ބިޑި
(މިއީ އަހަރެންގެ މާޒީގައި ހިނގާފައިވާ ހަޤީޤީޙާދިސާއެކެވެ. އުންމީދަކީ ތިޔަ އެކުވެރިންނަށް ޢިބްރަތްތެރި ފިލާވަޅެއް މި ވާހަކައިން ޙާސިލްވުމެވެ. .)
އަހަންނަކީ މީގެ ހަތަރު އަހަރު ކުރިން ވަރަށް ގިނައިން ފުންފަތުގެ އިސްތިޢުމާލު ކުރި އުމުރުން 33 އަހަރުގެ ފިރިހެނަކީމެވެ. ބޯކަށް ވަކި ވައްތަރެއް ނުބަލަމެވެ. އަތުގައި ގިނައިން ލާރި ހުންނަ ދުވަސްކޮޅެއް ނަމަ ރެއަކާއި ދުވާލެއްގެ މައްޗަށް ފޮއްޓެއް ބޮއެ ހުސްކޮށްލަމެވެ. ހެނދުނު ނިދާ ތަންމަތީގައި އޮވެ ދެލޯ ހުޅުވަނީވެސް ބާލީސް ދަށަށް ލީ ސިނގެރޭޓް ފޮށިން ސިނގެރޭޓެއް ރޯކޮށްގެން އެ ބޮމުންނެވެ. އަތްމަތި ދަތި ދުވަސްކޮޅެއް ނަމަ ދުންފަތު ބިޑިއެއް އަނބުރައިގެން ވިޔަސް އެ ދިލަ ދުންގަނޑު އެތެރެހައްޓަށް ދަމާ ނުލެވޭހައި ހިނދު ހިތަށް ހަމަޖެހުމެއް ނުލިބެއެވެ.
އެއްދުވަހެއްގެ މެންދުރެވެ. އަތްމަތި ދަތި ދުވަސްކޮޅެކެވެ. މެންދުރު ކާލައިގެން ރަނގަޅަށް ދުފާލިއިރު އެންމެ ސިނގެރޭޓެއް ވެސް އަތުގައެއް ނެތެވެ. ވޮލެޓް ބަލައިލި އިރު އޮތީ އެންމެ ދިހަރުފިޔާއެވެ. އޭރު ވަކި ސިނގެރޭޓެއް ލިބެނީ 3 ރުފިޔާ އަށް އެއްޗެކެވެ. އަހަރެންގެ އޭރުގެ އެކުވެރިންގެ ބަހުރުވައިން ނަމަ ” މިވަރުންވެސް ސިކު ފިލާވަރު ވާނެތާ”އެވެ.
އެހެން ހިތައި އަވަސް އަވަހަށް ސިނގެރޭޓެއް ގަތުމަށް ގެއިން ނުކުމެގެން އެންމެ ކައިރީގައި ހުރި ފިހާރަ އަށް މިސްރާބު ޖެހީމެވެ. އެފިހާރަ އަކީ އަހަރެންގެ ގެއާއި އުތުރުން ޖެހިގެން އޮނަ ގޯޅި ކަންމަތީ ހުންނަ ފިހާރައެކެވެ. އަހަރެން ފިހާރަ ކަައިރިއަށް ދިޔައިރު ތަންކޮޅެއް ކުރީގެ އެކުވެރިޔަކު އެފިހާރަ ކައިރީގައި ހުންނަ ޖޯލިފަތީގައި އިނެވެ. އޭނަ އިނީ ސިނގެރޭޓެއް ރޯކޮށްލައިގެންނެވެ.
” އޭތް!! އައިސްބަލަ! އައިސްބަލަ! ކޮންތާކަށް މާބާރަކަށް؟” އަހަންނަށް ފިހާރައަށް ނުވަދެވިގެން އުޅެނިކޮށް އޭނަ ގޮވާލިއެވެ. ” ފެގުފޮށި ހުސްވެގެން މިދުވަނީ! ނެތްތަ ފެގެއް؟” ސިނގެރޭޓެއް ނުގަނެ ލިބިދާނެ ކަމަށް އަހަރެން އަހައިލީމެވެ. ” މި ފިހާރައަކު ވެސް ނެތޭ ފެގެއް، މަވެސް މި ބޮނީ ބިޑިއެއް އާދޭ މިބައި ބޯލަން” އޭނަ ބޮމުން ދިޔަ ބިޑި ދައްކާލަމުން ބުންޏެވެ. އެއީ ބިޑިއެއް ކަން އަހަންނަށް އެނގުނީ އެވަގުތެވެ. އެބިޑި ފަލަކަމުން އަހަރެން ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. ” މިއީ ބިޑިއެއްތަ؟ ނޫނީ ކިއްލި ގޮއްޓެއްތަ؟ އަހަރެން ސަމާސާ ކޮށްލުމުގެ ގޮތުން ބުނީމެވެ. އޭނަވެސް ހިނިގަނޑެއް ޖަހާލިއެވެ.
ސިނގެރޭޓެއް ބޯލަން ބޭނުންވެފައި ހުރިލެއްބޮޑުކަމުން އެއްވެސް ޖެހިލުމެއްނެތި އޭގައި ހިފައި އޭނަ އާއި ޖެހިގެން ހުރި ޖޯލީގައި ހަމަޖެހިލުމަށް ފަހު އެބިޑި ބޯންފެށީމެވެ. އެންމެ ފުރަތަމަ ދަމާލި ދުންގަނޑާއި އެކުވެސް ވަރަށް ގަދަޔަށް އަހަރެން ކޮށިއެރިއެވެ. އަހަރެންގެ ކައިރީގައި އިން އެކުވެރިޔާ އަޑުގެ ކޮޅަށް ހޭންފެށިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަހަރެން ކަރުހިއްކައިގަތެވެ. ހިންދިރުވައި ލަންވެސް އުނދަގޫވާ ވަރަށެވެ. ” މީބިޑިއެއްތަ؟ ހާދަ ހާރޑޭ މި!، ކަރުވެސް ހިއްކައި ގަނެއްޖެ!” ކޯއްޗެއްތަ މިއަށް އަޅާފަ މިހިރީ؟ ހާދަ ފާޑެއްގެ ވަހެއް ދުވާ ބިޑިއެކޭމީ! އަހަރެންގެ އެކުވެެރިޔާ އަށް އެތަކެއް ސުވާލު ތަކެއް އެއްފަހަރާ ކޮށްލީމެވެ. ޖަވާބެއް ދިނުމުގެ ބަދަލުގައި އޭނަ ފެށީ ހޭށެވެ. އެހެންނަމަވެސް އަހަރެން އެ ބިޑި ބޮމުން ގެންދިޔައީމެވެ.
ދެން އަހަންނަށް ވާންފެށީ މީގެކުރިން ދުވަހަކުވެސް ނުވާ ގޮތްތަކެކެވެ. ގިނައިރު ތަންތަނުގައި އިށީންދެ އިދެފައި ތެދުވާއިރު ދެފައި އައްސި ވީމާ ވާކަލަ ގޮތްތަކެއް މުޅި ގަޔަށް ވާންފެށިއެވެ. ހީވަނި ކުދި ކުދި ކަށިތަކެއް ހަރާހެންނެވެ. މޫނުގެ ހަންގަނޑުވެސް ހީވަނީ ދެފަރާތުގައި ހިފާ ދަމާ ވާންކުރާހެންނެވެ. އަހަންނަށް ހީވީ، މިވީހާ ތަނަށް އަހަރެންގެ އަމިއްލަ އިޚްތިޔާރުގެ ބާރުގެ ދަށުގައިވި އަހަރެންގެ ނަފްސަށް ކޮންމެވެސް އެހެން ބާރަކުން ކުއްލިޔަކަށް ނުފޫޒު ފޯރުވަން ފެށިހެންނެވެ.އެއީ ބުނެދޭން ނޭންގޭފަދަ ބިރުވެރި އިޙްސާސެކެވެ. ތާކުން ތާކު ނުޖެހޭ ބޭކާރު މޮޔަ ވައްތަރު ޖެއްސެނީ އަހަރެންގެ އެއްވެސް އިޚްތިޔާރަކައި ނުލައެވެ. އެކަން ކޮންޓްރޯލް ކުރެވޭތޯ އުޅުމުން ދެން ޖެއްސެން ފެށީ އެއަށްވުރެ މޮޔަ ވައްތަރު ތަކެކެވެ. އަހަރެންގެ އަމިއްލަ ނަފްސުގެ މައްޗަށް ގަދަވެ ގަނެވޭތޯ އެކި ގޮތްގޮތަށް އަހަންނަށް މަސައްކަތް ކުރެވުނެވެ. އޭރު ވެސް ކައިރީގައި އިން އެކުވެރިޔާ ހުއްޓާނުލައި ހެމުން ގެންދެއެވެ. އަހަރެން އިނީ ފާޑަކަށް ބޯ އަނބުރައި ގެންފައެވެ.
އޭނަ އެހާވަރަށް އެހެނީ ކީތްވެކަމެއް އަހަންނަކަށް ނުވިސްނުނެވެ. އެހެން ނަމަވެސް އަހަރެންގެ މޫނަށް ބަލަބަލާފައި އަޑުގެ ކޮޅަށް ހުނުން ނޫން އެހެން ކަމެއް އޭނަ ނުކުރެއެވެ. މަގުމަތިން ދާ ބައެއްމީހުން އަހަރެމެން ދެމީހުންނާ ދިމާ ބަލަނީ ވެސް ވަރަށް އެހެންކަހަލަ ނަޒަރަކުންނެވެ. “ކަލޭ ކީތްވެތަ ތި ހެނީ؟” ތަންކޮޅެއް ނުރުހިފައި އަހަރެން އަހައިލީމެވެ. ” ކަލޭ ކޮންހާ ވައްތަރުތަކެއްތަ ތިޔަ ޖައްސަނީ؟” ހެމުން ހެމުން އޭނަ އެހިއެވެ. ” ކަލޭ ދަތް ހާދަ ރަތޭ!!” އެއްފަރާތަކަށް ބޯ އޮރިކޮށްލާފައި ކަމާ ނުގުޅޭ ސުވާލެއްވެސް އަހަންނަށް އަހައިލެވުނެވެ.
އޭނަ ކެއްްސަ ކެއްސާފައި ހުނުން ނޫން އެހެން ކަމެއް ނުކުރެއެވެ. ” ކަލެއަށް އެނގޭތަ ކަލެއަށް ތިޔަ ބޮއެވުނީ ކޯއްޗެއްކަން؟” ހީހީ މާނޭވާ ލެވިފައި ހުރެ އޭނަ އެހިއެވެ. ” ކޯއްޗެއް އަނެއްކާ މަށަށް ތިޔަދިނީ؟” އަހަރެންގެ މޭ ބިރުން ތެޅި ގަތެވެ. ” ކަލޭ ތިޔަ ބޯލީ ތެޔޮބިޑިއެއް؟” އޭނަގެ ޖުމްލައިން އަހަންނަށް ހީވީ އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. އެހެންނަމަވެސް އަހަންނަކަށް އެކަމަށް ދޭނެ ރައްދެއް ސިކުނޑިޔަކަށް ނައެވެ. އޭރު އަހަރެން އިނީ ފާޑަކަށް ލޮޑުވާންވެސް ފަށާފައެވެ. އެހެންކަމުން ވަރަށް ވަރުބަލި ވެފައިވާ މީހަކު ޖޯލީގައި އޮންނަ ފަދައަކުން އަހަރެން އެޖޯލީގައި އޮށޯވެލީމެވެ. މޫނު މައްޗަށް ފުސް ވުމާއި އެކު ލޮލުގެ އެސްފިޔަތައް ބަރުވެގެންގޮސް އަހަންނަށް ލޯމެރުނެވެ. އަހަންނަށް ބަލައިލި މީހަކަށް ހީވާނީ އަހަރެން އޮތީ ހޭނެތިފައި ހެންނެވެ. އަހަރެންގެ މުޅި ޙަޔާތުގައި ދުވަހަކުވެސް އެހާ ވަރުބައްޔެއް ނުވެއެވެ. ލޯމެރުނު ވަގުތު ފެންނަން ފެށީ އެއްވެސް ތަރުތީބެއް ނެތް ބިރުވެރި މަންޒަރު ތަކެކެވެ. އަހަންގެ ސިކުނޑިއެކޭ، ގަދަ ކަނޑެއްގައި މިސްރާބެއް ނެތި އެނބުރެމުން އޮޔާދާ ލަކުޑި ގަނޑެކޭ އެއްފަދައެވެ. އެގޮތުގައި ހޭދަވީ ކިހައި ވަގުތެއްކަމެއް ވެސް އަހަންނަކަށް ނޭންގެއެވެ.
ދަރިފުޅާ!.. ކިހިނެއްވެފައި ތިއޮތީ؟” މަންމަގެ އަޑު އިވުމުން އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. އޭރު ކުރިމަތީ ގަައި އަހަރެންގެ މަންމަ ހުއްޓެވެ. އަހަރެން ހީކުރީ މަންމަ އަށް ޝައްކުވި ކަމަށެވެ. ” ކަމެއްނުވެ،..ހަމަ.. އޮތީ!”. ވަރަށް ހަމަޖެހޭގޮތް ދައްކަމުން އަހަރެން ބުނީމެވެ.” ސައިބޯން ދާކަށް ނުވޭތަ؟” ސީދާ އަހަރެންގެ ލޮލަށް ބަލާލާފައި މަންމަ ބުންޏެވެ. ” މިދަނީ އިރުކޮޅަކުން” އަހަރެންގެ މޫނު ފޮރުވުމުގެ ގޮތުން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން އަހަރެން ބުނީމެވެ. އޭރު ގަޑިން ހަތަރެއް ޖަހަނީ އެވެ. އެހައި އަވަހަށް ވަގުތު ދިޔަ ގޮތެއް ނޭންގުމުން އަހަރެން ވަރަށް ހައިރާން ވިއެވެ. އަހަރެން ހީކުރީ ޖޯލީގައި އަހަރެން ޖައްސާލިތާ އަދި މިވީ ފަސްމިނެޓު ކަމަށެވެ. ” މާ ގިނައިރުނުވެ އަންނާތި!” އަހަރެންގެ ކައިރީގައި އިން އެކުވެރިޔާ އާއި ދިމާލަށް ކަޅި އަޅާލަމުން އެހެންބުނެފައި މަންމަ ގެއަށް ދިޔުމަށް ހިނގައިގަތެވެ.
” ކަލޭ ކީތްވެތަ މަގޭ މަންމަ އައިސް މިތަނަށް ހުއްޓުނު އިރުވެސް މަށަށް އަންގައިނުލީ؟ ކިހިނެއްތަ މިހާ އަވަހަށް ހަވީރު މިވީ؟” މަންމަ ގޮސް ނިވާވުމުން އެކުވެރިޔާ އާއި ދިމާލަށް އަހަރެން ބުނީމެވެ. ” މަށަށްވެސް އޮތީ ލޯމެރިފައޭ، ކަލޭ މަންމަ މިތަނަށް އައިސް ހުއްޓުނު ތަނާ މަށަށް ލޯ ހުޅުވާލެވުނީ” އެކުވެެރިޔާ ހެމުން ހެމުން ބުންޏެވެ. ” އޭ.. މަމި ނައްޓާލީ އިނގޭ؟” އަހަރެން ޖޯލިން ތެދުވަމުން ބުނީމެވެ. އެވަގުތު އަހަރެންގެ ބޮލަށް ގޮތްތަކެއް ވިއެވެ. އަރި އަޅާލާފައި ނުވެއްޓުނީ ކިރިޔާއެވެ. ” އޭ.. ކަލެއަށް ހިނގާފަ ނުދެވެންޏާ އަދި އިރުކޮޅަކު މަޑުކޮށްލާ!، އެހެންނޫނީ ބަސްޓު ވެދާނެ!” އެކުވެރިޔާ އަހަރެންގެ ގައިގައި ހިފަހައްޓަމުން ބުންޏެވެ.
” ކަލޭ ކުރާ ކަންތަކޭމީ! ބުނަން ވާހާކައެއް؟ މަ ބަސްޓު ވެއްޖެއްޔާ ކަލޭވެސް ބަސްޓު ކޮށްލާނަން ހަނދާން ކުރާތި!” އޭނާ އާއި ދިމާލަށް އިނގިލި ދިއްކޮށްލާފައި ރުޅިއައިސް ފައި އަހަރެން ބުނީމެވެ. އޭރު އަހަންނަށް ކޮޅަށް ހުރެވުނީ ދެފަރާތަށް އަރި އަޅައަޅައެވެ. “އޭ… ކަލޭ ހަމަޖެހިބަލަ، މާ ސަޅިނުވެ!އެކުވެރިޔާ އަހަރެންގެ އަތުގައި ހިފާފައި ޖޯލީގައި ބޭންދިއެވެ. އަދި ވާހަކަ ދައްކަންފެށިއެވެ. ” ބަސްޓެއް ނުވާނޭ ބުރޯ! އިރު ކޮޅަކު މަޑުކޮށްލާފަ ފާރުކައިރިން އިސް ޖަހާލައިގެން ހިނގާފަ ދޭ! މީހުންގެ މޫނަށް ނުބާތި! ކަލޭ ދެލޯ ހީވަނީ ރަތްކަމުން ގޮސް ކޮވެއްޔެއްގެ ލޯހެން.،ދެންގެއަށް ގޮސް ފެންވަރާލާ! އޭރުން އެއްފަހަރުން ކިކު ފިލާނެ،! އެކުވެރިޔާ އެކަމަށް އޮތް ހައްލު ބުނެދިނެވެ. ” އެހެންވީމާ އަހަރެން މި ނައްޓާލިއްޔޭ އިނގޭ؟!” އެހެން ބުނެފައި އަނެއްކައިވެސް އަހަރެން ޖޯލިން ތެދުވަން އުޅުމުން އެކުވެރިޔާ އަހަރެން ހިފެހެއްޓިއެވެ. ” އޭތް… ކަލެއަށް ދެވެންޏާ ނޫނީ ހިނގައި ނުގަންނާތި އިނގޭ! އެވަރު އެތިކޮޅެއް ބޯލީމަވެސް ކަލޭ ތިހިރީ އޯވާރ ވެފަ،” އެކުވެރިޔާ އިތުރަށް ބުންޏެވެ. ” މަމިހާރު އޯކޭއޭ!” އަހަރެން ހަޖެހިލާފައި ބުނީމެވެ. ” ދެންބުނަން! މާގިނަ ވާހަކަ ނުދައްކާތި ގެއަށްގޮސް! ސައި ބޯކަށްނު ތިދަނީ؟ ފުރަތަމަ ދާގޮތަށް ގޮސް ފެންވަރާ!.. ސައިބޮއެގެން ކޮޓަރީގަ އޮވޭ ކިކު ފިލަންދެން” އެކުވެރިޔާ ވާހަކަ ދައްކާ ގޮތުން ހީވަނީ އެކަމުގެ މާހިރެއް ކުޑަކުއްޖަކަށް ނަސޭޙަތް ދޭހެންނެވެ.
އަހަރެން އާއެކޭ ބުނުމުގެ ގޮތުހުން ބޯ ހަލުވާލުމަށްފަހު ތެދުވެ ވަރަށް ވިސްނައިގެން ހުރެ ގެއަށް ދިޔުމަށް ހިނގައި ގަތީމެވެ. މަގުމަތިން ދާ މީހުން އަހަންނާއި ދިމާލަށް ބަލާގޮތުން ހީވަނީ ކޮންމެ މީހަކުވެސް އަހަންނާއި މެދު ޝައްކެއް ކުރާހެންނެވެ. ހިނގާފައި ދާއިރު އަހަރެންގެ ސިކުނޑީގައި ތަފާތު އެތައް ބޭކާރު ޚިޔާލުތައް އެނބުރެމުން ދެއެވެ. އުފާވެރި ޚިޔާލުތަކާއި ހިތާމަވެރި ޚިޔާލު ތަކެވެ. ބައެއްފަހަރު ހިނި އަންނަ ގޮތްވެސް ވެއެވެ. އެހެންނަމަވެސް ވީހާވެސް ބޮޑަކަށް ހަމަ ޖެހިލައިގެން ޢާންމުކޮށް އަހަރެން ހިނގާލާފައި ދާ މަޑު ހިނގުމުގައި އަހަރެން ގެއަށްދިޔައީމެވެ.
އަދި ވަރަށް ރަނގަޅަށް ފެންވަރާލީމެވެ. އެކުވެރިޔާ ބުނި ފަދައިން ވަރަށް ބޮޑުތަން އަހަރެން ހަމަޔަކަށް އެޅުނެވެ. އެހެންނަމަވެސް ހުރީ ފާޑަކަށް ބޮލަށް ބަރުވެފައެވެ. ސައިބޯން ބަދިގެއަށް ދިޔަ އިރު މަންމަ ސަައި ތައްޔާރު ކޮށްފައި ހުއްޓެވެ. ސައި ބޯންފެށުމާއި އެކު ލޮޑުކަން މުޅިންހެން ފިލާ ދިޔައެވެ. ނަސީބަކުން މަންމަ އަކަށް އެއްވެސް ޝައްކެއް ނުވެއެވެ.
އެހެންނަމަވެސް އަހަންނަށް ހުރެވެނީ ފާޑަކަށް ނެގިމަޑުވެފައެވެ. ކުރެވުނު ފާފަ އާއި މެދު ކަންބޮޑުވެފައެވެ. އެއީ އަހަރެންގެ ޙަޔާތުގައިވެސް މަސްތުވާއެއްޗެއް ބޭނުންކުރި ފުރަތަމަ ފަހަރެވެ. އަދި އެންމެ ފަހުފަހަރުވެސް މެއެވެ.
އެދުވަހުގެ ރޭ ނިދަން އޮއްވައި ގޭގައި ހުޅުވާފައި ހުރި ރޭޑިޔޯއިން ފޮނުވި ދީނީ ޕްރޮގޮރާމެއްގައި ޝެއިހަކު ދެއްކި ވާހަކަ އަކުން އަހަރެން ވަރަށް ބިރުގަތެވެ. އަދި އެހާމެ ދެރަވެސް ވިއެވެ.
އަކުރުން އަކުރަށް އެ ބުނި އެއްޗެއް ހަނދާން ނެތެއް ކަމަކު އެ ޝެއިޚް ބުނި އެއްޖުމްލަ ކޮންމެވެސް ވަރަކަށް އަހަރެން ހަނދާން އެބަހުއްޓެވެ… “މަސްތުވާ އެއްޗެއް ބޭނުން ކޮށްފި މީހާ ކުރާ އެއްވެސް އަޅުކަމެއް ނުވަތަ ހެޔޮކަމެއް ވިޔަސް 40 ދުވަސް ވަންދެން މާތް ﷲ ޤަބޫލު ނުކުރަށްވާނެއެވެ.” އަހަރެން ހިތަށް އެރި އެވެ. އެ މުއްދަތުގެ ތެރޭގައި އަހަރެންގެ މަރު އަހަންނާއި ބައްދަލު ކޮށްފިނަމަ އަހަރެން ހިމެނޭނީ އަބާއްޖަވެރިންގެ ތެރޭގައެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ.؟ މިކުރެވުނީ ކިހާ ނުރައްކާތެރި ޢަމަލެއް ހެއްޔެވެ؟ ސިނގެރޭޓް ބުޔެއް ކަމަކު އަހަންނަކީ އޭރުވެސް ދީނަށް ވަރަށް ލޯބި ކުރާ މީހަކީމެވެ. ވީވަރަކުން ފަރުޟު ފަސްނަމާދަށް ރައްކާތެރި ވެވޭތޯ އޭރުވެސް އަހަރެން މަސައްކަތް ކުރަމެވެ.
އެރޭ އަހަންނަކަށް ނުނިދުނެވެ. އަހަރެންގެ ހިތްބިރުގަންނަން ފެށިއެވެ. ފާޚާނާ އަށް ވަދެ ވުޟޫ ކޮށްގެން އައިސް ނިދާ އެނދުގައި އިނދެ ދުޢާއަށް ދެއަތް އުފުލާލީމެވެ. އެހިނދު އަހަރެންގެ ލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެން ފެށިއެވެ. ދެތުންފަތް ތުރުތުރު އަޅާ ޙާލު ފާފަ ފުއްސެވުން އެދި ސިއްރު ސިއްރުން، ﷲ ގެ ޙަޟްރަތަށް ދުޢާ ކުރަން ފެށުނު އިރު އަހަންނަށް ހަމަ ރަނގަޅަށްވެސް ގިސްލާފައި ރޯން ފެށިއްޖެއެެވެ.
އަހަރެން ތައުބާވީމެވެ. އަދި ދެން ދުވަހަކުވެސް އެފަދަ ޢަމަލަކާއި ގާތްވެސް ނުވުމަށް ޢަޒުމު ކަނޑަ އެޅީމެވެ. އެ ފާފަ އަށް އަހަންނަށް އަރައި ގަނެވުނީ ސިނގެރޭޓް ބުއިމަށް ދެވި ހިފާފައި ހުރިލެއް ބޮޑުކަމުން ކަން އަހަންނަށް ވިސްނުނީވެސް ހަމަ އެވެގުތު އެވެ. އަހަރެން ޢަޒުމު ކަނޑަ އެޅީ ހިތާ ދެކޮޅަށް ނަމަވެސް ސިނގެރޭޓް ބުއިން އެރެއިން ފެށިގެން ހުއްޓާލުމަށެވެ.
އެރޭގެ ފަތިސް ނަމާދުން އައިސް އެނދުގައި ޖައްސާލި ތަނާ އަހަންނަށް ނިދުނެވެ.
އެދުވަހުގެ ހެނދުނު ހޭލައިގެން ސަައިބޯން އިންދައި މަންމަ ދިން ޚަބަރުން އަހަރެންގެ މެއަށް ހީވީ ފެންއެއްޗެއް އޮއްސާލި ހެންނެވެ. މަންމަ ބުނީ އެރޭ ފަތިހު ޕޮލިހުން އައިސް އަހަރެންގެ އެ އެކުވެެރިޔާ ހައްޔަރު ކޮށްގެން ގެންދިޔަ ވާހަކަ އެވެ. އޭނަ ނިދާ ކޮޓަރިން މަސްތުވާ އެއްޗެހި އަޅާފައި ހުރި ޕެކެޓު ތަކަކާއި ވަގަށް ނަގާފައިވާ ފައިސާތަކެއް ފެނުނީ ޔޯލައެވެ. އަހަރެން އެންމެ ބިރުގަތީ އޭނަ ޕޮލިހުން ކައިރީ އަހަރެންގެ ވާހަކަ ބުނެފާނެތީއެވެ. އެހެންނަމަވެސް އޭގެފަހުން ހަފްތާއެއް ވީއިރުވެސް އަހަރެން ހޯދާކަށް ޕޮލިހުންނެއް ނާދެއެވެ. އަދި އަހަންނާއި ބެހޭގޮތުން އެކަހަލަ ވާހަކައެއްވެސް މީހަކު ނުދައްކައެވެ. ”ﷲގެ ރަޙްމަތްފުޅޭ” އަހަރެން ހިތަށް އެރިއެވެ.
އޭގެފަހުން މިހާރު ހަތަރު އަހަރު ވީއެވެ. މިއަދު އަހަންނަކީ މީހެއްގެ ފިރިއަކީމެވެ. ހަތަރު މަހަށްދާ ލޯބިލޯބި ފިރިހެން ކުއްޖެއްގެ ބައްޕަ އަކީމެވެ. މިހާރު އަހަންނަށް ސިނގެރޭޓެއްގެ ވަސް ޖެހުނަސް މޭ ނުބައި ކުރެއެވެ. އަދި މަސްތުވާ ތަކެތި ބޭނުން ކުރާ މީހުނަށް އިންތިހާޔަށް ނަފްރަތު ކުރަމެވެ.
އެހެންނަމަވެސް އެފަދަމީހުންނަ ށާއި އަހަރެންގެ އެކުވެެރިންނަށް ބުނެލަން ބޭނުންވަނީ ” ސިނގެރޭޓަކީ މަސްތުވާ ތަކެއްޗާއި ދިމާލަށް ތިމާ ގެންގޮސް ފާނެ ދަންތުރައެކެވެ!. އެދަންތުރައި ގަައި ނަމަ ނަމަ ނުޖެހެއްޗެވެ!. ޖެހިފައި ވާނަމަ އަވަހަށް ސަލާމަތް ވާށެވެ.! ސިނގެރޭޓް ބުއިން ހުއްޓާލުމަކީ ޙަޤީޤަތުގައި މާ އުނދަގޫ ކަމެއް ނޫނެވެ. ބޭނުންވަނީ ވަރުގަދަ ޢަޒުމަކާއި ނުގުޑާނެފަދަ އީމާންތެރި ކަމެކެވެ.
އަހަރެންގެ ދުޢާ އަކީ މަސްތުވާ ތަކެއްޗާއި ދުންފަތުގެ އިސްތިޢުމާލް ކުރުމަށް ދެވި ހިފާފައި ވާ އެންމެހައި އަޚުންނާއި އުޚްތުންނަށް އެކަމުން ނިކުންނާނެ މަގެއް މާތް ﷲ މިންވަރު ކޮށްދެއްވުމެވެ. – އާމީން-
( ނިމުނީ)
2 Comments!
Comments are closed.

Aameen? vvvvvvvvvv.ibruraiytheri vhk eh.. Thibaa aai thibaage aailaa ah rahumaiy lavvaashi ????
Salhi ey bro????