ވީރާނާ ވެފައިވާ ހަޔާތް…2
ފިރުޝާން މިދިލިގަހެއްގައި ލެގިގެން ހުރެ ވިސްނަމުން އެދަނީ ވީރާނާ ވެފައިވާ އޭނާގެ ހަޔާތާމެނދުގައެވެ. އެ ވޭނީ އިހްސާސްތައް މުޅި ހަށިގަނޑުން ވެސް ކުރާކަހަލަ އެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ތިމާ ދިރިހުއްޓައި މަރުގެ އިންޒާރު ލިބުމަކީ ކޮންމެ މީހަކަށް ވެސް ބިރުވެރި އިޙްސާސެއް ކުރެވޭނެ ކަމެކެވެ. އެޅުނު ކަތިފިޔަވަޅެއްގެ ސަބަބުން ފިރުޝާންއަށް ވަނީ އޭނާގެ ދިރިހުރުމުގެ މަގުސަދު ހަދާންނެތި ފައެވެ. އުންމީދުގެ ހުޅުކޮޅު ނިވިފައެވެ. އެހެން ހުއްޓާ އޭނާގެ މާޒީގެ ސަފްޙާތައް އޭނާގެ ކުރިމަތީގައި އެކި ކުލަކުލައިގައި ސިފަވާން ފެށިއެވެ. އެއީ މީގެ 3 އަހަރު ކުރިއެވެ.
ފިރުޝާންގެ އާއިލާ އަކީ ނުހަނު ކުޑަ އާއިލާއެކެވެ. ފިރުޝާންގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅަކީ ފިރުޝާންއެވެ. ހުރި ހަމައެކަނި ދަރިފުޅަށް ވުމުން ފިރުޝާންގެ މަންމަ އާއި ބައްޕަ ފިރުޝާން ބަލާބޮޑުކުރީ ފިރުޝާންއަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެމުނެވެ. ލޮލުގެ ކޮއެފަދައިން ލޯބިދީ ހެވާއި ނުބައި ވަކިކޮށް ދެމުންނެވެ. ނަތީޖާއެއްގެ ގޮތުން ފިރުޝާން ވަނީ އިސްކޫލުގައި ހިމެނޭ އެންމެ މޮޅު ދަރިވަރުންގެ ތެރެއިން ދަރިވަރަކަށް ވެފައެވެ. މައިންބަފައިން ފަޚުރުވެރިވާފަދަ ކުއްޖަކަށް ވެފައެވެ. މިހެން މިކަން އޮތުމުން ފިރުޝާންގެ މައިންބަފައިން ބޭނުންވީ ފިރުޝާންއަށް އިތުރަށް ކިޔަވައި ދިނުމަށްޓަކައި ރާއްޖެއިން ބޭރަށް ފިރުޝާން ފޮނުވާށެވެ. ފިރުޝާން ބޭނުންވީ މެޑިސިން ކިޔަވައި މޮޅު ޑޮކްޓަރަކަށް ވާށެވެ. އެހެންކަމުން ފިރުޝާން ކިޔެވުމަށްޓަކައި މެލޭޝިޔާއަށް ފިރުޝާން ފޮނުވުމަށް ފިރުޝާންގެ މައިންބަފައިން ނިންމިއެވެ. ފިރުޝާން މަންމަ ފިރުޝާންއަށް އާދައިގެ މަތިން ދޭ ނަސޭހަތް ދިނެވެ. މޭލޭޝިޔާގައި މުސްލިމުން ދިރިއުޅުން ނަމަވެސް، ފިރުޝާންގެ މައިންބަފައިން ބިރުގަތީ އެމީހުންގެ ދަރިފުޅު ނުބައި އެކުވެރިން ހިޔާރުކޮށް ގޯސް މަގެއް ހިޔާރުކޮށްފާނެތީއެވެ. މެޑިސިން ކޯހަކީ 5 އަހަރުގެ ކޯހަކަށް ވުމާއެކު، ފިރުޝާން މައިންބަފައިންނަށް ފިރުޝާން ނުފެނި 5 އަހަރު ދާނެއެވެ. މިހެން ކަމުން ފިރުޝާން މައިންބަފައިން ފިރުޝާންއަށް ފޯނެއް ގަންދިނެވެ. ފިރުޝާން ފުރަން އޮތީ 2 ދުވަހަށް ވުމާއެކު ފިރުޝާން މައިންބަފައިން އެގޭގައި ކުޑަވަރެއް ޕާޓީއެއް ބޭއްވިއެވެ. ފުރަން އޮތް ދުވަހު ފިރުޝާން މަންމަ ތަކުރާރުކޮށް ފިރުޝާންއަށް ނަސޭހަތް ދިނެވެ.
ދުވަސްތައް ވޭތުވެގެން ދިޔައީ ވަރަށް ވެސް އަވަހަށެވެ. ދުނިޔެ ހިގާނީ ތޮށަލިދުޅައަކަށްށޭ ބުނާހެން ހުރިހާ ކަމެއްވެސް ދިޔައީ ބަދަލުވަމުންނެވެ. ފިރުޝާންއަށް މަގުއޮޅުނީއެވެ. މައިންބަފައިން ދިން ނަސޭހަތް ހަދާންނެތުނެވެ. ގޯސް އެކުވެރިން ހިޔާރުކޮށް ދުނިޔޭގެ އުފަލާއި މަޖަލުގައި އުޅުނީ އާޙިރުގެ ނަތީޖާ އަކަށް ބެލުމެއްނެތިއެވެ. ފިރުޝާންއަށް ނެނގުނު ކަމަކީ ފިރުޝާންގެ މައިންބަފައިން އަދި ވެސް ހުރީ ފިރުޝާންގެ އިންތިޒާރު ކަމެވެ. އެ މީހުންނަށް ހީކުރެވިފައި އޮތީ އެމީހުންގެ ދަރިފުޅު ރާއްޖެ އަންނާނީ އެމީހުން ބޭނުންވާ ކަހަލަ ނަތީޖާއެއް ހޯދައި މޮޅު ޑޮކްޓަރަކަށް ވެގެން ކަމަށްށެވެ. ނަމަވެސް ތަޤުދީރު ބަދަލުކުރެވޭނީ ކާކަށް ހެއްޔެވެ؟މީހުން ބުނެ އުޅޭނުންހެވެ. މައިންބަފައިންނަކަށް ދުވަހަކުވެސް ދަރިންނެއް ބޮޑެއް ނުވާނެއެވެ. 5 އަހަރު ފާއިތުވެ ކޯސް ނިމިގެންދިޔައެވެ. މިއަދަކީ ފިރުޝާން އޭނާގެ މައިންބަފައިން ކައިރިއަށް ކޯސް ނިންމައިގެން އަންނާނޭ ދުވަސް ކަމުން، ފިރުޝާންގެ މައިންބަފައިން ދިޔައީ އެއާރޕޯޓައް ފިރުޝާން ބަލާއެވެ. ފިރުޝާން މައިންބަފައިން ކަންބޮޑުވީ ފިރުޝާން ނައުމުންނެވެ. އެހެން ކަމުން ފުރަތަމަ ފަހަރަށް ފިރުޝާން މޭލޭޝިޔާގައި ބެހެއްޓި ގޭގެ ވެރިމީހާއަށް ގުޅިއެވެ. އެ ގޭގެ ވެރިމީހާ ދިން ހަބަރަކުން ފިރުޝާންގެ މައިންބަފައިންނައް ހުރެވުނީ ކުޑަވަރެއްގެ ޝޮކެއްގައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެހާ ލޯބިން ބަލާބޮޑުކުރި ދަރިފުޅަށް މަގުއޮޅި، ޖަލުގެ ތޭރިތަކުގެ އެތެރޭގައި ބަންދުވީއެވެ. ފިރުޝާން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ފުލުހުން ހިފެހެއްޓީއެވެ. އޭނާގެ އެކުވެރިން ވެސް އޭނާ ދޫކޮށްލާފައި ފިލީއެވެ.
ފިރުޝާންގެ މަންމަ ހެޔަށް ގޮތް ވެގެން އެތަނަށް ވެއްޓުނެވެ. އެއާއެކު އެމެޖެންސީކޮށް ފިރުޝާންގެ މަންމަ ހަސްފަތާލަށް ގެންދެވުނެވެ. ހަސްފަތާލަށް ގެންދެވުނުތާ އިރުކޮޅެއް ނުވެ، ފިރުޝާންގެ މަންމަ މި ފަނާވެނިވި ދުނިޔެއާއި އަލްވަދާޢު ކިޔެވެ. ފިރުޝާންގެ ބައްޕަ މި ހުރިހާ ކަމެއް އެޅުވީ ފިރުޝާންގެ ބޮލުގައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ…
ހަފްތާއެއް ފަހެވެ… ފިރުޝާން ވަރަށް ބޮޑަށް ބަލިވުމުން ހަސްފަތާލަށް ފިރުޝާން ގެންދެވުނެވެ. ލިބުނު ޙަބަރުން ފިރުޝާންއަށް ހީވީ އޭނާގެ ފައި ދަށުން ބިންގަނޑު ދަމައިގެން ހެންނެވެ. ފިރުޝާން ވަނީ އެއިޑްސްގެ ޝިކާރައަކަށް ވެފައެވެ. ފިރުޝާންއަށް ވަނީ ދިރިހުއްޓައި މަރުގެ އިންޒާރު ލިބިފައެވެ.
ފިރުޝާންއަށް ޙިޔާލުތަކުން ބޭރުވެވުނީ އޭނާގެ އެކުވެރި ޝާމިން އައިސް އޭނާގެ ކޮނޑުގައި އަތްލުމުންނެވެ. ޝާމިންއަކީ އޭނާގެ ހުރި ހަމައެކަނި އެކުވެރިޔާ އެވެ. ފިރުޝާންގެ ބައްޕަ ދިރިހުއްޓެއް ކަމަކު ފިރުޝާންގެ ހާލުވެސް ބަލައެއް ނުލައެވެ. ފިރުޝާންއަށް މިހާރު ވިސްނިއްޖެއެވެ. ނަަމަވެސް ކުރާނީ ކީއް ހެއްޔެވެ. ވަގުތު މި ވަނީ ފާއިތުވެފައެވެ.
( ނިމުނީ )
*ކިޔުންތެރިންނަށް ވާހަކަ ކަމުދާނޭކަމަށް އުންމީދު ކުރަމެވެ*

