Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ކަޅުވިޔަސް ރީތި

Shaila Level 110 Stories
May 4, 2021 4 Mins Read
1 Comment

މިއަދަކީ ސްކޫލުތަކުގެ އަހަރުގެ ފަހު އިމްތިހާނު ނިމި އެ ކުއްޖަކު ކުރި މަސައްކަތުގެ ފޮނި މީރުކަން ލިބުނު ދުވަހެވެ. މައިންބަފައިންނާއި ދަރިވަރުން އެ ދުވަހަކަށްޓަކައި އިންތިޒާރު ކުރަމުން އައި އެއް ދުވަސް މެއެވެ. ސްކޫލުގެ ގޭޓުން ރިޕޯޓު ފޮތް ހިފައިގެން ކުދިންތައް ހޭލަމޭލައަށް އުޅެއެވެ. ބައެއް ކުދިން ގުރޫޕް ހަދާފައި ސަކަރާތް ޖަހަމުން މަޖާ ނަގަމުން ދެއެވެ. އަނެއްބައި ކުދިން އެ ކުދިންގެ ބުރަ މަސައްކަތުގެ ފޮނި ނަތީޖާއާ ދޭތެރޭގައި ހިތްހަމަ ޖެހި އެކަން އެހެން ކުދިންނާ ހިއްސާ ކުރަމުން ދިޔައެވެ.

ރިޕޯޓު ފޮތް މޭގައި  ޖައްސައި ބާރު ކޮށްގެން ދެ އަތުން ހިފަހައްޓައިގެން އޭގައި ބައްދާލައިގެން ކަހަލަ ގޮތަކަށް ނީރާ ހުރިއިރު ހީވަނީ މީހަކު އެ ފޮތް ޖަހައިގަންނަން އުޅޭތީ،  އެކަމަށް ހުށިޔާރުވެގެން ހުރިހެންނެވެ. އެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ނުތަނަވަސް ކަމެވެ. ހިތާމައާއި މޮޅީގެ ސާލެއް ލެވިފައި ވާ ފަދައެވެ. މިއިން ދުވަހަކު އުފަލެއް ނުލިބޭ ކަހަލައެވެ. ރަތްދަކަ އަވީގައި އިސްދަށަށް ޖަހާލައިގެން މަޑު ހިނގުމެއްގައި ދިޔައީ ގެއާ ދިމާލަށެވެ. ނިތްކުރި މަތިން ހިއްލާފައި ވާ އޮށް ދާތަށް ނިތްކުރިން ތިރިއަށް ރޮނގެއްހެން ފައިބަމުން ދެއެވެ. މެންދުރުގެ އަވި ބާރު ގަޑީގައި ވެސް، ދީފައިވާ އަވީގެ ހޫނަށްވުރެ އޭނާގެ އެތެރެހަށީގައި އުފެދިފައި ވާ އަލިފާންގަނޑުގެ ހޫނުކަން މާ ގަދަހެން ހީވެއެވެ. ބަލައިލި ކޮންމެ ދިމާލަކުން ކުރެވެނީ އެކަނިވެރިކަމުގެ އިހުސާސެވެ. ފަހަތުން އައި ކުދިންތަކުގެ ތެރެއިން ކޮންމެވެސް ކުއްޖަކު ދުވެފައި ދަމުން އޭނައާ އަރާހަމަވެފައި ދެރަވާ ޒާތުގެ ކޮންމެވެސް އެއްޗެއް ބުނެލައެވެ. އަނެއްބައި ފަހަރު އެހެން ކުއްޖަކު ގޮސް ނީރާ ކޮށްޕައިލަފާނެއެވެ. އެއީ ހަމައެކަނި މިއަދު ކުރިމަތި ކުރުވި ކަމެއް ނޫނެވެ. ހަނދާން ހުންނަން ފެށީއްސުރެ ނަފުރަތާއި ރުޅިވެރިކަން ފިޔަވައި އިތުރު އެއްޗެއް ނުލިބެއެވެ. .ސްކޫލުގައި ވެސް، ނީރާއާ ރީތިކޮށް ވާހަކަ ދައްކައިލާނެ ކުއްޖެއް ނުހުރެއެވެ. ހުރިހާ ކުދިންވެސް ނީރާއަށް ކުރަނީ ފުރައްސާރައެވެ. ޓީޗަރުންގެ ފަރާތުން ވެސް، ލިބެނީ މަލާމާތާއި ރުޅިވެރި ކަމެވެ. އުފެދުމުގައި ވެސް، ގައިގެ ކުލަ ކަޅުކޮށް ހުރުން އެއީ އޭނާގެ ކުށެއްހެއްޔެވެ؟ އެންމެން އެހާ ރުޅި އަންނަ ސަބަބަކީ އެއީއެވެ.

ނީރާ މަޑުމަޑުން ގޮސް ގެއަށް ވަތްއިރު ސިޓިންގ ރޫމުގައި މަންމަ އިނެވެ. ނީރާ ފެނުމާއެކު ނީރާގެ މަންމަ އާބިދާގެ ރުޅިވެރި ނަޒަރު ނީރާއަށް އަމާޒުވިއެވެ. އިހުނަށްވުރެ ބޮޑަށް ނީރާ ބިރު ގަންނަ ގޮތް ވެއްޖެއެވެ. އާބިދާގެ އެ ނަޒަރުން ނީރާގެ ހިތުގައި އިތުރު ރިހުމެއް އިތުރުވިއެވެ. ދެ ލޯ މަރައި ބާރު ކޮށްލުމަށްފަހު، ލޯ ހުޅުވައިލިއެވެ. އަދި ހިނގުން އަވަސްކޮށްލީ މަންމަ އިތުރު އެއްޗެއް ބުނުމުގެ ކުރިން އެތަނުން ސަލާމަތް ވެވޭތޯއެވެ.

“އޭތް!” އާބިދާއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ.

ނީރާ ސިއްސައިގެން ދިޔައީ މަންމަގެ އަޑަށެވެ. އަޑުގައިވާ ނުރުހުން އާބިދާގެ އެންމެ ލަފުޒަކުން ވެސް، ހާމަވެއެވެ. ނީރާ މަޑުކޮށްލުމަށްފަހު، ހުރި ފިޔަވަޅު މަތީގައި ހުރީ މަންމައާ ދިމާލަށް ބަލައިލާން ވެސް، ނުކެރިފައެވެ. ބިރުގަނެފައި ހުރިވަރުން މަޑުމަޑު ތުރުތުރެއް އެ ހަށިގަނޑުގައި އުފެދުނެވެ.

“ބާރު ބާރަށް ތިދަނީ ކާކަށް ފިލަން؟ މަށެއް ނޫޅެމޭ ކަލޭގެ ތި ރީތި ނަތީޖާ ބަލާހިތަކުން… މަށަށް ނޭނގޭ އެއްޗެއް ނޫނޭތީ.. ބަލަ ކަލޭ ނޫނީ މި އަވަށުގައި ވެސް ނެތޭ ފާސްނުވާ ކުއްޖެއް…. ގޮތްކުޑަކުއްޖާ ގަނޑު..” އާބިދާގެ ރުޅިވެރިކަން ދިޔައި ފަހަރަކަށްވުރެ ފަހަރަކު ގަދަވަމުންނެވެ.

އިތުރަށް އެތާނގައި މަޑުނުކޮށް ނީރާ ދުވެފައި ގޮސް، ކޮޓަރިއަށް ވަދެ ދޮރު ލައްޕައި ތަޅު ލިއެވެ. ދޮރުގައި ލެނގިލައިގެން އިރުކޮޅަކު ހުރުމަށްފަހު، ކޮޓަރިތެރެއަށް އަވަސް ނަޒަރުތަކެއް ހިންގާލައި ކަމެއް ހަނދާންވެގެން ދާ ފަދައިން ހިނގައިގަތެވެ. ވެފައިވާ ބަނޑުހައިކަން ފިލުވައިލުމުގެ ބޭނުމުގައި ބަދިގެއަށް ދިއުމުގެ ކުރިން، ނީރާގެ އަންނައުނު އަޅަން ގެންގުޅޭ ފުޅިމަދު ފޮށިގަނޑުގެ އެންމެ އަޑިއަށް ރިޕޯޓު ފޯމު ލައި ފޮރުވިއެވެ. ކޮއްކޮ މެންނަށް ފެނިއްޖެ ނަމަ، ނީރާއަށް މަލާމާތް ކުރާނެތީއެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އެ ކޯތާފަތް މައްޗަށް އޮހިގަތެވެ. އަތުގެ ނުފުށުން ދެ ލޯ ފޮހެލުމަށް ފަހު، ޔުނީފޯމު ވެސް، ބަދަލުނުކޮށް ނީރާ ދިޔައީ ކާ ގެއަށެއެވެ.

އޭރު ނީރާގެ ހަގަށް ތިބި ދެބެއިން ކާ މޭޒު ދޮށުގައި ތިއްބެވެ.

ނީރާ ހަމަ ފެނުމާއެކީ އައިރާ ފަޚުރުވެރި ކަމާއެކީގައި އައިރާއާއި އާލްގެ ނަތީޖާއާ ބެހޭގޮތުން ވާހަކަ ދައްކަން ފެށިއެވެ.

އެއީ ހަމަސީދާ ނީރާއަށް ކޮށްލި ޖެއްސުމެއްކަން އޭނާއަށް އިނގެއެވެ. އައިރާ ބުނެލާ ކޮންމެ ލަފުޒަކުން ނީރާގެ ހިތް ފޮތިފޮތިވަމުން ދިޔައެވެ. ކުރާނީ ކީއްހެއްޔެވެ؟ މީ ހަމަ ނީރާ ފަކީރުގެ ކޮންމެ ދުވަހެއްގެ ވެސް، ހާލެވެ. ގޭތެރެއިން ވެސް، ރުހުމުގެ ލޮލަކުން ބަލައިލާނެ އެކަކުވެސް ނެތެވެ. ކޮއްކޮމެން ނީރާއަށްވުރެ ރީއްޗެވެ. ކިޔެވުމަށް އެ ކުދިން މާ މޮޅެވެ. ކޮއްކޮމެންނަކީ މަންމައާ ބައްޕަގެ މުސްތަޤުބަލެވެ. މަންމަމެންގެ ލޯތްބާއި އެހީތެރިކަން އެންމެ ފުރިހަމައަށް ކޮއްކޮ މެންނަށް ލިބެއެވެ. ނީރާއަކީ ކަޅުކޮށް ފަލަކޮށް ހުންނަ ކުއްޖެކެވެ. ފެންނަފެނުމަށް އެ އުމުރުގެ އެހެން ކުދިންނަށްވުރެ ނީރާ ހުންނަނީ ބޮޑު ކޮށެވެ. ސްކޫލުގައި ވެސް، ގިނަ ކުދިން ނީރާއަށް ކިޔައިއުޅެނީ ‘ކަޅުގެރި’، ‘ފަލަފެޓް’ މިކަހަލަ ނަންނަމުންނެވެ. ނީރާ އެކަނި އިނދެ ރޮއެ ހިތާމަ ނުކުރާ އެންމެ ދުވަހެއް ވެސް، ފާއިތުވެގެން ނުދެއެވެ.

ދުވަސްތައް މާޒީއާ އެކުވަމުން ދެއެވެ. މިހާރު އައިރާއަކީ މޮޅު ޤާނޫނީ ވަކީލެކެވެ. އާލްއަކީ މާލޭގެ ބޮޑު ސްކޫލެއްގެ ޕްރިންސިޕަލްއެވެ. އެ ދެބެއިން ނުދަންނަ މީހެއް ރާއްޖޭގައި މަދުވާނެއެވެ. މަންމައާއި ބައްޕަ އަބަދުވެސް އެ ދެ ދަރިންނަށްޓަކައި ފަޚުރުވެރި ވެއެވެ. ދެންހުރީ ނީރާއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި އޭނާއަކީ ބޭކާރު މީހެކެވެ. މައިންބަފައިން ވެސް، ނީރާއާ ދޭތެރޭގައި ދެކެނީ އެގޮތަށެވެ. އޭނާގެ އެއްވެސް ހުނަރެއް ނުހުންނާނެއެވެ. ކަމަކީ ކައިކައިގެން ނިދުމެވެ. މީހުންގެ ތެރެއަށް އެއްގޮތަކަށްވެސް ނިކުމެ އުޅޭކަށް ބޭނުމެއް ނުވެއެވެ. ނީރާގެ ވަޒީފާއަކީ އަވަށްޓެރި ދެ ގެއެއްގެ ގޯތިތެރެއާއި މަގުމަތި ކުނި ކެހުމެވެ. ފަތިހު ފަތިހާ ގޮސް ކުނި ކަހައި ނިންމާލައެވެ. އެމަސައްކަތުން ނީރާއަށް ލިބޭ ދެހާސް ރުފިޔާ ވެސް، ދެނީ މަންމައަށެވެ. ސަބަބަކީ ލާރިން ނީރާ ކުރަންޖެހޭ މާ ބޮޑު ބޭނުމެއް ނޯންނާތީ އެވެ.

އާދައިގެމަތިން މެންދުރުގެ ކެއުމަށްފަހު، ނީރާ އޮތީ ނިދާށެވެ. މަންމަ އައިސް ދޮރުގައި ޓަކި ޖެހުމަށްފަހު ބަޔަކު ނީރާ ހޯދަން އައިސް ތިބި ވާހަކަ ބުންޏެވެ. ވަރަށް ބިރުން ހުރެ ނިކުމެ ބަލައިލިއެވެ. ސިޓިންގ ރޫމުގައި ތިބީ އަވަށްޓެރި ހައްވައްތައާއި ހައްވައްތަގެ އަންހެން ދަރިފުޅެވެ.

“ނީރާ.. ދަރިފުޅާ އާދެބަލަ ނިކަން” ސޯފާގައި އިން ހައްވައްތަ ގޮވައިލިއެވެ.

ހައްވައްތަ ވެސް ކުރީގައި ނީރާ ދެކެ ވަރަށް ރުޅި އާދެއެވެ. ނަމަވެސް އެ ގެ ކުނި ކަހައި ސާފުކޮށް ބަލަހައްޓަން ފެށި ފަހުން ހައްވައްތަ ނީރާއާ ދޭތެރޭގައި ކަންތައް ކުރަނީ ވަރަށް ހެޔޮކޮށެވެ.

“އަހަރުމެންގެ އަލަށް ހުޅުވާ ތިރީސް ކޮޓަރި ހިމެނޭ ގެސްޓް ހައުސްއިން ނީރާއަށް ވަޒީފާ ހަމަޖެހިފައި ވާ ވާހަކަ ބުނަން މި އައީ.” ހައްވައްތަގެ ދޮށީދަރި އައިޝާ ނީރާއަށް ހިނިތުންވެލިއެވެ.

އައިޝާ ބުނިގޮތުން ނީރާ ހަމަޖައްސާފައި ވަނީ އެ ގެސްޓް ހައުސްގެ ކުނި ކަހާ ސާފުކުރަން އުޅޭ މީހުންގެ ސްޕަވައިޒަރަކަށެވެ. އަދި ނީރާއަށް އެކަން ކުރެވޭނެ ކަމަށްވެސް އައިޝާ ބުންޏެވެ.

“އަހަރެން އަހަރެންގެ މަންމައަށް އިތުބާރު ކުރަން. އެހެންވެ މިއަދު ނީރާ ކައިރިއަށް މި އައީ. ނީރާއަށްވުރެ ވަކި ރަނގަޅަށް އެހެން މީހަކަށް މިކަމެއް ނުކުރެވޭނެ”

އައިޝާ ނީރާއާ އެތައް ވާހަކައެއް ދެއްކިއެވެ.

ހައްވައްތަ ކައިރީގައި އިށީނދެގެން އިން ނީރާއަށް އައިޝާއާއި ހައްވައްތަގެ އާދޭސްތަކަށް އިންކާރު ކުރާކަށް ނުކެރުނެވެ.

ނީރާ އިނީ ބިރުންގޮސް ހަދާނެ ގޮތެއް ނޭނގިފައެވެ. މުޅި މީހާ ބިރުންގޮސް ދާ ހިއްލައިފިއެވެ. ހަތަރެސްފައި ފިނިވެއްޖެއެވެ. އިސްޖަހާލައިގެން ދެ އަތްތިލަ ޖޯޑު ކޮށްލައިގެން އިނުން ފިޔަވައި އިތުރު ކަމެއް ނުކުރެވުނެވެ. އަމިއްލަ ނަފުސުގެ ދިފާއުގައި ވެސް، އަނގަ ހުޅުވާ ނުލެވުނެވެ.

އައިޝާ ބެލީ އެކި ވާހަކަތައް ދައްކައިގެންވެސް ނީރާ ހަމަޔަކަށް އެޅުވޭތޯއެވެ.

“ނީރާ އެއްވެސް ކަމަކާ ހާސްނުވޭ. ގެސްޓް ހައުސް ހުޅުވަން ހަމަޖެހިފައި އޮތީ މިއަންނަ ހަފުތާގައި.”

ނީރާއަށް ކުޑަވެސް ހަމަޖެހުމެއް ލިބުނީ އައިޝާ މިކޮޅުގައި ދެތިން މަސް ވަންދެއް މަޑުކުރާނެ ވާހަކައާއި ވަރަށް ކައިރިން ހުރިހާ ކަމެއް ބަލަމުން ގެންދާނެ ވާހަކަ ބުނުމުންނެވެ.

“މިހާރު ދާހިތް ނުވިޔަސް ވަޒީފާއަށް ނިކުންނަން ފެށީމަ ޔަގީން ދާހިތުން ދާނެކަން.” ނީރާއަށް އިތުރު ޔަޤީންކަމެއް އިހުސާސް ކޮށްދިނުމުގެ ގޮތުން އައިޝާ ބުންޏެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. ނީރާއަކީ މިހާރު ރަށުގައި ހުރި އެންމެ ކާމިޔާބު ގެސްޓް ހައުސްގެ ކާމިޔާބު ސްޕަވައިޒަރެކެވެ. އެ ދާއިރާއިން ތަފާތު ތަމްރީނުތައް ފުރިހަމަ ކޮށްގެން ހުރި ފިސާރި އަންހެނެކެވެ. ކުރިން ގޭގައި އޮވެ އަބަދު ކައިގެން ފަލަވި ހަށިގަނޑު މިހާރުވަނީ ވަރަށް ބޮޑަށް ލޫޅާފަތި ވެފައެވެ. ކުރިން މަލާމާތް ކުރި މީހުން މިހާރު ނީރާއަށް ޤަދަރު ކުރެއެވެ. ނީރާއަށް ދެރަގޮތް ހެދުނީތީ މައިންބަފައިންނާއި އާއިލާގެ އެންމެންނާއި އަވައްޓެރިންވެސް ދެރަވެއެވެ. ނީރާއަށް މިއަދު ހުރިހާ އެއްޗެއް ލިބިއްޖެއެވެ. ހުރިހާ ކަމެއް ބަދަލު ވެއްޖެއެވެ. ކަޅު ކުދިން ދޮން ކުދިންނަށް ބަދަލުވަމުން ދާތަންވެސް ފެނެއެވެ. ނަމަވެސް، ބަދަލު ނުވެ އޮތީ އެންމެ ކަމެކެވެ. ފާޑުފާޑުގެ ކްރީމްތައް އުނގުޅައިގެން ދޮންވާކަށް ނީރާ ބޭނުމެއް ނުވެއެވެ. ނީރާ މިހާރު އޭނާގެ ނަފުސު ދެކެ ލޯބިވެއެވެ.

ކަޅުވިޔަސް އޭނައަށް އޭނާ ރީއްޗެވެ. ހަޤީޤީ ރީތިކަން ވަނީ  ހަމުގެ ކުލައިގައި ނޫންކަން ނީރާ ޤަބޫލު ކުރެއެވެ. ފޮތުގެ ބަނޑޭރިގަނޑަކުން އެ ފޮތުގެ އެތެރޭގައި ލިޔެފައި ވާ ލިޔުންތަކުގެ ރީތިކަމާއި ފުރިހަމަކަމެއް ނޭނގޭނެއެވެ.

އެހެން މީހުންވެސް މިހާރު ބުނެއުޅެއެވެ. ކަޅުވިޔަސް ނީރާ ވަރަސް ރީއްޗެވެ. ނީރާއަށް ހިތުގެ ފުންމިނުން ހައްވައްތައާއި އައިޝާއަށް ވަރަށް ޝުކުރުވެރިވެއެވެ.

މަންމަވެސް މިއަދު ނީރާއާ ދޭތެރޭގައި ފަޚުރުވެރިވެއެވެ. މިހާރު މަންމަގެ ހަމައެކަނި ހިތާމަޔަކީ މާލޭގައި ތިބި ދެ ދަރިން މަންމަގެ ހާލުވެސް ބަލައި ނުލާތީއެވެ.

(ނިމުނީ)

Share Article

Follow Me Written By

Shaila

Level 110 Stories

Other Articles

Previous

ކޮމެޑީ ލޭންޑް 5

Next

އަބަދުވެސް ލޯބިވާނަން 8

Next
May 5, 2021

އަބަދުވެސް ލޯބިވާނަން 8

Previews
May 4, 2021

ކޮމެޑީ ލޭންޑް 5

One Comment

  1. Smoke gurl says:
    May 5, 2021 at 2:26 pm

    V reethi vhk eh ☺️????
    Waiting for the next story ❤️❤️✔️✔️??

Comments are closed.



All Right Reserved!