
މިއީ ހުރިގޮތެވެ.
ކޮންމެ ދެމަފިރިއަކުވެސް މައްސަލަ ޖެހޭނެއެވެ. މައްސަލަ ނުޖެހޭ ބުނާމީހަކު އުޅެންޏާ އެމީހަކު އެހަދަނީ ދޮގެކެވެ. ދެމަފިރިންދޭތެރޭ ޖެހޭމައްސަލަތަކަކީ ކޮންމެ ކޮންމެ މީހެއްކައިރީ ދައްކަންޖެހޭނެ ވާހަކަތަކެއްވެސް ނޫނެވެ. މައްސަލަ ޖެހެންވެސް ޖެހޭނެއެވެ. ޖެހޭ މައްސަލަތައް ހައްލުވެސް ކުރެވެން ޖެހޭނެއެވެ. މައްސަލަ ޖެހިފައި ހައްލުވާ ކޮންމެފަހަރަކު ލޯބި އިތުރުވާ ވާހަކަ އަޑުއަހަމެވެ. މިއީ ތެދެއްކަމެއް ނުވަތަ ދޮގެއްކަމެއް އަހަންނަކަށް ނޭގެއެވެ. އަހަންނަކީ ގެވެހި އަނތްބެކޭ ނުބުނެވޭނެއެވެ. ކޮންމެއިރަކު މީރުވިހާ ކާނާ ނުކެއްކުނު ކަމުގައިވިޔަސް ގޭގައި ތިންއިރު ކާނެ އެއްޗެހި ހުންނާނެއެވެ. އަހަންނަކީ ވަޒީފާއަދާކުރާ މީހަކީމެވެ. މިވަޒީފާގައި އަހަރެން އުޅޭތާ މިހާރު ދިހައަހަރު ވަނީއެވެ. ވަޒީފާއަށް ގަޑިޖެހިގެން ދެވުނު ހަދާނެއްނުވެއެވެ. ގަނޑިޖެހުމުގެ ފަސްމިނެޓު ކުރިން ކޮންމެދުވަހަކު ސައިންއިން ވެވޭތޯ ބަލަމެވެ. އަހަރެންގެ ކުޑަކުޑަ ލޯބިލޯބި އަންހެންކުއްޖަކު ހުރެއެވެ. އޭނާދެކެ އަހަރެން އިންތިހާއަށް ލޯބިވެއެވެ. އެދަރިފުޅަކީ އަހަރެންގެ ހިތުގެ އެއްފަޅި ކަމުގައި ދެކެމެވެ. ދަރިފުޅު މަދުވެގެން ދުވާލަކު އެއްފަހަރު ފެންވަރުވާ ރީތިކޮށް ހަދަމެވެ. ކޮންމެދުވަހަކު ހަވީރު ދަރިފުޅުގޮވައިގެން ތަންތަނަށް ނުދެވުނަސް މަދުވެގެން ހަފްތާއަކު ދެފަހަރު ކޮންމެވެސްތާކަށް ދެވޭތޯ ބަލަމެވެ. އަހަރެން ދިރިއުޅޭ ގޯއްޗަކީ ބޮޑު ގޯއްޗެކެވެ. ކޮންމެ ދުވަހަކު ގޭދޮށުގައި އިލޮށިފަތިން ދޫލަ ނޭޅުނުކަމުގައިވިޔަސް، ކުނި ކަހަމެވެ. ދެހަފްތާއިން އެއްހަފްތާ އެކުނިތައް ކުނިގޮނޑަށް ގެންދަމެވެ.
މިހަކާއިނުމަށްފަހު އަހަރެން ބަދަލުވީ ފިރިމީހާގެ ރަށަށެވެ. މިރަށުގައި އަހަރެން ދަންނަބަޔަކު ނޫޅޭނެއެވެ. އަނގަތަޅާލާ މަޖާކޮށްލާ ހަދާލާނެ ރައްޓެއްސަކު ނެތުމުން ބައެއްފަހަރު އެކަނިވެރިކަން އިހުސާސްކުރެވެއެވެ. ފިރިމީހާ އޮފީހުން އަންނައިރަށް ވާހަކަދައްކާލާ ހިތްވެއެވެ. ނަމަވެސް އެފުރުސަތު ގިނަފަހަރަށް އޮންނަނީ ނުލިބިފައެވެ. ގެއަށް އައަސް ގިނަވަގުތު ހޭދަކުރަނީ ދަރިފުޅާ އެކުގައެވެ. ބާކީ ވަގުތުތަކުގައި ފޮތްކިޔާ ފުޓުބޯޅަބަލާ ހަދައެވެ. ދަރިފުޅާއެކު ވަގުތު ހޭދަކުރާތީ ހަސަދަވެރި ވަނީއެއްނޫނެވެ. ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވާ ބަފަޔަކު ލިބުނީތީ އުފާކުރަމެވެ. ފިރިމީހާ ހިތްހަމަޖައްސާލުމަށް އެކުރާ ކުދިކުދި ކަންތައްތައް ނުކުރާށޭ ބުނުމުގެ ހައްގެއްވެސް އަހަންނަކަށް ނޯންނާނެތާއެވެ. ކޮންމެދުވަހަކު އަށްގަޑިއިރު އޮފީހުގައި މަސައްކަތްކޮށްފައި ގެއަށްއައިސް ވަރުބަލި ފިލުވާލާނެ ވަގުތުވެސް ބޭނުންވާނެތާއެވެ.
ރޭގަނޑު އޭނައަށްވުރެ ކުރިން ނުނިދަމެވެ. ވާހަކަ ދައްކާލާނެކަމަށް އެތައްއިރަކު އިންނަމެވެ. ލޯބިން ބައްދާލާނެކަމަށް އެތައް އިރަކު ހޭލާ އޮންނަމެވެ. އަތުގަ ހިފާލާ ގާތްކޮށްލާތޯ އެދިއެދި އޮންނަމެވެ. އެގާރައަހަރު އެކީގައި އުޅެމުން އަންނަ ލޯބިވާ ފިރިމީހާއެވެ. ބުނަން ނުކެރެންވީ ކީއްވެހެއްޔެވެ؟ ހިތަށް ދަތިވެއެވެ. ގިސްލެވެއެވެ. އޭނާ އަހަރެންދެކެ ލޯބިވާކަން އެނގެއެވެ. އޭނާ އަހަރެންދެކެ އެވާލޯބި ދުލުން ހާމަކޮށްދޭނެނަމައެވެ. އަހަރެންގެ މި މޯޅިވެފައިވާހިތް އުފަލުން ފޮޅުނީހެވެ. އެހެން އަންހެނުންފަދައިން އަހަރެންވެސް ހަދިޔާއަށް ލޯބިކުރަމެވެ. އުފަންދުވަހު ހަދިޔާ ލިބުމަށް ނޭދޭނީ ވަކިކާކުހެއްޔެވެ؟ އަގުބޮޑު ހަދިޔާއެއް ނުދެވުނަސް، އެންމެކުޑަމިނުން އުފަންދުވަހު ތަހުނިޔާ ކިޔާލާނަމައެވެ. ކައިވެންޏަށް އަހަރު ފުރޭދުވަހު “ހެޕީ އެނިވާރސަރީ” ކިޔާލާނެ ނަމައެވެ. އަހަރެން ކިހާ އުފާވީހެއްޔެވެ.
ބޭރަށްދާން ބުނަމެވެ. ވާހަކަދައްކާލާ ބޯހަމަޖައްސާލުމުގެ ބޭނުމުގައެވެ. އޭނާ އެކަމަށް އިންކާރެއް ނުކުރެވެ. އަހަންނާއި ދަރިފުޅު ގޮވައިގެން ބުނި ކޮންމެވަގުތަކު ދުއްވާލަންދެއެވެ. އެވަރުންވެސް އަހަރެންގެ ހިތައް ކުޑަވެސް ހިތްހަމަޖެހުމެއް ނުލިބެނީ ކީއްވެހެއްޔެވެ؟ އަހަރެން ނަލަހެދިލަން ބޭނުމެވެ. ނަމަވެސް އެކަން ފާހަގަކޮށް ތައުރީފްގެ އެންމެބަހެއްވެސް އަޑުއަހާލުމަށް އެދެވުނު އެދުން ވީ ބޭކާރެވެ.
ހިތްވަރުކޮށްފައި ޝަކުވާކުރީމެވެ. އޭނައަށް އަހަރެން ދެރަވެފައި ހުންނަކަން އެގޭކަމަށް ބުންޏެވެ. އަހަރެންގެ ހިތުގައި އިތުރު ރެދެއްލިއެވެ. އޭނާ އަހަރެން ހިތްހަމަޖައްސައިދިނުމަށް އެއްވެސްކަމެއް ނުކުރަނީ ކީއްވެހެއްޔެވެ؟
އަހަރެން ބޭނުންވެގެން ބުނާ ކޮންމެއެއްޗެއް އަހަންނަށް ލިބެއެވެ. ތިޔަބީހުން ފައިސާކޮޅަކުން ގަނެލެވޭނެނަމަ ކިހާ ރަނގަޅުހެއްޔެވެ. އަހަރެން ބޭނުން ކަމެއްކުރުމުގެ މިނިވަންކަން އަހަންނަށް އޮވެއެވެ. ނަމަވެސް ދަންނަ ރައްޓެހި ރަހުމަތްތެރިއަކު ނެތްތަނެއްގައި ކުރެވޭނީ ވަކި ކޮންކަމެއް ހެއްޔެވެ؟ މަހަކު އެއްފަހަރު ނަމަވެސް އަތިރީގައި އެއްޗެއް ފިހެލަންނަމަވެސް ދާން އެދުނީމެވެ. ނޫނެކޭ ނުބުނެއެވެ. ދިޔުމުން ލިބޭ ފައިދާއެއް ނެތީތީ އެކަން ހުއްޓާލީމެވެ. ވަކިވާން ހިތްއެދުނެވެ. ނަމަވެސް ސަބަބު ބަޔާންކުރާނޭ ލަފުޒުތަކެއް އަހަންނަކަށް ނޭގުނެވެ. އެކިއެކި ސައިޓްތައް ހާވަންފެށީމެވެ. ޑިޕްރެޝަންގެ ގިނަ އަލާމާތްތަކަކީ އަހަރެން ތަހައްމަލް ކުރަމުންއަންނަ ކަންތައްތަކެއްކަން އެނގުނެވެ. ޑިޕްރެޝަންގެ ފަހު ސްޓޭޖްތަކުގައި މީހުންކޮށްފަހުރި ކަންތައްތައް ބެލީމެވެ. ހިތްބިރުގަތެވެ. ހާސްވިއެވެ. ފިރިމީހާ ކައިރީ ސީދަލަށް ބުނާކަށް ނުކެރުނެވެ. ނޫހަކުން ފެނުނު އާރޓިކަލްއެއް ދައްކާލީމެވެ. އޭނާގެ ވާހަކަ ހުރިގޮތުން އިތުރަށް އެއްޗެކޭބުނާކަށް ނުކެރުނެވެ. ޑިޕްރެޝަންއަކީ މީހުންގެ ސަމާލުކަންހޯދުމަށް ބޭނުންކުރާ އުކުޅެކޭ ބުނާ މީހެއްގެކައިރީ ކިޔާނީ ވަކި ކީކޭހެއްޔެވެ.
އަދިވެސް މިއުޅެނީ އެދިރިއުޅުމުގައެވެ. އަހަރެން ފިރިމީހާދެކެ އިންތިހާއަށް ލޯބިވަމެވެ. ފިރިމީހާ އަހަރެންދެކެ ލޯބިވެއެވެ. ނަމަވެސް ދެމީހުންގެ ދޭތެރޭގައި ރޭނިފައިމިވާ ފާރު ގިރާކުރެވޭނެހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. އެކަން އެގިހުރެމެ ފިރިމީހާ އެކަމަށް އެއްވެސް ކަމެއްނުކުރަނީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭގެއެވެ. މިއީ އަހަރެންގެ ދިރިއުޅުމެމެވެ. މި ދިރިއުޅުންއުފާވެރި ބާއްޖަވެރި ހަޔާތަކަށް ހެދުމަށް ކުރަންވީ ކޮންކަމެއްކަމެއް އަހަންނަކަށް ނޭގުނެވެ.
(ނިމުނި)