އެކުއްޖާ 2 – 4
* އިޒްކާން ތެދުވެ އުޑުމަތީގައި ތަރުތީބެއް ނެތި އުކާލެވިފައިވާ ތަރިތަކަށް ބަލާލިއެވެ. “ނީޝަލް..” އިޒްކާންއަށް ވައިއަޑުން އެ ނަން ކިޔާލެވުނެވެ. އަދި ޓީޝާޓުގައި ހަރުލާފައި އޮތް ކެވެލިކޮޅު ވަރަށް ބަލައިގެން ޓީޝާޓާއި ވަކިކޮށްލިއެވެ. “އިޒް ދެޓް ރިއަލީ ޔޫ..؟” އިޒްކާންއަށް އަހާލެވުނެވެ. *
ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާއި ނީޝަލް ތެދުވިއެވެ. ހެނދުނު އަވަހަށް ހޭލުމަކީ ނީޝަލްގެ ގައިގައި ހަރުލާފައިވާ އާދައެކެވެ. ކުޑަ ގޮތަކަށް ފެންވަރާލައިގެން ނީޝަލް ލީ އަޅި ކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސެކެވެ. އިސްތަށިގަނޑުގައި ފުނާ އަޅާފައި ބޮޑު ހުޅިއެއް ޖަހާލީ އެހާ ދިގު އިސްތަށިގަނޑެއް ފެނިފައި އެހެން މީހުންނަށް ވެދާނެ ގޮތް ނޭނގޭތީއެވެ. އަލަށް ފެނުނު ކަމެއް ފަދައިން ހުއްޓާލުމެއް ނެތި މީހުންތައް ބަލަން ހުރެފިއްޔާ ނީޝަލްއަށް އުނދަގޫވާގޮތްވެއެވެ.
ނީޝަލްއަށް ކެވެލިކޮޅު ނެތްކަން ފާހަގަވީ ކޮޓަރިން ނުކުންނަން އުޅެނިކޮށެވެ. “އަޅެ މިރަށުގައި ވަގެއް އުޅެނީ ނޫންބާ..؟” ނީޝަލް އަމިއްލަ ނަފްސަށް އިވޭވަރަށް ވާހަކަ ދެއްކިއެވެ. އޭރުވެސް ޒީޝް އޮތީ ގަދަ ނިދީގައެވެ. އެއްއަތުން ބާލީހުގައި ބައްދާލައިގެން އޮތްއިރު ޒީޝް އެނދުން ނުވެއްޓި އޮތީ ހަމަ ކިރިޔާއެވެ. އެމަންޒަރު ފެނިފައި ނީޝަލްގެ ގާތަށް ކުޑަކޮށް ހިނިއައެވެ. ޒީޝްގެ ދެއަތުގައި މަޑުމަޑުން ހިފާ އެނދުގެ މެދަށް ޖައްސާލާފައި ނީޝަލް ބޭރަށް ނުކުތެވެ. އަވްލީން އޭނާއަށް ދިން ދެ ހަދިޔާ ވެސް ގެއްލުމުން އެކަމާއި ދޭތެރޭ ވިސްނަމުންނެވެ.
“ތިއްތާ..؟” ޒިވީން ބަދިގޭގައި އުޅޭތަން ފެނުމުން ނީޝަލް ހައިރާންވެފައި ގަޑި ބަލާލިއެވެ. އޭރު އަދި ގަޑިން ހަގަޑި ބައިވެސް ނުވެއެވެ. “އަނހަ ނީޝް.. ހާދަ އަވަހަކަށް ހޭލައިގެން..؟” ގަނޑުވެފައި ހުރި ނީޝަލްއަށް ބަލާލާފައި ޒިވީން އެއްސެވެ. “އަވަހަށް ހޭލަންވާނެއެއްނު… އަހަރެން މިއައީ އަދި ތިއްތައަށް އެހީވާންކަމަށް ސައިހަދަން..” މޭޒުމަތީގައި އަތުރާލާފައިވާ ތަށިތަކަށް ބަލާލާފައި ނީޝަލް ބުނެލިއެވެ. “ތިއްތަ ފަތިސްނަމާދު ކޮށްފައި ނިދާކަށް ނޯންނަން.. ބޭރުތެރެ ކުނިކަހާ ނިމޭއިރު ހަގަޑި ބައި ވާނީ… ދެން އަވަހަށް ޒާއިން އާއި އަލާން ހޭލުމުގެ ކުރިން ތިއްތަ ސައި ހަދަން އުޅެނީ.. ޒާންބެމެން ވެސް ފުދޭވަރަކަށް އަވަހަށް ހޭލާނެ.. އައިންދައްތަ ވެސް ހޭލާނެ ތިއްތައަށްވުރެ ކުރިން.. އަންނާނެ ބަދިގެއަށް ސައިހަދައިދޭން ތިއްތައަށް އެހީވާންވެސް.. އެކަމަކު މިހާރު އައިންދައްތައަށް ރެސްޓް ބޭނުން ވާނެތީ ތިއްތަ ހުރިހާ ކަމެއް ކުރަނީ..” އެޅި ބިސްގަނޑު ތައްޓަށް ލަމުން ޒިވީން ބުނެލިއެވެ.
“ތިއްތަ ދެން އެކަނި އުޅެން ވަރުބަލިވެސް ނުވޭ..؟” ނީޝަލް އެއްސެވެ. ޒިވީން އެހުރިހާ ކަމެއް ކުރާއިރު ވެސް މޫނުމަތިން ވަރުބަލިކަން ފެންނަން ނެތުމުންނެވެ. ޒިވީން ހިނިތުންވެލިއެވެ. “ނޫން ތިއްތަވެސް ދެން މީ ރޮބޮޓެއް ނޫންވިއްޔަދޯ.. ނީޝް އެހާ ފަތިހާ ހޭލައިގެން ތިއައީ ތިއްތައަށް އެހީވާންތަ ރަނގަޅު ކުއްޖެކޭ..” ނީޝަލްގެ ބޮލުގައި ފިރުމާލާފައި ޒިވީން ބުނެލިއެވެ. “ދެން ހޭލާނަން މިއަށްވުރެ އަވަހަށް.. އަހަންނަށް ނުކުމެވެސް ވާއިރަށް ތިއްތަ ކައްކާ ނިންމާލީވިއްޔަ..” ނީޝަލް ބުނެލިއެވެ.
“ތިއްތަ ޖެހޭނެ މެންދުރު ގަޑީގައި ސްކޫލަށް ދާން..” ޒިވީން ބުނެލިއެވެ. ޒިވީން އަކީ ޕްރީ ސްކޫލް ޓީޗަރަކަށް ވާތީ މެންދުރު ގަޑީގައި ސްކޫލަށް ދާންޖެހެއެވެ. “މާދަމާ އިން ފެށިގެންދޯ ނީޝް ކޮލެޖަށް ދާން ޖެހެނީ..؟” ޒިވީން އެއްސެވެ. “ލައްބަ… ހެނދުނު ހަތްގަޑި ބައިން ބާރަގަޑި ބަޔަށް..” ނީޝަލް ފޯނު ބަލާލާފައި ބުނެލިއެވެ. “މެންދުރު ގަޑީގައި ނީޝް ބިޒީ ނޫނިއްޔާ ގޭގައި މަޑުކޮށްލައިގެން ހުންނައްޗޭ އިނގޭ.. އައިންދައްތައަށް އެކަނިމާއެކަނި ޒުއްކޮ ބަލަން އުނދަގޫވާނެ..” ޒިވީން އެދުމާއި އެކީ ނީޝަލް އެއްބަސްވީ އުފަލުންނެވެ. “ދޭބަލަ ބޭރަށް ގޮސް ހިނގާލަން ނީޝް ބޭނުމިއްޔާ…” ނީޝަލް އިންގޮތުން ބޭރަށް ދާން ބޭނުންވެފައި އިންހެން ޒިވީންއަށް ހީވިއެވެ. “އަތިރިމަތި.. އާނ އަތިރިމަތި ހުންނަނީ ކޮންތާކު..؟” ނީޝަލް އެއްސެވެ. “މިގެއާއި އަތިރިމައްޗާ ވަރަށް ކައިރިވާނެ.. ތިއްތަމެންގެ ގެއިން ނުކުމެ ވާތަށް އަޅާއިރު އެންމެ އަވަހަށް ޖެހޭ ގޯޅިން ހިނގާލާފައި ގޮސް އިންނާނެ ވާތެރެ ފެންނަން… ދެން ގަސްތައް ތެރެއިން އިން މަގުން ލާފައި ދިޔައީމައި އަތިރިމައްޗަށް ދެވޭނެ..” ޒިވީން ކިޔައިދިނެވެ. “އަދި ހަނދާންކޮށް ފޯނު ހިފައިގެން ދާނީ.. މަގު އޮޅިއްޖެނަމަ ވަރަށް ދެރަ.. އަށެއް ޖެހުމުގެ ކުރިން ގެއަށް އަންނައްޗޭ…” ޒިވީން އެދުނެވެ. ނީޝަލް ބޯ ޖަހާލިއެވެ. “އަންނާނަން އަށެއް ޖެހުމުގެ ކުރިން..” ނީޝަލް ފައިވާނަށް ނަގަމުން ބުނެލިއެވެ.
ފައިވާނަށް އަރައިގެން ނީޝަލް ބޭރަށް ނުކުންނަން ދޮރު ހުޅުވާލިތަނާހެން ޓެން ވެސް އައެވެ. “ބޭރަށް ދާނަން..؟” ނީޝަލް އެހެން އެހުމާއި އެކީގައި ޓެން އަޑެއް ލައްވާލިއެވެ. ނީޝަލް ނުކުންނައިރަށް ޓެން ވެސް ސީދާ ނީޝަލްގެ ފަހަތުން ހިނގައިގަތެވެ. ނީޝަލްގެ ހަށިފާރަވެރިޔާ ފަދައިންނެވެ. ނީޝަލް ކުރިއަށް ހިނގައިގަތީ އެކި ދިމަދިމާލަށް ބަލަމުންނެވެ. އޭރުވެސް ދެތިން އަންހެނެއް އިލޮށިފަތި ހިފައިގެން މަގުމަތި ކުނި ކަހަން ހުއްޓެވެ. އިލޮށިފަތިތައް ފެނިފައި ނީޝަލް އެ ފޮޓޯ ނަގާހިތްވިއެވެ. އިލޮށިފައްޗަކީ ކޮބައިކަން އެނގުނު ނަމަވެސް ނީޝަލްއަށް އިލޮށިފައްޗެއް އަދި އެ ފެނުނީ އަލަށް ކަމުގައި ވާތީއެވެ. ނަމަވެސް ނީޝަލްއަށް އެ ހިތްވަރު ކޮށްލާކަށް ނުކެރުނެވެ.
ޒިވީން ބުނެދިން މަގުން ލާފައި ނީޝަލްއަށް އަތިރިމައްޗަށް ދެވުނެވެ. ޖީބުން ފޯނު ނަގާ ގަޑި ބަލާލި އިރު ގަޑިން ހަތްގަޑި ފަނަރަ ވަނީއެވެ. އެތަނުގައި ހުރި ހެއްލާ ޖޯލި ފެނިފައި ނީޝަލް މަޑުމަޑުން އެ ޖޯލީގައި އިށީނެވެ. ޓެން ނީޝަލްގެ ފައި ކައިރީގައި އެނބުރެން ފެށުމުން ނީޝަލް ޓެން ނަގާ އުނގަށް ލިއެވެ. ދޮންކުރަމުން ދިޔަ އިރުގެ ފޮޓޯއެއް ނަގާފައި ނީޝަލް ޖަހަމުން ދިޔަ ރާޅުތަކަށް ގެއްލިފައި އިނެވެ.
“ދޮންބޭ.. ގަޑި ޖެހެނީއޭ..!!” އައިރީން ހަޅޭއްލަވާ އަޑަށް އިޒްކާންއަށް ހޭލެވުނެވެ. “ކީކޭ..؟” އުނދަގޫ ގޮތަކަށް އެއް ލޯ ހުޅުވާލަމުން އިޒްކާން އެއްސެވެ. “ހަތްގަޑި ފަނަރަ ވެއްޖެ.. ސްކޫލަށް ދާން ގަޑި ޖެހެނީ… އައި ގަޑި ޖެހިއްޖެނަމަ ދޮންބެ ކުށްވެރިވާނީ..” އައިރީން ބުނެލިއެވެ. “ހަތްގަޑި.. ހަތްގަޑި ފަނަރައޭ..؟؟؟” އެނދުމަތީގައި އޮތް އިޒްކާންއަށް ހީވީ ނުފެންނަ އަތަކުން އޭނާ ކޮއްޕާލިހެންނެވެ. އައިރީން ކޮޓަރިން ނެރެފައި އިޒްކާން އަވަހަށް ފާޚާނާއަށް ވަނެވެ. ވީހާވެސް އަވަހަކަށް ފެންވަރައިގެން ރަތްކުލައިގެ ގަމީހާއި ކަޅު ޖިންސެއް ލަމުން އިސްތަށިގަނޑުގައިވެސް ފުނާ އެޅުނު ގޮތަކަށް ފުނާ އަޅައިގެން ދަބަހަށް ވެސް އަތު ޖެހުނު ފޮތްތައް އަޅައިގެން އިޒްކާން އަވަހަށް ދުވަމުން ބޭރަށް ނުކުތެވެ. ”ސައި ނުބޮނީތަ އިޒްކާން..؟” ސެލޫނަށް ދާން ތައްޔާރުވަމުން ރަނާ އެއްސެވެ. ރައްދުގައި ގަޑި ދައްކާލާފައި މޭޒުމަތީގައި ހުރި އައިސްކޮފީ ތަށި އެއްނޭވާއިން ބޯލާފައި އައިރީން ގޮވައިގެން އިޒްކާން ނުކުތީ ދުން ޖަހާފައެވެ. އައިރީން ސްކޫލަށް ލާފައި އިޒްކާންއަށް ކޮލެޖަށް ދެވުނީ ކިރިޔާއެވެ.
މޫދަށް ގެއްލިފައި އިން ނީޝަލްއަށް ސިހުމެއް ލިބުނީ ޓެން އޭނާގެ އުނގުން ފުންމާލުމުންނެވެ. ގަޑި ބަލާލިއިރު ހަތްގަޑި ސާޅީސްފަހެއް ވަނީއެވެ. މޫދާއި އިރުގެ އިތުރު ދެތިން ހަތަރު ފޮޓޯ ފޯނުގައި ރައްކާ ކޮށްލާފައި ނީޝަލް ގެއަށް ދާން މިސްރާބު ޖެއްސެވެ. ޓެން ވެސް ނީޝަލްގެ ފަހަތުން ދިޔައެވެ. ނީޝަލްއަށް ނަސީބަކުން މަގު ރަނގަޅަށް ފާހަގަ ކުރަން އެނގުނެވެ. އެހެންކަމުން މަގު ނުއޮޅި ނީޝަލްއަށް ގެއާއި ހަމައަށް ފޯރުނެވެ. “ދޮންތާ.. ކޮންތަނަކުން..؟” ކިރިޔާ ނިދި ނުނިދި ސޯފާގައި އިން ނައިލް އެއްސެވެ. “ދޮންތަ މިއައީ ދެންމެ އަތިރިމައްޗަށް ގޮސްފައި.. ހާދަވަރަކަށް ނިދިއައިސްފައި ތީނީ..؟” ނީޝަލް ގޮސް ނައިލްގެ ގާތުގައި އިށީންނަމުން އެއްސެވެ. ޖަވާބަކަށް ނައިލް ދައްކާލީ ޗާރޖް ހުސްވެފައިވާ އޭނާގެ ފޯނެވެ. “ތިއްތަ ފަތިސްނަމާދަށް ގޮވަން ދިޔައިރު ވެސް ނައިލް އޮތީ ގޭމް ކުޅެން..” ޒިވީން ޕިސްޕިސް ކިޔާލާފައި ވީގޮތް ބުނެލިއެވެ. ”ޗާރޖަށް ޖަހަން ހަނދާނެއް ވެސް ނެތް ފަހުން.. ފަތިސް ނަމާދު ކުރިގޮތަށް ނިދަން އެރުނީ..” ނައިލް އާފުރިލަމުން ބުނެލިއެވެ. “ދެން ކީއްވެގެންތަ ހޭލައިގެން ތީނީ..؟ އަދި އިރުކޮޅަކު އޮށޯވެލައިގެން އޮތްނަމަ..” ޒިވީން ބުނެލިއެވެ. “މި މިހާރު ނި.. ނިންޖެއް ނާދެއޭ..” ނައިލް އެހެން ބުނެލީވެސް އާފުރިލަމުންނެވެ. ޒިވީން ބޯހޫރާލިއެވެ. “އެހެންވިއްޔާ އާދޭ ސައިބޯން..” ޒިވީން ބުނެލިއެވެ.
ޒާއިން، އައިން އަދި އަލާންގެ އިތުރުން ޒީޝް ބޭރަށް ނުކުތުމުން އެންމެން އެކީގައި ސަޔަށް އިންސާފު ކުރަން ފެށިއެވެ. ޒިވީން ހަދާފައިވާ ސޭންޑްވިޗް އާއި ޗީޒް ބްރެޑް އަދި ބިސްގަނޑުގެ އިތުރުން ބުއި ހޫނު ކޮފީތަށިން ނީޝަލްގެ ސައި ފުރިހަމަވިއެވެ. ޒީޝް އާއި ނީޝަލް ތެދުވީ އެކުއެކީގައެވެ. އޭރުވެސް ނައިލް ހުއްޓާނުލާ ޒިވީންގެ ކެއްކުމަށް ތައުރީފު ކުރަމުން ގެންދިޔައެވެ. ނީޝަލް އާއި ޒީޝްވެސް އެ ތައުރީފު ކުރުމުގައި އެއްބައިވަމުން ދިޔައިރު އެއްފަރާތުގައި ފުލުހުންގެ ޔުނީފޯމް ލައިގެން ސައިބޯން އިން އަލާން އިނީ ހިނިއައިސްފައެވެ. “ޒާންބެ އާއި ތިއްތަބޭ ޖޮބަށް ދަނީތަ..؟” ނައިލް އެއްސެވެ. “އާނ… ތިއްތަބޭ ޕޮލިސް ސްޓޭޝަންއަށް… ޒާންބެ ރެސްޓޯރެންޓަށް..” ޒާއިން ބުނެލިއެވެ. ޒާއިން ކައްކަން މޮޅުވުމުން އަބަދުވެސް ޝައުގުވެރިކަން ހުންނަނީ ކެއްކުމުގެ ދާއިރާއަށް ކަމަށްވާތީ ޒާއިން ވަޒީފާވެސް ހޯދީ ކެއްކުމާއި ގުޅޭ ތަނަކުންނެވެ. ގެއާއި މާދުރުނޫން ހިސާބެއްގައި ހުރި ރެސްޓޯރެންޓަކުންނެވެ. “ދެން މެންދުރު ގަޑީގައި ތިއްތަބޭ އަންނާނަން މި ފޮނި ތިއްތަ ބަލާ… ޕްރީ ސްކޫލަށް ލައިދޭން..” އަލާން ބުނެލިއެވެ. “އަފްކޯޒް.. ތިއްތަ ވަރަށް ސްވީޓްއޭދޯ..؟” އަލާންގެ އަނގަ ސަކަރާތް ކޮށްލަން ނައިލް ކުރި މަސައްކަތް ކާމިޔާބުވިއެވެ. ޒިވީން ނައިލް އާއި އަތާއަތް ޖަހާލީ ދެން މިގެއިން ފްރާންސްއަށް ދެން ނުފޮނުވާނަމޭ ބުނަމުންނެވެ.
“އަހަރެންނާއި ނީޝް، ޒީޝް އަދި ނައިލް ވެސް މެންދުރު ގޭގައި ހުންނާނެ ދޯ..؟” އައިން އެހެން އަހާލުމުން ނީޝަލް އެއްބަސްވެ ބޯޖަހާލިއެވެ.
ކޮލެޖް ނިމުނީ ބާރަގަޑި ބައިވާން އުޅެނިކޮށެވެ. އިޒްކާން އައިރީން ގޮވައިގެން ގެއަށް ގޮސް އެއްޗެހި ބަދަލު ކޮށްގެން ބޭރަށް ނުކުތެވެ. “އައިރީން..” އިޒްކާން ގޮވާލިއެވެ. ސިޓިންގރޫމްގައި ފިލާވަޅު ހަދަން އިން އައިރީން އިޒްކާންގެ މޫނަށް ބަލާލީ ކިހިނެތްވީ ހެއްޔޭ އަހާލާފަދަ ގޮތަކަށެވެ. “އާހިލް މިއަދު ސްކޫލަށް ދިޔަތަ..؟” އިޒްކާން އެހެން އަހާލީ އާހިލް އާއި އައިރީން އުޅެނީ އެއް ކްލާހެއްގައި ކަމަށް ވާތީއެވެ. “އައިރީން..؟” އައިރީންގެ ފަރާތުން ޖަވާބެއް ނައުމުން އިޒްކާން އައިރީންގެ މޫނުމަތީގައި އަތް ހޫރާލިއެވެ. “އޭނ ކީކޭ..؟” އައިރީން އަވަހަށް އިޒްކާންއަށް ސަމާލުކަން ދިނެވެ. “އާހިލް މިއަދު ސްކޫލަށް ދިޔަ ހެއްޔޭ..؟” އިޒްކާން ސުވާލު ތަކުރާރުކޮށްލިއެވެ. އައިރީން އަވަހަށް ދެ ފަރާތަށް ބޯހޫރާލިއެވެ. އާހިލް މިއަދު ސްކޫލަށް ނާންނަކަން ޔަގީންވާތީއެވެ. “އެ ފައިލަމް އެސޮރުގެ ބޯ ކާލައިފި..” އިޒްކާންއަށް ބޯހޫރާލެވުނެވެ. ފައިލަމް ވެސް ކޮލެޖަށް ދާނީ ހިތަށް އެރިއްޔާއެވެ. ފައިލަމްގެ ފަރާތުން އާހިލްއަށް ވަނީ އެ އާދަ ދަސްވާން ފަށާފައެވެ. އިތުރުން ފައިލަމް އަކީ ގަވައިދުން ނަމާދު ކުރާ މީހެއް ނޫނެވެ. ފައިލަމް އެންމެފަހުން ނަމާދު ކުރަން ގިބުލައަށް ކުރިމަތިލީ ކޮން ދުވަހަކު ކަން ބުނެދޭން އިޒްކާންއަކަށް ވެސް ނޭނގެއެވެ. އައިހަމް ދޭތެރެދޭތެރެއިން ނަމާދު ކުރިކަމުގައި ވިޔަސް ގަވައިދުން އައިހަމް ވެސް ނަމާދު ނުކުރާކަމީ އިޒްކާންއަށް މިއީ އާދީއްތަ ދުވަސްކަން ޔަގީންވާ ފަދައިން ޔަގީންވާ ކަމެކެވެ. ނަމާދު ނުކުރުމުގެ އާދަވެސް އާހިލްގެ ގައިގައި އަށަގަންނަމުން ދިޔައެވެ. ފައިލަމް އާއި އައިހަމް ވަރަށް ކުޑައިރު އެދެމީހުންގެ މަންމަ އެހެން ފިރިހެނަކާއި ކައިވެނި ކޮށްގެން ދިޔަފަހުން އެދެމީހުން ބެލީ އެދެމީހުންގެ ބައްޕަ އާމިރުއެވެ. ނަމަވެސް އާމިރު ގިނަ ވަގުތު އުޅެނީ ރާއްޖެއިން ބޭރުގައި ވަޒީފާގެ ކަންކަމުގައި ކަމުން ފައިލަމް އާއި އައިހަމްއަށް ކިރިޔާވެސް އަޅާލަނީ އާމިރުގެ ކޮއްކޮ، އާހިލްގެ މަންމައެވެ. ކުޑައިރުވެސް ނަމާދު ކުރަން އެހާ އާދަވެފައި ނުވާތީ އައިހަމް މިހާރު ނަމާދުކޮށް އުޅެނީ ވަރަށް މަދުންނެވެ. ފައިލަމް އެންމެފަހުން ނަމާދުކުރި ދުވަހެއް ނޭނގެއެވެ.
“އަމްމް ދޮންބޭ.. އާހިލް.. އާހިލް ބަލީތަ…؟” އައިރީން އަހަން ނާހަން އުޅޭ ފަދައަކުން އަހާލައިފިއެވެ. “ހިޔެއްނުވޭ ބަލިވެގެން ހެން އާހިލް އުޅެނީ…” އިޒްކާން ޖަވާބު ދިނެވެ. “އޯކޭ.. ދޮންބެ މިގަޑީ ތި އުޅެނީ ތަނަކަށް ދާންތަ..؟” އައިރީން އެއްސެވެ. “ނޫން.. ހަވީރު ދޮންބެ ބޭރަށް ދާނީ.. ކިހިނެތްވީ..؟ އައި ވެސް ގޮވައިގެން ދާންވީތަ..؟” އިޒްކާން އަހާލިއެވެ. “ނޫން.. މި ފޮތް.. މީތި އާހިލް އަތަށް ދޭށޭ ބުނަންވެގެން..” އައިރީން އޭނާގެ ދަބަހުން ނޯޓްފޮތެއް ނަގާ އިޒްކާންގެ އަތަށށް ލައިދިނެވެ. އިޒްކާން ވަކި އެއްޗެއް ނުބުނެ ބޯ ޖަހާލިއެވެ. އާހިލްއަށް އެ ފޮތް ދޭނެކަމުގެ ޔަގީންކަން ދެމުންނެވެ.
ހަވީރު ގަޑިއެވެ. ފެންވަރައިގެން ނީޝަލް ތައްޔާރުވާން ހުރީ ޒީޝް ކިޔާވަރުންނެވެ. ގޭގައި އިނދެ އިނދެ ފޫހިވާވަރުން ޒީޝް ނީޝަލްގެ ކައިރީ ހަވީރު ހިނގާލަން ދާން އެދުމުން ނީޝަލް އެއްބަސްވީ ޚުދު އޭނާވެސް ބޭރަށް ދާހިތްވެފައި ހުރުމުންނާއި އަދި ޒީޝް ދެރަ ނުކޮށްލަންވެގެންނެވެ. ނޫކުލައިގެ ކޮކާތަކެއް ހުރި ކަޅު ކުލައިގެ ކްރޮޕް ޓޮޕްއާއި އެކީގައި ގަދަނޫކުލައިގެ ޑެނިމް ޖިންސްގައި ނީޝަލް ހީވަނީ ހުރިހާ ރީތިކަމެއް މިލްކުކޮށްލައިގެން ހުރި ރާނީއެއް ހެންނެވެ. އާދައިގެ މަތިން އިސްތަށިގަނޑު ގައި ބޮޑު ހުޅިއެއް ޖަހާލާފައި ނީޝަލް ލޯގަނޑަށް ބަލާލިއެވެ. ހިތްހަމަޖެހޭވަރަށް ތައްޔާރު ވެވުމުން ހިނިތުންވެފައި ނީޝަލް ކޮޓަރިން ނުކުތީ ޗާރޖަށް ޖަހާފައިވާ އޭނާގެ ފޯނު ހިފައިގެންނެވެ. އޭރު ނައިލް ވެސް ތައްޔާރުވެގެން އިނެވެ. ޒިވީން ގެއަށް އައީ އެވަގުތެވެ. “ދަނީތަ..؟ ތިއްތަ އަދި މިއައީ ތިން ކުދިން ހިނގާލަންދާށޭ ބުނަންވެގެން..” ޒިވީން ހިނިތުންވެފައި ބުނެލިއެވެ. ”އަހަރެންގެ ހުއްދަ އަހާފައޭދޯ އެ ދަނީ..” އައިން ބުނެލިއެވެ. ”ބަންގި ގޮވުމުގެ ކުރިން ތިންކުދިން ވެސް ހުންނަންވާނީ ގޭގައި…” ޒިވީން ބުނެލިއެވެ.
“އާހިލޫ… ކަލޭ ކައިރީ ކިތައްފަހަރުތަ މަ ބުނަންވީ ސްކޫލް ސްކިޕް ނުކުރާށޭ…؟” ހަށަން ބަނދެލައިގެން ހުރެ އިޒްކާން އާހިލްގެ ގާތު އެއްސެވެ. “ފޫހިވީމަ.. ވަރަށް ކަންތައްބޮޑު ޓީޗަރުން އުޅެނީ މިހާރު…” އާހިލް ޖަވާބު ދިނެވެ. ”ކިތަންމެ ކަންތައްބޮޑު ޓީޗަރުން އުޅުނަސް ސްކޫލަށް ދާންޖެހޭނެ…” އިޒްކާން ބުނެލިއެވެ. “ވަރަށް ފޫހި.. ކަލޭ ހީވަނީ ތިއީ މަގޭ ބައްޕަ ހެން… މަގޭ ބައްޕަވެސް އަބަދު ތިހެން ކިޔަ ކިޔާ ހުންނާނީ..” އާހިލް ބުނެލިއެވެ. “އޭތް އިޒްކާން..” އާހިލް އާއި ދިމާލަށް އިތުރު އެއްޗެއް ބުނަން އުޅެނިކޮށް އައިހަމް ގޮވާލިއެވެ. “ބަލާބަލަ ޔާން..” އައިހަމް އިޝާރާތް ކޮށްލީ ހިޔާން އަށެވެ. ދުރުގައި އަންހެން ކުއްޖެއް ގޮވައިގެން ހުރި ހިޔާން ފެނިފައި އިޒްކާން ބޯހޫރާލީ ކަންބޮޑުވެފައެވެ. “ޔާން އެ އުޅެނީ އެ އަންހެން ކުއްޖާއަށް ވެސް އެހެން ހަދަންތަ..؟” އިޒްކާން ނުގޮތަކަށް އަހާލި ސުވާލު އައިހަމްއަށް ނަގައިގަނެވުނެވެ. ހިޔާން އަންހެންކުދިން އެހާ ގާތްކޮށްލައިގެން އުޅޭ ސަބަބެވެ. “މަށަކަށް ނޭނގެ.. މަގޭ ގާތު ނާހާ…” އައިހަމް އަވަހަށް ދުރަށް ޖެހުނެވެ.
ހިޔާން އަކީ އެހެން މީހުންގެ ނަޒަރުގައި ނުރައްކާތެރި ދަރަޖައަކަށް ރީތި ބަސްމަދު މީހަކަށް ވިޔަސް ހިޔާންގެ އަސްލަކީ އެޔެއް ނޫނެވެ. ހިޔާންގެ މަކަރުވެރި ޝައިތާނީ ފަރާތް އިޒްކާން، އައިހަމް އަދި ފައިލަމްގެ އިތުރުން އާހިލްއަށްވުރެ ރަނގަޅަށް އެނގޭ ބަޔެއް ނޫޅޭނެއެވެ. ހިޔާން އަންހެން ކުދިންނާއި ގާތްކޮށް އުޅޭނީ އެންމެ ކަމެއް ހާސިލް ކުރާށެވެ. ހިޔާންގެ ހުންނަ ރީތިކަމުން އަންހެން ކުދިން ހިޔާންއަށް މޮޔަވަނީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އެކަމުގެ ފައިދާ ހިޔާން ނަގަމުން ގެންދިޔައީ އެންމެ ނުބައި ގޮތަށެވެ.
އިޒްކާން އެއްޗެކޭ ބުނާކަށް ޚިޔާލެއް ނުކުރިއެވެ. އިޒްކާން ކޮންމެ އެއްޗެކޭ ބުންޏަސް ހިޔާން އޭނާ ބޭނުންވާ ކަންތައް ކޮންމެވެސް ގޮތަކުން ކުރާނެކަން އެނގޭތީއެވެ. “އޭތް.. ހާދަ މަޑުން..؟” އެއަންހެން ކުއްޖާ ދިޔުމުން ހިޔާން ދެޖީބަށް އަތް ޖަހާލައިގެން އައިސް މަޑު ކޮށްލިއެވެ. “ކަމެއް ނުވޭ.. ހަމަ ވައި ޖައްސާލަން މިތިބީ..” ޖަވާބު ދިނީ އައިހަމެވެ. “ބަސްމަދުވެފައި އިންވަރުން ހީވަނީ މަންމަނު ވެފައި އިންހެން ވިއްޔަ..” ހިޔާން ގޮސް ޖޯއްޔަށް ވެއްޓިގަތެވެ. “އަން..” ހަނދާންވުމާއި އެކީގައި އިޒްކާން އައިރީންގެ ނޯޓްފޮތް ނަގާ އާހިލްގެ އަތަށް ދިނެވެ. “މިޔޯ..؟” އާހިލް އެ ފޮތަށް ބަލާލަމުން އެއްސެވެ. “ތީ މިއަދު އައިރީން ކަލެއަށް ދޭށޭ ބުނެ މަގޭ އަތަށް ދިން އެއްޗެއް.. މަ ނުބަލަން ތިއީ ކޯޗެއްތޯއެއް..” އިޒްކާން ޖަވާބު ދެމުން ގޮސް ޖޯލީގައި އިށީނދެ ހިޔާންގެ ކޮނޑަށް އަތް ވައްޓާލިއެވެ. ހިޔާން ކޮންމެ ކަމެއް ކުރިޔަސް އިޒްކާން އާއި ހިޔާންގެ އެކުވެރިކަމަށް ބަދަލެއް ނާދެއެވެ. ނަމަވެސް ކުރިއަށް އޮތް އެ އެކުވެރިކަން ފުނޑާލާނެހާ ބޮޑު ކޮޅިގަނޑުގެ ހިލަމެއް ދެމީހުން ކުރެ އެކަކަށް ވެސް ނުވެއެވެ.
އާހިލް އެ ފޮތް ހުޅުވާލާފައި ކުޑަކޮށް ހީނލިއެވެ. “ހެހެ ކަލޭ ކޮއްކޮ ވާ ރަނގަޅު..” އާހިލް ބުނެލިއެވެ. “ކޯޗެއް އޮތީ..؟” އައިހަމް ގޮސް ބަލާލިއެވެ. ”މަ ސްކޫލަށް ނުދާ ދުވަސްދުވަހު ދިން ފިލާވަޅުތަކާއި ނޯޓްތައް ދީފައި މިއޮތީ…” އާހިލް ބުނެލިއެވެ.
އެއްލިކަޅިއަކުން އިޒްކާންއަށް އެދިމާލަށް އަންނަމުން ދިޔަ ނީޝަލް ފެނުނެވެ. އިޒްކާންއަށް ޖޯލިން ކޮޅަށް ތެދުވެވުނީ ކިހިނެތްކަމެއް ވެސް ނޭނގުނެވެ. “އާދެބަލަ މިހިރަ ގަސް ކައިރިއަށް ފޮޓޯއެއް ނަގަން.. ޕްލީޒް ނީޝް..” ޒީޝް ނީޝަލްގެ އަތުގައިހިފާ ގަހެއްގެ ކައިރިއަށް ދަމައިގަތެވެ. ޒީޝްގެ އެ އަމަލުން އިޒްކާންއަށް ނީޝަލް ގެއްލުނެވެ. އެތަނުގައި ފަސްވަރަކަށް ފޮޓޯ ނަގާފައި ޒީޝް ނީޝަލް ގޮވައިގެން ހިނގައިގަތީ އިޒްކާންމެން ތިބި ޖޯލިތަކާއި ދުރަށެވެ. އެކޮޅުގައި މާ ރީތި މާ ގަސްތައްވެސް ހުރުމުންނެވެ. އިޒްކާން ކިތަންމެވަރަކަށް އެކޮޅަށް ބެލިޔަސް ދެން އިތުރަށް ނީޝަލް ފެންނަގޮތެއް ނުވިއެވެ. “އިޒްކާން.. ކަލެއަށް ކިހިނެތް ތިވަނީ…؟” އިޒްކާން އުޅުނު ގޮތް ދިރާސާކުރަން ހުރި އާހިލް އެއްސެވެ. “މަށަށް ކަމެއް ވޭތަ އެބަ..؟” ހަމަޖެހިލަމުން އިޒްކާން އެއްސެވެ. “އެކަމެއް ނޭނގޭ ދޯ އާހިލް.. ދެންމެވެސް ކަރު ދިއްކޮށްގެން ހުރިގޮތުން މަ ހީކުރީ އެހުރި މާކާނާއާއި އެއްވައްތަރު ވާން ކަލޭ މަސައްކަތް ކުރަނީކަމަށް..” ފައިލަމް ބާރަށް ހީނގަނެފައި އާހިލާއި އަތާއަތް ޖެއްސެވެ. އާހިލާއި ފައިލަމް ކިތަންމެވަރަކަށް ޒުވާބުކޮށް އެކަކު އަނެކަކުގެ ގަޔަށް ބޮލަށް އަރާވަރަށް ޖެއްސުން ކުރިޔަސް ބައެއް ހާލަތްތަކުގައި އެއީ އެންމެ ގާތް ދެމީހުންނޭވެސް ހީވެދާނެއެވެ.
“އާނ މާކަނާއަކަށް ނުވެވިގެންވިއްޔަ މަ މި އުޅެނީ..” އިޒްކާން ތެދުވިއެވެ. އައިހަމް އާއި ހިޔާން ވެސް ތެދުވިއެވެ. ”ގެއަށް ދަނީ..؟” ހިޔާން އެއްސެވެ. އިޒްކާން ހީނލާފައި ބޯ ޖަހާލިއެވެ. “އޯކޭ… މާދަމާ ނޫން އަނެއް ދުވަހުގެ ރޭ އެއްކަލަ ތަނަށް ދާންވާނެ އިނގޭ..” ހިޔާން ފާޑަކަށް ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކޮށްލާފައި ބުނެލިއެވެ. “ޔާން.. އެހެން އަންހެންކުއްޖަކަށް އެހެން ހަދަން……..” އިޒްކާންއަށް ޖުމްލަ ފުރިހަމަ ކުރަން ފުރުސަތު ނުދީ ހިޔާން އާނއެކޭ ބުނެލިއެވެ. އިޒްކާން ދެކޮޅަށް ބަހެއް ނުބުންޏެވެ. “މަ ދިޔުން އެއީ މަސްޓް އެއްތަ..؟” އިޒްކާން އެއްސެވެ. އަނެއްކާވެސް ހިޔާން އާނއެކޭ ބުނެލިއެވެ. “ކަލޭ ތީ މަގޭ ބްރޯއެއްނު.. ކަލޭ ނައިސް އެކަމެއް ނުވާނެ…” ހިޔާން ބުނެލިއެވެ. “ދާނަން..” އިޒްކާން އެންމެފަހުން އެއްބަސްވިއެވެ. ފައިލަމް އާއި އައިހަމްގެ އިތުރުން އާހިލް ގެއަށް ދާން ހިނގައިގަތެވެ. އިޒްކާން އާއި ހިޔާން ދެމީހުން ދެމީހުންނާއި އެއްވަރެއްގައި ސައިކަލުގައި ގެއާއި ދިމާލަށް މިސްރާބު ޖެއްސެވެ.
“އިޒްކާން މިހާރު އެ ބަންގި ގޮވަން އުޅެނީ… މިސްކިތަށް ދިޔަނަމަ..” ގެއަށް ވަންނައިރަށް ރަނާ ބުނެލިއަޑު އިޒްކާންގެ ކަންފަތުގައި ޖެހުނެވެ. އިޒްކާން ވަކި އެއްޗެކޭ ނުބުނެ ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. ގެއާއި މިސްކިތާއި ގާތްގަނޑަކަށް ޖެހިފައި ހުންނައިރުވެސް މިސްކިތަށް ދިޔުމަކީ އިޒްކާން ކޮށްއުޅޭ ކަމެއް ނޫނެވެ. ނަމަވެސް ވަގުތުން ވަގުތަށް އިޒްކާން ގޭގައި ނަމާދުކޮށް އުޅެއެވެ. “ނީޝަލް…” އިޒްކާންއަށް އެ ނަން އަނެއްކާވެސް ކިޔާލެވުނެވެ. ނީޝަލް އާއި ދޭތެރޭ އިޒްކާންއަށް މިހާ ޝައުގުވެރިވެގެން މި އުޅެވެނީ ކީއްވެ ހެއްޔެވެ.؟ އިޒްކާންއަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. އެވަރުން އިޒްކާންއަށް ނީޝަލް ހޯދަން އެ އުޅެވެނީ އެއީ މީގެ ހަތް އަހަރު ކުރިން ދިމާވި އަންހެންކުއްޖާތޯ ޔަގީން ކުރަން ހެއްޔެވެ.؟ ނޫނީ ހަމަ ރަނގަޅަށް ވެސް އިޒްކާންއަށް އޭނާގެ ހިތުން ނީޝަލްއަށް މަގާމެއް ކަށަވަރު ކުރެވުނީ ހެއްޔެވެ.؟
ޖެހިގެން އައި ދުވަހު ހެނދުނު ހޭލާފައި ނީޝަލް ހުރީ ފިނިވެފައެވެ. ކޮލެޖަށް ދާން ޖެހޭ ދުވަސްކަމުން ނުތަނަވަސްވަނީއެވެ. ރާއްޖޭގެ ކުދިން އޭނަޔާއި ދޭތެރޭ ދެކޭނީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. ނީޝަލްއަށް ފާހާނާއަށް ފެންވަރަން ވަދެވުނީވެސް ވިހިވަރަކަށް މިނެޓް ވަންދެން ހެދުންތައް ހާވާފައެވެ. ލާނެ ހެދުމެއް ނޭނގިގެންނެވެ. އެންމެފަހުން ޒީޝް ހޭލައިގެން އެހީތެރިވިއެވެ. ފެންވަރައިގެން ނީޝަލް ތައްޔާރުވާން ފެށިއެވެ.”ނީޝް.. ނީޝް މައި ލިޓްލް ޑާރލިންގ ބިއުޓިފުލް ބޭބީ..!” ކޮލެޖަށް ދާން ތައްޔާރުވެގެން ނީޝަލް ކޮޓަރިން ނުކުތުމުން ޒިވީންއަށް ބުނެވުނު އެއްޗެއްވެސް ނޭނގުނެވެ. “ތިއްތާ.. ދެން ސާބަހޭ..” ނީޝަލް ކުޑަކޮށް ރަކިވިއެވެ. އައިސްބްލޫ ހައިވެއިސްޓާއި އޮރެންޖް ޓޮޕްކޮޅު ލައިގެން ހުރިއިރުވެސް ނީޝަލް ނުހަނު ރީއްޗެވެ. “ކުޑާ ދޯ ހެދުން ނަގައިދިނީ..؟” ޒިވީން އެއްސެވެ. ނީޝަލް ބޯ ޖަހާލީ ހައިރާންވެފައެވެ. “ޒީޝް ކުޑާއަށް އެންމެ ރީތި ކުލަ އޮރެންޖް ކުލައަކީ… އެހެންވެ ހަމަ އަހާލެވުނީ..” ޒިވީން އޭނާއަށް އެކަން އެނގުނުގޮތް ކިޔައިދިނެވެ. “ނީޝް ކީއްކުރަންތަ ހުޅިއެއް ޖަހައިގެން ތިހިރީ..؟ ތިހެން ހުންނަންޏާ ފިރިހެންކުދިންގެ އެޓެންޝަން އެއް ނުލިބޭނެ..” ޒިވީން ބުނެލިއެވެ. ނީޝަލް ރަކިވެގެންގޮސް ބުނާނެ އެއްޗެއް ނޭނގުނެވެ.
ނީޝަލް ސައިބޯން އިށީނެވެ. އޭރު ނައިލް ކޮޓަރިން ބޭރަށް ނުކުންނަނީއެވެ. “ސާބަސް.. ތިއްތަގެ ނީސް އެންޑް ނެފިއު ނޭނގެ މިއަދު ކިތައް ކުދިންގެ ހިތް ހިފައިގެން ކަމެއް ގެއަށް އަންނާނީ..” ޒިވީން ހީނގަތެވެ.
ނައިލް ވެސް ނުހަނު ރީއްޗެވެ. ބޭބީ ބްލޫ ކުލައިގެ ޔުނީފޯމާއި ކަޅު ކުލައިގެ ޓައީ އާއި ކަޅުކުލައިގެ ފަޓުލޫނު ނައިލް އާއި ނުހަނު ގުޅެއެވެ. އިސްތަށިގަނޑުގައިވެސް އާދަޔާޚިލާފަށް ރީއްޗަށް ފުނާ އަޅާލައިގެން ހުރިއިރު ނައިލްގެ ތުންފަތް މަތީގައި ވަނީ ހިތްތައް ކަތިލާފަދަ ރީތި ހިނިތުންވުމެކެވެ. “ހަމަ ދެވަނަ އަވްދައްތަ އަކާއި ދެވަނަ ކައިދޮންބެއެއް މިގޭގައި މިހުރީ..” ކޮޓަރިން ނުކުންނަމުން ޒާއިންވެސް އެއްބަސްވިއެވެ. ނައިލްއާއި ނީޝަލް ކައިޔަން އާއި އަވްލީން އާއި އެހާވެސް ވައްތަރެވެ. ނައިލް މިއަދު ފުނާ އަޅައިގެން ހުރީ ކައިޔަންވެސް ސްކޫލް ދުވަސްވަރުގައި ފުނާ އަޅައިގެން އުޅުނު ގޮތަށް ކަމުން ޒިވީން އެކަން ވެސް ފާހަގަ ކުރިއެވެ. “ކިތައް އަންހެން ކުދިން މޮޔަކޮށްލާފައި މިއަދު ނައިލް އަންނާނީ..؟” އަލާން އެއްސެވެ. ނައިލް ރަކިވާގޮތްވެގެން އަވަހަށް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިފިއެވެ. “މަ ނޫޅެން..” ނައިލް ބުނެލިއެވެ. “އިނގޭތަ ތިއްތަބޭވެސް މިރަށަށް އައިސްފައި ސްކޫލަށް ދިޔައީ ސްކޫލްތައް ފެށުނުފަހުންނޭ… ތިއްތަބޭ ފުރަތަމަ ސްކޫލަށް ދިޔައިރު ވަރަށް ގިނަ އަންހެން ކުދިންތައް ހުރި ދެމިޔަކަނުން ސޮނި ވެއްޓިފައި… އޭގެ ތެރެއިން އެކަކު މިހިރަ ޒިވީ ތިއްތަ އަކީ…” އަލާން ހީނގަނެފައި މާކުރީގެ ހަނދާނެއް އާކޮށްލިއެވެ.
“ދެންވެސް މާ ވާހަކަ ގިނަނުކޮށް މިދެކުދިން ލާން ދޭބަލަ..” ޒިވީން ބުނެލިއެވެ. ސައިބޮއި ނިމުނުހާ އަވަހަށް އަލާން ނީޝަލް އާއި ނައިލް ސްކޫލަށް ލާން ގެންދިޔައީ ފުލުހުންގެ ކާރުގައެވެ. “ސީރިއަސްލީ ތިއްތަބޭ..” ނައިލް ހުރީ އެ ކާރުގައި ދާންޖެހުމުން ކުޑަކޮށް ހާސްވާގޮތްވެފައެވެ. “މީގައި ދާތީ ހީވަނީ އަހަރެމެން މީ ކުށްވެރިންހެން ދޯ..؟” ނައިލް ނީޝަލްއަށް ދޯ ދިނީ ނީޝަލް އޭނަޔާއި އެއްބައިވާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ކުޑަދޮރުން ބޭރަށް ނަޒަރު ހިންގާލައިގެން ހުރި ނީޝަލް ހުރީ ނައިލްގެ މޮޅެތި ވާހަކަތައް އަޑުއަހާވަރަށްވުރެ މާ ހާސްވެ ނުތަނަވަސްވެފައެވެ. އެކި މަގުތަކުން ލާފައި ކާރު ދިޔައިރު ނީޝަލް ހުރީ ފެންނަ މަންޒަރުތަކަށް ގެއްލިފައެވެ. އެރަށް ހާދަހާ ރީއްޗެވެ. ފްރާންސްގައި ނެތް ހަމަހިމޭން ކަމާއި ފެހިކަންގަދަ ގަސްތަކާއި ދޮންވެލިގަނޑު ފެނުމުން ހަމަ ރަނގަޅަށްވެސް ނީޝަލް ހުރީ މޮޔަވާވަރު ވެފައެވެ. ނައިލް ސްކޫލަށް ލާފައި އަލާން ދުއްވާލީ ނީޝަލް ކޮލެޖަށް ގެންދިޔުމަށެވެ.
“އާދެވިއްޖެ..” އެހެންކިޔާފައި އަލާން ނީޝަލް ޖަހައިގެންހުރި ހުޅިއަށް ދަމައިގަނެފައި ވޫލްކޮޅު ތަނެއް ގައި ފޮރުވިއެވެ. “ތިއްތަބޭ…” ނީޝަލް ކުޑަކޮށް ހާސްވިއެވެ. “ސާބަހޭ.. އަވް ސަންތިވެސް ނީޝްގެ އޭޖްގައި އުޅުނީ އިސްތަށިގަނޑު ދައްކަން ލަދުންނެއް ނޫނޭ.. އަވްވެސް ހުންނާނީ އިސްތަށިގަނޑު ދޫކޮށްލައިގެން ކަން ނީޝްއަށް އިނގޭތަ..؟ އަވްގެ އިސްތަށިގަނޑު ހަމަ ނީޝްއަށް ވެސް ލިބިފައި ތިހުރީ..” އަލާން ބުނެލިއެވެ. “ބަޓް… އެކަމަކު މީހުން ފްރީކްއައުޓް ވާނެ އެހާ ދިގު އިސްތަށިގަނޑެއް ފެނުނީމައި..” ނީޝަލްއަށް ބުނެވުނެވެ. “ނޫނޭ… ދޭ ގޯ ކްރޭޒީ ފޯރ ލޯންގް ހެއަރ..! ނައު ގޯ އިން ދެއަރ މައި ރެޕަންޒެލް..! އޯލް ދަ ބެސްޓް ޑިއަރ..!” އަލާން އެހެން ބުނެލިއިރު ހީވަނީ ޅެމެއް ކިޔަން މަސައްކަތްކުރި ހެންނެވެ. ނީޝަލްއަށް ފާޑަކަށް ހެވުނެވެ. އަލާން ވެސް ހީނލަމުން ކާރުގެ ދޮރު ލައްޕާލާފައި ދުއްވާލިއެވެ. ކުޑަކޮށް ނުތަނަވެސްވެހުރެ ނީޝަލް ކޮލެޖްގެ ތެރެއަށް ވަންނަން ދިޔައެވެ.
ފައިލަމްއާއެކީ ސަކަރާތެއްގައި ހުރެފައި އިޒްކާން ވަންނަދޮރާއި ދިމާލަށް ބަލާލީ ހިޔާން ލަސްވެގެންނެވެ. “އެސޮރު ނާންނާނެ މިއަދެއް..” އައިހަމް އައިސްފައި ބުނެލިއެވެ. “ތިކަން މަށަށްވެސް އިނގެޔޭ.. ބެލް ޖެހީމައި މަ ވަންނަން މިހުންނަނީ.. އިނގޭތަ މަ އިއްޔެ….” އިޒްކާންއަށް ބުނަން އުޅުނު ޖުމްލަ މަޑު ޖައްސާލަން ޖެހުނީ ދޮރުން އެތެރެއަށް ވަދެގެން އައި ނީޝަލް ފެނުމުންނެވެ. އިޒްކާން ބަސް ހުއްޓިފައި ބަލާ އެއްދިމާއަކަށް ބަލަމުން ދާތީ ފައިލަމްއާއި އައިހަމްވެސް ބަލާލިއެވެ.
“އިޒްކާން..” ފައިލަމް ގޮވާލިއެވެ. އިޒްކާން ކަމެއްވީހެންނެއްވެސް ހިޔެއްނުވެއެވެ. “އޭބަލަ އިޒްކާން…” އައިހަމް އިޒްކާންގެ އަތުގައި ވިކައިގަންނަމުން ބުނެލިއެވެ. “އޯއި..” އިޒްކާންއަށް އެހެން ބުނެވުނުއިރު ހީވަނީ ހަމަރަނގަޅަށްވެސް ޖާދޫގައި ޖެހިފައި ހުރިހެންނެވެ.
އެކުއްޖާގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް އިޒްކާންއަށް ބެލުނެވެ. ކުޑަމުށިކުލައެއް އަރާފައިވާ ކަކުލާއި ހަމައަށް އަރާވަރުގެ ކުޑަ ރާޅުބާނިކަމެއް ހުރި އިސްތަށިގަނޑާއި ވަށްމޫނެއް އެކުއްޖާއަށް ލިބިފައިވެއެވެ. އެކުއްޖާގެ ލޮލުގައި އެހުރި ކުލައަކީ ދުވަހަކުވެސް އިޒްކާން ދެކުނު ކުލައެއް ނޫނެވެ. ފާޑެއްގެ ފެހި ކުލައެކެވެ. އަވި އެޅުނީމައި ވާފެހިކުލައަށް ބަދަލުވާހެންވެސް ހީވެއެވެ. ނުލާހިކު އަންހެންވަންތައެވެ. ލޭރަތް ތުންފަތަކާއި ބޮޑު ދެލޮލެވެ. ދިގު އެސްފިޔަތަކާއި ތޫނނުކަޅި ރަވައަކީ އެކުއްޖާ ޚާއްސަކޮއްދޭ އެއްސިފައެވެ. ގުދުރަތުގެ ހުރިހާ ނަލަ ސިފައެއް ހާސިލްކޮއްގެން ހުރި ރާނީއެކެވެ. ތެދަށްނަމަ އަންހެން ކުދިންގެ އެއްވަނައެވެ.
“އެއީ ކާކު..؟” ކުރިން ފެނިފައި ހުރި ނަމަވެސް އިޒްކާންއަށް އެހެން އަހާލެވުނީ ބޭއިޚްތިޔާރުގައެވެ. “ނޭނގެ… ރަށަށް އަލަށް އައި ކުއްޖެއް ކަމަށްވެސް ވެދާނެއެއްނޫންތަ..؟ ދެން ކިހިނެތްވީ..؟ އަނެއްކާ އެމަންޖެ ކަލޭގެ ހިތް ދަމައިގަނެގެން ދިޔައީތަ.. އޭނ..؟؟” ފައިލަމް މަލާމާތުގެ ރާގަކަށް އަހާލިއެވެ. “ނޫން..!! ނުދަންނަ ކުއްޖަކަށްވީމައި ހަމަ އަހާލެވުނީ…” އިޒްކާން އަވަސްއަވަހަށް ބުނެލިއެވެ. “ހޫން ހޫން.. ދެން ތިހެން ވީކަމަށް ބަލަމާދޯ..” އައިހަމް ބިންމަތީގައި އޮތް ދަބަސްނަގާ ފައިލަމުގެ ކޮނޑަށް އަތް ވައްޓާލައިގެން ކްލާހަށް ވަންނަން ދިޔައެވެ.
އިޒްކާން ވަށައިގެން ހޯދާލިއިރަކު ނީޝަލް ފެންނާކަށް ނެތެވެ. ދެކޮނޑު އަރުވާލާފައި އަދިވެސް ނީޝަލް ފެނޭތޯ ކުޑަކޮށް ހޯދާލާފައި އިޒްކާންވެސް ކްލާހަށް ވަންނަން ދިޔައެވެ. ނީޝަލް އިސްތަށިގަނޑާއި ކުޅެމުން ކްލާސް ފެނޭތޯ ހިނގަހިނގާ ހުއްޓާ މީހެއްގެ ގައިގައި ލައިގަތެވެ. ބޮލަށް ވީ ތަދުން ބޮލުގައި އަތް ޖައްސާލާފައި ނީޝަލްއަށް ކުރިމައްޗަށް ބަލާލެވުނެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.





Vrh Sali mi part vxx ❤️❤️
Masha Allah❤️❤️❤️❤️
Hama best ingeyy yooon❤️❤️❤️❤️
Aleyy avleen aa kaiyan mathin Hama miss vany heheheh s 1 kiyaalaana mihen ulefaa
Heheheh???❤️❤️❤️❤️❤️
Hahahahah izkaan ge frnds tha haadha ??majaley Emeehun dhakaa vaahaka enme majaly adhi hahahhah????????
Kaaku gaagaa baa neeshal ejehuny maybe izkaan Orr vedhaane hiyaan ah vxxx???
Hainaa men ge 2 kudhin kobaa izkaan men ge rashugaa baa Emeehun vee??❤️❤️
Btw waiting for the next part❤️❤️❤️
Love u soo much Yoon❤️❤️❤️
Stay safe an take care ??❤️❤️❤️❤️
Aww thank u so much Ril dear ?✨? I am so happy to hear that… 😀 Alheii yesh dhww.. missing Avleen nd Kaiyan.. Dnt worry.. You might meet them in this season too 😀 Ahaha I am so glad you enjoyed it Ril dear ?✨? Hmm yeshh kaaku ge gaiga baa dhw nysh e jehunee ?? 🙂 Owh Hiyaan nd Hooryn is Haina nd Ikuwaan’s son nd Daughter.. ?✨? Insha allah yoon try kuraanan ingeii tmrw ga nxt part genesdheveythww.. ?✨? Love u more nd more RIl dear ?✨? You stay safe too… nd take good care ?✨?✨?