އެދެނީ އެކުގައިވާށޭ 3
”ޔަގީން އެ ޗޮކުލެޓްގައި ހަންޑިއެއް އޮތީކަން..!” އިމްޝާ ބުނެލިއެވެ. ސަމާސާއަކަށް ނޫނީ ހީވި ހީވުމެއްގެ މައްޗަށް އިމްޝާ އެ ބުނެލި ޖުމްލައިގެ މުހިއްމުކަން އަހަރެމެންނަށް ވިސްނުނު ނަމައެވެ.
އަހަރެން ފަހަތަށް އެނބުރުނު އިރު އާއިޝް ޓީޝާޓާއި ޖިންސެއް ލައިގެން އަންނަނީއެވެ. “އިޒާންބޭ..! ބަލަ މެންދުރު ކެއުންވެސް މިހެންތަ..؟” އަހަރެން ކަންބޮޑުވެފައި އަހާލީމެވެ. އިޒާން ވައި އަޑަކުންް ނޭނގެޔޭ ބުނެލިއެވެ.
“މެންދުރަށް ކޯޗެއްތަ..؟” އަހަން ނާހަން ހުރެފައިވެސް އަހަރެން އަޒްފާގެ ގާތުގައި އަހާލީމެވެ. “މީމިބޭ އަންނާނެ މެންދުރު ގަޑީގައި.. އަހަރެމެން އެންމެން އެކީގައި ރެސްޓޯރެންޓަކަށް ދާން މިއުޅެނީ..” އަޒްފާ އުފަލުން ދަތްޕިލަ ސޭލް އަޅުވާލައިގެން ހުރެ ބުނެލިއެވެ. ”އޯ ޔެސް..!!” އެހެން ކިޔާ އެވަގުތު އަހަރެން ފުންމައިނުގަތަސް އަހަރެން ހިތުގެ އަޑީން އުފާ ފާޅުކުރިވަރު ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ.
ކަމެއް ނެތެވެ. ޗުއްޓީއަށް ވުމުން ސްކޫލަށް ދާކަށް ނުޖެހެއެވެ. އަހަރެން އިނގިރޭސި ފޮތް ކިޔާލާފައި ދިވެހި މަސައްކަތް ނިންމީމެވެ. މާ މުހިއްމުވެގެން އަހަރެން ދިވެހި މަސައްކަތް ފުރަތަމަ ނިންމީ ދިވެހި މިސް އަކީ ވަރަށް އެހެން ފާޑެއްގެ މިސްއެކެވެ. ރުޅި އައިސްފިއްޔާ ދަރިވަރެއް ޓީޗަރެއް ނޯންނާނެއެވެ. ބަވާލާނީ ހިތުހުރި ގޮތަކަށެވެ. އަހަރެން އެ ޓީޗަރު ދެކެ ވަރަށް ރުޅި އާދެއެވެ. ބައެއް ފަހަރު އެލް.ޓީ ގާތުގައި ކުޓުވަންވެސް ހިތަށް އަރައެވެ.
”އިވާނޫ..!!!” އަޒަލްގެ އަޑަށް އަހަރެން ކިޔަން އިން ހިސާބު ފޮތް ބޭއްވީމެވެ. “އިވާން ނުވިސްނަންތަ ދެން ވާނެ ކަންތައްތަކާއި ދޭތެރޭ..؟ އަހަރެމެންނަށް އިވާން ފެނިއްޖެ… އެކަމަކު އިވާން ތި ކިޔަނީ އިވާން ނުނިކުންނަމޭ.. އަނެއްކޮޅުން ދޮންބެވެސް ހުވާކޮށްފައި އެބަ ކިޔާ ތިމަންނާ ތެދުވިއިރު އިވާން އޮތީ ނިދާފައޭ. ދެންމެ ފެނުނު ކަޅު ހިޔަންޏެއްވެސް.. އެކަކުވެސް ބިރުނުގަންނަ ކަމަށް ހަދާލައިގެން އެ ވާހަކަ ނުދައްކަން އެ އުޅެނީ.. އެންމެން ތެރޭ އެވާހަކަ ނުފަށަންވެގެން އަހަރެން އިވާންގެ ގާތަށްވެސް މި އައީ..” އަޒަލް އަހަރެންގެ އެނދަށް އަރާ ދެފައި ވަށްކޮއްލަމުން އިށީނެވެ.
“އަހަންނަކަށް ނޭނގެ.. އެކަކުވެސް އަހަރެން ދައްކާ ވާހަކަ ގަބޫލެއް ނުކުރޭ ވިއްޔާ..” އަހަރެންގެ އަޑުން އަޒަލް އިސްޖަހާލިއެވެ.
“އިވާން.. ހަމަ އަސްލަށްވެސް އަހަރެން ބިރު ގަންނަން ފަށައިފި…” އަޒަލް ބޯ އަޅާލީ އަހަރެންގެ އުނގު މަތީގައެވެ. ދެބެންގެ ދެދަރިންނަށް ވިޔަސް ތަންކޮޅެއް ބޮޑުވަރޭ އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް އަޒަލް އެހެން ހަދާލެއް ގިނަކަމުން އަހަރެންނަށް ވަނީ އެކަން އާދައަކަށްވެފައެވެ. ނަމަވެސް އަޒަލް ފިކުރު ކުރަން އޮތުމުން އަހަރެން އަޒަލް ބާއްވާފައި ފޮތް ކިޔަން ފަށައިފީމެވެ.
“ހިޑެން އައިލެންޑް އޮފް މޯލްޑިވްސް..” އަޒަލް އެހެން ބުނާއިރަށް އަހަރެން ސިއްސައިގެން ގޮސް އަޒަލްގެ މޫނަށް ބަލާލީމެވެ.
“އެއީ ކޯޗެއްތަ..؟” އަޒަލް އަހާލިއެވެ. ”ނޭނގޭ.. އެކަމް ހޯދަން ވަރަށް ބޭނުން…” އަޒަލް އެ ފެށި މައުޟޫ އާއި ގަޔާވެވިގެން އަހަރެން ފޮތް ބާއްވާފައި ވާހަކަ ދައްކަން ފެށީމެވެ. “ހްމްމް.. ވަރަށް މިސްޓީރިއަސް ދޯ އިވާނޫ..؟ އަހަރެެމެންނަށް އެތަނަށް ދެވޭނި ކިހިނެތްތަ..؟” އަޒަލް އަހާލައިފިއެވެ.
“ޑްރިން ޑްރީން..!!!!” ގޭގެ ބޮޑު ފޯނު ރިންގު ވާން ފެށި އަޑަށް އަހަރެން ވާހަކަ ހުއްޓާލީމެވެ. ފޯނު ރިންގު ވަމުން ދިޔައެވެ. އެކަކުވެސް ނުދިޔައެވެ. ”އާހް ފައިން.. އައިލް ގެޓް އިޓް..!!!” އާއިޝްގެ އަޑަށް އަހަރެން ހިނިތުންވެލީމެވެ. އެއީ މިގޭގެ އާދައެވެ. ފޯނެއް ރިންގު ވެއްޖެނަމަ ފޯނެއް ނުނަގާނެއެވެ.
“އޭތް އެންމެން އާދެބަ އަހަރެމެންގެ ކޮޓަރިއަށް..” ކުއްލިއަކަށް އާނިޝް ގޮވާލި އަޑު އިވުނެވެ. ”ފޯނު ނުނެގީމަ އެކަމުގެ އަހުވަ ދައްކާލަން އެ ވިސްނަނީ..!” އަހަރެން އެނދުން ފައިބަމުން ބުނެލީމެވެ.
“މާމަ ގޮވައިގެން މަންމަމެން އެ އުޅެނީ ވަރަށް އަވަހަށް އިންޑިޔާއަށް ފުރަން..!” އައިސް ރަނގަޅަށް އެތެރެއަށް ނުވަދެވެނީސް އާކިޝް ބުނެލައިފިއެވެ. “ވަޓް..؟ ހާދަ ކުއްލިއަކަށް..؟” އަޒްފާ އަހާލައިފިއެވެ. “ހޫން.. މަންމަ ބުނީ މާމަގެ ބަނޑު އޮޕަރޭޝަނެއް ކުރަން ޖެހެޔޯ.. ރާއްޖޭގައި އެ އޮޕަރޭޝަން ކުރެވޭކަށް ނެތޯ..!” އާކިޝް ބުނެލިއެވެ. “ދެން ތިމީހުން ކޮން ފޯރިއެއް އަޜާފަތަ ތި ހުންނަނީ..؟” އިޝާން އަހާލިއެވެ. “ދެން އުފާވެފަ މި ހުންނަނީ.. ރޭގަނޑު ގަޑީ ބޭނުން އިރަކު ނިދަން އޮށޯވެވޭނެ.. ސުކޫލް ފޮތްތައް ނުކިޔައިގެން މީހަކު ނުހުންނާނެ ހަޅޭއްލަވާކަށް..” އާނިޝް އުފާވެފައި ބުނެލިއެވެ.
“ބަލަ ތިހެންވެއެއް ނޫނޭ..” އިޒާން އާނިޝްގެ އަތުގައި ކޮށްޓާލަމުން ލޮލުން އަޒްފާއާއި ދިމާލަށް އިޝާރާތް ކޮށްލިއެވެ. އިޒާންވެސް އެ ކަންބޮޑުވަނީ އަހަރެމެންގެ ކެއުމާއި ދޭތެރޭކަން އަހަރެންނަށް ވިސްނުނެވެ.
”ކިތައް ދުވަހުގެ ޓްރިޕެއް..؟” އިމްޝާ އަހާލިއެވެ. ”ނޭނގޭ.. މަހެއް ދެ މަހެއް ނަގާނެހެން ހީވަނީ.. ބަޓް މައި ފްރެންޑްސް ނޮޓް ޓު ވޮރީ..! އަހަރެމެން ބޭނުންކަމެއް ބޭނުން އިރަކު ބޭނުން ގޮތަކަށް ކޮށްލަންވީ..” އާކިޝަށް އަދިވެސް އަހަރެންނާއި އިޒާނާއި އިޝާން ކަންބޮޑުވަނީ ކީއްވެގެން ކަމެއް ގެޓެއް ނުވެއެވެ.
“އޭރުން އައިލީންމެންނޯ..؟” އަޒްފާ އަހާލިއެވެ. “ގޮވައިގެން ދަނީ… އެ ދެމީހުން ޅަ ވީމައި..” އާކިޝަކީ ކުރާ ސުވާލަށް ޖަވާބު ދޭން ހަދާފައިވާ މެޝިނެއްކަމާއި މެދު މިހާރު އަހަރެންނަށް ޝައްކެވެ. ކުރާ ކޮންމެ ސުވާލަކަށް ޖަވާބެއް ތައްޔާރު ކޮށްލައިގެން އެބަ ހުރޭ ވިއްޔާއެވެ.
”ޗީ… ސަމްވަން ޕޫޕްޑް..!” އައިރީން އުރާލަމުން އިމްޝާ ބުނެލިއެވެ. “އަހަރެން އަންނާނަން ދޮއްވައިގެން..” އަޒަލް އައިރީން އަތުލަމުން ފާޚާނާއަށް ވަނެވެ.
”އިވާނޫ..!! ނެޕީ ޑަސްބިނަށް ލާދޭން ދޭބަލަ..!” އަޒަލް ގޮވާލިއެވެ. އަހަރެން ފަކުރުން ނަމަވެސް އެ ނެޕީ ގައި ދެ އިނގިލި ކުރިން ހިފާއްޓައިގެން ޑަސްބިނަށް ލާން ނުކުތީމެވެ. “ގްރޭޓް..!” އޭރު އަޒްފާ ވަނީ ޑަސްބިނުގައި ހުރި ކުނިތައް ބޭރުގައި ހުންނަ ކުނިގޯންޏަށް ބަދަލު ކޮށްފައެވެ. އަޒްފާއާއި ދިމާލަށް ކުދި ކިޔަމުން އަހަރެން ނޭފަތުގައި އަތް އަޅައިގެން ނުކުތީމެވެ.
އޭތި ކުނި ގޯންޏަށް ލާފައި އަހަރެން ގެއަށް ވަންނަން ދިޔައިރު އޮޅުމަކުން ކޮޕީގަހާއި ދިމާލަށް ބަލާލެވުނެވެ. އޭރު ކުޑަ ކުއްޖެއް އެ ކޮޕީ ގަސްބުޑު ކޮންނަން އޮތެވެ.
”ވަގެއް..!!!” އަހަރެން އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތީމެވެ. އެ އަޑަށް ގޭތެރޭ ތިބި އަހަރެންގެ އާއިލާ އެންމެން ނުކުތެވެ. ”ވާ ސާބަހޭ އިވާނޫ..! އަހަރެން ބިރުން މަރުވެއްޖެ..!” އިޒާން ބުނެލިއެވެ.
“އެ ކުޑަ ކުއްޖާ އެ ކޮޕީގަސްބުޑު ކޮންނަނީ..!” އަހަރެން އަވަހަށް ބުނެލީމެވެ. އަޒަލްއާއި އެންމެން ފާޑަަކަށް އަހަރެންގެ މޫނަށް ބަލާލިއެވެ. ”ދެންވެސް ކީއްވެގެންތަ ތި ބަލަން ހުންނަނީ..؟ ކޮޕީ ގަސް އުފުރާލައިގެން އެ ސޮރު ގެންގޮސްފިއްޔާ މާ ތާހިރެއް ނުވާނެ…!” އަހަރެން ބުނެލީމެވެ.
”އަހަރެން އަދި ހީކުރީ އަސްލަށްވެސް ކަމެއް ވީކަމަށް.. އެކަމަކު އިވާނު އަހަރެމެންނަށް ލަނޑުދޭން ރާވައިގެންނު މި އުޅުނީ..” ހީނގަނެފައި އާނިޝް ބުނެލިއެވެ.
“ވަޓް..؟” އަހަރެން ބުނެލީމެވެ. ”އިވާނު އަދި އަމިއްލަ އަމިއްލައަށް ކޮޕީގަސްބުޑު ކޮނެފައި، ކުށެއްނެތް މައުސޫމް ކުއްޖެއްގެ ބޮލަށް ތި އެކަންވެސް ޖަހަނީ..” އަޒްފާ އެހެން ބުނެލުމުން އަހަރެން އަމިއްލަ އަތަށް ބަލާލީމެވެ.
އަހަރެންނަށް ހުރެވުނީ ކޮޕީގަސް ބުޑުގައި ދެކަކޫ ޖަހައިގެންނެވެ. މުޅި އަތުގައި ވަނީ ވެއްޔެވެ. އަހަރެންނަށް ވަނީ އެ ކޮޕީގަސް ބުޑުން އެއްބައި ކޮނެވިފައެވެ. ފައިބުޑުގައި ކުޑަ ވެލިފުންޏެއް ޖަހާލެވިފައި ވެއެވެ.
އަހަރެން ފުންމައިގެން ތެދުވީމެވެ. އަތް ފޮޅާލާފައި އަހަރެން އެންމެންނާއި ކުރިމަތިލީމެވެ.
“އަހަންނެއް ނޫން ގަބޫލު ކުރޭ.. ނެޕީ ލާފައި ގެއަށް ވަންނަން ދަނިކޮށް ފެނުނީ ކުޑަ ސޮރެއް އެތަން ކޮންނަނިކޮށް..” އަހަރެން ބުނެލީމެވެ. “އިވާނޫ..!” އަޒަލް ގޮވާލިއެވ. ”ހޫނ…” އަހަރެން ބުނެލީމެވެ.
”އިވާން ކީއްވެގެން އަހަރެމެން ވަޅުލި ކަރުދާސްގަނޑު ތި ނެގި..؟؟” އަހަރެންގެ ޖީބުންް ފެންނަން އޮތް ކަރުދާސްގަނޑަށް އިޝާރާތް ކޮށްލަމުން އަޒަލް އަހާލައިފިއެވެ.
“ސަމާސާ ނުކޮށްބަލަ..!” އަހަރެންނަށް ބުނެވުނެވެ.
ކުއްލިއަކަށް ކޮޕީގަސް ވަށައިގެން ވާ ވެލިތައް އަޑިއަށް ދިޔައެވެ. ފުންމައިގެން އެ އެރީ ފާޑެއްގެ އެއްޗެކެވެ. ބޮލެއް ނެތް އެ މާރިދުގެ މުޅި ގައިގައި ތަތްލަވާފައިވާ ފެހި އެއްޗެހި ތަކެއް ހުއްޓެވެ. ބަލާބެލުމަށް އަހަރެންނަށް ލަފާ ކުރެވުނީ އެއީ މޫދު ވިނަ ކަމަށެވެ.
ނުނިމޭ
2 Comments!
Comments are closed.

VvV reethi maasha allah???
To be honest,,,I don’t like fictional storys…but mi vhk kiyaalan eba..v reethi sifakurunthah vx…heevany stry there yea ulhevehen…keep it up…