“އަހަންނަށް ކިޔަނީ ފަހުދު..” ފަރުވާކުޑަ ގޮތަކަށް ނަން ބުނެލަމުން، ތައްޓެއް ކައިރި ކޮށްލަން ފަހުދު މަސައްކަތް ކުރިއެވެ.

“ކޮއްކޯ! މިރޭ ދޮންބެއަށް ބަތް މޮޑެ ދޭންވާނީ މި ބޭބެއަށް ބަތް މޮޑެދީފަ. މެހެމާނުންނަށް ކަމޭހިތަންވާނެ. ބޭބޭ! އަހަރެންގެ ކޮއްކޮ ވަރަށް މީރުކޮށް ބަތްމޮޑޭނެ. އަދި ބުނަން.. ބޭބެގެ އެއްޗެއް ދޮންނަން ވިޔަސް އިސްތިރި ކުރަން ވިޔަސް އަހަންނާ ހަވާލުކުރޭ އިނގޭ.. މިގޭގަ އަހަރެން ދޮއެ އިސްތިރި ކުރަނީ މޫސަބެޔާ އަހަރެންގެ އަންނައުނު.. ތުގާ ކޮއްކޮއަށް އޮންނާނީ ސީމައްތަގެ އަންނައުނު ދޮއެ އަސްތިރި ކުރުން.. އިތުރު ކަމެއް ބޭނުންވިޔަސް އަހަރެން ކައިރި ބުނެލާ.. ފައިސާގެ ދަތިކަމެއް ދިމާވިޔަސް ބުނަން ނުކެރިފަ ނުހިންނާތި އިނގޭ.” ފަހުދުގެ ހަމަހިމޭންކަން އިޙްސާސްވުމުން ފާއިދު އެއްފަހަރާ އެތައް ވާހަކައެއް ދެއްކިއެވެ.

“ތެދެއް.. އެހެން ހަދާ އިނގޭ.. ބޭބެ މަލޭ އައީ ކީއްކުރަންތަ؟ އެއްވެސް ރައްޓެއްސެއް ހުރޭތަ؟”

ފަހުދުގެ ބަތްތަށި އޭނާއާ ކައިރި ކޮށްލުމަށްފަހު ފާއިދުގެ ބަތްތަށި މޮޑެދެމުން ތުގާވެސް ވާހަކައިގައި ބައިވެރި ވިއެވެ.

“އިތުބާރު ކުރެވޭ ރައްޓެއްސެއް ނުހުރެ.. ރައްޓެހިވީން ކައިވެނި ކުރުމުގެ ނިޔަތުގަ މާލޭ މީހަކާ އެކަމު ހަނގުރާމައެއްހެން އެކަން އޭރު ނިމިއްޖެ.. ދެން އެކަމާހެދި ވަރަށް ޒަމާން ތަކަކަށްފަހު މާލެ މިއައީ.. ކޮންމެހެން އަހަރެން މާލެ އައި ބޭނުން ތިކުދިންނަށް އިނގޭކަށްވެސް ނުޖެހޭ..” ފަހުދުގެ ވާހަކަ އަނެއްކާވެސް ކުރިޔަށް ގެންދިޔައެވެ.

“ކަލޭމެން ވާހަކަ ދައްކާ ގޮތުން ހީވަނީ ކަލޭމެންގެ މައިންބަފައިންނެއް ނޫންހެން މިގޭގަ މި އުޅެނީ.. މިބުނީ މަންމަ ބައްޕަވެސް ނުކިޔާތީ؟؟ އެކަމަކު ކަލޭމެން އުޅޭގޮތުން ހީވަނީ ކަލޭމެންގެ މައިންބަފައިންހެން އެއީ.. ކީއްވެ؟؟ އަހަރެން ވަރަށް ހައިރާން ވެއްޖެ މިއަދު ތިކަހަލަ މަންޒަރުތަކެއް ފެންނާތީ.. ކީއްވެ އެހެން އެވަނީ؟؟”

ފަހުދާއެކު އެދެކުދިން ދައްކަމުން ދިޔަ ވާހަކަތައް ސީމާ ދިޔައީ ކަނުލާ އަޑުއަހަމުންނެވެ.

“އާނ ތިބުނީ ރަނގަޅަށް. މިގޭގެ ވެރިންނަކީ އަހަރުމެންގެ މައިންބަފައިންނެއް ނޫން. އަދި އަހަރެންނާ ތިމައިގެ ކަމުގެ ގުޅުމެއްވެސް ހުރި ބައެއް ނޫން. އެކަމަކު ބުނެވިދާނެ މިހާރު އަހަންނަށް ނޭވާލާން އެންމެ ފަސޭހައީ މޫސަބެޔާ ސީމައްތަގެ އިތުރުން ކޮއްކޮވެސް ދުނިޔޭގަ ހުންނާތީއޭ.. ގައިމުވެސް ދެން އެއިން އެކަކު ނެތަސް އަހަރެންގެ ނޭވާ ހީވާނީ އުފުރިދާނެހެން.”

ފާއިދު ވަރަށް ކުރުކޮށް އެހެނަސް ފޮނި ޖަވާބެއް ދެމުން ތުގާއަށް ނިތްއަރުވާލިއެވެ. އެޔާއެކު ތުގާ ވާހަކަ ދައްކަން ފެށިއެވެ.

“މިގޭގެ ވެރިންނަކީ އަހަރުމެންގެ މައިން ބަފައިންނެއް ނޫން. އެކަމަކު އަހަންނާ ވަރަށް ކައިރިން ތިމައިގެ ކަމުގެ ގުޅުން އެބަހުރި.. ދެން ބުނެވިދާނެ އަހަރެންގެ މުސްތަޤްބަލަށް އަހަންނަށް އަލިކޮށް ފެންނަނީ މޫސަބެޔާ ބޮޑުދައިތަގެ އިތުރުން ފާއިދު ދޮންބެ ދުނިޔޭގަ ހުންނާތީއޭ.. އެކަމަކު އެއިން އެކަކު ނެތަސް ދެން އަހަންނަށް ހީވެދާނެ މިދުނިޔޭގެ ހުރިހާ އުފަލެއް އަހަންނަށް ގެއްލުނިއްޔޭ.” ތުގާވެސް ފާއިދު ފަދައިން މޮޅު ވާހަކަތައް ރާވާލިއެވެ.

ހަފްތާއެއް ފަހެވެ. އަފީފާއޭނަގެ މަންމައާ ވާހަކަތައް ހިއްސާކުރަމުން ދިޔައެވެ. އަފީފާގެ ޙަޔާތުގައި ސަމީރާއެކު އުޅެންޖެހުނު އުފާވެރި ދިރިއުޅުމުގެވާހަކަތަކެވެ. އަދި އެޙަޔާތައް މާލިކްގެ ސަބަބުން ދޭތެރެ ދޭތެރެއިން ކުރިމަތިވި ތޫފާންތަކުގެ ވާހަކަތަކެވެ.

“އަހަރެން މިރަށަށް އައިއިރު މަންމަ ނެތީމަ މިވާހަކަތައް ކިޔައި ނުދިނީ.. މަންމައަށް އެނގޭތަ އެއީ ވަރަށް ތަފާތު ކުއްޖެއް. އެރަށުގެ ދެމީހަކުވެގެން ވަރަށް ކުޑައިރުއްސުރެ އެސޮރުގެ ވިސްނުމާ ކުޅެލާފަހުރީ.. ސަމީރާ ވާހަކައެއް ނުދައްކާ، ސަމީރު ބަލިވިޔަސް އަޅާވެސް ނުލާނެ. ނުވިތާކަށް ސަމީރު އެއްޗެކޭ ބުންޏަސް ވަރަށް ހަޑިކޮށް އޭނަ ބުނާ އެއްޗެއް ބުނަނީވެސް..” އަފީފާގެ ވާހަކަތައް ރަނގަޅަށް އަޑު އަހަން އަފީފާގެ މަންމަ ހުއްޓެވެ.

“އިނގޭތަ؟ އަހަރެން އަބަދުވެސް ކަނީ އެކުދިންނާ ސަމީރު ކައިފަ ބާކީ ހުންނަ އެއްޗެއް. އެކަމު އަހަރެން ނުކައި ހުއްޓަ އެތައް ދުވަހަކު ކައްކާފަ ހުންނަ ރިހަފޮދާ ގަރުދޮޔަ ފޮދަށްވެސް ހުންނާނީ ކޮންމެސް ވަރަކަށް ވެލި އަޅާފަ. އޭރު އެސޮރަށް ވާނީ އަށް އަހަރުވަރު.. ގައިމު ކޮންމެސް މީހަކު ބުނާތީނު އެކަހަލަ ކަންތައްތައް ކުރާނީ..” އަފީފާ އަނެއްކާވެސް ވާހަކަ ދައްކަމުންދިޔައެވެ.

“އަދި އިނގޭތަ؟ އަހަންނަށް ގޮވާނީވެސް ދޮންމާއޭ ކިޔާފަ.. އަހަރެން ފެންވަރަން ވަންނަން ތައްޔާރުވާ އިރަށް ސައިބޯނި ގަނޑުވެސް ތެންމާފަ އެއްލާލާފަ ނިކިންނާނީ ގިފިލި ވެލިގަނޑަށް. އަހަރެން ކިތަންމެ ދުވަހަކު ހުންނަން ސައިބޯނި ނުލާވެސް. މާލިކް ހުއްޓަ ސަމީރު އެހެން އަހާލީމަ ބުނާނެ އެއީ މާލިކް އަތުން ވެއްޓިފައޭ.. އެހާވަރަށް އެސޮރު ސަމީރާ ވާހަކަވެސް ނުދައްކާތީ އެކަހަލަ ކިތަންމެ ވާހަކައެއް މާލިކް ބުނީމަ ސަމީރު ގަބޫލު ކުރާނެ. އޭނަގެ ކޮޅު މޮޅުވީމަ ދެން ސަމީރަށް ނުފެންނަގޮތަށް އަހަންނާ ދިމާލަށް ވައްތަރުވެސް ހަދާނެ.” އަފީފާ ކިޔައިދިނެވެ.

އަވަސް ހިނގުމެއްގައި ސިޑިން ފައިބަމުން ޝާމް ގޮސް ތާނިޔާ ދިރިއުޅޭބައިގެ ދޮރުގައި ޓަކިޖަހަންފެށިއެވެ. އިރުކޮޅަކަށްފަހު ތާނިޔާ ދޮރު ހުޅުވާލުމާއެކު ހަލުވި މިނުގައި ޝާމް އެ ކޮޓަރި ތެރެއަށް ދެމިގަތެވެ.

“ކުޑާ.. އަހަރެން މިހިރީ ވަރަށް ރުޅިއައިސްފަ މިހާރު. ކުޑާއަށް ހަމަ ރަނގަޅަށް އިނގޭނެ އަހަންނަކަށް މިކަމެއް ނުވާނެކަން. ބަލަ އަހަންނަކީ އަންހެނެއް ނޫނޭ.. މަންމަ ފެންވަރުވާ ރީތިކޮށް ހަދާކަށް. ކުޑާދޯ މަންމަގެ އެއްބަނޑަކަސް އެއްބަފަޔަކަސް ހަމަ އެކަނި ހުރި މީހަކީ.. ކީއްތަވާނީ މަންމަ އުޅޭ ހާލު ބަލާލަން އެތަނަށް ވަދެލަން. މަންމަ އެ އޮންނަތަނުން ނޯށްދަމާލަން ނުކެރެ. އަބަދު އެ އޮންނަނީ ނަޖިސް ލެވިފަ.. މިދިޔަ ހަފްތާގަ މަންމަ ބަލި އެނދުގަ އޮންނަން ޖެހުނީމަ ގޮސް ރީތި ކޮށްދިން ގޮތަށް ކުޑާ ތިއުޅެނީ.. އަހަރެންވެސް ހަމަ ފުރަން އޮތްދުހު މިކަމެއް ދެން މިވީ.. އެދުވަހު އަހަންނަށް ނުދެވުނަސް ނަޝް ކައިރި އަހަރެން ބުނިން ވަރަށް އަވަހަށް ކައިވެނި ކުރަން ދާނަމޭ. އެހެންވީމަ އަހަންނަކަށްވެސް ނެތޭ އެއް ގޮތަކައްވެސް މަންމަ ކައިރި ހުރެވޭކަށް.” ޝާމް އައިސްފައިވާ ރުޅީގައި ހިތަށް އައިހާ އެއްޗެއް ގޮވާލިއެވެ.

“ކޮން ރުޅިއެއް އަންނާކަށްތަ؟ ޝާމްގެ މަންމަ ބަލަންޖެހޭނީ ޝާމްއޭ.. އަމިއްލައަށް ނުބެލެންޏާ ތި ކައިވެނި ކުރާ ކުއްޖާ ގެނެސް އެކަން ހަވާލުކޮށްބަލަ. ދޮންތަ އެއީ އެހެން ނޫނަސް އަބަދުވެސް އަމިއްލައަށް އުޅެން ބޭނުންވާ މީހެއް. ފެނެއެއްނު ވީގޮތް.. އޭނައަށް ވާބަލި ޖެހި ނުހިނގުނީމަ މިހާރު އަހަންނާ މިޖެހުނީ އަނެއްކާ.. ޕިސްޕިސް ދެން އެކަމުވެސް މަށަކަށް ނުވާނެ. ތިބުނާ ކައިވެނި ކޮށްގެން އަވަހަށް މަ ތިކަމުން ސަލާމަތްކުރެވޭތޯ ބަލާ..” ތާނިޔާ ހިތްހަމަ ނުޖެހިފައި ހުރިކަން ޝާމްއަށް ބަހާ އަމަލުން އަންގާލިއެވެ.

މިހާރަކަށް އައިސް މާލިކް އޭނާގެ ގިނަވަގުތު ހޭދަކުރަނީ ގޭގައެވެ. ގިނަ ވަގުތުތަކުގައި ކޮންމެސް ކަމަކާ ފިކުރުކުރުން އެއީ މާލިކްގެ އާދައަކަށް ވާންފަށައިފިއެވެ. ބައެއްފަހަރު ގޯތި ތެރޭ ޖޯލީގައި އޮވެއެވެ. އަނެއްބައިފަހަރު ކޮޓަރި އެނދުގައި އޮވެއެވެ. ނޫނީ ބޭރަށް ނުކުމެލާ މަދު ފަހަރަކު ގޮނޑުދަށުން ރުއްބުޑެއްގައި އިނދެއެވެ. މާލިކްގެ މި ޚަރަކާތްތަކާ މަޑުމަޑުން ބަދަލުވަމުންދާ މިޒާޖު ނުހަނު ކައިރިން ސަމީރާ މަހޫއަށް ދިޔައީ ފާހަގަ ކުރެވެ މުންނެވެ.

މާލިކްގެ ބަސްބުނުމާ ވާހަކަ ދެއްކުމުގައި ކުރިން އާރުލާގޮތް ހުރެއެވެ. ރުޅިގަދަ ބަސްތައް ބުނެލައެވެ. ޖެހިލުމެއްނެތި އެތައް އެއްޗެއް ބުނެލައެވެ. ފާޅުކަން ބޮޑު ގޮތެއްގައި މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އެތައް ކުލަވަރެއް ދައްކައެވެ. ނަމަވެސް މިހާރު އެޔާ ޚިލާފެވެ. ސިނގިރޭޓް ބުއިން ކޮންމެސް ވަރަކަށް މަދުކޮށްލަން ފެށިއެވެ. ގޭތެރޭގެ ކަންކަމުގައި ސަމީރަށް އެހީވެއެވެ. މަހޫގެ މަސައްކަތްތަކުގާ ވަރުބަލި ވަންދެން ބައިވެރިވެއެވެ.

“ބައްޕާ! އަހަރެން ވާހަކަ ދައްކާލަން ވަގުތުކޮޅެއް ދެވިދާނެތަ؟ މިއައީ ހަމަ ނުނިދިގެން.” ނިދަން ތައްޔާރުވެގެން އޮތް ސަމީރުގެ ކޮޓަރިއަށް ވަދެ ހޮޅިބުރި ދިއްލާލަމުން މާލިކް އަހާލިއެވެ.

—– ނުނިމެ —-

1

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!