
ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ 2
ސޯފާގައި ޓީވީ ބަލަން އެއޮތީ އޭނާގެ ދެލޮލުގެ ނޫރެވެ. ހިތުގެ ފިނިކަމެވެ. އަވަސް ފިޔަވަޅުތަކެއް ނަގަމުން ގޮސް އޭނާ ސޯފާ ކައިރިޔަށް ހުއްޓިލިއެވެ. ޖެހިގެން ހުރި ސޯފާގައި ދަބަސް ބޭވުމަށް ފަހު ސޯފާ މަތީގައި އޮތް ކުޑަކުޑަ ނިއަމް އުރާލިއެވެ.
“މަންމި މަންމީ. ބަލާ ޑޯރާ.”
މަންމަ އައިކަން އިހުސާސްވުމާ އެކު ކާރޓޫނު ބަލަން ހުރި ނިއަމް ބުނެލިއެވެ. އޭރު ވެސް ނިއަމްގެ ދެލޯ ހުއްޓިފައިވީ ޓީވީއިން ދައްކަމުންދިޔަ ކާރޓޫނަށެވެ.
ދަރިފުޅުގެ ލޯބި އަޑު ކަންފަތުގައި ޖެހުމާއެކު ޖަޒްލާގެ ހިތް ލޯބިން ފުރި ބަންޑުންވިއެވެ. ނިއަމްގެ މައުސޫމް މޫނު ފެނުނު ހިނދު އޭނާގެ ހަށިގަނޑުގައިވި ވަރުބަލިކަން ފިލައިގެންދިޔަ ފަދައެވެ. ހަށިގަނޑަށް އާރޯކަން ވެރިވި ފަދައެވެ.
މަންމަގެ އުނގުގައި ކާރޓޫނު ބަލަން އިން ނިއަމް ދިޔައީ ޖަޒްލާއަށް ކާރޓޫނުގައި ވާގޮތް ކިޔައިދެމުންނެވެ. އޭރު ބަދިގޭގައި ޝިފާނާ މެންދުރަށް ކައްކަން އުޅެއެވެ. ޖަޒްލާ މަންމައަށް އެހީތެރި ވާން ބޭނުންވި ނަމަވެސް ކުޑަ ދަރިފުޅުދޫކޮށްލާފައި ދާކަށް އޭނާގެ ހިތެއް ނޭދުނެވެ.ނިއަމްވެސް މަ ންމަ އާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާނެކަން އޭނާ އަށް ވިސްނޭތީއެވެ.
އިރުކޮޅެއް ނުވެ ޑޯރާ ކާރޓޫން ނިމިއްޖެއެވެ. ނިއަމް ފޫހިވެގެން ކުއްތަޅަން ފެށިއެވެ. ޖަޒްލާ ދަރިފުޅު އުރައިލައިގެން ގޮސްވަނީ ކޮޓަރިއަށެވެ. އުދާސްވެފައިވާ ކޮޓަރިތެރެ ފިނިކޮށްލުމަށް ޓަކައި އޭނާ އޭސީ ޖައްސައިލިއެވެ. ކުޑަކުޑަ ނިއަމް ފެންވަރުވައި ލުމަށްޓަކައި ޖަޒްލާ ގޮސް ވަނީ ފާޚަނާއަށެވެ.
ނިއަމް ބޭނުންވީ ފެން ކުޅެން ހުންނާށެވެ. ޖަޒްލާ ދަރިފުޅާއެކު އިރުކޮޅެއް ވަންދެން ސަކަރާތް ޖަހަން ހުއްޓެވެ. ދެމައިން ސަކަރާތް ޖަަހަމުން ދިޔައިރު އެއީ ހިތަށް ފިނިކަން ގެނުވާ ފަދަ މަންޒަރެކެވެ. އިރުކޮޅެއްވުމުން ޖަޒްލާ ބޭނުންވީ ނިއަމް ރީތި ކުރަން ގެންދާށެވެ.ނަމަވެސް އެ ކުއްޖާ ފެންކުޅުން ހުއްޓައިލާކަށެއް ބޭނުމެއް ނުވިއެވެ.
ނިއަމް ނުދާން ގަދަހަދަން ފެށުމުން ޖަޒްލާ ވަރަށް ލޯބިން ދަރިފުޅަށް ވިސްނައިދިނެވެ. ގިނައިރު ފެނުގައި އުޅެން ވެއްޖެ ނަމަ ބަލިވެދާނެކަމެވެ. މަންމަ ދެއްކި ވާހަކަ ކަނުލާ އަޑުއަހަން ހުރުމަށް ފަހު ނިއަމް ބޯ ޖަަހައިލިއެވެ.
ޖަޒްލާ ނިއަމްގެ ގައިން ފެންހިއްކަމުން ދިޔަވަގުތު މޭލިބޮއެފައި ހުރި އިނގިލިތަށް ފެނުމުން ނިއަމް ބާރަށް ރޯން ފަށައިފިއެވެ. ދަރިފުޅު ރޯތަން ފެނުނު ޖަޒްލާ އަށް ހީވީ މިޔަތޫނު ހަންޖަރެއް އޭނާގެ މެޔަށް ހަރައިލިހެންނެވެ. ޖަޒްލާ އެކި ވާހަކަ ދައްކައިގެން ދަރިފުޅު މަސަލަސް ކުރަން މަސައްކަތް ކުރިއެވެ.
ނިއަމް ރޯއަޑަށް ޝިފާނާ ވެސް އައިސް ވަނެވެ. ޝިފާނާ ނިއަމް އުރާލުމަށް ފަހު އެކަން ވީގޮތް ނިއަމް އަށް އޮަޅުން ފިލުވައިދޭން މަސައްކަތް ކުރިއެވެ. އެއީ މާގިނައިރު ފެނުގައި އުޅުމުން ވީ ގޮތެއް ކަމަށް ބުނެ ނިއަމްގެ ހިތް ހަމަޖައްސައިދޭން މަސައްކަތް ކުރިއެވެ.
ކަރުނަވީ ދެލޮލުން ނިއަމް ޝިފާނާ އާއި ދިމާލަށް ބަލަހައްޓައިގެން އިންއިރު އެ ކުޑަކުޑަ ހިތުގައި ވާ ޖަޒުބާތުތަށް ދެނެގަންނަން ޖަޒްލާ ގެ ހިތް އެދެމުން ދިޔައެވެ. މާމަގެ މޫނަށް ބަލަން އިނދެ ނިއަމް ދެލޯ ފޮހެލިއެވެ.
“މަންމީ ، މާމާ ، ނިމް އަކީ ވަރށް ސްޓްރޯންގެ ކުއްޖެއް. ނިމް ދެން ނުރޯނަން.”
ނިއަމް ގެ ތުތު އަޑުން ބުނެލި ލަފުޒުތަށް ޖަޒްލާގެ ހިތަށް ަހމަޖެހުމެއް ގެނުވިއެވެ.
ޝިފާނާގެ އަތު ތެރެއިން ޖަޒްލާ ނިއަމް ނެގިއެވެ. އަދި އޭނާ ނިއަމް ރީތިކުރަން ފެށިއެވެ. ޝިފާނާ އަވަސް ވެގަތީ ނުނިމި ހުރި މަސައްކަތްތަށް ނިންމާލުމަށެވެ. ބަދިގެއަށް ވަން ޝިފާނާ ހަރަކާތްތެރި ވަމުން ދިޔައީ ކުޅިމަސް ތައްޔާރު ކުރުމަށެވެ.
ނިއަމް ރީތިކުރަން ހުރި ޖަޒްލާ ގެ ފުރިހަމަ ސަމާލުކަން ހުއްޓިފައި ވަނީ އޭނާގެ ދަރިފުޅަށެވެ. އެ މައުސޫމު މޫނުގައިވި ހިނތުންވުން ޖަޒްލާގެ ހިތަށް ފިނިކަން ގެނެސްދިނެވެ.
“ނިމް ބޭބީ ސްކޫލުން މިހާރު އެންމެ ފްރެންޑީ ކޮންކުއްޖަކާ؟”
ނިއަމް ގެ ބޮލުގައި ފުނާއަޅަމުން ދިޔަ ޖަޒްލާގެ ކަންފަތް ބޭގަރާރުވެފައިވީ ނިއަމް ދޭ ޖަވާބެއް އަޑުއެހުމަށެވެ. ކުލާހުގައި ނިއަމް މާ މަޑުން ހުންނާތީ އާންޓި ވެސް ވަނީ އެކަމާ ކަންބޮޑުވެގެން ސުވާލުކޮށްފައެވެ. ގޭގައި ސަކަރާތް ޖަހައިފައި އުޅޭ އިރު ނިއަމް އަކީ މަޑުން ހުރެވޭނެ ކުއްޖެކޭ ވެސް މީހަކު ނުބުނާނެއެވެ. އާންޓީގެ ވާހަކަތަކުން ޖަޒްލާއަށް ހައިރާންކަމެއް ލިބުނީ އެހެންވެއެވެ. އެކަމުގެ ހަގީގަތް ދެނެގަތުމަށް ޖަޒްލާ ނިންމީ ސުކޫލާއި ބެހޭގޮތުން ދަރިފުޅާއި ދުވާލު ކުރުމަށެވެ.
ނިއަމްގެ މޫނަށް ވެރިވީ އިންތިހާ ދަރަޖައިގެ ނުތަނަވަސް ކަމެވެ. ތިރިކޮށްލި އެސްފިޔަތަކުގެ ފަހަތުގައި ބޮޑު ސިއްރެއް ފޮރުވިފައިވާފަދައެވެ.އެމޫނުމަތީގައި ވި ލުއި ހިނިތުންވުން ފޭދުމުގެ އަސްލަކަށް ޖަޒްލާގެ ސުވާލު ވިއެވެ. ފަރުވާތެެިކަމާއެކު ދަރިފުޅުގެ މޫނުމައްޗަށް އަރައި ފައިބަމުން ދިޔަ ކުލަވަރު ބަލަން ޖަޒްލާއަށް ދަރިފުޅުގެ ނުތަނަވަސް ކަން ރަނގަޅަށް ފާހަގަވިއެވެ.
“ޔަޝަލް”
ނިއަމްގެ އަނގައިން ބޭރުވި ނަން ޖަޒްލާއަށް ކިރިޔާއިވުނުކަމެވެ. އެހާވެސް އެކުއްޖާގެ އަޑު މަޑެވެ. ޖަޒްލާ އަށް ނޭނގުނީ ނިއަމް އިސްޖަހައިލީ އެ ބޮޑު ދެލޮލުގައި ވި އަސަރުތައް ފޮރުވަން ކަމެވެ.
ދަރިފުޅުގެ ހަރކާތްތައް ހުރިގޮތުން ފުން ވިސްނުމެއްގެ ތަރެއަށް ޣަރަގު ވަމުން ދިޔަ ޖަޒްލާ ގެ ލޮލުން އެމަންޒަރު ކަސިޔާރުވީއެވެ. ދެންމެ ނިއަމް ގެ ލޮލަށް ޖަޒްލާ ބަލައިލި ނަމަ އެތައް ކަމެއް ކަޝްފުވީހެވެ. ނަމަވެސް ތަޤުދީރުގައި އެހަޤީގަތް ޖަޒްލާއަށް އިނގުމުގެ ވަގުތު ނުޖެހޭތީ ތިރިކޮށްލި ނިއަމްގެ އެސްފިޔަ ތަކާއެކު އެހަގީގަތް ވަންހަނާ ވިއްޔެވެ.
“މަންމި ބުނީމެއްއެނު ޑޯޜާވާހަކަ ކިޔައިދޭނަމޭ”
މާހައުލުގައި ރަސްކަން ކުރަމުންދިޔަ ހިމޭންކަން ކަނޑުވައިލުމަށް ނިއަމް ބުނެލިއެވެ. ނިއަމްގެ ސުވާލުނއަޑު އިވުނު ޖަޒްލާ އަށް ފިކުރުގެ ފުން ކަނޑުން ބޭރުވެވުނެވެ.އަދި އޭނާގެ ފުރިހަމަ ސަމާލުކަން ގާތުގައި ހުރި ކުޑަދަރިފުޅަށް ހުއްޓައިލެވުނެވެ.
“އާން މަޑުކޮށްލާ. މަންމި އެބަ އަންނަން ފެންވަރައި ލައަިގެން،”
ޖަޒްލާގެ ތުންފަތް ފޫއަޅުވައިލުމަށްފހު ބޭރުވިއެވެ.
ޖަޒްލާ އަވަސްވެގަތީ ފެންވަރައި ތާޒާ ވެލުމަށެވެ. ފެންވަރަން ހުރިއިރުވެސް ޖަޒްލާގެ ޚިޔާލުގައިވީ ނިއަމް އަށްއޭނާގެ ސުވާލު އަޑު އުވުނު ހިނދު އެ މޫނުން ފާޅުވި ނުތަނަވަސްކަމެވެ. ހިނދުކޮޅަކަށް ވެސް އެ ޚިޔާލު އޭނާގެ ވިސްނުމުން ކަސިޔާރު ނުވެއެވެ.
ފެންވަރައި ނިންމާލުމަށްފަހު ޖަޒްލާ ދޫކޮށް ހުރި އަތް ދިގު ޓީޝާރޓަކާއި ޓައިޓެއްލިއެވެ. ބޮލުގައި ފުނާ އަޅައި އިސްތަށިގަނޑުގައި ވޫލް ޖަހައިލިއެވެ. ދެއަތުގަ އާއި ދެފައިގައި ލޯޝަން ލިއެވެ.
އޭރު ޖަޒްލާފެ ފޯނު ހިފައިގެން ބަންޑުން ނިއަމް އޮތް ނިއަމް ގެ ނަޒަރު އަމާޒު ވެފައިވީ ފޯނުގައި ހުރި ދެމައިންގެ ފޮޓޯ ތަކަށެވެ. ނިއަމް ފަހަރަކު ފޮޓޯއެއް ބަލަމުން ދިޔަ އިރު އެކި މުނާސބަތު ތަކުގައި ދެމައިން އެކަނި އަދި މުޅި އާއިލާ އެކުގައި ނަގައިފައި ހުރި ފޮަަޓޯ ތަކަށް އެކުއްޖާގެ ނަޒަރު ދަތުރު ކުރަމުން ދިޔައެވެ.
“ނިމް އަވަހަށް ފޯނު ބާއްވައިފައި ރެސްޓް ކޮށްލަން އޮއްތާލާ.”
ޖަޒްލާގެ އަޑުގައި ވަނީ ލޮތްބާއި އޯގާތެރެިކަމުގެ އަސަރު ތަކެވެ. ޖަޒްލާފެ ދެ ތުންފަތް ފޫއަޅުވައިލައިފައި ދިޔަ ލަފްޒުތަށް އަޑު އިވުނު ނިއަމް ފޯނު އެނދުމަތީގައި ބޭއްވިއެވެ.
“މަންމީ. ބްލޭންކެޓް”
އެނދުގައި އޮށޯވެންނަން އުޅުނު ޖަޒްލާ އަށް ނިއަމް ހަނދާން ކޮށްލަދިނެވެ.
“ޔެސް.ކިރިޔާ މަންމި ފޮރގެޓް ނުވީ”
ޖަޒްލާ އެނދުން ތެދުވެގެން ގޮސް އަލަމާރު ހުޅުވައިލުމަށް ފަހު ބްލޭންކެޓެއް ނެގިއެވެ.
“ޔޭ. މަންމި ޑޯރީ ބްލޭންކެޓް ދޯ!”
ނިއަމްގެ މޫނުން ފާޅުވީ އިންތިހާ ދަރަޖައިގެ އުފާ ވެރިކަމެވެ.
“ޔެސް މަންމި .ޕްރިންސެސް.”
ނިއަމްގެ އުފާވެރިކަން އިހުސާސް ކުރެވުނު ޖަޒްލާްގެ ދެލޯ ފުރުނީ އުފާވެރިކަމުގެ ކަރުނުންނެވެ.
ޖަޒްލާ ނިއަމްގެ މަގަތުގައި އޮށޯވެލުމަށް ފަހު ދެމައިންގެ ހަށިގަނޑު ރަޖާގެ ހިމާޔަތުގެ ތެރޭގައި ފޮރުވައިލިއެވެ. މާހައުލުގައި ވަކި ހިއްޕާލައިފައި ހުރި އޭސީގެ ފިނިކަމުން އަދި ރަޖާ އިން ލިބެމުން ދިޔަ ހޫނުކަން އެކުވެ ކުރެވުނު އަރާމް އިހުސާސުން ޖަޒްލާގެ އެސްފިޔަތަކަށް ބަރުވާން ފެށިއެެވެ. ގަދަހެދުމެއެއްނެތި އަނދިރިކަމަށް ފުރުސަތު ދެމުން ޖަޒްލާ ފުން ނިންޖެއްގެ ތެރެއަށް ފެނބިގެން ދިޔައެވެ. އޭރު ޖަޒްލާގެ ކައިރީގައި އޮތް ނިއަމް ވެސް ފުންނިދީގެ އާލަމެއްގައި ފީނަމުން ދިޔައެެވެ.
ފެނުން މައްޗަށް ތިލަވެގެން އައި މަހެއްހެން ނިދީގެ ފުން ކަނޑުން ޖަޒްލާ އަށް ހޭލެވުނީ ސައިޑްޓޭބަލް މަތީގައި އޮތް އޭނާގެ ފޯނު ރިންގު ވާއަޑަށެވެ. ސައިޑް ޓޭބަލް މަތިން ފޯނު ނަގައި ބަލަައިލިއިރު ގުޅަނީ ޝަބާއެވެ.
“އޭ ޖަޒޫ ހިނގާބަ މިރޭ އޮލިމްޕަހަށް ދާން. މިރޭ އާފިލްމެއް އަޅުވަޔޯ.”
ޖަޒްލާ އަށް ހަލޯ ނުބުނެވެނީސް ޝަބާ އޭނާގެ ވާހަކަ ފެށިއެވެ.
“ނުދެވޭނެ. މިރޭ ވަރަށް ބިޒީ”
ޖަޒްލާ ޝަބާގެ ހުށަގެޅުމައި ދެކޮޅު ހަދަނ ްބޭނުންވާ އަސްލު ސަބަބު އެންމެ ގާތް އެކުވެރިން ގާތުވެސް ހާމަ ކުރެވޭކަށް ނެތެވެ.
“ކޮން ބިޒީ އެކޭ ކިޔާކަށް. މަށަށް އިނގޭ ޖޭޒް އެކްސްކިޔުސް ދައްކަނީކަން. މިރޭވާނެ ދާން .ތިގޭގެ އެޑްެރެސްބުނެބަލަ. އަދި ޖޭޒް ކީއްވެތަ އަހރެމެންނަށް އެޑްރެސް ނުދޭން ތި އުޅެނީ.އެކަމް ބުނާނެ ބެސްޓް ފްރެންޑުންނޭ. އޭރުން އަހރެމެން ގޮސްދާނަމޭ ޖޭޒް ބަލައި”
“ސޮރީ ޝެބީ. މިއަދު މިއުޅެނީ އަސްލުވެސް ވަރަށް ބޮލުގަ ރިއްސާތީ. ދެން ބިޒީ އޭ ބުނީ އަސްލު މަންމަގެ ފްރެންޑެއްގެދަރިފުޅު މިރޭ ބޭބީ ސިޓް ކުރަން ޖެހޭތީ.އޯކޭ ދެން އިހަށް ބާއްވަނީ އިނގޭ.”
ޖަޒްލާ އަވަހަށް ފޯނުކޯލު ކުރުކޮށްލީ ޝަބާ އިތުތު ސުވާލެއް ކޮށްފާނެތީ އެވެ. ޖަޒްލާ މިރޭ ބޭރަށް ދިޔުމަށް އިންކާރު ކުރީ ނިއަމް ބަލަން ރޭނގަޑު މަނަ އަށް ޖައްސަން ބޭނުން ނުވާތީ އެވެ. ދުވާލު ހަތަރުދަމު ހުއްޓާނުލާ އެކި މަސައްކަތުގައި އުޅޭއިރު ރޭގަނޑު މަންމަ ވެސް ވަރުބަލި ވާނެކަން އޭނާ އަށް އިނގެއެވެ.
އެހެން ނޫނަސް ޝަބާ އަކަށް އޭނާގެ ދަރިއަކު ހުންނަ ކަމެއް ނޭނގޭނެއެވެ. އޭނާ ގޭގެ އެޑްރެސް ޝަބާ އަދި އީރަމް އަށް ވެސް ނުދެނީ މި ސަބަބަށްޓަކައެވެ. ނިއަމް އަކީ އެންމެ ގާތް އެކުވެރިންނަށް ވެސް އޭނާ ސިއްރު ކުރަން ބޭނުންވާ ބާބެކެވެ. އެވޭނީ މާޒީގެ ސޮފްހާތަށް ހުޅުވާނެ ހިތްވަރެއް އޭނަގެ ހަށިގަނޑަކު ނެތެވެ.