ޮލޯބި ވީމެވެ. އެހެނަސް…..
މެންދަމުގެ ހަމަހިމޭން ވަގުތެވެ. ދެފަރާތް ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އަހަރެން އޮތްއިރު އަހަރެންގެ ލޮލުން ނިދީގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އެހެން އޮއްވާ ކުއްލިއަކަށް ވަރަށް ބޯކޮށް ވާރޭ ވެހެން ފެށިއެވެ. ވާރޭ ބޯކުރަމުން ގޮސް ކުއްލިއަކަށް ވިދާލި ވިދުވަރާއި އެކު މުޅި ކޮޓަރިތެރެއަށް ދިޔައީ އަަލި އެޅިގެންނެވެ. ވިދުވަރުގެ އަލި ނުކެނޑެނީސް ޖަހާލި ހޮނު ގުގުރިން ހީވީ މީހާގެ ދެކަންފަތުގެ ތޫރި ފަޅައިގެން ދިޔަހެންނެވެ. އެވަގުތު އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. ހިތަށް ބިރުވެރިކަން ވަންނާން ފެށިއެވެ. އެކަމަކު ކުރާނީ ކީއް ހެއްޔެވެ؟؟ ކިތަންމެ ބިރުގަތަސް ޖެހޭނީ ހަމަ ކެތްކުރާށެވެ. ކެތްކުރުން ނޫންގޮތެއް މިއަދަކު އަހަންނަކަށް ނެތެވެ. މިއަދަކު ހިމާޔަތްދޭން އަންނާނެ އެކަކުވެސް ނެތެވެ. ހިމާޔަތްދޭން ހުރި މީހާވެސް އަހަރެން ދޫކޮށް ދިޔައީ ޚުދު އަހަރެންގެ އަމިއްލަ ކުށުންނެވެ. އަހަރެންގެ ކިބައިގައި ހުންނަ ގޮތްދޫނުކުރުމުގެ އާދައިގެ ސަބަބުންނެވެ. މިފަދަ އެތަކެއް ޚިޔާލު ތަކެއްގެ ތެރޭގައި އޮއްވާ އަހަންނަށް ނިދުނު އިރެއްވެސް ނޭނގެއެވެ. އޭރުވެސް މެދުކެނޑުމެއްނެތި ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ.
އިރު ދުނިޔޭގެ އުދަރެހުން ހިއްލާލިއިރު އަހަންނަށް އޮތީ ފުން ނިންޖަކުން ނިދާލެވިފައެވެ. ދުވަހުގެ ހެނދުނުގެ ދަންފަޅި އަހަންނަށް ހޭދަކުރެވުނީ ނިދީގެ ފޮނި މީރުކަން ހޯދުމުގަ އެވެ. އެހެން އޮއްވާ އަހަންނަށް ހޭލެވުނީ މެންދުރު ނަމާދު ބަންގީގެ އަޑަށެވެ. ބަންގީގެ އަޑުކެނޑެންދެން އަހަރެން އެނދުމަތީ އޮތީމެވެ. އެހެން އެތަށް އިރަކު އޮތުމަށްފަހު ތެދުވެގެންގޮސް ފާޚާނާޔަށް ވަދެ މޫނު ދޮވެލުމަށްފަހު ކުރިމަތީ ހަރުކޮށްފައި ހުރި ލޯގަނޑަށް ނަޒަރު ހިނގާލީމެވެ. ރޮއެ ރޮއެ ދެލޯވަނީ ރަތްވެފައެވެ. މޫނުމަތި ހުރީ ފޮއްސިވެފައެވެ. ކުރާނީ ދެންފަހެ ކީއް ހެއްޔެވެ؟؟ އަމިއްލަ ނަފްސު ކޮންޓްރޯލު ނުކުރެވުމުގެ ހިތި ނަތީޖާއެވެ. ވަގުތަކީ މެންދުރު ނަމާދު ކަމުން އަހަރެން އަވަސްވެގަތީ ފެންވަރާލައިގެން ނިކުމެ މެންދުރު ނަމާދު ކުރުމަށެވެ.
މެންދުރު ނަމާދުކޮށް ނިމިގެން ވެފައިވާ ބަނޑުހައިހޫނުކަން ފިލުވައިލުމަށްޓަކައި ބަދިގެއާ ދިމާލަށް ދިޔުމަށް މިސްރާބު ޖެހީމެވެ. ކޮޓަރިން ބޭރަށް ނުކުތްއިރު ހީވަނީ ފަޅުގެއެއްގެ ތެރެއަށް ވަދެވުނު ހެންނެވެ. ވާނީވެސް އެހެންތާއެވެ. ތަނުގެ ދިރުންވަނީ އެކީ އެކައްޗަކަށް ނެތި ފަނާވެ ގޮސްފައެވެ. ލޯބިވާ ފިރިމީހާއާއި ދަރިފުޅުވެސް ގެއްލުނީއެވެ. ޙަޔާތުގެ އުފާތަށްވެސް ގެއްލުނީއެވެ. މިހުރިހާ ޚިޔާލުތަކެއް ބޮލުތެރޭގައި އެނބުރެން ފެށުމުން އަނެއްކާވެސް އަހަންނަށް ރޮވޭގޮތް ވިއެވެ. ނަމަވެސް ހިއްވަރު ކޮށްލާފައި ކާއެތިކޮޅެއް ކެވޭތޯ އަހަރެން މަސައްކަތް ފެށީމެވެ. އަނގަޔަށްލީ ފުރަތަމަ އެތިކޮޅުވެސް އަރުގައި ތާށި ވީއެވެ. އެތެރެ ވާގޮތެއް ނުވިއެވެ. އަހަރެންނަށް ކުރިމަތިން ސިފަވަމުން ދިޔައީ އަހަރެންގެ ލޯބިވާ ފިރިމީހާ އާއި އަހަރެންގެ ލޯބި ލޯބި ކުޑަ ކުޑަ ޝާއީއެވެ.
“ޝާއިން…. ޝާއިން…. ދެން ތެދުވެބަލަ… މިހާރު އެއޮއް 7 ޖަހަނީއެވެ… ޝާއިން” އަހަރެން އަހަރެންގެ ފިރިމީހާއަށް އޮފީހަށް ދިޔުމަށްޓަކައި ގޮވަމުން ދިޔައީމެވެ. “ދެން ތިވަރަށް ނުގޮވަބަލަ… މި ހޭލީއޭ…” ކަންނެތް ރާގަކަށް މޯޅިއަކަށް ދެމިލަމުން ޝާއިން ބުނެލިއެވެ. ޝާއިން ހޭލައިގެން ފާޚާނާއަށް ވަނުމުން އަހަރެންގެ ކުޑަކުޑަ ޝާއީ އަށް ގޮވަންފެށީމެވެ. ދަރިފުޅު ނެގިއިރު ޝާއިން ފާހަނައިން ނިކުނަންނީއެވެ. ޝާއީ ގޮަވައިގެން ފާޚާނާއަށް ވަދެ ޝާއީ ފެންވެރުވުމަށްފަހު ނިކުމެ، ސްކޫލަށް ގެންދިޔަުމަށް ތައްޔާރު ކުރީމެވެ. ދެން 3 މީހުން އެއްކޮށް ސައި ބުއިމަށްޓަކައި ކައިގެއަށް ދިޔުމަށް ހިނގައިގަތީމެވެ.
ސައިބޮއި އަވަދި ވީއިރު 8 ޖަހަން 10 މިނިޓަށް ވެއްޖެއެވެ. ދެން އަހަރެން އަވަސްވެގަތީ ގަޑި ޖެހުމުގެ ކުރިއަށް ދެބަފައިން ފޮނުވާލުމަށެވެ. ގެއިން ނުކުމެ ޝާއިން އާއި ޝާއީ ސައިކަލު މައްޗަށް އަރާ ދުއްވާލިއެވެ. އެމީހުންގޮސް މަގުގެ ކޮޅުން ގެއްލެންދެން އަހަރެން ގޭ މައި ދޮރާށި ކުރިމަތީ ބަލަހައްޓައިގެން ހުއްޓި ހުރީމެވެ.
އާދައިގެ މަތިން މެންދުރުގެ ކެއުމަށް އިންސާފު ކުރާނީ 3 މީހުން އެކީގައެވެ. އެހެންކަމުން އަހަރެން މެންދުރުގެ ކެއުމަށް ކޮންމެވެސް ރަނގަޅު ކާ އެއްޗެއް ތައްޔާރު ކުރެވޭތޯ މަސައްކަތް ފެށީމެވެ. ޝާއީ ސްކޫލުން ނިމެނީ 1 ޖަހާއިރު ކަމުން ޝާއިންގެ ބްރޭކު ގަޑިއަށް އަންނަ އިރު ޝާއިން އަންނާނީ ޝާއީ ގޮވައިގެންނެވެ. އެހެންކަމުން ޝާއީގެ ސްކޫލު ކަންތަކަށް އަހަރެން މާ ހާސްވެގެން އުޅޭކަށެއް ނުޖެހޭނެއެވެ.
މެންދުރުން އެނބުރި 1 ގަޑި ބައި ވީއިރުވެސް ޝާއިން އާއި ޝާއީގެ އެއްވެސް ޚަބަރެއް ނުވިއެވެ. އަހަރެންހީކުރީ ޝާއީ ގޮވައިގެން ޝާއިން ފިހާރައަކަށް ދިޔައީކަމަށެވެ. އަނެއްކާވެސް އަހަރެން އިންތިޒާރީގެ ވަގުތު ގުނަން ފެށީމެވެ. އެހެން އިންދާ 2 ޖަހައިފިއެވެ. އަހަރެންގެ ހިތުގެ ތެޅުން އަވަސްވާގޮތް ވިއެވެ. އަވަސް އަވަހަށް ފޯނު ނަގާ ޝާއިން އަށް ގުޅޭތޯ މަސައްކަތް ފެށީމެވެ. ނަމަވެސް ދެ ތިން ފަހަރަކު ގުޅުމަށްފަހު ކުރި މަސައްކަތް ނާކާމިޔާބު ވުމުން އަހަރެންގެ މޭޖެހޭ ގޮތްވިއެވެ. ބޮލު ތެރޭގައި އެތަކެއް ފާޑުފާޑުގެ ޚިޔާލުތަށް އެނބުރެން ފެށިއެވެ.
ޚިޔާލީ ދުނިޔެއިން އަހަންނަށް ބޭރުވެވުނީ ގޭގެ ރަނގަބީލުގެ އަޑު އިވުމުންނެވެ. ދުވެފައި މައި ދޮރާ ދިމާލަށް ދުއްވައިގަނެވުނީ ކާކުތޯ ބަލާށެވެ. ދޮރު ހުޅުވާލުމާއިއެކު އަހަންނަށް ހީވީ އަހަރެން ދިރިހުއްޓާ ވަޅުލި ހެންނެވެ. ކުރިމަތީ އޮތީ އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑެވެ. ދަރިފުޅު ކައިރި މަރުވެފައިވާ މައްޔިތެއް ހުރިހެން ޝާއިން ހުއްޓެވެ. އަހަންނަށް ގަބުވެފައި ހުރެވުނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުންނެވެ. އެހެން އެތަށްއިރަކު އަހަރެންނަށް ހުރެވުނެއެވެ. އަނގައިން ބަސް ހުސްވެފައެވެ. ކުއްލިއަކަށް ބޮލަށް އެރި ތަދަކާއި އެކު އަހަރެންގެ ހޭވެރިކަން ގެއްލުނެވެ.
އަހަރެންނަށް ހޭވެރިކަމެއްވީއިރު އެރޭގެ މެންދަމުން އަލި ވެއްޖެއެވެ. އަހަރެން އޮތީ ރަށު ސިއްޙީ މަރުކަޒުގައެވެ. ކައިރީގައި ހުރީ ޝާއިން އެކަންޏެވެ. ވާނީވެސް އެހެންތާއެވެ. އަހަރެންނާއި ޝާއިންގެ ގުޅުމަކީ ދެ ފަރާތުގެ އާއިލާގެ ވެސް ނުޤަބޫލުގައި ކުރެވުނު ކައިވެންޏެކެވެ. އެހެންކަމުން އަހަރެމެންގެ ކުޑަކުޑަ އާއިލާއަށް ބަލައިލާނެ އެކަކުވެސް ނުހުންނާނެއެވެ.
“ޝާ…. ޝާއި…. ޝާއިން… ކޮބާ މަގޭ ޝާއީ….” ވަރަށް އުނދަގުލުން ނަމަވެސް އަހަންނަށް ޝާއިން ގާތު ޝާއީ ކޮބައިތޯ އަހާލެވުނެވެ. ޝާއިން އިސްޖަހާލީއެވެ. އަހަރެން ކުރި ސުވާލަކަށް ޖަވާބެއްނައެވެ. އަނެއްކާވެސް އަހަންނަށް ހަމަ އެ ސުވާލު ތަކުރާރު ކުރެވުނެވެ. މިފަހަރު ޝާއިންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އަހަންނަށް ތެޅިގަނެވުނެވެ. ރޮވެން ފެށުނެވެ. އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެވުނެވެ. ޝާއިން އަހަރެން މައިތިރި ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. އަދި އަހަރެން ގާތު ވާހަކައެއް ބުނަން އުޅޭ ކަހަލަ އިޙްސާސެއް އަހަންނަށް ކުރެވުނެވެ. އަހަރެން ކުޑަކޮށް މައިތިރިވެލީމެވެ. އަހަންނަށް އެއްޗެއް ވިސްނާ ދޭން ޝާއިން އުޅުނެވެ. އަދި ގެއަށް އެނބުރި ގޮސް އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދޭނެކަމަށް ބުނެ އަހަރެން ހައްލަކަށް އެޅުވިއެވެ. ނަމަވެސް އަހަރެން މީ ދުނިޔޭގައި ހުރި މީހެކޭ ނެތް މީހެކޭ އެއްފަދައެވެ. އަނގައިން ބުނާނެ ހިއްވަރެއްނެތެވެ. ގަޔަކު ވަރެއް ނެތެވެ. އަރުތެރެއިން އެއްވެސް އެއްޗެއް ނުދިރެއެވެ. މާ ގިނައިރުތަކެއް ނުވެ އިރު އަރައިފިއެވެ.
އަހަރެން މަރުކަޒުން ދޫކޮއްލީ އެދުވަހުގެ ހެނދުނު 8 ޖަހާ ކަންހާއިރެވެ. ގެއަށް އައިއިރު އިޙްސާސް ކުރެވުނީ ފަޅުކަމެވެ. ގޭގެ މުޅި ރޫޙު ވަނީ ގެއްލިފައެވެ. އުފާވެރިކަމެއް ނެތެވެ. މުޅި ގެ ހީވަނީ މާޔޫސް ވެފައިވާ ހެންނެވެ. ގެއަކު އެއްވެސް ދިރުމެއް ނެތް ކަހަލައެވެ. ގޭގެ އެކި ދިމަ ދިމާއިން އަހަންނަށް ސިފަ ކުރެވެނީ އަހަރެންގެ ލޯބި ލޯބި ޝާއީއެވެ. އިވެނީ އެ ދަރިފުޅު ހޭއަޑެވެ. ދަރިފުޅު ލޯބިން މަންމާއޭ ކިޔާ ގޮވާލާހެންވެސް ބައެއް ފަހަރު އަހަންނަށް ހީވެއެވެ. އަހަރެންނަށް ސިހިފައި ފަހަތަށް ބަލައިލެވުނީ ޝާއިން އަހަންނަށް ގޮވާލި އަޑަށެވެ. ނަމަވެސް ހިނގައިދިޔަ ކަމެއްގެ ސަބަބުން އަހަރެން ޝާއިން މަތިން މުޅިންހެން ފޫހިވެއްޖެއެވެ. އަހަރެންނަށް ޤަބޫލުކުރެވުނީ ޝާއިން އަހަރެންގެ ހަށިގަނޑާއި ފުރާނަ ވަކި ކުރީކަމުގައެވެ. ނަމަވެސް އޭރުވެސް އެންމެ ފަހަރަކު ނަމަވެސް ޝާއިން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހާކަށް އަހަރެންގެ ހިތެއް ނޭދުނެވެ. އަހަރެންނަށް ޤަބޫލުކުރެވުނީ ޝާއިން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އަހަރެންގެ ދަރިފުޅު މަރުގެ ތުންފަތް މައްޗަށް ދޫކޮއްލީކަމުގައެވެ.
ދުވަހަކަށް ފަހު ދުވަހެއް، ހަފްތާއަކަށްފަހު ހަފްތާއެއް، މަހަކަށްފަހު މަހެއް ފާއިތުވަމުން ދިޔައެވެ. ދުވަހަކަށްވުރެ ދުވަހެއް އަހަންނާއި ޝާއިންގެ ގުޅުންދިޔައީ ހީނަރުވަމުންނެވެ. މިހެންގޮސް އެތަށް ދުވަހެއް ވޭތުވުމަށްފަހު އަހަރެން ޝާއިން ގާތުން ވަރިވާން އެދުނީމެވެ. ނަމަވެސް ޝާއިން އަހަރެން ވަރިކުރާކަށް ޚިޔާލެއް ނުކުރިއެވެ. މިކަމާ އަހަރެން ވަރަށް ރުޅިއައެވެ. އަހަރެން އިތުރަށް ޝާއިން އާއިއެކު އުޅެން ބޭނުންނުވާތީ ގެއިން ނުކުތީމެވެ. ގެއިން ނިކުމެގެން އަހަރެން މައިންބަފައިންގެ ގެއަށް ދިޔައިމެވެ. ނަމަވެސް އަހަރެންނަށް ކުރެވުނު ކުށުން އަހަރެންގެ މައިންބަފައިން އަހަރެން ބަލައެއް ނުގަތެވެ. ދެން އަހަންނަށް އެންމެ ފަހުން ޖެހުނީ ތަނަކުން މަސައްކަތެއް ހޯދައިގެން މީހުންނަށް ގުލާނުކޮށްދޭށެވެ. މިކަމާ ޝާއިން ހިތްހަމައެއް ނުޖެހުނެވެ.
އެތަށް ދުވަހެއް ފާއިތުވެގެން ދިޔައެވެ. އެއްދުވަހު އަހަރެން މަސައްކަތެއް ހޯދަން އުޅެނިކޮށް ކުޑަކުޑަ ކުއްޖަކު އަހަރެންގެ ގާތަށް އައެވެ. އައިސް ސިޓީއުރައެއް ދިއްކޮށް ލިޔެވެ. އަހަރެން އޭގައި ހިފީމެވެ. އަދި އެކުއްޖާ ގާތު ކާކު ދިން އެއްޗެއްތޯ އެހީމެވެ. އެކުއްޖާ ބުނީ ޝާއިން ދިން އެއްޗެއް ކަމުގައެވެ. އަހަރެން ސިޓީއުރަ ކަނޑާލީމެވެ. އަދި އެ ކިޔަން ފެށީމެވެ.
“ކަލާއަށް ހެޔޮދުޢާކުރަމުން ލިޔާ މިސިޓީ ކިޔާލައްޗޭ
ސަލާމާ ހިތުގެ ހެޔޮ އެދުމާ ފޮނުވި، މި ބަޔާން ބަލާލައްޗޭ
މިއީ އަހުރެން އަތުން ލިޔެވޭ، ތިބާއަށް އެންމެ ފަހު ލިޔުމޭ
މިވީ ކަންތަކާ މެދުގައި ޚިޔާލާ ފިކުރު ނުކުރައްޗޭ
ނުވާ އަސްލެއް އެތަށް ވަހުމެއް، ކަލާ ހިތުގައި އުފެދިފައިވާ
މި ވާހަކަތަށް ކިޔާލާފައި އެ ހުރިހާ ޝައްކު ފިލުވާލައްޗޭ
ޙަޤީޤަތް ކަމުގެ ނުބަލާހުރެ، މިހިތް ބަރުބާދު ކޮށްލާފައި
ޙަޤީޤަތް ހާމަވާން ފެށުމުން، މަށާ މެދުގައު ނުވިސްނައްޗޭ
މަރޭ ކުރިމަތިވެގެންދާނީ، ކަނޑަށް ކަރުނައިގެ އެއްލީމާ
މަގޭ ހޯދާނަމޭ ހީކޮށް ޙަޔާތުގެ ނައު ނުދުއްވައްޗޭ
އެހީ ލޯބީގެ ލިބިދޭތޯ، އެތައް ޤުރުބާން ތަކެއް ވީމޭ
އެއީ ކުރެވުނު ކުށެއްކަމުގައި ވަނީނަމަ މާފްކޮށްދެއްޗޭ
ވަރަށް ތަފްޞީލުކޮށް ބުނަމޭ ދެނެއް އަހަރެން ނުފެންނާނޭ
މަށައް އެދި އިންތިޒާރީގައި، އެތައް ދުވަހަކު ނުހުންނައްޗޭ
ލިޔާ މިސިޓީ ކިޔާ ނިމުމުން، މަގޭ ނެތްކަން ކުށެއް އެނގުމުން
ޚިޔާލުތަކާއި އެހަނދާންތައް، ކަލާގެ ހިތުން ދުރައްލައްޗޭ
ނިކަން ރަނގަޅަށް ހިތުން މިސިޓީ، ދެތިންފަހަރަކު ކިޔާލާފައި
މިކަންތައްތައް އޮޅުންފިލުމުން ސިޓީ ވީދާ އުކާލައްޗޭ”
“ވަރަށް ލޯބިވީމެވެ. އެހެނަސް ދެނެއް އަހަންނެއް ނުފެންނާނޭ….
މިއަދުން ފެށިގެން ޝާހީ ތީ މަގޭ އަނބެއް ނޫން….”
އަހަންނަށް އެވަގުތު އަޑުން އަޑުނަގާ ރޯންފެށުނެވެ. އެކަމަކު ކުރާނީ ކީއް ހެއްޔެވެ؟ އޭރު ވަގުތު ފާއިތުވެއްޖެއެވެ.
“މަންމާ!!! “ ޚިޔާލީ ދުނިޔެއިން އަހަންނަށް ބޭރުވެވުނީ އަހަރެން ބޯންގެނައި ހޫނު ސައިތަށި އަހަރެންގެ ގަޔަށް ބަނޑުން ވުމުންނެވެ. އޭރުވެސް އަހަންނަށް ގިސްލެވެއެވެ. ކުރާނީ ކީއް ހެއްޔެވެ؟ އަމިއްލައަށް އަމިއްލަ ދިރިއުޅުން ހަލާކު ކޮށްލެވުނީއެވެ. ޕޮލިހުން ހިނގި ތަޙްޤީޤުން އަހަންނަށް އިނގުނު އެއްޗަކީ ޝާއީގެ ފުރާނަ ދިޔައީ ހިނގި ސައިކަލު އެކްސިޑެންޓުގައި ޖެހުނުލެއް ބާރުކަމުން ޝާއީ ވިއްސައިގެން ގޮސް ކައިރީ ހުރި ގޭގެ ފާރުގަ ޖެހިފައިކަމެވެ. އެދުވަހު ޝާއިންގެ ވާހަކަ އަޑުއެހުން ނަމަ މިއަދަކު އަހަރެން އެކަނިވެރިއެއް ނުވީހެވެ. އަހަރެން މި ޙާލުގައި ގަނަ ތެޅޭކަށްވެސް ނުޖެހުނީހެވެ. އަހަންނަށް އެދުވަހު ލިބުނު އެންމެ އަގުހުރި ފިލާވަޅަކީ ގޮތެއް ނިންމުމުގެ ކުރިން ރަނގަޅަށް ވިސްނަންޖެހޭނެ ކަމެވެ. އެހެންނޫނީ ފަހުން އޭގެ ދެރައާއި ހިތާމައާއި ކުރިމަތިލާން ޖެހޭނެކަމެވެ.
9 Comments!
Comments are closed.

Thii maldivian idol ge title laisha tha? Hehe… Btw vrh reethi vhk eh…
No e laisha eh noon! And thanxxx
Heheh… E laisha eh noon dhw… Btw u re wlcm…
dhonfanu laisha tha anehkaa??? Aharun rashuga ulheyne laisha kiyaa kujjeh..mibuny dhonfanu ga
Nun mi Ra. Atoll kujjeh
vrh reethi mi vaahaka……. Lhen baithun Mi vaahaka ah furihamakan genuvaidhin………..
Thanxx❤️?Ekuhjaa…
vrh reethi vrh ibraitheri story eh..
just loved it..
hama habeys..
stay safe and sound
take care
ly..❤️❤️
Thnxx ?#BLOSSOM#?
Stay home ⛺ stay safe
Lym❤❤❤❤