Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ފާރަވެރިޔާ 2

Ummu adh Level 1
August 21, 2020 5 Mins Read
2 Comments

އަލާނިޔާ ދޭ މުނިޔާއަށް ބުއްތަށި ދޭން… މިހާރު ކޮޓަރި އޮންނާނީ އެފުށް މިފުށައް ޖަހާފައި ކަންނޭނގެ..” އަލާނިޔާ އަވަހަށް އެތަނުން ފޮނުވާލުމުގެ މަޤްސަދުގައި މާކިލް ބުންޏެވެ. އެހެންކަމުން އަލާނިޔާވެސް އިތުރު ބަހެއް ނުބުނެ ބުއްތަށި ހިފައިގެން ކޮޓަރިއާއި ދިމާއަށް ދިޔައެވެ. އަދީރު އެތަނުން ދިޔުމާއި އެކު ލިބުނު ހިތްހަމަނުޖެހުމުގައި ހަމީމްވެސް އިންތަނުން ތެދުވެގެން ދިޔައީ ސައިވެސް ބުއިމެއް ނެތިއެވެ.

ރޫބީ އާންމުކޮށް ކާރުޕާކު ކުރާ ތަނުގައި ޕާކު ކޮށްލިއެވެ. ކާރުން ފައިބައިގެން މާދުރުނޫން ހިސާބެއްގައި ހުރި ކްލިނިކާއި ދިމާއަށް ދިޔައީ ހިނގާލާފައެވެ. އަދީރު ކީ އެއްޗެހި އަދިވެސް ރޫބީގެ ކަންފަތުގައި ހަރުލާފައިވާ ކަހަލައެވެ.

ކްލިނިކާއި އަރާ ހަމަވުމަށްފަހު ހަތަރުބުރީގެ އެބިލްޑިންގަށް ރޫބީގެ ނަޒަރު ހިންގާލެވުނެވެ. އެތަނަކީ ރޫބީ އޭނާގެ މަންމައާއި އެކު ކުޑައިރުގެ ހަދަންތަކާއި ގުޅިފައިވާ އޭނާގެ މަންމަ ރަހުމާގެ ގެއެވެ. ރަހުމާގެ މައިންބަފައިން މަރުވުމަށްފަހު ހަތަރުބުރީގެ އެގޭގެ މިލްކުވެރިޔަކަށް ވެފައިވަނީ ރަހުމާއާއި އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮ ރިޔާޝާއެވެ. އެންމެ މަތީ ދެފްލޯރ ނެގީ ރިޔާޝާއެވެ. ހަވަރަކަށް އަހަރުކުރިން ރަހުމާ އެދިޔަތަނަކަށް ދިއުމުގެ ކުރިން ދިޔައީ އޭނާގެ މިލްކުވެރިކަމުގެ ދަށުގައިވާ ތިރީ ދެފްލޯރ ރުހާން އާއި ރޫބީގެ ނަން މައްޗަށް ބަދަލުކޮށްފައެވެ. އެންމެ ތިރީގައި ރޫބީގެ ހިޖާމާ ކްލިނިކް ހުރިއިރު ފުރަތަމަ ފްލޯރ ރުހާން ވަނީ ކުއްޔަށް ދީފައެވެ.

އެގެއަށް ވަދެވެން ހުންނަ ދޮރުން ނިކުމެގެން އައި ލިވިއާ އަށް ގެއާއި ދިމާއަށް ބަލަހައްޓައިގެން ހުރި ރޫބީ ފެނުނެނެވެ. ރޫބީއާއި އެއްގޮތަކަށް ހެދުން އަޅާފައި ހުންނަ ލިވިއާއަކީ ރޫބީގެ ބޮޑުދައިތަގެ ދޮށީ އަންހެންދަރީގެ އިތުރުން ރޫބީގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އެކްލިނިކުގައި ރޫބީއާއި އެކު މަސައްކަތްކުރާ ތެރަޕިސްޓެއްވެސްމެއެވެ.

” ރޫބީ.. ކިހިނެއްވެފަތަ ނުވަދެ ތިހުންނަނީ… ދުވަހަކު ނުފެންނަ ތަނަކީތަ ތިވަރަށް ތިބަލަނީ” ރޫބީ ކައިރިއަށް އައިސް ހުއްޓެމުން ސަމާސާ އެކުލެވިގެން ރާގެއްގައި ލިވިއާ ބުންޏެވެ. ރޫބީ ފުންނޭވައެއް ދޫކޮށްލަމުން ލިވިއާ އާއި ދިމާއަށް ބަލާލިއެވެ. ރޫބީގެ ދެލޯފެނި އޭނާގެ އިހުސާސްތައް ލިވިއާ އަށް ދެނެގަނެވުނެވެ. ރޫބީ ހުރީ ކޮންމެވެސް ކަމަކާއި ވަރަށް ދެރަވެފައިކަން ލިވިއާ އަށް އެނގުނެވެ.

” ކިހިނެއްވީ ރޫބީ..؟ ތަންޒީލާ އެއްޗެކޭ ބުނީތަ..؟ ނޫނީ އެމިކާލް ކަމެއްކުރީތަ…؟” ” ރޫބީގެ ކޮނޑުގައި އަތް ބާއްވާލަމުން ލިވިއާ އަހާލިއެވެ. ލިވިއާގެ އޯގާތެރިކަން ފެނި ރޫބީގެ ކެތްތެރިކަން ކޮޅުންލިއެވެ. މިވީހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އޮހޮރިގަތީ ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ. ލިވިއާ އަވަސްއަވަހަށް ރޫބީގެ އަތުގައި ހިފައިގެން ގޮސްވަނީ އެގޭގެ ދޮރޯށި ތެރެއަށެވެ.

” ތަންޒީލާއާއި މިކާލްއެއް ނޫނޭ ލިވީ.. އެދެމީހުން ކޮންމެ އެއްޗެއް ކިޔަސް ކޮންމެ ކަމެއް ކުރިޔަސް އަހަރެން ކަނބޮޑެއްނުވޭ… ދެރައެއްވެސް ނުވޭ… އަހަރެން ދެރަވަނީ އަހަރެންގެ އުފަން ބައްޕަ އަހަންނާއި މެދު ކަންތައްކުރާގޮތުން.. ބައްޕަ އަހަންނާއި އަދި މަންމައާއި ދިމާއަށް ކިޔާ އިހާނެތި ބަސްތަކުން.. ވިސްނާލަބަލަ ލިވީ.. އަހަރެންގެ ބައްޕަ އަހަރެންދެކެ މިހާ ރުޅިއެއް އަންނަނީ އަހަރެން ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބޯލަނބާއި ޤުރުއާނާއި ސުންނަތުގައިވާ ގޮތަށް އުޅޭތީ… މިކާލްވެސް އަހަންނާއި ދޭތެރޭ އެގޮތަށް ކަންތައްކުރަންފެށީ އަހަރެން މިގޮތަށް ހެދުން އަޅަން ފެށިގޮތުން.. ނޭނގިނަމަވެސް އެމީހުންނަށް އެރުޅިއާދެވެނީ އެމީހުން ހެއްދެވިފަރާތްދެކެ ކަން އެމީހުންނަށް ނުވިސްނެނީ ކީއްވެތަ.. އަހަރެން އެންމެ ދެރަވަނީ ހިދާޔަތް ލިބުމެއްނެތި އަހަރެންގެ ބައްޕަ މިދުނިޔެއާއި ވަކިވެ ގޮސްދާނެތީ… ” ރޫބީ ރޮމުން ރޮމުން ވާހަކަދެއްކިއެވެ.

 

” ރޫބީއާއި މެދު ނުވިސްނާ ބަޔަކާ ދޭތެރޭގައި ރޫބީ ތިހާވަރަށް ވިސްނާނެކަމެއް ނެތް.. އެމީހުންގެ ފާފަތަކަށް ދުނިޔެމަތީގައި އެމީހުން ތަޢުބާ ނުވެއްޖެނަމަ އާޙިރަތުގައި އޭގެ އަޛާބު އެމީހުންނަށް ލިބޭނެ.. އެމީހުން ކުރާ ފާފައެއްގެ އަޛާބު ރޫބީއަށް އުފުލާކަށް ނުޖެހޭނެ.. ޤުރުއާނުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވޭ އެއްވެސް ފާފަވެރި ނަފްސެއް އެހެން ނަފްސެއްގެ ފާފަ އުފުލާކަށް ނުޖެހޭނެ ކަމަށް.. މިހާރު އަހަރެން ރޫބީ ކައިރީގައި ކިތައް ދުވަހު ބުނެފިންތަ ތިގެއިން ނިކުމެގެން އަހަރުމެންގެއަށް އަންނާށޭ.. އަހަރުމެން ގެޔަށް ނާންނަންޔާ ކޮންމެސް އެހެން ތަނަކަށް ދާށޭ.. ﷲ ތަޢާލާ އިރާދަކުރެއްވީތީ އަމިއްލައަށް އެކަނިން ދިރިއުޅެވޭވަރުގެ ތަނަވަސްކަމެއް ރޫބީއަށް ލިބިފަވަނީ” ހިތްހަމަނުޖެހިފައި ލިވިއާއަށް ކިޔާލެވުނެވެ.

…………………………………………………………….

ކީރިތި ޤުރުއާނުގައި ﷲ ތައާލާ ވަހީ ކުރައްވާފައިވެއެވެ.

وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَى ( 17:15)

މާނައީ: އަދި ފާފަވެރި އެއްވެސް ނަފްސެއް އެހެން ނަފްސެއްގެ ފާފައެއް ނުއުފުލާނެތެވެ.

މާނައަކީ އެކަކު ކުރާ ފާފައެއް އަނެކަކު އުފުލަން ނުޖެހޭނެވާހަކައެވެ. އެމީހަކު ކުރާ ފާފައެއްގެ އަޛާބު އެމީހަކު ނޫން އެހެންމީހަކަށް ނުލިބޭނެއެވެ. އެފާފައެއްގެ އަޛާބު ލިބޭނީ އެފާފައެއް ކުރި މީހަކަށެވެ. ނޫނީ އެހެންމީހަކު ލައްވާ ފާފައެއް ކުރުވައިފިނަމަ އެމީހާކުރި ފާފައިން ބައެއްވެސް އެފާފަ ކުރުވި މީހާ އުފުލަން ޖެހޭނެތެވެ. އަންނަނިވި އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

 

وَإِن تَدْعُ مُثْقَلَةٌ إِلَىٰ حِمْلِهَا لَا يُحْمَلْ مِنْهُ شَيْءٌ كَانَ ذَا قُرْبَىٰ  ( 35:18)

މާނައީ: އަދި ފާފައިން ބަރުވެފައިވާ ނަފްސެއް، އެއުފުލުމަށް ( އެހެން ފަރާތަކަށް) ގޮވިޔަސް،  އެއީ ގާތްތިމާގެ އަޙުލުވެރިއެއް ކަމުގައިވިޔަސް އެއިން ހަމަ އެކައްޗެއްވެސް ނުއުފުލުނޭނެތެވެ.

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًا مَّعَ أَثْقَالِهِمْ   ( 29:13)

މާނައީ: އަދި ހަމަކަށަވަރުން އެއުރެންގެ އަމިއްލަ ނަފްސުގެ ފާފަތަކާއި އަދި އަމިއްލަ ފާފަތަކާއި އެކު އެއުރެން މަގުފުރެއްދި މީހުންގެވެސް ފާފަތައް އެއުރެން އުފުލާނެތެވެ.

އަދިވެސް ﷲ ތަޢާލާ ވަޙިކުރައްވާފައިވެއެވެ.

 وَمِن أَوزارِ الَّذينَ يُضِلّونَهُم بِغَيرِ عِلمٍ ( 16:25)

މާނައީ: އެނގުމެއްނެތި އެއުރެން މަގުފުރައްދާ މީހުންގެ ކުށްތަކުގެ ތެރެއިން ބައެއް ( އެއުރެން އުފުލުމަށްޓަކައި) ވެސްމެއެވެ.

……………………………………………………………………….

” އަހަރެން ބައްޕަ ދޫކޮށްލާފައި ދާކަށް ބޭނުމެއްނޫން… ބައްޕަ އަހަންނާއި މެދު ކޮންމެ ގޮތަކަށް ކަންތައްކުރިޔަސް އަހަރެން ބައްޕައާއި ދޭތެރޭ އިހާނެތިކޮށް ކަންތަކެއް ނުކުރާނަން… އަހަރެން ބޭނުމީ އެގޭގައި ހުރެގެން މަންމަގެ ކުށެއް ނެތްކަން އެމީހުންނަށް އަންގައިދޭން.. އަދި އަހަރެންގެ ބައްޕައަށް ވިސްނައިދޭން…” ރޫބީ ބުންޏެވެ.

” ތިއުއްމީދުގައި ހުންނަތާ މިހާރު އަށް އަހަރަށްވުރެ ގިނަދުވަސްވެއްޖެ… އެކަމަކު އެއިން މީހަކަށް ވިސްނުނުތަ… އަހަންނަށް ފެންނަނީ ބޮޑުދައިތަ ވީތަނެއް ހޯދައިގެން ރޫބީ ބޮޑުދައިތަ ކައިރިއަށް ދާން… ” ލިވިއާ ރޫބީގެ ކޮނޑުގައި އަތް އަޅާލަމުން ބުންޏެވެ.

” ދެން މިތާ ހުންނަން ނަހަދާ ހިނގާ ކްލިނިކަށް… މިހާރު ބައެއް ކްލއިންޓުންވެސް އައިސް ތިބޭނީ… މިއަދަށް އެބަހުރި ފަންސާހަކަށް އެޕޮއިންޓްމެންޓްސް.. އިރުއޮއްސެންވާއިރަށް ނޭނގެ ނިމޭނެ ކަމެއްވެސް..” ރޫބީގެ އަތުގައި ހިފައިގެން ކްލިނިކާއި ދިމާއަށް ހިނގައިގަންނަމުން ލިވިއާ ބުންޏެވެ.

އެތާތިބި ހުރިހާ ތެރަޕިސްޓުންގެ ބުރަ މަސައްކަތާއި އެކު، ފަހެއް ޖެހުމުގެ ކުރިން، އެތަނަށް އައިސް ތިބި ހުރިހާ ކްލއިންޓުންނަށް ހިދުމަތްދީ ނިންމާލެވުނެވެ. ރޫބީއާއި ލިވިއާ ފިޔަވައި އެހެން ހުރިހާ މުވައްޒަފުން ގެޔަށް ފޮނުވާލުމަށްފަހު، އެމީހުން އެދުވަހުގެ ހިސާބު ނިންމުމުގައި އުޅުނެވެ. ލިވިއާ ފައިސާގެ ނޫޓުތައް ގުނަމުން ދިޔައިރު ރޫބީ ސިސްޓަމުން ނިންމަންޖެހޭ ކަންކަން ނިންމަމުން ދިޔައެވެ.

” އަހަރެންމީ ރޫބީ ނަމަ ތަންޒީލާއާއި މިކާލްއަށް ދުނިޔޭގެ ދެކޮޅު ދައްކާލީމުސް.. ހާދަ ފޫހިވާ ބައެކޭ… އަދި ލަދެއްވެސް ނުގަނެއޭ ދޯ ބޮޑުބެގެ ތައްޕާހުގަ އުޅެމުން އެގޮތަށް އުޅެން..” ލިވިއާ ބުންޏެވެ.

” ތިހެން ނުބުނެ ލިވީ… އެގެއަކީ ބައްޕަގެ ގެއަކަށްވިޔަސް އެގެ ހެދުމަށާއި އެގޭގެ ކަންކަމަށް ކުޑަބެއާއި މާކިލް ދޮންބެވެސް ހަރަދުކުރޭ… ހުރިހާ ބިލްތަކާއިވެސް ހަވާލުވެގެން ތިބެނީ އެދެމީހުން.. ބިލްތައްވެސް ވަކި ކުޑައެއްނުވާނެ.. ގޭގަ އަހަރެންގެ ކޮޓަރިނުލާ ފަސްކޮޓަރި ހުންނައިރު ދެން ވިސްނާލަބަލަ ބިލްތައް ބޮޑުވާނެ ވަރު” ރޫބީ ބުންޏެވެ.

” އެވަރުންވެސް އެމިކާލް ނުކުރެއެއްނު މަސައްކަތެއް… ބޮޑުފިރިހެނެއް އެހުންނަނީ މަސައްކަތެއްނުކޮށް.. ތަންޒީލާވެސް ކައިކައިގެން ގޭގެ ވެޑުވިފަ އޮތުން ނޫން ކަމެއް ނުކުރޭ… ” ލިވިއާ ބުނިގޮތުން ރޫބީ ކައިރިއަށް ހިނިއައެއް ކަމަކު ހިނިގަނޑު އެތެރެއަށް ހިނދާލިއެވެ.

” ހާދަ ވަރަކަށޭ މިކާލްގެ ވާހަކަ ތިދައްކަނީ… އަސަރެއް ކުރަނީތަ….” ސަމާސާކަން އެކުލެވިފައިވާ ރާގެއްގައި ރޫބީ ބުންޏެވެ.

” އޯވްހް ޕްލީޒް.. ތީ މާޒީ.. އަހަރެން މިހާރު ތިކަހަލަ އެއްޗެއް ހިތަކަށްވެސް ނާރާ” ލވިއާ ފަރުވާކުޑަގޮތަކަށް ބުނެލިނަމަވެސް ހިތް އެބުނި އެއްޗަކާއި މުޅިން ދެކޮޅުވި ކަހަލަ އިހުސާސެއް ކުރެވިގެން ދިޔައެވެ.

ރޫބީ ގެއަށް ދިޔައީ ބޮޑުދައިތަ ރިޔާޝާގެ ގެއިން ހަވީރުގެ ސައިބޮއެ އެގެއިން މަޣްރިބު ނަމާދާއި އިޝާނަމާދުވެސް ކޮށްގެންނެވެ. ރޫބީއަށް ގެއަށް ވަދެވުނުއިރު އަށެއްޖަހަން ކައިރިވަނީއެވެ. ގޭގެ ދޮރުހުޅުވާލައި ދެކޮޅު ބަލާލިއިރު ސޯފާގައި ފުޓުބޯޅަމެޗެއް ބަލަން އިން މިކާލް ފިޔަވައި އިތުރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ރޫބީ މިކާލްއަށް ބަލާވެސްނުލާ ސިޑިން އަރައިގެން ދާން އުޅުނު ވަގުތު މިކާލްގެ އަޑުއިވި ހުއްޓުނެވެ.

” ކޮބާ މިރޭ ރުއްތަށް ދަށައް ނުގޮސް ތިއައީ ކީއްވެ… ބޮޑުބައްޕަ ދެކެ ބިރުން ދޯ.. ހެހެހެ..” މަލާމާތް އެކުލެވިފައިވާ ރާގެއްގައި މިކާލް ބުންޏެވެ. ރޫބީގެ ދަތްތަކަށް ބާރުވެ މުށްބާރުވެގެން ދިޔައީ އައި ރުޅިއެއްގެ ސަބަބުންނެވެ. ސިޑިން އަރައިގެން ދިއުމުގެ ބަދަލުގައި އެނބުރި މިކާލް ކައިރިއަށް ގޮސް ހުއްޓުނު އިރު ރޫބީގެ ދެލޮލުން އަލިފާންކަނި ބުރާ ކަހަލައެވެ.

” އަހަންނަކީ މިކާލް އެއް ނޫނޭ.. ތިގޮތަށް މޫނު ބުރުގާ އަޅާފައި ހުރި ކޮންމެ މީހަކީ ރޫބީއަށް ވާންވެއްޖިއްޔާ މިއޮއް ބޮޑު މާލެއިންވެސް ހާދަ ގިނަ ރޫބީއެއް ފެންނާނޭ… މީހުންނާ ބެހޭގޮތުން އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތަކެއް ފަތުރާއިރު އެއީ ކިހާ ބޮޑު ފާފައެއްކަން މިކާލްއަށް އެނގޭތަ.. ” ރޫބީއަށް ފައްޗަކަށް އަމުނާލެވުނެވެ.

” އަހަރެން ދެއްކީ ދޮގުވާހަކައެއް ނޫން… އެތާ ރުއްތަށް ދަށުން މޫނުބުރުގާ އަޅާފައި ހުރި އަންހެނަކު އަހަރެން ދުށިން.. އެމީހާއާއި ރޫބީއާއި ހަމައެއްވެސް ތަފާތެއް ނެތް… ކޮންމެ މީހަކުވެސް މާ ރަނގަޅު މީހަކަށްވާން ވެގެން މޫނު ބޮޑު ފޮތިގަނޑަކުން ފޮރުވައިގެން އުޅެނީ އޭގެ ފަހަތުގައި ކުރާ ނުބައި ހަޑުމުޑުދާރު އަމަލުތައް ފޮރުވަން ވެގެން.. ރޫބީގެ މަންމަވެސް އުޅުނީ އެހެނެއްނު.. ހެހެހެހ…” މިކާލްގެ ފަހު ޖުމްލައާއި އެކު ރޫބީގެ ރުޅިގަނޑު އިހުނަށްވުރެ ގަދަވިއެވެ.

” ހަބަރުދާރު މިކާލް.. އަހަރެންގެ މަންމައޭ ކިޔާފަ ދެން އެންމެ ލަފްޒެއްވެސް ތިމުޑުދާރު ދުލުން ބުންޏަސް ކުޅިދައްކާލާނަން… މިކާލް ހަނދާންނެތުނީތަ.. އަހަރެންގެ މަންމައަށް މިކާލް ކިޔައި އުޅުނީ ބޮޑުމަންމަ… އަހަރެންގެ މަންމަ މިކާލް ގެންގުޅުނީ ކިހާ ލޯބިން.. މިކާލް އަކީ މަންމަގެ ނުއުފަން ދަރިއެއް ފަދަ… އެކަމަކު މިއަދު މަންމައޭ ކިޔައިގެން މިކާލް ތިދެއްކި ވާހަކައާއި މެދު ވިސްނާލަބަލަ.. ލަދެއްގެ ކަންފުޅެއްވެސް ނެތެއްނު…” ރޫބީގެ އަޑުބާރުވެގެން ދިޔައެވެ. މިކާލްއަށް ދެކޮޅު ބަލާލެވުނީ މީހަކަށް އަޑުއިވުނުތޯއެވެ.

” ކާކަށް އިއްވަން ތިހަޅޭއްލަވަނީ.. އަހަރެން ބިރުގަންނަންވަންތަ.. ” ރިމޯޓް ސޯފާ މައްޗަށް އެއްލާލުމަށްފަހު އިންތަނުން ތެދުވަމުން މިކާލް ބުންޏެވެ.

” މިކާލް ކީއްވެތަ އަހަންނާއި މެދު ތިގޮތަށް ތިދެކެނީ.. ޔޫ ވަރ ލައިކް އަ ބްރަދަރ ޓު މީ.. މިހާރު އެކަމަކު އަހަރެންނަކީ މިކާލްގެ ދުޝްމިނެއްފަދަ… އަހަރުމެން ކިހާ އެކުވެރިކޮށް އުޅުނީ … މިކާލްގެ މަންމަ އަހަންނާއި ދިމާއަށް އެއްޗެއް ބުންޏަސް އަހަރެން ދިފާޢުކޮށްދޭން އެންމެ ފުރަތަމަވެސް އަންނާނީ މިކާލް.. އަހަރެންގެ ކުށަކީ އަހަރެން މިގޮތަށް ހެދުން އެޅުންތަ.. ” ރޫބީގެ އަޑު ކުރެހިގެން ދިޔައެވެ.

” ބަދަލެއް އައީ އަހަންނަކަށް ނޫން ރޫބީއަށް… ތީ އޭރުގެ ރޫބީއެއްނޫން.. ދެބެންގެދެދަރި ކަމުގެ ގުޅުމަށްވުރެ އަހަރުމެންގެ އޮތީ ގާތް ރަޙުމަތްތެރިކަމުގެ ގުޅުން… އެގުޅުން ކަނޑާލީ ހުދު ރޫބީ… އަހަރެންގެ މުޅި ހަޔާތް ބަދަލުވެގެން ދިޔައީ ރޫބީގެ ސަބަބުން.. ރޫބީ އަހަރެންގެ ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ނިގުޅައިގަތީ.. އެކަމަކަށް އަހަރެން ދުވަހަކުވެސް ރޫބިއަކަށް މާފެއް ނުކުރާނަން.. ” މިކާލް ބުނާނެއް އެއްޗެއް ބުނުމަށްފަހު އެންމެ ހިނދުކޮޅަކަށްވެސް މަޑުނުކޮށް އެތަނުން ދިއުމަށް ހިނގައިގަތެވެ. ރޫބީއަށް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ވޭތުވެދިޔަ އަށްއަހަރު ތެރޭގައި މިކާލް އެފަދަ އެއްޗެއް ބުނި މީ ފުރަތަމަފަހަރެވެ. މިކާލްގެ ދިރިއުޅުން ރޫބީއަށް ހަލާކުކޮށްލެވުނީ ކިހިނެއްކަމެއް ހުދު ރޫބީއަށްވެސް ނޭނގޭކަހަލައެވެ.

ފެންވަރާލައިގެން ނިކުތް އިރު އެނދުކައިރީގައި ބެހެއްޓިފައި ހުރި ކުޑަ ކަބަޑުމަތީގައި ހޫނު އާވިއަރަމުން ދިޔަ ނޫޑްލްސް ތައްޓެއް ހުއްޓެވެ. އަލާނިޔާގެ ކަމެއްކަން އެނގުމާއިއެކު ރޫބީއަށް ހިނިތުންވެލެވުނެވެ. ތުވާލި ހަރުގައި އަޅުވާލުމަށްފަހު އޭސީ ނިއްވާލީ އެވަސް ކޮޓަރީގައި ހަރުލަފާނެތީއެވެ. އެއަށްފަހު ގޯތިތެރެއަށް ހުންނަ ކުޑަދޮރުހުޅުވާލިއެވެ. އެތަނުގައި ރޫބީ އިންދާފައިވާ އެކި ކަހަލަ ގަސްތަކަށް ބަލާލީ ގަސްތައް ހެދެމުން އަންނަ ގޮތާއި މެދު ހިތްހަމަޖެހި ހުރެއެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތި އެތަނަށް ބަލަހައްޓައިގެން ހުރެވުނީ ގޭގެ އެފަރާތަށް ނިކުންނަން ހުންނަ ދޮރު ރޫބީނޫން އެހެންމީހަކަށް ނުހުޅުވޭނެކަން އެނގޭތީއެވެ. ފަޅޯގަހާއި ދިމާއަށް ބަލާލިވަގުތު އެތަނުން މީހެއްގެ ހިލަންވެ ރޫބީ ގައިން ހީބިގި ނަގައިގެން ދިޔައެވެ. އެމީހަކު މައްޗަށް ބަލާލިހެން ހީވުމާއި އެކު ރޫބީއަށް އަވަސްއަވަހަށް އެތެރެއަށް ދެމި ގަނެވުނެވެ.

-ނުނިމޭ

Share Article

Follow Me Written By

Ummu adh

Level 1

Other Articles

Previous

އަލްވަދާޢު-4

Next

ނުފިލާނޭ މިހިތަކުން… 28

Next
August 21, 2020

ނުފިލާނޭ މިހިތަކުން… 28

Previews
August 21, 2020

އަލްވަދާޢު-4

2 Comments!

  1. Fathima says:
    August 22, 2020 at 10:01 am

    masha allah vrh reethi…avahah up kohdhehchey???

    1. Ummu adh says:
      August 22, 2020 at 12:38 pm

      Jazakillah khairan fathima ❤️

Comments are closed.



All Right Reserved!