Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަކުރުވާހަކައުފެއްދުންތެރި ލިޔުންއެހެނިހެންދީނީ

ބަދަލުވި ހަޔާތް

Ibaa Level 1
March 13, 2021 3 Mins Read
1 Comment

” މަންމާ އަހަރެންނަށް މާފްކުރޭ، އޭރު އަހަރެންނަށް ނުވިސްނުނީ، މަންމައާ މެދު އަހަރެންނަށް ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް، މަންމަ އެނބުރި އާދޭ އަހަރެން ކައިރިއަށް، އަހަރެން މަންމަ ދެކެ ވަރަށް ލޯބިވާނާން،” ( ނުހާ އޭނާގެ މަންމަގެ މަހާނަ ގާ ކައިރީ އިނދެ ގިސްލަމުން ރޮމުން ކިޔަމުންދިޔައެވެ.)

ގަޑި އޭގެ ވާޖިބު އެންމެ ފުރިހަމައަށް އަދާކުރަމުންދިޔައެވެ. ނުހާ އަދިވެސް އިނީ އޭނާގެ މަންމަގެ މަހާނަ ގާ ކައިރީގައެވެ. މި ގޮތުގައި ވަގުތުތައް ހޭދަ ކުރަމުންދަނިކޮށް ނުހާއަށް ވަދެވުނީ އޭނާގެ މާޒީގެ ސަފްހާ ތަކުގެ ތެރެއަށެވެ.

ނުހާއަކީ ސްކޫލުގައި ވަރަށް ބަސްއަހައިގެން ކިޔަވާ ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދަމުންދިޔަ މަންމަ ފަހުރްވެރިވާފަދަ ކުއްޖެކެވެ. ޢާހް ނަމަވެސް ނުހާ ގެ ދިރިއުޅުން ބަދަލުވެގެންދިޔައީ ގަޑީގެ ސިކުންތުކަށި ހިނގާހާ އަވަހަށެވެ. ނުހާއަށް ގޯސް ރައްޓެހިންތަކަކާ ޖެހެވުނީއެވެ. އަހިވަކާ ޖެހި އަހިވައް ފާވާނޭ ބުނާހެން ނުހާވެސް އެ ރައްޓެހިންތަކުގެ އަވާގައިޖެހި މުޅިން ގެއްލި ހުސްވެއްޖެވެ. ނުހާގެ މަންމައަށްވެސް ނުހާއަށް އަންނަމުންދިޔަ ބަދަލުންތައް ފާހާގަވާން ފަށައިފިއެވެ. ރޭނގަޑު ގެއަށް ނިދަން އަންނަނީ ދަންވަރު 1، 2 ޖެހީމައެވެ. ނުހާގެ މަންމަ މިކަމާ ވަރަށް ބޮޑަށް ހާސްވެ ފިކުރު ބޮޑުވާން ފަށައިފިއެވެ. ނުހާގެ މަންމަ ނުހާއަށް އެތައް ނަސޭހަތެއް ދިން ނަމަވެސް ނުހާ އެ އަޑެއް ނޭހި، ނުހާ ހުރީ މާބޮޑަށްވެސް އޭނާގެ ރައްޓެހިން ދައްކަމުން ދިޔަ ދަޅަތަކަށް ހެއްލިފައެވެ.

ފަހަކަށްއައިސް، ނުހާގެ ކުރިމަތީގައި އޭނާގެ މަންމަގެ އެއްވެސް އަގެއްނެތެވެ. ހިތުހުރި އެއްޗެއް ދިޔައީ އެ މަންމައާ ދިމާލަށް ކިޔަމުންނެވެ. ދުވަސްތަކެއްނުވެ،ނުހާގެ މަންމައަށް ލިބުނީ ނުހާ ސްކޫލުން ވަކި ކުރި ކަމަށް ބުނެ ސްކޫލުގެ ފަރާތުން ފޮނުވާފައިވާ ލިޔުމެކެވެ. އެ މަންމަ ކުރަމުންދިޔަ ފޮނި އުއްމީދުތައް ވިއްސިވިހާލި ވެގެން ދިޔައެވެ. ނަމަވެސް ނުހާގެ މަންމަ އެންމެ ފަހުވަގުތާ ޖެހެނެދެންވެސް ﷲ ގެ ހަޟްރަތުން އުއްމީދު ކަޑައެއް ނުލައެވެ. ދުޢާ ކުރުންމަތީގައި ދެމިހުއްޓެވެ. ކުރީގައި އިސްލާމީ ރިވެތި ހިޖާބުން ނިވާވެފައިވާ ނުހާ މިހާރު ލަނީ ކުރު ޓޮޕާއި ޖިންސެވެ. ބުރުގާ ވެސް ބޮލުގައި އޮންނަނީ ނަމަކަށެވެ. ނުހާގެ މަންމަ އެންމެ ދެރަވަނީ ނުހާގެ މަންމަ ބައްޕަޔަކާ ނުލާ ރަނގަޅު ގޮތުގައި ތެދު މަގު އެ ދަރިފުޅަށް ދައްކައިދީފައިވަނިކޮށް އެ ދަރިފުޅު އަމިއްލައަށް އެ މަގުން އެއްކިބާ ވީތީއެވެ. ނުހާގެ ބައްފަ ވަނީ ނުހާގެ އުމުރުން އެންމެ 2 އަހަރުގައި ނިޔާވެފައެވެ. ނުހާގެ މަންމަ ނުހާ ބޮޑުކޮށްފަ އެހުރީ ކިހާ މަސައްކަތުން ކަމާމެދު ނުހާ ވިސްނާނުލައެވެ.

ނުހާގެ މަންމަ މިހާރުވަނީ ނުހާއާ މެދު ވިސްނާ ވިސްނާ ބޯ ހާސްވެފައެވެ. އަޅާލާނެ އާރެއް ޔާރެއް ނެތިފައެވެ. ނުހާގެ މަންމަ އެއްދުވަހަކު ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީވެ ޑޮކްޓަރު ދައްކަން ދިޔައެވެ. ޑޮކްޓަރު ދިން ހަބަރުން އޭނާގެ ދިރިއުޅުމުގައި އޮތް ހަމައެކަނި ހުޅު ކޮޅުވެސް ނިވިއްޖެއެވެ. ޑޮކްޓަރު ދިނީ އޭނާއަށް ލޭގެ ކެންސަރު ޖެހިފައިވާ ކަމުގެ ހިތާމަވެރި ހަބަރެވެ. ނުހާގެ މަންމަ ވަރަށް ބަލި ހާލުގައި ދިރިއުޅުން ވޭތުކުރަމުންދިޔައެވެ. އެ ފަކީރު ކެއްސާ ކެއްސާ ފެންފޮދަކަށް އެދި ގޮވާއިރު ފެންފޮދެއް ދޭނޭ ވަރުގެ މީހަކު ވެސްނެތެވެ. މި ހާލުގައި އެ ފަކީރު ވަނިކޮށް ލިބުނީ ހިތަށް ކުޅަދާނާ ވާވަރުގެ ހަބަރެއް ނޫނެވެ. އޭނާ އެންމެ ލޯބިން ބަލާބޮޑުކުރި ދަރިފުޅު މަސްތުވާތަކެތީގެ ޝިކާރައަކަށްވީއެވެ. އަދި މިކަމާހުރެ އޭނާވަނީ ޖަލުގެ ތޭރިތަކުގައި ބަންދުވެފައެވެ. ވީގޮތެއް ނޭނގެއެވެ. އެ ނިކަމެތި މަންމައަށް ޖެހުނީ ކުއްލި ޝޮކެކެވެ. އެ ޖެހުނު ޝޮކާއެކުގައި މި ފަނާވަނިވި ދުނިޔެއާއި އެ މަންމަ އަލްވަދާޢު ކިޔެއެވެ. ” إِنّا للّه وَإِنا اِلَيْهِ رَاجِعُونَ ”

ނުހާ ޖަލުގެ ތޭރިތަކުގެ ތެރޭގައި ދުވަސްތައް ވޭތުކުރަމުންދެއެވެ. ނަމަވެސް އޭނާގެ ދިރިއުޅުމަށް މިހާރު ވަނީ ވަރަށް ހެޔޮ ބަދަލުތަކެއް އައިސްފައެވެ. މިހާރު ނުހާ އަކީ ވަރަށް ޤުރްޢާން އަށް ލޯބިކުރާ ޞާލިޙު ޢަޅުވެރި ޒުވާނެކެވެ. ނުހާއަށް މި ހެޔޮ ބަދަލު އައުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ ނުހާ ރިހެބިލިޓޭޝަން ސެންޓަރަށް ލީ ފަހުންނެވެ. މިއަދަކީ ނުހާ އެންމެ ބޮޑަށް އުއްމީދުކުރަމުން އައި ދުވަހެވެ. އޭނާ ޖަލުގެ ތޭރިތަކުން ދޫވެ އޭނާގެ ހިތި މާޒީގެ މަތިން ހަނދާން ނައްތާލާ ދިރިއުޅުމުގެ އާ ދަތުރެއްގެ ފެށުމެވެ. މިއަދު ނުހާ މިބިންމަތީގައި ފިޔަވަޅު ނަގަނީ އާ އަޒުމަކާއި އާ ހިތްވަރަކާއެކު ދިރިއުޅުމުގެ މުޅިން އާ ބާބެއް ފެށުމަށެވެ. އޭނާ ފުރަތަމަވެސް މިސްރާބުޖެހީ އޭނާގެ ގެއާ ދިމާލަށެވެ. އެއީ މަންމަގެ މާފު ހޯދާ އެ މަންމަ އަށް އަޅާލާ އޯގާތެރި ދަރި އަކަށް ވުމަށް ޓަކައެވެ. ނުހާ އޭނާގެ ގޭގެ ދޮރުމަތީގައި މަޑުކޮށްލިއެވެ. އެވަގުތު އޭނާގެ ސިކުނޑި ފުރި ބާރު ވަމުން ދިޔައީ އޭނާގެ މާޒީގެ ހިޔާލުތަކުންނެވެ. އޭނާއަށް ހަމަ ބިމަށް އާދެވުނީ އޭނާގެ މަންމަގެ އެކުވެރިއެއް ކަމަށްވާ ހައްވައްތަ އައިސް އޭނާގެ ނަމުން ގޮވާލުމުންނެވެ. ހައްވައްތަ ބުންޏެވެ. ” މާޝާ ﷲ އެކޮއެއަށް ﷲ ހިދާޔަތް ދެއްވި ކަމަށް ޓަކާ ﷲ އަށް ޙަމްދުކުރަން، އެކަމަކު އެކަމަކު އެ ކޮއެގެ މަންމަ މިހާރު މި ދުނިޔެއަކު ނެތް، ސުވަރުގެއިން މަންމައާ ބައްދަލުވޭތޯ ހެޔޮ ދުޢާ ކުރޭ “. އޭނާއަށް ހުރެވުނު ތަނެއްވެސް ނޭނގެއެވެ. ދިޔަ ބާރުމިނުގައި ގޮސް ވަދެވުނީ ސަހަރާގެ ގޯތި ތެރެއަށެވެ. މަންމަގެ މަހާނަ ގާ ކައިރީ އިނދެވުމާއެކު ހޯސްލާފައި ލޮލުން ކަރުނަތައް ފައިބަން ފަށައިފިވެ. އެގޮތުގައި ވަނިކޮށް އޭނާއަށް މާޒީގެ ސޮފްހަތަކުގެ ތެރެއިން ނިކުމެވުނީ އޭނާގެ ދުރުތާ ތިމާގެ ކުއްޖެއް ކަމުގައިވާ އައިޝާ އައިސް އޭނާގެ ބޮލުގައި ފިރުމާލުމުންނެވެ. ނުހާއަށް އައިޝާގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ރޮވެން ފެށުނެވެ. އައިޝާ ނުހާއަށް ހިތްވަރުދީ ނުހާ ގޮވައިގެން އައިޝާގެ ގެއަށް ދިޔައެވެ. އައިޝާއި އޭނާގެ އާއިލާ ނުހާގެ ދިރިއުޅުމުގެ އާ ބާބެއް ފެށުމަށް ވަރަށް ބޮޑަށް އެހީވެދިނެވެ. އެގޮތުން އައިޝާގެ އެހީއާއެކު ނުހާ އިސްލާމިކް ޔުނިވާރސިޓީއަށް ޖޮއިން ކުރިއެވެ. ދުވަސްތައް ފާއިތުވަމުން ދެއެވެ. ނުހާ މިހާރު ވަނީ ޤުރްޢާނިކް ސައިންސް & އިސްލާމިކް ސްޓަޑީޒް ގެ ދާއިރާއިން މާސްޓާރސް ހާސިލްކޮށަފައެވެ. މިއަދު ނުހާ ވަރަށް ބޮޑަށް އުފާ ކުރެއެވެ. މަންމަ ދުނިޔޭގަ ނެތް ނަމަވެސް މަންމަގެ ފޮނި ހުވަފެން ތަކުގައި ކުލަ ޖައްސާދެވުނީތީއެވެ.

މިހާރު އޭނާއަށް ވަނީ ވަރަށް ޞާލިހު ތަޤުވާވެރި ޢިލްމުވެރި ހަޔާތުގެ ބައިވެރިޔަކު ލިބިފައެވެ. މިހާރު ނުހާގެ ކައިވެންޏަށް 2 އަހަރު ފުރިފައި ވާއިރު އޭނާއަށް ވަނީ ކުއްޖަކު ލިބިފައެވެ. އެދެމީހުންގެ އެންމެ ބޮޑު އުއްމީދަކީ އެ ދަރިފުޅަކީވެސް އެދެމީހުން ފަދައިން ޤުރްއާން ހިތުދަސްކޮށްފައިވާ ޢިލްމުވެރި ދަރިއަކަށް ހެދުމެވެ.

ނުހާގެ ފިރިމީހާއަކީ ޕީއެޗްޑީ ހާސިލްކޮށްފައިވާ ލެކްޗަރާރއެކެވެ. ހަމަ އެފަދައިން ނުހާވެސް ވަނީ ވަރަށް ގިނަ ޢިލްމުތައް ހާސިލް ކޮށްފައެވެ. ނަމަވެސް ނުހާ ވަޒީފާއެއް އަދާނުކުރުމުގެ މައިގަނޑު ސަބަބަކީ އިސްލާމް ދީނުގައި އަންހެނުން ވަޒީފާ އަދާކުރުމަކީ އެހާ ބޮޑަށް ބާރު އަޅުއްވާ ކަމަކަށް ނުވެފައި ގޭގެ ކަންތައް ބަލަހައްޓާ ދަރިން ތަރުބިއްޔަތު ކޮށް ބެލެހެއްޓުމުގެ މުހިއްމު ކަން ވިސްނޭތީއެވެ. ހަމައެއާއެކު، ނުހާ މޫނު ބުރުގާ އަޅާފާ ވުމާއެކު މި ރާއްޖެގައި އޭނާއަށް ވަޒީފާ ލިބުމަކީ ނާދިރުކަމެވެ.

ނުހާއާއި އިޒާން ގެ ދިރިއުޅުން ވަރަށް އުފާވެރިކަމާއެކު ކުރިއަށް ދެއެވެ.

Share Article

Follow Me Written By

Ibaa

Level 1

Other Articles

Previous

އަދިވެސް ލޯބި ބޭނުމޭ. . (2)

Next

ނިކަން ލޯބިން-10

Next
March 14, 2021

ނިކަން ލޯބިން-10

Previews
March 13, 2021

އަދިވެސް ލޯބި ބޭނުމޭ. . (2)

One Comment

  1. redlailacrose says:
    March 13, 2021 at 9:23 pm

    Nice????

Comments are closed.



All Right Reserved!