
އަހަންނަށް މައާފުކުރާށޭ
“ލޯބިވާ މަންމައާއި ބައްޕައަށް..
ވެދުން ސަލާމަށްފަހު ލިޔަމެވެ.
މަންމާއެވެ. ބައްޕާއެވެ. މިޝަކުވާތައް ކިޔުމަށްފަހު ދެރަވެ ކަރުނަ ނާޅާނެކަމަށް ހީކުރަމެވެ. މިއީ އެންމެ ދުވަހެއްގެ ޝަކުވާއެއްނޫނެވެ. މީގައި މިލިޔެލެވެނީ ސޯޅަ އަހަރު ދުވަހުގެ ތެރޭގައި މިދަރިފުޅުގެ ހިތުގައި އުފެދި އިތުރުވަމުން ދިޔަ ޝަކުވާތަކެވެ. ސޯޅަ އަހަރު ދުވަހުގެ ތެރޭ މިނިކަމެތި ހިތުގައި އެޅި ވޭނާއި ކެކުޅުންތަކެވެ. ޒަޚަމްވެފައިވާ ފާރުގަނޑުތަކުން ތޮރުފި ފަނާވަމުން ދިޔަ ނިކަމެތި ހިތުގެ އެންމެފަހުގެ ޝަކުވާތަކެވެ.
އަޑުއަހާށެވެ. އަހަރެންގެ ދުލުން ނުކިޔުނު ކަމުގައިވީނަމަވެސް، މި ސިޓީގައިވާ ކޮންމެ ޢިބާރާތެއް ކިޔުމަށްފަހު މަންމައާއި ބައްޕައަށް އަހަރެންގެ ޙާލު އިހްސާސްވާނެކަން ކަށަވަރެވެ. ޤަބޫލުކުރަމެވެ. ނުވަމަހާއި ނުވަދުވަހު މަންމަގެ ބަނޑުގައި އަހަރެން ބޭއްވީ އެބަނޑުގައި އެއްވެސް އެއްޗަކުން ޖެހި އަހަރެންނަށް އަނިޔާ ވެދާނެކަމުގެ ބިރު ރެޔާއިދުވާލު އިހްސާސް ކުރަމުންނެވެ. ރެޔާއިދުވާލުގެ ނިދި ނަގާލައި ބުރަހެލި ހަށިގަނޑާއެކު ބޯވެފައިވާ ފައިތިލައިގައި އެޅިވޭން ތަހައްމަލުކުރީ ހަމަ އަހަރެންނަށްޓަކައެވެ. އެއީ އަހަރެން އުމުރު ދުވަހު މަސައްކަތްކުރި ކަމުގައިވިޔަސް، މަންމައަށް އަދާ ކޮށްދެވޭނެ ދަރަންޏެއް ނޫނެވެ. މަންމާއެވެ. އަހަރެން މަންމަދެކެ އިންތިހާއަށް ލޯބިވަމެވެ. މަންމަ އަހަރެންނަށްޓަކައި އުފުލި ބުރައާ ތަހައްމަލު ކުރި ވޭނުގެ އަގަކީ މިއީހޭ ސުވާލު ނުކުރައްޗެވެ. ސަބަބަކީ މިސިޓީގައި މަންމަގެ ހިތުގައި ޖެހޭފަދަ ޢިބާރާތްތައް ވެސް ހުންނާނެތީއެވެ. އާނއެކެވެ. އަހަރެންނަށް މިއަދު މިހާލު މިޖެހުނީ މަންމަގެވެސް ކުށުންނެވެ. އަހަރެންނަށް މަންމަ މާފްކުރާށެވެ. މިއީ ދަރިއެއްގެ ޝުޢޫރެވެ. މަންމާއެވެ. ބައްޕަ މަންމައަށް ކުރި އަނިޔާތައް އެންމެ ގާތުން ދުށްމީހަކީ ޚުދު އަހަރެންނެވެ. ރޭގަނޑާއި ދުވާލު ބައްޕަގެ އަނިޔާތަކަށް މަންމަ ކެތްކުރީމު ނޫންހެއްޔެވެ؟ ބައްޕަގެ ވިހަގަދަ ޖުމްލަތަކާއި ހަރުކަށި އަމަލުތައް މަންމަ ބަލައިގަތީ ހިތްދަތިކަމާއި ވޭނުން ފުރިފައިވާ ހިތަކާއިގެން ނޫން ހެއްޔެވެ؟ އަހަރެން އެމަންޒަރުތައް ދުށީމެވެ. ދުވާލުވެސް ރޭގަނޑުވެސްމެއެވެ. މަންމާއެވެ. އަހަރެން މަންމައަށް އެހީވާން ބޭނުންވިއެވެ. އަދި ބައްޕައަށް ވިސްނައިދޭން އިންތިހާއަށް ބޭނުންވިއެވެ. ނަމަވެސް މަންމައާއި ބައްޕަގެ ޒުވާބުތަކުގެ ތެރެއަށް އަހަރެން ވަދެއްޖެނަމަ، ވާނެގޮތް މަންމައަށް އެނގޭނޫން ހެއްޔެވެ؟ ބައްޕައަކީ ގޯސް މީހެއް ނޫނެވެ. މަންމައާއި ބައްޕަ އެކަކު އަނެކަކު ދެކެ ލޯބިވާކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އެހެންމީހުންގެ ވާހަކަތައް ބައްޕައަށް ޤަބޫލު ކުރެވުނީއެވެ. ރޭގަނޑު މަންމައާ ބައްޕަ ޒުވާބު ކުރާއިރު އަހަރެން އޮންނަނީ ހޭލައެވެ. މަންމައާ ބައްޕަގެ ތަޅާފޮޅުން ކޮންމެ ރެއަކު އަހަރެން ދެކެމެވެ. އަދި އެކަމަށްޓަކައި ދެރަވެ ހިތާމަކުރަމެވެ. މަންމަ ރޯ ރުއިން ފެނިފައި އަހަރެންގެ ހިތް ކުދިކުދި ވެއެވެ. މަންމާއެވެ. އަހަރެން މަންމަދެކެ ވަރަށް ލޯބިވެއެވެ. ބައްޕައާއި މަންމަ ވަކިވުމުން އަހަރެން ހިތާމަކުރީމެވެ.
ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ މަންމަވެސް ގޮތްދޫނުކޮށް ދިޔައީ ނޫން ހެއްޔެވެ؟ މަންމާއެވެ. މަންމަ ބައްޕައާއި ޒުވާބު ކުރީ ކީއްވެ ހެއްޔެވެ؟ މަންމަ ގޮތް ދޫކުރިނަމަ ބައްޕަގެ ރުޅިގަނޑު އަތާއިފައިން މަންމަގެ މައްޗަކަށް ނުބޭލީސް ކަން ޔަޤީނެވެ. މަންމައަށް ހަގަށްތިބި ތިން ކޮއްކޮ ދީފައި ގެއިން ނެރެލީ ބޯކެރީގެ ތެރެއަށެވެ. އެދުވަސްވެސް މިއަދު ވީ ކަމެއްހެން އަހަރެން ހަނދާން އެބަހުއްޓެވެ. މަންމަފަހުން އަހަރެން ގާތަށް ނައީ ކީއްވެ ހެއްޔެވެ؟ ބައްޕަދެކެ ލޯބިވާއިރު ބައްޕަ ބަލައި ދިޔުމުން ނައީ ކީއްވެ ހެއްޔެވެ؟ މަންމާއެވެ. މައެއްގެ ލޮއެއްބަކީ ދަރިއަކަށް ކިހާ މުހިއްމު އެއްޗެއްކަން މަންމައަށް އެނގޭ ނޫން ހެއްޔެވެ؟ މަންމަ ގޯހެއްނޫނެވެ. ވަރަށް ރަނގަޅެވެ. މަންމަ އަހަރެންނަށް ގުޅަމުއެވެ. ހާލުވެސް ބަލާމެއެވެ. ހަދިޔާވެސް ފޮނުވާ ހެދިއެވެ. އަދި ބުނީމު ނޫންހެއްޔެވެ؟ މަކުނުވެސް ދަރި ދޫކޮށްލީ ލޯބިނުވާތީއެއް ނޫނެވެ. ގޮތް ހުސްވެގެނެވެ. އެކަން އަހަރެން ޤަބޫލުކުރަމެވެ. ނަމަވެސް މަންމަ އަހަރެން ގާތުގައި ނެތުމުގެ އުނިކަން ހަޔާތުން ފާއިތުވެގެން ދިޔަ ކޮންމެ ސިކުންތެއްގައި އިހްސާސްވިއެވެ. މަންމާއެވެ. އަހަރެންގެ ހިތް އަބަދުވެސް މަންމައަށް ހެޔޮވާނެއެވެ. އަަހަރެން މަންމައަށް ހެޔޮ ހިތުން މަޢާފް ކުރާނަމެވެ.
ބައްޕާއެވެ. ދެރަނުވާށެވެ. ބައްޕަވެސް ތީ ގޯސް މީހެއްނޫނެވެ. ވަރަށް ރަނގަޅު މީހެކެވެ. ބައްޕަ ނިކަން ބުނެބަލާށެވެ. ބައްޕަ އަހަރެން ގެއިން ނެރެލައި ފޮނުވާލީ އަހަރެންގެ ކޮންކުށެއް އޮވެގެން ހެއްޔެވެ؟ މަންމަދެކެ އައި ރުޅި އަހަރެންނަށް ބޭލުމަށް ހެއްޔެވެ؟ ނޫނީ ދޮންމަންމަގެ އެދުމުގެ މަތިން ހެއްޔެވެ؟ ބައްޕައެއްގެ ލޮއެއްބަކީ ދަރިންނަށް ކިހާ މުހިއްމު އެއްޗެއްކަން ބައްޕަ އެއްފަހަރުވެސް ވިސްނާލީމު ހެއްޔެވެ؟ ބައްޕަ އަހަރެންނާ އެއް ފަސްގަނޑެއްގައި ދިރިއުޅުނުއިރު އަހަރެން ހުންނަނީ ކައިގެންތޯ ނުކައިތޯވެސް އަހާނުލައެވެ. ޖެހިފައި ވެއްޓުނަސް ތީ ކާކުހޭވެސް އަހާ ނުލަމުނޫން ހެއްޔެވެ؟ ވަރަށް ހިތުގާ ޖެހުނެވެ. ބައްޕާއެވެ. ކޮއްކޮމެން މަންމައާއެކު ފޮނުވާލިފަހުން އެއިން ކުއްޖެއްގެ ހާލު ބައްޕަ ބަލައިލީމު ހެއްޔެވެ؟ އެއިން ކުއްޖަކަށް އެއްވެސް އެހީއެއް ވީމު ހެއްޔެވެ؟ ނުވަމު ނޫން ހެއްޔެވެ؟ ދެން ވިސްނާލަބަލާށެވެ. އެކަމުގެ ސަބަބުން އެކުދިންގެ މުސްތަޤުބަލު ހޭދަކުރަން ޖެހޭނީ އަނދިރިކަމުގައެވެ. އެކުދިންގެ ބިންގާ މަންމައާއި ބައްޕަގެ ދެއަތުން ކަތި ކުރީފަހެ ކީއްވެ ހެއްޔެވެ؟ ކައްޗަށް އެޅިއްޖެ ބިންގަލެއް ކެއްޗާ ހަމަޔަށް ނެއްގަސް ތެދުނުކުރެވޭނެކަން ބައްޕައަށް އެނގޭ ނޫންހެއްޔެވެ؟ ބައްޕައާ އެއްފުރާޅެއްގެ ދޮށުގައި އުޅުނުއިރުވެސް ބައްޕަ އަހަރެންނަކާ ވާހަކަ ދައްކައެއް ނުހަދަމުއެވެ.
އެންމެ ރަނގަޅެވެ. އެއީ މާޒީއެވެ. ނަމަވެސް ހިތާމައަކީ، މުސްތަގުބަލުގައި ބައްޕައާއި ބައްދަލު ވުމުގެ ފުރުސަތު އަހަރެންނަށް ނެތްކަމެވެ. ބައްޕަ އަހަރެންދެކެ ލޯބިވާކަން އަހަރެންނަށް އެނގެއެވެ. އެކަމަކު ދޮންމަންމަ ކުރިމަތީ އެކަން ހާމަކުރަން ޖެހިލުންވީކަންވެސް އެނގެއެވެ. އަހަރެން ބައްޕަދެކެވެސް މަންމަދެކެވެސް ލޯބިވެއެވެ. އަބަދުވެސް ވާނަމެވެ.
ބައްޕާއެވެ. އަދި މަންމާއެވެ. އަހަރެންނަށް މަޢާފް ކުރާށެވެ. އަހަރެން އަބަދުވެސް ބޭނުންވީ މަންމައާއި ބައްޕަ އެދޭ ކަހަލަ ރަނގަޅު ދަރިއަކަށްވާށެވެ. މަންމައާއި ބައްޕަގެ އޯގާވެރިކަމާއި އަޅާލުން ނުލިބުނު ކަމުގައި ވިޔަސްމެއެވެ. އުމުރުން ތޭރަ އަހަރުގައި އާއިލާ ރޫޅި އެކަނިވެރިކަމުގެ ދުނިޔެއަށް ކުރިމަތިލީ އެތެރެހަށި ފަނާވަމުންދާ ހިތަކާއި ބާރުކެނޑެމުންދާ ކިޑުނީއެއް އޮތްކަން ނޭނގިއެވެ. ބަޔަކުމީހުންގެ އެހީގައި ކިޔެވުމަށް މާލެ ދިޔައީ މަންމައަށްވެސް ބައްޕައަށްވެސް ނޭނގިއެވެ. މަންމާއެވެ. ބައްޕާއެވެ. އަހަރެންނަށް މަޢާފްކުރާށެވެ. އެއީ އަހަރެން ބޭނުންވި ގޮތެއްނޫނެވެ. އަހަރެން ބޭނުންވީ މަންމައާއި ބައްޕައަށް އެނގިފައި އެކަން ކުރުމަށެވެ. ނަމަވެސް ތަޤުދީރު ނިޔާކުރީ އެގޮތަށެވެ. މާލޭގައި ހުރެގެން އޭލެވެލް އަށް ކިޔެވީ އުފަލުގައި ހުރެގެނެވެ. އޯގާތެރި ދެމަފިރިން ގާތުގައި ހުރެގެންނެވެ. މަންމައާއި ބައްޕަގެ މަތިން ވަރަށް ހަނދާންވިއެވެ. އަދި އާއިލާއާމެދު ދެރަވެ ހިތާމަކޮށް ވިސްނާހެދީމެވެ. ނަމަވެސް އަހަރެން ހުރީ އުފަލުގައެވެ. އެތެރެހަށިން ބައެއްނެތި ފަނާވަމުންދާކަމުގެ އިހްސާސް ކުރެވުނީ އެދެމަފިރިންނާއެކު މެލޭޝިޔާގައި ޑިގުރީއަށް ކިޔަވަމުން ދަނިކޮށެވެ. މަންމާއެވެ. ދެރަނުވާށެވެ. ބައްޕާއެވެ. ތިދެލޮލުން ފައިބަމުންދާ ކަރުނަތައް ފުހޭށެވެ. ނުރޯށެވެ.
އަހަރެން ޑޮކްޓަރަށް ދެއްކީ ބަލިކަމަކުންނޫނެވެ. އަހަރެން ބައްޔެއްނޫނެވެ. ނަމަވެސް ޑޮކްޓަރ އަހަރެންނަށް ދިނީ ދެހަފްތާގެ ކުރު މުހުލަތެކެވެ. އަހަރެންގެ އުމުރުގެ ބާކީއޮތް ސާދަ ދުވަހުގެ ކުރު މުއްދަތަކަށް ވީ މަންމައާއި ބައްޕަ އަހަރެންނަށް ދިން ނިކަމެތިކަމުގެ ސަބަބުންނެވެ. ނަމަވެސް އަހަރެންގެ އެއްވެސް ސަކުވާއެއްނެތެވެ. މަންމާއެވެ. އަހަރެންގެ ހިތުގައި ވަނީ ލޯވަޅެއް އެޅިފައެވެ. ސިކުނޑީގެ ވަކި ހިސާބެއްގައި ވަނީ ލޭކޮޅެއް ގަނޑުވެފައެވެ. އެއް ކިޑްނީވަނީ ފަނާނުމުގެ ތުންފަތްމަތީގައެވެ. އެހާލުގައިވެސް އަހަރެން ކެތްތެރިކަމާއެކު ދިރިހުރިކަމާމެދު ޚުދު ޑޮކްޓަރުންވެސް އަޖައިބުވިއެވެ.
ބައްޕާއެވެ. އުމުރުގެ ބާކީ އޮތް ކުރު މުއްދަތުގައި އަހަރެން ބޭނުންވީ އާއިލާ މީހުންނާއި ދުރުގައި އުޅެވޭތޯއެވެ. ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އަހަރެންގެ ހާލު އެމީހުންނަށް ފެނިދާނެތީއެވެ. ޑޮކްޓަރުގެ ޖަވާބު އެއިން މީހަކަށް އެނގިދާނެތީއެވެ. އަހަރެންގެ ސަބަބުން އިތުރު އުނދަގުލަކާއި ހިތްދަތިކަމެއް ބައްޕަމެންނަށް ނުފޯރުވާށެވެ. އަހަރެން ބޭނުންވީ އެކަން އާއިލާ އެންމެނަށް ސިއްރުކުރާށެވެ. އަދި އެކަން ސިއްރު ކުރިންވެސްމެއެވެ. އަހަރެންނަށް ހެޔޮއެދުނު ދެމަފިރިންނަށް މަންމަމެން ޝުކުރު އަދާ ކޮށްދޭށެވެ.
މަންމާއެވެ. އަދި ބައްޕާއެވެ. ނިކަން ދެކިބަލާށެވެ. އަހަރެންގެ ހާލު ނިކަން ދެކިބަލާށެވެ. މިއަދު އަހަރެންނަކީ އެއްވެސް އަގެއްނެތް ރޫޚެއްނެތް ފުރާނަވަކިވެފައިވާ މަސްގަނޑެކެވެ. ހުދު ކަފުނުގެތެރޭގައި އަރާމު ނިންޖަކުން ނިދާލާފައިވާ މައްޔިތެކެވެ. މަންމާއެވެ. ބައްޕަގެ އޯގާތެރި ދެއަތުން ދިއްލައިދިން އަހަރެންގެ ހަޔާތުގެ ފާނޫޒުގެ ހުޅުކޮޅު އެ ފާނޫޒަށް ތެޔޮ އަޅައިދޭނެ އަތެއް ނެތުމުގެ ސަބަބުން މިވަނީ އަބަދަށްޓަކައި ނިވިފައެވެ.
މަންމާއެވެ. މިއަދު މަންމައާއި ބައްޕަ އަހަރެންގާތުން މަޢާފަށް އެދެން ބޭނުންވާނެކަން އަހަރެންނަށް އެނގެއެވެ. އެކަމަކު އަހަރެންގެ ދުލުގައި މިވަގުތު މަންމަމެންގެ ކަންފަތުގައި ހަމަޔަށް އެއަޑު އިއްވާދެވުމުގެ ކުޅަދާނަކަމެއްނެތެވެ. އެހެންކަމުން މިގަލަމުގެ އެހީގައި އެކަންވެސް ފުރިހަމަކޮށްދެމެވެ. އަހަރެން މަންމައާއި ބައްޕައަށް މަޢާފް ކޮށްފީމެވެ. ހެޔޮހިތުންނެވެ. އަހަރެންގެ އެންމެފަހުގެ އެދުމަކީ އަހަރެންގެ މައްޔިތާގެ މައްޗަށް މަންމަމެން ކަރުނަ ނޭޅުމެވެ. އާދޭސްކޮށްފައި ބުނަމެވެ. ނުރޯށެވެ. އަހަރެންނަށްޓަކައި ދެން ކަރުނަ ނާޅާށެވެ. މިހާރު މާލަސްވެއްޖެ ނޫން ހެއްޔެވެ؟ މިހާރު ވަގުތު ފާއިތުވެއްޖެ ނޫން ހެއްޔެވެ؟ މަންމައާއި ބައްޕަ އެކުގައި އުޅޭތަން ދުށުމުގެ ކުޅަދާނަކަން ލިބިފައި މިއަދު ނުވިޔަސް މިސިޓީ ކިޔާއިރު މަންމައާއި ބައްޕަ ތިބޭނީ އެކުގައިކަން ޔަޤީނެވެ. މަންމާއެވެ. އަހަރެން މިއޮތީ އުފަލުންނެވެ. އެންމެ ފަހުން އަހަރެންގެ ޖަނާޒާގައި މަންމައާއި ބައްޕަ އެކުގައި ޝާމިލުވާތީއެވެ. މަންމާއެވެ. ބައްޕާއެވެ. ދެންތިބި ދަރިންނަށް އަޅާލާށެވެ. އޯގާވާށެވެ. އަދި ވަގުތު އެބައޮތެވެ. އަދިވެސް އެއްފަހަރު ބުނަމެވެ. މަންމާއެވެ. ބައްޕާއެވެ. އަަހަރެންނަށް މަޢާފްކުރާށެވެ.
މަންމައާއި ބައްޕަދެކެ ލޯބިވާ
ދަރިފުޅު