ރަތްކާރު 3
ޖެހިގެން އައި ރޭވެސް އަހަރުމެން ހޮސްޕިޓަލުގައި ތިއްބާ ވާރޭ ވެހެންފެށިއެވެ. އެވަގުތު އަހަރެން ރަތްކާރު މަތިން ހަނދާންވިއެވެ. ވާރޭ ތުނިކުރޭތޯ ބަލަން ޕޯޓިކޯ ގައި މަޑުކޮއްގެން ތިބި ވަގުތު ޒާހިދުއަށް އެވާހަކަ ކިޔައިދޭން ވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް ޒާހިދަކީ ވެސް ފާޑެއްގެ މީހެކެވެ. ހިތަށް އަރައިފިއްޔާ ކިތަންމެ ކުޑަ ކަމަކާއި ވެސް ރުޅި އަތުވެދާނެއެވެ. އެހިސާބުން އެ ރަތްކާރަށް އެރުންވެސް މަނާ ވެދާނެއެވެ. ޒާހިދު ކާރެއް ހޯދަން އެއްބަސް ވީއްސުރެ އަހަރެންގެ ހިތުތެރޭގައި ކާރު ދުއްވަން ދަސްކުރުމުގެ ޙިޔާލު އެނބުރެން ފަށާފައި ވެއެވެ. އޭރުން އަހަންނަށް އެކަމެއް ނުވާނެއޭ އަހަރެންގެ ހިތަށް އެރިއެވެ.
އަނެއްދުވަހު ޒާހިދު ފުރަން ދާން ގެއިން ނުކުތުމާއި އެކު އަހަރެންނަށް އެކަނި ވެރިކަން އިހުސާސް ކުރެވެން ފެށިއެވެ. އެވަރަށް ޒާހިދު ފުރަފުރައިގެން ދާއިރުވެސް އަހަންނަށް އެކަމަކަށް އާދައެއް ނުވެވުނެވެ. މިއީ އަޖާއިބެކޭ އަހަރެންގެ ހިތަށް އެރިއެވެ.
އެރޭ ހޮސްޕިޓަލަށް ދާން ކުރިއަށް ވުރެ ބޮޑަށް ތަތްޔާރުވެވުނެވެ. އެހެންނަމަވެސް ސެންޓަރަށް ގުޅާފައި އަހަރެން ޖެހިލުންވިއެވެ. ރަތްކާރު ފޮނުވައިދޭން ބުނާކަށް ނުކެރުނެވެ. ފޯނު ބާއްވާފައި އަހަރެން ވިސްނާލީމެވެ. އަހަރެން ފިނޑީ ހެއްޔެވެ. ނުވަތަ ހެޔޮވިސްނެނީ ހެއްޔެވެ؟
ޓެކްސީ ގޭ ދޮށަށް ހުއްޓާފައި ދެފަހަރަކަށް ބަރުގޮނު އަޅަލުމުން އަހަރެން ނުކުތީމެވެ. އެޔާއިއެކު ގޭ ދޮރުމަތީގައި ރަތްކާރު އޮތުމުން އަހަރެން ގެ ހިތަށް އުފާވެރިކަން ވެރިވެގަތެވެ. އަހަރެން ނުކުމެފައި ބަދީއު އާއި ދިމާލަށް ހިނިތުންވެލީމެވެ. އަހަރެން އަރާނީ ކުރިއަށްތޯ ނުވަތަ ފަހަތަށް ތޯ ނިންމަން ނޭގިގެން އުޅެނިކޮށް ބަދީއު އިޝާރާތް ކޮއްލިއެވެ. އޭނާ އާއި ޖެހިގެން އިންގޮޑި އަށް ކުރިއަށް އެރުމަށެވެ.
‘މިރޭ ހާދަ ރީތި ވެލައިގެން ތީނީ!’ އަހަރެން އިށީނުމާއިއެކު ބަދީއު ބުނެލިއެވެ. އެއާއި އެކު އަހަރެން ރަކިވިއެވެ.
ބަދީއު ވަރަށް ފުންކޮށް ނޭވާ ދަމާލިއެވެ. ‘ހާދަހާ މީރު ވަހެކޭ ދުވަނީވެސް!’
އަހަރެން އިސްޖަހާލީމެވެ. އަހަންނަށް މިކުރެވެން އުޅެނީ ކޮންކަހަލަ ކަމެއްބާވައޭ ހިތަށް އެރިއެވެ.
‘ކޮންތާކަށް ދާންވީ؟’ ބަދީއު ގެ އަޑަށް އަހަރެން ސިހުނެވެ.
‘ހޮސްޕިޓަލަށް’ އަހަރެން ޖަވާބު ދިނީމެވެ. ހޮސްޕިޓަލަށް ދާން މިހާވަރަކަށް ރީތިވެގެން ނުކުމެވުނު ކަން ހިތަށް އަރާފައި އަނެއްކާވެސް ލަދު ގަންނަ ގޮތްވިއެވެ.
ކާރު ދުއްވާލަމުން ބަދީއު ޝަކުވާ ކޮއްލިއެވެ. ސެންޓަރަށް ގުޅާފައި އޭނާ ފޮނުވަން ނުބުނީތީއެވެ.
‘ދެން އަހަރެން ނުބުންޏަސް ތިއައީ އެއްނު!’ އަހަރެން ޖަވާބު ދިނީމެވެ.
ބަދީއު ހީލިއެވެ. އަދި ސެޓުން އެހެންކާރަކަށް ގޮވި އަޑު އިވިގެން އައީ ކަމުގައި ބުންޏެވެ.
މަޖީދީ މަގަށް ނުކުމެވުމުން ކާރުގައި ބުރެއް ޖަހާލަފައި ހޮސްޕިޓަލަށް ދިޔައިއްޔާ ލަސް ވާނެތޯ އޭނާ ސުވާލު ކުރިއެވެ.
އަހަރެން ވެސް ބޭނުންވީ އެގޮތެވެ. މާގިނަ އިރު ނުވަންޏާ މައްސައެއް ނެތްކަމުގައި އަހަރެން ޖަވާބު ދިނީމެވެ. އެޔާއިއެކު ކާރު ގެ މިސްރާބު ބަދަލު ކޮއްލިއެވެ.
އޭރު އަހަރެންގެ ހިތުގައި ކާރު ދުއްވަން ދަސްކުރުމުގެ ޙިޔާލު އަނެއްކާވެސް އެނބުރެން ފަށައިފިއެވެ. ޒާހިދު އަށް ނާންގާ ކާރު ދުއްވަސް ދަސް ކުރެވިއްޖިއްޔާ ކިހާ މަޖާ ވާނެހޭ އަހަރެންގެ ހިތަށް އެރިއެވެ. އޭރުން އޭނާ ކާރެއް ގެންނައިރަށް އަހަރެން ޑްރައިވަރު ސީޓަށް އަރާ އޭނާ ހައިރާންކޮއްލެވޭނެއެވެ. އަހަރެން ބޭނުން އިރަކު ބޭނުން ތާކަށް ޖައްސާލެވޭނެއެވެ.
‘ކޯޗެއް ތި ވިސްނަނީ؟’ ބަދީއުގެ އަޑު އިވުމުން އަހަރެންގެ ޙިޔާލުތަކުން އެނބުރި އާދެވުނެވެ.
‘ނުވިސްނަން މާ ބޮޑު އެއްޗެއް’ އަހަރެން ބޮ ހޫރާލަމުން ބުނެލީމެވެ.
‘ފިރިމީހާ ފުރައިގެން ދިޔައީމާ މާ ބޮޑަށް ދެރަވީކަމަށް އަހަރެން ހީކުރީ’ ބަދީއު ލާނެއް ހިނިތުންވެލުމަކާއި އެކު ވާހަކަ ދެއްކިއެވެ.
އަހަރެން ސިހުނެވެ. އޭނާ އަށް ޒާހިދު އެގެނި ހެއްޔެވެ؟. އެއީ ކިހިނެތް ބާވައެވެ؟. ކުރީ ދެރޭވެސް ޒާހިދު އާއި އެކު ސައިކަލުގައި ހޮސްޕިޓަލަށް ގޮއްސައި މިރޭ ކާރުގައި ދާނީ އޭނާ ރަށުގައި ނެތީމަ ކަން އޭނާ އަށް ވިސްނުނު ވާހަކަ އޭނާ ބުނެދިނެވެ.
އަހަރެން ބަދީއު އާއި ދިމާލަށް ހިނިތުންވެލީމެވެ. އެ ހިނދު އޭނާ އަހަރެންގެ އަތުގައި ހިފާލިއެވެ.
‘ހާދަ ފިންޏޭ!’ އޭނަ ބުނެލިއެވެ.
‘އެއީ އެއަރ ކޯން’ އަހަރެން ވާހަކަ ދައްކަން ފެށީމެވެ. އެހެންނަމަވެސް އެވަގުތު އޭނާ އަހަރެންގެ އަތަށް ފިތާލިއެވެ. އޭގެ މާނަ ވަރަށް ފުންކަމަށް އަހަރެންގެ ހިތް ބުނެދިނުމާއިއެކު އަހަރެންގެ ހިތް އަވަސް ވެގެންދިޔައެވެ.
‘ކާރުގެ ކުރިއަށް އަންހެން ކުދިން ލައިގެން ދުއްވަންޏާ މައްސަލައެއް ނުޖެހޭނެތަ؟’ އަހަރެން އަހާލީމެވެ.
‘ކޮން މައްސަލައެއް؟ ކާކު ޖައްސާނީ؟’ ބަދީއު ސުވާލު ކުރިއެވެ.
‘ނޭގެ…ބަދީޢުގެ އަންހެނުން…..!’ އަހަރެން އެހެންބުނުމުން ބަދީއު ބޮޑު ޗޮކެއް ކަޑާލިއެވެ.
‘މަގޭ އަންބެއް މިހާރަކު ނުހުންނާނެ! މާ ބޮލަށް އުދަގޫ ކުރަންފެށީމަ ވަރިކޮއްލައިފިން..’ ބަދީއު ކިޔައިދިނެވެ. އޭނާގެ ބަހުރުވަ ހުރިގޮތް އަހަންނަކަށް ކަމަކު ނުދިޔައެވެ.
‘ކުދިން ނޯ؟’ އަހަރެން އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ.
‘ދޭއް ތިބޭނެ..އާތިފާ ހާސް ނުވޭ. އެކުދިން ތިބެނީ އެކުދިންގެ މަންމަ ކައިރީ’ ބަދީއު ބުނެލިއެވެ.
އަހަންނަށް އެނާ އެހެން އެބުނީ ކީއްވެކަމެއް ނޭގުނެވެ. އެކަމަކު ދެން އިތުރަށް ސުވާލު ކުރާކަށް ނުކެރުނެވެ. ބަދީއު މާ ހިތްހަމަ ޖެހޭ މަޢުލޫއު އެއް ނޫނޭ އަހަރެންގެ ހިތް ބުނެދިނެވެ.
އެރޭ ހޮސްޕިޓަލުގައި އެކަނި އިދެ ވަރަށް ވިސްނީމެވެ. އެ ރަތްކާރު އަހަރެން ބަލާ އަންނާނެއެވެ. އޭގައި އަހަންނަށް ކާރު ދުއްވަން ދަސްކުރެވިދާނެ ބާވައެވެ؟
އަހަރެން ހޮސްޕިޓަލުން ނުކުތީ ވަރަށް ލަސްވީފަހުންނެވެ. އޭރު އަހަރެންގެ އިންތިޒާރުގައި އޭނާ އޮތެވެ. ކާރަށް އެރުމާއިއެކު ދުއްވާލިއެވެ. ގެއާއި ވީކޮޅަކަށް ނޫނެވެ. އެކަމާ އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. ވާރޭ ނުވެހެންޏާ އަހަރެންގެ ކުޑަމީހާ އެއް ހޭލައިގެން ނުރޯނެއެވެ. އެހެންވީމާ ތަންކޮޅެއް ލަސްކޮއްލާފައި ގެއަށް ދެވުނަސް އެންމެ ރަގަނޅު ވާނެޔޭ އަހަރެންގެ ހިތަށް ވަނެވެ.
‘އަހަރެން ވަރަށް ކާރު ދުއްވަން ދަސްކުރާ ހިތްވޭ’ އަހަރެން ބުނެލީމެވެ.
‘ތީ އެއްވެސް ކަމެއް ނޫން. އާތިފާ އަށް ކެރެންޏާ އަހަރެން ދަސްކޮށްދީފާނަން’ ބަދީއު ހިނތުންވެލާފައި ބުންޏެވެ
އޭގެ އަނެއްރޭ އަހަރެން ތަންކޮޅެއް އަވަހަށް ހޮސްޕިޓަލުން ނުކުތީ ކާރު ދުއްވަން ދަސްކުރާހިތް އޮތްލެއް ބޮޑުކަމުންނެވެ. އެންމެ ފުރަތަމަ ޑުރައިވަރު ސީޓުގައި އިށީންނަން ޖެހެނީ ޑުރައިވަރު ފަހަތުގައި ބައިންދައިގެން ކަމެއް އަހަރެން ކުރިން ނުދެނަހުރީމެވެ. އަހަރެން އެތާނގައި ބައިދައިގެން ކިޔައިދެމުން ވަރަށް ޙުޝިޔާރު ކަމާއި އެކު އޭނާ ކާރު ދުއްވަމުން ގެންދިޔައެވެ. މާގިނައިރު ތަކެއްނުވެ އޭނާ އެކިޔާދޭ އެއްޗެއް ބޮލަށް ނުވަންނަކަން އަހަންނަށް ވިސްނުނެވެ. އަހަންނަށް އެގޮތަށް އެތާގައި އިންނަން އުދަގޫވިއެވެ. އަހަރެން އެވާހަކަ ބަދީއު ކައިރީ ބުނީމެވެ. އެޔާއިއެކު އޭނާ ކާރު މަޑުކޮއްލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތް ހަނި ގޯޅި އަކަށެވެ.
އެއަށް ފަހު ކޮންމެ ރެއަކުވެސް އަހަރެން ކާރު ދުއްވަން ދަސްކުރަން ނުކުންނަމެވެ. އެކަމަކު އެއީ އަހަރެން ހީކުރި ހާ ފަސޭހަ ކަމެއް ނޫންކަން ވިސްނޭކަށް މާގިނަ ދުވަހެއް ނުނެގިއެވެ. ކާރު ދުއްވަން ދަސްކުރުމަށް ވުރެ އެކާރު ތެރެއިން އެހެންކަމަކަށް މާބޮޑަށް ޝައުގުވެރި ވެވުނީ ކަންނޭގެއެވެ.
ޒާހިދު އެނބުރި މާލެއައީ އަހަރެން ހީކުރި ވަރަށް ވުރެ އަވަހަށެވެ. އެޔާއިއެކު އަހަރެން މާޔޫސް ވިއެވެ. ދުވަސްކޮޅަކަށް ނަމަވެސް ބަދީއު އާއި އެކު ‘ކާރު ދުއްވަން ދަސްކުރުން’ މެދު ކަނޑާލަން ޖެހުނީ ތިއެވެ. އަހަރެން އޮފީހުގައި ހުރެފައި ބަދީއު އަށް ގުޅާފައި އެރޭ އަހަރެން ބަލާ ގޭދޮށަށް ނާންނަން އެދި އެވާހަކަ ބުނީމެވެ. އޭރު އަހަރެންގެ މަންމަ ވެސް ހޮސްޕިޓަލުން ދޫކޮއްލައިފިއެވެ. އެހާލަސް ގަޑި އެއްގައި ބޭރުގައި އުޅެން ދައްކާނެ ބަހަނާ އެއް ނުވިސްނުނެވެ.
ޒާހިދު ބޯޓުގައި ޑިއުޓީގައި ހުރިރެއަކު އަހަރެން މަންމަ މެންގެއިން ގެއަށް އަންނަން ވެގެން ބަދީއު އަށް ގުޅީމެވެ. މަންމަ މެން އުޅޭގެ ހުންނަނީ ހިގާލާފައި ދެވޭ ހާކައިރީގައެވެ. އެހެންވެ އެގެއަށް ދިޔަގަޑީގައި އޭނާ އަށް ގުޅާ ގެންނާކަށް ނުކެރުނެވެ.
ބަދީއު ފެނުމުން އަހަރެން ހިނިތުންވެލީމެވެ. ކާރަށް އަރާ އިށީނުމުން ކާރު ދުއްވަން ދަސްކުރަން އުޅުނު ހަނދާން ތައް އާވާން ފެށިއެވެ. އަހަރެން ކަންބޮޑުވިއެވެ. އެ ރަތްކާރުގެ ކުރީގައި އިންދާ މީހަކަށް ފެނިގެން އެވާހަކަ ދައްކަފާނެޔޭ ފުރަތަމަ ފަހަރަށް ހިތަށް ވަނެވެ.
‘ހިގާ ގެއާއި ދިމާލަށް’ އަހަރެން ނުތަނަވަސް ކަމާއި އެކު ބުނެލީމެވެ. ބަދީއު އަހަންނާއި ދިމާލަށް ފާޑަކަށް ބަލާލިއެވެ. ‘ ބަދީއު ނުފެންނާތީ ހަމަ ދެކިލާ ހިތުން މިގެނައީ’ އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.
އޭނާ ޖަވާބެއް ނުދިނެވެ. އޭނާ ގެ ކާރުގެ ލަވަޖަހާއެތިން ލަވައެއް ޖަހަން ސަމާލު ވިއެވެ.
‘ދެން ގެއަށް ދެވޭނި އަހަރެން ހިތްފުރޭ ވަރަށް ބެލުނީމަ’ ބަދީއު ބުނެލިއެވެ. އަދި ފިލްމް ‘ޑަރު’ ގެ ޖާދޫ ތޭރީ ނަޒަރު ކިޔާ ލަވަ އަންނަން ފެށުމުން އަޑު ގަދަކޮއްލިއެވެ.
‘ތޫހެ މޭރީ އާތިފާ!’ ބަދީއު އެތަންކޮޅު ކިޔުމުން އަހަރެން ބިރުގަންނަން ފެށިއެވެ. އެކަމަކު ގަދަކަމުން އޭނާ އާއި ދިމާލަށް ހިނިތުންވެލީމެވެ.
‘އާތީ.. އަހަރެން ބޭނުން އާތި އަހަރެންގެ މީހަކަށް ހަދަން’ ލަވަ މަޑު ކޮއްލާފައި ބަދީއު ވާހަކަ ދައްކަން ފެށިއެވެ.
‘ކީކޭ؟” އަހަރެން ނަށް އަހާލެވުނެވެ.
‘އަހަރެން ބޭނުން މިގުޅުން އިތުރަށް ބަދަހިކޮށް ކައިވެނީގެ ގުޅުމަކަށް ބަދަލު ކުރަން. ޒާހިދު ކައިރިން ވަރިވެގެން އާދޭ!’ ލަވަ ނިމުމުން މުޅިތަނަށް ވެރިވެފައި ވާ ހަމަ ހީމޭން ކަމުގެ ތެރޭގައި އަހަރެން ނަށް އެތެރެއަށް ނޭވާ ދަމާލެނު އަޑު އޭނާ އަށް އިވޭނެ ކަން ހަމަ ޔަގީނެވެ. އަހަރެން ބަސްހުއްޓުނެވެ.
‘ބަދީޢު.. އަހަރެން…! އިރު ކޮޅަކަށް ފަހު އަހަރެން ވާހަކަ ދައްކަން މަސައްކަތް ކުރީމެވެ. އެޔާއިއެކު އޭނާ އަހަރެންގެ އަނގަ މަތީ އަތްއެޅިއެވެ.
‘އުހޫ މިހާރު ޖަވާބެއް ދޭނެ ކަމެއްނެތް..އިހަށް ވިސްނާ!’ އޭނާ ބުނެލިއެވެ. އަދި އަހަރެން ގެ ހަޔާތުގެ ބާކީ ބައި އުފަލާއި ހިތްހަމަ ޖެހުމުގައި ގެންގުޅޭނެ ކަމުގެ ޔަގީން ކަން ވެސް އޭނާ ދިނެވެ.
