
އިމްތިޙާން 40
ސަމީރު ދައްކާފައިވާ ކޮންމެ ވާހަކައެއް ޚަދީޖާގެ ދުވަސްވީ ހިތުތެރޭގާ ތާޒާ ކަންމަތީ ހުރެދާނެ ކަމަށް ފަހަރެއްގަވެސް ސަމީރު ހިއެއް ނުކުރެއެވެ. ސަމީރަށް ހައިރާން ވެފައި އިނދެވުނީ އެ ސަބަބަށްޓަކައެވެ. ސަމީރުގެ ހިތުގައި މިހާރު ނެތް އެތަށް ވާހަކަތަކެއް އެ މަންމަގެ ދުލުން ބޭރުކޮށް ލުމުންނެވެ. ތެދެކެވެ. ސަމީރުވަނީ މިދުވަހަށްޓަކާ އެތައް އިންތިޒާރެއް ކޮށްފައެވެ.
ހުޅުލޭ އެޔާޕޯރޓުން މާލެ އާދެވުމާއެކު މަގުމަތިން ކާރެއް ހޯދައިން ތާނިޔާ ކާރަށް އަރާ ދާންވީ މަންޒިލް ބުނެލިއެވެ. މާޒީއާއެކުވެ ދިޔަ އަހަރުތައް ލަންކާގައި ހޭދަކުރުމަށްފަހު ތާނިޔާ ރާއްޖެ އައީ ފުރަތަމަ ފަހަރަށެވެ. އެހާ ގިނަ ދުވަސްތަކަކަށް ފަހު މާލޭގެ މާހަޢުލު ހަލަބޮލިކޮށް ފެންނަމުން ދިޔުމުން ތާނިޔާ އިނީ ހައިރާންވެފައެވެ.
ދުއްވާފާދިޔަ ކާރުގެ ބިއްލޫރިގަނޑުން އެކިފަހަރު އެކި ދިމާލަށް ތާނިޔާގެ ބޯއަނބުރަމުން ބޭރު ބަލަމުން ދިޔައެވެ. މާލެއަށް އައިސްފާވާ ޢުމްރާނީ ތަރައްޤީގެ ސަބަބުން އެތައް އިމާރާތެއްވަނީ އުސްކޮށް ހަދާ ނިންމާލާފައެވެ.
މާލެއަށް އައިސްފާވާ ހެޔޮބަދަލުތަކުން ތާނިޔާ އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެއިން ކޮންމެ ކަމަކަށް ގެއްލިފައި އިންދާ ތާނިޔާއަށް އޭނަގެ މަންޒިލަށް ވާޞިލް ވެއްވިއްޖެއެވެ.
ގަނޑުވަރެއްފަދަ ރީތި ބޮޑު ގެއެކެވެ. ފަސްބުރީގެ އެއިމާރާތުގާ ލާފައިވަނީ ގަދަ ފެހި ކުލައެވެ. ގޭޓް ހުޅުވާލާ ފޮށިތައް އެތެރެއަށް ވައްދާލުމަށްފަހު ތާނިޔާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ލަމުން މުޅިގެއަށް ބަލާލީ ބޯ އުފުލާލަމުންނެވެ.
އަމިއްލަ ނަފްސަށް ލުއި ލުއި ހިނިތުންވުމެއް ހަދިޔާކުރަމުން ކިބުރުވެރި ކަންމަތީ ތާނިޔާ ގެޔަށް ވަނުމަށް ހިނގައިގަތެވެ.
މިސްކިތުގައި ސަމީރު އިނީ އޭނާގެ ދެއަތް އުފުލައިލައިންނެވެ. ސަމީރުގެ މުޅި ހަށިގަނޑާއި ނަފްސު ޠާހިރު ކަންމަތީ އަޅުކަން ކުރުމުގައި ހަމަހިމޭން ކަމާއެކު ޝާމިލްވެއެވެ. އެ ދެލޮލުން އޮހޮރެމުންދާ ކޮންމެ ފެންތިއްކަކުން އޭނާގެ ޙާލަތު ބަޔާން ކޮށްދޭފަދައެވެ. މާޒީއާ އެކުވެ ދިޔަ ކޮންމެ ދުވަހެއްގެ ފަސް ނަމާދުގާވެސް ސަމީރު ވަނީ އޭނާގެ މަންމައަށް ހެޔޮވިސްނުން ދެއްވުން އެދި ދުޢާ ކޮށްފައެވެ.
އެހެނަސް މިއަދު ސަމީރު އެދަނީ الله އަށް ޝުކުރުވެރި ވަމުންނެވެ. އެތައް ދުވަހަކު ކުރި ދުޢާ މިއަދު ޢީޖާބަ ކުރައްވާފައި ވާތީއެވެ. ޙަޤީގަތުގައިވެސް ސަމީރަކީ ކިހާ ހިތްވަރުގަދަ މީހެއް ހެއްޔެވެ.؟ އެތައް ޢިމްތިޙާނެއް ކުރިމަތިވެގެން ދިޔައިރު އޭނާވަނީ އެއިން ކޮންމެ ކަމަކަށް ކެތްތެރިވެފައެވެ.
“ބައްޕާ! ޑޮކްޓަރު ބުނީ ވަރަށް އަވަހަށް މަރުކަޒަށް އާދެބަލާށޯ.. މާމަ ކުއްލިޔަކަށް މާބޮޑަށް ބަލިވެއްޖެ.. މާމަ އޮވެގެން ވަރަށް ގޮވާ ބައްޕައަށް.”
މިސްކިތަށް ވަދެ ވަރަށް މަޑުމަޑުން ސަމީރުގެ ކަންފަތް ދަށުގައި މަހޫ ބުނެލިއެވެ. އެއަޑަށް ސަމީރުގެ މުޅި ހަށިގަނޑު އެއްފަހަރާ އިޖާބަ ދެމުން މިސްކިތުން ނުކުމެ ބާރު ހިނގުމެއްގާ މިސްރާބު ޖެހިއެވެ.
ސީމާގެ ކޮޓަރި ކުނިކަހާލުމަށްފަހު އަލަމާރިން ބެޑްޝީޓެއް ނިއުޅާލަމުން ތުގާ އެނދު ކައިރިއަށް ޖެހިލިއެވެ. އެވަގުތު ފާޚާނާއިން ނުކުމެގެން އައިސް ޑްރެސިންގ ޓޭބަލް ކައިރިއަށް ސީމާ ހުއްޓިލިއެވެ.
“ދަރިފުޅާ ތުގާ! މިހާރު ދެން ސްކޫލް ދައުރުވެސް ނިމެން ތިއުޅެނީ. ބޮޑުދައިތަ މި ހިތަށްއަރަނީ ތުގާއަށް މިހާރު ހުންނާނީ ވަރަށް ގިނަ މަސައްކަތްތައް ކުރަން ދަސްވެފައޭ.. މި ބުނަން އުޅެނީ….”
ސީމާގެ ވާހަކަ އިރުކޮޅަކަށް ހުއްޓާލީ ތުގާއާ ހަތަރު ކަޅި ހަމަކޮށްލެވުމުގެ އިޙްސާސް ވުމުންނެވެ.
“ބޮޑުދައިތާ! ތިހެން އަހަންނާ ދިމާލަށް ބޮޑުދައިތަ ވަރަށް ގިނައިން ބުނޭ.. އެހެންވެ އަހަންނަށް މިހާރު އިޙްސާސްވަނީ އެހެން ގޮތެއް. އަޅެ ބުނެބަލަ.. ބޮޑުދައިތަ މިހާރު ތި ބޭނުންވަނީ އަހަރެންގެ ބައްޕައަށް އަހަރެން ދޭންތަ؟”
ވާނުވާ ނޭނގޭ ތުގާއަށް އޮޅުމަކުންވެސް ބުނެވުނު ކޮންމެ ލަފްޒެއް ސީމާގެ މޭ ފޫއަޅުވަމުން ދިޔަހެން އޭނާއަށް ހީވިއެވެ. ތުގާގެ އެ ޖުމްލަތަކުގެ ސަބަބުން ސީމާގެ ދެލޯ މަޑުމަޑުން ފުސްވަމުން ދިޔައީ ކަރުނައިގެ ތިކިތަކަށް ދަޢުވަތު ދެމުންނެވެ.
“އަޅެ.. ބޮޑުދައިތަ ދެރަވީތަ؟ ވަރަށް ބޮޑަށް ސޮރީ! އަހަރެން ދެން އެހެނެއް ނުބުނާނަން.. އަހަރެން ބޭނުމެއް ނޫނޭ މިގޭން ދާކަށް. އެހެންވެ އެހެން ބުނެވުނީ..” ސީމާގެ ކަރުގައި ތުގާގެ ދެއަތުން ވަށާލާ ބައްދާލަމުން ސީމާގެ ނިއްކުރިޔަށް ދޮނެއް ދިނެވެ.
“ބޮޑުދައިތަ ތުގާއާ ފާއިދު ދޮންބެ ފޮނުވާލާނީ ކިހިނެއް؟ ތުގާ އެންމެ ކުޑައިރު ގެނެސްގެން ތިވަރުވެފަ ތިހިރީ. އެއްވެސް އެއްޗެއް އޮޅުވާނުލާ އެވާހަކަތައް އަބަދުވެސް ބޮޑުދައިތަ ކިޔައިދެމެއްނު ތުގާއަށް.. ދެން މިއަދު ތުގާއަކީ މީހަކަށްވީމަ ބޮޑުދައިތަ ބުނާނެތަ ބޮޑުދައިތަމެން ދޫކޮށްލާފަ ދާށޭ. ތުގާއާ ފާއިދު ދޮންބެއާ ބަލަމުންގޮސް އެތައް އަހަރެއްވީމަ ބޮޑުދައިތައާ މޫސަބެދޯ މުސްކުޅިވާނީ.. ބޮޑުދައިތަމެން މުސްކުޅިވީމަ ބޮޑުދައިތަ ބުނާނެތަ ދެން މިގޭން ދާށޭ؟ އޭރު ތުގާއާ ދޮންބެ މި ބެލީނު… މިހާރު ތުގާއާ ދޮންބެއޭ ޖެހޭނީ ބޮޑުދައިތަމެން ބަލަން.” ސީމާ އޭނަގެ ލޮލުން ނީރާލަމުން އައި ކަރުނަތައް ފުހެލަމުން ބުނެލީ ވަރަށް ބުއްދިވެރި ވާހަކައެކެވެ.
“އެކަމަކު ބޮޑުދައިތަ ތީން އެއްވެސް ކުއްޖަކަށް މަޖްބޫރެއް ނުކުރާނަން މިތާ މަޑުކުރާކަށް.. އެކަނި އުޅެވޭވަރަށް ބޮޑެތިވާ ހިސާބުން ދެން ގޮތް ނިންމާނީ ތިކުދިން..” ސީމާގެ މާޔޫސްވެފައިވާ މޫނުން އެތައް ވާހަކައެއް ބުނެދެއެވެ. އެ މަންޒަރު ބަލަމުންދާ ތުގާއަށްވެސް އެއްފަހަރާ އެތައް އިޙްސާސެއް ވަމުންދިޔައެވެ.
“ސީމައްތާ! ތިދެއްކި ހުރިހާ ވާހަކައެއް އަހަންނަށްވެސް އަޑު އިވިއްޖެ. އަހަރެން މިހާރު މިހިރީ މީހަކާ އިންނަ ޢުމުރަށް ގޮސްފަ. ދައްތަ ތިދެއްކި ވާހަކައަށް އަހަރެން ގޮތެއް ނިންމައިފިން. އަހަރެންގެ ނިންމުން ކޮންމެގޮތަކަށް ވިޔަސް އަހަރެން އުންމީދު ކުރަން ސީމައްތައާ މޫސަބެ އަހަންނަށް މަޢާފް ކުރާނެ ކަމަށް… އަދި އަހަރެން ވަރަށް އުފާވާނެ އަހަރެންގެ މި ނިންމުމަށް ތިދެމަފިރިން އިޙްތިރާމް ކޮށްފިއްޔާ”
މޫސަގެ އަތުގަ ހިފައިން ކޮޓަރި ތެރެއަށް ވަންނަމުން ފާއިދު ބުނެލި ޖުމްލައިން ސީމާއާ ތުގާގެ އިތުރުން މޫސަވެސް ހައިރާން ވިއެވެ.
“އެއީ އަނެއްކާ ކޮންކަހަލަ ނިންމުމެއް؟” ސީމާއާ ތުގާގެ ގާތަށް ޖެހިލަމުން މޫސަ ސުވާލު ކޮށްލީ ފާއިދަށެވެ.
(ނުނިމެ )