“ލީނާ އަޒޭދެކެ ލޯބިވޭތަ؟” އީހަން ޔަލީނާގެ މޫނަށް ފަރުވާތެރިކަމާއިއެކު ބަލައިލަމުން ބުންޏެވެ. ޔަލީނާގެ މޫނުން ފެންނަ ކުލަވަރު ދެނެގަންނަން އީހަން އުނދަގޫވިއެވެ.
“ނޯ.. ކިހިނެތްވީ؟” ޔަލީނާ އާދައިގެ ރާގަކަށް ބުންޏެވެ.
“އެހެންވިއްޔާ ޔަޝްދެކެ ލޯބިވޭތަ؟” އީހަން އެއްސެވެ.
“ޔެސް! ޑާހ…. ލޯބި ނުވަންޏާ ކީތްވެ ރައްޓެހިވާންވީ؟” ޔަލީނާ އެހެން ބުނުމަށްފަހު އިތުރަށް ވާހަކަ ދައްކަން ނަހަދައި ކޮޓަރިއަށްވަނެވެ.
“ސޮރީ ބްރޯ!” އެވާހަކަ އަޒްލާންއަށް ކިޔައިދިނުމަށްފަހު އީހަން ބުންޏެވެ.
“އެއީ ސޮރީ ބުނާވަރުގެ ކަމެއް ނޫން. އިޓްސް އޯލް މައި ފޮއުލްޓް. ޔަލޫ ރާއްޖެއަށް ގެނައީ..ޔަލޫގެ ފްރެންޑްސް އެނެމީޒްއަށް ބަދަލުވީ..” އަޒްލާން ބޯ ހޫރުވައިފައި އެހެން ބުނެލިއިރު އެއަޑުގައި ވަނީ މާޔޫސްކަމެވެ.
އީހަން އަޒްލާންގެ ކޮނޑުގައި މަޑުމަޑުން ޖަހައިލުމަށްފަހު ކުރާނެ އިތުރުކަމެއް ނެތުމުން ދިޔައީއެވެ. އަޒްލާން ވީދެރައެއްގެ ސަބަބުން ސޯފާއަށް ވެއްޓިގަނެވުނެވެ. އިރުކޮޅަކު ވިސްނަން އިނދެފައި ހިނިތުންވެލިގޮތަކުން ކަމެއް ވިސްނިއްޖެކަން އެނގުނެވެ. ޔަލީނާއަށް ކޮޓަރިއަށް ވަދެވުނުގޮތަށް އޭނާގެ ދެލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. އަޒްލާން އޭނާގެ ކައިރީގައި ދެއްކި ވާހަކަތަކާއި އޭނާގެ އަޅައިލުން ފެނުމުން ބައެއް ފަހަރު އަހަރެން އަޒްލާންދެކެ ލޯބިވެއޭވެސް ބުނަން ޔަލީނާ ހިތަށް އަރައެވެ. ނަމަވެސް ދެކަމެއް އެކަަމަށް ހުރަސްއަރައެވެ. ފުރަތަމަ ކަމަކީ ޔަޝްއަލްއެވެ. ޔަޝްއަލް ޔަލީނާދެކެ ވާލޯބި ފެނިފައި އަޒްލާން ކައިރީގައި އެހެން ބުނާކަށް ނުކެރެއެވެ. ދެވަނަކަމަކީ އަޒްލާންގެ ހިތެވެ. އޭނާގެ ހިތް އޮންނަ ގޮތެއް ނޭނގޭތީ އެ ވާހަކަ ބުނަން ފަސްޖެހެވެނީއެވެ. ނަމަވެސް މިއަދު އެނގިއްޖެއެވެ. އެކަމަކު އަޒްލާންގެ ސުވާލަކަށް އާއެކޭ ބުނާނެ ހިތްވަރެއްނުލިބުނީ ޔަޝްއަލްގެ މަތިން ހަނދާންވުމުންނެވެ. ޔަލީނާ އެހެން އިނދެފައި ތެދުވެ އެނދު މައްޗަށްްްްްް ވެއްޓިގަތެވެ.
“ލީނާ! ލީނާ! އޮފީހަށް ނުދަނީތަ؟” ޔަލީނާއަށް ހޭލެވުނީ ދަހްލާ އޭނާގެ ކޮޓަރީގެ ދޮރުގައި ތަޅާ އަޑަށެވެ.
“ނޫން.. މިދަނީ.” ޔަލީނާ އެހެން ބުނުމުން ކަންނެތް ގޮތަކަށް އާފުރެލަމުން ތެދުވި ވަގުތު ކުރިމަތީގައިހުރި އަލަމާރީގެ ލޯގަނޑުން ޔަލީނާ ފެނުނު ދެލޯ ބޮޑުވެގެން ދިޔައެވެ.
އޭނާ ހުރީ އިއްޔެ ރޭގަނޑު ލައިގެންހުރި ކަޅުކުލައިގެ އަތް ދިގު ޓީޝާޓަކާއި ކަކުލަށް އަރާވަރުގެ ޓައިޓެއް ލައިގެންނެވެ. އަދި އޭނާ މިނިވަންކަމާއިއެކު ދޫކޮށްލެވިފައިވާ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ޔަލީނާ ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ފާޚާނާއިން ނިކުމެ އޭނާ އަލަމާރިން ނެގީ ދިގު ރޮނގުތަކެއްހުރި ހުދުކުލައިގެ ގަމީސް ފާޑަކަށްހުރި ކަކުލަށް އަރާވަރުގެ ހެދުމަކާއި ފަޔަށް ދޫ ހަޅުވާޅެކެވެ. އޭނާ އެއެއްޗެހި އިސްތިރިކޮށްލުމަށްފަހު އެއެއްޗިހި ލައިގެން އޭނާގެ ދިގު ރާޅުބާނީ އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލިއެވެ. އަދި ހިނިތުންވެލަމުން އޭނާ އަލަމާރިން ނެގީ ކަޅުކުލައިގެ ޝޯލްއެކެވެ. އެ ޝޯލްވެސް އިސްތިރިކޮށްލުމަށްފަހު އެ ޝޯލް ރީތިގޮތަކަށް އަޅައި ކޮޓަރިން ނިކުތްއިރު ރައާ އާއި ދަހްލާ އޮލަ ވާހަކައިގައި ތިއްބެވެ. ޔަލީނާ ފެނުނު ގަޑީގައި ރައާއަށާއި ދަހްލާއަށް އަނގަ މަތީގައި އަތް އަޅައިލަމުން ކޮޅަށް ތެދުވެވުނެވެ.
“ކިހިނެތްވީ؟ ހަޑީތަ؟” ޔަލީނާ ދެރަވާގޮތަށް ހެދެމުން އެއްސެވެ.
“ވާއު ލީނާ.. ޔޫ އާރ ސޯ ޕްރިޓީ.. އައި އޭމް ސްޕީޗްލެސް.. އަޅޭ! ލީނާ ނުވެސް ބުނަމެއްނުން ބުރުގާ އަޅާ ވާހަކައެއް؟ ލީނާ މިހާރު އަދި މާ ރީތި.. މާޝާﷲ..” ރައާ ދެކޮލުގައި އަތް ޖައްސައިލަމުން ބުންޏެވެ.
“އެކަމަކު ލީނާ ބުނީ ތި ޝޯލްތަކަކީ ރައާއަށް ގަންނަ އެއްޗެއްސޯ.. ބަޓް ޔޫ އާރ ސޯ ބިއުޓިފުލް.. މާޝާﷲ..” ދަހްލާ ބުންޏެވެ.
“ހަހަހަ… ތިދެމީހުންވެސް ބުރުގާ އެޅީމަ މަވެސް ބުރުގާ އަޅަން ބޭނުންވިއްޔޭ..” ޔަލީނާ ބުންޏެެވެ.
“އޯހ… ހިނގާ މިއަދު ހެނދުނުގެ ސައި އެންމެންނަށް ދޭން. ރައާ އެންޑް ލީނާގެ ފަރާތުން..” ދަހްލާ ބުންޏެވެ.
“ރައާގެ ފަރާތުންނޭ؟” ޔަލީނާ އެއްބުމަ އަރުވައިލަމުން އެއްސެވެ.
“ހުމމމމ….. އީހަން ރައާ ކައިރީގައި މެރީކުރަން އެހީމަ.. އެހެންވެ މިއަދު އެހެރީ ސައި ހަދައިފަ.” ދަހްލާ މޭޒު މަތީގައި ތަށިތައް އަތުރަމުން ބުންޏެވެ.
“ލީނާ ދޭބަލަ އަޒްލާންމެންގެ ބަޔަށް. އެތާ އީހަންވެސް އެބަ އުޅޭ.. މަ ޔަޝްއަށް ގުޅައިލާނަން.” ރައާ އެހެން ބުނެ އޭނާގެ ދަބަހުން ފޯނުނެގިއެވެ.
ޔަލީނާ އާއެކޭ ބުނެ އަޒްލާންގެ ބަޔަށް މިސްރާބުޖެހިއެވެ. އެއިރު އީހަން ފޯނުން އެފްބީއަށް ވެދެ އިނެވެ. ޔަލީނާ އައިތަން ފެނިފައި އީހަންއަށް ކޮޅަށް ތެދުވެވުނުގޮތަވެސް ނޭނގުނެވެ.
“ލީނާ؟ ތިއީ ހަމަ ލީނާތަ؟” އީހަން ދެލޯ ބޮޑުކޮށްލަމުން އެހެންއަހައިލުމުން ޔަލީނާއަށް ހިނިއަންނަގޮތްވިއެވެ.
“ހުމމމ… ހަޑީތަ؟” ޔަލީނާ އެއްސެވެ.
“ނޯވޭ! ލީނާ ބުރުގާ އެޅީމަ އަދި މާ ރީތި. މާޝާﷲ!!!! ކޮންގްރާ!” އީހަން އެހެންބުނެ ޔަލީނާ ގައިގައި ލޯބިން ބައްދައިލީ ފުޅާ ހިނިތުންވުމަކާއިއެކުއެވެ.
“މިއައީ އަސްލު އަހަރެމެން ތިމީހުންނަށް ސައިދޭން.” ޔަލީނާ ބުންޏެވެ.
“އަހަރެމެންނޭ؟” އީހަންއަށް އެހުނެވެ.
“ހުމމމ…. މަ ބުރުގާ އެޅީމަ. ދެން…. ދޮންބެ ރައާއަށް މެރީކުރަން އެހީމަ.” ޔަލީނާ ބުންޏެވެ.
“އޯހް…. ހެހެހެ… އަޒޭ ހާދަ ލަސްވެއްޖެއޭ. ދޭބަލަ އޭނަ ކޮބައިތޯ ބަލަން.” އީހަން ފޯނުން ގަޑި ބަލައިލަމުން އެއްސެވެ.
“ދޮންބެ ދާންވީނުން؟” ޔަލީނާ ބުންޏެވެ.
“އިރުކޮޅަކުން ވަަރަށް އަވަހަށް ދާންޖެހޭތީ.. ފަސް މިނެޓު ތެރޭގަ ދާންޖެހޭ. އެހެންވެ.” އީހަން ބުންޏެވެ.
“އޯކޭ.. އެކަމު ސައި ބޮއިގެން ނޫނީ ނުދާތި!” ޔަލީނާ ހިވީ އީހަންއަށް އަމުރެއްކޮށްލި ހެންނެވެ.
“ހަހަހަ. އޯކޭ.” އީހަން ހެމުން ޔަލީނާމެންގެ ބަޔަށް ވަންނަން ދިޔައެވެ.
ޔަލީނާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަޒްލާންގެ ކޮޓަރިއަށް ވަންނަން ދިޔައެވެ. ޔަލީނާ ކޮޓަރި ދޮރު ހުޅުވައިފައި އެތެރެއަށް ވަތް ގަޑިއަކީ އަޒްލާން ފެންވަރައިގެން ނިކުތް ގަޑިއެވެ. ޔަލީނާއަށް އަޒްލާން ފެނުނުއިރު އޭނާހުރީ ހަމައެކަނި އުނަގަނޑުގައި ތުވާލި އަނދެގެންނެވެ. ޔަލީނާގަތް ލަދުން ފަހަތަށް އެނބުރެލިއެވެ. އަޒްލާންއަށް ޔަލީނާ ފެނުމުން ކުޑަކޮށް ސިހުނު ނަމަވެސް ޔަލީނާ ފަހަތަށް އެނބުރުމުން އޭނާގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ދުވެލިއެވެ.
“އަމމމމމ… މީ… ސައި.. ސައި ބޯން މަގޭ ބަޔަށް ދަޢުވަތުދޭން މިއައީ.” ޔަލީނާ ހަމަ އެހުރި ގޮތަށްހުރެ އެހެން ބުނެލުމަށްފަހު ދޮރާއި ދިމާއަށް ހިނގައިގަތެވެ.
ނަމަވެސް ދޮރާއި ހަމައަށް ނުދެވެނީސް އަޒްލާން އައިސް ޔަލީނާގެ ކުރިމައްޗަށް އެރިއެވެ. ޔަލީނާ އެއްވެސް ވަރަކަށް އެކަހަލަ ކަމަކަށް ތައްޔާރުނުވެ ހުރުމުން އެދިޔަ ބާރުމިނުގައިގޮސް އަޒްލާންގެ މޭގައި ޖެހުނެވެ. އަޒްލާން ކުރިމަތީގައި ހުރުމުން ޔަލީނާ އަޒްލާނައަށް ލޯ އަޅައިލުމަށް ފަހު ދާން އުޅުނު ވަގުތު އަޒްލާންގޮސް ތަޅުދަނޑިނަގައި ދޮރު ތަޅުލުމަށްފަހު ޔަލީނާ އަތް ނުފޯރާ ކަބަޑެއްގެ މައްޗަށްލިއެވެ. ޔަލީނާއަށް ލިބުނު ސިހުމާއިއެކު އެހުރިތާ ގަނޑުވެފައިހުރީއެވެ. އަޒްލާން ކުއްލިއަކަށް ޔަލީނާގެ ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ. އަޒްލާން އަޅާ ކޮންމެ ފިޔަވަޅަކަށް ޔަލީނާގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. އަޒްލާން އައިގޮތަށް އައިސް ހިފީ ޔަލީނާގެ މުލަށްދަނޑީގައެވެ.
“ހަމަ މިހާރު މަގޭ އަތުން ދޫކޮށްލާ.” އަޒްލާންގެ ވަރުގަދަ އަތް ޔަލީނާގެ މުލައްދަނޑިން ނައްޓުވަން މަސައްކަތްކުރަމުން ބުންޏެވެ.
“މަށަށް އިނގޭ ޔަލޫ ތިހަދަނީ ދޮގުކަން!” އަޒްލާން މިފަހަރު އައީ ރުޅިއެވެ.
“މަ ބުނެފީމެއްނުން މަ ލޯބިވަނީ ޔަޝްދެކެއޭ! އަޒްލާން ނުޖެހޭނެ މިދެމެދަކަށް ވަންނާކަށް.” ޔަލީނާވެސް އަޒްލާންހެން ރުޅިއައިސްފައި ބުންޏެވެ.
އަޒްލާންގެ ދެބުމަގޮށް ޖެހުނެވެ. އަދި ކުރިއަށްވުރެ ބާރަށް ޔަލީނާގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ.
“އަޒްލާން ސްޓޮޕް އިޓް! އައުޗް.” ޔަލީނާގެ މުލައްދަނޑިއަށް ތަދުވާން ފެށުމުން ބުނެވުނެވެ.
“ޔަލޫ ތިހަދަނީ ހުސް ދޮގު! ހުސް ދޮގު! ޔަލޫ ޔަޝްދެކެ ލޯތްބެއްނުވޭ. ހަމައެކަނި ލޯބިވަނީ މަދެކެ. އިނގޭތަ އެނގުނީ ކިހިނެއްކަން؟ އިއްޔެ ޔަލޫ ބުނީ އޭނާއަށް ބޭވަފާތެރިވާކަށް ބޭނުމެއްނުވެޔޭ. ދުވަހަކުވެސް ނުބުނޭ ޔަޝްއަލް ދެެކެ ލޯބިވެއެކޭ. ދުވަހަކުވެސް.. ނޫންތަ؟ މަ ޔަލޫދެކެ ލޯބިވެއޭ ބުނީމަ ޔަލޫ އުފާވި. އެކަމަކު ޔަޝްއަލްގެ މަތިން ހަނދާންވުމުން އުފާވެރިކަމުގެ މައްޗަށް ހިތާމައާއި ރުޅިވެރިކަން އިސްކުރީ. ޔަލޫ ކިތަންމެ ވަރަކަށް ދޮގު ހެދިއަސް މިތެދު ދުވަހަކުވެސް ދޮގަކަށް ބަދަލެއްނުވާނެ. ހަނދާންކުރާތި! ޔަލޫ ޔަޝްއަލްދެކެ ލޯތްބެއްނުވޭ.. ހަމައެކަނި ލޯބިވަނީ އަހަރެންދެކެ.” އަޒްލާން ދަތްކުނޑި ވިކައިލަމުން އެހެން ބުނުމަށްފަހު އަދި އިތުރަށް ޔަލީނާގެ މުލައްދަނޑިއަށް ބާރުކޮށްލިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

