ބައްޕައެއްގެ ލޮތްބަކީ ކިހާ މުހިންމު އަދި ބޮޑުވެގެންވާ ނިއުމަތެއްކަން ފަހަރުގައި އެލޯބި ލިބޭބަޔަކަށް ތަސައްވަރުނުކުރެވި ހިނގައިދާނެއެވެ. އެހެނަސް ބައްޕައެއްގެ ލޯ ބިން މަހުރޫމްވެފައިވާ މީހަކަށް އެއޯގާތެރިކަމާއި ލޮތްބަކީ ކޮހިނޫރެއްފަދަ އަގުބޮޑު އެއްޗަކަށް ނޫނީ ނުވާނެކަން ކަށަވަރެވެ. މިއަދު އަހަރެން ކިޔާލަދޭން މިއުޅެނީ ޔަޝްވިންގެ ވާހަކައެވެ. އޭނަގެ ހަޔާތުގެ ދެތިން ސަފުހާއެކެވެ.
އއ ތޮއްޑޫއަށް އުފަން ޔަޝްވިންއަކީ އެރަށު މަރިޔަމްފާނާއި ހުސެއިން އާދަމަށް ލިބިފައިވާ ދެކުދިންގެ ތެރެއިން އެއް ކުއްޖެކެވެ. ޔަޝްވިންގެ ބައްޕައަކީ މަސްވެރިކަންކޮއްގެން އާމްދަނީ ހޯދާމީހެކެވެ. ޔަޝްވިން ވިހެއިތާ ވާނީ އެންމެ ދެތިން މަހެކެވެ. އާދައިގެ މަތިން ޔަޝްވިންގެ ބައްޕަ ތައްޔާރުވީ ފަރުމަސްބާނަން ދާންވެގެންނެވެ. ރޭގަނޑުގެ ވަގުތުގައި ފަރުމަސްބާނަން ދިޔުންވެފައި އޮންނަނީ ހުސެއިންއަށް ވާޖިބުވެފައި ކަހަލައެވެ.
ރެޔަކީ ވިއްސާރަ ރެޔަކަށްވުމުން މަރިޔަމްފާނު ހުސެއިން ކައިރީ މަސްވެރިކަންކުރުމަށް ނުދިޔުމަށް ބުންޏެވެ. “ހުސެއިނާ… މިއޮތް ވިއްސާރައިގަ ދާނެކަމެއްނެތޭ މަސްބާނަން. ބަލާބަލަ ނަގާފަ އެހެރަ ކޮޅިގަނޑު. ހެޔޮނުވާނެ މިރޭ ގެއިންވެސް ނުކުންނާކަށް..” ހުސެއިން ވާހަކަދައްކަންފެށިއެވެ. ” މަރިޔަމްފާނުގެ ރުހުންނެތްކަމެއްހީވޭތަ އަހަރެން ކުރާނޭހެން… މިރޭ މަސްވެރިކަން ކުރަން ނުދާނަން. މަރިޔަމްފާނު ހިތްހަމަޖެހިއްޖެތަ މިހާރު?” ހުސެއިނުގެ ވާހަކަ ހުރިގޮތުން މަރިޔަމްފާނަށް ހިތްހަމަޖެހުން ލިބުނެވެ.
ނިދާ ފޭރާން ލުމަށްފަހު ހުސެއިން އޮށޯތީ ނިދާށެވެ. “މަރިޔަމްފާނު އަހަރެން މިދުނިޔޭގައި ނެތް ދުވަހަކުންވެސް އަހަރެންގެ ދެދަރިން ރަނގަޅަށް ބަލައްޗޭ. ނުބައި މަގަކުން އެކުދިން ދިޔަނުދޭތި.” ހުސެއިން އެހެންޏާ ނުދައްކާ ވާހަކަތަކެއް ދެއްކުމުން މަރިޔަމްފާނު ހުރީ ހައިރާންވެފައެވެ. “ހުސެއިނާ… ކޮންކަަހަލަ ވާހަކަތަކެއް ތިދައްކަނީ.. ހުސެއިނު ތިއުޅެނީ އަނެއްކާ އަހަރެމެން ދޫކޮއްފަ ތަނަކަށް ދާންތަ.. ތިކަހަލަވާހަކަ ނުދައްކަބަލަ.. އަހަރެން ބިރުގަނޭ” މަރިޔަމްފާނު ބުންޏެވެ.
ކުޑަކުޑަ ޔަޝްވިން ރޯއަޑުއިވިގެން މަރިޔަމްފާނު އެނދުން ތެދުވިއެވެ. އަދި ޔަޝްވިން ނަގައިގެން ގާތުން ދޭންފެށިއެވެ. މަރިޔަމްފާނު އެނދުގެ އަނެއްފަރާތް ބެލިއިރު ހުސެއިންއެއް އެނދުގައި ނެތެވެ. އެވަރަށް ބުނުމުންވެސް ހުސެއިނު މަސްވެރިކަންކުރަން ދިޔައީކަން މަރިޔަމްފާނަށް ޔަގީންވިއެވެ. އެއިރުވެސް ގުގުރާ އަޑާއި ވަޔާއެކު ގަސްތައްހެލޭ އަޑު އިވިއިވި ހުއްޓެވެ. ދަރިފުޅު ޔަޝްވިން ނިދުމުން ދާނުގައި ބޭއްވުމަށްފަހު މަރިޔަމްފާނު ހިނގައިގަތީ ގިފިއްޔާ ދިމާލަށެވެ.
ގިފީލީގައި ބަހައްޓާފައި ހުންނަ ހުސެއިނުގެ މަސްވެރިކަންކުރާ އާލާތްތައް ނެތުމުން ހުސެއިނު ދިޔައީ މަސްވެރިކަން ކުރަންކަން މަރިޔަމްފާނަށް މުޅިންހެން ޔަގީންވިއެވެ. ފަތިހު ހުސެއިނު ގެޔަށް އައުމުން ސުވާލުކުރުމަށް މަރިޔަމްފާނު ނިއްމިއެވެ. އޭރުވެސް ހިމަފޮދުވާރޭގެ ތިކިތައް ބިންމަތީގައި ބޮސްދެމުންދިޔައެވެ. މަރިޔަމްފާނު އަނެއްކާވެސް އޮށޯތީ ނިދާށެވެ. ދަރިފުޅު ޔަޝިވިން މަގަތައް ޖައްސައިލަމުން މަރިޔަމްފާނު ލޯމަރައިލީ ނިދޭތޯއެވެ.
އެހެނަސް މަރިޔަމްފާނަށް ނިދޭގޮތެއް ނުވިއެވެ. ފަތިސްނަމާދުގެ ބަންގީގެ އަޑުއިވުނުއިރުވެސް މަރިޔަމްފާނަކަށް ނުނިދުނެވެ. މަރިޔަމްފާނު ކަންނެތްކަމާއިއެކުވެސް އެނދުން ތެދުވެ ފިރިހެން ދަރިފުޅު އަތީޝްއަށް ގޮވައި މިސްކިތައްދާން ތައްޔާރުވާން ބުންޏެވެ.އަދި ފެންވަރައި ވުޟޫކޮށް ފަތިސްނަމާދުކުރިއެވެ. ހެދުނު އަށެއްޖެހި އިރުވެސް ހުސެއިނުގެ ހިލަމެއްނުވިއެވެ. އެހެންޏާ ހެދުނު ހެދުނާ މަސްބާނަން ގޮސްފައި ގެއައް ހުސެއިނު އަންނާނެއެވެ. މަރިޔަމްފާނު ކަން ބޮޑުވީ އެހެންވެގެންނެވެ.
ކެތްތެރިކަމެއްނެތި މަރިޔަމްފާނު އިންތިޒާރުކުރަމުންދިޔައީ ހުސެއިނު އަންނާނެ ވަގުތަކަށެވެ. ނަމަވެސް އެގާރަޖެހި އިރުވެސް ހުސެއިނުގެ ހަބަރެއްނުވިއެވެ. އެންމެފަހުން ރަށު އޮފީހަށް ހުސެއިނު ނުފެނިގެން ހޯދާވާހަކަ މަރިޔަމްފާނު އެންގިއެވެ. ރަށުގެއެންމެން ނުކުމެ މުޅިރަށުގައި އަތްފުނާއެޅި އިރުވެސް ހުސެއިނުގެ އެއްވެސް ނިޝާނެއްވެސް ނުފެނުނެވެ. މަރިޔަމްފާނަށް ރޮވެންފެށުނެވެ. ފިރިމީހާ ހުސެއިނު ވީނުވީއެއް ނޭނގި ގެއްލުމުން މަރިޔަމްފާނުހުރީ ހިތްހުއްޓޭވަރުވެފައެވެ. އަތޮޅުގެ ފުލުހުންނާއި ރައްޔިތުން ނުކުމެ ހުސެއިނު ހޯދަން މަސައްކަތްކުރިއެވެ. އެހެނަސް ހުސެއިނު ފެންނަގޮތެއް ނުވިއެވެ.
ހަމަސްދުވަހަށް މުޅި އަތޮޅާއި ކަނޑާއި ފަޅުރަށްތައް ބެލި ބެލުމުންވެސް ހުސެއިނު ނުފެނުނެވެ. މަރިޔަމްފާނު އަޑުން އަޑުނަގައި ރުޔެވެ. ދެދަރިންނާއި އެކު މުޅިދުނިޔެއަަށް ގިނަވެއްޖެކަމުގެ އިހުސާސްކުރެވުމުންނެވެ. ހުސެއިނު އެންމެފަހުން ދައްކާފައިވާ ވާހަކަތައް ހަނދާންވުމުން މަރިޔަމްފާނުގެ ލޮލުން ކަރުނައައެެވެ. މުއްސަނދި ނޫންނަމަވެސް އުޅެމުންއައި އުފާވެރި ދިރިއުޅުން ސިކުންތުކޮޅެއްގެ ތެރޭގައި ވަޔަށް ބުރައިގެން ދިޔައީތީއެވެ. ހުސެއިނު ހޯދަން ކުރިހައި މަސައްކަތެއްވީ ނާކާމިޔާ ބެވެ. އެހެންކަމުން ހުސެއިނު ގެއްލި ނިޔާވީކަމަށް ނިއްމައި ހުސެއިނު ހޯދަންކުރި މަސައްކަތްތައް ހުއްޓާލިއެވެ.
މަރިޔަމްފާނުގެ މަންމަގެ އެހީތެރިކަމާއި މަދަދާއެކު މަރިޔަމްފާނު ދެދަރިން ބަލައިބޮޑުކުރިއެވެ. ޔަޝްވިންއާއި އަތީޝްއަަށް އުނިވެފައިވީ ބައްޕައެއްގެ ލޯބިދިނީ އެކުދިންގެ ކާފަ މުހައްމަދު ގާސިމެވެ. ޔަޝިވިން މަރިޔަމްފާނު ގާތުގައި ބައްޕަ ކޮބައިތޯ އަހައެވެ. ނަމަވެސް ކޮންމެވެސް އެހެން ވާހަކައެއް ދައްކައި މަރިޔަމްފާނު ވާހަކަ އޮޅުވައިލައެވެ. ބައްޕަގެ ނެތިވެދިޔުން ޔަޝްވިންއަށް ކިޔައިދޭނެ ހިތްވަރެއް މަރިޔަމްފާނު ގަޔަކު ނެތީއެވެ. ދަރިފުޅު ވާނެ ދެރަޔާއި ހިތައްކުރާނެއަސަރު މަރިޔަމްފާނަށް އެނގޭމެއެވެ.
ކޮޓަރީގައި އޮތް ފޮޓޯ އަލްބަމެއް ބަލަމުންދަނިކޮށް ޔަޝްވިންއަށް މުސްކުޅި ފުރައިގެ ފިރިހެނެއް ބަޑިޔާއެއް ނަގައިގެންހުރި ފޮޓޯއެއް ފެނުނެވެ. އެފޮޓޯގަނޑު އަލްބަމްއިން ނަގައިގެން ގޮސް ޔަޝްވިން އެފޮޓޯ އޭނަގެ މާމައަށް ދެއްކިއެވެ. “މާމާ މިފޮޓޯގަ މީކާކުތަ? ޔަޝްވިން އަށް ނޭނގުނު މީ ކާކުކަމެއް” ޔަޝްވިންގެ ސުވާލަށް އައިމިނަދައިތަ ޖަވާ ބުދިނެވެ. ” ދަރިފުޅާ ތީ ދަރިފުޅުގެ ބައްޕަ.. ދަރިފުޅު ވިހައިގެން ތިންމަހުގައި ދަރިފުޅުގެ ބައްޕަ މަސްވެރިކަން ކުރަން ގޮސްފައި ވީނުވީއެއް ނޭނގި ގެއްލުނީ. ދަރިފުޅުގެ ބައްޕަޔަކީ މަސްވެރިޔެއް. ދަރިފުޅުދެކެ ވަރަށް ލޯބިވާނެ ބައްޕަ.”ޔަޝްވިންއަށް އައިމިނަދައިތަ އޮޅުންފިލުވައިދިނެވެ.
ޔަޝްވިންގެ ލޮލުން ކަރުނައައެވެ. ބައްޕަ ދުނިޔޭގައި ހުރިނަމަ ކޮންފަދަހޭ ޔަޝްވިންގެ ހިތައް އެވަގުތު އެރިއެވެ. ސުކޫލުގައި ބައްޕަޔާއި ބެހޭގޮތުން އެއްޗެއް ލިޔަން ނޫނީ ކިޔަންދޭ ދުވަހަކީ ޔަޝްވިންއަށް ހިތާމަވެރި ދުވަހެކެެެވެ. އެހެންކުދިން ފަހުރުވެރިކަމާއި އުފަލާއެކު ބައްޕަޔާއެކު ކުރާމަޖާ ކަންތައްތަކާއި ބައްޕަ ކޮއްދޭކަންތައްތައް ކިޔާދޭއިރު އަމިއްލަ ނަސީބާއިމެދު ހިތާމަކުރެވެއެވެ. ދެރަވެއެވެ. ލޮލުން ކަރުނަ އާދެއެވެ. ބައްޕަ ހުރިނަމަ ޔަޝްވިންއަށްވެސް ވަރަށް އުފަލުން ބައްޕަގެ ވާހަކަ ކިޔައިދެވޭނެއެވެ. އެހެނަސް ބައްޕައެއް ނެތެވެ.
ޔަޝްވިންއަށް ބައްޕައެއްގެ އަޅާލުންދިން ކާފަވެސް ކުއްލި ގޮތަކަށް މިދުނިޔެ ދޫކުރީއެވެ. ހިތާމަޔަކަށްފަހު ހިތާމަޔެކެވެ. އެހެނަސް ޔަޝްވިން ކެތްތެރިވިއެވެ. ޔަޝްވިންގެ އުމުރުން މިހާރު ސައުވީސް އަހަރު ފުރިއްޖެއެވެ. އެހެނަސް ބައްޕަގެ ލޮތްބާއި އަޅާލުން އެކުގައި އުޅޭ ރައްޓެހިންނަށް ލިބޭތަން ފެންނަ ހިނދު ލޮލުން ކަރުނަ ނައިނަމަވެސް ހިތުން ގިސްލާރޮވެއެވެ. އެހެންކުދިން ފަދައިން ބައްޕަޔާއެކު ސަކަރާތްޖަހާ ހީނސަމާސާ ކުރަން ޔަޝްވިންގެ ހިތްވެސް އެދެއެވެ. އެހެން ކުދިން ފަދައިން ބައްޕަގެ ކޮނޑުގައި ބޯއަޅައި ދުވަސްދިޔަގޮތް ކިޔައިދޭން ބޭނުމެވެ. ލޯބިން ބައްދައިލަން ބޭނުމެވެ.ބައްޕަޔާއެކު މޫދަށްދާން ބޭނުމެވެ. ބައްޕަޔާއެކު ވަގުތު ހޭދަކުރަން ބޭނުމެވެ.އެހެނަސް ޔަޝްވިންއަށް މިދުނިޔެއިން އެ ނަސީބެއް ލިބުމެއްނެތެވެ. އެހެނަސް ޔަޝްވިންގެ އެއްވެސް ށަކުވާއެއްނެތެވެ. މާތްﷲ މިންވަރު ކުރެއްވި ގޮތަކަށް ޔަޝްވިން ހުންނާނީ ރުހިގެންނެވެ. ޔަޝްވިންގެ ދުޢާއަކީ މިދުނިޔެއިން އުނިވި ބައްޕައެއްގެ ލޯބި ޖަންނަތުން ލިބިގެންދިޔުމެވެ.
ނިމުނީ
7 Comments!
Comments are closed.


varah reethi maasha alaah ??
ThanQ?
Reethi
ThanQ Lam’aa?
wow Athifa, this is classic!!
i love it,
mikahala vaahaka ehh varah madhu mihaaru
genesdheefa hunna gothun heevanii aslu henn, varah reethi Maa Shaa Allah
Awwwn ThankYou Dear
It means a lot!?
Wow?Athifa,this classic,I LOVE IT ??????? masha Allah ?