެ. ނަމާދުގެ މެދަކާއި ހަމައަށް ދިޔަ ތަނާ ޖަހާލި ގުގުރިން މިސްކިތުން އެއްކޮށް ކަރަންޓު ދިޔައެވެ. އައިކާ ސިއްސައިގެން ދިޔަ ވަރުން ބޭއިޚްތިޔާރުގައި ދޮރާއި ދިމާއަށް ބަލައިލެވުނެވެ. އޭނާގެ ބޯމަތީގައި ހުރި ފަންކާ ފެނުމުން އައިކާ ހިތަށް އެރީ މަންމަ ބުނި ވާހަކަ އެކެވެ. މުދިމު މީހާގެ ބޮލަށް ފަންކާ ހޮނު އެޅި ފަހަރު ވެއްޓުނު ފަދައިން އޭނާގެ ބޮލަށް ވެސް ވެއްޓިދާނެ އެވެ. ނަމަވެސް ހުއްޓާނުލައި އެހެން މީހުން ނަމާދު ކުރާ ކަން ވިދާލުމުން ފެންނާތީ އައިކާ އިޝާ ނަމާދު ކުރިއެވެ. އައިކާ ބިރުން ތުރުތުރު އަޅަމުން ދިޔަ އެވެ. އޭނާ މަޑުމަޑުން މީހެއްގެ ކައިރިއަށް ދިޔައެވެ. އެވަގުތު ކަރަންޓް އައެވެ. މުޅި ތަން އަލިވިއެވެ. އޭރުވެސް ގުގުރާ ވާރޭ ވެހެއެވެ.
ކަރަންޓް އައިސް މިނެޓެއް ނުވަނީސް އަނެއްކާވެސް ކަރަންޓް ދިޔައެވެ. ނަމަވެސް ބޭރުގައި ދިއްލައިފައި ހުރި ބޮކި ނުނިވޭތީ ތަންދޮރު ވަކިވެއެވެ. މިސްކިތުން އަންހެނެން ނިކުތެވެ އެވެ. އެއީ އައިކާ މެންގޭ ކައިރީގައި އުޅޭ އޭނާގެ އަވަށްޓެރިއެކެވެ. އޭނާގެ މޫނުމަތިން ހާސްވެފައި ހުރި ކަމުގެ ކުލަވަރު ފެންނަން ހުއްޓެވެ. އޭނާ ކައިރީގައި ހުރި ކުޑަ ތަކުން ކުޑައެއް ނެގުމަށް ފަހު އެހިއެވެ. ” މިއީ ކާކު ކުޑައެއް. މަގޭ ދަރި އެކަނި ގޭގައި ބާއްވާފައި އައިމާ ހޭލާނެ. މި ގެނެސްދޭނަން ފަހުން.” އެމީހާ ގޮސް އިރުކޮޅެއް ނުވަނީސް ކަރަންޓް އައެވެ. އިމާމު މީހާ ތަރާވީސް ކޮށް ނިންމާލީ ހުސް ކުދި ސޫރަތް ކިޔެވުމަށް ފަހު އެވެ.
އައިކާ މިސްކިތުން ބޭރަށް ނިކުތީ ކުޑަ ހިފައިގެންނެވެ. އޭރު ވާރޭ ވަނީ ތުނި ކޮށް ލައިފައެވެ. އައިކާ ގޭގެ މަގަށް އަޅާލި ތަނާހެން އެއްކަލަ މީހާ ފެނުނެވެ. ސަރަފިއްޔަތަގެ އަތުގައި ކުޑަ އޮތެވެ. “ކޮއްކޯ ސުމައްޔާއަށް މިކުޑަ ގެންގޮސް ދީބަލަ.” އައިކާ ފާތިމާ އަތަށް މުސައްލަ ދީފައި އޭނާގެ ދޮންދައްތަ މެންގެ އަށް ދިޔައީ ދުވެފައެވެ. އެގެއަށް ވަނުމަށް ފަހު ސުމައްޔާއަށް ކުޑަ ދިނުމުން އެއީ މަލަކުގެ ކުޑައެއް ކަމަށް ބުންޏެވެ. ނަމަވެސް އައިކާ އެގޭގައި ކުޑަ ބޭއްވުމަށްފަހު އައިކާގެ ކުޑަ ހިފައިގެން ބޭރަށް ނިކުތެވެ. ވައި ޖެހޭލެއް ބާރު ކަމުން ހީވަނީ އައިކާ ވަޔަށް ހިނގައިދާނ ހެންނެވެ. އަނެއްކާ ވެސް ވިދާލިއެވެ. އުޑުމަތި ރީއްޗަށް އައިކާ އަށް ފެނުނެވެ. ވިލާގަނޑު ބޯކަން މީހަކަށް ތަސައްވަރު ނުކުރެވޭނެ އެވެ. ވިދުމުގެ އަލިގަދަވާ ވަރަކަށް ގުގުރީގެ އަޑުފަށްގަނޑު ބާރުވާނެކަން އައިކާ އަށް އެނގުމުން ކަންފަތުގައި ބާރަށް އަތް އަޅާލެވުނެވެ. އައިކާ އަށް އެނގުނީ ރަނގަޅަށެވެ. ޖަހާލި ގުގުރިން ބިންގުޑައިގެން ދިޔައެވެ. އައިކާ އަތުގައި އޮތް ކުޑަ އަށް ބާރުކޮށްލުމަށް ފަހު ދުއްވައިގަތެވެ. އޭނާ ކޯރަކަށް އެރިފައި ކައްސާލައިގެން ވެއްޓުނެވެ. ތެދުވުމަށް ފަހު އައިކާ އަނެއްކާ ވެސް ތެދުވުމަށް ފަހު އައިކާ އަނެއްކާ ވެސް ދުއްވައިގަތެވެ.
ގެއަށް ވަނުމަށް ފަހު އައިކާ ސިޓިންރޫމަށް ކުޑަ އެއްލާލިއެވެ. ވައިގެ ސަބަބުން ކުޑަ އޮތީ މަލެއް ހެން ފޮޅިފައެވެ. ފާޚާނާއަށް ވަދެ ފެންވަރައިގެން ނިކުމެ ހެދުން ނިދާހެދުމަށް ބަދަލު ކޮށްލިއެވެ. ފެންވަރައިގެން ނިކުތް އިރު ވެސް ވިދާ ގުގުރައެވެ. އޭރު ގޭގައި އެހެންމީހުން އުޅެއެވެ. ވެއްޓުނު ގޮތަކުން ފައިގައި ރިއްސާތީ ތަދު ކަޑުވާ ބޭސް ފުޅިއެއް އައިކާ ނެގިއެވެ. ފައިގައި ބޭސް އުނގުޅާލުމުން ތަދު ކެނޑުނެވެ. އެނދުގައި ފާތިމާ އޮތީ ނިދައިފައެވެ. އެއީ ކިންގް ސައިޒް އެނދެއް ކަމުން ދެމީހުން ނިދަނީ އެއް އެނދެއްގައެވެ. އައިކާ ބިރުން ކޮޓަރިން ބޭރަކަށް ފަހަކުން ނުނިކުމެއެވެ.
ވައިގަދަވުމުންނާއި ގުގުރުމުން ކިޔާ ދުޢާގެ އިތުރުން އެހެން ދުޢާތައް ދަސްކުރުމަށް އައިކާ އަޒުމް ކަނޑައެޅިއެވެ. ބިރުގަތުމުން މާތް ﷲ އަށް ވަކީލުކޮރުމަށް ވެސް މެއެވެ. މިއިން ޒަމާނަކުން މިރޭހާ ބާރަށް އައިކާ ހަނދާންވާ ގޮތުގައި ގުގުރައި ވިދި ހަނދާނެއް ނުވެއެވެ.
-ނިމުނީ-