ކުރެވުނު އިހުސާސް
ލޯގަނޑުގެ ކުރިމަތީގައި އަހަރެން ހުއްޓި ހުރީމެވެ. އަހަރެންގެ ހިތް އެދެމުން ދިޔައީ އެ ލޯގަނޑު ތަޅާލާށެވެ. އަހަރެންގެ ސިފައަށް އަހަރެން ނަފުރަތު ކުރަމެވެ. ރުޅިއައިސްގެން ޑްރެސިންގް ޓޭބަލްގެ މަތީގައި އަހަންނަށް މުއްކެވި އަތުން ޖެހުނެވެ. މޭޒުމަތީގައި ހުރި ބައެއް ފުޅިތައް ވެއްޓި ތަޅައިގެން ވެސް ހިނގައްޖެއެވެ. ނަމަވެސް އެކަމާ ވިސްނާ ވަރަށް ވުރެ އަހަރެންގެ ސިކުނޑި ވަނީ ބަލިވެފައެވެ. މިއީ ކޮންމެ ދުވަހަކު އަހަރެން ސްކޫލުން އައިސް އުޅެންޖެހޭ ހާލެވެ.
އަހަރެން ގޮސް އެނދުމައްޗަށް ވެއްޓިގަތީމެވެ. ރޮއި ރޮއި ވަރުބަލި ވިޔަސް އަހަރެންގެ ހިތް ނުފުރޭނެކަން ވެސް އެނގެއެވެ. ބައެއް ފަހަރު އަހަރެންގެ ކަލާނގެ އަހަރެން މި ސިފައިގައި ހެއްދެވީ ކީއްވެގެންބާއޭ ވެސް ހިތަށް އަރައެވެ. މި ސިފައިގައި ހެއްދެވުމަށްވުރެ އަހަރެން ދުނިޔެއަށް އުފަންނުވިނަމަ ރަނގަޅެވެ.
މުޅި ސްކޫލުގައި ވެސް އަހަރެންހާ ކުރު ކުއްޖަކު ނޫޅެއެވެ. ކުޑައިރުއްސުރެ އަހަރެން ހުންނަނީ އެހެން ކުދިންނަށް ވުރެ ކުރުކޮށެވެ. ބޮޑުވާވަރަކަށް އެހެން ކުދިންގެ ހަށިގަނޑުގެ ބައްޓަން ރީތިވެ ލޫޅާފަތި ވަމުން ދާގޮތަކަށް އަހަރެންގެ ހަށިގަނޑަކަށް ނުވެއެވެ. އުމުރުން 16 އަހަރު ވީއިރު އަހަރެންގެ ހަށިގަނޑު ވެސް ވަރަށް ފަލަވިއެވެ.
ގުދުރަތުން އަހަންނަށް ދޮން ހަންގަނޑަކާ ރީތި ދެލޯ ދެއްވާފައި ވީނަމަވެސް އެއްވެސް ފިރިހެން ކުއްޖެއްގެ ސަމާލުކަމެއް އަހަންނަކަށް ދުވަހަކުވެސް ނުލިބެއެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ އެންމެ ފުރަތަމަ ވެސް އެމީހުންގެ ލޮލުގައި އަޅައިގަންނަނީ އަހަރެންގެ ކުރު މަސްޖަހާފައިވާ ހަށިގަނޑެވެ. ބަރުދަނުގައި 49 ކިލޯ ހުންނަ އަދި އެހާމެ ކުރު އަންހެން ކުއްޖަކާ މި ޒަމާނުގެ ފިރިހެން ކުދިން ލޯބީގެ ނަޒަރަކުން ބަލާލާނީ ވެސް ކިހިނަކުން ހެއްޔެވެ؟ ނަމަވެސް އަހަންނަކީ ވެސް ހަމަ އެހެން އަންހެން ކުދިން ފަދަ އިންސާނެއްކަން އެމީހުންނަށް ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ވެސް އޮންނަނީ ހިތެކެވެ. އެއްވެސް މީހަކު ދެެެކެ ލޯބިނުވާން އަޒުމު ކަނޑައަޅައިގެން ހުއްޓާ އަހަރެންގެ ބަސްނާހާ ހިތް އަހަންނަށް ނުކިޔަމަންތެރިވީއެވެ. އަހަންނަށް ލޯބިވެވުނީ ވަރަށް ވެސް ރީތި ފިރިހެންކުއްޖެއް ދެކެއެވެ. އެއީ އަހަރެންގެ ކުލާހުގައި އުޅޭ ޖައިޝާން ދެކެއެވެ. އެ ކަހަލަ ރީތި ކުއްޖަކު އަހަންނާ ދިމާއަށް ބަލާވެސްލާނެ ހެއްޔެވެ؟ އަހަރެން އުމުރަށް އެ ލޯބި ފޮރުވާނަމެވެ. އެއްވެސް މީހަކަށް އަހަރެން ޖައިޝާން ދެކެ ލޯބިވާކަން ހާމައެއް ނުކުރާނަމެވެ.
ކޮންމެ ދުވަހަކު ކުލާހަށް ވަންނައިރަށް އަހަރެންނަށް އެތަށް ކުއްޖެއްގެ މަލާމާތްތައް އަމާޒުވެއެވެ. އެ މީހުން ހިތުން އެކުރެވެނީ ސަމާސާއެވެ. ނަމަވެސް އެ ސަމާސާ ތަކުން އަހަރެންގެ ހިތަށް ވާ ތަދު އެ މީހުންނަށް އަންދާޒާ ނުކޮށްލެވެނީއެވެ. ކޮންމެ ދުވަހަކު ވެސް ޖައިޝާން އެހެން އަންހެން ކުދިންނާ ވާހަކަ ދައްކާ ސަމާސާ ކޮށް ހަދާތަން އަހަންނަށް ފެނެއެވެ. ނަމަވެސް އޭނާ އަހަންނާ ދިމާއަށް އެއްފަހަރުވެސް ބަލާ ނުލައެވެ. އަހަންނަށް ކުށްވެރި ކުރެވެނީ އަމިއްލަ ނަފްސެވެ. އަހަންނަށް ދިމާވާ ދަތި ކަންތަކުގައި އެހީވެދޭނެ އެކުވެރިންނެއް ނުހުރެއެވެ. ކުލާހުގައި އުޅޭ ކޮންމެ ކުއްޖަކުވެސް “ބެސްޓް ފްރެންޑެއް” ގެންގުޅެއެވެ. ނަމަވެސް އަހަރެންނާ އެކުވެރިވެލާނެ ކުއްޖަކު މުޅި ސްކޫލުގައިވެސް ނޫޅެއެވެ.
އެއްދުވަހު ކުލާހުގެ މުދައްރިސް އަހަރެން އެ ކުލާހުގެ އެންމެންގެ ކުރިމައްޗަށް ގެންދިއައެވެ. އެންމެންގެ ނަޒަރު އަހަންނަށް އަމާޒުވަމުން ދިޔައިރު އަހަރެންގެ ދެއަތް ފިނިވަމުން ދިޔައެވެ. ދެން މުދައްރިސް ގެނައީ ކުލާހުގައި އުޅޭ އެންމެ ދިގު އަންހެން ކުއްޖާ ކަމަށްވާ އިންޝާއެވެ. އޭނާ ދިގުކަމުން ހީވާނީ ހަމަ އެންމެ އުސް އިމާރާތެއްހެނެވެ. ނަމަވެސް އޭނާގެ ވެސް ރީތި ލޫޅާފަތި ހަށިގަނޑެއް އޮވެއެވެ. އޭނާ ގެނެސް އަހަރެން ކައިރީ ބެހެއްޓުމާއެކު ކުދިންތައް އެކަކު އަނެކަކު ކަންފަތް ދޮށުގައި ހީހީފައި އެއްޗެހިތަކެއް ކިޔަމުން ގެންދިޔައެވެ. އެމީހުން އެ ދައްކަނީ އިންޝާއާ އަޅާ ބަލާއިރު އަހަރެންގެ ކުރުކަމުގެ ވާހަކަކަން އަހަންނަށް އެނގުނެވެ. އިންޝާ ގާތު ހުންނަން ޖެހުމުން އަހަންނަށް ވެސް އަހަންނަކީ ކިހާ ކުރު މީހެއްކަން އިހުސާސްކުރެވުނެވެ. އެވަގުތު ބިންފަޅާ އަޑިއަށް ދެވޭނެ ނަމައޭ ވެސް އަހަރެންގެ ހިތަށް އެރިއެވެ.
”ކުރު!“ ކުއްލިއަކަށް މުދައްރިސް އަހަންނަށް އިޝާރާތްކޮށްލަމުން އެހެން ބުނެލިގަޑީގައި އަހަރެންގެ މެއަށް ފިނިވެގެން ދިޔައެވެ. ބައެއް ކުދިން އަހަންނާ ދިމާއަށް އިޝާރާތްކޮށްފައި ހޭތަން ވެސް ފެނުނެވެ. މުދައްރިސް ކޮންމެވެސް އެއްޗެއް ކިޔާ އަޑުވެސް އިވެމުން ދިޔައެވެ. ނަމަވެސް، މުދައްރިސް އެހާ ކައިރީގައި ހުރި އިރުވެސް އަހަންނަށް އެއެއްޗެއް އަޑުއިވެމުން ދިޔައީ ވަރަށް ފުސްކޮށެވެ.
”އެކަމުގެ ސަބަބުން އޭނާގެ ކުރު ކަން ހާމަވެއެވެ..“ މުދައްރިސް އެހެން ބުނެލި ގަޑީގައި އަހަންނަށް ބަލާލެވުނީ ޖައިޝާންއާ ދިމާއަށެވެ. ޖައިޝާންވެސް އަހަންނަށް ބަލަބަލާފައި ކައިރީގައި ހުރި ކުއްޖާއާ އެކު ހެމުން ދިޔަތަން ފެނުމުން އަހަރެން ދެރަވިއެވެ. މުޅި ކުލާހުގެ އެންމެން އަހަންނަށް މަލާމާތްކުރަމުން ދިޔައެވެ. މުޅި ތަން އެނބުރޭ ކަމުގެ އިހުސާސް އަހަންނަށް ކުރެވެމުން ދިޔައެވެ. ދެލޮލުން ހޫނު ކަރުނަތައް ވެސް ފައިބައިގަތީ ބޭއިޚްތިޔާރުގައެވެ. މުދައްރިސް އަހަންނާ ކޮންމެވެސް ސުވާލެއް ކުރަމުން ދިޔަކަން ވެސް އެނގުނެވެ. ނަމަވެސް އަހަންނަށް އެ ކިޔާ އެއްޗެއް ސާފެއް ނުވިއެވެ. މުދައްރިސް ގޮވަ ގޮވާ އޮއްވައި އަހަރެން ކުލާހުން ނިކުމެގެން ދިއައީ ހިތުގައި ޖެހުނުލެއް ބޮޑުކަމުންނެވެ.
އޭގެ ފަހުން އަހަރެން ކާހިތްވެސް ކެނޑުނެވެ. އެއްވެސް އިރަކު އެހެން ނުކައި ހުންނަން ފެށުމުން މަންމަ ވެސް އަހަންނަށް ވަރަށް އެއްޗެހި ކިޔައެވެ. ނަމަވެސް ކަރުތެރެ ހިކިގެން ގޮސް ކެއް ނުވާވަރުވީމަ ނޫނީ އަހަރެންނަކަށް ފެނެއް ވެސް ނުބޮވެއެވެ. އެހާ ވެސް އަހަރެން ދެރަވިއެވެ. އެންމެން ވެސް އަހަންނަށް ކުރަނީ މަލާމާތެވެ. އަހަރެންގެ ސިފައިގެ ސަބަބުންނެވެ. އަހަރެން މިހާރު ބޭނުމީ މަރުވާށެވެ. އަހަރެން ދިރި ހުރުމުގެ ބޭނުމެއް ނެތެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަހަރެންގެ ހަށިގަނޑު ދެރަވެ ނިކަމެތިވަމުން ދިޔައެވެ. މަންމަ އާދޭސްކޮށްކޮށް ވެސް ކާކަށް އަހަރެން އެއްބަހެއް ނުވީމެވެ. ދުވަސްކޮޅެއް ފަހުން އަހަންނަށް މާގަދައަށް ހޮޑު ލެވެން ފެށިއެވެ. އަބަދުވެސް ހުންނަނީ މޭނުބައިކޮށް ހޮޑުލަވާ ގޮތްވެފައެވެ. ބަނޑުގައި ވަރަށް ގަދައަށް ރިހޭ ހެން ވެސް ހީވެއެވެ. ޑޮކްޓަރަށް ދެއްކުމުން އަހަންނަށް އެނގުނީ އަހަރެންގެ ގޮހޮރުގައި ފާރު އުފެދި ކެންސަރަށް ބަދަލުވެފައިވާ ކަމެވެ. އެހާ ގިނަ ދުވަހު ނުކައި ހުރުމުގެ ސަބަބުން އަހަންނަށް ލިބުނު ޝަޒާ އަކީ އެޔެވެ.
އަހަރެން ހޮސްޕިޓަލުގައި އެޑްމިޓު ކުރެވުނީ އޭގެ އަނެއް ދުވަހުއެވެ. އަހަރެން ކާން ވެސް ޖެހުނީ ބަނޑަށް ހޮޅިއެއް ގުޅައިގެންނެވެ. މެޑިކަލް ޗެކަޕެއް ހެދުމުން އެނގުނީ އަހަރެންގެ އެއްކިޑްނީ ފެއިލް ވެފައިވާ ކަމަށެވެ. އަނެއް ކިޑްނީވެސް ފެއިލްވާން ކައިރިވެފައިވާ ކަމެވެ. މި ހުރިހާ ކަމެއްގެ ސަބަބުން އަހަރެން ދެރައެއް ނުވެއެވެ. ވަނީ އުފަލެވެ. އަހަރެން މި ދުނިޔެއާ އަލްވަދާއު ކިޔަން ކައިރިވެއްޖެކަމުގެ ސިގްނަލް ލިބުނުމުން އަހަރެންވީ އުފަލެވެ. ދުނިޔެމަތީގައި އުޅެން ފޫހިވެފައިވާ މީހަކަށް އެއީ ކިހާ ބޮޑު އުފަލެއް ކަމެއް އެހެން މީހުންނަކަށް ނޭނގޭނެެެވެ. އަހަރެން ހަމައެކަނި ދެރަވީ ކޮންމެ ދުވަހަކު މަންމަ އަހަރެން ކައިރިއަށް އައިސް ރޯ ރުއިން ފެންނާތީއެވެ. މަންމަ އެކަނި ކޮށްލާފައި ދާކަށް ވެސް އަހަރެން ބޭނުމެއް ނުވެއެވެ.
އެޑްމިޓު ކުރިތާ ދެމަސް ފަހުން އަހަރެންގެ ކުލާސް ބައެއް ކުދިން އަހަރެންގެ ހާލު ބަލާލަން ހޮސްޕިޓަލަށް އައެވެ. އެ އެންމެންގެ ތެރޭގައި ހުރި ޖައިޝާން ފެނުމުން އަހަރެންގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. ކުލާސްކުދިންތައް ދެރަވެފައި ހުރެ އަހަންނަށް ހިތްވަރު ދެމުން ދިޔައިރު އަހަރެންގެ ރުޅި ގަދަވަމުން ދިޔައެވެ. ނަމަވެސް އަހަރެން މޫނުމަތިން އެކަން ނުދައްކާ ވޭތޯ ބެލީމެވެ. އަހަރެން މި ބަލި އެނދުގައި އޮންނަން ޖެހުނީ ހަމަ އެމީހުންގެ ސަބަބުންނެވެ. އަހަރެން މި ހާލަށް ވައްޓާލީ ހަމަ އެ މީހުންނެވެ. އެމީހުން ދިޔުމާއެކު އަހަރެންގެ ދެލޯ ފެންކަޅިވެގެން ދިއައެވެ. ދުވަސްކޮޅަކުން އަހަރެން އެއެންމެނާ މާ ދުރަށް ދާނެއެވެ. އަބަދުގެ އަބަދަށް މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔާނެވެ.
One Comment
Comments are closed.

Is this a true story???……..love thiss