
ލޯބިވާއޭ 11
ކުއްލިއަކަށް މިއްލީގެ އަތުގައި އޮތް ސަމްސާ ވެއްޓުނީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. އެއާއެކު ބަސްބުނާހާ ހިދުކޮޅެއްގެ ތެރޭގައި ދެލޮލަށް ކަރުނަތައް ޖަމާވިއެވެ.
“މިލީ….. މިލީ….. ކިހިނެތް ވީ؟…..” ލާމިއު ހައިރާންވެފައި އެހެނަސް ކަންބޮޑުވެފައި އަހާލިއެވެ. އެއާއެކު މިއްލީ ކުރިމައްޗަށް އިނގިލި ދިއްކޮށްލިއެވެ.
ލާމިއު އިނީ މިއްލީއާއި ދިމާލަށްކަމުން ފަހަތައް އެނބުރިފައި ބަލައިލިއިރު މިޒްޔަލް، ޒަޔާ އަދި ނުދަންނަ އަންހެން ކުއްޖަކު ކާން ތިއްބެވެ. އެ ނުދަންނަ އަންހެން ކުއްޖާ އިނީ މިޒްޔަލްގެ އަތުގައި ހިފާލައިގެންނެވެ.
“މިލީ…. ސާބަސް އެވެދާނެ އެއްނު މިޒްޔަލްގެ ފެމިލީ ކުއްޖަކަށްވެސް…. ދެން އަދި ރޯކަށް ނުވެޔޭ…” ލާމިއު މިއްލީއަށް ވިސްނާދޭން މަސައްކަތް ކުރިއެވެ. މިއްލީ ދެރަވެގެން އަނެއްފަރާތަށް މޫނު އަނބުރާލުމުން ލާމިއުގެ ގާތަށް ކުޑަކޮށް ރުޅިއައެވެ. މިއްލީ އެހީކުރަނީ ނުބައިކޮށްކަން ވިސްނަދޭން ބޭނުންވިއެވެ.
“މިލީ ސްޓޮޕް އިޓް….” ލާމިއު އެންމެފަހުން ކޮޅަށް ތެދުވެ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އޭނާ އެހެން އެބުނީ މިޒްޔަލްއަށް އަޑުއިއްވަން ކަމަށްވިޔަސް ލާމިއުގެ މިއަމަލުގެ ސަބަބުން މިއްލީގެ ލޮލުން ކަރުނަތައް ފައިބައިގަތެވެ. ލާމިއު ދުވަހަކުވެސް މިއްލީއާއި އެގޮތަށް ވާހަކަދައްކާފައެއް ނުވެއެވެ.
މިޒްޔަލް ސިހިފައި ފަހަތް ބަލައިލިއިރު މިއްލީމެން ތިބުމުން ތުންފަތުގައި ލާނެތް ހިނިތުންވުމެއް ދުވެލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެމޫނުމައްޗަށް ހާސްކަމުގެ ކުލަވަރު އެރީ މިއްލީ ރޯތަން ފެނިފައެވެ.
“މިލީ ކިހިނެތް ވީ…” މިޒްޔަލް އައިސް ލާމިއުގެ ކޮނޑުގައި އަތްބޭއްވުމަށްފަހު މިއްލީއާއި ދިމާލަށް ބަލައިލިއެވެ. މިއްލީ ކަރުނަވީ ދެލޮލުން މިޒްޔަލްއަށް ބަލައިލުމަށްފަހު އެތަނުން ތެދުވެ ދާން ހިނގައިގަތްއިރު އެސްފިޔަތަކުގެ ފަހަތުގައި މަޑުޖެހިލައިގެން ތިބި ކަރުނަތައް ތިބީ މިއްލީގެ އިޝާރާތަކަށް ބަލަބަލައެވެ.
މިއްލީ އެތަނުން ދާންވެގެން ދޮރުގެ އަތްގަނޑުގައި ހިފާލުމުން މިޒްޔަލް އައިސް އެއަތުގައި ހިފެހެއްޓިއެވެ. އޭރު ޒަޔާގެ މޫނުމަތިން ހާސްކަން ފެންނަން ހުރިއިރު ކައިޒީން އިނީ ހައިރާންވެފައެވެ. ޝައިހާ އަދި އިޝާންވެސް ތިބީ ދެންވާނެ ގޮތަކަށް ބަލަބަލައެވެ.
“ޔާލް ޕްލީޒް… ދޫކޮށްލާ….” މިޒްޔަލްގެ އަތް ނެއްޓޭތޯ މަސައްކަތްކުރަމުން މިއްލީ ބުނެލިއެވެ.
“ނުކުރާނަން…. ފުރަތަމަ ވީ ކީއްކަން ބުނެބަލަ…..” މިޒްޔަލް އަހާލިއެވެ. އެއާއެކު މިއްލީ މިޒްޔަލްގެ އަތުން އޭނާގެ އަތް މިނިވަންކުރިއެވެ.
“ޔާލް ޕްލީސް……. މިލީ ބޭނުމެއް ނޫން އެކަކާ ވެސް ވާހަކަ ދައްކާކަށް…. ހާއްސަކޮށް ދޮންބެއާ….. އައި ހޭޓް ޔޫ ގައިޒް…” މިއްލީ ކަރުނަތަކާއި ހަނގުރާމަކުރަމުން އެހެން ބުނެލުމަށްފަހު ދޮރު ހުޅުވާ ނުކުތެވެ. އޭރު މިޒްޔަލް ހުރީ ބުދެއް ފަދައިން ހުރިތާނގައި ގުޑިލަންވެސް ނޭނގިފައެވެ. މިއްލީގެ އެފަހު ޖުމުލައިން އޭނާގެ ހިތައް ވަރަށް އަސަރުކޮށްފިއެވެ.
ލާމިއު މިއްލީގެ ފަހަތުން ނިކުތްއިރު މިއްލީ ފެންނަން ނެތުމާއެކު އަވަހަށް އިޝާން އަދި ޝައިހާ ގޮވައިގެން ގެއަށް ދާން މިސްރާބުޖެހިއެވެ. މިޒްޔަލްވެސް ޒަޔާއާއި ކައިޒީންއާއި އެކީ ގެއަށް ދާން ހިނގައިގަތްއިރު އެހިތައް އެތައް އެއްޗެއްސެއް އަރާ ފައިބަމުން ދިޔައެވެ.
“ލާމިއު….. ކިހިނެތްވީ މިލީ ރޮމުން އެއައީ…..” ޝައިހާ ގެއަށްލާފައި އައި ލާމިއު އަދި އިޝާން ފެނުމާއެކު ޝިއުރާ ނުރުހުންވެފައި އަހާލިއެވެ. މިއްލީ އެގޮތަށް ރޯންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.
“މޯމް…. ކަމެއްނުވެ….. މި އަންނަނީ މިލީ ކައިރިއަށް ގޮއްސަ…..” ލާމިއު ހިނގައިގަތީ މިއްލީގެ ކޮޓަރިއަށެވެ. އިޝާންވެސް އޭނާގެ ކޮޓަރިއަށް ދާން ހިނގައިގަތް އެހިތުގެ ތެރޭގައިވެސް އެތަކެއް ކަންތައްތަކެއް ވެއެވެ.
“ޔާލް….. އެއީ ކަމެއް ނޫނޭ…… ދެން އެވަރަށް ނުވިސްނާ……” ޒަޔާ މިޒްޔަލްއަށް ވިސްނަދޭން މަސައްކަތް ކުރިއިރު އޭނާ އިނީ ގަބުއަރާފައެވެ. ދައްކާނެ އެއްވެސް ވާހަކައެއް ކުރާނެ އެއްވެސް ކަމެއް އެހިތަކަށް ނާރައެވެ.
“ޒަޔާ….. އެ ކުއްޖާ އެއީ ކާކު؟…..” ކައިޒީންއަށް އެންމެފަހުން ނުހުރެވިގެން އަހާލިއެވެ. އެއާއެކު ޒަޔާ އަދި މިޒްޔަލް ކައިޒީންއަށް ބަލައިލިއެވެ. ވާހަކަ ފައްޓާނެ ދިމާލެއް ދެމީހުންގެ ސިކުނޑިއަށް ވެސް ނާންނަ ކަހަލައެވެ.
“ޔޫ ލަވް ހިމް ރައިޓް؟….” ލާމިއު މިއްލީގެ ގާތު އަހާލިއެވެ. އެއާއެކު މިއްލީ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.
“ދެން ކީއްވެ މިލީ އެހެން ބުނީ….. މިޒްޔަލް ދެރަވާނެ ވަރު ނޭނގެނީތަ؟…..” ލާމިއު މިއްލީއަށް ވިސްނަދޭން މަސައްކަތް ކުރާތާ މިހާރު ބައިގަޑިއިރަށްވުރެ ގިނައިރު ވެދާނެއެވެ.
“ދޮންބެ ޕްލީސް…… ނުދެކެންތަ އެދެމީހުންނެއް؟….. އެއްކުލައިން ހެދުންލާފަ އަތުގަ ހިފައިގެން…… އެންޑް މިލީ ގުޅީމަ ފޯނެއްވެސް ނުނަގާ…… އެއީ ފެމިލީ ލަވްއަކީ؟……” ލާމިއުއަށް މިއްލީ ދެރަވެގެން އުޅޭ ސަބަބު އެނގުނީ އަދިކިރިޔާއެވެ. ނަމަވެސް މިއްލީ އެބުނީ ދޮގެއްނޫނެވެ. ދެމީހުންވެސް ތިބީ ކަޅުކުލައިގެ އެއްޗެހި ލައިގެންނެވެ. އަތުގައި ހިފައިގެންނެވެ. މިއްލީ ގުޅުމުން މިޒްޔަލް ފޯނެއް ނުނެގިއެވެ.
ލާމިއު މިއްލީއަށް ވިސްނަދީދީ ވަރުބަލިވީއިރުވެސް އޭނާ ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އެންމެފަހުން ނުކުމެގެން ދިޔައީ ޒަޔާއާއި މަޝްވަރާކޮށްލުމަށެވެ. އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ޒަޔާއަށް ގުޅާލިއެވެ.
“ޒީން އެއީ…….” ޒަޔާގެ ވާހަކަ ހުއްޓުނީ އޭނާއަށް ފޯނެއް އައުމުންނެވެ. ގުޅަނީ ލާމިއުކަން އެނގުމުން ވަގުތުން ފޯނު ނެގިއެވެ.
“ހެލޯ ޒަޔާ……. މިލީ އަޅެ ގަބޫލެއްނުކުރި ދެއްކި އެއްވެސް ވާހަކައެއް……” ލާމިއު ފޯނު ނެގިގޮތަށް ބުނެލިއެވެ.
“ޔަޕް…….. ޔާލްވެސް……” ޒަޔާ ބުނެލިއެވެ. އެދެމީހުން ވާހަކަދެއްކި ގޮތުން ކަމެއް ރާވާފައި ވާކަން ހާމަވިއެވެ. ޒަޔާއަށް މިއްލީ އަސްލު ދެރަވި ސަބަބު އެނގުމުން އެއްވެސް އިޚުތިޔާރަކާއިނުލާ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނާ މިއަދު މިޒްޔަލް ނުގެންދިޔަނަމަ މިހެން ނުވީސްކަން ކަށަވަރެވެ. ނަމަވެސް ދެން ކުރެވޭނެ ކަމެއް ނޯންނާނެއެވެ.
“ޝައި…….. މިލީއާއި ޓޯކް ކޮށްލަން މަސައްކަތް ކޮށްބަލަ……….” ލާމިއުއަށް އެންމެފަހުން އައި ހިޔާލަކީ އެއީއެވެ. ކޮންމެ ގޮތެއްވިޔަސް ޝައިހާއަކީ މިއްލީގެ އެންމެ ގާތް އެކުވެރިޔާއެވެ. ޝައިހާ ބުނާގޮތަށް މިއްލީ ހަދާނެއެވެ.
“އޯކޭ……. އެކަމު ޝައިއަށް މިލީއަކަށް މަޖުބޫރެއް ނުކުރެވޭނެ……” ޝައިހާ ބުނެލިއެވެ. ލާމިއުވެސް ބޯޖަހާލުމަށްފަހު ގެއާއި ދިމާލަށް މިސްރާބުޖެހީ މާ ލަސްވުމުންނެވެ. އޭނާއަކީ އެހާ ގިނައިރު ބޭރުގައި އުޅޭ ކުއްޖެއްވެސް ނޫނެވެ. ނަމަވެސް އޭނާގެ ކޮއްކޮއަށްޓަކައި ކުރެވެން އޮތްކަމެއް އޭނާ ކުރާނެއެވެ. އެހާވެސް އޭނާ އެކޮއްކޮ ދެކެ ލޯބިވެއެވެ.
“ޒީން އެ ކުއްޖާ އެއީ ޔާލްގެ ގާލް ފްރެންޑް……” ޒަޔާ އައިސް އެނދުމަތީގައި އިށީންނަމުން ބުނެލި ޖުމުލައިން ކައިޒީންގެ މޫނުގެ ކުލަ އޮއްސުނެވެ. ވަގުތުން ދެލޯ ބޮޑުކޮށްލުމަށްފަހު ހިތާއި ދެކޮޅަށް މިޒްޔަލްއަށް މަރުހަބާކީ މީއްލީއަށްޓަކައި އެހިތުގައިވާ ނަފްރަތު ނުދެއްކުމަށެވެ.
“ޔާލް ސީރިއަސްލީ……. ކޮންގްރާ……. އެކަމު އެކުއްޖާ ހާދަ ރޫޑްއޭ……. ޔާލްއަކާ ނުގުޅޭ…….” ކައިޒީން ބުނެލިއެވެ. މިޒްޔަލްގެ މޫނުމަތިން ރުޅިވެރިކަން ފާޅުވީ ކައިޒީންގެ ފަހު ދެޖުމުލަ އަޑުއިވުމުންނެވެ. ނަމަވެސް ރުޅިގަނޑު ހިންދާލަން މަޖުބޫރުވީ ޒަޔާ އޭނާގެ އަތުގައި ހިފާލުމަށްފަހު ދެފަރާތަށް ބޯހަލުވާލުމުންނެވެ.
“ޒީން…. އެއީ ރޫޑް ކުއްޖެއް ނޫން…… އޭނާގެ ބޭބެދެކެ ހިތްހަމަ ނުޖެހިގެން ބުނެވުނު އެއްޗެއް އެއީ…… ޕްލީޒް ދެން އެހެން ނުބުނައްޗޭ…… ގުޅުމާ ނުގުޅުމާ އެއީ އަހަރުމެންނަށް ގެއްލުމެއް ކުރާނެ އެއްޗެއް ނޫން……. ކަޕްލްސް އާރ މޭޑް އިން ހެވެން….. އަހަރުމެން ދުނިޔެއަށް އައުމުގެ ކުރިން އަހަރުމެން އުޅޭނެ ގޮތާއި ހުރިހާ އެއްޗެއް ވަނީ ރޭވިފައި…… އެކަލާނގެ ކުޅަދުންވަންތަކަން……. އަހަރުމެން ދެމީހުން މިއަދު ގުޅިފައި މިތިބީ ހަމަ އެކަލާނގެ ކުޅަދުންވަންތަކަމުން….” މިޒްޔަލް ހަރުމީހެއް ފަދައިން ވާހަކަދެއްކުމުން ކައިޒީން ތުންއަނބުރާލުމަށްފަހު އެތަނުން ނިކުމެގެން އޭނާގެ ކޮޓަރިއަށް ހިނގައިގަތްއިރު އެދެލޮލުގައި ވަނީ ނަފްރަތާއި ހަސަދަވެރިކަމުގެ ކުލަވަރެވެ. އެދެލޮލުންވެސް މިއްލީ ފިއްސާލަފާނެހެން ހީވިއެވެ.
އުޑުމަތި ބަނަކަމުން ހީވަނީ އުޑުގައި ކަޅު ސާލެއް އޮޅާލާފައިވާހެންނެވެ. ބޮޑެތި ވިލާގަނޑުތަކުން އުޑުމަތި ބައްދާލާ، އިރުގެ އަލިކަމުން ދުނިޔެ މަޙްރޫމްކޮށްލުމުގައި ކާމިޔާބު ހޯދާފައިވާއިރު، ގަސްތައް ވެސް ވިލާތަކާއި ބައިވެރިވެގެން ދުނިޔެއަށް އިތުރު ހަލަބޮލިކަމެއް ގެނެސްދީފައިވެއެވެ. ގޮފިތައް ވައިގެތެރޭގައި ހޫރެމުންދިޔައީ ބޫން އަޑުލައްވަމުންނެވެ.
ފަތިސްވީއިރުވެސް މިއްލީއަކަށް ނުނިދުނެވެ. ރޭގެ ހިޔާލުތައް އޭނާއަށް އުނދަގޫކުރަނީއެވެ. މިޒްޔަލްއާއި ދިމާލަށް އެފަދަ ބަހެއް ބުނެވުމުން ދެރަވިއެއްކަމަކު ދެން މިޒްޔަލް އޭނާއާއި ވާހަކަދައްކާނެކަމެއް ވެސް ނޭނގެއެވެ.
މިއްލީގެ ހިތް ހާސްވާން ފެށިއެވެ. މިޒްޔަލްގެ އެކި އެކި ހިޔާލުތަކުންނެވެ. އަވަސް އަވަހަށް ތެދުވެ ފެންވަރައިގެން ތިރިއަށް ސައިބޯން ދިޔައީ ހުރިހާ ހިޔާލުތަކަކާއި ދުރުވުމަށެވެ. އޭނާ ބޭނުންވީ މިޒްޔަލްއާއި ބައްދަލުކޮށްލާށެވެ.
އަވަސް އަވަހަށް ސައިބޮއެގެން ގެއިން ނުކުތީ މިޒްޔަލްގެ ގެއަށް ދިޔުމަށެވެ. އުޑުމަތި ބަނަކަމުން ހީވަނީ އެހެން ފަދަ ކަމެއްހެންނެވެ. ދެންމެ ދެންމެ ވިއްސާރަ ވެހިގެންފާނެހެން ހީވިއެވެ.
ޝައިހާ ހިނގައިގަތީ ގޭ ކައިރީ ހުރި ފިހާރަކަށް ދިޔުމަށެވެ. އެއް އަތުގައި ކުޑައެއް އޮތްއިރު އަނެއް އަތުގައި އޮތީ އޭނާގެ ފޯނެވެ. އިޝާން ގުޅާފާނެހެން ހީވުމުން ފޯނު ހިފައިގެން ނުކުތީއެވެ.
“ހާއި ޝައިހާ…….” ޝައިހާ ސިއްސައިގެން ދިޔައީ މީހެއްގެ އަޑު އިވުމުންނެވެ. ފަހަތަށް އެނބުރި ބަލައިލިއިރު ހުރީ އޭނާގެ ދެބެންގެ ދެދަރި ކުއްޖެކެވެ. ލަމްހާއެވެ. ޝައިހާ ދުވެލާފައި ގޮސް ލަމްހާގެ ގައިގައި ބައްދައިގަތީ މިއިން ދުވަހަކުވެސް ބައްދަލުވެފައި ނުވާތީއެވެ. އެދެމީހުންގެ ގުޅުމަކީ ނުހަނު ވަރުގަދަ ގުޅުމެކެވެ.
“ލަމް…… އައި މިސްޑް ޔޫ ސޯ މަޗް……. ޝައި މަތިން ހަނދާންވެސް ނުވަނީދޯ……” ޝައިހާ ކުޑަކުއްޖެއް ފަދައިން ކުސްތަޅާލިއެވެ. ދެމީހުން ވާހަކަދައްކަމުން ފިހާރައަށް ދިޔައެވެ. ޝައިހާ ބޭނުންވީ އޭނާ ކައިވެނި ކުރަންދެން ލަމްހާ މިކޮޅުގައި މަޑުކުރާށެވެ. ލަމްހާގެ ކުޑަކުޑަ އާއިލާ ދިރިއުޅެމުން ދަނީ އިންޑޮނޭޝިޔާގައި ކަމުން ދެމީހުން ބައްދަލުވަނީ ނުހަނު މަދުންނެވެ. ނަމަވެސް ގުޅައިގެން ވާހަކަދައްކައެވެ.
“ޝައި….. މަންމަމެން ވެސް އަންނާނަމޯ ޝައިގެ ވެޑިންއަށް……” ލަމްހާ ހިނިތުންވެލާފައި ބުނެލިއެވެ. އޭނާވެސް ޝައިހާގެ ކައިވެނީގައި ބައިވެރިވާނެކަން އެނގުމުން ޝައިހާ އުފަލުން ގޮސް ފުއްމައިގަތެވެ.
“ޝައި ބަލައިގެން އުޅެބަލަ…..” ފަހަތުން އިޝާންގެ އަޑު އިވުމުން ޝައިހާއާއި ލަމްހާ އެކުއެކީ ފަހަތަށް އެނބުރެލިއެވެ. ޝައިހާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
ކަޅުކުލައިގެ ޓީޝާޓާއި ޖިންސް އިޝާންއާއި ނުހަނު ގުޅެއެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައިވީއިރު ބަލައިލަން ނިކަން ހިތްގައިމެވެ.
“އޯހް….. މީދޯ ޝައިގެ ބޯއި ފްރެންޑް…..” ލަމްހާ އަހާލައިފިއެވެ. އެއާއެކު ޝައިހާ ހީލާފައި އެއްބަސްވިއެވެ. ލަމްހާއަށް ވެސް އިޝާން ވަރަށް ކަމުދިޔައެވެ. ޝައިހާއަށްވުރެ ދެއަހަރު ބޮޑުވިނަމަވެސް ދެމީހުންގެ އުޅުން ވަރަށް އެއްވައްތަރެވެ.
ގޭގެ މައިދޮރުން ވަދެގެން އައި މިއްލީ ފެނުމުން ޝިފާޒާ އަވަސް އަވަހަށް މިއްލީއަށް މަރުހަބާކިޔެވެ.
“ދައްތާ…… ޔާލް ކޮބައިތޯ؟…….” މިއްލީ އަދަބުވެރިކަމާއެކު އަހާލިއެވެ.
“ކޮޓަރީގަ….. ގޮވާލަން ވީތަ؟…… މިލީ ދާނީދޯ…..” ޝިފާޒާ އެދެކުދިންނަށް ވަގުތުކޮޅެއް ދިނުމުގެ ބޭނުމުގައި މިއްލީ މައްޗަށް ފޮނުވާލިއެވެ.
މިއްލީ ގޮސް މިޒްޔަލްގެ ކޮޓަރީގެ ދޮރުމަތީގައި މަޑުކޮށްލިއެވެ. ފުންކޮށް ދެތިން ނޭވާލީ މީހާ ހަމައަކަށް އެޅުވުމަށެވެ. ކުރިމައްޗަށް ބަލައިލި ވަގުތު ހުޅުވާފައިވާ ދޮރުގެ ހަނި ދޭތެރެއިން ފެނުނު މަންޒަރަކުން މިއްލީއަށް އަނެއްކާވެސް ރޮވުނެވެ.