Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ފާރަވެރިޔާ 1

Ummu adh Level 1
August 12, 2020 6 Mins Read
2 Comments

ލެއްޕިފައިވާ ކުޑަދޮރު ކައިރީގައި ހުރި ރޫބީގެ ނަޒަރު ހުއްޓިފައިވަނީ ބިއްލޫރުގަނޑުގައި ބީހެމުންދިޔަ ވާރޭ ތިކިތަކަށެވެ. އެވާރޭ ތިކިތަށް ކުޑަދޮރުގައި ޖެހިފައި ތިރިއަށްފައިބާ މަންޒަރު ބަލަން ރޫބީއަށް ހުރެވުނީ އެއްވެސް ފޫހިކަމެއް ނެތިއެވެ.  އެއްއަތުން ހިފަހައްޓައިގެން ހުރި ހޫނު ކޮފީތަށިން އާވިއަރަމުންދިޔައިރު ކޮޓަރިތެރޭގައި ހިފާލާފައިވަނީ ކޮފީގެ ހިތްގައިމު މީރުވަހެވެ. ފަތިސް ނަމާދުގެ ބަންގިއާއި އެކީ ވެހެން ފެށި ވާރެއަށް އަދިވެސް ހުއްޓުމެއް ނާދެއެވެ. އެއްރާގަކަށް ވެހެމުން ދިޔައިރު އެކަމުން ރޫބީއަށް ލިއްބައިދިނީ އަޖައިބެއްކަހަލަ ހިތްހަމަޖެހުމެކެވެ. އެހެނީ ﷲ ގެ ކުޅަދުންވަންތަކަމާއި ދޭތެރޭގައި ވިސްނާ ފިކުރުކޮށްލުމުންވެސް އެލިބޭ ހިތްހަމަޖެހުން ބަޔާންކޮށްދޭން ދައްޗެވެ. އެހިތްގައިމު ވަގުތުކޮޅަށް ނިމުން ގެނުވީ އެނދުމަތީގައި އޮތްފޯނު އެލާމްވާން ފެށުމުންނެވެ. ތުންކޮޅު އޫކޮށްލަމުން ރޫބި ގޮސް ފޯނުގެ އެލާމް އޮފްކޮށްލިއެވެ. އެއަށްފަހު ކޮފީތަށީގެ ފުލުގައި ހުރި އެތިކޮޅު ބޯލުމަށްފަހު ހަރުގަނޑުގައި އަޅުވާފައި އޮތް ތުވާލި ހިފައިގެން ގޮސް ފާހަނާއަށްވަނީ ކްލިނިކަށް ދިއުމުގެ ކުރިން ފެންވަރާލުމަށެވެ.

 

ފަތިސް ނަމާދަށްފަހު އަލާނިޔާ ބަދިގޭގައި އަވަދިނެތި އުޅުނީ ހެނދުނުގެ ސައި ތައްޔާރުކުރުމުގައެވެ. ބަދިގެއާއި ކައިރިންވާ ސިޑިއާއި ދިމާއަށް ބަލާލެވެނީ ރޫބީ އާދޭތޯއެވެ. އެހެންމީހުން ހޭލައިގެން އައުމުގެ ކުރިން ރޫބީ އާދޭތޯ ހިތާއިހިތުން ދުޢާކުރަމުން ދިޔައީ ވާން އުޅޭ ކަމަކަށް ރޫބީއަށް އިންޒާރުކުރުމުގެ ގޮތުންނެވެ. ހަތްގަޑި ބައިވާން ކައިރިވެފައި ވަނިކޮށް ސިޑިން ފައިބައިގެން އަންނަ މޫނުބުރުގާ އަޅާފައި ހުރި އަންހެންކުއްޖާ އަލާނިޔާއަށް ފެނުމާއި އެކު ހިނިތުންވެވުނެނެވެ. ބަދިގެއާއި ދިމާއަށް އައި ރޫބީގެ ދެލޯ ހަނިވެލުމުން ހިނިތުންވެލީކަން އަލާނިޔާއަށް އެނގުނެވެ. ސިޑިކައިރީގައި ބެހެއްޓިފައިހުރި ދިގް ސްޓޫލް މަތީގައި ކޮނޑުގައި އަޅުވާފައިއޮތް ދަބަސް ބޭއްވުމަށްފަހު ރޫބީ ބަދިގެއަށް ވަނެވެ.

 

“ރޭގަ ކޮންއިރަކުތަ ގެއަށް އައީ…. ބޮޑުބައްޕަ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ… މިކާލް ނޭނގެ ބޮޑުބައްޕަ ކައިރީ  ދެއްކީ ކޮންވާހަކައެއް ކަމެއްވެސް… ތަންޒީލާ ވެސް ހުއްޓޭ ވަރުއަރުވާލާފަ… ގުޅާގުޅާ ރޫބީގެ ފޯނުވެސް އޮންނަނީ ނިއްވާލާފަ…” އަލާނިޔާ ހާސްކަމާއި އެކު ބުނެލިއެވެ.

” ދޮންބިސް މައިދައިތައަށް ނަމުން ތިކީ… ބުނާނަން” މޫނުފޮތިކޮޅު ބޯމައްޗަށް އެއްލަމުން ރޫބީ ބުނިއިރު ތުންފަތްމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ.

“އެހާ ސީރިއަސް ވެފައި ވާހަކައެއް ބުނުމުންވެސް ތިހުރީ މަޖާވެފަ… އަޅެ ކޮންތާކުތަ އުޅުނީ” ތައްޓެއްގައި ޕާން އަތުރަމުން އަލާނިޔާ ވާޙަކަދެއްކިއެވެ.

” އެހެންމީހުންހެން ދޮންބިސް ވެސް އަހަންނަށް ޝައްކުކުރަނީތަ…” ރޫބީ އެހެން ބުނިއިރު މޫނުމަތީގައި ސީރިއަސް ކަމެއްވިއެވެ.

” ނޫނޭ ރޫބީ.. އަހަރެން ބޭނުމެއްނޫން މިގޭ ބައެއް މީހުން ރޫބީއާއި ބެހޭގޮތުން ފާޑުފާޑުގެ ވާހަކަތައް ދައްކާކަށް… ރޫބީ އަހަރެން ކައިރީ ބުނީމައެއްނު ރޫބީއާއި އެއްކޮޅަށް އެއްޗެއް ބުނަންވެސް އެނގޭނީ” ރޫބީ ދެރަވެއްޖެކަން އެނގުމުން އަލާނިޔާ ބުންޏެވެ.

” ކުޑާއްތައާއި މިކާލް އަދި މިލާ ކޮންމެ އެއްޗެއް ކިޔަސް އަހަންނަށް ކަހެރުވަކެކޭވެސް ހީނުވޭ… ކުޑަބެ ހުންނާނީ ގައިމުންވެސް އަހަންނާއި އެއްކޮޅަށް… މާހިލް ދޮންބެވެސް އަދި އަހަންނާއި ދިމާއަށް އެއްޗެއް ކިޔާފައެއް ނެތް… ދެން ހުރީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ރުހާން… އޭނަ އަހަރެންދެކެ ވާލޯބި އަހަންނަށް އެނގޭ.. އަހަރެން ދެރަވަނީ ހަމަ އެންމެ ކަމަކާ.. އަހަރެންގެ ބައްޕަ އަހަންނާއި ދިމާއަށް ކިޔާ އެއްޗެހިން… އަހަރެންގެ އުފަން ބައްޕަ އަހަންނާއި މެދު ކަންތައް ކުރާގޮތުން..” ރޫބީ ބުންޏެވެ.

 

” ބޮޑުބައްޕަވެސް ރޫބީދެކެ ވަރަށް ލޯބިވެޔޭ… ހުރިހާވެސް މައްސަލައަކީ މިކާލް އާއި މަންމަ… އެދެމީހުން އަބަދުހެން ތިބެނީ ބޮޑުބައްޕަގެ ބޮލަށް އެރިއެރި… ” ރޫބީ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރަމުން އަލާނިޔާ ބުންޏެވެ.

 

” ނޫން ދޮންބިސް… ބައްޕަ އަހަންނަށް ބާލަނީ ކޮންރުޅިއެއްކަން ދޮންބިސްއަށްވެސް އޮޅިފައެއް ނޯންނާނެ… އިންޝާﷲ އަހަރެންގެ މަންމަގެ ކުށެއް ނެތްކަން ހާމަވާނެ…އަހަރެން މިތާ މިހުންނަނީވެސް އަހަރެންގެ މަންމަގެ ކުށެއްނެތްކަން އެމީހުންނަށް ސާބިތުކޮށްދެވެންދެން… އެހެންނޫނީ މަންމަ ވީތަނެއް ހޯދައިގެން މަންމަ ކައިރިއަށް ދިޔަތާ ކިތަންމެ ދުވަހެއް” އެހެންބުނިއިރު ރޫބީގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. އަލާނިޔާއަށް ރޫބީ ގަޔާ ކައިރިކޮށްލެވުނެވެ.

“ރޭގަ ނުވަގަޑި ބައިވާން އުޅެނިކޮށް ކްލައިންޓެއް ގުޅީ މާދަމާ ކުއްލިގޮތަކަށް ފުރަން ޖެހިގެން.. އޭނަގެ ހަތަރުވަނަ ޝެޝަން އޮތީ ދެދުވަސް ފަހުން ކަމަށްވާތީ ކޮންމެހެން ހިޖާމާ ޖަހަން ބޭނުންވެގެން… އެމީހާ އާދޭސް ކުރާވަރުން ދިޔައީ.. އާދެވުނުއިރު އެގާރަ ޖަހަން ކައިރިވެފަ.. ކީކޭތަ މިކާލް ބައްޕަ ކައިރީގައި ކީ” ރޫބީ އަހާލިއެވެ. ރޫބީއަކީ މާލޭގައި މަޝްހޫރު ހިޖާމާ ކްލިނިކެއް ހިނގަމުންދާ ފަރާތެކެވެ. ﷲ ގެ ރަޙުމަތްފުޅާއި އިރާދަފުޅާއިއެކު ރޫބީއާއި އެކު ދެންވެސް އެތާ މަސައްކަތް ކުރާ ދެތިން ތެރަޕިސްޓުންގެ ސަބަބުން އެތައް ބަޔަކަށް ވަނީ އެކި ބަލިތަކަށް ޝިފާ ލިބިފައެވެ.

” އެއޮށް އަންނަނީ މިކާލް…” ތަންކޮޅެއް ދުރުގައިހުރި ކޮޓަރިބަރިން ކޮޓަރިއަކުން ނިކުމެގެން ހަމައެކަނި ސޯޓުބުރިއެއް ލައިގެން ހުރި މިކާލް އަންނަތަން ފެނުމުން އަލާނިޔާ ބުންޏެވެ. އެހެންކަމުން ރޫބީ އަވަސްއަވަހަށް ބޯމަތީގައި އޮތް މޫނުފޮތިކޮޅު މޫނުމައްޗަށް ވައްޓާލިއެވެ.

” ދޮންބިސް ދީބަލަ ކޮފީއެއް… ޑަބަލް އެސްޕްރެސޯއެއް… ” ފޯނުހިފައިގެން އައިސް ސިޑިއާއި ދިމާލުން ތަންކޮޅެއް ދުރުގައި ހުރި ސޯފާއަށް ވެއްޓިގަންނަމުން މިކާލް ބުންޏެވެ. އަލާނިޔާ އިތުރު ބަހެއް ނުބުނެ ކޮފީމެޝިން ކައިރިއަށް ގޮސް ޑަބަލް އެސްޕްރެސޯއެއް އަޅައިގެން ގެންގޮސް ސޯފާގައި އިން މިކާލްއަށް ދިއްކޮށްލިއެވެ. ރޫބީ ތަށިތައް މޭޒުމައްޗަށް އަރުވަން ފެށުމުން އަލާނިޔާ ލަވާޒާ މިލްކެއް ތައްޔާރުކޮށްލީ ލޯބިވާ ފިރިމީހާ މާހިލްއަށެވެ. އެއަށްފަހު ހަތަރު އަހަރުގެ ދަރިފުޅު މުނިޔާއަށް ބުށްތަށި ތައްޔާރުކުރަން ފެށިއެވެ. ކޮޓަރިން ނިކުމެގެން އަންނަ ތަންޒީލާ ފެނުމުން އަލާނިޔާ އިޝާރާތުން ރޫބީއަށް ދައްކާލިއެވެ.

ބޮލުމެދަށް ބޮޑު ހުޅިއެއްޖަހާފައި ހުރި ތަންޒީލާ ހުރީ ހެނދުނުގެ އެވަގުތުވެސް ގަދަޔަށް މޭކަޕްކޮށްލާފައެވެ. ހަށިގަނޑު އެހާ ބިޔައިރުވެސް ލާފައިހުރީ ރަތްކުލައިގެ ގަޔަށް ބާރު ޓޮޕްކޮޅަކާއި ކަޅުކުލައިގެ ޖިންސެކެވެ. އުމުރުން ފަންސާސް އަހަރުވާން ގާތްވެފައި ވީނަމަވެސް ހެދުން އެޅުމުގެ ވައްޓަފާޅި ހުންނަނީ އެންމެ މޮޑާން ކޮށޭވެ. މޭޒުކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ރޫބީ ފެނުމުން ތަންޒީލާގެ ނިތަށް ރޫއަރައިގެން ދިޔައީ ވީފޫއްސެއްގެ ބޮޑުކަމުންނެވެ.

ވާތް ފަރާތުން ބަދިގެއާއި ދިމާލަށް ހުރި ހަގޮނޑީގެ ކާމޭޒުކައިރިން ގޮނޑިއެއް ދަމާލުމަށްފަހު އެތާ އިށިންނަމުން އެންމެ ފުރަތަމަވެސް ރޫބީއަށް އަމުރު ކޮށްލީ ހޮޓް ޗޮކެލެޓެއް ތައްޔާރުކުރުމަށެވެ. ރޫބީ ދެބަހެއް ނެތި ބަދިގެއަށް ވަދެ ތަންޒީލާ ބުނިކަންތައް ކޮށްދިނުމަށް އުޅުނެވެ. އިރުކޮޅަކުން ހަމީމްއާއި މާކިލްވެސް  އޮލަވާހަކައެއްގައި ތިބެ  އައިސް ތަންޒީލާއާއި ދިމާލަށް ހުރި ދެގޮނޑީގައި އިށީނެވެ. އަލާނިޔާ މާކިލްއަށް ކޮފީތަށި ދިނުމުން މާކިލް ހީލުމަށްފަހު މުނިޔާ ހޭލާ އުޅޭ ވާހަކަ ބުނެލިއެވެ. ރޫބީ ތަންޒީލާގެ ކުރިމަތީގައި ހޫނު ޗޮކްލެޓްތަށި ބެހެއްޓި ވަގުތު ހަމީމް ވަރަށް ފުން ނަޒަރަކުން ރޫބީއަށް ބަލާލިއެވެ. އެބަލާލުމުގައި ވަނީ އިންތިހާ ދަރަޖައިގެ ޙަމްދަރުދީއެވެ.

” ރޫބީ ދަރިފުޅާ ކޮބާ ކޮންއިރަކުން ރުހާން ކޮއްކޮ އަންނަނީ… “އެހެން އިނދެފައި ހަމީމް ސުވާލުކޮށްލިއެވެ. އެވަގުތު ތަންޒީލާއަށް ތުންއަނބުރާލެވުނެވެ. އަމިއްލަ ދަރިންނަށްވުރެ ބޮޑަށް ރޫބީއާއި ރުހާންއަށް އިސްކަންދޭތީ ތަންޒީލާ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ.

” ކޮއްކޮ އަންނާނީ މިއަންނަ ހަފްތާގަހެން ހީވަނީ.. ވަކި ދުވަހެއް ނުބުނޭ… ” ރޫބީ ބުންޏެވެ.

“ދަރިފުޅު ކްލިނިކަށް ދާ ގަޑި ޖެހެނީނު… ދަރިފުޅު ސައި ނުބޮއެ ދިޔަސް ކުޑަބެ ސައި ގެންގޮސްދީފާނަން…” ހަމީމް ރޫބީ އަވަހަށް އެތަނުން ފޮނުވާލަން ބޭނުންވެގެން އުޅޭ ކަހަލައެވެ.

” ބަލަ ހަމީމް ތިހުރީ ހަމަ ހޭގައިތަ.. އޭނަ ދާން ޖެހެނީ އަށްގަޑި ބަޔަށް.. އަދި ކިރިޔާ އަށެއް އެޖެހީ.. އެހެންނޫނަސް އަމިއްލަ ކާރު ގެންގުޅޭ މީހުންނަށް ކޮން ލަހެއްތަ ވާނީ” އަނގަ ފުރައި ކާއެއްޗެހި އަޅައިގެން އިނދެ ތަންޒީލާ ބުންޏެވެ. ހަމީމްގެ މޫނުމަތިން ނުރުހުން ފާޅުވިއެވެ. ހަމީމް ރޫބީ އަވަހަށް ފޮނުވާލަން މިއުޅެނީ ކީއްވެގެންކަން ތަންޒީލާއަށް ރަނގަޅަށް އެނގޭނެއެވެ.

” އެބުނާހެން ކުޑަބޭ.. އަދި ލަހެއް ނުވެޔޭ.. އެހެންނޫނަސް ބައްޕައާއި ބައްދަލުކޮށްލާފަ ދާންކަމަށް..” ހަމީމްގެ ބޭނުން އެނގި ރޫބީ ބުނެލިއެވެ.

” އަނހަ ބޮޑު ބައްޕާ.. ތިއައީ ދޯ…. ހާދަ ފިޓުހެން ހީވެޔޭ މިހާރު” ދުވަންގޮސްފައި ގެޔަށް އައިސްވަން އަދީރު ފެނިފައި ސޯފާގައި އިން މިކާލް ބުނެލިއިރު އެއްކަޅިން ރޫބީއަށް ބަލާލިއެވެ. ތަންޒީލާގެ ތުންފަތްމަތީގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ. ބުއްތަށި ހިފައިގެން ބަދިގެއިން ނިކުންނަން އައި އަލާނިޔާއަށް ވެސް އެވަގުތު ހުއްޓުމެއް އައެވެ.

ސޯޓަކާއި ޓީޝާޓެއްގައި ހުރި އަދީރުގެ އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުން ދިޔަނަމަވެސް ބަލާބެލުމަށް ވައްތަރީ ފަހުތިރީހުގެ އަހަރުތައް ގުނަމުންދާ ފިރިހެނަކާއެވެ.

” އަދީރުބޭ… އަވަހަށް އާދޭ ސައިބޯން…މިއަދު އަލާނިޔާ ހުރީ ވަރަށް މީރު މައްސުންޏެއް ތައްޔާރުކޮށްފަ.. ” ތަންޒީލާ ބުނެލިއެވެ.

” ކުޑާއްތަ އަނެއްކާވެސް ހަނދާން ނެތުނީ ދޯ… ބައްޕައަކީ ހުނި އަޅާފަ ހުންނަ އެއްޗެހި ކާމީހެއް ނޫނެއްނު… ބައްޕައަށް މިހުރީ އަހަރެން ވަކިން ސައިތައްޔާރުކޮށްފަ… ރޯސްޓެޑް ޕާނާއި ޗިލީ އެންޑް ގަރލިކް ސޯސްގެ އިތުރުން މަސާލާ ސައިތައްޓެއް…” ރޫބީ ބުނެލިއެވެ. އެވަގުތު ތަންޒީލާ ނުރުހުމާއި އެކު ރޫބީއަށް ބަލާލިއެވެ. ބަދަލުގައި ރޫބީ ހަދިޔާކޮށްލީ ހިނިތުންވުމެކެވެ. އެކަމުންވެސް ތަންޒީލާ ކައިރިއަށް އައި ރުޅި ވީ އިތުރެވެ.

” ބޭބެ ދާންވީނު އަވަހަށް ފެންވަރާ ކަންތައް ކޮށްލަން…” ކަންބޮޑުވެފައި އިން ހަމީމް ބުންޏެވެ. ހަމީމް އުޅޭގޮތުން ރޫބީ ކައިރިއަށް ހިނިވެސް އައެވެ. އަދީރު ވަކި ޖަވާބެއް ނުދީ ކާމޭޒުކައިރިއަށް އައިސް ހުއްޓިލިއެވެ.

” ރޫބީ ރޭ ކިހާއިރަކު ގެއަށް އައީ… ” ދެއަތް ފުރަގަހަށް ލަމުން އަދީރު އޭނާގެ ބަރުއަޑުން ބުންޏެވެ. އެއަޑުގައި ވަނީ ހަރުކަށިކަމެވެ. ތަންޒީލާގެ ތުންފަތްމަތީގައި ދުވެލީ ނުލަފާ ހިނިތުންވުމެކެވެ. ސޯފާގައި އިން މިކާލްވެސް އިނީ ފޯނުން ނަޒަރުވަކިކޮށްލާ ޝައުޤުވެރިކަމާއިއެކު އެދިމާއަށް ބަލަހައްޓައިގެންނެވެ. މާކިލްއަށް ދެފަރާތަކަށް ބޯހޫރުވާލެވުނީ އަނެއްކާވެސް ގޭތެރޭގެ ހަމަޖެހުން ގެއްލެން އުޅޭހެން ހީވާތީއެވެ.

” އެގާރަ ޖަހަން އުޅެނިކޮށް..” ރޫބީގެ ޖަވާބުގައިވަނީ ސާބިތުކަމެވެ.

” ހަމަ ތެދެއްތަ ތިބުނީ” އަނެއްކާވެސް ހަމީމް ސުވާލުކޮށްލިއެވެ. މިފަހަރު އާއެކޭ ބުނުމުގެ ގޮތުން ރޫބީ ބޯޖަހާލިއެވެ.

” ހުސްދޮގު ތިހަދަނީ… އަހަރެން ކައިރީގައި ތިވަރުގެ ދޮގެއް ހަދަން ލަދެއްވެސް ނުގަނޭދޯ… ” ހަމީމްގެ އަޑު ކުރިއަށްވުރެ ބާރުވެގެން ދިޔައެވެ.

” އާނ ލަދެއްނުގަންނާނެ.. އަމާގެ ގޮތެއްނު ދަރީގެ ކިބައިގަވެސް ހުންނާނީ…” ތަންޒީލާއަށް އެއްޗެއް ނުބުނެ ނީނދެވުނެވެ. ރޫބީއަށް ކުޑާއްތާއޭ ކިޔާފައި ގޮވާލެވުނީ އައި ރުޅިއެއްގެ ސަބަބުންނެވެ.

” ތަންޒީލާ މީ ކަލެއާ ބެހޭކަމެއްނޫން.. ބޭކާރު ވާހަކަ ނުދައްކާ އިނދެވޭތޯ ބަލާ… ” ހަމީމްއަށް ރުޅއައިސްފައި ބުނެވުނެވެ.

” ތަންޒީލާ އެބުނީ ދޮގުވާހަކައެއްތަ… މީނަ މިގަސްދު ކުރަނީ މީނަގެ އަމާ އުޅުނު ގޮތަށް އުޅެންވިއްޔަ.. ” އަދީރުގެ ވިހަގަދަ ބަސްތައް އިވި ކެތްތެރިވި ނަމަވެސް ރޫބީގެ ލޮލުން ކަރުނަ ނީރާލިއެވެ.

” ބައްޕާ އަހަރެން ކީއްތަ ކުރީ… ރޭގަ ކްލައިންޓެއްގެ އެދުމަށް އޭނަ މާދަން ފުރަންޖެހޭތީ ކްލިނިކަށް ދިޔައީ.. ” ކުރެހިފައިވާ އަޑުން ރޫބީ ބުންޏެވެ.

” ކްލައިންޓޭ… އާނ ތި ކްލައިންޓު ގޮވައިގެން ގޮސް ހުރީ އާޓިފިޝަލް ބީޗްގައި ހުރި ރުއްތަކުގެ ތެރޭގައެއްނު…” އަދީރުގެ ވާހަކައިން ރޫބީގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އިރެއްގައި ގޮތަކަށް އުޅުނަސް މިހާރު އެފަދަ ކަމެއް ރޫބީ ނުކުރާނެއެވެ. އެއަށްވުރެ ރޫބީގެ އީމާންތެރިކަން ވަރުގަދައެވެ. ﷲ  އަށް ބިރުވެތިވެއެވެ.

” ނޫން ބައްޕާ އަހަރެން ތިފަދަ ކަމެއް ނުކުރަން..  އިންޝާﷲ ނުވެސް ކުރާނަން… ” ރޫބީއަށް ރޮވިއްޖެއެވެ. ރޫބީގެ ހާލާއިމެދު އެތާނގައި ހަމްދަރުދީ ވާން ތިބީ ހަމީމްއާއި އަލާނިޔާ އެކަންޏެވެ. ނަމަވެސް އެދެމީހުންނަށްވެސް އަދީރުގެ ކުރިމަތީގައި ކުރެވޭނެ މާބޮޑުކަމެއް ނެތެވެ.

” ދެންތިބުނީ މިކާލް އެހަދަނީ ދޮގޭތަ… މިކާލް އަހަރެން ކައިރީ ދުވަހަކުވެސް ދޮގެއް ނުހަދާނެ..” އަދީރު ބުންޏެވެ.

” ބައްޕާ އަހަންނަކީ ބައްޕަގެ ހަލާލު އުފަން ދަރިއޭ… އަހަންނަށްވުރެ ބައްޕަ ތިއިތުބާރު ކުރަނީ މާދުރު މީހަކަށް.. ތިފަދަ ކަމެއް ކުރާކަށް އަހަރެންގެ ހިތަކަށްވެސް ނާރާ… އެއަށްވުރެ ބޮޑަށް އަހަރެން ﷲ އަށް ބިރުވެތިވަން… ”  ރޫބީ ބުންޏެވެ.

” ތިހެން މާދީންވެރިވެގަނެގެންނޭ ކަލޭގެ އަމާވެސް އެންމެ ނުބައި ފާހިޝް އަމަލުތައް ހިންގީ… ކަލޭ ތިވައްތަރަށް އުޅެން މިތަން ނޫން އެހެންތަނަކަށް ދޭ.. ކޮންމެހެން މިތާ އުޅެމުން ތިފާޑަށް އުޅޭނެކަމެއް ނެތް… ” އަދީރް ހަޅޭއްލަވައިގަތެވެ.

” ބައްޕަމެން ކިތަންމެ ވަރެއް ކުރިޔަސް ތިކަން ކުރިކަމަކަށް އަހަރެން އެއްބަހެއް ނުވާނަން.. އިތުރު ތަފްސީލެއްވެސް ދޭކަށް އަހަރެން ބޭނުމެއްނޫން.. ﷲ ތަޢާލާ ހަޤީޤަތް ދެނެވޮޑިގެންވޭ.. އެވަރުން އަހަންނަށް ފުދޭ… ” ރޫބީގެ އޭނާގެ އެންމެ ފަހު ބަސް އިއްވާލަމުން ސްޓޫލް މަތީގައި އޮތް ދަބަސް ހިފައިގެން ގެއިން ނިކުންނާން ދިޔައެވެ. ނަމަވެސް ހުއްޓެން ޖެހުނީ އަނެއްކާވެސް އަދީރުގެ ހަރުކަށި އަޑުން ރޫބީއަށް ގޮވާލި އަޑު އިވިފައެވެ.

” މީގެފަހު ރޭގަނޑު އަށެއްގެ ފަހުން ގެއިން ބޭރުގަ އުޅެގެން ނުވާނެ… ކުރާކަމެއް އޭގެ ކުރިން ކޮށްފަ ގެއަށް އަންނަންވާނެ… އަދި ބުނަން.. އަލާނިޔާ އެއީ މިގޭ ގެންގުޅޭ ނޯކަރެއްނޫން… އަލާނިޔާއަށް ގޭގެ މަސައްކަތް ކުރެވެންޏާ ރޫބީއަށްވެސް ކުރެވެން ވާނެ… މިގޭ ހަރަދުތަކަށް އަށްހާސް ރުފިޔާއެއް ދިނެއް ކަމަކު ތީމިގޭ ވެރިއެއް ނޫން.. މިގޭގެ ވެރިއަކީ އަހަރެން… މިގޭގަ އުޅެވޭނީ އަހަރެން ބުނާގޮތެއް ހަދައިގެން…އަހަރެން ބުނާ ގޮތަށް ނޫޅެވެންޏާ މިގެއިން ނިކުމެގެން ދޭ..” އަދީރުގެ ވާހަކަތައް ރޫބީގެ ހިތަށް ތޫނު ކަށިތަކެއް ފަަދައިން ހެރުނު ނަމަވެސް ފަހަތަށް ބަލާވެސް ނުލާ ރޫބީ ނިކުމެގެން ދިޔައެވެ.

” ބޮޑުބައްޕާ އަހަރެން ޝަކުވާއެއް ނުކުރަމެއްނު… ދެން ރޫބީ ހީކުރާނީ އަހަރެން ޝަކުވާ ކުރީއޭ… އެހެންނޫނަސް ރޫބީ ބަދިގެއަށް ނުވަންނަނީ އަހަރެން ބުނެގެން..” އަލާނިޔާ ދެރަވެފައި ބުންޏެވެ.

” ހްމް ދެން އަލާނިޔާ މާ މާތް މީހަކަށް ހެދޭނެކަމެއް ނެތް.. އަދި މީނަ އުޅޭނޭ މާވަރަކަށް އެރޫބީ ދިފާޢު ކުރަން” ތަންޒީލާ ހަޅޭއްލަވައިގަތެވެ.

” އަލާނިޔާ ދޭ މުނިޔާއަށް ބުއްތަށި ދޭން… މިހާރު ކޮޓަރި އޮންނާނީ އެފުށް މިފުށައް ޖަހާފައި ކަންނޭނގެ..” އަލާނިޔާ އަވަހަށް އެތަނުން ފޮނުވާލުމުގެ މަޤްސަދުގައި މާކިލް ބުންޏެވެ. އެހެންކަމުން އަލާނިޔާވެސް އިތުރު ބަހެއް ނުބުނެ ބުއްތަށި ހިފައިގެން ކޮޓަރިއާއި ދިމާއަށް ދިޔައެވެ. އަދީރު އެތަނުން ދިޔުމާއި އެކު ލިބުނު ހިތްހަމަނުޖެހުމުގައި ހަމީމްވެސް އިންތަނުން ތެދުވެގެން ދިޔައީ ސައިވެސް ބުއިމެއް ނެތިއެވެ.

-ނުނިމޭ

Share Article

Follow Me Written By

Ummu adh

Level 1

Other Articles

Previous

ޒާޔާ (ނަވާރަވަނަ ބައި)

Next

ބިޑި

Next
August 12, 2020

ބިޑި

Previews
August 12, 2020

ޒާޔާ (ނަވާރަވަނަ ބައި)

2 Comments!

  1. ukku says:
    August 13, 2020 at 5:35 pm

    DHEN muniya nukiya balia. E ahvure Reethi names please. Vaahaka Varah Reethi. Hama habbu.Dhen muniya ge badhalu maany Varah Reethi.

  2. Laakko says:
    August 13, 2020 at 10:25 pm

    Vrh vrh vrh furihama dhn oiy part ah vrh inthixaar kurevey

Comments are closed.



All Right Reserved!