ހަދިޔާ
މިކާންއަށް ކޮންމެ ދުވަހެއްވެސް ނިމިގެން ދަނީ ދާދި އެއްގޮތަކަށެވެ. ދުވާލުގެ ވަގުތު ނިދު މުގައެވެ. ރޭގަނޑުގެ ވަގުތު ރައްޓެހިންނާއެކީ ސަކަރާތުގައި ގެއިން ބޭރުގައެވެ. މިކާންގެ މަންމަ ސީމާ ކަންބޮޑުވަނީ ކިތަންމެ ނަސޭހަތެއް ދިނަސް މިކާންގެ އުޅުމަކަށް ކުޑަވެސް ބަދަލެއް އަންނަމުން ނުދާތީއެވެ. މިކާން ވަޒީފާއަކަށް ދޭތޯވެސް އެތައްތަނަކަށް ސިޓީވެސް ސީމާ ލައިފިއެވެ. އެހެނަސް މިކާންގެ ފަރުވާކުޑަކަމުން އިންޓަވިއުއަށްވެސް ގޮސްނުލައެވެ.
މާތްﷲގެ ތަނަވަސް ރަހުމަތުން ސީމާއަކީ ތަނަވަސް މީހެކެވެ. އުފަން މާލޭ މީހަކަށް ވުމުން ވަންނާނެ ބޯހިޔާވެސް އެބަހުއްޓެވެ. ފިރިމީހާ އަޒީންގެ ކުއްލި މަރަށްފަހުވެސް ދިރިއުޅުން ބޮއްސުންލައިގެން ނުދިޔައީ އަމިއްލަ ގެދޮރުހުރި ކަމުންނެވެ. ދިހަބުރިޔަށް ގެ ނަގައި ފަސްބުރި ކުއްޔަށްދީގެން ސީމާ މެންއުޅެނީ އުފަލުގައެވެ.
ހެނދުނުގެ ނާސްތާ ތައްޔާރުކުރު މަށްފަހު ސީމާ އާދައިގެ މަތިން މިކާންއަށް ގޮވަންފެށިއެވެ. ދޮރުގަ ދެތިންފަހަރަކު ތެޅުމުންވެސް މިކާންގެ ހަބަރެއް ނުވިއެވެ. މިކާންގެ އުޅުން ބަދަލުކުރުމަށް ކުރަންވީ ކީއްކަމެށް ސީމާއަށް ވިސްނާ ވިސްނާ ނޭނގުނެވެ. ސީމާގެ އުއްމީދަކީ މިކާންގެ އުޅުމަށް އަވަސް މުސްތަގުބަލެއްގައި ހެޔޮބަދަލް އައުމެވެ. އަދި އެހެންމެ ސީމާ ދެކޭ އަނެއް ހުވަފެނަކީ ރަނގަޅު ޒަވާޖީ ހަޔާތެއްފަށައި މިކާން އުފަލުގައި ދިރިއުޅޭތަން ފެނުމެވެ.
ދުވާލުގެ އަލިކަން ފިލައި ރޭގަނޑުގެ އަނދިރިކަން ދުނިޔެ މައްޗަށް ކުރިހޯދައިފިއެވެ. ސީހައުސްގައި ރައްޓެހިންތަކަކާއެކު ހަވީރުގެ ސަޔަށް އިންސާފުކުރުމުގައެވެ. ރައްޓެހިންތައް ހީ ސަކަރާތްޖަހަމުންދިޔައިރު މިކާން އިނީ ފޯނަށް ގެއްލި ހުސްވެފައެވެ. މަޢުރިބް ނަމާދަށް ބަންގީގެ އަޑަށް ބީރުކަންފަތެއް ދެމުން ސައިކަލުތަކަށް އަރައި ދުއްވައިލީ ބުރުޖެހުމަށެވެ.
އާދައިގެމަތިން ފަތިސްނަ މާދުކޮށްގެން ސީމާ ބަދިގެޔަށް ވަނެވެ. ރޮށިފިހެ ނިއްމާލުމަށްފަހު އަލުވިރިހަ ކައްކައިލީ މިކާންއަށް އެންމެ ކަމުދާ އެއްޗެހީގެ ތެރޭގައި ރޮއްޓާއި އަލުވިރިހަ ހިމެނޭތީއެވެ. ކައްކައި ބަދިގެތެރެ ސާފުކުރުމަށްފަހު ސީމާ މިކާންއަށް ގޮވަންދިޔައެވެ. އެހެން ދުވަސްދުވަހާ ހިލާފަށް މިކާންގެ ކޮޓަރީގެ ދޮރުގައި ހުރީ ދަޅުނުލައެވެ. ސީމާ ހައިރާންވީ ދުވަހަކުވެސް މިކާންގެ ކޮޓަރީގެ ދޮރު ތަޅުލާފައި ނުހުންނައިރު މިއަދު ތަޅުނުލައި ހުރުމުންނެވެ. ދޮރުހުޅުވައި ކޮޓަރިޔަށް ސީމާ ވަނެވެ. އެހެނަސް މިކާން ކޮޓަރިޔަކު ނެތެވެ.
ސީމާ ހާސްވެކަންބޮޑުވިއެވެ. މިކާންގެ ފޯނަށް ތަކުރާރުކޮށް ގުޅުމުންވެސް ދެނީ އެއް ޖަވާބެެކެވެ. ފޯނުވަނީ ނިއްވާލާފައެވެ. ސީމާއަށް ހިތާއިހިތުން ދުޢާ ކުރެވެންފެށުނީ މިކާންއަށް ދެރަގޮތެއް މެދުވެރިނުވުމަށް އެދިގެންނެވެ. މިކާންގެ ހަބަރެއް ނުވެގެން އިންދާ ނުދަންނަ ނަންބަރަކުން ސީމާއަށް ގުޅިއެވެ. “އައްސަލާމް އަލައިކުމް… ސީމާތޯ… އަޅުގަނޑު މިގުޅާލީ ފުލުހަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހެންވޭރު އަބާދީހިޔާ ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތެއްޗާއިއެކު ތިޔަބޭފުޅާގެ ދަރިފުޅު މުހައްމަދު މިކާން އަޅުގަނޑު މެންގެ ބެލުމުގެ ދަށުގައިވާތީ އެވާހަކަ ދައްނަވާލަންވެގެން.” ސީމާގެ ދޫ ހަރަކާތް ނުކުރިއެވެ. މިކާން ބޭރުތެރޭގައި އުޅުނަސް އެފަދަ ވިޔާނުދާކަމަކަށް އަރައިގަންފާނެ ކަމަކަށް ސީާ ދުވަހަކުވެސް ހީނުކުރެއެވެ. ސީމާގެ ލޯ ކަރުނުންތެމުނީ މިކާންގެ އެ އަމަލުން ހިތައްކުރި އަސަރެއްގެ ބޮޑުކަމުންނެވެ.
މަސްތުވާތަކެތި ގެންގުޅުމުގެ ކުށް ސާބިތުވެ މިކާންއަށް ތިންއަހަރުގެ ޖަލު ހުކުމެއް ކުރިއެވެ. ސީމާގެ ހިތްކުދިކުދިވިއެވެ. ހުރި ހަމައެކަނި ދަރިފުޅު މަސްތުވާތަކެތީގެ އަޅަކަށްވެ ޖަލުގެ ތޭރިތަކުގެ ދަށުގައި ދުވަސްތައް ވޭތުކުރަން ޖެހުނީތީއެވެ. ސީމާގެ އުއްމީދަކީ ޖަލުހުކުމް ތަންފީޒުކުރުމަށްފަހު ދަރިފުޅު މިކާން ރަނގަޅުވެ ހަރުދަނާ މީހެއްގެ ގޮތުގައި ވާތަން ދެކުމެވެ.
ތިންއަހަރުގެ ޖަލުހުކުމް ތަންފީޒުކޮށް ނިންމުމަށްފަހު މިކާން މާލެ އައެވެ. ސީމާ ދަރިފުޅުގެ ގައިގައި ބައްދާފައި އެދުނީ ނުބައި މަގަކުން ނުދިޔު މަށެވެ. ގޯސް އެކުވެރިން ދޫކޮއްލު މަށެވެ. ބަރާބަރަށް ނަމާދަށް އެރު މަށެވެ. މިކާން ވަޒީފާއަކަށް ދާންފެށިއެވެ. އަމިއްލަ އޮފީހެއްގެ އެޑުމިން އޮފިސަރެއްގެ މަގާމް މިކާން އަދާކުރަނީ ވަރަށްވެސް ސާބިތުކަ މާއެކުއެވެ. މިކާން އާއި ނޫރީން ދިމާވީ އޮފީސްތެރެއިންނެވެ.
މިކާންއަށް ނޫރީން ވަރަށް ކަމުދެއެވެ. އެހެނަސް ކަންތައްތައް ހިނގާފައި އޮތްގޮތުން ނޫރީންއަށް ލޯބި ހުށަހެޅުމަށް މިކާން ޖެހިލުންވަނީއެވެ. ނޫރީންގެ އެކުވެރިކަން ގެއްލިދާކަށް މިކާން ބޭނުމެއް ނޫނެވެ. ލަދަކާހުރެ ދަތެއް ނުފިލާނެޔޭ ބުނާ އުސޫލުން މިކާންވެސް ވަރަށް ކެރިގެން ނޫރީން ގާތުގައި ބޭރަށް ދެވޭނެ ހެއްޔޭ އެހިއެވެ. މަޑުނޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅުކުލައިގެ ޖިންސެއްލައި މިކާން ތައްޔާރުވިއެވެ. ރަތްކުލައިގެ ފިނިފެންމަލެއް ގަނެގެން މިކާން ދިޔައީ ނޫރީންގެ ގެއަށެވެ. ސައިކަލު މަތީ ފޯނަށް ގެއްލިފައި އިންދާ ނޫރީން އައިސް ގޮވައިލުމުން މިކާންގެ ސަމާލުކަން ނޫރީންއަށް ލިބުނެވެ.
ނޫރީން ގޮވައިގެން މިކާން ދިޔައީ ހުޅުމާލެ އަށެވެ. ހިތްގައިމު ވަގުތުކޮޅެއް ނޫރީން އާއި އެކު ހޭދަކުރުމަށެވެ. ސައިލަކު ޕާކުކުރުމަށްފަހު މިކާން ނޫރީން ގޮވައިގެން ހިނގައިގަތީ އަތިރި މައްޗާ ދިމާލަށެވެ. ހުދު ދޮންވެލިގަނޑުމަތީ މިކާން އަދި ނޫރީން އިށީނެވެ. “ނޫރީން ކައިރީ ވަރަށް ބޮޑު ވާހަކައެއް ދައްކަންކަމަށް މިތަނަށް މިއައީ… ނޫރީން ފަހަރެއްގަ އަހަރެން ދެކެ ރުޅިވެސް އައިސްދާނެ.. އެކަމަކު ނޫރީން އަށް އޮޅުވާލާކަށް އަހަރެން ނެތިން. ނޫރީން… އަހަރެންނަކީ ކުރިން ވަރަށް ގޯސްކޮށް އުޅުނު މީހެއް. ރައްޓެހިންނާއެކު ވަގުތު ހޭދަކޮށް އަބަދު ބޭރުގަ އުޅުނީ… ވަޒީފާޔަކަށް ނުދަން.. މަންމަ ވަރަށް ނަސޭހަތްވެސް ދޭނެ. އެކަމަކު އަހަރެންގެ އުޅުން ބަދަލުނުކުރެވުނު. އެންމެފަހުން ޑުރަގުގެ މައްސަލައެއްގައި ބެދި އަހަރެން ޖަލަށްވެސް ގެންދިޔަ. އެކަމަކު މާތްﷲ ގަންދީބުނަން އެފަދަކަމެއް މިހާރަކު އަހަރެން ނުކުރަން. ރައްޓެހިންނާޖެހި އެގޮތައް ކަންތައްވިޔަސް ދެން އިރާދަކުރެއްވިޔާ އެއަނދިރި ދިރިއުޅުމަށް އަނބުރާ އަހަރެން ނުދާނަން. ނޫރީން އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށްވެދީ…. އައި ލަވް ޔޫ ސޯ މަޗް… އެންޑް އައި ވިލް ލަވްޔޫ ޓިލް މައި ލާސްޓު ބުރެތު… ޕުލީޒް ނޫރީން ސޭ ސަމްތިން..” ނޫރީންއަށް މިކާން ރަތްކުލައިގެ މަލެއް ދިނެވެ.
” މިކާންގެ ހަޔާތުގެ ބައިވެރިޔަކަށް އަހަރެން ވެދޭނަން… ބިކޯޒް އައި ލަވްޔޫ މޯ… ވެދިޔަކަންތަކުގެ ވާހަކަ ދެއްކުމުގެ މާނައެއްނެތް މިކާންގެ މީހެއްގެގޮތުގައި އަހަރެން ހުންނާނަން. މިކާން އަށް ނޭނގުނަސް މިކާން ފެނުނު ފުރަތަމަ ދުވަހުންފެށިގެން އަހަންނަށް މިކާން ކަމުދިޔަ.. މިރޭ އަހަރެން ވަރަށް އުފާވެއްޖެ.. މިކާން މަންމަގެ ރުހުން މިކަމުގައި އޮތްނަމަ އަހަރެން ބޭނުންވީ އަވަހަށް މެރީކުރަން” ނޫރީންގެ ވާހަކަތަށް އިިވި މިކާން އުފަލުން ފޮޅުނެވެ.
މިއަދަކީ މިކާން އާއި ނޫރީންގެ ކައިވެނި ކުރެވޭ އުފާވެރި ދުވަހެވެ. ދިވެހި ރަތްލިބާހުގައި ނޫރީން ފެންނަނީ ވަރަށްވެސް ޗާލުކޮށެވެ. މިކާން ހުރީ ހުދުކުލައިގެ އަތްދިގު ގަމީހަކާއި ކަޅުކުލައިގެ ފޭއްޔެއް އަދެގެންނެވެ. މިކާންގެ މަންމަ ސީމާ ހުރީ ވަރަށްވެސް އުފަލުންނެވެ. އެތަކެއް އިންތިޒާރަށްފަހު މިކާންގެ ހަޔާތަށް ރަނގަޅު ބައިވެރިޔަކު ލިބުނީތީއެވެ.
މިކާންގެ އުއްމީދަކީ ނޫރީން އާއި އެކު އުފާވެރި ފާގަތި ދުވަސްތަކެއް ވޭތުކުރުމެވެ. ވީރާނާވި ހަޔާތައް ދިރުން އައި ހިނދު އެދިރުން ތާއަބަދަށް ދެމިގެން ދިޔު މެވެ. ނޫރީން އަކީ މިކާންގެ ހިތެވެ. މިކާންގެ ދިރިހުރުމެވެ. މިކާންގެ ދުޢާއަކީ ނޫރީން އާއި އެކު ހެޔޮ ހަޔާތެއް މާތްﷲ މިންވަރުކުރެއްވުމެވެ. ދިރިއުޅުމުގެ ކަޅު ދުވަސްތަކަށްފަހު ނޫރީން އަކީ މިކާންއަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާއެވެ. ވީއިރު އެހަދިޔާ މިކާން ބަލައިގަންނަނީ ނުހަނު ލޮތްބާއި އެކުއެވެ.
ނިމުނީ
2 Comments!
Comments are closed.


This story is a nice one. Keep it up ??
Thank You Fathimath Midhuha?