
އިމްތިޙާން 60
“ރަޝީދާ އަހަންނަށް ދިނީ. ކޮންމެހެންވިޔަސް ކަލެޔަށް ނޭނގުނަސް މި ފޮޓޯގަ މިތިބަ ތިން މީހުންނަކީ މިވަގުތު އަހަންނާ ކޮންމެސް ހިސާބަކުން ގުޅުން ހުރި މީހުން. އެހެންވެ މި ފޮޓޯ ފެނުނު ދުވަހުން ފެށިގެން އަހަރެން މިކަންކަން ހޯދަން އިތުރަށް ޝަޢުގުވެރި ވީ.. ބަލާބަލަ މި ފޮޓޯގަ މިހުރީ ކަލޭ ތި ބުނާ ކަލޭ އެންމެ ލޯބިވީ މީހަ. އެހެންވީމަ ފާއިދުގެ ބައްޕައަކީ އެހެރީ..”
ސަމީރާ ފަހުދާ ދެމީހުން ތަންކޮޅެއް ދުރުގައި ތިބިތަން ދައްކާލަމުން މޫސަ ބުނެލިއެވެ.
އެއަޑު ސަމީރާ ފަހުދަށް އިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ. ވާނުވާއެއް ނޭނގި ސަމީރު ބަލައިލީ ފަހުދުގެ މޫނަށެވެ. އަދި ހަމަ އެފަދައިން ފަހުދަށްވެސް ސަމީރުގެ މޫނަށް ބަލައިލެވުނެވެ. އެންމެންގެ ނަޒަރު މިވަގުތު ހުއްޓިފައިވަނީ ސަމީރަށާއި ފަހުދަށެވެ.
ފާއިދުގެ ބައްޕައަކީ ކާކުކަން އެނގުމަށް އެންމެންވެސް ވަނީ ކެތްމަދުވެފައެވެ. އެހެންނަމަވެސް ސަމީރާއި ފަހުދަށް ކުރެވެނީ ތަފާތު އިޙްސާސެކެވެ. ކޮންމެ މީހަކުވެސް ވަނީ ވާނުވާ ނޭނގުމުގެ ތެރެއިން ބިރުގަނެފައެވެ. ޖެހިލުންވެފައެވެ. އެވަރުގެ ކުށެއް ކުރެވުނުތޯ އަމިއްލަ ނަފްސް މާޒީގެ ތެރެއަށް ޤަރަޤުކުރަމުން ވިސްނަމުން ދިޔައެވެ.
“ހާސްނުވޭ! ފާއިދު މަންމަގެ މޫނު މިވީހާއިރު ނުފެނުނަސް ފާއިދު މަންމަގެ ނަން ބުނެލީމަ އެސޮރުގެ ބައްޕައަކީ ކާކުކަން ވަރަށް އަވަހަށް އެނގިދާނެ… މީ ލަހުމާ.”
މޫސަ ބުނެލި ޖުމްލައިން ފަހުދަށް ތެޅިގަނެވުނެވެ. މީހާ ސިއްސައިން ދިޔައީއެވެ. އެންމެ ލޯބިވި ލަހުމާއަށްޓަކާ ފަހުދުގެ ހަޔާތުން ކޮންމެ ދުވަހެއް މިއަދާ ހަމައަށްވެސް ގުނަމުން އައީ އެއްވެސް ކައިވެންޏެއް ނުކޮށެވެ.
މިއީ ޙަގީގަތުގައި އެހާ ދުވަސް ކޮށްފައި ފަހުދު މާލެއައި ސަބަބެވެ. ފަހުދު އެންމެ ބޭނުންވި ބައިވެރިޔާ ހޯދަން މާލެ އައިތަނުން ފާއިދުގެ އަތުން ވީ އެކްސިޑެންޓެއްގައި ފަހުދަށް މިޖެހުނީ ފަހުދުގެ ދަރިއެއްކަން ނޭނގި ނަމަވެސް ފާއިދުގެ ހިޔާވަހި ކަމުގާ މަޑުކުރާށެވެ.
ކޮންކަހަލަ އިމްތިޙާނެއް ހެއްޔެވެ؟ ފަހުދު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ވަމުންދާ ކަންތައްތައް ޤަބޫލުކުރަން ހިތާއި ސިކުނޑިއަށް ފަސޭހަ ނޫނަސް ފަހުދުގެ ދެލޯ އެކަން ޤަބޫލު ކޮށްފިއެވެ. ކިހާ ބޮޑު އަޖައިބެއް ހެއްޔެވެ؟
“އަހަރެ.. އަހަރެންގެ ބައް.. ބައްޕައޭ.. އަހަރެންގެ ކާރުން އެކްސިޑެންޓްވީ ދުވަހު އަހަންނާ ދިމާލަށް ވާހަކަ ދެއްކި ގޮތް އަހަރެން ހަނދާން އެބަހުރި.. އަހަރެންގެ ކުށެއް އޮތްތޯ ބަލާފަ އަހަރެން ކުށްވެރިޔަކަށް ހަދަންވެސް އުޅުނު.. އެކަމަކު އަހަރެން އެދުވަހު އެއްވެސް އެއްޗެއް ނުބުނަން.. އަހަންނަކަށް ނޭނގޭ ތީ ކާކު ކަމެއްވެސް. އަހަރެން ހުރީ އަހަރެންގެ ސަބަބުން އަނިޔާ ލިބުނު ފައި ރަނގަޅު ވީމަ، މާލެއަށް ތި އައި ބޭނުންވެސް ފުއްދައި ދިނުމަށް އެހީވެދޭން ތައްޔާރަށް.”
ފާއިދު ވާހަކަ ދެއްކިއިރު އޭނާގެ ރީތި ދެލޮލުގެ އެސްފިޔަތަކުން ތެއްކަން ފެންނަން ހުއްޓެވެ.
“އަހަންނަށް މާފްކުރޭ ފާއިދު. އަހަންނަށް މާފްކުރޭ މަގޭ ދަރިފުޅާ.”
ފަހުދު ކުރަމުންދިޔަ އާދޭހުގެ އަޑު އިވުމާއެކު ފާއިދު
ހަމަހިމޭން ވެލިއެވެ.
“ދަރިފުޅާއޭ.. އަހަރެންނަކީ ދަރިއެއްކަން ފުރަތަމަ ޤަބޫލުކުރި ބައްޕައަކީ މޫސާ ލަތީފް. އަހަރެން ދުވަހަކުވެސް މޫސަބެ މަތިން ހަނދާން ނުނެތޭނެ.”
ލަހުފާގެ ކޮނޑުގައި ދެއަތް އަޅުވާލައިން ހުރި އިރު ފާއިދުގެ ބޯވަނީ ލަހުފާގެ ބޮލުގައި ޖައްސާލާފައެވެ. ހަމަ އެފަދައިން ފާއިދަށް ހިތްވަރު ދެމުން ދިޔަ ލަހުފާވެސް ފާއިދުގެ އުނަގަނޑުގައި ދެއަތުން ހިފައްޓާ ލައިން ހުއްޓެވެ. އެ ދެމީހުންވެސް އިސް ދަށަށް ޖަހާލާފައިވާއިރު ކޮންމެ މީހެއްގެ ލޮލުންވެސް އޮހޮރެމުން ދިޔައީ ކޮން ނަމެއް ދޭންވީ ކަރުނައެއް ކަމެއް ނޭނގެއެވެ.
ލަހުމާގެ ލޯބިވެރިޔާގެ ނަން މިވަގުތު ލަހުމާއަށް އަޑުއިވުނީ ޒަމާން ތަކަކަށް ފަހުއެވެ. މިވަގުތު ފަހުދު އެތާ ހުރިކަން އެނގުމާއިއެކު ލަހުމާގެ މުޅި ހަށިގަނޑުގައި ކަރަންޓް ޝޮކެއް ދުވެލި ފަދައެވެ. ހިތްއެދޭ ބައިވެރިޔާގެ ނަން އަޑުއިވުމަކީ ފަރުވާއެކެވެ. ވީއިރު ލަހުމާ އެންމެ ލޯބިވި މީހާ އެތައް ޒަމާނަކަށްފަހު ފެނުމަކީ ހިތަށް އުފާވެރިކަން ލިބޭނެ ކަމެއް ނޫންހެއްޔެވެ؟ ލަހުމާއަށް ހީވީ ލަހުމާގެ ދެލޮލުގެ ފެނުން ގެއްލުމަށްފަހު ކުއްލިޔަކަށް އެ ދެލޮލުގެ ނޫރު ލިބުނު ހެންނެވެ.
“ފާއިދު.. ދަރިފުޅާ.. މަންމައަށް މާފްކުރޭ.. މަންމަ ދަރިފުޅަށް ބަލިވެއިން ވާހަކަ ދަރިފުޅުގެ ބައްޕަ ކައިރި ބުނަން ޖެހިލުންވީ.. އަހަރެންގެ ހަށިގަނޑުގަ ހިނގަމުން ދިޔަ “ތަފާތު އިޙްސާސް” ގެ މާނައަކީ ކޮބައިކަން އެދުހު ފަހުދަށް ވިސްނާނުލެވުނީ.. މަންމައާ ބައްޕަ ދުރުކުރުވީ ފާއިދު އެންމެ ލޯބިވި ރަޝީދާ މާމަ. ދަރިފުޅުގެ މާއޫ.. އެއީ މަންމަ ބަލިވެ އިންކަން އިނގިގެން. މަންމަމެންވީ ލޯބިގެ ގުޅުން ކަނޑުވާލީ..”
ލަހުމާ ވާހަކަ ދައްކަން ފެށުމާއެކު ފާއިދު އެދިމާލަށް ޖެހިލިއެވެ.
“އަހަންނަށް އެދުވަހު ތިގެއަށް ދެވުނުކަން އެއީ އަހަރެންގެވެސް ނަސީބު. ލަހުމާއަށް ވަރަށް ރަނގަޅަށް އެނގޭނެ އަހަންނަށް އެ ހުރިހާ ހަޤީގަތެއް އެނގުނުކަން. ތާނިޔާވެސް ލަހުމާވެސް ހީކުރީ އަހަރެން އުޅުނީ ލަހުމާއާ އިންނަންކަމަށް. ތެދެއް. އަހަރެން އެހެން ކީން. އެއީ ކޮންމެހެން ލަހުމާއާ ކައިވެނި ކުރުމުގެ އެއްވެސް ބޭނުމެއް އޮވެގެން ބުނި އެއްޗެއް ނޫން. އެކަމަކު އަހަރެން އެހެން ބުނީމަ ލަހުމާގެ މާޒީގެ ވާހަކަތައް ކިޔައިދޭތޯ ބަލަން ބުނި އެއްޗެއް އެއީ. އެކަން ވީވެސް އަހަރެން އުންމީދުކުރި ގޮތަށް. ރަޝީދާއާ ލަހުމާގެ ފަރާތުން އަހަންނަށް ވަރަށް ގިނަ ވާހަކަތައް އެނގުން.”
މޫސަގެ ރޭވުންތެރިކަން ކުރިޔަށް ގެންދިޔަގޮތް އެންމެންގެ ކުރިމަތީ ފާޅުކޮށްލިއެވެ.
“އަހަންނަށް އެނގުނު.. އިހައްދުވަހު، ހޮސްޕިޓަލުން ހަމަ އަހަރެން ފެންނަންވާއިރަށް އަހަރެންކައިރި އިންނަން ބުނީ އަހަރެން ކުރިން އެހެން އަހާފަ އޮތީމަކަން.” ލަހުމާއަށް ބަލައިލަމުން މޫސަ ބުނެލިއެވެ..
“މިގޭގެ ދެބައިކޮށްފަ އެއްބައި މީ މިހާރު ފާއިދަށް ހިބަކޮށް ދެވިފަ އޮތް ތަނެއް. ލަހުމާއަށް މިގޭގަ އިނދެވޭނީ ފާއިދު ޤަބޫލުނަމަ. އެހެންވީމަ ވަކިގޮތަކަށް ނިންމަން އަހަރުމެން ފާއިދަކަށް ނަސޭހަތެއް ނުދޭނަން. އަހަރެން އެދުވަހުން ފެށިގެން މި މަސައްކަތްކުރީ ފާއިދަށް އޭނަގެ އާއިލާ ހޯދަ ދެވޭތޯ. ފާއިދު ވަރަށް ބޭނުންވި ކަލޭމެން އެންމެންވެސް ދެކިލަން.. މިވަގުތު ފާއިދަކީ ވަރަށް މޮޅު ވަނަތަކާއެކު ސްކޫލްނިންމާ ވަޒީފާއެއްގެ ޗެއާރ ޕާރސަންކަން އަދާކުރާ މީހެއް.”
މޫސަ ހިމޭންވެލިއެވެ. އިރުކޮޅަކުވެސް އެތާ މަޑުކުރާކަށް މިހާރު މޫސަ ބޭނުމެއް ނޫނެވެ.
މޫސަ ކުރިޔަށް ހިނގައިގަތީ އެތަނުން ނުކުތުމުގެ ނިޔަތުގައެވެ. މުޅި ދުނިޔެއަށް ސިއްރު ކޮށްގެންހުރި އެތައް ވާހަކަތަކެއް އެންމެންގެ ކުރިމަތީގައި ހާމަކުރެވުނު ކަމުގެ ހިތްހަމަޖެހުމާއެކުގައެވެ.
މޫސަ ދެތިން ފިޔަވަޅު ކުރިއަށް އަޅާލުމާއެކު ކުއްލިޔަކަށް ހުއްޓެން މަޖުބޫރުވީ ތުގާގެ އަޑު މޫސަގެ ކަންފަތުގާ ޖެހުމުންނެވެ. ތުގާއަކީ މޫސަގެ ޙަޔާތުގެ ހަތަރު ބައިކޮށްފަ އެއްބައެވެ. އެއީ މޫސަ އަބަދުވެސް އެކަން ޤަބޫލު ކުރަން ބޭނުންވާ ގޮތެވެ. އެހެންކަމުން ތުގާގެ އެއްވެސް އާދޭހަކާއި ޝަކުވާއެއް އަޑު ނީވޭކަމަށް ހެދުމަކީ މޫސަ ކުރާނެ ކަމެއް ނޫނެވެ.
“އެހެންވިއްޔާ ދެންމެ ބުނިހެން ފާއިދު ދޮންބެގެ މަންމައާ އަހަރެންގެ މަންމައާ ހުރި ގުޅުމަކީކޮބާ؟ އަހަރެން ނޫނަސް، ފާއިދު ދޮންބެގެ މަންމަވެސް އެކަން އެނގެން ބޭނުންވާނެ.”
ތުގާ ބުނީ ތެދެކެވެ. އެއީވެސް ހަޤީގަތް ފޮރުވިފައިވާ ސިއްރެކެވެ. ސަމީރުގެ ބައެއް ވާހަކަތަކުން އެކަން ހާމަވެގެން ދިޔުމުން ތުގާ އެކަން އެނގެން ބޭނުންވީއެވެ.
“ފަރީދާއަކީ އޭރު ލަހުމާގެ އެންމެ ގާތް ރަހުމަތްތެރިޔާ. ލަހުމާއާ ފަހުދުގެ ލޯބީގެ ހުޅުކޮޅު ނިވާލި މީހަކީ ތުގާމެންގެ އަސްލު މަންމަ. ލަހުމާއާ ތާނިޔާއަށް ނޭނގުނަސް ހަގީގަތުގަ އަހަންނަކީ ފަރީދާގެ ދޮންތަބެ.”
ފަސް އެނބުރި އައިސް މޫސަ ބުނެލި ޖުމްލައިން އެންމެ ބޮޑަށް ސިއްސައިން ދިޔައީ ލަހުމާއެވެ.
ތެދެކެވެ. ލަހުމާގެ ދިރިއުޅުން މިހާލަތަށް ވެއްޓެން ދިމާވުމުގެ އެންމެ ބޮޑު އަސްލަކީ ފަރީދާ ކަމަށް ލަހުމާ އަބަދުވެސް ގަބޫލު ކުރެއެވެ. ފާރީދާއަށް ދުވަހަކުވެސް މަޢާފް ނުކުރާން ނިންމައިގެން ހުރި ލަހުމާއަށް މިއަދު އެހެން ގޮތެއް ނެތެވެ.
ފާއިދު މީހަކަށް ހަދައިދިނީ ފަރީދާގެ ދޮންތައާ ޅިޔަންބެގެ ބުރަ މަސައްކަތުންނެވެ. އަނެއް ކޮޅުން ފާއިދު މިއަދު އަދާކުރަމުންދާ އެ މާތް ވަޒީފާގެ އެންމެ ބޮޑު މޭސްތިރިއަކީ މޫސާ ލަތީފެވެ. މިއަދު ފަރީދާދެކެ ރުޅިއައުމުގެ އެއްވެސް ޙައްޤެއް ލަހުމާއަށް ނެތީ އެފަދަ އެތައް ސަބަބު ތަކަކާ ހެދިއެވެ. މިދުނިޔެ ލަހުމާ އިމްތިޙާން ކުރަމުން އެގެންދަނީ ކޮންފަދަ ގޮތަކުން ހެއްޔެވެ.؟
( ނުނިމެ )
*********************
މިހާހިސާބުން މި ވާހަކައިގަ ދެން ބާކީ އޮންނާނީ ތިން ޕާރޓް. ކެތްތެރި ކަމާއެކު އިންތިޒާރު ކޮށްދެއްވާ..