
ބޭވަފާތެރިވުމުން ޔާރާ – 1
ތަނަވަސް ކޮޓަރިއެކެވެ. ބޮލަށް އުނދަގޫ ވާވަރަށް ޖަހާފައި ހުރި މިޔުޒިކްގެ އަޑުން މާހައުލުގެ ހަމަހިމޭންކަން ކެނޑިފައި ވިއެވެ. ތަފާތު ވައްތަރުގެ ކުލަބޮކިތައް ވަނީ ސީލިންގުގައި ހަރުކުރެވިފައެވެ. އެއްފަރާތުގައި ހުރި ހަތަރެސްކަން މޭޒުގައި ރާތަށިތަކެއް ފާޑު އެއްޗެހި އެތުރިފައި ވެއެވެ. މަސްތުގެ ހާލުގައި ތިބެ އެކި ޖިންސުގެ މީހުން މަސްހުނިވެ ނަށަމުން ގެންދިޔައެވެ. ސޯފާތަކުގައި ދުނިޔަވީ އަރާމާއި ލައްޒަތަށް ގެއްލިފައި އެތައް ބަޔަކު ތިބީ ޣާފިލް ކަންމަތީގައެވެ. މުޅި މާހައުލަށް ނަޒަރު ހިންގާލުމުން ފެންނަނީ ޕާޓީއެއްގެ ކުލަވައެވެ. މަސްތުގެ ދުނިޔެއަށް ގެއްލިފައި އޮތް ޖައުޝްއަށް މަސްތުގެ ދުނިޔެއިންވެސް ހަމަަޖެހުމެއް ނެތްފަދައެވެ. އޭނާގެ ޚިޔާލުގެ ވާފަށުގައި ވަނީ އީނާއެވެ. އެ ރީތި ސޫރައެވެ. އެ ހިމަ ނޭފަތާއި ތުނި ތުންފަތެވެ. ބޮޑު ލޮލެއް ނޫންނަމަވެސް ބަލާލަން ރީތި ޖާދުވީ ލޮލެވެ. އެ ސިހުރެއްފަދަ މުށިކުލައިގެ ކަޅިއެވެ. ބަނިޔާދަން ހަށިގަނޑެވެ. ޢީނާގެ ރީތި ސިފަތަކަށް ތައުރީފްކޮށްކޮަށް ކޮޅުން ނުލާނެއެވެ. އެންމެފަހުން ޚިޔާލުތަކުން ބޭރުވީ ބޭނުންކުރި މަސްތުވާތަކެތީގެ ސަބަބުން ޚަބަރު ހުސްވެގެންނެވެ.
** **
“ދެން ތިހާ މޫޑީވެފައި ނީނދެބަލަ. ދޫކޮށްލާފައި ދިޔަ މީހަކާއި މެދު ތިހާވަރަށް ވިސްނުމުގެ ބޭނުމެއް އަޅެ އީން ބުނެދީބަލަ” ޝާހާ ބުނެލިއެވެ. “ވިސްނަން ބޭނުން ނުވިޔަސް ހަމަ ވިސްނެނީޔޭ. އަހަރެން އަދިވެސް މީނދީ ޝޮކުގައި. އަހަރެންގެ ކޮން ސިފައެއް ނެތިގެންތަ ރީހާން އިމާނާ ކައިރިއަށް ދިޔައީީ.” ޢީނާއަށް ޝަކުވާ ކޮށްލެވުނެވެ. “ތިޔެއް އަހަންނަކަށް ނޭނގެ. އެނގޭހައިވެސް އެެއްޗަކީ އީނާ ތިހެން ހުރެ ދޫކޮށްލާފައި ދިޔަ މީހަކަށް ޓަކައި ކަރުނަ އަޅައި ރޯން ނުޖެހޭކަން. ރީހާން ދިޔުމުގެ މާނައަކީ އެހެން ފިރިހެނަކު އީނާއަށްޓަކައި ނެތެކޭ ނޫން. ދުނިޔޭގައި ކޮންމެ މީހަކަށްޓަކައިވެސް ބައިވެރިއެއް ވޭ. ކޮންމެވެސް ދުވަހަކުން އޭނާއާއި ބައްދަލްވާނެ. ވެދާނެ އަދި ވަގުތު ނުޖެހެނީކަމަށް. އެހަމަ ވެދާނެ ތިހުރި ގޭ ޖައުޝްއަށްވެސް” ޝާހާ ބުނެލީ ނަސޭހަތުގެ ރާގަކަށް ނަމަވެސް އެންމެ ފަހު ޖުމްލަ ބުނެލީ ލާނެތް ރާގަކަށެވެ. “ޖައުޝް. ޔަކް.. ހުވަފެނުގައިވެސް އެފިރިހެނާއާއި އިންނަތަން ފެންނަދުވަހުން ޝާހާއަށް ހަފްތާއެއް ވަންދެން ފްރީކޮށް މަގޭ ބައްޕަ ރެސްޓޯރެންޓުން ކެއުމުގެ ފުރުސަތު ދޭނަން. އެއޮތް އިސްތަށިގަނޑު ފެނިފަވެސް ފަކުރުން ހޮޑު ނުލެވެނީ ކިރިޔާ. އެއޮތް ސިނގިރޭޓު ސެންޓުވަހުގެ މީރުކަމުގެ ވާހަކަ ދެއްކުމަށްވުރެ ނުދެއްކިޔަސް ސަވާބު ބޮޑުވާނެ. ކަރުގަޔާއި އަތުގަ އަޅާފައި ހުންނަ ގަހަނާތަކޯ. އެހާ ބޮޑު ޓީޝާޓަކާއި ސޯޓެއް މަ ދުވަހަކުވެސް ނުދެކެން. 24 ގަޑިއިރު ހިއްފަވައިގެން ގަހުކުރީގައި. އާނފަހެ! މީހަކު ހިތާވާނެ ކަހަލަ މީހެއްތަ އެއީ؟” އީނާ އަނގަޔަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. ޝާހާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “މިދެމީހުން އަދި އިންނާނެ. ނަފްރަތަކީ ލޯބީގެ ފެށުން” ޝާހާ މަޑުމަޑުން ބުނެލިއެވެ.
** **
“ނައުރީންން” ހަފީޒާގެ ބާރުއަޑުން ގޭގެ ފާރުތަކަށްވެސް ގުޑުން އެރިކަހަލައެވެ. “ލަ..ލައްބަ މަންމާ” ގެއިން ދުވެފައި ނުކުތް ނައުރީން ކިޔަމަންތެރި ކަމާއިއެކީ ބުނެލީ އިސްޖަހާލަމުންނެވެ. އެއަންހެން ކުއްޖާ ލައިގެން ހުރީ ކުލަގޮސްފައި ހުރި ތަނބިކަށްޓާއި ހަމައަށްއަރާ ހެދުމެކެވެ. ދިގު ފަންފަން އިސްތަށިގަނޑުގެ ސަބަބުން މޫނުގެ ބޮޑުބައެއް ވަނީ ފޮރުވިފައެވެ. “މެންދުރަށް ކައްކައިފިންތަ؟” ހަރުކަށި ގޮތަކަށް ހަފީޒާ ބުންޏެވެ. ނައުރީން ބޯޖަހާލިއެވެ. ފުންނޭވާއެއް ލައިފައި ނައުރީން އައިކޮޅަށް ހިނގައިގަތެވެ. “އޭއި އޭއި މަޑުކޮށްބަލަ! ހީނުކުރައްޗޭ ކަލެޔަށް ސަލާމަތް ވެވުނީ ކަމަށް. ބަލަ އެެއްކަލަ ކޮޓަރި ސާފުކުރިންތަ؟” ހަފީޒާގެ ހަރުކަށި އަޑުން ނައުރީންގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައެވެ. އަދި ކަމެއް ހަނދާންވީ ފަދައަކުން ދެލޯ ބޮޑުކޮށްލެވުނެވެ. އެއަށްފަހު ފަސްއެނބުރި ބަލާލަމުން ނޫނެކޭ ބުނެލިއެވެ. “ނޫނެކޭ. ހޫމް. ކަލެޔަށް ހަދަންޖެހޭ ގޮތް އެންމެ ރަނގަޅަށް ދެން އެނގޭނީ މަށަށް. ތި ހުރި ފިޔަވަޅުމަތީ ގުޑާވެސް ނުލާ އަހަރެން އަންނަންދެން ހުރޭ. ”
ހަފީޒާ ގައިގައި ޖަހާފައި ހުރި ލޮކި މަސްތައް ތަޅުވަމުން ބާރުބާރަށް ހިނގައިގަތެވެ. އިރުކޮޅެެއްފަހުން އޭނާ އެނބުރި އައިއިރު އަތުގައި އޮތީ ހޫނުކޮށް ދޮންކޮށްފައިވާ ދަަގަނޑު ބުރިއެކެވެެ. ވާން މިއުޅޭގޮތް ފަހުމްވެ ނައުރީންގެެ ހަށިގަނޑު ތުރުތުރު ލައިގަތެވެ. ހަފީޒާ އައިސް އެ ދަގަނޑުތައް ފައިގަޔާއި އަތުގެ އެކި ހިސާބުތަކުގައި ޖެއްސިއެވެެ. “އަދިވެސް ހަނދާން ނައްތާލާނަންތަ؟” ދަތްކުނޑި ވިކައިލަމުން ހަފީޒާ ހަޅޭތްލަވައިގަތެވެ. ނޫނެެކެ ކިޔާ އޭނާ ބޯހޫރުވާލިއެެވެ. ނައުރީންއަށް ތަދަށް ކެތްނުވެ ބިންމައްޗަށް ވެއްޓުނެވެެ. ހަފީޒާ ބާރުބާރަށް ހިނިގަނޑެެއް ޖަހާލާފައި ނައުރީންގެ ގައިގައި ކޮޅުފައިން ޖެހުމަށްފަހު އެެތަނުން ދިޔައެވެެ.
** **
ލޯންޗުން ފޭބުމަށްފަހު އެޒުވާނާ ރަށަށް ފުން ނަޒަރެއް ދިނެވެ. ރާއްޖެތެރޭ ރަށަކާއި ބަލާފައި ތަރައްގީގެ ކުލަވަރު އެރަށުން ފެންނަމުން ދިޔައެވެ. “ވެލްކަމްޓު ކުޅުދުއްފުށި ސިޓީ” އެ ޒުވާނާ މަޑުމަޑުން ކިޔައިލިއެވެ. ލޮލުގައި އަޅާފައިވި ނަމްބަރު އައިނު ރަނގަޅު ކޮށްލުމަށް ފަހު ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. އެޒުވާނާ ލައިފައި ހުރި އަޅި ކުލައިގެ ‘ގޫޗީ’ ހުޑީއަކާއި ހަމަަ އެ ބްރޭންޑްގެ ކަޅު ޖިންސުގެ ސަބަބުން އެއީ ކިހައި މުއްސަނދި މީހެއްކަން އަންދާޒާ ކޮށްލެވޭނެއެވެ.
ރީތި ބަށްޓަމަކަށްވާ މޫނުގެ ކުލަ އަލިވެފައި ފިރިހެންވަންތަ އެވެ. ނަމްބަރު އައިނުގެ ތެރެއިން
ޢެ އަޅިފެހި ދެލޯ ފެންނަނީ ހުވަފެނީ ގޮތަކަށެވެ. ތުނބުޅި މަތިމަސް ހުރީ އާދައިގެ ވަރަކަށް ތުނިކުރެވިފައެވެ. ބޮލުގެ އިސްތަށިގަނޑު ވެސް ޒަމާނީ ވައްޓަފާޅިއަކަށް ހެދިފައި ވިއެވެ. ޖަހާފައިހުރި ‘އިމްޕީރިއަލް މެޖެސްޓީ’ ގެ ސެންޓުވަހުން ސަރަހައްދު ވަނީ އެއްވަސް ކޮށްލާފައެވެ. ވަށައިގެން ހިނގަމުން ދިޔަ ކަންތައް ތަކަށް ނަޒަރު ހިންގަމުން ދިޔަ އެޒުވާނާ ސިހުނީ ފަހަތުން މީހަކު ގޮވާލުމންނެވެ . “ރަޖުއާން. ދައްތައަށް މައާފްކުރޭ… ލަހުން އާދެވުނީމައި” ހަފީޒާ މައިނޭވާ ލަމުން ބުންޏެވެ. “އެއީ އެއްވެސް މައްސަލައެއް ނޫން” ރަޖުއާން ހިތްހެޔޮ ކަމާއި އެކު ބުނެލިއެވެ. “މިއީ ދައްތަގެ ދަރިފުޅު ނައުރީން. ނައުރީން މިއީ ރަޖުއާން. ނައުރީންގެ ހަގަށް އަދި ދެކުދިން ތިބޭނެެ. އެއީ ނުޝްރާއާއި ނަފްއާ.” ހަފީޒާ ބުނެލީ ނައުރީން އޭނާގެ ގަޔާއި ކައިރިކޮށްލަމުންނެވެ. މަޖުބޫރު ވެގެން ނަމަވެސް އެމަންމަ ފިރުމާލުމުން އޯގާތެރިކަން އިހްސާސްވެ ހިތް އުފަލުން ނަށައިގަތެވެ. ރަޖުއާން ކަޅި ހިންގާލީ ޖެހިގެންހުރި ނައުރީން އަށެވެ. ފަންފަން ދިގު އިސްތަށިގަނޑެކެވެ. ހިތުގެ ބަށްޓަމަށްވާ މޫނާއި ހިތިފަތު ބުމައެވެ. ބަޓަން ނޭފަތާއި ނާޒުކު ތުންފަތެވެ. މުށިކުލައިގެ ދެލޮލުގައި ވަނީ މައުސޫމް ކަމެވެ. ލައިފައި ހުރީ ކަށިމައްޗަށް އަރާ ވިލުކުލައިގެ ހެދުމެކެވެ. ބޮލަށްވަނީ މަލެއް ޖަހާލެވިފައެވެ. “ރަޖުއާން. ދައްތަ ބުނީ މިތަނުން ރަށު ޕިކަޕަކަށް އެއްޗެހި އަރުވާލައިގެން ގެއަށް ދަމާ ހިނގާށޭ. އޭރުންނޭނުން އަވަސްވާނީ” ހަފީޒާގެ ރުޅި ގަދަ އަވީގެ ސަބަބުން އަށްޑިހައިގައި ހުރިކަމުގައި ވިޔަސް ކެތްތެރި ކަމާއި އެކީ ބުނެލީ ގަދަކަމުން ހިނިތުން ވެލަމުންނެވެ. ހިނިތުންވުމާއި ހިތްހެޔޮ ކަމަކީ ހަފީޒާއާއި އެހާ ރަށްޓެހި ސިފަތަކެއް ނޫނެވެ. ހަފީޒާގެ އަޑަށް ސިހިފައި ރަޖުއާން ބަލާލަމުން ބޯޖަހާލިއެވެ. މެންދުރުގެ ރޯ އަވީގައި އެތަނަށް ހިނގާލާފައި އައުން ވީ ހަފީޒާއަށް ވަރަށްވެސް ބޮޑު ކަމަކަށެވެ.
** **
ކޮލެޖް ނިންމާލާފައި އީނާ އައިސް ކޮޓަރިއަށްވަދެ ވަރުބަލި ކަމާއިއެކު ސޯފާއަށް ދަަބަސް އެއްލާލިއެވެ. އަދި ފެންވަރާލައިގެން ނުކުމެ އެނދުގައި އޮށޯވެލީ ނަމާދު ކޮށްލުމެއްވެސް ނެތިއެވެ. ވާނީވެސް އެހެންތާއެވެ. އަސްމާ އާއި ބައްސާމުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ވިއްޔާއެވެ. އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލުމުން ލިބުނު ހިތި ނަތީޖާ އެވެ. އެހެންނަމަވެސް އީނާގެ އަޚްލާގު ރަނގަޅެވެ. އިންސްޓަގްރާމަށް ވަދެ އެ ހާވަނިކޮށް ޖައުޝްގެ ޕޯސްޓެއް ފެނުނެވެ. ކެޕްޝަން ގައި ލަވްޔޫ ބޭބް ޖަހާފައި އިނީ އީނާގެ ފޮޓޯއެކެވެ. ބްލާ ކޮށްލާފައި އިނަސް އޭނާ އޭނާގެ އަމިއްލަ ނަފްސަށް އޮޅޭނީ ކިހިނަކުން ހެއްޔެވެ؟ އައި ރުޅީގައި ސިކުނޑީގައި މޮޅު ޕްލޭނެއް ރާވާލިއެވެ. ބަދިގެއިން 20 ވަރަކަށް ބިސް ކޮތަޅަކަށް އަޅައިގެން ދިޔައީ ޝާޙާމެންގެ ގެއަށެވެ. އޭނާގެ ގެއަށްވުރެ އެގޭގައި ކަމެއް ކޮށްލުން މާ ފަސޭހަވާނެތީ އެވެ. ސަބަބަކީީ އެގޭގެ ފަހަތުގައި އޮންނަ ބިއްދަށް ފަރާތް ބޮޑުވީމައެވެ.
** **
ސަލާން ގޮވާލާފައި އީނާ އެތެރެއަށް ވަނެވެ ” ވަ..އަލައި..ކުމް ސަ..ލާމް” އަޅައަޅައި ގަންނަމުން ޝާހާ ބުނެލީ އީނާގެ މޫނަށް ވެފައި ހުރި ގޮތް ފެނުމުން ހިނިގަނޑު ހިފަހައްޓާ ލަމުންނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. ކަޅުކަންގަދަ ދެބުމަ ގޮށްޖަހާލާފައި ހުރިއިރު ދަތްތައް ވަނީ ވިކާލެވިފައެވެ. މޫނު އަނގުރު އަލިފާން ކޮޅެއްހާ ރަތެވެ. ރުޅިއައިސްފައި ހުރިވަރުން ހަށިގަނޑު ތުރުތުރު ލަމުން ދިޔައެވެ. ޝާހާ ހިނިގަނޑު ހިފަހައްޓާލަން ކެއްސާ ކަމަށް ހެދުނެވެ. “އީނޫ ހާދަ ނުވަގުތެއްގަ ކީއް..” ޝާހާއަށް ބުނެވުނީ ޖުމްލައިގެ އެއްބައެވެ. “ބަލާބަލަ މިއޮތް ޕޯސްޓެއް. ޖައުޝް ލަވްޔޫ ބޭބް ޖަހާފައި މަގޭ ފޮޓޯއެއް ލައިފައި” ޝާހާއަށް އޭނާ ފޯނު ދައްކާލިއެވެ. ޝާހާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އަޑުގަދަ ކުރާއަކުން މީހަކު ހޭންފެށި ފަދައެވެ. ހުނުމުގެ އަޑު އެހާވެސް ބާރެވެ. “ހޭންވިއްޔެއް ނޫން. ހިނގާ ހިތިފަތާއި އަސްދޫނި ބޮޮއެފައި ހުރި ފެނާއި ހޯދަންދާން.” އީނާ ކުރަންއުޅެނީ ކީއްކަން އެނގުމުން ޝާހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އީނާ ނުލަފާ ގޮތަކަށް ހީނލިއެވެ. ހިތިގަހުން ފަތް އުފުރައިގެން އައިސް ވަނުން ތަޅާ ދިޔަ ނެރުނެވެ. އަދި ޖެހިގެންހުރި ގެއިން އަސްދޫނި ފެން ހިފައިގެން އައިސް ބާލީއްޖަކަށް އަޅާލިއެވެ. އަދި ކުނިވެފައިހުރި ބިސްތައް އެއަށް އަޅާ ހިތިފަތު ދިޔަވެސް އެއާއި އެެއްކޮށްލިއެވެ. “އަވާ އޮއުން ސަރުބަތު ގަނޑު އިޒް ރެޑީ ނައު” އީނާ ހިނިގަނޑެއް ޖަހާލިއެވެ.
** **
” ނައުރީން! ރަޖުއާންއަށް ކޮޓަރި ދައްކާލާފައި ކާން ހަދާލަން ދައްޗޭ. ކާން ހަދާލާފައި މަންމަ ކައިރިއަށް އާދޭ” ހަފީޒާ ވަރަށް ލޯބިން ބުނެލިއެވެ. “ލައްބަ މަންމާ” ނައުރީން ކިޔަމަންތެރިކަމާއެކު ބުނެލިއެވެ. “އާދޭ އަޅުގަނޑު ފަހަތުން” ނައުރީން މަޑުމަޑުން ބުނެލީ ކިރިޔާ އަޑުއިވޭނެ ވަރަށެވެ. ނައުރީން ގޮސް ކޮޓަރިއަށް ވައްދާފައި ކަންކަން ހަމަޖެހިފައިވާ ގޮތް ކިޔާލަދިނެވެ. އަދި އެނބުރި ކާގެއަށް ދިޔައެވެ. ކުކުޅު ރިހައާއި ބަތް އަދި ސެލެޑާއި މަސްބޮނޑިވެސް ނައުރީން ވަނީ ތައްޔާރު ކޮށްފައެވެ. ފެޝަން ފުރުޓުފަނި ބުއިމަށްޓަކައި ހުއްޓެވެ. ފޯނު ރަޖުއާންގެ ކޮޓަރީގައި ބޭއްވުނުކަން ހަނދާންވީ އެވަގުތެވެ. ކޮޓަރިއަށް ގޮސް ދޮރުހުޅުވާލަން ތަޅުގައި ހިފިއިރު ހުރީ ތަޅުނުލައެވެ. އަވަސްއަވަހަށް ދޮރު ހުޅުވާލިއިރު ފެނުނު މަންޒަރުން ދެލޯ ބޮޑުކޮށްލެވުނެވެ. ކުއްލިއަކަށް ދޮރުމަތިން ނައުރީން ފެނުމުން ސިއްސައިގެން ގޮސް ރަޖުއާން އަނދެގެން ހުރި ތުވާލި ވެއްޓުނެވެ. ބޮކްސާ ލައިގެން ހުރެވުނުކަމީ ހަމަ ނަސީބެވެ. “ސޮރީ.” ފުރަގަސް ދީގެން ހުރި ނައުރީން ބުނެލިއެވެ. ރަޖުއާންގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. “މައާފް ކުރެވޭނީ މިރޭ 9 ޖަހާއިރު ބޭރު ޖޯއްޔަށް ދިޔައީމަ. އެއްބަސްތަ؟” ބަނޑުގައިހުރި ގޮޅިތަކުގައި އަތް ހާކާލަމުން ރަޖުއާން ބުނެލިއެވެ. ނައުރީން ބޯޖަހާލަމުން ނުކުމެ އެކޮޓަރީގެ ދޮރުގައި ލެނގިލިއެވެ. އަދި މޭގައި ފިރުމާލަމުން ނޭވާ ހަމައަކަށް އަޅުވާލިއެވެ. “އޭއި. މަކައިރިއަށް އަންނާށޭ ބުނީމަ ކޮންތާކަށް ވަދެ ތިއޮތީ. މަދެކެ ބިރުންތަ؟ މަމިއީ އަރާކައި ފުރޭތައެއްތަ؟ އިފުރީތެއްތަ؟ މާރިދެއްތަ؟ ޝައިތޯނެއްތަ؟” ޕްރެސަރު މަތީގައި ހުރުމުން ހަފީޒާ އަށް ކިޔުނު ނުކިޔުނު އެއްޗެއްވެސް ނޭނގުނެވެ. ނައުރީން ރޮވިފައި ދެއަތަށް ބޯ ހޫރުވާލިއެވެ. “މަބުނީ ރަޖުއާން އަށް ނުގޮތަކަށް ބަލާލިޔަސް ކަލޭގެ ދެލޯ ކޮނެލާފައި ކޮށާ ކުދިކޮށް ކާޅަށް ކާންދޭނަމޭ . ރަޖުއާންއާއި އެކަށީގެންވަނީ ނަފްއާ. ކަލެޔާއި ނޭނގެ މިރަށު ބޮޑުފިހާރައިގެ ސޭޓު މޫސަބެވެސް އިންނާނެކަމެއް” މަލާމާތުގެ ރާގަކަށް ހަފީޒާ އެހެން ބުނެލާފައި ދިޔުމުން ނައުރީންގެ ހިތަށް އަސަރުކޮށްލިއެވެ. މައިމީހާގެ ފަރާތުން އޭނާއަށް ލިބުނު ލޯތްބެއް ނެތެވެ. އޭނާގެ ބަދުނަސީބު ކަމާއިމެދު ހިތާހިތުން ޝަކުވާ ކޮށްލެވުނެވެ.
** **
އީނާމެން ތައްޔާރުކުރި ސަރުބަތު ބާލިދީ ހިފައިގެން އީނާ ހުރީ ޝާހާ މެންގޭގެ ދޮރުމަތީގައެވެ. އޭނާގެ މަގްސަދަކީ ޖައުޝްގެ ގަޔަށް އެ ޖެހުމެވެ. އޭރު ޖައުޝްހުރީ ބޮޑުފިހާރަ ކުރިމަތީގައެވެ. މަޑު ހިނގުމެއްގައި ޖައުޝް އައިސް ޝާހާ މެންގެ ދޮރުކައިރީ ހުއްޓިލީ ފޯނެއް އަންނަން ފެށުމުންނެވެ. “ހަލޯ! އާނ ކީކޭ؟ ހެހެ” ޖައުޝް ފޯނުން މީހަކަށް ގުޅައިގެން ހުރެ ވާހަކަ ދެއްކިއެވެ. “އީނޫ. މިއީ އީންގެ ފަހަރު. ޖައުޝްއަށް ވަރުގަދަ ބޮނޑިއެއް ދީ. ހާސްނުވޭ. މިއީ ސައްތަ އިންސައްތައިގެ ކަމެއް” މަޑުމަޑުން ނޭވާ ލަމުން އީނާ އަމިއްލަ ނަފްސަށް ބުނެލިއެވެ. ގައިހުރި ބާރެއް ލައި ބާލީދި އުފުއްލާލާ ޖައުޝްގެ ގަޔަށް ޖަހަން ތައްޔާރު ވެލިއެވެ. އެހެނަސް ނަސީބު އޭނާއަށް އެކަން ކުރުމަށް ތަނެއް ނުދިނެވެ. ގޭ ދޮރުމަތީގައި އަޅާފައި އޮތް ތަޅުންގަނޑަށް އެރުމާއެކު އޭނާގެ ފައިކައްސާލިއެވެ. ބެލެންސް ކެޓުމާއިއެކު ބިންމައްޗަށް ވެއްޓުނެވެ. ބާލިދީގައި ހުރިނަމަ ހުރި ހުރިހާ އެއްޗެއް އެޅުނީ އީނާގެ ގަޔަަށެވެ. ދުވި ކުނިބިސް ވަހުން އަނގަޔަށް ވައްތަރެއް ޖައްސާލެވުނެވެ. ފޭހުނު އިލޮށިި ލޮލަށް ހެރުނީއެވެ. ޖައުޝްގެ ހިނިގަނޑު ފަޅަައިގެން ދިޔައެވެ. ޖައުޝްއަށް ވައްތަރެއް ޖައްސާލާފައި އޯކާ ދެމެމުން އީނާ އެތެރެއަށް ވަނެވެ.
** **
“ސީރިއަސްލީ އީނާ” އަދިވެސް ޝާހާގެ ހިނިގަނޑު މަތަ ނުވެއެވެ. “އާނ. ކޮލެޖުން އައި ގޮތަށް އަރާމެއް ނެތި މިއުޅުނީ ޕްލޭނަށް އަމަލުކުރަން. އެވަރުންވެސް ޕްލޭން ފްލޮޕް ވިއްޔަ ވާންވެސް އެނގުނީ” އީނާ ބުނެލިއެވެ. “ތިޔެއް ނޫނޭ. ނައުރީން މިހާރު ދައްކާވެސް ނުލާ. އެހަފީޒާ ރާނީ ރީން ބޭރަށްވެސް ދިޔަ ނުދެނީބާ. އަސްލު ރީން ނެތީމަ ގްރޫޕް ފުރިހަމައެއް ނުވާނެދޯ” އީނާ ދެއްކީ ނައުރީންގެ ވާހަކައެވެ. “އާނ. ވައިބާއިންވެސް އެއްޗެއް ބުނެނުލާތާ 3 ދުވަސް މިވަނީ” ޝާހާވެސް ބުނެލިއެވެ. ކުޑައިރުއްސުރެ ނައުރީންް، ޝާހާ އަދި އީނާއަކީ ނުހަަނު ގާތް ތިން ރަހްމަތްތެރިންނެވެ. އެދެމީހުންނަށް ހަފީޒާ ނައުރީނަށް ކުރާ އަނިޔާއަކީ ވަންހަނާ ވެފައިވާ ކަމެެއް ނޫނެވެ. އެހެންކަމުން އެދެމީހުން ހަފީޒާއަށް ކުރަނީ އަމަށަކު ނަފްރަތެއް ނޫނެވެ. ނަމަވެސް ނައުރީނަށް ހަފީޒާގެ ލޯބި ލިބޭތޯ އެދެމީހުން ދުއާ ކުރެއެވެ.
** **
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ނަމަވެސް ކުޅުދުއްފުށީ މަގުތަކުގައި ފުދޭވަރަކަށް މީހުން ހޭލަމޭލަ ވަމުން ދިޔައެވެ. އުޑުމަތީގައި ރީތި ތަރިތައް ދިޔައީ އެތަރިތަކުގެ ރާނީ ކަމުގައިވާ ހަނދަށްް ކުރުނީސް ކުރަމުންނެވެ. ދޭތެރެއަކުން ޖެހިލާ ފިނި ވައިރޯޅިތަކުން އަރާމް އިހްސާސެއް ކުރެވެއެވެ. ނައުރީން އޮތީ ‘މާސް’ ގޭގެ ބޭރުު ފާރު ކައިރީގައި ހުރި ޖޯއްޔެއްގައެވެ. “އަހަރެން ގަޑިޖެހުނީ ދޯ” ރަޖުއާންގެ ފިރިހެންވަންތަ އަޑަށް ނައުރީން ބަލާލިއެވެ. ނޫކުލައިގެ ގޫޗީ ޓީޝާޓާއި ކަޅު ޖިންސުގައި އޭނާ ނުހަނު ފުރިހަމައެވެ. އިސްތަށިގަނޑު ވަނީ މައްޗަށް ޖައްސާލެވިފައެވެ. ރަޖުއާން އައިސް އިށީނދެލީ ދެމެދުގައި ޖޯއްޔެއްގެ ދުރުމިން ބައިންދާފައެވެ.”ސޯ ނައު އާއި ބެހޭގޮތުން ކިޔައިދީބަލަ” ރަޖުއާން ޝައުގުވެރިކަމާއި އެކު ބުނެލިއެވެ. “އަޅުގަނޑަކީ މާ ޚާއްސަ މީހެއް ނޫން. ޢުމުރުން 19 އަހަރު. ބައްޕަ ވީީ ނިޔާވެފައި. އެއްބަނޑުގައި ތިބޭނީ 2 ކުދިން. ގާތް 2 ރަހްމަތްތެރިންނަކީ ޝާހާއާއި އީނާ” ފަންވަތަކާއި ކުޅެމުންދިޔަ ނައުރީންގެ މޫނުމަތި ހީވަނީ ހިތާމައިގެ ތަސްވީރެއް ހެންނެވެ. “އަޅުގަނޑު ނުކިޔައްޗޭ ދެން. ވީ އާ ފްރެންޑްސް… ހޫމް. އަހަރެންގެ މަންމައަކީ ސައީދާ. ރާއްޖެތެރެ އަންހެން ކުދިން ވަރަށް ކަމުދާނެ. ދެން ބައްޕައަކީ ރަމީޒް. މީގެ އަހަރެއްހާ ދުވަސްކުރިން މަރުވެފައިވަނީ. ދެން ހުންނާނީ ވަރަށް ލާނެތް ބޭބެއަކާއި 16 އަހަރުގެ އަންހެން ކޮއްކޮއެއް. ވަރަށް ލޯބިކޮށް ހުންނާނީ. އަހަރެންގެ އުމުރަކީ 20. ނިކްނޭމް އިސް އާން ” ރަޖުއާން އޮޅުން ފިލުވައިދިނެވެ. “އާން އަސްލު ކީއްކުރަން މިރަށަށް އައީ؟” ނައުރީން އަހާލިއެވެ. “ހޫމް. އަހަރެންނަކީ ފެމިލީ ބިޒްނަސްގެ އޯނަރ އެއް. މިރަށުގައި ގެސްޓް ހައުސެއް ހަދަން ބިން ގަނެ އަދި މުހިއްމު ކަންތައްތައް ބަލާލަން އައީ” ރަޖުއާން ބުނެދިނެވެ. “ނައުރީީން…” ހަފީޒާގެ ފިޔަވަޅުތަކުގެ އަޑުއވުމުން ދެމީހުންވެސް ދިޔައީ ސިހިގެންނެވެ. ރަޖުއާން އަވަސް އަވަހަށް ވަލުދޮރާށިން އެތެރެއަށް ވަނެވެ
4 Comments!
Comments are closed.
Nice stry.waiting for next part ??????? stay safe ???
Thankyouuuuuuuu next submit kohlaafin
Woooooooooooow❤❤
Thankyouuuuuuuu ?❤????