އެދެނީ އެކުގައިވާށޭ 4
ކުއްލިއަކަށް ކޮޕީގަސް ވަށައިގެންވާ ވެލިތައް އަޑިއަށް ދިޔައެވެ. ފުންމައިގެން އެ އެރީ ފާޑެއްގެ އެއްޗެކެވެ. ބޮލެެއް ނެތް އެ މާރިދުގެ މުޅި ގައިގައި ތަތްލަވާފައިވާ ފެހި އެއްޗެހިތަކެއް ހުއްޓެވެ. ބަލާބެލުމަށް އަހަރެންނަށް ލަފާ ކުރެވުނީ އެއީ މޫދު ވިނަކަމަށެވެ.
އިމްޝާ އަޑުގެ ކޮޅަށް ރޮއިގަތް އަޑަށް އަހަރެންނަށް ތެޅިގަނެވުނެވެ. ”އިވާނޫ..!!! ދުވޭ..!!!” އިޝާންގެ އަޑަށް އަހަރެން ފަރާތް ފަރާތަށް ބަލާލީމެވެ. މާތްކަލާކޯއެވެ. އޭތި އެހުރީ އަހަންނާއި ޖެހިގެންނެވެ. އޭގެ ބޮލެއް ހުރި ނަމަ އަހަރެންނަށް މިހާރު ބިރުން ގޮސް ހުރިތަނަށް ކުޑަކަމު ދެވުނީސްކަން ޔަގީނެވެ. އަހަރެން ހަދާނެގޮތެއް ނޭނގިގެން ގަބުކައިފައި ހުއްޓާ އިޒާން އައިސް އަހަރެންގެ އަތުގައި ހިފާ ދުއްވައިގަތެވެ.
އަހަރެން ކުއްލިއަކަށް އިޒާންގެ އަތް ފޮޅުވާލީމެވެ. ”އިވާން.. ކީއްތަތިކުރަނީ..؟؟” އިޒާން ހިތްހަމަ ނުޖެހިގެން އަހަރެންނާއި ދިމާލަށް ހަޅޭއްލަވައިގަތެވެ.
އަހަރެން އަހަރެންގެ އަތުން ވެއްޓުނު އެތި ހިފައިގެން އެންމެންގެ ފަހަތުން ދުވެފައި ކަހަލަގޮތަކަށް އެތެރެއަށް ވަނީމެވެ.
“ސަމްތިން އިޒް ހެޕެނިން..” އިނގިރޭސިއަށް އެންމެ ކުޅަދާނަ އަހަރެންގެ ކޮއްކޮ އިމްޝާ ބުނެލައިފިއެވެ. އޭރު ދުވެދުވެ އެންމެން ވަނީ ގުނބުހެލިފައެވެ. “މަންމަމެންނަށްވެސް ނައްޓާލަން އެނގުނީ މިއަދު..” އަޒްފާ ޝަކުވާ ކުރިއެވެ. “އޭތް.. އިވާނުގެ އަތުގައި ތިއޮތީ ކޯޗެއް..؟؟” އާކިޝް އެހެން ބުނެލި އަޑަށް އެންމެންގެ ނަޒަރު ގޮސް އަހަރެންގެ އަތާއި ދިމާލަށް ހުއްޓުނެވެ. އަހަރެން ހިންދިރުވާލީމެވެ. އަހަރެންނާއި ދިމާލަށް މީހުން އެ ނަޒަރުން ބެލީ ކުލާހުގައި މުދައްރިސް ކުރި ސުވާލަށް ނުބައި ޖަވާބު ދެވުނު ދުވަހުއެެވެ. އަހަރެން ގޮސް އާނިޝްގެ އެނދުގައި އިށީނީމެވެ.
“އަހަރެންނަކަށް ނޭނގެ މިވީ ނުވަތަ މި ވާން އުޅޭ ގޮތެއް.. އެކަމަކު އަހަރެންނަށް ހީވަނީ އެކަން ގުޅިފައި ވަނީ މި ޗޮކްލެޓާހެން.. މިއީ އާދައިގެ ޗޮކުލެޓެއް ނޫން..” އަހަރެން އެންމެންގެ މޫނަށް ވަކިވަކިން ބަލާލަމުން ބުނެލީމެވެ. އާނިޝް ހިންދިރުވާލިތަން އަހަރެން ދެކުނީމެވެ.
“އެނގެޔޭ.. ކުއްލިއަކަށް ހުރެ ބަހައްޓާފައި ނުފެންނާނެދޯ އެކަހަލަ އެއްޗެއްސެއް..” އިޒާން ބުނެލިއެވެ. “އާނ އެބުނީ ތެދެއް.. އިވާން އެ ކޮޕީ ގަސް ބުޑުން އަހަރެމެން ވަޅުލި ކަރުދާސްގަނޑު ނަގާނީ ކޮންމެވެސް ކަމެއް ތިޔާއި ގުޅިފައި އޮންނާނެތީ..” އާކިޝް ވަރަށްް ވިސްނަވިސްނާފައި އެއްޗެކޭ ބުނެލިއެވެ.
“ދެން އަހަރެމެން ކީއްކުރާނީ..؟؟ މަންމަމެން މާމައަށް ކާންދޭން އެއްޗެހި ގެންދާނީވެސް ހޮސްޕިޓަލް ކައިރީ ހުންނަ އެކުވެރިމީހެއްގެ ގެއިން.. ފެންވަރަން އެކަނި ކަންނޭޭނގޭ މިގެއަށް އަންނާނީވެސް..” އަޒަލް ބުނެލިއެވެ. “ވިސްނަން ޖެހޭ ކަމެއް މިއީ.. އެކަކުވެސް ހާސްނުވާތި.. އާޝް ދޮންބެވެސް މިހުރީއެއްނުދޯ..؟ އަހަރެމެން އެންމެން އެކީގައި މިކަމެއް ހޯދާނީ..” އާއިޝް އޭނާގެ މަޑުމައިތިރި އަޑުން އަހަރެމެންނަށް ހިތްވަރު ދިނެވެ. ”އާޝް ދޮންބެ ތީ ބެސްޓް..!” އަޒަލް އާއިޝްގެ ގައިގައި ބައްދާލިއެވެ.
”އިވާންބޭ..؟” މިހާއިރު ވަންދެން ހައްޕު ކިޔައިގެން ހުރި އިމްޝާގެ އަޑަށް އަހަރެން ބަލާލީމެވެ. “ކީކޭ އިމްކޯ..؟” އަހަރެން ވައިއަޑުން އެހެން އަހާލީ އިމްޝާ އެހުރީ ބިރުންގޮސް ހަލާކުވާވަރުވެފައިކަން އަހަރެންނަށް އެނގެއެވެ.
“ތި ޗޮކްލެޓު ކަރުދާސްގަނޑު ދީބަަ އިމްކޮގެ އަތަށް.!” އިމްޝާ އަތް ދިއްކޮއްލަމުން ބުނެލިއެވެ. އަހަރެން ފާޑަކަށް އަނގަ ހަދާލާފައި އިމްޝާގެ އަތަށް އެ ކަރުދާސްގަނޑު ދިނީމެވެ. “އާދެބަލަ އެންމެން..” އިމްޝާ އަށް އެއުޅެނީ ކޮންމެވެސް ކަމެއް ފާހަގަ ކުރެވިގެންކަން އަހަރެންނަށް އެނގުނެވެ.
އެންމެން އެއްތަނަކަށް ބޮނޑިވެގަތުމުން އިމްޝާ ދިޔައީ ފާޚާނާއަށެވެ. އަދި ފާޚާނާގައި ހުންނަ ޖަގަށް ފެން އަޅައިގެން އައިސް އަހަރެމެންގެ ގާތު އިށީނެވެ. “އިމްކޮ ތިއުޅެނީ ފެން ކިޔަވަންތަ..؟” އެފަދަ ބިރުވެރި ވަގުތުކޮޅެއްގައިވެސް އާކިޝް އުޅުނީ ސަމާސާއެއް ނުކުރެވިގެންނޭ އަހަރެންނަށް ހީވިއެވެ. އިމްޝާ ލޯ އަޅާލާފައި އެ ޗޮކްލެޓް ކަރުދާސްގަނޑު އެކީއެކަށް ފޯކޮށްލިއެވެ. މިހާރު އެ ޗޮކުލެޓް ކަރުދާސްގަނޑެކޭ ސަޔާއެކީ ފޯ ކޮށްފައިވާ ބިސްކޯދެކޭ ތަފާތެއް ނެތެވެ.
އިމްޝާ ދެން ނެގީ ޓޫތުޕިކްއެކެވެ. ޓޫތުޕިކް އިން އިމްޝާ އެ ޗޮކްލެޓް ކަރުދާސްގަނޑުގައި އަޅާލުމުން ކަރުދާސްތައް ވަކިވާން ފެށިއެވެ. ”ސީ ސަމްތިންގ..؟ އެއީ އިމްކޮ މި ދައްކަން އުޅުނު އެއްޗަކީ..!” އިމްޝާ އެ ޗޮކުލެޓް ކަރުދާސްގަނޑުން ބައެއްގައި ޓޫތުޕިކް އަޅާލާ ނިންމާލިއެވެ.
އަހަރެން ހުރީ ޢާޝޯހުވެފައެވެ. މިއީ ހަގީގަތެއް ބާވައެވެ.؟ އާނއެކެވެ. އަހަރެންގެ ކުރިމަތީ ފެންނަން އޮތީ ޗާޓެކެވެ. އެ ޗާޓުމަތީގައި ކަރުދާސް އަޅާފައިވަނީ އެ ޗާޓު ނިވާ ކުރުމަށެވެ. ނަމަވެސް ކީއްވެގެން ބާވައެވެ.؟
“އޯހްހް.. އިމްކޯ އަހަރެންނަށް ގެޓު ވެއްޖެ…” އާނިޝް އެހެން ބުނެލި އަޑަށް އެންމެންގެ ސަމާލުކަން އާނިޝަށް ލިބުނެވެ.
”މަޑު ކުރޭ އެބަ އަންނަން..!” އާނިޝް ކޮޓަރިން ނުކުތްހާ ހަލުވިކޮށް ކޮޓަރިއަށް ވަނީ އެއްޗެއް ހިފައިގެންނެވެ. “ތީ އިމްޝާ އަހަރެންގެ އަނގަޔަށް ލީ އެތިކޮޅެއް ނޫންތަ..؟” އަހަރެން އާނިޝްގެ އަތަށް ބަލާލަމުން އަހާލީމެވެ. “ހޫނ ހޫނ.. މިއުޅެނީ ކިޔާދޭށޭ..!” އާނިޝް އަހަރެންނަށް ލޯ އަޅާލާފައި އެންމެންނާއި ދިމާލަށް އެނބުރުނެވެ.
“މިހާރު މި އެތިކޮޅަކީވެސް ތި ކަރުދާހުން ބައެއްނު..؟ އިމްކޮވެސް ތި ކަރުދާހަށް ފެން އަޅައިގެންނެއްނު ހިޑެން މެޕު ތި ޑިސްކަވާ ކޮށްލީ..؟ މީގެން މިފެންނަނީވެސް ތި ކަރުދާހުން ބައެއް.. މި ކުޑަ ކަރުދާސް ކޮޅުން އެ ބައި އެ ފެނުނީ އިވާންގެ ސަލައިވާގެ ސަބަބުން..” ސައިންސަށް އެންމެ ލޯބިކުރާ އާނިޝް ކިޔައިދިނެވެ. “އޯހް ބުރޯ މަށަށް ގެޓު ވެއްޖެ..!” އިޝާން ބުނެލިއެވެ.
“ދެން ތި އަވަހަށް ގުޅުވަންވީނު..؟” އަޒްފާ އެހެން ބުނެލުމުން އާކިޝް އެ ބައި އޮންނަން ޖެހޭ ދިމާގައި ސެލޯ ޓޭޕްކޮޅަކާއެކީ ތަތްކޮއްލިއެވެ. “އޭތް.. އެންމެން ޓޫތު ޕިކް ނަގާ.. މި މެޕް އެކީ ބަލާލަން އަހަރެން ބޭނުން..!” އަހަރެން އެހެން ބުނެލުމުން ކޮންމެ މީހަކުވެސް އަތަށް ޓޫތުޕިކެއް ހެޔޮވަރު ކޮށްލާފައި އެ ކަރުދާސްތައް ނެއްޓުމުގެ މަސައްކަތް ފެށިއެވެ.
“ނިމުނީ..!” ވިހިވަރަކަށް މިނެޓްގެ މަސައްކަތް ކާމިޔާބުވުމުން އަހަރެމެން ހިންދެމިލީމެވެ.
“ވާވްވްވްވް..! ފިލްމަކުންވެސް އަހަރެން ނުދެކެން މިހާ ސަޅި އެއްޗެއް..!” ފިލްމުތަކަށް މަރުދޭނެ އިޝާން ބުނެލިއެވެ. “ބަލާބަލަ… މީ މެޕެއް… ވަޓް ޑަޒް ދިސް ލީޑް ޓު..؟؟” އިމްޝާ އަހާލިއެވެ. އެއީ އަހަރެންނަށް ވެސް ޖަވާބެއް ދޭން ނޭނގުނު ސުވާލެކެވެ.
“މީ ދިވެހި ރާއްޖޭގެ މެޕެއް..” އާއިޝް ފޯނަށް ބަލަން ހުރެފައި އަހަރެމެންނަށް ފޯނު ދައްކާލިއެވެ. ދިވެހި ޜާއްޖޭގެ މެޕް ގޫގުލުން ސާޗް ކުރުމުން އައިސްފައި ރިޒަލްޓްތަކުން އެއް ފޮޓޯ އެވަނީ އަހަރެމެންނަށް ފެންނާށެވެ.
“އާނ… ހާ އަލިފް އަތޮޅު.. ޅަވިޔަނި އަތޮޅު.. އަލިފް ދާލު އަތޮޅު..!!” އިޒާން ވަރަށް ފަރުވާތެރިކަމާއެކީ އަތޮޅުތައް ފާހަގަ ކުރަމުން ގެންދިޔައެވެ.
“ބަޓް މީ ކޯޗެއް..؟؟؟” އެތަނުން އެއް އަތޮޅުގައި އިނގިލި ޖައްސާލަމުން އިޒާން އެހެން އަހާލީ ދެތިން ފަހަރު ފޯނަށްވެސް ބަލާލަމުންނެވެ.
“މީމު ތާ އަތޮޅޭ..؟؟؟” ޗޮކުލެޓް ކަރުދާސްގަނޑުން ފެނުނު ޗާޓުގައި ޖަހާފައި އޮތް ގޮތަށް އަހަރެން ކިޔާލީމެވެ. “ވަޓް..؟ އަހަރެމެން މިއަހަރެއްނު ކިޔެވީ ދިވެހީގައި އަތޮޅުތަކުގެ ނަންތައް..؟ ދިވެހި މިސް ބޭއްވި ކުއިޒުންވެސް އަހަރެން އަޑެއް ނާހަން މީމު ތާ އަތޮޅެއްގެ ނަމެއް..” އަހަރެންނަށް ކިޔުނީ ނުބައިކޮށް ކަމަށް ހިތާ އަޒްފާ ބޯއަރި ކޮށްލާފައި ބަލާލިއެވެ.
“ޑޯންޓް ޔޫ ގެޓް އިޓް ގައިޒް..؟؟؟؟” އިމްޝާ ކޮޅަށް ތެދުވަމުން އަހާލިއެވެ. “ކޯޗެއްތަ..؟؟” އަހަރެންނަށް ވެސް އިމްޝާއާއި އެއްވަރަކަށް ތެދުވެވުނެވެ.
“ދިސް އިޒް ދަ އެޓޯލް… ދެޓް ހޭޒް ދަ ހިޑެން އައިލެންޑް އޮފް މޯލްޑިވްސް..!!!” އިމްޝާ ބުނިއެތީގެ މާނަ އެނގުނީ އަޒަލްއަށް އެކަންޏެވެ. “އޯހްހް.. އެހެންދޯ..!!!” އަހަރެންވެސް ފޯރިއާއެކީ ތެދުވީމެވެ.
އެންމެން އެއާއި ބެހޭގޮތުން ދައްކަން ފެށި ވާހަކަ ހިންދާލަން ޖެހުނީ ދޮރުގައި ޕައްޕައް ކިޔާފައި ތަޅައިގަތް އަޑަށެވެ. އަހަރެން އެންމެންގެ މޫނަށް ބަލާލީމެވެ. އެމީހުންގެ ހިތުގައި ވެސް އެ އަޅަނީ ހަމަ ބިރުވެރިކަމުގެ އެލާމްކަން އެމީހުންގެ ބިރުގަނެފައިވާ މޫނުތަކުން ދައްކުވައިދެއެވެ.
ނުނިމޭ
One Comment
Comments are closed.

VVV reethi maasha allah??????