“އާނ ދެން މީހަކަށްވެސް ލޯބިވެވޭނީވެސް ތިޔަ ވަރަކަށްނުން. ރައާ އުޅޭ ތާކުނޫނީ އުޅެގެންނުވޭ. ރައާ ކުރާކަމެއްނޫނީ ކޮށްގެން ނުވޭ. ރައާ ކާއެއްޗެއް ނޫނީ ކައިގެންނެއް ނުވޭ.. ރައާއަށް ދައްކަން މިއަދުވެސް ތިއައީ އެހާ ރީތިވެގެން ދޯ؟ ދޮގެއްތަ؟” އަޒްލާން ބުނެލިއެވެ.
އީހަންހުރީ ކަޅު ޖެކެޓެއްގެ ދަށުން މިންޓް ގްރީން ކުލައިގެ ޓީޝާޓެއްއަކާއި ކަޅުކުލައިގެ ޖިންސެއް ލައިގެންނެވެ. އަދި އޭނާގެ ރީތި ބުޅި އިސްތަށިކޮޅު ވަރަށް ފުރިހަމައަށް ސްޓައިލްކޮށްފައިވީއިރު އޭނާގެ ގައިން ހޮޓް އައިސް ސެންޓުގެ މީރުވަސް ދުވައެެެވެ.
އިރުކޮޅަކު އެހެން ވާހަކަ ދައްކަން ތިބުމަށްފަހު އަޒްލާން ފާޚާނައަށް ދިޔައެވެ. މިއަދު އޮފީހަށް ދިޔައިރު ޔަލީނާ ނެތުމުން ޔަލީނާ ނާންނަނީބާއޭ އަޒްލާން ހިތަށް އެރިއެވެ. އޭނާގެ މޭޒުކައިރީގައި އިށީނުމަށްފަހު ވަގުތު ގުނަމުން ދިޔައީ ޔަލީނާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ކެބިންގެ ދޮރު ހުޅުވުނު އަޑު އިވުމުން ބަލައިލިއިރު ޔަލީނާ އައިސް ވަންނަނީއެވެ. އަޒްލާންއަށް ޔަލީނާ ފެނުމުން ހިނިތުންވެލިއެވެ. ޔަލީނާވެސް އާދައިގެ ރީތި ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު އޭނާގެ މޭޒު ކައިރީގައި އިށީނެވެ. ދެން އިރުކޮޅެއްނުވެ އަނެއްކާވެސް ކެބިންގެ ދޮރު ހުޅުވުނު އަޑަށް އެދިމާއަށް ބަލައިލިއިރު ވަޝްނާ ވަންނަނީއެވެ.
“ސަރ….މި ފައިލްތައް ރައާ ހަވާލުކޮށްލާށޯ ބުނީމަ މިއައީ.” ވަޝްނާ ވާހަކަ ދެއްކި ރާގުންވެސް އަޒްލާންގެ މޫނަށް ފޫހިކަން ވެރިވިއެވެ.
“ވަޝްނާ!!!” ވަޝްނާ ފައިލްތައް ހަވާލުކޮށްފަ ދާން އުޅެނެނިކޮށް އަޒްލާން ހަރުކަށި އެހެނަސް ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. އެއަޑަށް ސިހިފައި ޔަލީނާއަށް ކޮޅަށް ތެދުވެވުނެވެ.
“ކިހިނެތްތޯ ވީ ސަރ؟” ވަޝްނާ އެއްސެވެ.
“ވަޝްނާ ކައިރީގައި މިހާރު ބުނެފައި އޮންނާނީ ތިކަހަލަ ނިވައިކަން ކުޑަ ހެދުން ލައިގެން އޮފީހަށް ނާންނާށޭ.. ކުރިން އަހަރުނޫން އޭގެ ކުރިން އަހަރުވެސް އެހެން ބުނެފަ އޮންނާނީ.. ނޫންތަ؟” އަޒްލާން ވަރަށް ހިތަހަމަނުޖެހިފައިހުރެ ބުންޏެވެ.
“ދެން އެކަމަކު އަޅުގަނޑު ލާނީ އަޅުގަނޑު ބޭނުން އެއްޗެއް ނޫންތޯ؟ އޮފީހުގެ ޤަވާއިދަކު ނެތް މިކަހަލަ ހެދުން ލައިގެން ނާންނާށެކޭ..” ވަޝްނާ އެެހެން ބުނުމަށްފަހު އަޒްލާންއަށް އެއްޗެކޭ ނުބުނެވެނީސް ކެބިންއިން ނިކުމެ ދިޔައެވެ.
“އަނެއްހާ ކަންތައް!” އަޒްލާން ނިތްކުރި މަތީގައި އަތް އަޅައިފައި ބުނި އަޑު ޔަލީނާއަށް އިވުނެވެ.
“އެކްސްކިއުޒް.” ޔަލީނާއަށް ފޯނެއް އަންނަތަން ފެށުމުން ކުޑަދޮރު ކައިރިއަށް ޖެހިލުމަށްފަހު ބުންޏެވެ.
ޔަލީނާގެ ވާހަކަހުރި ގޮތުން އޭނާއެ ވާހަކަ ދައްކަނީ ޔަޝްއަލްއަށްކަން އަޒްލާންއަށް އިނގުނެވެ. ނަމަވެސް އޭނާގެ ރުޅި ކޮންޓްރޯލްކޮށްގެން އިނީއެވެ. ދުވަސްތައް އޭގެ އެންމެ ހަލުވިމިނުގައި ފާއިތުވަމުންގޮސް ދެމަސް ދުވަސް ވެއްޖެއެވެ. އަޒްލާންއާއި ޔަލީނާގެ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުން ދިޔައިރު އީހަންއާއި ރައާގެ ގުޅުންވެސް ދިޔައީ ބަދަހިވަމުންނެވެ. އެއްދުވަހެވެ. ޔަލީނާއާއި އަޒްލާންއާއި ރައާ އާއި އީހަންއާއި ޔަޝްއަލް އާއި ދަހްލާންގެ އިތުރުން އޭނާގެ ލޯބިވެރިޔާ ކައިލާންވެސް ތިބީ ރަސްފަންނުގައެވެ.
“ޔަލީނާ!!!!” ދެން އިވުނީ ޔަލީނާއަށް މީހަކުގޮވި އަޑެވެ. ޔަލީނާގެ އިތުރުން އޭނާގެ ކައިރީގައިތިބި އެންމެން އެދިމާއަށް ބަލައިލިއެވެ.
އެވަގުތު އަޒްލާންއާއި ޔަލީނާއަށް އެއްފަހަރާ ކޮޅަށް ތެދުވެވުނެވެ. އެތާހުރީ ފަރްޒީންއާއި މާލިކްގެ އިތުރުން ޒަރޫންއެވެ. ޔަލީނާ އުފަލުން އެމީހުންނާއި ދިމާއަށް ދުވެފައިގޮސް ފަރްޒީންގެ ގައިގައި ބައްދައިލިއެވެ.
“ޔަލީނާ! މިއީދޯ ކަލޭ އަހަރެމެންގެ ކައިރިން ދުރަށްގޮސް ކުރާ ކަންތައްތަކަކީ؟” ފަރްޒީން ޔަލީނާ ދުރުކޮށްލަމުން އެހެން ބުނިއިރު އެއަޑުގައިވަނީ ރުޅިވެރިކަމާއި ނަފްރަތެވެ.
“ފަރޫ؟ ކީކޭ ތިކިޔަނީ؟” ޔަލީނާއަށް ފަރްޒީން އެކީ އެއްޗެއް ނުވިސްނުނެވެ.
“މިބުނީ ޒަރޫން ދޫކޮށްލައިފައިގޮސް އެހެން މީހެއްގެ ގެންގުޅޭ ވާހަކަ..ރޫން ކިހާ ލޯބިވި ޔަލީނާދެކެ. އޭނ؟ އެކަމަކު ކަލޭ އެ ލޯބި ބަދަލުކޮށްލީ ނަފްރަތަށް.. ދާންއުޅޭ މިތަނުން!” ފަރްޒީން ޔަލީނާ ކޮއްޕައިލަމުން ބުންޏެވެ. އަޒްލާންއަށް ޔަލީނާ ހިފެހެއްޓުނީ ކިރިޔާއެވެ.
“ކީތްކުރަން މިހާރުމި ތަނަށް އައިސް ތިއުޅެނީ؟ އަނެއްކާވެސް ޔަލޫގެ ލައިފް ފުނޑުފުނޑުކޮށްލަންތަ؟” އަޒްލާން ރުޅިވެރިކަމާއިއެކު ބުންޏެވެ.
“އާނ! ވަރަށް މޮޅު! އަދިވެސް ޔަލީނާގެ މޮޅު ދޮގުތައް އަޑުއަހާ ކަލޭމެން.” މާލިކް އަތްތިލަބަޑި ޖަހަމުން މަލާމާތުގެ ރާގަކަށް ބުންޏެވެ.
“ކަލޭމެން ތި ހަދަނީ ހުސް ދޮގު.. މިހިރި ޒަރޫންވެސް ….. އަސްލު ޔަލޫ އަލުން ފޯނު ހުޅުވައިފައި ބަލައިލިއިރު ޒަރޫން މެސެޖެއް ފޮނުވާފަ އޮތީ މީހާރު އެހެން ކުއްޖަކުދެކެ ލޯބިވެއްޖެ އޭ ކިޔައިގެން. ދެން ކަލޭގެ ލޯބި ބޭނުމެއް ނޫނޭ ކިޔައިގެން. ޔަލޫ އެދުވަހު ވަރަށް ރުއި. ކަލޭގެ މަތިން ހަނދާން ނައްތައިލަންވެގެން ޔަލޫ އެހެން ކުއްޖަކާއި ރައްޓެހިވީ..” އަޒްލާން އެހެން ބުނިއިރު އީހަންމެން އައިސް އެމީހުންނާއި ހަމައަށް އަރައި ހަމަވެއްޖެއެވެ.
ފަރްޒީން ރުޅިވެރި ނަޒަރަކުން އެންމެންނަށް ބަލައިލުމަށްފަހު ޒަރޫންއާއި މާލިކްއާއިއެކު ދިޔައެވެ. ޔަލީނާއަށް ގިސްލެވެންފެށީ އެހެން އެހެދީ ހަމަ އޭނާގެ އެންމެ ގާތް އެކުވެރިޔާތޯ އަމިއްލަ ނަފްސު ކައިރީގައި އަހަމުންނެވެ. ޔަޝްއަލް ޔަލީނާ ގެނަސް އޭނާގެ މެއާއިލައި ބޮނޑިކޮށްލިއެވެ. ނަމަވެސް ޔަލީނާ ޔަޝްއަލް ދުރަށް ކޮއްޕައިލައި ރަސްފަންނުން ނިކުންނަން ދިޔައެވެ. އަޒްލާންމެން ކިތަންމެ ވަރަކަށް ޔަލީނާއަށްގޮވި ކަމުގައި ވިއަސް އޭނާ އަޑު ނާހައި ރަސްފަންނުން ނިކުމެގެން ދިޔައެވެ. އަޒްލާން ޔަލީނާގެ ފަހަތުން ދުއްވައިގަތެވެ. ޔަލީނާއަށް އަޒްލާން އޭނާގެ ފަހަތުން އަންނަކަން އެނގުމުން ކާރެއްގެ ކުރި މައްޗަށް އެރީ ހިތުގައި ޖެހުނުލެއް ބޮޑުކަމުންނެވެ. އަޒްލާންއަށް މިމަންޒަރު ފެނުމާއިއެކު ދެފައިގައި ހުރި ބާރެއް ލައިފައި ދުވެފައިގޮސް ޔަލީނާގެ އަތުގައިހިފައި އޭނާއާއި ދިމާއަށް ދަމައިލިއެވެ. އަޒްލާން އެހެން ނުހެދިނަމަ ޔަލީނާ އެކާރުގައި ޖެހުނީހެވެ.
“ޔަލޫ!!!” އަޒްލާން އެހެން ބުނިއިރު އެދެލޮލުގައި ކަރުނަ ތިކިތައް ވިދަވިދާ ހުއްޓެވެ. އެއިރު އެމީހުންގެ އެޕާރޓްމެންޓާއި ކައިރީގައި ހުރުމުން އަޒްލާން ޔަލީނާގެ އަތުގައި ހިފައިގެންގޮސް އެޕާރޓްމެންޓަށްވައްދައި އަޒްލާންގެ ބަޔަށްވަދެ ތަޅުލިއެވެ. ޔަލީނާ ގިސްލަގިސްލައިފައި ރުއި އިރު އަޒްލާން ޔަލީނާދެކެ ހިތްހަމަނުޖެހިފައި ޔަލީނާގެ ފުރަގަހަށް އެނބުރި ހުއްޓެވެ.
“ޔަލޫ….ޔަލޫ ކީތްވެ އެހެން ހެދީ؟ ކީތްވެ؟ ޔަލޫ އެހެން ހެދިނަމަ….. ހެދިނަމަ އައި ކުޑުންޓް ހޭވް ފޯރގިވަން މައި ސެލްފް..” އަޒްލާން އެހެން ބުނިއިރު އެއަޑުގައި ވަނީ ކަންބޮޑުވުމެވެ.
“އަޒްލާން ކީތްވެތަ އެންމެ ފުރަތަމަ މަށަށް އެހާ ހަމްދަރުދީ ވަނީ؟” ޔަލީނާ ރޮމުން ބުންޏެވެ.
“ފުރަތަމަ މަގޭ ސުވާލަށް ޖަވާބު ދީބަލަ! ކީތްވެ ހެއްޔޭ އެހެން ހެދީ؟ ކީތްވެ ހެއްޔޭ؟” އަޒްލާން އަޑަށް ބާރުލައިފައި ވަރަށް ބާރަށް އެސުވާލު ތަކުރާރުކޮށްލިއެވެ.
ދެން އަޒްލާން ޔަލީނާ ކައިރިއަށް އަންނަން ފެށިއެވެ. ޔަލީނާ ފިޔަވަޅުތައް ފަހަތައް އަޅަމުން އަޅަމުންގޮސް ފާރުގައި ލަށްވިއެވެ. އަޒްލާން އައިސް ހުއްޓުނީ ޔަލީނާގެ ނޭވާ އިޙްސާސްވާހާ ގާތުގައެވެ. ކުއްލިއަކަށް އަޒްލާންގެ ފޯނު ރިންގުވާން ފެށިއެވެ. ޔަލީނާ ހީކުރީ އަޒްލާން ފޯނު ނަގާނޭ ކަމަށެވެ. ނަމަވެސް އަޒްލާން ފޯނުނެގުމުގެ ބަދަލުގައި އަތުކޮޅަށް ހޫރައިލީއެވެ. ޔަލީނާއަށް ހަޅޭލަވައިގަނެވުނީ އެހެނެއް ބަލައިފައެއް ނޫނެވެ.
“ޔަލޫ؟” އަޒްލާން މިފަހަރު ގޮވައިލީ މަޑުމައިތިރިކަމާއި އެކުގައެވެ.
“ޔަލޫ ކީވްވެ އެހެން ހެދީ؟ ޔަލޫއަށް އިނގޭންނުން މިހާރު މަ ބުނާކަމެއް ކޮށްފިއްޔާ މަ ރުޅި އަންނާނެ ވަރު؟ ދެން ތިގޮތަށް ހަދައިފިއްޔާ މަ އަމިއްލައަށް މަރުވާނަން.. މީހަކު ހަމަ އެއްޗެކޭ ބުންޏަސް ނުވާނުން އެހެން ހަދާކަށް.. ދެން އެހެން ނަހަދައްޗޭ….” އަޒްލާން ޔަލީނާގެ ކަންފަތް ކައިރީގައި ސިއްރެއް ފަދައިން ބުންޏެވެ.
“އަ.ޒް.ލާ.ން ކީތް.. ވެ ތަ މަށަށް.. ހަމަ ކަ..މަ..ކަމެއް ވާއިރަށް.. ތި..ތި ކަންބޮޑުވަ..ނީ؟” ޔަލީނާގެ ދޫ އޮޅެމުން ކަހަލަ ގޮތަކަށް އެހެން ބުނެވުނީ ޖެހިލުންވެގެން ހުރެއެވެ. ދެން އަޒްލާން ދިން ޖަވާބަކުން އޭނާ ލައިލައި ހުރި ނޭވާވެސް އަރުތެރޭގައި ތާށިވި ކަހަލައެވެ.
“އެއީ މަ ޔަލޫދެކެ ލޯބިވާތީ.” އަޒްލާން ބުންޏެވެ. ޔަލީނާގެ ތުންފަތުގައި ރަކި ހިނިތުންވުމެއް ދުވެލިއެވެ. ނަމަވެސް އެ ހިނިތުންވުން ފިލީ ޔަޝްއަލްގެ މަތިން ހަނދާންވުމުންނެވެ.
“ޑޯންޓް ޔޫ ނޯ އައި ހޭވް އަ ބޯއިފްރެންޑް؟” ޔަލީނާ ބުންޏެވެ.
“މަ ބޭނުމެއްނޫން އެއްވެސް މީހަކަށް ބޭވަފާތެރިވާކަށް..” ޔަލީނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އަޒްލާން މާޔޫސްވިއެވެ. އަދި ޔަލީނާ އާއި ދުރަށް ޖެހިލުމަށްފަހު ދޮރު ހުޅުވިއެވެ.
“ބޭނުމިއްޔާ ދޭ ދެން..” އަޒްލާން ބުންޏެވެ. ޔަލީނާ އަޒްލާންގެ ޙާލަށް ހަމްދަރުދީވަމުން ނިކުތެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

