
ﷲގެ މަގަށް ރުޖޫޢަވާށެވެ.
ހަތް އުޑުގެ މަތީ، އެކަލާނގެ ޢަރުޝިކޮޅުގައި ވޮޑިގެންވާ މަތިވެރިވަންތަ އިލާހުގެ އަމުރުފުޅަށް ދުނިޔެ ދައުރުވެ ބަދަލުވަމުން ދިޔައެވެ. ދުނިޔޭގެ ދަޅަތަކަށް ހެއްލި ، އެ އިލާހުގެ ޤާނޫނަށް ފުރަގަސްދެމުން ދިޔަ މީހުންގެ ޢަދަދު ގިނަ ވަމުން ދިޔަ ވަރަކަށް ދުނިޔޭގެ ހާލަތު އިތުރަށް ގޯސްވަމުން ދިޔައެވެ. ސާދަ ސަތޭކަ އަހަރުން ކުރިން ، މުޅި ޢާލަމަށް ރަޙްމަތެއްގެ ގޮތުގައި ފޮނުއްވެވި މާތް ﷲގެ ރަސޫލާ މުހައްމަދު ޞައްލައް ﷲ ޢަލައިހި ވަސަލަމްގެ ސުންނަތުގައި ކޮޅުފައިން ޖެހުމަށްފަހު ، އިންސީން އެބައިމީހުންގެ ހަވާނަފްސު ތަކުގެ އަވައިގައި ޖެހި އޮޔާ ދަނީއެވެ.
މަސްތުވާތަކެތީގެ ވަބައިގައި ނުޖެހޭ ޒުވާނެއް މަދުން ނަމަވެސް ނުފެންނަ ހިސާބަށް ގޮއްސިއެވެ. މި ވަގުތީ ފާލަމުގައި ފިތުނަތައް ގިނަވުމުގެ މައިގަނޑު އަސްލަކަށް މަސްތުވާތަކެތި ވެފައިވާއިރު ޖަންނަތުގައިވާ ބުއިންތަކުގެ ފޮނި މީރުކަމަށް އިންތިޒާރު ކުރާ ބަޔަކު ، ކެތްމަދުވެފައި ތިބެ ވަގުތު ގުނަމުން ގެންދަނީއެވެ. ޒިނޭގެ ފާހިޝް ޢަމަލް ފަށުވި ބަސްތަކާއި ޢިބާރާތްތަކުން ޒީނަތްތެރިކޮށް މަގުމަތީގައްޔާއި ގޭގޭގެ ބޮޑެތި ޓީވީ ތަކުން ޢާންމުކުރަމުން ދިޔައީ ، ލަދުވެތިކަމުގެ ފަރުދާ ކަހާލުމަށްފަހުގައެވެ. ކުޑަ ކުއްޖެއް ، ޒުވާނެއް، މުސްކުޅިއެއް އިސްތިސްނާ ނުވެއެވެ. ބިންތައް އެކީހެން މި ފަސާދައިގައި ހައްޔަރުވެފައިވާ ކަހަލައެވެ. ގެދޮރުގެ ހިޔާވަހިކަމުގެ ދަށުގައި ތިއްބަސް އަމިއްލަ ނަފްސާއި ހަށިގަނޑަށް ، އެއްވެސް ރައްކާތެރިކަމެއް އިހްސާސްނުވެ މައުސޫމު ޅަކުދީންގެ ދޫ ބަންދުވެފައިވަނީ އިންސާނިއްޔަތުކަން ފިލައި ހަރުވެފައި ހިތްތަކެއްގެ ގައިދުގެ ދަށުގައެވެ.
ޒަމާނެއްގައި މާތް ﷲގެ މަގުގައި ސާބިތުވެ ތިބުން އަނދައަނދާ ހުރި އަޅީގައި ހިފާއްޓައިގެން ހުރުމާއި އެއްފަދަ ވާނެކަމަށް ، ލޮބުވެތި ނަބިއްޔާ މުހައްމަދު ޞައްލައް ﷲ ޢަލައިހި ވަސައްލަމް ހަދީޠް ކުރެއްވި ބަސްފުޅުގެ ތެދުކަން ، ދުވާލުގެ އިރު ފަދައިން ލޮލަށް ފެންނަމުން ދާއިރުވެސް އަޅުގަނޑުމެންގެ ނަފްސުތައް އިސްލާހް ކުރަން ނުވޭތޯއެވެ.؟
ނަފްސުގެ އެދުންތަކަށް އިޖާބަދެމުން “ހިތަށް ޖަމަޖެހުން” ހޯދުމަށްޓަކައި “ޗިލް ލައިފްސްޓައިލް” ނަމުގައި ޝައިތޯނާގެ އަޑު ކަމަށްވާ މިއުޒިކާއި ، އޭނާގެ އަހުލުވެރިން އެތަނެއްގައި ވަކި އިރެއްނެތި ނަށަމުން ދާ ، ކުލަބުތަކާއި ، ހުޅަނގުން ގެނައި ‘ބޯއިފްރެންޑާ’ އާއި ‘ގާރލްފްރެންޑް’ ގެ އިތުރަށް “ބޭޑީ” އަކަށް ވުމުގެ އަމާޒުގައި ވޭޕާއި ، ސިނގެރޭޓު އަދި އެ ހުރިހާ އެއްޗެއްގެ ބައްޕަ ކަމަށްވާ މަސްތުވާތަކެތިން ތިބާގެ ހިތަށް ހަމަޖެހުން ލިބޭތޯއެވެ؟ތާ އަބަދުމެ ހިތަށް އިހްސާސް ކުރެވޭ ހުސްކަން ފިލުވާލުމަށްޓަކައި އެ ހިތުގައި އެކި ދުވަސްވަރު ތަފާތު ރަނީން ނުވަތަ ރަސްކަލުން ނަން ލިޔަމުން، ﷲ ރައްކާތެރި ކުރެއްވި ތަކެއްޗަށް އަރައިގަނެ ފައިސާގެ ފަހަތުން ތިޔަ ދުވާދުވުމުން އެ ހުސްކަން ފިލާތޯއެވެ.؟ ތިޔަ ބުނާހެން މިއުޒިކަކީ ހިތުގެ ކާނާ ކަމަށްވަންޏާ އެ ކައިކައި ތިބެފައިވެސް އެތަށް ލަވަކިޔުންތެރިންނެއް އަމިއްލައަށް މަރުވަނީ ކީއްވެތޯއެވެ.؟ ތިޔަ ގެންގުޅޭ ‘ސޯލްމޭޓް’ މަހަކު އެއްފަހަރު ބަދަލުވަނީ ތިބާގެ ހަށިގަނޑުގައި އެއް ނަފްސަށް ވުރެ ގިނަ ނަފްސުވާތީތޯއެވެ؟ ވޭޕާއި ސިނގެރޭޓުގެ ސަބަބުން އެތެރެ ހަށި ހަލާކުވެ މަރުގެ ދާނަށް ވެއްޓި ދިއުމުންވެސް ތިބާގެ ހިތް ހަމަޖެހުންމަތީގައި ވާނެތޯއެވެ.؟ މަސްތުވާތަކެތިން އޯވާރޑޯސްވެ މަރުވާ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް ސަތޭކައަށްވުރެ ގިނަވެފައިވުމަކީވެސް ހެޔޮ ފާލެއް ކަމަށް ތިބާ ދެކެނީތޯއެވެ.؟
މީސް މީޑިއާއަށް ތިޔަ ދޫކުރާ ލަދުވެތި ވާން ޖެހޭ ވަރުގެ ފޮޓޯ ތަކަށް އެތަށް ބައެއްގެ ސަމާލުކަން ހުއްޓި، ހުޝާމަދު އެ ކުރާ ކުރުމުން ތިޔަ ހިތަށް ލިބެނީ ވަގުތީ އުފަލެއްކަން ސާބިތު ކޮށްދެނީ އެ ފޮޓޯތަކުގެ ސަބަބުން މީސްތަކުންގެ ގޯނާގެ ދަށުގައި ހައްޔަރުވެ ، ﷲ ހުރުމަތްތެރި ކުރައްވާ ތޯހިރުކަންމަތީ މި ދުނިޔެއަށް ފޮނުއްވެވި ތިޔަ ނަފްސުގެ ހުރުމަތްކެނޑި ހިތް މަރުވުމުންނެވެ. މިއީވެސް ތިބާއަށް ހަމަ ހަމަޖެހުންތޯއެވެ.؟
އެކަލާނގެ ތިބާވެސް ޙަލްޤުކުރެއްވި ފަދައިން ފެންތިއްކެއްގެ ޒަރިއްޔާއިން ޙަލްޤު ކުރެއްވި އެހެން އިންސާނަކަށްވުރެ ތިބާ މާ މާތްކަމަށް ދެކިގެން ބިމުގައި ބޮޑާވެފައި ހިނގާއިރު ކޮންމެ ދުވަހަކު، އެތަށް ބަޔަކު ފަސްގަނޑުގެ އަޑީގައި، ހުދު ކަފުނުން ފޮރުވާލެވި ވަޅުލެވޭ މަންޒަރުން ހިތަށް ގުޑުމެއް ނާރާތޯއެވެ.؟ ކުރިއަށް އޮތް ދެތިން ގަޑިއިރުގެ ތެރޭގައި ތިބާވެސް އެ މަޤާމުގައި އޮންނަން ޖެހިދާނެކަމަށް ބިރުވެތި ނުވަމުހެއްޔެވެ.؟ ތިބާގެ ހިތުގެ ތެޅުމާއި ލޮލުގެ ފެނުމާއި ލޭ ހޮޅިތަކުން ދައުރުވަމުން އެ ދާ ލޭވެސް ، މާތް ﷲގެ އަމުރުފުޅަށް ކިޔަމަންވަމުން ދާއިރު ތިބާ ތިޔަ ކުރަނީ ކީއްހެއްޔެވެ.؟ ހިތުގެ ހަމަޖެހުން ކަމުގައި ތިޔަ ދެކޭ މިއުޒިކުގެ އަޑު ، ކަންފަތުގައި ގުގުމަމުން ދާ ދިއުންމަތީ މިރޭ ނިދީގެ ތެރެއަށް ގެނބުނުކަމުގައިވިޔަސް، ދެން ލޯ ހުޅުވާލަން ޖެހޭނީ ކަށްވަޅުގެ އަނދިރިކަމަށް ނޫންކަމުގެ ޔަގީންކަން ތިބާއަށް ދެވޭނެތޯއެވެ. ؟
ނަކީރާއި މުންކަރު ތިބާގެ ރައްބަކީ ކޮބައިތޯ އެ ހާލަތުގައި ސުވާލު ކުރެއްވުމުން ، އެއީ މާތް ﷲ ޞުބުހާނަހޫ ވަތައާލާ ކަމަށް އިއުތިރާފުވުމަށް ، ފަހުން ތައުބާވާނިއްޔޭ ބުނި ތިބާގެ ދޫ ހަރަކާތްކުރާނެހެން ކުޑަކޮށްވެސް ހީވޭހެއްޔެވެ.؟ މަހްޝަރުގެ ހޫނުގަދަ އެ ބިމުގައި ، ﷲގެ ދަރުބާރުގައި އެކަލާނގެ ތިބާއަށް ނިޢުމަތެއްގެ ގޮތުގައި ދެއްވެވި ނަފްސާއި ހިތް ބޭނުން ކުރި ގޮތާއި މެދު އެކަލާނގެ ސުވާލު ކުރެއްވުމުން ދޭނޭ ޖަވާބެއް އެބައޮތްތޯއެވެ.؟ ތިބާ ހީކުރަނީ މާތް ﷲ އެއީ އެއްކައުވަންތަ އިލާހުކަމަށާއި މުހައްމަދުގެފާނަކީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމުން ކާމިޔާބު ލިބުނީ ކަމަށް ހެއްޔެވެ.؟ އެކަލާނގެ އެއްކައުވަންތަކަމަށް ހެކިވާ މީހަކު ރެއާ ދުވާލު އެކަލާނގެ ބައްލަވާވޮޑިގެން އަދި އައްސަވާ ވޮޑިގެންވާކަން ހަނދާން ނައްތާލުމަށްފަހު ހަވާ ނަފްސުގެ ދަލުގައި ޖެހޭނެހެއްޔެވެ.؟ އެކަލާނގެ އެއީ ޖައްބާރުވަންތަ ހުރިހާ ބާރެއްގެ ވެރި އިލާހުކަން ޤަބޫލުކުރާ މީހަކު އެކަލާނގެ ގަދަފަދަ ވެގެން ކޯފާއަށް ބިރުވެރިވުމެއްނެތި “ހިތް ހަމަޖެއްސުމަށް” އުޅޭނެހެއްޔެވެ.؟
މުހައްމަދުގެފާނަކީ އެކަލާނގެ އަޅާ ކަމަށާއި ރަސޫލާ ކަމަށް ހިތުގެ އަޑިން ހެކިވާ މީހަކު އެކަލޭގެފާނުގެ ސުންނަތުގައި ކޮޅުފައިން ޖެހުމަށްފަހު ތިޔަހެން ހިތުގެ ހަމަޖެހުން ހޯދާކަށް ނޫޅޭނެއެވެ. ކާފަރުންވެސް މިކަމަށް ހެކިވާނެއެވެ. “ހެކިވުން” މި ލަފުޒުގެ މާނަ އެބައިމީހުނަށްވެސް އިނގޭނެ ވިއްޔާއެވެ. އޯގާތެރިކަމާއި މަޑުމައިތިރި ކަމާއި ރިވެތި އަޙްލާޤުގެ ދެވަނައެއް ނުވާ މިސާލު އެކަލޭގެފާނު ދެއްކެވީ ތިބާގެ ތިޔަ ހިތް ނަރަކައިގެ ހޫނުން ސަލާމަތްކޮށްދިނުމަށް އެދޭ ހާލުގައެވެ. ތިބާއަށް ތެދުމަގު ދެއްކެވުމަށް އެކަލޭގެފާނުގެ ރޭގަނޑުގެ އަރާމު ނިދި ނަންގަވާލެއްވުމަށްފަހު މާތް އިލާހުގެ ހަޞްރަތަށް ދެއަށް އުފުއްލަވާ ދުޢާ ކުރެއްވިއިރު ތިބާ އަދިވެސް އެކަލޭގެފާނަށް ފުރަގަސްދެނީތޯއެވެ.؟ ހަޔާތުގެ ކޮންމެ ރޮނގަކުންވެސް ކާމިޔާބު ހޯދޭނެ މަގު ބަހާއި ޢަމަލުން އެ މާތް ހަބީބް ދައްކަވައިދިނެވެ. ހިތްތަކުގެ ހަމަޖެހުން ވަނީ އެންމެ ރަހްމާންވަންތަ، އޯގާވަންތަ، މަތިވެރިވަންތަ، ދީލަތިވަންތަ އަދި އެކަލާނގެ ލޯބިފުޅާއި އެއްފަދަ ކުރެވޭނެ އެެހެން އެއްވެސް ލޯތްބެއް މި ދުނިޔޭގައިވެސް އަދި ޢާޙިރަތުގައިވެސް ނުވާ މާތްﷲ ހަނދަމަކުރުމުންކަން އެ މާތް ރަސޫލާ ދައްކަވައިދެއްވިއެވެ. އެކަލޭގެފާނަކީ ދުނިޔޭގެ އުދަރެހަށް ފާޅުވި އެންމެ ވަރުގަދަ ޝަހްސިއްޔަތުކަމަށް ކާފިރުންވެސް ހެކިވާއިރު މުސްލިމަކަށްވެ ހުރެ ތިބާ އެކަލޭގެފާނު ދެއްކެވި ރިވެތި މިސާލު ދޫކޮށްލުމަށް ލަދު ނުގަނޭތޯއެވެ.؟
ކަށި ޖަންގައްޔެއް ފަދަ މި ދުނިޔެއަށް މާތް ﷲ ތިބާ ފޮނުއްވެވީ އެ ކަށިތަކުގައި ނުޖެހި ތިބާ ހިނގައިފިނަމަ ތިބާއަށް ޖަންނަތް ދެއްވާނެކަމަށް ވަޢުދުވެ ވޮޑިގަންފައެވެ. އެކަލާނގެ ތިބާއަށް އެ ސުވަރުގެ ދެއްވުމަށް އެދިގެން ޤުރުޢާނުގައި ދިރިއުޅެންވީ ހުރިހާ ގޮތެއް ބަޔާންކޮށްދެއްވިއެވެ. ސުވަރުގޭގެ ނިޢުމަތްތަށް ތިބާއަށް އަންގަވައިދެއްވާ ތިބާގެ ހިތް ސުވަރުގެއަށް އެދުންވެރިވާނޭހެން ތަފްސީލުކޮށްދެއްވިއެވެ. އެކަލާނގެ ރަސޫލާ މުހައްމަދު ޞައްލައް ﷲ ޢަލައިހި ވައްސަލަމް ފޮނުއްވަވާ އެ ހުރިހާ އިރުޝާދެއްގެ ނަމޫނާ އެކަލޭގެފާނު މެދުވެރިކުރައްވަވާ ތިބާއަށް ދެއްކެވިއެވެ.
މި ޖަންގަލީގެ ކަށިތަކުގައި ޖެހެފިނަމަ ތިބާ ވެއްޓިގެންދާނީ ކޮންފަދަ ފުން އަނދަވަޅަކަށް ކަމާއި އާޙިރަތްދުވަހުން ހޫނުކަން ނިހާޔަތަށް ގަދަވެގެންވާ، އަނދިރިކަމުން ފުރިގެންވާ އެ ނަރަކައަށް ތިބާ ވައްދަވާނޭކަން ޤުރުއާނުގައި ﷲ ބަޔާންކޮށްދެއްވީ އެ ނަރަކައިން ތިބާ ސަލާމަތް ވުމަށް އެދިވޮޑިގެންނެވެ. އެކަލާނގެ ތިބާއަށް ހެވެއް ނޫނީ އެދިވޮޑިނުގަންނަވައެވެ. އެކަލާނގެ ހަރާމް ކުރެއްވި ކޮންމެ ކަމެއްގެ ފަހަތުގައިވަނީވެސް ހަމަ މި ސަބަބެވެ. އެ ކަމަކަށް އަރައިގަންފިނަމަ މި ދުނިޔޭގެ ކަށިތަކުގައި ޖެހި ތިބާގެ ހިތާއި ހަށިގަނޑު ޒަޙްމްވެ ، އެ ޒަޙަމްތަކަށް ފަރުވާ ނުދެވިއްޖެނަމަ ، ޖަރާސީމު އުފެދި މުޅި ހަށިގަނޑު ޒަހަރަށް ވާނެތީއެވެ. މި ޒަޙަމްތަކަށްވާ ހަމައެކަނި ފަރުވާއަކީ މާތްﷲގެ މަގަށް އެނބުރި ރުޖޫޢަވުންކަން އެކަލާނގެ ގުރުޢާނުގައި އެކަލާނގެ އެތަށް ފަހަރަކު ބަޔާންކޮށްދެއްވިއެވެ. ތިބާގެ ފާފަތައް ފުނިޖެހި އުޑާއި ހަމައަށް ވާސިލްވިޔަސް އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ އެކަލާނގެ އަޅުތަކުންނަށް އޯގާވެވޮޑިގަންނަވާ އިލާހުކަމަށް ވަހީކުރެއްވިއެވެ.
އޭ އަޙާއެވެ. އޭ އުޙްތާއެވެ. ﷲގެ ޙަޞްރަތައް އެނބުރި ދިއުމުގެ ކުރިން އެކަލާނގެ މަގަށް ރުޖޫޢަވާން އަދިވެސް ނުވޭތޯއެވެ.؟ ތިޔަ މަޑުކުރަނީ ބަލިމަޑުކަމެއް ޖެހެންދެން ހެއްޔެވެ.؟ ހުޅަނގުގެ ގޮތްގަނޑު ދޫކޮށް މުހައްމަދިއްޔަ އުންމަތުގައި ލެއްވިކަމަށްޓަކައި ޝުކުރުވެރިވާން ތިޔަ މަޑު ކުރަނީ ހުޅަނގު ފަރާތުން އިރު އަރަންދެން ހެއްޔެވެ.؟ ކުއްފާރުންނާއި މުރުތައްދުންގެ ޢަމަލުތަށް ދޫކޮށްލުމަށްފަހު އެބައިމީހުންގެ “ކޫލް ލައިފްސްޓައިލުން” އެއްކިބާވެ، މުހައްމަދުގެފާނު ދެއްކެވި ރިވެތި، ޤަދަރުވެރި ދިރިއުޅުމަށް އެނބުރިދާން ތިޔަ ހުރީ ދައްޖާލު ފާޅުވަންދެން ހެއްޔެވެ.؟ ބުނަމެވެ. މާދަމާވެސް ތިބާގެ އަޖަލު ޖެހިދާނެއެވެ. ތިބާގެ ޢަމަލުތައް ހުއްޓުމަކަށް އައިސް ހުދު ފޭރާމުގައި ބަނދެވި ﷲގެ ހަޞްރަތަށް އެނބުރި ދާންޖެހިދާނެއެވެ. އޭރަށް ތިބާއަށް ކުރެވޭނީ ކީއްހެއްޔެވެ.؟ މިއަދު މި ދުނިޔޭގައި ހިތަށް ހަމަޖެހުން ލިބޭނެކަމަށް ތިޔަ ކުރާ ހުރިހާ ކަމަކުން ހިތުގެ ހަމަޖެހުން ގެއްލިފައިވާއިރު އެއިން އެއްވެސް އަމަލަކުން ކަށްވަޅުގައި ވަކި ކުރާނީ ކޮން ފައިދާއެއްހެޔެވެ.؟ ހެޔޮ އެދޭތީ ބުނަމެވެ. ތިބާވެސް ތިޔައީ އަޅުގަނޑު ފަަދައިން އެ ލޮބުވެތި ހަބީބްގެ އުންމަތުގެ އަޙެއް ކަމުން ނަސޭހަތްތެރިވަމެވެ.
ހިތްތައް ހަމަޖެހުން ވަނީ ﷲ ހަނދުމަކުރުމުންނެވެ. މިހެން ބުނެލުމުން ޤަބޫލުނުކުރެވިދާނެއެވެ. ޤުރުޢާން ހުޅުވާލުމަށްފަހު ސޫރަތުލް ރަޢްދުގެ އަށާވީސްވަަނަ އަޔާތް ނިކަން ބަލާލަބަލާށެވެ. ނިޢުމަތުން ފުރިފައިވާ ޖަންނަތައް އެދިގެން އެއްފަހަރުވެސް އިޙްލާސްތެރިކަމާއެކު ތައުބާގެ ސަޖިދައެއް ޖަހާލަބަލާށެވެ. އެކަލާނގެ ހަޞްރަތުގައި ތިބާއަށް ތެދުމަގު ދެއްކެވުމަށް އެދި ދަންނަވާށެވެ. އެކަލާނގެ އެއީ ދުޢާ އައްސަވާ އިޖާބަ ކުރައްވާ އިލާހެވެ. ތިބާ ތިޔަ ހުރިހާ ފާފައެއް ކުރަމުން ދިޔައިރުވެސް އެކަލާނގެ ތިބާއަށް އެއްވެސް ކަމެއް އުނި ނުކުރައްވާ ދެއްވެވި ނޫންހެޔެވެ.؟ އެނގޭހެއްޔެވެ؟ އެ ފާފަތަކުގެ ސަބަބުން ތިބާ ހިތަށް ނުލިބުނު ހަމަޖެހުމަކީވެސް އެ އިލާހުގެ ނިމުމެއްނުވާ ރަހްމަތްފުޅެވެ. އެކަލާނގެ ތިބާއަށް އެދި ގޮވާލައްވައެވެ. ތިމަން އިލާހުގެ މަގަށް އެނބުރި ރުޖޫޢަވާށެވެ. އެ އިލާހު ތިޔަ ލޮބުވެތި އަޅާއަށްޓަަކައި ސުވަރުގެ ތައްޔާރު ކުރެއްވިއެވެ.
ކުލަކުލައިގެ ދޫނިތަކާއި ،ހުސްވުމެއް ނުވާ މާމުއިގެ އަރާތުކާއި، ލޮލުން ދުވަހަކުވެސް އިންސިއަކު ދެކިފައިނުވާ އަދި އިންސިއެއްވެސް ޖިންނިއެއްވެސް ބީޙިފައި ނުވާ ހޫރުންނާއި، ރަނާއި ރިހީގެ ގަނޑުވަރުތަކެވެ. މާތް ﷲ މި ދުނިޔެ މިހާ ފުރިހަމައަށް އުފައްދަވާފައިވާއިރު އެކަލާނގެ މެހެމާނުންނަށްޓަކައި ޙާއްސަ ކުރެއްވި ޖަންނަތް އަދި ކިހާ ހިތްގައިމު ވާނެތޯއެވެ؟ އަދި ނިމުނީއެއް ނޫނެވެ. އެ ސުވަރުގޭގައި މުހައްމަދު ޞައްލައް ﷲ ޢަލައިހި ވައްސަލަމްވެސްއެވެ. އެކަލޭގެފާނުގެ އަވަށްޓެރިއަކަށް އެ ޖަންނަތުގައި ފުމަށް ނޭދެމުހެއްޔެވެ؟ ތިބާ އެތާނގައި ވާނީ ތިބާ އެންމެ ލޯބިވާ ފަރާތްތަކާއި އެކުގައެވެ. ހިތް އެދޭ ކޮންމެ އެއްޗެއް ދުލުން ބޭރުވެސް ނުވަނީސް އެ ޖަންނަތުގައި ލިބޭނެއެވެ. ނަމަވެސް، އެތާނގައިވާ ހުރިހާ ނިޢުމަތަކަށް ވުރެ މަތިވެރި އެއް ނިޢުމަތްވެިއެވެ. ޢަރުޝިކޮޅުގައި ވޮޑިގެންވާ ކާއިނާތުގެ ވެރި ރައްބުގެ ވަޖުހުފުޅު ދުށުމުގެ ފުރުސަތު ސުވަރުގޭގައި ތިބާއަށް ލިބިގެންދާނެއެވެ. އެކަލާނގެ ސުވަރުގޭގެ އަހުލުވެރީންނަށް އެންމެ ރިވެތި ޢިބާރާތުން ސަލާމް ވަހީ ކުރައްވާއިރު ޖަވާބުދާރިވެ ސަލާން ދެންނެވުމަށް އެތާނގައި ހުރުމަށް ތިބާ ނޭދެމު ހެއްޔެވެ؟ އެކަލާނގެ ނޫރުފުޅުން ތިބާގެ މޫނު ބަބުޅުމަށް ނޭދެމު ހެއްޔެވެ؟ މި ދުނިޔޭގެ ހަޔާތް އަހުރެން ހޭދަކުރީ އިބަ އިލާހު ވަޖުހުފުޅު ދުށުމަށް އެދިގެންކަމަށް ، އެކަލާނގެ ހަޞްރަތުގައި އެދުވަހުން ދަންނަވަން ތިބާ ބޭނުމެއް ނޫންތޯއެވެ.؟
އަދިވެސް އެއްފަހަރު ވަސިއްޔަތް ކުރަމެވެ. އަދި ވަގުުތު ފާއިތެއް ނުވެއެވެ. އެ އިލާހުގެ ރަހްމަތާއި ފާފަ ފުއްސެވުމުގެ ދޮރު ހުޅުވި ތަނަވަސްވެގެންވެއެވެ. އެކަލާނގެ އިރާދަފުޅާއި ހެޔޮ ރަހްމަތްފުޅުން ތިބާގެ ހަށިގަނޑުގައި ޖަހަމުން ދާ ކޮންމެ ވިންދަކީ އެކަލާނގެ މަގަށް ރުޖޫޢަވުމަށް ދެއްވާ ފުރުސަތެކެވެ. އަވަހަށް ތައުބާވާށެވެ. ﷲގެ މަގަށް އެނބުރި ރުޖޫޢަވާށެވެ. އެކަލާނގެ ލޯބިފުޅާއި ރަހްމަތްފުޅަށް އެދިގެން ގިނަގިނައިން ދުޢާކުރާށެވެ. ހިނިތުންވެލާށެވެ. ކެތްތެރިވާށެވެ. ހިތްތިރިވެ މަޑުމައިތިރިވާށެވެ. މިއީ ދާޢިމީ ފާލަމެއް ނޫނެވެ. މާދަމާވެސް އަލްވަދާޢު ކިޔަން ޖެހިދާނެއެވެ. ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ. އިހްސާންތެރިވާށެވެ. ތިބާގެ ހިތް އަނެކާގެ މައްޗަށް ސާފުކޮށްލާށެވެ. ހަސަދައާއި ރުޅިވެރިކަމުން މާދަމާ ކަށްވަޅުގައި ކުރާނެ ފައިދާއެއް ނެތެވެ. ތިބާއަށް ލިބެން އޮތް ނިޢުމަތެއް އެހެން އެއްވެސް މީހަކަށް ނިގުޅައި ނުގަނެވޭނެކަން ހަނދުމަކުރާށެވެ.
ﷲ އެއީ ނިޢުމަތްތަކުގެ ވެރި އިލާހެވެ. ތިބާއަށް ލިބިފައިވާ ކޮންމެ އެއްޗަކީ އެކަލާނގެ ރަހްމަތްފުޅެއެވެ. ތިބާ ތިޔައީ އެކައްޗެއްގެވެސް ހަޤީޤީ ވެރިފަރާތެއް ނޫނެވެ. މި ދުނިޔޭގައި ތިޔަ ހޭދަކުރާ ކުޑަ ވަގުތު ކޮޅުގައި ހެޔޮކަމެއް ނޫނީ ނުކުރާށެވެ. ޤުރުޢާނާއި ސުންނަތުގައި ހިފައިގެން ކުރިއަށްދާށެވެ. ސާބިތުވާށެވެ. ޖަންނަތަށް އެދިގެން ގަދައަޅާ މަސަތްކަތް ކުރާށެވެ. ތިބާގެ ހިތުގެ ވެރި އިލާހަކީ ﷲ ކަމަށްވާއިރު ވެރި އިލާހުގެ ހަނދުމައިން ހިތަށް ހަމަޖެހުން ލިބޭނެކަން ގައިމެވެ. ﷲ ހަނދުމަކުރުން މަތީ ދެމިހުންނާށެވެ. ކާމިޔާބުގެ މަގަކީ އެއީއެވެ. ﷲއަށް ވަކީލުކުރާ ހާލު އެ މަގުގައި ޝުކުރުވެރިކަމާއި ކެތްތެރިކަމާއެކު ހުންނާށެވެ. އެ އިލާހުގެ ރަހްމަތްފުޅާއި ލޯބިފުޅާއި އިރާދަފުޅުން ތިބާއަށް މިދުނިޔޭގައިވެސް އަދި އާޙިރަތުގައިވެސް ކާމިޔާބު ދެއްވާނެއެވެ.
ކުރިއަށް މިއޮތީ ރޯދަމަހެވެ. ރަހްމަތާއި ބަރަކާތް އެތަށް ހާސް ގުނައަކަށް އިތުރުވެ ފުރިފައިވާ ރަމަޞޯން މަހެވެ. ހެޔޮ ޢަމަލު ގިނަ ކުރުމަށް އަވަހަށް ބަހީއެވެ. ވާދަކޮށް ކުރިއަރާދާށެވެ. އެކަލާނގެ ހަޞްރަތުން ހިދާޔަތާއި ސާބިތުކަމަށް ގިނަގިނައިން އެދޭށެވެ. ފާފަ ފުއްސެވުމާއި ރަހްމަތަށް އެދޭށެވެ. ކޮންމެ ދުވަހަކުވެސް އެކަލާނގެއަށް ކުއްތަންވުމަށް ފިޔަވަޅެއް އަޅާށެވެ. ތިބާ އެކަލާނގެއަށް ކުއްތަންވުމަށް އެންމެ ފިޔަވަޅެއް އެޅިނަމަވެސް އެކަލާނގެ ތިބާއަށްޓަކައި ދިހަ ފިޔަވަޅު އަޅުއްވާނެއެވެ. އެއީ އަލް ވައްހާބެެވެ. ގިނަގިނައިން ދެއްވަވާ އިލާހެވެ. އެއީ އަލް ވަދޫދެވެ. ލޯބިވެވޮޑިގަންނަވާ އެންމެ އޯގާވަންތަ އިލާހެވެ. ތިބާގެ ހިތް އެކަލާނގެއަށްޓަކައި ލޯބިން ފުރާލާށެވެ. ތިބާގެ ދެ ދުނިޔެވެސް ނިޢުމަތްތަކުން ފުރޭތަން އޭރުން ފެންނާނެއެވެ.
މާތް ﷲ އަޅަމެން އެންމެންނަށްވެސް ހިދާޔަތު ދައްކަވައި އެކަލާނގެ ރުއްސަވާ މަގުގައި ސާބިތުކަން ދެއްވާށިއެވެ! އަޅަމެންނީ ޙުޝޫޢަތް ތެރިކަމާއެކު ނަމާދު ގާއިމުކޮށް އެކަލާނގެ ހަނދުމަކުރުން މަތީ ދެމިތިބޭ ބަޔަކު ކަމުގައި ލައްވާށިއެވެ.! އެކަލާނގެ ފާފަ ފުއްސެވުމާއި ރަހްމަތް އަޅަމެންގެ މައްޗަށް ލައްވަވާ ތަޤްވާވެރިކަން މަތީ އަޅަމެން ލައްވާށިއެވެ.! އަޅަމެންގެ އީމާންތެރިކަން ވަރުގަދަ ކުރައްވަވާ ތޯހިރުކަމާއި މަޑުމޮޅިކަންމަތީ އަޅަމެންގެ ހިތްތައް ލަހައްޓަވާށިއެވެ.! އިހްސާންތެރީން ކަމުގައި އަޅަމެން ލައްވަވާ މުއުމިނުން ކަމުގައިވާ ހާލު އަޅަމެންގެ މަރު ގެންދަވާށިއެވެ.! އަދި އެކަލާނގެ ޖަންނަތުގެ ދޮރުކޮޅުތައް އަޅަމެއްޓަކައި ހުޅުއްވެވޭ ބަޔަކު ކަމުގައި އަޅަމެން ލައްވާށިއެވެ.! އާމީން.
ލިޔުނު ތާރީޙް:10/04/2021