Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަ

ކޮޅިގަނޑު

Raaya Level 210 Stories100 Comments
November 14, 2020 6 Mins Read
1 Comment

ނޯޓު: މިވާހަކައަކީ އަޅުގަނޑު ވާހަކަ ލިޔަން ފެށި ކޮޅު ލިޔެފައި އެސްފިޔަ.ކޮމް އަށް ޝާއިއުކުރި ކުރިވާހަކައެކެވެ. މިއަދު މި ވާހަކަ އަލުން ގެނެސްދޭން އަޅުގަނޑު ގަސްދުކުރީ އެވާހަކައިގައި ކުށް ގިނަކަމުންނާއި ވީހާވެސް ބޮޑަށް ހަގީގަތާއި އެއްގޮތަށް ވާހަކަ ގެނެސްދޭން ބޭނުންވާތީއެވެ. މިއީ ހަގީގީ ހާދިސާއެއް މައްޗަށް ބިނާކޮށްލިޔެފައިވާ ވާހަކައެވެ.

އެކި މީހުންގެ ދިރިއުޅުމުގައި އެބަޔަކަށް ހަނދާން ނައްތައިލަން އުނދަގޫވާ ފަދަ އެތަކެއް ކަމެއް ހިނގާފައި ވާނެކަން ކަށަވަރެވެ. އެގޮތުން އަހަންނަށްވެސް ވަނީ އެކަހަލަ ހާދިސާއެއް ތަޖުރިބާ ކުރަން ޖެހިފައެވެ. އެއީ މީގެ ހަތް އަހަރު ކުރިން ހިނގި ކަމެއް ކަމަކު އެދުވަހުގެ ބިރުވެރިކަން އަހަރެން ކުރިމަތީ ދެންމެ ބިނދެލި މަލެއްހާ ތާޒާ ކަންމަތީ ސިފަވެގެން ދެއެވެ. އެދުވަހު އެންމެންގެ ތުންފަތް ފޫއަޅުވާލައިފައި ނުކުތް ހަޅޭކުގެ އަޑުތަށް އަދިވެސް އަހަރެންގެ ކަންފަތުގައި ގުގުމަ ގުގުމާލާ ހުރެއެވެ.

އެދުވަހަކީވެސް އެހެން ދުވަސްތަކެކޭ އެއްފަދައިން އާދައިގެ ދުވަހެކެވެ. ފަޖުރުގެ އަލިކަމަށް އަހަރެންގެ ލޯހުޅުވުނީ ކުރިއަށް އޮތް ބޮޑު ކޮޅިގަނޑުގެ ހިލަމެއްވެސް ނުވާ ހާލުއެވެ. އަހަރެން ވަރަށް އުފަލުން ހުރެ ނަމާދުކޮށް ހަދައިގެން ބޭރަށް ނުކުތީ މިއަދަކީ އަމްބަރާއަށް ދަތުރު ދާ ދުވަހަށް ވީމައެވެ. މަންމައާއި ބައްޕަގެ އިތުރުން އަހަރެންގެ ތިއްތިބެވެސް ދިޔައީ ދަތުރު ގެންދާ ސާމާނު ތައްޔާރުކޮށް ބަރޯއަށް ލަމުންނެވެ.

ފަސްގަޑި ބައިވަނިކޮށް އަހަންނާއި އަހަރެންގެ މަންމައާއި ބައްޕައާއި ކޮއްކޮ އަދި ތިއްތިބެގެވެސް މިސްރާބު ހުރީ ރަށު ބަނދަރާއި ދިމާލަށެވެ. އޭރު ދަތުރުގައި ބައިވެރިވާ މަންމައާއި ބައްޕަގެ ދުވަސްވީ އެކުވެރިންނާއި އެމީހުންގެ ދަރިންވެސް އަހަރުމެން އިންތިޒާރުގައި ތިއްބެވެ. ދޯނީގެ ކައްޕި އައުމުން ގެނައި ހުރިހާ ތަކެތި ދޯންޏަށް އަރުވައިފައި އެންމެންވެސް ދޯނީގެ މައްޗަށް އަރައި ހަމަޖެހިލި ވަގުތަކީ ދޯނީގެ އިންޖީނު އިސްޓާޓު ކޮށްލި އަޑާއި އެކު ދޯނި ރަށު ބަނދަރުން ނުކުންނަން ދުއްވާލި ވަގުތެވެ.

އަބަދުވެސް ސާފު ބިއްލޫރި ކޮޅެއް ފަދައިން ފާނަލައިފައިވާ މިސާލު ޖެހޭ ފުން ނޫކަނޑު މިއަދުވެސް އޮތީ ހަމަ ދެންމެ މިސިފަ ކޮށްލި ގޮތަށެވެ. ނަމަވެސް ހަމައެކަނި “ފާނައިލާފައިވާ” މި ލަފުޒުން ކަނޑު ސިފަކޮށްދޭކަށް އަހަރެންގެ ހިތެއް ނޭދެއެވެ. އެހެންކަމުން މިސިފަކޮށްލާ ސިފަ ކޮށްލުމުން ތިޔަ ކިޔުންތެރިންގެ ސިކުނޑިއަށް އެދުވަހު ކަނޑުގެ ހަމަހިމޭންކަން ތަސައްވަރުކޮށްލެވޭ ވަރު ވާނެ ކަމަށް އުއްމީދު ކުރަމެވެ. އެފާނާލައިފައިވާ މޫދެކޭ އިސްތިރިކޮށް ރުފިލުވައިފައި އޮތް އޮމާން ގަމީހެކޭ ތަފާތެއް ނޯންނާނެއެވެ. އުޑުމަތީގައި ރަސްކަން ކުރަމުން ދިޔަ އިރަށް އޭގެ ވާޖިބު އަދާކުރުމަށް އޭގެ ސަބަބުން ގޮންޖެހުން ކުރިމަތިވާ ވިލާތަކެއްވެސް މިއަދު އެ ނޫ އުޑުގައި ނެތެވެ. ދުވަހެއްގެ މޫސުން ރީތިވާނީ ދެން މިވަރަކުން ނޫންހެެއްޔެވެ؟

ކޮންމެއަކަސް އެ ހިތްގައިމު ދެގަޑިއުރުގެ ދަތުރު ނިންމާލައިފައި ދޯނިި އަމްބަރާގެ ޖެޓީއަށް ގާތް ކުރުމާއި އެކު ގެނައި ސާމާނުތަށް ބާލައިފައި އެންމެވެސް ރަށައް އެރިއެވެ. އެވަގުތު އަހަރުމެންނަށް މަރުހަބާކީ އެރަށް ބަލަހައްޓާ، ބަންގްލަދޭޝަށް ނިސްބަތްވާ ދެފިރިހެނުންނެވެ. އެދެމީހުން އަހަރުމެން ހުންނަން ހަމަޖެހިފައިވާ ތަނަށް ގެންގޮސްދިނެވެ. އެއީ ސިމެންތިން ރާނައި ލަކުޑި ފިލާތަކުން ހިޔާކޮށްފައި ހުންނަ ހަޓެއް ކަހަލަ ތަނެކެވެ. ހުރިހާ ކަމެއް ހަމަޔަކަށް އެޅުމާއި އެކު މަންމަމެންނާއި އެކު ރަށު ތެރެ ބަލައިލަން ދިޔައީމެވެ. އާއިލާ ފޮޓޯތަކާއި ގުރޫޕް ފޮޓޯތަށް ނަގައިފައި އެތަކެއް ސަކަރާތެއް ޖެހިމަތިން އަހަރެން ހަނދާން އެބަހުއްޓެވެ. މިއަދު އެ ފޮޓޯތަކަށް ބަލައިލީމައި ކުރެވެނީ ވަރަށް އެހެންކަހަލަ އިހްސާސެކެވެ. އެއީ އެ ބިރުވެރި ހާދިސާ ހިނގުމުގެ ދެތިން ގަޑި އިރު ކުރިން ނެގި ފޮޓޯތަކެކޭ ހިތަށް އެރުމުން ގައިން ހީބިހިނަގައިގެންދެއެވެ. ބައެއްގެ ނޫނީ އަމިއްލަ ނަފްސުގެ ހިތްހަމަޖެހުމާއި އުފާވެރިކަން ގެއްލި އެކަންތަށް ހިތާމަވެރި އަދި ބިރުވެރި ކަންތަށްތަކަށް ބަދަލުވެގެން ދަނީ ކިހާ މަދު ވަގުތުކޮޅަކުން ހެއްޔެވެ؟ މިއީ ތަގުދީރެވެ. މިކަމާއި ދޭތެރޭ އެކަނި ވިސްނައިލިޔަސް އެތަކެއް އިބުރަތްތަކެއް ލިބިގެންދާނެކަން ގައިމެވެ.

ހެނދުނުގެ ހިތްގައިމުކަން ކެނޑި މެންދުރުގެ ދިލަ ހޫނުކަން ރަށުތެރެއަށް ފެތުރެން ފަށައިފައިފިއެވެ. އެނދިޔަސް ހެޔޮކަމަށް އަހަރެން އިނީ ރަތްދަކަ އަވީ ތެރޭގައި އެހެން ކުދިންނާއި އެއްކޮށް ވެލި ކުޅޭށެވެ. އޭރު މަންމަމެން މެންދުރަށް ކައްކާތަން ފެނެއެވެ. ވެލި ކުޅެން ތިއްބައި މަންމަމެން ކައްކައި ނިމުނުވާހަކަ ބުނުމުން އެންމެންެވެސް ދުއްވައިގަތީ ކާން ތައްޔާރުކޮށްފައިވާ ތަންކޮޅާއި ދިމާލަށެވެ. އެދުވަހު ކާން ހުރީ ކޮންއެއްޗިއްސެެއް ކަމެއް ހަނދާނެއް ނުވެއެވެ. ނަމަވެސް ކެއި ކޮންމެ އެއްޗަކީ ނުލާހިކު މީރު އެއްޗިސްކަން ހަނދާން އެބަހުއްޓެވެ.

ކައި ނިމިގެން ތިއްތިބެ އުޅުނީ އަހަރުމެން ހުރިހާ ކުޑަ ކުދިން ގޮވައިގެން ގޮސް މޫދަށް އެރިއެވެ. އެވަގުތު މަންމަމެން އެންމެން ޖެޓީ މައްޗަށް އަރައި ތިބިތަން އަހަރެން ދުށީމެވެ. އެކުޑަ ވަގުތުކޮޅުގައިވެސް އަހަރުމެން ސަކަރާތް ޖަހައި ނެގީމެވެ. އެއްވެސް ޙިޔާލެއް ފިކުރެއް ނެތިއެވެ. ކުއްލިއަކަށް ކަޅު ވިލާތަށް އައިސް މުޅި އުދަރެސް ބައްދާލިއެވެ. ދެންމެ އެތަނަކީ އަވީގެ ސަބަބުން ހުޅުދާންވެފައި އޮތް ތަނެކޭ އެކެއްވެސް ނުބުނާނެއެވެ. އިރުކޮޅެއް ނުވެ އައި ނައި ތަނެއް ނޭނގި ވައި ބާރުކޮށްލައިފިއެވެ. އެވަގުތު އަހަރެންގެ ޅަ ސިކުނޑިވެސް އަހަންނަށް ދިނީ ކަމެއް ގޯސްވާން އުޅުމުގެ އިންޒާރެވެ. ޖެހޭ ބާރު ވައިރޯޅިތަށް ހީވީ ގަސްތަކާއި ރުށްތަށް މުލުން ލުހިލައިގެން ގޮސްދާނެހެންނެވެ. އެހާ ވައިބާރުވުމުން ތިއްތިބެ އަހަރުމެން ގޮވައިގެން ހަޓާއި ދިމާލަށް އަވަސް ފިޔަވަޅުތަކާއި އެކު ހިނގައިގަތެވެ. ކިތަންމެ އަވަހަށް ހިމާޔަތްކަމަށް ހަޓާއި ދިމާލަށް ފިޔަވަޅު އެޅިއެއްކަމަކު ޖެހޭ ބާރު ވައިގެ ސަބަބުން ލޮލަށް ވަންނަ ވެލި ފުށްތަށް ދިޔައީ އެކަން ނާކާމިޔާބު ކުރަމުންނެވެ. ނަމަވެސް އެ ހުރަސް ގިރާ ކުރުމަށް ފަހު އަހަރުމެންނަށް ހަޓާއި ދިމާލަށް ވާސިލްވެވުނެވެ. އިރުކޮޅެއް ފަހުން މަންމަމެންވެސް ވަރަށް އުނދަގުލުން ހަޓާއި ދިމާލަށް އަންނަތަން ފެނެއެވެ.

“ނަސީބެންނު ޖެޓީ މަތިން ނުފުންމުނުކަން! އެހެން ނޫނީ އޮޔާ ދިޔައިސް!” ބައްޕަގެ އެކުވެރިއްކަމުގައިވާ އިލްހާމް ބުނެލިއެވެ.

މިނަޓަކަށް ފަހު މިނެޓެއް ފާއިތުވަމުން ދިޔަ ވަރަކަށް ވައިބާރުވެ ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. މޫސުމަށް ރަނގަޅު ބަދަލެއް ނާންނާތީއާއި ހުރިހާ ކުދިން ހީކަރުވައިގަނެފައި ތިބުމާއި އެކު މަންމަމެން ނިންމީ ލައިގެން ތިބި އެއްޗިސް ބަދަލު ކުރަން ކައިރީ އިން ފާހަނައަށް ދިއުމަށެވެ. އެއްޗިސް ބަދަލުކޮށްގެން އައި އިރު ވާރެ ތުނި ކޮށްލާފައިވިޔަސް ވަޔަކަށް ބަދަލެއް ނާދެއެވެ. އެހެން ތިއްބާ ކުއްލިއަކަށް ކުރިމަތީ އިން ދިއްގާ ގަހުގައި އަޅުވައިފައި އިން އުނދޯލި ވިއްސައިގެން ދިޔުމުން އެންމެންވެސް ދިޔައީ ސިއްސައިގެންނެވެ. އެއާއިއެކު ދަތުރުގައި ބައިވެރި އެއް އަހަރުގެ ތުއްތު ކުއްޖާ ރޯން ފެށިއެވެ. އޭނާ މަސަލަސް ކުރުމުގައި އޭނަގެ މަންމަ އަވަދިނެތި އުޅުނު އިރު އެހެން އެންމެންވެސް ބޭނުންވީ އެކުދިންގެ ދަރިން ނިންދަވާށެވެ. އަހަރެންގެ މަންމަވެސް އަހަރެން ގާތު ނިދަން ބުންޏެވެ. އެހެންކަމުން ގޮޑީގައި އިށީންދެފައި މޫނު ފޮރުވޭގޮތަށް ރަޖާގަނޑު އަޅައިލީ މިފެންނަ މަންޒަރުތަށް ބަލާނެހާ ހިތްވަރު ނެތުމުންނެވެ.

ނިދުނު ކަމެއް ނޫނީ ނުނިދުނު ކަމެއް އަހަރެންގެ ހަނދާނަކަށް ނާދެއެވެ. ނަމަވެސް މަންމަމެން ޒުވާބު ކުރާ އަޑު އަހަން އޮތް މަތިން އަހަރެން ހަނދާންވެއެވެ. އެ އެންމެން އެ އުޅެނީ ދާން ނުދާން ކިޔައިގެންނެވެ.

“ބުނަން ރަނގަޅު ވާހަަކައެއް!” ޒުވާބު އިތުރަށް ހޫނުވުމާއިއެކު ކައްޕި އަޑުލައިފައި ބުންޏެވެ. “ދެކޮޅިގަނޑު ދޭތެރެއިން ލިބޭނެ ވަގުތުކޮޅެއް… އެވަގުތު ކޮޅު ތެރެއިން ރަށައް ދެވޭނެ މިހާރު ނައްޓާލައިފިއްޔާ! އަހަރެން މިދަނީ ދާން! ދާން ބޭނުންވާ މީހެއް ނަމަ އަންނަންވީ!” ކައްޕި އޭނާގެ ފަހު ނިންމުން އިއްވާލިއެވެ.

އިތުރުގޮތެއް ނެތުމުން އެންމެންވެސް ޖެހުނީ އެއްގަލަކަށް އަރާށެވެ. ނަމަވެސް އަހަރެން މަންމަ ގާތު ނުދާން އެތަކެއް އާދޭއްހެއް ކުރިމަތިން ހަނދާން ވެޔެވެ. ނަމަވެސް ވި އެއްކަމެއްވެސް ނެތެވެ. ދޯންޏަށް އަރައި ނައްޓާލަން ތައްޔާރު ވި އިރު ކުރިއަށް ވުރެ ވައިމަޑުކަން ފާހަގަކުރެވުނެވެ. އެހެންކަމުން އެންމެންވެސް ތިބީ އަވަހަށް ދާން ތައްޔާރަށެވެ. ނަމަވެސް ނަގިލި ނުނެގުމުން ކޮންމެވެސް މީހަކު މޫދަށް ފައިބައި އެ ނަގަން ޖެހުނެވެ. ނަމަވެސް އެ ނަގާނެ މީހަކު ނުވިއެވެ. ނޫނެކެވެ. ނަގިލި ނަގަން ކަނޑަށް ފައިބާނެ މީހަކު ނުވީކީއެއް ނޫނެވެ. އެކެއްވެސް އެމީހެއްގެ ފިރިމީހާ އެކަން ކުރުމަށް އެއްބަސްނުވީއެވެ. އެހެން ތިއްބާ އިވުނީ އެއްޗެއް މޫދަށް ވެއްޓުން އަޑެވެ. ބަލައިލިއިރު މަރީގެ ފިރިމީހާ ޝިމާލް މޫދަށް ފުއްމައިލައިގެން ނަގިލި ނަގަން އުޅެނީއެވެ. ޝިމާލު މައްޗަށް ނާރާތީ މަރީ އޭނާގެ ނަމުން ބާރުބާރަށް ގޮވަން ފެށިއެވެ. އޭނާގެ ކުޑަ ދެދަރިންވެސް ރޮއެ ނަގަނީއެވެ. އިރުކޮޅެއް ފަހުން ޝިމާލު ނަގަލި ނެގިއެވެ. އޭނާ ދޯންޏަށް އެރުމާއި އެކު ދޯނި ރަށައް ދާން ދުއްވައިލިއެވެ.

އަމްބަރާ ފަޅުން ނުނިކުމެވެގެން އުޅެނިކޮށް އަނެއްކާވެސް މޫސުން ގޯސްވެއްޖެއެވެ. މިފަހަރު ކުރިއަށް ވުރެ ބޮޑަށެވެ. ވައިޖެހޭ އަޑާއި ދޯނި ރާޅާއި ހަނގުރާމަ ކުރާ އަޑާއި އެކުވެގެން މަރީއާއި ހަމްދާގެ ރުއިމުގެ އަޑު އެކުވެގެން އަންނަ އިރު މާހައުލުގެ ބިރުވެރިކަމާއި ހާސްކަން ދެގުނު ކުރުވައެވެ. އަނބުރާ ރަށަށް ދިއުމަކީ ދޯނި އަރިއަޅައިލައި ކަނޑުވުމުގެ ފުރުސަތު ބޮޑުކަމެއްކަމަށް ކައްޕި ބުންޏެވެ. އެންމެންވެސް ތިބީ އާދެވުނު މޮޔަ ހިތަށް އަރައިފައެވެ. ކޯސްޓު ގާޑަށް ގުޅަން ކުރި މަސައްކަތްވީ ބޭކާރެވެ. އެކަކަށްވެސް ގުޅޭ ގޮތެއް ނުވިއެވެ. ހަތަރު އުދަރެސް ފެނު ޖެހުނު އިހުސާސްވެގެން އެންމެންެވެސް ލައިފް ޖެކެޓު ހޯދަން ފެށިއެވެ. ނަމަވެސް އެ ދޯންޏަކު އެންމެ ލައިފް ޖެކެޓެއްވެސް ނެތެވެ.

“އަހަރެން ސަލާމަތް ނުކުރިޔަސް އަހަރެންގެ ދަރިން ސަލާމަތް ކުރާތި!” މަރީ އޭނާގެ ފިިރިމީހާ ޝިމާލް ގާތުގައި އާދޭސްކުރިއެވެ. މިއީ މުޅި ދަތުރުންވެސް އަހަރެން އެންމެ ގަދަޔަށް ހަނދާން ހުންނަ ތަންކޮޅެވެ. މިހާރުވެސް މިބަސްތަށް އަހަރެންގެ ދުލުން ނުކުންނައިރު އެވަގުުތުގެ ބިރުވެރިކަން އިހުސާސްކުރެވެެއެވެ. ލައިފް ޖެކެޓު ހޯދުމުގެ މަސައްކަތާއިގެން އަނެއްކާވެސް އެންމެ ކުރިއަށް ދިޔައެވެ. މާތް ﷲ ގެ ރަހްމަތްފުޅުން މިފަހަރު ލައިފެްޖެކެޓު ފެނުނެވެ. ނަމަވެސް ދޯނީގައި ހުރި ލައިފްޖެކެޓުތަކަކީ ދުވަސްވެފައި ހުރި އެއްޗިއްސެވެ. އަދި ހުރީވެސް ހަމައެކަނި ކުދިންނަށް ވާ ވަރަށް އެކަންޏެވެ.

އަހަރެންގެ ކޮއްކޮ އެވަގުތު ނިދާފައި އޮތްކަންވެސް ނަސީބެވެ. އޭރު އަަހަރެންގެ މަންމަ އިނީ އަހަރެން ގައިގައި ވަރަށް ބާރަށް ހިފަހައްޓައިގެނެވެ. އަހަރެންގެ ބައްޕަ އުޅުނީ ހަމްދާ ހޮޑުލާތީ އޭނަގެ ދެދަރިން ބަލާށެވެ. އަހަރެންގެ ތިއްތިބެ މަރީމެންނަށް އެހީތެރިވެދެނީއެވެ. ނަގާ ރާޅުތަކަކީ އަހަރުމެން ތިބި ކުޑަ ދޯންޏަށް ވުރެވެސް ބޮޑެތި ރާޅުތަކެވެ. ރާޅެއް ނަގާ ކޮންމެ ފަހަރަކީ އަހަރެންގެ ނިމުން ކަމުގައި އަހަރެން ދެކިގެން އިނީމެވެ. އެހެން އެންމެންގެ ދަރިން ރުއި އިރުވެސް އަހަންނެއް ނުރޮމެވެ. އެއީ ކިހިނެއްވީ ކަމެއް ކަމެއްވެސް އަހަންނަކަށް ނޭނގުނެވެ. އިނގޭހާވެސް އެއްޗަކީ އެވަގުތު އަހަރެން އިނީ ބިރުން ހަލާކުވެފައި ކަމެވެ.

ދޯނި ރާޅުތަކާއި ހަނގުރާމަ ކުރަމުންދިޔައީ ހަމަ ކުރިންވެސް ދިޔަ ފަދައިންނެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނު ތަނާ އިންޖީނު ހުއްޓިއްޖެއެވެ. އެވަގުތު ނެގި ރާޅަކާއި އެކު ދޯނި އަރިއަޅައިލިއިރު އެންމެން ކަނޑަށް ނުވެއްޓުނީ ކިރިޔާއެވެ. ދޯނި އަރިއަޅައިލީ ވާތު ފަޅިއަށް ނަމަ އެފަޅީގައި ތިބޭ މީހުންނަށް މޫދުގައި އަތްޖެހޭ ނުޖެހޭ ހިސާބަށް ދޯނި އަރިއަަޅައިލިއެވެ. ދެން އެދުވަހު ވާނެވަރު ތިޔަ ކިޔުންތެރިން ވިސްނާލަބަލާށެވެ. އެވަގުތަކީ އަނެއްކާވެސް އެންމެންގެ ހަޅޭކުގެ އަޑު އެއްއަޑަކަށް ވެގެންދިޔަ ވަގުތެވެ. އަހަރެންވެސް އިނީ ނުލާހިކު ބިރުންނެވެ. މިދެން މަރުވީއޭވެސް އަހަރެން އެފަހަރު ހިތަށް އެރިއެވެ. އުޅެ އުޅެ އިންޖީނު އިސްޓާތުވާ ގޮތެއް ނުވިއެވެ. ކޯސްޓްގާޑަށް ގުޅޭ ގޮތެއް ނުވިއެވެ. މާތްﷲ އަށް ދުޢާ ކުރުން ނޫންކަމެއް އެވަގުތު އެކަކަށްވެސް ނުކުރެވޭނެކަން ޔަގީނެވެ.

އަހަރެން ބިރުގަންނަ ވާހަކަ އަހަރެންގެ މަންމަ ގާތު ބުނީމެވެ. “ދަރިފުޅާ… ކުރުސި ކިޔަން ފަށާ!” އަހަރެންގެ މަންމަގެ ޖަވާބަކީ މިއީއެވެ.

މަންމަ އިރުޝާދު ދިން ގޮތަށް އަހަރެން ކުރުސި ކިޔަން ފެށީމެވެ. ދެލޯމަރައި ބާރުކޮށްގެން އަހަރެން އިނީ މެދުނުކެނޑި ކުރުސި ކިޔާށެވެ. އިސާހިތަކު އިންޖީނު އިސްޓާޓުވެގެން ދިޔައެވެ. އެ އަޑުއިވުމާއި އެކު އަހަރެން ﷲ އަށް ޙަމްދު ކުރާ ހާލު ކުރުސި ކިޔުމާއިގެން ކުރިއަށް ދިޔައީމެވެ. އެއްގަޑި އިރު ފަހުން ކަނޑު މަޑުވާހެން އިހުސާސްވުމުން އަހަރެން އެއްލޯ ހުޅުވައިލައިފައި ބަލައިލީމެވެ. މާތް ﷲގެ ކުޅަދުންވަންތަ ކަމާއެވެ. ކުރިއަށްވުރެ ކަނޑު މަޑެވެ. އަހަރެން އަނެއްކާވެސް ކުރުސި ކިޔުމާއިގެން ކުރިއަށް ދިޔައީމެވެ. އިރުކޮޅެއް ފަހުން ތަންކޮޅެއް ދުރުގައި އޮތް މަސްދޯންޏެއް އަހަރުމެންނަށް ފެނުނެވެ. ފުދޭވަރަކަށް ކަނޑު ގަދަކަމުން ލަސްލަހުން އަހަރުމެން އެ ދޯންޏާއި ދިމާލަށް މިސްރާބު ޖެހީމެވެ. ވެގެން އުޅޭ ގޮތް އޮޅުންފިލުވައިދީ ވާހަކަ ދައްކާ ނިމުނު އިރު އެއީ ކެޔޮދޫ ދޯންޏެއްކަން އެނގިގެން ދިޔައެވެ. ކަނޑު ގަދަ ކަމުން މަޑުކޮށްގެން ތިބީކަމަށް އެމީހުން ބުންޏެވެ. އަހަރުމެން އެ މަސްދޯނި ފަހަތުން ރަށާއި ދިމާލަށް މިސްރާބު ޖެހީމެވެ. މާތްﷲ ގެ ރަޙްމަތްފުޅުން އަހަރުމެންނަށް ރަށާއި ހަމައަށް ވާސިލްވެވުނެވެ. ދޯންޏަށް ނޫނީ މުދަލަށް އެއްވެސް ގެއްލުމެއް ނުވާ ތާނގައި މީހަކަށް އަނިޔާއެއްވެސް ލިބިފައެއް ނުވެއެވެ. މިއީ ހުސް ﷲގެ ކުޅަދުންވަތަކަމުގެ ހެކިތަކެވެ.

އެދުވަހުގެ ކޮޅިގަނޑަކީ އަހަރެންގެ ހިތުން ދުވަހަކުވެސް ފިލައިގެން ދާނޭ އެއްޗެއް ނޫނެވެ. މިހާރުވެސް ލޯންޗުގައި ދަތުރު ކުރާއިރު ކަނޑު ގަދަވެލާއިރަށް ކުރުސި ކިޔެން ފެށެއެވެ. އެ ދުވަހަށް ފަހު ދެވަނަ ފަހަރަށް އެރަށައް ދަތުރު ދާ ހިޔާލެއް ނުވެސް ގެންގުޅެމެވެ. އެއީ މާ ދުރުގައިވާ ކަމެކެވެ.

މިކިޔައިދީ ނިމުނީ އަހަންނަށް މާތްﷲގެ ރަޙްމަތްފުޅާއި ކުޅަދުންވަންތަކަމާއި އަދި މިނޫންވެސް އެހެން ސިފަފުޅުތަށް އަމިއްލަ ލޮލުން ފެނި ތަޖުރިބާ ކުރެވުނު ފުރަތަމަ ހާދިސާއެވެ. ތިޔަ ކިޔުންތެރިންވެސް އަޅުގަނޑުގެ ތަޖުރިބާއިން އިބުރަތް ލިބިގަތުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. ދުވަހަކުވެސް އެކަލާނގެ ފަރާތުން އުއްމީދު ކަނޑައިނުލާށެވެ. ފަހުވަގުތާއި ޖެހެންދެންވެސް ހަނގުރާމަ ކުރާށެވެ. ނަމަވެސް އުއްމީދު ކަނޑައިނުލާށެވެ.

-ނިމުނީ-

 

 

Share Article

Follow Me Written By

Raaya

Level 210 Stories100 Comments

Other Articles

Previous

އެ ބިރުވެރި ރޭ

Next

އެ ސޫރަ – 05

Next
November 15, 2020

އެ ސޫރަ – 05

Previews
November 14, 2020

އެ ބިރުވެރި ރޭ

One Comment

  1. Raaya says:
    November 15, 2020 at 5:22 am

    އުއްމީދު ކުރަން މިވާހަކަވެސް ތިޔަ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް! ވަރަށް ހަނދާންވޭ ހުރިހާ ކުދިން މަތިންވެސް! ? އަޅުގަނޑު އެބަ ވިސްނަން “ނޭނގި ވެވުނީ ލޯތްބޭ”ގެ ދެވަނަ ސީސަންއެއް އަންނަ އަހަރު މެދުތެރޭ ނެރެން. މިކަމާ ކިޔުންތެރިންގެ ހިޔާލު ފާޅުކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. އަދި ތިޔަ ކިޔުންތެރިން ދެވަނަ ސީސަންގައި އުއްމީދުކުރާ ކަންތަކާއި ވާހަކައިގައި ކިޔާލަން ބޭނުންވާ ބައިތަށްވެސް ހިއްސާ ކޮށްލަދިނިއްޔާ އަޅުގަނޑު ވަރަށް އުފާވާނެ! ޝުކުރިއްޔާ!

Comments are closed.



All Right Reserved!