Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރަތްކާރު 4

euaau Level 1
January 28, 2021 7 Mins Read
0 Comments

އަހަރެން ހާސްވާން ފެށިއެވެ. އަހަރެން ބޭނުންވި ވަގުތުން އެކާރުން ފައިބާށެވެ. އެކަމަކު އެހެންބުނާކަށް ނުކެރުނެވެ. ބަދީއު ދުއްވާނެ ވަރަކަށް ދުއްވާފައި ގެންގޮސް ބާލަންދެން ޖެހުނީ އޭގައި އިންނާށެވެ. ބަދީއު އެހެން އިދެގެން ހިޔާލީ ފޮލާ ކެއްކިއެވެ. އަހަރެންނާއި އިދެގެން އުޅޭނެ އުފާވެރި ދިރިއުޅުމުގެ ވާހަކަ ދެއްކިއެވެ.

ގެޔާ ހަމަޔަށް ދެވެންދެން އަހަރެން ނޭވާ ހިފަހައްޓާލައިގެން އިނީމެވެ. ގޭދޮށަށް މަޑުކޮއްލާފައި ބަދީއު އަހަރެންގެ އަތުގައި ހިފާލިއެވެ.

‘އަސްލުގައިވެސް އަހަރެންނަށް އާތި ދެކެ ވަރަށް ލޯބި ވެވިއްޖެ!’ އޭނާ ވަރަށް އަސަރާއިއެކު ވާހަކަ ދެއްކިއެވެ. އެޔާއިއެކު އަހަރެން ހީލީމެވެ. އަހަރެންގެ ނުތަނަވަސް ކަން ފޮރުވުމަށް ޓަކައެވެ. އަދި ގުޑްނައިޓް އޭބުނަމުން އަވަހަށް ކާރުން ފޭބީމެވެ.

‘އަހަރެން ގުޅާނަން އިގޭ…އެކަމާ ވިސްނާތި!’ ކާރު ދުއްވާލުމުގެ ކުރިން އޭނާ ބުނެލިއެވެ.

އެރޭ އަހަންނަށް އެއްގޮތަކަށް ވެސް ނުނިދުނެވެ. އަހަންނަށް މިހެދުނީ ކޮންފަދަ ބޮޑު ގޯހެއް ހެއްޔެވެ؟ ދެން ހަދާނި ކިހިނެތް ހެއްޔެވެ؟ އަހަރެންގެ ދިރިއުޅުން ބަދަލު ކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. އަހަރެންގެ ފިރިމީހާ ދެކެ އަހަރެން ލޯބިވެއެވެ. ބަދީއު އަށް އެގޮތަށް އެކަން އެވިސްނުނީ ކީއްވެބާވައެވެ؟ ޒާހިދު ރަށުގައި ނުހުންނާތީ އެކަނިވެރިވާ ވާހަކަ އަހަންނަށް ދެއްކުނީމަ ބާވައެވެ؟  ބަދީއުގެ ފަރާތުން އަހަންނަށް ލިބެންފެށި ސަމާލު ކަމަށް އަހަންނަށް ގަޔާވެވުނީ އެއީ ފަހަރެއްގައިވެސް ޒާހިދު އާއި ވަކިވުމުގެ ޙިޔާލުގައި އަހަންނަށް ކުރެވުނު ކަމެއްނޫނެވެ. އަހަރެން ކަން ބޮޑުވިއެވެ. ދެން ހަދާނެގޮތެއް ވިސްނަން އޮއްވާ ފަތިސް ވެ އަލިވިލެންފެށިއެވެ.

ވަރަށް ވިސްނުމަށް ފަހުން އަހަރެން ނިންމީ ބަދީއު އަށް ފިލައިގެން އުޅޭށެވެ. އެދުވަހު އަވަހަށް ތައްޔާރުވެގެން އެހެންޏާ އަށް ވުރެ މާކުރިން އޮފީހަށް ދާންވެސް ނުކުތީމެވެ. ރަތްކާރަށް ފެނިދާނެތީ އެހެންމަގުތަކުން އޮފީހާ ދިމާލަށް ދާން ގަސްތުކުރީމެވެ.

ބަދީއު އަހަރެންގެ އޮފީހަށް ގުޅިއެވެ. އެވަގުތު ވަރަށް ބުރަކޮށް އުޅޭކަމަށް ބުނެ ފޯނު ނިންމާލީއެވެ. މެންދުރުފަހު ގެއަށް ވެސް އިރުއިރުކޮޅާ އޭނާ ގުޅި އެވެ. އަހަރެންނެއް ފޯނު ނަގާކަށް ނުދަމެވެ. އެހެންމީހަކު ފޯނުނެގުމުން އަގައިން ނުބުނެ ބާއްވާތީ އެއީ ބަދީއު ކަން އަހަންނަށް ކަށަވަރު ވިއެވެ.

ދެދުވަސް ވަންދެން އަހަރެންނަށް އެގޮތަށް ހިފާއްޓާލެވުނެވެ. ޖެހިގެން އައީ ހަފްތާ ބަންދުކަމުން ގެއިން ނުނިކުމެ ފަރުޖެހުނެވެ. އެހެންނަމަވެސް އަހަރުމެންގެ ޔަށް ‘އަގައިން ނުބުނާ’ ފޯނު އައުން ނުހުއްޓުނެވެ.

އަހަރެން ފިކުރު ބޮޑުވާން ފެށިއެވެ. އަހަންނަށް ހެދިގެން މިއުޅޭ ގޯހުގެ ވާހަކަ ދައްކާނީ ވަކި ކާކު ކައިރީގަ ހެއްޔެވެ؟ މިއީ އެންމެ ގާތްކޮއް އުޅޭ އޮފީސް ކުދިން ކައިރީ ދައްކަން ކެރޭވަރަށް ވުރެ މާ ލަދުވެތި ވާހަކަ އެކެވެ. އަހަރެންގެ ބޭބެމެން ނުވަތަ ޒާހިދު ގެ އާއިލާ މިހުންކައިރީ އަހަރެން ނަށް ދުވަހަކުވެސް ބުނަން ނުކެރޭވަރުގެ ކަމެކެވެ. އަހަރެން ގޮތް ހުސްވިއެވެ.

އެންމެފަހުން ވަރަށް ހިތްވަރު ކޮއްފައި ބަދީއު އާއި ކުރިމަތި ލާން އަހަރެން ނިންމީމެވެ.

‘ބަދީއޫ!…’ އަހަރެން އޮފީހުގައި އިދެ އޭނާގެ ފޯނަށް ޖަވާބު ދިން އިރު މުޅި މީހާ ތުރުތުރު އަޅައެވެ. ‘އަހަންނަށް ވަރަށް ބޮޑަށް މަޢާފު ކުރޭ…އަހަންނަކަށް ތި ހުށަހެޅުމަށް އެއްބަސް ވެވޭކަށް ނެތް!’ އަހަރެން ކިޔައިދިނީމެވެ. އޭރު އަހަރެންގެ ހިތަށް ބާރުވަމުން ދެއެވެ. އަހަންނަށް ފައިން އަރާ މި ޗިސްޗިސް ކޮއްލެވުނީ މީހެއްގެ ފޮނި އުއްމީދު ތަކެކޭ ހިތަށް އެރުމުންނެވެ.

‘އެއީ ކީއްވެ؟’ ބަދީޢު ޝަކުވާގެ ރާގެއްގައި ޝުވާލު ކޮއްލިއެވެ.

‘އެއީ… އެއީ…ދެން ނޭގެ.. އަހަންނަކަށް ނުކެރޭނެ!’ ކުއްލިއަކަށް އަހަރެންގެ ހިތަށް ނޭގޭ ބިރުވެރި ކަމެއް އިހުސާސް ކުރެވެން ފެށިއެވެ.

‘އާތިފާ އަށް އަހަރެން ކަމުނުދަނީ ދޯ’ ބަދީޢު ބުނެލިއެވެ.

އަހަންނަށް އާއެކޭ ނުވަތަ ނޫނެކޭވެސް ބުނާކަށް ނުކެރުނެވެ. އެހެން ހުއްޓާ އެކޮޅުން ފޯނު ބޭއްވިއަޑު އިވުނެވެ.

ފޯނު ބާއްވާފައި އަހަންނަށް ހަމަޖެހުމުގެ ނޭވާ އެއް ލެވުނެވެ. ބަދީޢު ގެ ކިބައިން ސަލާމަތް ވެވުނީކަމަށް ހީކޮށް އުފާވިއެވެ.

އެހެންނަމަވެސް އެއުފާވެރިކަން މާގިނަ އިރަކަށް ދެމިގެނެއްނުދިޔައެވެ. އޮފީސް ނިންމާފައި ގެއަށް ދާން ނުކުތްއިރު އެ ރަތްކާރު ދޮރުމަތީގައި އޮތެވެ. އަހަރެން ނުފެންނަކަމަށް ހަދާފައި ބައިސްކަލުގައި ގެއާއި ދިމާލަށް މިސްރާބު ޖެހުމުން އެކާރުވެސް ދުއްވާލިތަން އަހަންނަށް ފެނުނެވެ. އިސާހިތަކު އައިސް އަހަންނާއި އަރާހަމަކުރިއެވެ. އަދި އަހަންނާއި އެއްވަރަށް ކަހަލަ ގޮތަކަށް ދުއްވަން ފެށިއެވެ. އަހަރެން ބަލައިލިއިރު ކާރުތެރޭ ފަހަތު ސީޓުގައި އަންހެނަކުވެސް އިނެވެ. އެއީ އަހަރެންގެ އޮފީސް ބިލްޑިން އިން ދެކޭ އަންހެނެކެވެ. އަހަރެން ނޫނެކޭ ބުނުމުން އެހެން އަންހެނެއް ހޯދީ ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ބަދީޢު އާއި ދިމާލަށް ބަލާލަފަ ހީލީމެވެ. އެހެންނަމަވެސް ޖަވާބުގައި އޭނާ ހިނިތުމެއް ނުވިއެވެ. އޭނާ ބަލަން އިންގޮތް ފެނިފައި އަހަރެންގެ ހިތްބިރުގަންނަން ފެށިއެވެ. އެހިސާބުން އެންމެ އަވަހަށް ޖެހުނު ގޯޅިއަށް ވަދެ އަހަރެން އޭނާ އަށް ފިލަންނިންމީ މެވެ.

ގެޔަށް ދިޔައިރު ޒާހިދު އުޅެއެވެ. އޭނާ ފެނުމުން އަހަރެން މީގެ ކުރިން ދުވަހަކުވެސް ނުވާވަރަށް އުފާވިއެވެ. އެދުވަހު މެންދުރުފަހު ފޯނުވުމުން ނެގީ ޒާހިދުއެވެ. ހަމަ އެއްވެސް އަޑެއްނީވި ކަޑާލި ފޯނެކެވެ. ޒާހިދުގެ ދައްތަ އެވާހަކަ ދެއްކިއެވެ. އޭނާ ނިންމީ ގޭ ފޯނު ބާވެގެން މައްސަލަ ޖެހެނީ ކަމަށެވެ. ޒާހިދު ކައިރީ ދެން ދަތުރެއްގައި ރަގަޅު ފޯނެއް ގެނެސްދިނުމަށް އެދުނެވެ.

އަނެއްދުވަހު ހެދުނު ހޭލާފައި އެންމެ ފުރަތަމަ އަހަރެން ކުރިކަމަކީ ސިއްރުސިއްރުން ގޮސް ބައިސްކަލުގެ ފުރޮޅުން ވައިދޫކޮއްލުމެވެ. އެއަށް ފަހު އޮފީހަށް ދާން ތައްޔާރުވެފަ ޒާހިދު އަށް ގޮވީމެވެ. ޒާހިދުގެ ސައިކަލު ފަހަތުގައި އޮފީހަށް ދިޔަ މަގުމަތީގައި އެ ރަތްކާރު ފެނުނެވެ. އެހެންނަމަވެސް ކުރީ ދުވަހުހެން އަހަރެންގެ ފަހަތުން އަޅުވައެއްނުލިއެވެ. އެދުވަހު މެންދުރުވެސް އަހަރެންނަށް ޖެހުނީ ޒާހިދު އާއި ގުޅާފައި ބަލާ އައިސް ދޭން ބުނާށެވެ.

އަހަރެން ގެޔަށް ދިޔައިރު ޒާހިދު ހުރީ އަހަރެންގެ ބައިސްކަލަށް ވައިޖަހާދީފައެވެ. އަހަރެން ކަންބޮޑުވާން ފެށިއެވެ. އަހަރެން އޮފީހަށް ގެނެސް ގެންގޮސް ހަދާކަށް އަބަދަކު ޒާހިދަކަށް ވެސް ނުހުރެވޭނެކަން އެގެއެވެ. އަދި އަހަރެން އޭނާ އާއި އެކު ދާން ދައްކާނީ ކޮންބަހަނާ އެއްކަމެއްވެސް ނޭގުނެވެ.

އޭގެ ފަހުން ބަދިޢު ފޯނެއްނުކުރެއެވެ. އަހަރެން އޭނާ އާއި ވާހަކަ ދައްކަން ބޭނުމެވެ. އޭނާ އަށް ވިސްނައި ދޭށެވެ. އެހެންނަމަވެސް އަހަންނަށް ޓެކްސީ ސެންޓަރަށް ގުޅާފައި އޭނާ ފޮނުވައިދޭށޭ ބުނާކަށް ނުކެރުނެވެ.

އަނެއްދުވަހު އަހަރެން އޮފީހަށް ސަލާމް ބުނީމެވެ. މާބޮޑަށް ބޮލުގައި ރިއްސާތިއެވެ. ޒާހިދު ޑިއުޓީ ނިންމާފައި އައިސް އަހަރެން ގޭގައި އޮތީމަ ސުވާލު ކުރިއެވެ. އަހަރެން ވަރަށް ބޮޑަށް ބޮލުގައި ރިއްސަނީ ކަމަށް ބުނިއިރު އަހަރެންގެ ލޮލުން ފެން އަތުވެއްޖެއެވެ. ޒާހިދު އިށީނދެ އަހަރެންގެ ބޮލުގައި ފިރުމާލަ ދިމެވެ. ޕެނެޑޯލު ކާންދީ ރުމާލަކަށް ގަޑުފެން އަޅައިގެން އައިސް ބޯމަތީ ބާއްވާށޭ ކިޔާފައި އަހަރެންގެ އަތަށް ދިއްކޮއްލިއެވެ. އަހަރެން އޭގައި ހިފަމުން ހިނިތުންވެލީމެވެ. އަހަރެން ބައްޔެއްވެއްޖިއްޔާ ޒާހިދު އަބަދުވެސް އަހަންނަށް ވަރަށް ހެޔޮކަން އަހަރެންގެ ހަނދާނަށް އައެވެ.

ޖެހިގެން އައި ދުވަހު ޒާހިދު އަމިއްލެއަށް އަހަރެން އޮފީހަށް ގެންގޮސްދޭން އެދުނެވެ. އަހަރެން ވަރަށް އުފާވިއެވެ. އެދުވަހު މަގުމަތިން އެރަތްކާރެއް ނުދެކެމެވެ. އަހަރެން އިތުރަށް ހިތްހަމަ ޖެހުނެވެ. ބަދީޢު ގެ ކާރު ކުރީސިޓު ފަޅު ފިލުވައިދޭނެ އެހެންއަންހެނެއް ވީބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.

މެންދުރު ޒާހިދު އަށް ބަލާ ނާދެވުނީމަ އަހަރެން ގެޔަށް ދިޔައީ ޓެކްސީ އެއްގައެވެ. އަހަރެން ގުޅީ އެހެން ޓެކްސީ ސެންޓަރަކަށެވެ. ކާރުގައި އަހަރެން ގެޔަށް ދިޔަ މަގުމަތީގައި ވަރަށް ހޯދީމެވެ. އެކަމަކު އެރަތްކާރެއް މަގުމައްޗަކުން ހަމަ ނުފެނުވެ.

އަނެއްދުވަހު އަހަރެން ވަރަށް ޖެހިލުންވެ ހުރެ ބައިސްކަލުގައި އޮފީހަށް ދާން ނުކުތީމެވެ. އެދުވަހު ގޮސް ހުރަވީ ބިލްޑިން ދޮށުގައި ބައިސްކަލު ބަހައްޓާފައި ބަލާލިއިރު ރަތްކާރު އައިސް މަޑުކޮއްލަނީ އެވެ. ކާރުގެ ފަހަތުން ފޭބީ ކުރީ ދުވަހުވެސް ކާރުގައި އިން އަންހެންމީހާއެވެ. އަހަރެން ބަދިޢު ފެންނަކަމަކަށް ނަހަދަމެވެ. އަމިއްލެއަށް ހިނިތުންވެލަމުން އެ އަންހެން މީހާގެ ފަހަތުން ސިޑިން އަރަން ފެށީމެވެ.

އެއްރޭ ނިދަން އުޅެނިކޮށް ފޯނެއްވާން ފެށީމައި އަހަރެން ވަރަށް ޖެހިލުންވެ ހުރެ ގޮސް ނެގީމެވެ. އަހަންނަށް ގުޅީ އަހަރެންގެ ބޭބެއެވެ. މަންމަ އަނެއްކާ ގޯސްވެގެން ހޮސްޕިޓަލަށް ގެނައި ވާހަކަ ބުނާށެވެ. އެއީ ޒާހިދު ރަށުގައި ނެތް ރެއެއްކަމުން އަހަރެން ހޮސްޕިޓަލަށް ދިޔައީ ބައިސްކަލުގައެވެ. ހޮސްޕިޓަލަށް ވަދެވުމާއި އެކު ރަތްކާރު މަތިން ހަދާންވިއެވެ.  އެރަތްކާރު މަގުމަތިންވެސް ނުދެކޭތާ ދެތިން ދުވަސް ވަރު ވެދާނެއެވެ. ބަދީޢު އަށް ކަމުދާ އެހެން އަންހެނަކު ވީކަމަށް އަހަންނަށް ގަބޫލު ކުރެވުނެވެ.

މަންމަ ނެބިއުލައިޒް ކޮށްނިންމާލާފައި ގެޔަށް ފޮނުވާލިއެވެ. އޭރު ބާރަ ޖަހަންކައިރިވެދާނެއެވެ. ބޭބެމެން ޓެކްސީގައި ނައްޓާލުމުން އަހަރެންވެސް ގެޔާއި ދިމާލަށް މިސްރާބު ޖެހީމެވެ. މަޖިދީ މަގުން ކުޑަ ތަންކޮޅަކަށް ދެވުނުތަނާ އަހަރެންގެ ފަހަތުން ކާރެއް އަންނަހެން ހީވެގެން އަހަންނަށް ބަލާލެވުނެވެ.އެޔާއި އެކު އަހަރެން ފިނިވިއެވެ. އަހަރެންގެ ފަހަތުގައި އޮތީ އެ ރަތްކަރެވެ.

އަހަރެންގެ ފަޔަށް ލެވުނު ހާ ބާރެއްލާފައި ބައިސްކަލު ދުއްވޭތޯ ބެލީމެވެ. އެހެންނަމަވެސް ކުރިއަށް ދާހެނެއް ހިޔެއްނުވެއެވެ. ރަތްކާރު އައިސް އަހަންނާއި އަރާހަމަ ކުރިއެވެ. އަދި ބިއްލޫރި ގަނޑު ތިރިކޮއްފައި އަހަންނާއި ދިމާލަށް ބަދީޢު ބަލަންފެށިއެވެ. އޭނާގެ ތުންފަތުން ނުލަފާ ފާޑެއްގެ ހިނިތުންވުމެއް ފާޅުވާހެން އަހަންނަށް ހީވިއެވެ. އަހަރެން ހާސްވެ ދާހިތްލަން ފެށިއެވެ. އެހެންނަމަވެސް މަޖީދީމަގުގައި އޭރުވެސް އެހެންމީހުންނާއި ދުއްވާ އެއްޗެތި އުޅޭތީ ހިތްހަމޖައްސާލައިގެން އަހަރެން ކުރިއަށް ދިޔައީމެވެ. އޮލިމްޕަސް ދޮށުގައި ވަރަށް މީހުންނާއި ދުއްވާ އެއްޗެތި ގިނައެވެ. ހީވާގޮތުން އޮލިމްޕަސް ސިނަމާއިން ނުކުތްމީހުންނެވެ. ބަދީޢު އަށް ވެސް ކުރިއަށް ނުދެވިގެން މަޑުކޮއްފައި ބާރަށް ބަރުގަޑު އަޅަންފެށިއެވެ. ވަގުތު ގެ ބޭނުން ކޮއްފައި އަހަރެން ގޯލި އެޅީމެވެ. އޭރު އަހަރެން ބިރުން ތުރުތުރު އަޅައެވެ. ދެންއަހަރެން ވިސްނީ ބޮޑުމަގަށް ނުނިކުމެ ހަނި ގޯޅިތަކުން ދާށެވެ. ރަތްކާރަށް ފިލޭނެކަމަށެވެ. އެހެންނަމަވެސް އެކާރު އަނެއްކާވެސް އަހަންނާއިއަރާ ހަމަކުރިއެވެ. އޭނާ އަންނަލެއް ކައިރިކަމުން އަހަރެން ފާރާލާ ފިތެންއުޅުނެވެ. ފާރުގައި އަތްޖެހި ގޭނުމުންދިޔައިރުވެސް އެންމެ ތަންފުކެއްވެސް ދުރަށް އޭނާ ނުޖެހުނެވެ.

ބޮޑު މަގަކަށް ނުކުމެވުމުން އަހަރެން އަނެއްކޮޅަށް އެޅީމެވެ. އޭނާ އަށް ޖެހުނީ ސިގްނަލް ދީފައި އިންކޮޅަށް އަލާށެވެ. އަހަންނަށް މިދެވެނީ ގެއާވިކޮޅަށް ނޫންކަން ވެސް ވިސްނުނެވެ. އަހަރެން ބިރުންހުރިވަރުން އެއީ ކޮންމަގެއްކަމެއްވެސް ނޭގުނެވެ. ކުރިމަތީ އޮތް ގޯޅިއަށް އަނެއްކާވެސް ވަނީމެވެ. ގެޔާއި ވީކޮޅަށް ދާށެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ކުރިމަތިން ރަތްކާރު އަންނާތީ ފެނުނެވެ. ވަރަށް ބާރަށެވެ. އޭނާ އައީ އަހަންނާއި ދިމާލަށެވެ. އަހަރެން ހުރިތަނަށް ގަޑުވިކަހަލައެވެ. ބައިސްކަލުން ފައިބައިގެން ޖެހިގެން ހުރިގެއަށް ވަންނަން ހިތަށް އެރިއެވެ. އެހެންނަމަވެސް އަހަންނަކަށް އެއްވެސް ހަރަކާތެއްނުކުރެވުނެވެ . ހިގާދިޔައީ މަދު ސިކުންތު ކޮޅެކެވެ. ވޫޝް ލާފައި ކާރުއަހަންނާއި ދިމާލަށްއައެވެ. އަހަންނަށް ލޯމަރާލެވުނެވެ. އަހަރެންގެ ބައިސްކަލު ވިއްސައިގެން ދިޔަތަން ދުއް ހަނދާންވެއެވެ. ދެންވީގޮތައްނޭގުނެވެ.

އަހަރެން ހޭ އެރިއިރު އަހަރެން އޮތީ ހޮސްޕިޓަލުގައެވެ. އަހަރެންގެ ބޭބެގެ ކަންބޮޑުވެފައި ވާ މޫނު އަހަންނަށް ފެނުނެވެ.

‘ކިހިނެތްވީ؟’ ބޭބެ ސުވާލު ކުރިއެވެ.

އަހަންނަކަށް ވާހަކަ އެއް ނުދެއްކުނެވެ. އަހަރެން ބުނާނި ކީކޭ ހެއްޔެވެ.؟

‘މީހަކު ގުޅާފައި ބުނީ ކޮއްކޮ އެކްސިޑެއްޓެއްވެގެން އެބައުޅެޔޭ.. އޭނާއަކަށް ވެސް ނޭގުނު ޖެހުނީ ކޯޗަކުން ކަމެއް. ވަރަށް ބާރަށް ދުއްވާފައި އައި ކާރެއްހެންނޯ ހީވަނީ އޭނާ ބުނީ’ ބޭބެ ކިޔައިދިނެވެ.

ކާރުން ޖެއްސުމުން އަހަރެންގެ ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާ އެއް ނުވިޔަށް އަހަރެންގެ ކަނާއަތު ފައިގެ ކަށިމަތިގައި ވަނީ ރެނދުލާފައެވެ.ދެއަތުގައި އެކި ތަންތަން މަށައިގެން ގޮސްފައި ވެއެވެ.

އަހަރެން ވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ. ފުލުހުން އައިސް ސުވާލު ކުރުމުންވެސް އަހަރެން ބުނީ ހަމަ އެހެންނެވެ. އަހަރެންގައި ޖެހުނު ކާރުގެ ކުލަވެސް ހަނދާން ނެތްކަމަށް ބުނީމެވެ. އެކާރު އައީ އެހާވެސް ބާރަށް ކަމަށް އަހަރެން ބުނީމެވެ.

ބަދީޢު އަހަރެންގެ ކިބައިން ބަދަލު ހިފީއެވެ. އޭނާ ބޭނުންވީ އަހަރެންގެ ފުރާނަ ދުއްވާލަން ބާވައޭ ވެސް ބައެއްފަހަރު އަހަރެންގެ ހިތަށް އަރައެވެ. އެކަމަކު ދެން އޭނާ އަހަންނަކަށް ގޯނާ އެއް ނުކުރާނެޔޭ އަހަރެންގެ ހިތް ބުނެދިނެވެ. އަހަރެންނަށް ބަދީޢު ބޭޒާރު ކުރަން ނުކެރޭނެ ކަން ވެސް އޭނާ އަށް ރަގަޅަށް އެގޭނެއެވެ.

ހޮސްޕިޓަލުގައި އެރޭ ބާއްވާފައި އަނެއްދުވަހު އަހަރެން ދޫކޮއްލިއެވެ. ފައިގައި ޕުލާސްޓަރު އަޅާފައެވެ. ދުވަސް ގަޑަކަށް އަހަރެން ހިގުމުން މަހުރޫމް ވިއެވެ. ޒާހިދު އަށް އާދެވުނީ އޭގެ އަނެއްދުވަހުއެވެ. އޭނާ ވަގުތުން ބޯޓުން ފޭބިއެވެ. އަހަންނާއި އެކު ގޭތެރޭގައި ވަގުތު ހޭދަކުރަން ފެށިއެވެ. އަހަންނަށް ޒާހިދު އެހާ ހެޔޮކޮށް އުޅޭތަން ފެނުނީމަ އުދަގޫވިއެވެ. އަހަންނަށް ކަންތައްކުރެވުނު ގޮތް ހިތަށް އަރާފައެވެ.

އެއްދުވަހަކު އަހަރެންގެ ދޮށީ ދަރިފުޅު ދުވަމުން ދުވަމުން އައިސް ބައްޕަ ބުންޏޭ ނިކަން އަވަހަށް ދޮރާށި ދޮށަށް ނުކުމެބަލާށޭ ބުންޏެވެ. އޭރު އަހަރެން ނަށް ދަނޑި ގަނޑު ގެ އެހީގައި ހިގާ އުޅެވެން ފަށައިފިއެވެ.

‘ކީއްކުރަން؟’ އަހަރެން ސުވާލު ކޮއްލާފައި ބަލައިލިއިރު އެސޮރު ފެންނާކަށް ނެތެވެ. އަހަރެން މަޑުމަޑުން ދޮރާއްޓާއި ދިމާލަށް ދިޔައީމެވެ. ދޮރާށި ހުޅުވާލުމާއިއެކު އަހަރެން ސިހުނެވެ. ދޮރުމަތިގައި އޮތީ ރަތްކާރެކެވެ. މަގޭ ތިންކުދިން އެކާރު ތެރޭ ހެވިފައި ތިއްބާ ފެނުމުން އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ.

އެވަގުތު އިސްޓާޓު ކޮއްފައިވާ އެކާރު ބިއްލޫރިގަޑު ތިރިކޮއްލާފައި ބޯދިއްކޮއްލީ އަހަރެން ހީކުރި މީހާއެއް ނޫނެވެ. އަހަރެންގެ ފިރިމީހާ ޒާހިދުއެވެ.

‘އާތީ ކާރެއްގަތީ!’ ޒާހިދު ފަޙުރުވެރިވެލާފައި ބުނެލިއެވެ. ‘މި ކާރު ރީތިތަ؟’

‘ރީތިހޭ؟’ އަހަންނަށް އަނެއްކާވެސް ބާރަށް ބުނެވުނެވެ. ‘ހަޑި..ތި ރަތްކުލަ އަހަންނަށް ވަރަށް ހުތުރު!’

އަހަރެންނަށް ރުޅިއާދެވުމުން އަހަރެންގެ ކުދިންވެސް ހާސްވެފައި އަހަންނާއި ދިމާލަށް ބަލަން ތިބިކަން ވިސްނުނީ އެހިސާބުންނެވެ.

ޒާހިދު ކާރުން ފޭބިއެވެ. ‘ހާދަ ރުޅިއެއް ތިއައީ…..އެއީ އެވަރުކަމެއް ނޫނެއްނު ދަވާދު ބަދަލު ކޮއްލީމަ އެނިމުނީ’ ޒާހިދު އައިސް އަހަރެންގެ އަތުގައި ހިފާލިއެވެ.

‘ހިގާބަލަ ބުރެއްޖަހާލަން ދާން. ތިހެން ގޭގައި އިންނަތާ މިހާރު ކިހާ ދުވަހެއް!’ ޒާހިދު ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ.’އާތިއެއްނު އަބަދު ކާރެއް ހޯދަން ކިޔަނީ…މިއީ އާތި އަށް ފަސޭހަކޮއްދޭން ހޯދި ކާރެއް، ސަޕްރައިޒް ކޮއްލަން ވެގެން ނުބުނެގަތީ’ ޒާހިދު ކިޔައިދިނެވެ.

އަހަރެން މަޑުމަޑުން ދަނޑިބުރި ވިއްދައިގެން ކާރުގައި ހިފަހައްޓަމުން ކުރިމައްޗަށް ދިޔައީމެވެ. އޭރު ޒާހިދު އަހަރެން ކައިރީގައި ކާރުގައި ލާނީ ކޮންކުލައެއްތޯ އަހަމުން ގެންދިޔައެވެ. ކާރުގެ ނަމްބަރު ފެނުމުން އަހަރެންގެ ގައިން ހީބި ނަގައިގެން ދިޔައެވެ. އާއެކެވެ. އެއީ ހަމަ އެރަތްކާރެވެ.

‘ތިކާރުގެ ނަމްބަރުވެސް ބަދަލުކުރޭ ޒާހިދު..ކަމަކުނުދޭ ނަމްބަރެއްވެސް…’ އަހަރެން އަނބުރާލިމެވެ. އަހަރެން ކާރަށް އަރާނީ ކުލައާއި ނަމްބަރު ބަދަލުކުރުމުން ކަމުގައި ބުނަމުން ގޭތެރެއަށް ވަނީއެވެ. ކުދިން ގޮވައިގެން ބުރެއްޖަހަންދާން ޒާހިދު ކާރަށް އެރިއިރު އޭނާގެ މޫނު މަތިން ހައިރާން ކަން ފެންނަން ހުރިކަން އަހަންނަށް ފާހަގަ ކުރެވުނެވެ.

ފަހުން ޒާހިދު އަހަންނާއި އެވާހަކަ ދެއްކިއެވެ. ކާރެއް ފެނުމުން އަހަންނަށް އެހެންވެދާނެ ކަމަށް އަހަރެންގެ ބޭބެ ބުނިކަމަށް ވެއެވެ. އެއީ އެ ހާދިސާ ގެ ހަނދާން އަދިވެސް ސިކުނޑީގައި ނުފިލާ ހުރީމާ ކަމަށްވެސް ބޭބެ ބުނިކަމަށް ވެއެވެ.

އަހަރެން އިތުރަށް ބުނާނި ކީކޭ ހެއްޔެވެ؟ އެކާރު ތެރޭ ފޮރުވިފައިވާ ސިއްރުތައް ހާމަކުރަން ކެރޭނެ ހެއްޔެވެ؟ ކާރު ގެ ކުލައާއި ނަމްބަރު ބަދަލު ކުރެވުނަސް އެ ހަނދާން އެހާފަސޭހައިން ފޮހެލެވޭނެ ބާވައެވެ؟ ނޫނީ އެ ހާދިސާ ނުހިގާ ކަމަށް ހެދިދާނެ ބާވައެވެ؟

އަނެއްދުވަހު އަހަރެން ޒާހިދުއާއި އެކީ ބުރެއްޖަހާލަން ދާން އެއްބަސް ވީމެވެ. އަހަރެން އިނީ ކުރީ ޒާހިދު ކައިރީ ކުރީސީޓު ގައެވެ. އެއީ އަހަރެން އޭނާ އަށް ބޭފަވާތެރި ވީ އިރު އަހަރެން އިން މަގާމެވެ. އިވެމުންދާ ‘ޑަރު’ ގެ ލަވަޔާއި އެއަރ ފިރެޝްނާރ ގެ ފޮނި ވަސް  އެއީ ސިކުނޑީގައި ބިންވަޅު ނެގިފައިވާ އެބިރުވެރި ހަނދާންތަކުގެ ދިރުމެވެ. އުމުރުދުވަހަށް އެ ހަނދާން ދެމިހުންނާނެ ވަސީލަތް ތަކެވެ. ކުއްލިއަކަށް ބަދީޢު އަހަރެންގެ ކޮލުގައި ހިފާލިއެވެ.

‘މަންމާ!… ‘ އަހަންނަށް ހަޅޭއްލަވައި ގަނެވުނެވެ. އެޔާއިއެކު ކާރުގެ ބުރެކި ވަރަށް ބާރަށް ޖެއްސިއެވެ. އަހަރެން ވިއްސައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ބަލަލިއިރު އެއީ ބަދީޢު އެއްނޫނެވެ. އަހަރެންގެ ފިރިމީހާ ޒާހިދު އެވެ.

‘ކިހިނެތްވީ؟ ތަނެއްގައި ނުޖެހުނީ ހަމަ ކިރިޔާ އެއްނު!’ ޒާހިދު ހާސްވިއެވެ.

‘ސޮރީ ، އަހަންނަށް އެހެން ޙިޔާލެއްގައި އިދެވުނީ’ އަހަރެން އޮޅުވާލަން މަސައްކަތްކުރީމެވެ.

އެހެނަސް ޒާހިދު އެބުނީ ތެދެކޭ އަހަރެންގެ ހިތަށް އެރިއެވެ. ހަމަކިރިޔާއެވެ. ދެންމެ އެދިޔައީ އަހަރެން ބޭޒާރު ވެދާނެކަހަލަ އެތިފަހަރެކެވެ. ބޭޒާރުނުވެ ސަލާމަތް މިވީ ހަމަ ކިރިޔާއެވެ.

ކުރިއަށް އޮތްތަނގައި ކާރުގެ ކުލަ ބަދަލު ކުރުވާނަމެވެ.  އެލަވަރޯލާއި އެއަރ ފުރެޝްނަރ ފުޅިވެސް ބަދަލު ކުރުވާނަމެވެ. ބަދަލު ނުކުރެވޭނީ އަހަރެންގެ މާޒީ އެވެ. ފިރިމީހާ އަށް ވެވުނު ޙިޔާނާތް އެކަންޏެވެ. ހަނދާން ނުނެތޭނީ އެންމެ އެއްޗެކެވެ. ބިރުވެރި ރަތްކާރެވެ.

(ނިމުނީ)

 

 

Share Article

Follow Me Written By

euaau

Level 1

Other Articles

Previous

އަބަދުވެސް…2

Next

ހިރާސް 8

Next
January 28, 2021

ހިރާސް 8

Previews
January 28, 2021

އަބަދުވެސް…2



All Right Reserved!