
“މަންމާ. އަޅުގަނޑު ތައްޔާރު ވެއްޖެން. ހިނގާ ދާން.” ތުގާ ރީތިވެ ނިމުމުން ކޮޓަރިން ނުކުތެވެ. އޭނާ ލައިގެން ހުރީ ކަކުލާއި ހަމައަށް އަރާވަރުގެ މިނާއޮށް ޖެހި، ބިސްކުލައިގެ ހެދުމަކާއި ކަޅު ކުލައިގެ ޖިންސެކެވެ. އޭނާގެ ދިގު އިސްތަށިގަނޑު ފޮރުވައިލެވިފައިވަނީ އަޅާފައި ހުރި މުށި ކުލައިގެ ޝޯލް އިނެވެ. މޫނު މަތީގައި މާބޮޑު މޭކަޕެއް ކޮށްފައެއްވެސް ނެތެވެ. ކުޑަ ފުށްކޮޅަކާއި ތުންފަތުގައި ހުރީ ކިފިޔާ ހިފާވަރަށް މަޑު މުށި ކުލައެއްގެ ލިޕުސްޓިކެއް ޖައްސާފައެވެ. އަތުގައި އަޅާފައި އޮތީ އޭނާ އަބަދުވެސް އަޅާ އުޅޭ ތަނޑިގަނޑެކާއި ގަޑި އެވެ.
މުނީރާ ވެސް ކޮޓަރިން ނުކުތީ އެ ގަޑީގައެވެ. އޭނާ ހުރީ ކަނޑު ނޫކުލައިގެ ދިގު ހެދުމަކާއިއެކު މަޑު ނޫ ކުލައިގެ ބުރުގަލެއް އަޅާފައެވެ.
ތުގާ އާއި މުނީރާ މާލެ އައިތާ މިވީ އަދި 2 ދުވަހެވެ. މިއަދަކީ ތުގާ އޭނާ އިންނަން ވާހަކަ ދެކެވިފައިވާ ކުއްޖާގެ އާއިލާ އާއި ބައްދަލު ކުރަން ދާ ދުވަހެވެ. އެހެންކަމުން ތުގާގެ ހިތުގައިވީ ނުތަނަވަސްކަން ހިނދެއް ހިނދަކަށް ދިޔައީ އިތުރު ވަމުންނެވެ. ޙާއްޞަކޮށް މީގެ ކުރިން ދުވަހަކުވެސް ނުދަންނަ މީހަކާއި ކައިވެނި ކުރަން ޖެހޭތީއެވެ.
ދެމައިން ކާރަކަށް އަރައިގެން ‘މޫން ބްރީޒް’ ގެއަށް ދިޔައެވެ. ކާރުން ފޭބުމާއެކު ދެ މީހުނަށް ވެސް އެގޭ ފެނުނެވެ. ވަރަށް ވެސް ބޮޑު ގެއެކެވެ. 4 ބުރިއަށް ނަގާފައި ހުރި އެ ގޭގެ ބޭރުން ވެސް ފެންނަމުން ދިޔައީ މުއްސަނދި ކަމެވެ. ޝާހީ ކަމެވެ. އެފަދަ ގެއަކަށް އެންމެ ފަހަރަކު ވަންނަ ހިތުން ވެސް މީހުން މޮޔަވާނެއެވެ.
“ނަން.” ގޭގެ ދޮރު ފާރަވެރިޔާ އެމީހުން ގާތުން ނަން ބުނުމަށް އެދުނެވެ. “އައިމިނަތު ތުގާ އިބްރާހިމް އަބޫބަކުރު. މުނީރާ އަހްމަދު.” ތުގާ ދެމީހުންގެ ނަން ބުނެދިނުމުން އެމީހާ ގޭޓު ހުޅުވުމަށް ފަހު ވަނުމަށް އެދުނެވެ.
ގޭގެ ގޯތި ތެރެއަށް ވަދެވުމުން ދެން ފެނުނީ މީހުންގެ ހިތްތައް ދަހިކޮށްލާނޭ ފަދަ މަންޒަރެކެވެ. އެ ބޮޑު ބިމުގެ ވަށައިގެން ހައްދާފައިވަނީ މާމެލާމެލީގެ އެކި ވައްތަރު ތަކެވެ. އެންމެ އާދައިގެ މާތަކުން ފެށިގެން ފިނިފެންމަލާއި އެކިއެކި ފާޑުފާޑުގެ ނުދަންނަ މާތައް ވެސް ހުއްޓެވެ. ގައިމުވެސް ކޮންމެވެސް މީހެއްގެ ބުރަ މަސައްކަތެވެ. އެ ބަގީޗާގެ މެދުގައި ހުރީ ގެއެވެ. އެ 4 ބުރީގެ އިމާރާތެވެ.
ދެމީހުން މަޑުމަޑުން ގޮސް ގޭގެ ދިރު ކުރިމަތީގައި ހުއްޓިލައި ބެލް ޖެއްސެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އަންހެނަކު ދޮރު ހުޅުވިއެވެ. “ތުގާ އެން ތުގާގެ މަންމަތޯ؟” އޭނާ ސުވާލު ކުރިއެވެ. “ލައްބަ.” ތުގާ ޖަވާބު ދިނެވެ.
“އާދޭ އެތެރެއަށް.” އެމީހާ ތުގާމެނަށް ގެއަށް ވަނުމަށް ދަޢުވަތު ދިނެވެ. ގޭތެރެއަށް ވަދެ ވުމާއެކު ސޯފާ ތަކުގައި އިށީނދެ ލައިގެން ތިބި ބަޔަކު ފެނުނެވެ. 40 ހަކަށް އަހަރުގެ އަންހެނަކާއި ފިރިހެނެއްގެ އިތުރުން 27 ވަރަކަށް އަހަރުގެ އަންހެން ކުއްޖަކާއި، 16 ވަރަކަށް އަހަރުގެ އަންހެން ކުއްޖަކު އިނެވެ.
“އަހާ. މިއޮއް އައީނު. އަވަހަށް އިށީނދޭ.” އެ ތާނގައި އިން ފިރިހެން މީހާ ތެދުވެލިއެވެ. ޖެހިލުންވެ ހުރެ ތުގާ މެން ގޮސް ކުރިމަތީގައި ހުރި ސޯފާގައި އިށީނެވެ. އެ ފިރިހެން މީހާ އިށީނދެލިއެވެ. “އަހަރެންގެ ނަމަކީ ނާފިޒް. މީ އަހަރެންގެ ފުރަތަމަ އަންހެނުން ފިރާޝާ. އަހަރެންގެ ދެވަނަ އަނބިމީހާ ހުމޭދާ ވީ އެންމެ ދޮށީ ދަރިފުޅު ހައިޝަމް އާ އެއްކޮށް ލަންކާގަ އަދި. ދެން ދޮށްޓަށް އެހެރީ އަސްނާ. އެންމެ ހަގަށް އީޝަލް.” އެމީހާ އެންމެން ތަޢާރަފު ކޮށްދިނެވެ.
“އަޅުގަނޑުގެ ނަމަކީ ތުގާ. ދެން މީ އަޅުގަނޑުގެ މަންމަ މުނީރާ.” ތުގާ ވެސް ތަޢާރަފު ވެލިއެވެ.
“ދަރިފުޅާ އީޝަލް. ދޭބަ ކުޑަބެއަށް ގޮވާލަން.” ފިރާޝާ އީޝަލް އަށް ބުންޏެވެ. އީޝަލް ތުގާމެނަށް ހިނިތުންވެލަމުން ތެދުވިއެވެ. އަދި ސިޑިން އަރައިގެން ދިޔައެވެ. “އަޔާޒް ދެންމެ ހައިއްކައިރު އެއައީ ވަޒީފާއިން. އަންނާނެ އިރުކޮޅަކުން.” ހުމޭދާ ބުނެލިއެވެ.
އިރުކޮޅެއް ފަހުން އީޝަލް އާއި އެކު ޒުވާނަކު ފައިބައިގެން އައެވެ.
އެ ޒުވާނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމެވެ. ނަމަވެސް މުށި ކުލައިގެ އެދެލޯ މަސައްކަތް ކުރަމުން ދިޔައީ އެކަން ނުދެއްކޭތޯއެވެ. ބަލާބެލުމަށް އޭނާ އަކީ 25 ވަރަކަށް އަހަރުގެ ޒުވާނެކެވެ. އިސްކޮޅުން ދިގުވެފައި ބާމަތި ފުޅާކޮށް ހުރުމުން ފިރިހެންވަންތަ ކަން އަންގައިދެއެވެ. ލައިގެން ހުރި ކަޅު ގަމީހާއި ފަޓުލޫނުން ފެންނަމުން ދިޔައީ ޝަހުސިޔަތުގެ ވަރުގަދަ ކަމެވެ.
އެ ޒުވާނާ އައި ގޮތަށް އައިސް ނާފިޒް އާއި ޖެހިގެން އިން ސޯފާ ސީޓުގައި އިށީނެވެ. ނާފިޒް އެ ޒުވާނާގެ ކޮނޑުގައި ހިފާލަމުން ތުގާއަށް ބަލައިލިއެވެ. “މީ އަހަރެންނާ ހުމައިދާގެ ދަރިފުޅު އަޔާޒް. އަޔަޒް އޭނީ ތުގާ.”
އަޔާޒް ތުގާއަށް ބަލައިލިއެވެ. ރީތި އަންހެން ކުއްޖަކެވެ. 23 އަހަރޭ ބުންޏަސް ބަލާބެލުމަށް ހީވަނީ 18 އަހަރުގެ ކުއްޖެއް ހެނެވެ. އަޔާޒަށް އެންމެ ބޮޑަށް ފާހަގަވީ އެ އަންހެން ކުއްޖާގެ ދެލޮލެވެ. ރާއްޖެ ކުއްޖަކަށް ނޫ ކުލައިގެ ކަޅިއެއް ލިބުމަކީ ވަރަށް މަދުން ދިމާވާ ކަމެކެވެ. ނަމަވެސް އޭނާގެ ކުރިމަތީގައި އެއިން އަންހެން ކުއްޖާގެ ކަޅި އިނީ ވަރަށް މަޑު ނޫ ކުލައެއްގައެވެ. ކިރިޔަ ކިރިޔާ މޭކަޕް ކޮށްލާފައި ހުރި ނަމަވެސް އޭނާގެ މޫނުމަތީގެ ރީތިކަން ކުޑަކޮށް ވެސް ފަނޑުވެފައެއް ނުވެއެވެ. ވަރަށް ވެސް ހިތްގައިމެވެ.
އަޔާޒްގެ ކަޅި ހުއްޓުނީ ތުގާ ލައިގެން ހުރި ހެދުމަށެވެ. ވަރަށް ވެސް އާދައިގެ ހެދުމެކޭ އޭނާގެ ހިތަށް އެރިއެވެ. ވަގުތުން އެ ނޫ ކަޅި ވެސް ހަނދާން ނެތި، ހިތަށް ފޫހިކަމާއި ރުޅިވެރިކަން ވަނެވެ. ޙާއްޞަކޮށް އެ ކައިވަންޏަކީ އޭނާގެ އެއްވެސް ބާރެއް ނެތް ކައިވެންޏެއްކަން ހަނދާން ވުމުންނެވެ.
ތުގާ އަޔާޒް އާއި ދިމާއަށް ބަލައިލިއެވެ. ކުޑަކޮށް ވެސް ހަޑިއެއް ނޫނޭ އޭނާގެ ހިތަށް އެރިއެވެ. ހަމަ ރީއްޗެވެ. އަންހެން ކުދިންގެ ހަމަބުއްދި ފިލާ ދާހާ ރީތިކަން ލިބިފައި އެބަހުއްޓެވެ. ނަމަވެސް އެއީ އޭނާގެ ހިތުގެ ވެތިޔާއެއް ނޫނެވެ. ދުވަހަކުވެސް އޭނާގެ ކުރީގެ ފިރިމީހާ ނޫން މީހަކަށް އެ މަގާމެއް ނުލިބޭނެއެވެ.
އޭނާގެ ހިތަށް ލައިތުގެ ފިރިހެންވަންތަ ސޫރަ ވަނުމާއެކު ވަގުތުން އިސްޖަހާލިއެވެ. އެހިނދު އެހިތް ރޯލިއެވެ. ލައިތް ނޫން އެހެން މީހެއްގެ ޙައްޤަކަށް ވާކަށް އެހިތް ހަމަހިލާ ގަބޫލެއް ނޫނެވެ.
މުނީރާ ތުގާގެ އަތުގައި ހިފާލީ ހިތްވަރު ކުރާށޭ ބުނާ ފަދައަކުންނެވެ.
“ހިނގާ ކާން ދާން. އެންމެން ހަމަވީނުދޯ؟” ފިރާޝާ ހިތްހެޔޮ ކަމާއެކު ވާހަކަ ދެއްކިއެވެ. އަދި އެންމެން އެއްކޮށް ކާގެއަށް ކާން ދިޔައެވެ. ކެއުމުގެ ތެރެއިން އަޔާޒާއި ތުގާގެ ކައިވެނީގެ ކަންކަން ރޭވިގެން ވެސް ދިޔައެވެ. ހުރިހާ ކަމެއްގައި ވެސް ވާހަކަ ދައްކައި ހެދީ ހަމައެކަނި މުނީރާ އާއި ނާފިޒާއި ފިރާޝާއެވެ. އެންމެ ފަހަރަކު ވެސް އަޔާޒާއި ތުގާ އެއްޗެކޭ ނުބުނެއެވެ. ދެމީހުން ވެސް އެމީހުންގެ މައިންބަފައިންގެ އަތްމައްޗަށް އެކަން ދޫކޮށްލައިގެން ތިބެ ކެއީއެވެ.
“ދަރިފުޅުމެން ދެކުދިން ދޭބަ ޓެރަހަށް ވާހަކަ ދައްކާލަން. ކައިވެނި ކުރަނީ ގި ދެ ކުދިންނެއްނު. އެކަކު އަނެކަކާ ވާހަކަ ދައްކަން ވާނެނު.” ފިރާޝާ އެހެން ބުނުމުން ނުދާން ހުރެފައި ދެމީހުން ވެސް ދިޔައެވެ.
ތުގާ އަޔާޒް ފަހަތުން ހިނގާފައި ދިޔަ ވަރަކަށް ދިޔައީ ހިތް ނުތަނަވަސް ވަމުންނެވެ. އޭނާއަށް ދިޔައީ އުނދަގޫ ވަމުންނެވެ. އޭނާގެ ހިތް ނޭދޭ ކަމެއް ކުރަން ޖެހޭތީއެވެ.
ޓެރަހުގައި ތިބި އިރު އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. ދެމީހުން ވެސް ހުރިގޮތަށް ހުރީއެވެ. އެންމެފަހުން އުނދަގޫ ވެގެން ކަންނޭނގެއެވެ. އެ ހިމޭންކަން ފޫދުއްވައިލީ އަޔާޒެވެ.
“އަހަރެން ރީއްޗަށް ތެދަށް ބުނާނަން ތުގާ ގާތު.” އަޔާޒް ތުގާ އާއި ދިމާއަށް ބަލައިލިއެވެ. “އަހަރެންނާއި ކައިވެނި ކޮށްގެން އުފަލެއް ނުލިބޭނެ. އަހަރެން ކުރާހިތުން ކުރާ ކައިވެންޏެއް ނޫން މީކީ. ގަދަ ކަމުން ކައިވެނި ކުރެވުނަސް އަހަރެންގެ އަންބަކަށް ތުގާ ވިޔަސް އަހަރެން ބަދަލެއް ނުވާނަން. އަހަރެން މި ކައިވެނި ކުރަން އެއްބަސްވީ އަހަރެންގެ ބައްޕަގެ ކުންފުނި މުޅި އެއްކޮށް އަހަރެންގެ ނަމަށް ބަދަލު ކުރާނީ އޭރުން ކަމަށް ވާތީ. އައިމް މެރިއިން ޔޫ ފޯ މަނީ. އެހެންވެ މިބުނަނީ، އިފް ޔޫ ވޯންޓް ޓު ބެކް އައުޓް، ޔޫ ޝުޑް ޑޫ އިޓް ނައު. އޮރ ޔުއާ ލައިފް ވިލް ބީ ޑިސްޓްރޯއިޑް. ތުގާދެކެ ލޯބިނުވާ މީހަކާއެކު އުޅެން ޖެހޭނީ.”
“އައި ޑޯންޓް މައިންޑް. އަހަރެން މި ކައިވެންޏަށް އެއްބަސްވީ ކުރާހިތަކުން ނޫން. އަހަރެންގެ މަންމައަށް ޓަކައި. އަހަރެންނަށް އަޔާޒުގެ ލޯބި ނުލިބުނަސް މައްސަލައެއް ނެތް. ޝަކުވާއެއްވެސް ކުރާކަށް ނެތިން. އަހަރެން ކުރިން ވެސް ބުނިހެން އަހަރެން މިކަން މި ކުރަނީ އަމިއްލަ މީހާ އަކަށް ނޫން. މަންމަގެ އުފަލަށްޓަކައި.” ތުގާ ހާމައަށް އޮތް އުޑުމައްޗަށް ބަލައިލަމުން ބުންޏެވެ.
އަޔާޒް ތުގާ އާއި ދިމާއަށް ބަލައިލިއެވެ. “އެންމެ ރަނގަޅު. އެކަމަކު ބުނަން. އަހަރެން އުޅޭހާ ގޮތެއް ހޯދަން އުޅެގެން ނުވާނެ. އެކަންވަންޏާ އެ ނިމުނީ. އަހަރެން ހަރަދުތައް ބަލަހައްޓާދޭނަން. އެކަމާ ހާސްވާކަށް ނުޖެހޭނެ.” އަޔާޒް ބުނެލި ގޮތުން ތުގާއަށް އިހުސާސްވީ އެއީ މަލާމާތެއްގެ ގޮތުގައެވެ.
“އަހަރެން މީ ރާއްޖެތެރޭގެ އަންހެން ކުއްޖަކަސް އަހަރެން މިހިރީ ރަނގަޅަށް ކިޔަވައިގެން. އަހަރެންނަށް ހަރަދުތައް ބަލަހައްޓަން ކެރޭނެ. އަހަރެންގެ ކޮންމެ ކަމަކަށް އަޔާޒު ނުޖެހޭނެ ފައިސާ ދޭކަށް. އަހަރެން އަޔާޒު ގާތު އެކަމު އެދެން އެއްކަމަކަށް. އަހަރެން ވަޒީފާއަށް ދިއުމުގެ ހުއްދަ. އެނޫން ކަމެއް އަހަރެން ބޭނުމެއް ނޫން.” ތުގާ ރައްދުގައި ބުނެލިއެވެ.
“އަހަރެންގެ މައްސަލައެއް ނެތް. ތުގާ ބޭނުން ގޮތެއް.” އަޔާޒު އެހެން ބުނެފައި ގޮނޑިއެއްގައި އިށީނެވެ. ތުގާ ފަހަތް ބަލައިވެސް ނުލައި ހުއްޓެވެ.
…………………
އެރެއަށްފަހު ކައިވެނި ޕާޓީގެ ތައްޔާރުވުންތައް ފެށުނެވެ. ތުގާ އާއި މުނީރާ އެދުނީ އާދައިގެ ކައިވަންޏަކަށް ނަމަވެސް ނާފިޒްމެން ބޭނުންވީ ގޮތަށް ހަމަޖެހުނެވެ. އެއީ ކުލަގަދަ ޕާޓީއެއް ދިނުމަށެވެ. މޫން ބްރީޒްގެއަށް ގޮސް އުޅުމުގެ ތެރޭގައި ތުގާއަށް އެނގިގެން ދިޔައީ އީޝަލް އަކީ ފިރާޝާގެ ހަމައެކަނި ކުއްޖާއެވެ. އޭނާ ކިޔަވަނީ ގްރޭޑް 11ގެ ސައިންސު ކުލާހެއްގައެވެ. އޭނާގެ ވިސްނުމަކީ އައިޓީގެ ދާއިރާއިން ކުރިއަށް ދިއުމެވެ.
ދެން ހުރި އަސްނާ އާއި، އަޔާޒާއި، ހައިޝަމް އަކީ ހުމޭދާގެ ކުދިންނެވެ. އަސްނާ އަކީ ޑޮކްޓަރެކެވެ. ހައިޝަމް އަކީ ބިޒްނަސް މެނޭޖަރެކެވެ. އޭނާ އަކީ މޫން ބްރީޒް ކުންފުނީގެ ލަންކާ ބްރާންޗްގެ ބޮޑު މީހާއެވެ. ނާފިޒްގެ ދެ އަނބިން ހުއްޓަސް ދެ މީހުން ވެސް ވަރަށް ގުޅޭ ކަމެވެ. އާއިލާ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނުޖެހޭކަމެވެ.
ތުގާ އެގެއަށް ގޮސް އުޅޭ އިރު އަސްނާ އަބަދު ހުންނަނީ މޫނު ހަދައިގެނެވެ. ނަމަވެސް އެކަމަކަށް އޭނާގެ ފަރުވާލެއް ނެތެވެ. އެއީ އޭނާއަށް މިހާރު އާކަމެއް ނޫނެވެ. އެހެން ނޫނަސް އޭނާ މި ކައިވެނި ކުރަނީ ކުރާ ހިތަކުންވެސް ނޫނެވެ. އެހެންކަމުން އޭނާ އެކަމަކަށް ފަރުވާލެއް ވެސް ނުބެހެއްޓިއެވެ. އޭނާގެ ހުރިހާ ވެސް ފޯކަހެއް ހުސްކުރެވިފައިވީ އޭނާގެ ބައްޕަ ނެތް ދުނިޔެއެއްގައި އޭނާގެ މަންމަ އުފާކޮށް ދިނުމަށެވެ. އެހެންކަމުން އެ ކަންކަމަކަށް އޭނާގެ ޝަކުވާއެއް ނެތެވެ.
އެގޭގައި ތުގާއާއި ވާހަކަ ދައްކާލައި ހަނދަނީވެސް ފަރީޝާ އާއި ނާފިޒާއި އީޝަލް ގެ އިތުރުން އެގޭ މަސައްކަތް ކުރަން ހަމަޖައްސާފައިހުންނަ ދައްތަ، ނިއުމާއެވެ. އެމީހުން އޭނާއަށް ވަރަށް ވެސް ހެވެވެ. ދެން އޭނާ އާއި ވާހަކަ ދެއްކާނީ އަޔާޒެވެ. އެއީ ކޮންމެހެން ވާހަކަ ދައްކަން ޖެހިއްޖެނަމައެވެ.
އެންމެފަހުން ކައިވެނީގެ ބޮޑު ދުވަސްވެސް އަތުވެއްޖެއެވެ
☺️