ކުރި އިތުބާރު
ދިރިއުޅުމުގައި އަބަދު އަންނާނީ އުސްގަނޑުތައް ނޫންކަން ސާރާގެ ޒުވާން ސިކުނޑިއަށް ވިސްނެއެވެ. އެހެންނަމަވެސް ދިރިއުޅުން އަބަދުހެން ނާކާމިޔާބީގައި ހޭދަ ކުރަން ޖެހުމަކީ ސާރާހެ އެ ނިކަމެތި ލަގޮނޑި ކެތްކުރަން ބޭނުންވާ ކަމެއް ނޫނެވެ. ހިތް އެދޭގޮތަށް ކަންތައް ވަމުން ނުދާތީ ސާރާގެ ހިތް އަބަދުވެސް ޝަކުވާ ކުރެއެވެ. ދިރިއުޅުމުގެ ހިތި ތަޖުރިބާއިން ސާރާގެ ހިތުގައި ޖެހޭ ކޮންމެ ލައްގަނޑަކާއެކު ސާރާ ހިތާ ކުރަމުން ދިޔައީ ހަމަ އެންމެ ސުވާލެކެވެ. ކީއްވެހެއްޔެވެ؟
ސާރާގެ އުމުރުން 18 އަހަރު ފުރުމާއެކު ކުޑަކުއްޖެއްގެ ދައުރު ނިމި ޒުވާނަކަށް ބަދަލުވީ ކަމުގައި ސާރަ ގަބޫލުކުރިއެވެ. ނަމަވެސް އެ އުމުރުފުރައިގެ އެހެން އަންހެން ކުދިން އުޅެމުންދާ ދިރިއުޅުމާ ސާރާގެ ދިރިއުޅުން ތަފާތެވެ. ސާރާގެ ގައިގައި އުނިވަނީ ކޮން ސިފައެއްކަމެއް ސާރާ ވިސްނާ ވިސްނާވެސް ނޭނގުނެވެ.
ސާރަގެ އެކުވެރިން އައިސް އެމީހުންގެ ލޯބިވެރިންނާއެކީ ހިއްސާކުރާ އުފާވެރި ވަގުތު ތަކުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ސާރާގެ ހިތަށް ވަރަށް އަސަރު ކުރެއެވެ. އުމުރުގެ މިހާ ހިސާބަށް އައިއިރުވެސް ސާރާދެކެ ލޯބި ވެގެން، ސާރާ ބޭނުން ވެގެން އެއްވެސް ކުއްޖަކު ލޯބި ހުށައަޅާފައެއް ނުވެއެވެ. ކީއްވެގެންކަމެއް ސާރާއަކަށް ނޭނގެއެވެ.
ވަކި ހިސާބަކުން ސާރާވެސް ލޯބިވާން ބޭނުން ވިއެވެ. ލޯބިވެރިއެއްގެ ފާރާތުން ލިބޭ އޯގާތެރިކަމާއި އުފަލަކީ ކިހާ ފޮނި އިހުސާސެއްތޯ ސާރާ ތަޖުރިބާ ކޮށްލަން ބޭނުން ވިއެވެ.
ސާރާ ދިރިއުޅޭ ގެޔާއި މާ ދުރުނޫން ހިސާބެއްގައި ހުރި ގެއެއްގައި އުޅޭ ޒުވާނަކަށް ސާރާ ލޯބި ހުށައެޅިއެވެ. އެ ޒުވާނާގެ ގައިގައި ސާރާއަށް ކަމުދާ ވަރަށް ގިނަ ސިފަތައް ހުރީމައެވެ. ނަމަވެސް ވީ ނާކާމިޔާބެވެ. އޭނާ ސާރާ ފޮނުވި ކަރުދާސްކޮޅު ވީދާލީ ސާރާގެ ކުރިމައްޗަށް އައިސްފައެވެ.
އެވަރުންވެސް ސާރާ ކެތް ކުރިއެވެ. އުންމީދު ކަނޑައެއް ނުލިއެވެ. އިތުރު އެހެން ފިރިހެނަކަށް ލޯބި ހުށަހެޅުމުންވެސް ލިބުނީ ދާދި އެއް ޖަވާބެކެވެ. ސާރާގެ ގައިގައި އެމީހުނަށް ކަމުދާ ސިފައެއް ނެތީއެވެ. އެމީހުނަށް ސާރާ ކަމުނުދިޔައީއެވެ.
އިތުރު ކުއްޖަކަށް ލޯބި ހުށައަޅަން ސާރާ ބޭނުމެއް ނުވިއެވެ. ލޯބި ހުށައެޅުމަކީ ފިރިހެން ކުދިން ކުރާ ކަމެކެވެ. ސާރާ މާގިނައިން ފިރިހެނުންނަށް ލޯބި ހުށައަޅަން ވެއްޖެނަމަ، ރަށުގައި ސާރަގެ އަބުރު ވެއްޔާ މޮޑެވިގެން ހިނގައިދާނެއެވެ. މީހުން ސާރަގެ ނަން ކޫޑިއެއް ގޮތުގައި ލޭބަލްކޮށް ސާރާ ބޭޒާރު ކޮށްލަފާނެއެވެ.
އާދައެކޭ އެއްފަދައިން ހަވީރުވެ އަވި މަޑުވުމުން ސާރާ ނުކުތީ މަރީ މެންގެއަށް ދާށެވެ. ކޮންމެ ދުވަހަކުވެސް ހަވީރު ކެރަމް ކުޅެން ދިއުމަކީ ސާރާގެ މި އެކަނިވެރި އިހުސާސްތައް ފިލުވައިދޭން އެހީތެރިވެދޭ ކަމެކެވެ.ސާރާއަށް އާދެވުނު އިރު މަރީ އިނީ ސާރާ ނައިސްގެން ލަސްވެފައެވެ. ކެރަމް ބޯޑުގައި އިނީ ސާރާއަށް އިން ޖާގަ އެކަންޔެވެ. މަރީއާއި މަރީގެ ބޭބެގެ އިތުރުން އެހެން ޒުވާނަކުވެސް މިއަދު ކެރަމްބޯޑު ކައިރީގައި އިނެވެ. އެއީ މީގެ ކުރިން ސާރާ ނުދެކޭ މީހެކެވެ.
ކުރިން ނުފެންނަ މީހެއްކަމުން ސާރާއަށް އޭނާއަށް ބަލާލެވުނެވެ. އެއީ ރީތި ފިރިހެނެކެވެ. އަންހެން ކުދިންގެ ހިތް ލެނބޭ ޒާތުގެ ގޮތެއް އޭނާގެ މޫނު މަތީގައި ހުއްޓެވެ. ކެރަމް ކުޅެމުން ދިޔައިރުވެސް މަރީ އޭނާގެ ތައާރަފެއް ސާރާއަކަށް ނުދެއެވެ. އެއީ ކާކުތޯ ބަލާކަށް ސާރާގެ ހިތުގައި މާބޮޑު ސަމާލުކަމެއްވެސް ސާރާ ނުދެއެވެ.
މަގުރިބު ނަމާދަށް ބަންގި ގޮވުމާއެކު މަރީގެ ބޭބެއާ އެ ޒުވާނާ ނުކުތީ ނަމާދަށް ދާށެވެ. ސާރާއާއި މަރީ ވަނީ މަރީގެ ކޮޓަރިއަށެވެ.
ސާރާ: [ކޮން ފިރިހެނެއް ގެޔަށް ގެނެސްގެންތަ މަރީ ތިއުޅެނީ؟ ކަމެއްތަ އަނެއްކާ؟]
މަރީ: [ހެހެ.. ކިހިނެއްވީ؟ މިހާރު އޭނަ ކަމުދިޔައީ ދޯ؟]
ސާރާ: [ނޫން. އަމައްޔާއި މަ ނޫޅެން މޮޔަވެގެންނެއް.. ދޮގު ނުހަދާ ބުނެބަލަ! މަރީ އަނެއްކާ މަށަށް ވަގަށް ކަމެއް ކުރަނީތަ؟]
މަރީ: [ޕިސް ޕިސް.. ސާބަހޭ ސާރާ.. ތިހާވަރަށް ޝައްކު ނުކޮށްބަލަ މަށަށް.. އެއީ މަގޭ ދޮންބެގެ ރައްޓެއްސެކޭ.. އިމްރާން ކިޔަނީ.. ދޮންބެ މެނާއެކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރަން އޭނަ ގެނެސް މިގޭގަ ބަހައްޓާފަ އެހެރީ.. ވަރަށް ރީތިދޯ އޭނަ؟]
ސާރާ: [އާނނ ދެން ހަޑިއެއް ނޫން.. މަރީއާ ގުޅޭ ވަރަށް.. މަށަށް ފެންނަނީ އެކަމާ އުޅެލަން..]
މަރީ: [ހަމަ އޭނަ ކަމުގޮސްގެން ތިއުޅެނީ.. ކިޔާފަ ނުކިޔާނެ އެއްޗެއް ނޭނގިގެން. ހުރެބަލަ! މިރޭ އޭނަ އައީމަ ބުނާނަމޭ ތިވާހަކަ..]
އެދުވަހުން ފެށިގެން މަރީ ސާރާއާއި އިމްރާންއާ އަޅުވާ ކިޔަންފެށިއެވެ. ކެރަމް ކުޅެންތިބޭ ވަގުތު ތަކުގައި މަރީ ގޮތްގޮތަށް ދިމާކޮށް ހަދަން ފެށިއެވެ. ގިނަ ދުވަސްތަކެއްނުވެ މަރީގެ ދޮންބެވެސް މަރީއާއި ބައިވެރިވިއެވެ.
އެމީހުން އިމްރާންއާ ސާރާ އަޅުވާކިޔާއިރުވެސް އިމްރާން މާބޮޑަކަށް އަޅައެއް ނުލައެވެ. ފިރިހެންވަންތަ ލަދުރަކި ހިނިތުން ވުމެއް މޫނުމަތިން ދައްކާލައިގެން އިސްދަށަށް ޖަހައިގެން އިމްރާން އިންނާނެއެވެ.
ހަފްތާއެއްހާ ދުވަސްފަހުން ސާރާއަށް މަޑުމަޑުން އިމްރާންގެ އެ މަޑުމައިތިރި ގޮތް ކަމުދާން ފަށައިފިއެވެ. ސާރާގެ ހިތުން އިމްރާންއަށް އެދެވެން ފަށައިފިއެވެ. މީހުން ބުނަނީ ތެދެކެވެ. އަޑެއް ކިއްޔާ ރެނދެއް ލާނެއެވެ. މަރީމެންގެ ހުއްޓުމެއްނެތް ދިމާ ކުރުމުގެ ސަބަބުން ސާރާގެ ހިތް އިމްރާންއަށް ލެނބުނީއެވެ. އިމްރާންގެ ހާލަކީވެސް ހަމަ އެއީއެވެ. އެހެނަސް ސާރާއަށް އެއިރު އެކަމެއް ނޭނގެއެވެ.
އެއްދުވަހު މަރީމެނަށް ނުފެންނަގޮތަށް އިމްރާން ސާރާގެ އަތަށް ގަނޑުކޮޅެއް ދިނެވެ. މަރީމެންގެ ގޭގައި ހުރެފައެވެ. އެ ގަނޑުކޮޅުގައި ވަނީ އިމްރާން ސާރައާއި ވަކިން ބައްދަލު ކޮށްލަން ބޭނުންވާ ވާހަކައެވެ. އަދި ސާރާގެ މައްސަލައެއް ނެތްނަމަ އެރޭ ހަތްގަޑި ބައިގައި ތުނޑިން ބައްދަލު ކުރަން ބުނެފައި އިނެވެ.
އިމްރާންގެ މޫނުމަތިން ބަލާލާފައިވެސް އިމްރާންއަކީ ސާރާއަށް ވުރެން ދޮށީ މީހެއްކަން އެނގެއެވެ. ސާރާއަށް ބޮޑަށް ކަމުދަނީ ބާމަތި ފުޅާ ފިރިހެނުންނެވެ. އަދި ގައިގެ ހަމުގެ ކުލައަލި މީހުނެވެ. މިއިން އެއްވެސް ސިފައެއް އިމްރާންގެ ގައިގައި ނެތް އިރުވެސް އިމްރާންއަށް ސާރާގެ ހިތް އެދެންވީ ކީއްވެގެން ކަމެއް ސާރައަކަށް ނޭނގެއެވެ.
ކޮންމެއަކަސް އިމްރާންގެ އެދުމުގެ މަތިން އެރޭ ސާރާ އިމްރާންއާއި ބައްދަލު ކުރިއެވެ. އެއްވެސް މީހެއްގެ ހިލަންވެސް ފެންނަންނެތް އެ އެކަހެރި ސަރަހައްދުންނެވެ.
އިމްރާން އެދުނީ ސާރާއާއި ލޯބިން ގުޅޭށެވެ. ސާރާގެ ގައިގައި އިމްރާން އެދޭ ބައިވަރު ސިފަތައް ހުރިކަމަށް އޭނާ ބުންޔެވެ. ސާރައަށް އިމްރާންގެ އެދުމަކަށް ފުރަގަހެއް ނުދެވުނެވެ. އިމްރާން ދެއްކި ވާހަކަތަކަށް ސާރާއަށް އިތުބާރު ކުރެވުނެވެ.
ދެމީހުން ލޯބިން ގުޅި އެކީގައި ދުވަސްތައް ގުނަން ފެށުނެވެ. އެކަކު އަނެކަކު ވީތަނެއް ނުބަލާ ހިތަށް ހަމަޖެހުމެއްވެސް ނުލިބޭ ހިސާބަށް އެގުޅުން ދިޔައެވެ. ކެވެނީވެސް ބޮވެނީވެސް އެކަކު އަނެކަކަށްޓަކައެވެ. އާންމުކޮށް ރަށުގެ މީހުން އެއްވެ ނޫޅޭ އެކަހެރި ހިސާބުތައް އެ ދެލޯބިވެރިންގެ މާފޮޅުވުމުގެ އައްޑާ ތަކަކަށް ވަނީ ވެފައެވެ. ސާރާގެ ދިރިއުޅުމަށް ކުއްލިއަކަށް ހީވެސް ނުކުރާފަދަ އުފާވެރި ބަހާރެއް އަތުވިއެވެ.
މާގިނަ ދުވަސްތަކެއްނުވެ ރަށުގެ މީހުނަށް ސާރައާއި އިމްރާން މާފޮޅުވަން ތިއްބާ ފެންނަން ފަށައިފިއެވެ. ރަށުގެ އެކި ތަންތާ އެވާހަކަ ދެކެވެން ފަށައިފިއެވެ. އެއަޑު ސާރާގެ ގޭމީހުނަށްވެސް އިވުނެވެ. ސާރާ ހީކުރީ އާއިލާއިން ނުގަބޫލު ވާނެކަމަށެވެ. ނަމަވެސް ކަންތައްވީ އެހެންނަކުން ނޫނެވެ. އާއިލާއިން އެކަމާ ވަރަށް ތާއީދު ކުރިއެވެ. އެހެންކަމުން ރަށުގެ އެކަހެރި ތަންތަން ދޫކޮށް ސާރާގެ ގެޔަށް އިމްރާން ގެންނަން ފެށުނެވެ. އިމްރާންވީ ސާރަގެ މަންމައަށް ވަރަށް ކަމުދާ މީހަކަށެވެ.
ގިނަދުވަސްތަކެއް ނުވެ އިމްރާންއާއި ސާރާގެ އުމުރު ތަފާތު ވުމުގެ ސަބަބުން ރަށު މީހުން ސާރާއާއި ދިމާކުރަން ފެށިއެވެ. މަގުމަތިން ފެނުނަސް މީހުން ސާރާއާއި ފުރައްސާރަ ކުރަން ފެށިއެވެ. އިމްރާންގެ އުމުރުން ތިރީސް އަހަރެވެ. ސާރާއަށް ވުރެން 12 އަހަރު ދޮއްޓެވެ. އެކަން ސާރާ ދަންނަ ހުރިހާ މީހުނަށްވެސް މިހާރު އެނގެއެވެ.
މީހުން ކުރި މަލާމާތާ ފުރައްސާރައަށް ސާރާ އަޅައެއް ނުލިއެވެ. ސާރާއަށް މިހެން ދިމާވީ ސާރާގެ ކުށަކުން ނޫނެވެ. ސާރާއަށް ލޯބިވެރިއެއް ނުލިބުނީ ސާރާގެ ކުށަކުން ނޫނެވެ. ރަށުގެ އެއްވެސް މީހަކު ސާރާއާ ގުޅެން ބޭނުން ނުވެފައި ހުއްޓައި ސާރާގެ ހިތްއެދޭ ލޯބި ސާރާއަށް ދިނީ އިމްރާންއެވެ. ސަރާގެ މާޔޫސްކަން އިމްރާން އުފާވެރިކަމަށް ބަދަލު ކޮށްދިނެވެ. ނަމަވެސް މީހުން އެވަރަށް އެއްޗެހިކިޔާ ފުރައްސާރަ ކުރާއިރު ދެމީހުން ގުޅިގެން މިރަށުގައި އުޅޭނީ ކިހިނެއް ހެއްޔެވެ.
ދުވަސްތައް ފާއިތުވަމުންގޮސް އިމްރާން އާއި ސާރާގެ ކައިވެނީގެ ކަންތައް ރާވާ ހިސާބަށް ހިނގައްޖެއެވެ. މީހުން ކުރި މަލާމާތާ ފުރައްސާރައާ ދޭތެރޭ ވިސްނާ ވިސްނާ ސާރާގެ ސިކުނޑި ހުރީ ސުމަކަށް ދާހިސާބުގައެވެ. މަގުމަތިން ފިހާރައަކަށްވެސް ނުކުމެވޭ ވަރެއްނޫނެވެ.
ސާރާ ގޮތެއް ނިންމީ ވަރަށް ވިސްނާފައެވެ. އިމްރާންއަކީ މައެއް ބަފައެއް އަދި ގެދޮރެއްވެސް ހުރި މީހެއް ނޫނެވެ. އިމްރާންއާއި ކައިވެނިކޮށްގެން އިމްރާންގެ ރަށަށްދިޔަސް ވާނީ ހަމަ ބިކައެވެ. ސާރާގެ ރަށުގައި އިމްރާންއާއި ކައިވެނިކޮށްގެން އުޅެން މަސައްކަތް ކޮށްފިނަމަ ސާރާ ވާނީ މޮޔައެވެ.
އާދައިގެ މަތިން އިރުއޮއްސުނު ވަގުތު ފެންވަރާލައިގެން އިމްރާން ސާރާގެ ގެޔަށް އައި ދުވަހެކެވެ. ސާރާ އިމްރާންއާ ކައިވެނި ކުރަން ބޭނުން ނުވާވާހަކަ ސާރާ އިމްރާން ގާތުގައި ބުންޔެވެ. އިމްރާން ވަރަށް ދެރަވެގެން އާދޭސް ކުރިއެވެ. އިމްރާން ދޫކޮށްލާފައި ނުދިއުމަށް އެދިއެވެ. ނަމަވެސް ސާރާ ހިތާ ދެކޮޅަށް ނަމަވެސް އެގޮތަށް ކަންތައް ކުރީ އަމިއްލަ ނަފްސާ ދޭތެރޭވެސް ވިސްނާފައެވެ.
އިމްރާންއާއި ރުޅިވިކަން އެނގުމުން ސާރާގެ މަންމަ ސާރާ ދެކެ ވަރަށް ރުޅިއައެވެ. އަނިޔާވެސް ކުރިއެވެ. ނަމަވެސް ސާރާ ހުރީ އަލުން އިމްރާންއާއި ނުގުޅޭށެވެ. އެހެން ހުއްޓާ އެއްދުވަހަކު މަރީގެ ފަރާތުން އިންރާން އޭނާގެ އަތުގައި ސިނގިރޭޓު އަޅިން ސާރާގެ ނަން ޖަހައިގެން އުޅޭކަން ސާރާއަށް އެނގުނެވެ. އިމްރާންއާއި ދޭތެރޭ އެގޮތަށް ކަންތައް ނުކުރުމަށް މަރީވެސް ސާރާގެ ކައިރިން އެދުނެވެ.
އެންމެފަހުން އިމްރާންއާއި ދުރުގަ ހުންނަން ސާރާއަށް އުނދަގޫވާން ފެށިއެވެ. ސާރާ އެނބުރި އިމްރާންގެ ގާތަށް ދިޔައީ މަންމަގެވެސް އެދުމުގެ މަތިންނެވެ. ގިނަ ދުވަސްތަކެއް ނުވެ ސާރާއާއި އިމްރާންގެ ކައިވެނި ކުރެވުނެވެ.
ކައިވެނިކޮށްގެން ދިރިއުޅުނީ ސާރާގެ ގޭގައެވެ. އިމްރާން ރަށުތެރޭގެ އެކިތަންތަނުގައި ކުރާ މަސައްކަތުން ސާރާގެ މަންމަގެ ގެއިން ސާރާއަށް ލިބިފައި އޮތް ބައިގައި ވަރަށް ރީތި ކޮޓަރިއެއްވެސް ސާރާއަށް އަޅައިދިނެވެ. ނަމަވެސް އިމްރާން ވީކީ ސާރާ އެންމެ އުންމީދުކުރި ކަހަލަ މީހަކަށް ނޫނެވެ.
ކައިވެއްޔެއް ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ސާރާއާއި އިމްރާންއަށް ވިސްނިފައި އޮންނަނީ ތަފާތު ބޮޑު ދެގޮތަކަށެވެ. ކައިވެންޔަށް އެގާރަ މަހެއްހާ ދުވަސްވީއިރު އިމްރާންވަނީ މަޑުމަޑުން ސާރާ އެއްކޮށް ގެބަންދު ކޮށްލާފައެވެ. ސާރާ ހަވީރުގަޑީގައި ހިގަންދިޔުމަކީ އިމްރާން ރުހޭ ކަމެއް ނޫނެވެ. ކައިރި ފިހާރައަކަށް ދިޔަސް އެފިހާރައެއްގައި ސޭޓަކަށް އިނީ ފިރިހެނެއް ކަމުގައި ވަނީނަމަ އެ ފިހާރައަކަށް ނުވަދެ ގެއަށް އައުމަށް އިމްރާން އޮންނަނީ އަންގާފައެވެ. އިމްރާން ދެކޭގޮތުގައި އެއީ ލޯތްބެވެ. ފިރިމީހާގެ ފަރާތުން ދޭންޖެހޭ ފުރިހަމަ ހިމާޔަތާ ރައްކާތެރިކަމެވެ.
އާނއެކެވެ. އިމްރާންގެ ވިސްނުމުގައި މިހާ ހަރުކަށި ގޮތްތަކެއް ހުއްޓަސް އިމްރާން ސާރާދެކެ ލޯބި ނުވެއެކޭ ސާރާއަކަށްވެސް ނުބުނެވޭނެއެވެ. ގެޔަށް އެއްޗެއް ގަންނަން ބޭނުންވެގެން ސާރާ ގުޅާލިއަސް އިމްރާން ކޮންމެ ކަމެއްގަ އުޅުނަސް އެކަމެއް ދޫކޮށްލާފަ އަންނާނެއެވެ. ކޮންމެ ރެއަކު ސާރާ ގޮވައިގެން ބޭރަށްވެސް ދާނެއެވެ.
ކަން މިހެން ހުރި ނަމަވެސް ރައްޓެހިންނާއެކު ބޭރަށްދާންވެސް ސާރާ ބޭނުން ވެއެވެ. އިމްރާންދެކެ ކިތަންމެ ލޯބިވިއަސް ތާއަބަދު އިމްރާންގެ ކޮށީގައި ހައްޔަރުވެފައި އިންނަ ގުރައަކަށްވެގެން މިނިވަންކަމުން މަހުރޫމުވެފައި އިންނާކަށްވެސް ސާރާ ބޭނުމެއް ނޫނެވެ. ދެމަފިރިންގެ މެދުގައި މައްސަލަ ޖެހެން މެދުވެރިވީ އެހިސާބުންނެވެ.
ދެމަފިރިންގެ ދެމެދުގައި އުފެދޭ ދެބަސްވުންތައް މަޑުމަޑުން ޒުވާބަށް ބަދަލުވާން ފެށިއެވެ. ސާރާ ކައްކާ އެއްޗެއް އެއްއިރެއްގައިވެސް އިމްރާންއަކަށް ކަމަކު ނުދާނެއެވެ. އަބަދުވެސް ކާންއަރާފައި ކަމުނުދާ ކޮންމެސް ކަމެއް ފާހަގަ ކުރާނެއެވެ. ފަހަށްފަހަށް އައިސް އެކަންތަށްވެސް އިމްރާން ޒުވާބަކަށް ހަދަން ފެށިއެވެ.
ދެމީހުންގެ ދެމެދުގައި އެތައް ބައިވަރު މައްސަލަ ތަކެއް ހިލިފައި ވަނިކޮށް ސާރާ ބަނޑު ބޮޑުވިއެވެ. އެވަރުންވެސް އިމްރާން ބަދަލެއް ނުވިއެވެ. ދެމީހުންގެ ދެމެދުގައި ރީތިކޮށް ވާހަކަ ދެއްކޭ އެއްވެސް ދުވަހެއް މިހާރު ނާދެއެވެ.
އެފަދަ ހާލެއްގައި އުޅެ ސާރާ ވިހިއެވެ. ސާރާ އުންމީދު ކޮށްގެން ހުރީ ދަރިފުޅު ލިބުމުން އިމްރާންގެ ކޫސަނި ޝަކުވާތައް ހުއްޓޭނެ ކަމަށެވެ. ނަމަވެސް އެއީ ކުންހީއެކެވެ.
އެކަމާ ވިސްނާ ވިސްނާ ސާރާ ހުރީ ނަފްސާނީގޮތުން ބަލިކަށި ވެފައެވެ. ފޭސްބުކަށް ވަންނަން ސާރާއަށް ހިޔާލު ދިނީ މަރީއެވެ. ގޭތެރޭގައި އިންނަ ވަގުތު ބޯހަމަ ޖައްސާލަން ސާރާ ފޭސްބުކަށް ވަދެ މީހުނާ ވާހަކަ ދައްކާވެސް ހަދައެވެ.
މިހެންއުޅުމުގެ ތެރޭގައި ސާރާއަށް ޝަފީގު ކިޔާ މީހަކާ ދިމާވިއެވެ. އޮންލައިންކޮށެވެ. އެހެން މީހުނާ ހިލާފަށް ޝަފީގުގެ ވާހަކަ ދެއްކުމުގެ ގޮތްގަނޑުވެސް ތަފާތެވެ. ސާރާއަށް ޝަފީގުއާ ވާހަކަ ދެއްކޭލެއްވެސް ގިނައެވެ.
އެކަކު އަނެކަކަށް ފޮޓޯ ފޮނުވި ފޯނުން ގުޅެންވެސް ފެށުނެވެ. ސާރާގެ ހިތް މަޑުމަޑުން ޝަފީގަށް ލެނބި ދެމީހުންގެ މެދުގައި އޮތް ގުޅުން ލޮތްބަށް ބަދަލުވިއެވެ. ސާރާ ބޭނުންވީ ޝަފީގުއާ ކައިވެނި ކުރާށެވެ. ޝަފީގުވެސް ހުރީ އެކަމަށް ބޭނުންވެފައެވެ.
އިމްރާން ކައިރިން ވަރިވާން ބޭނުންވެފައި ހުރި ސާރާއަށް ރަނުގެ ފުރުސަތަކަށްވީ އެއްދުވަހު އިމްރާން ކާގޭގައި ހުރެފައި ސާރާއާއި ކުރި ޒުވާބެވެ. “ތިހިރީ ވަރިކޮށްފަ ކަމަށް ހީކޮށްލާ..” އިމްރާންގެ ރުޅި ކޮންޓްރޯލުން ނައްޓައިގެން ގޮސް އިމްރާންގެ އަނގައިން އެދުވަހު ބޭރުކުރި ބަސްތަކަކީ އެއީއެވެ.
ސާރާގެ އާއިލާއަށް އިމްރާން އާއި ސާރާގެ ދެމެދުގައި ވަރަށް ގިނަ މައްސަލަ ޖެހޭކަން އެނގެއެވެ. ސާރާ ވަރި ކުރުމުގެ މާނައިގައި އިމްރާން ބުނި ބަހާއެކު އެގެއިން ނުކުމެގެން ދިޔަ ގޮތަށް އިމްރާން އެގެއަށް ނައިސް 2 ދުވަސް ވިއެވެ. އިމްރާން ގެޔަށް ނާންނާތީ އެއްދުވަހު ސާރާގެ ބައްޕަ ސާރާ އާއި ސުވާލު ކުރިއެވެ. އެވަގުތު ސާރާ އިމްރާން އޭނާ ވަރިކުރި ކަމަށް ބުންޔެވެ.
އެދުވަހު ސާރާގެ ބައްޕަ ގޮސް އިމްރާން ފިހާރައެއްގެ ކައިރީގައި ހުއްޓައި ވަރަށް އެއްޗެހި ގޮވިއެވެ. އަދި އޭގެ ފަހުން ސާރާގެ ގެޔަށް ނުވަނުމަށްވެސް ސާރާގެ ބައްޕަ އެދުވަހު އިމްރާންއާއި ދިމާލަށް ބުންޔެވެ.
އެދުވަހަށްފަހު އިމްރާން އުޅުނީ ވަރަށް ހާލުގައެވެ. އެރަށުގައި އިމްރާން ވަންނާނެ ހިޔާވަހިކަމެއް ނެތް އިރުވެސް އިމްރާން އޭނާގެ އަމިއްލަ ރަށަށް ނުގޮސް ހުރީ އޭނާގެ ރަށުން އޭނާއަށް ލިބިފައިވާ ބިމުގައި އޭނާ އަޅަން ފަށާފައި ހުރި އިމާރަތް އެއްކޮށް ނުނިމި ހުރީމައެވެ.
އޭގެ ފަހުން އިމްރާން ދަރިފުޅަށް ހަރަދެއް ނުކުރެއެވެ. ދަރިފުޅަށް ކޮންމެ އެއްޗެއް ގަންނަން ވިއަސް ސާރާއަށް ޖެހެނީ އިމްރާންއަށް ގުޅާފައި ބުނާށެވެ. ސާރާގެ އަތްމަތި ދަތިވެ ސާރާއަށް ދިރިއުޅެން އުނދަގޫވިއެވެ.
ސާރާ ބޭނުންވީ ލަސްނުކޮށް ޝަފީގުއާއި ކައިވެނި ކުރާށެވެ. ނަމަވެސް ޝަފީގުއަށް ވީގޮތެއް ސާރާއަކަށް ނޭނގުނެވެ. މަޑުމަޑުން ޝަފީގު ސާރާއާއި ދުރުވިއެވެ. ސާރާގެ ހިތަށް އެތަށް އަސަރެއް ކުރިއެވެ. އިމްރާން ކައިރިން މިނިވަންވެ ޝަފީގަށްޓަކާ ނަފްސް ހުސްކޮށްލުމުން ޝަފީގު އެހެން ހަދާފައި ދާންވީ ސަބަބެއް ސާރާއަކަށް ނުވިސްނުނެވެ. ނަމަވެސް ސާރާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އަނެއްކާވެސް ކުރިއެކޭ އެއްފަދައިން ސާރާ ދިރިއުޅުން މަތިން ފޫހިވިއެވެ.
ގިނަ ދުވަސްތަކެއް ނުވެ އަނެއްކާވެސް އިމްރާން ސާރާއަށް އެދެން ފަށައިފިއެވެ. ކައިވެނި ރުޖޫއަކުރުމަށް ސާރާއަށް އިމްރާން ހުށައެޅިއެވެ. ފުރަތަމަ ސާރާ ކުރީ އިންކާރެވެ. ސާރަގެ އާއިލާވެސް ދެން އިމްރާންއަށް ގަބޫލު ނުވާނެކަން ސާރާއަށް އިނގެއެވެ.
ނަމަވެސް އިމްރާން އޭނާގެ މަސައްކަތް ހުއްޓައެއް ނުލިއެވެ. އިމްރާން ކެނޑިނޭޅި ސާރާ ހާސިލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.
އެންމެ ފަހުން ސާރަގެ ހިޔާލު ބަދަލުވީއެވެ. ދިރިއުޅުން އެކަނިމާއެކަނި ހޭދަކުރުމަކީ މާފަސޭހަ ކަމެއް ނޫނެވެ. ދަރިފުޅަށްޓަކާ ނަމަވެސް އިމްރާން ގަބޫލުކުރަން އެބަޖެހެއެވެ. އެހެންކަމުން ސާރާ އަލުން އިމްރާންއާއި ގުޅެން ނިންމީ ސާރާގެ ހިތުގައި އަދިވެސް އިމްރާންއާއި ދޭތެރޭ ލޯބި ވާތީއެވެ. މީހެއްގެ ލޯތްބަށް ސާރާ އެންމެ ބޭނުންވެފައި ހުރި ދުވަހު ސާރާއަށް އެ ލޯބި ދިން އިންސާނާގެ ލޯބި ސާރާގެ ހިތުން ފިލައިގެންދާނީ ކިހިނަކުން ހެއްޔެވެ.
ކައިވެނި ރުޖޫއަ ކުރުމުގެ މަސައްކަތް އަނެއްކާވެސް އިމްރާން އާއި ސާރާ ފެށިއެވެ. ނަމަވެސް ކައިވެނި ރުޖޫއަ ކޮށްގެން ސާރާގެ ގޭގައި ނޫޅެވޭނެކަން ސާރާއަށް އެނގެއެވެ. އެހެންކަމުން އާއިލާއާއި ފިލައިގެން ސާރާ އިމްރާންއާއި އެކު އިމްރާންގެ ރަށަށް ދިޔައެވެ. އިމްރާން ސާރާއާއި އެކު އުޅެން އަޅާފައިހުރި ގޭގައި އަލުން ދިރިއުޅުން ފަށާށެވެ.
ސާރާގެ ހިތް އެދުނު ދިރިއުޅުމަށް އަނެއްކާވެސް އާދެވުނެވެ. އިމްރާންއާއި ސާރާއާއި އެދެމީހުންގެ ކުޑަކުޑަ ދަރިފުޅާއެކު އުފަލުގައި އިމްރާންގެ ގޭގައި އެ އާއިލާ އުޅުނެވެ. ކުދިކުދި މައްސަލަ ޖެހުނެއް ކަމަކު ޒުވާބު ކުރަންޖެހޭވަރުގެ ކަމެއް އެއިރަކު ނުހިނގައެވެ.
އިމްރާންގެ ރަށުގައި ހޭދަވި ފަސް ވަރަކަށް މަސްތެރޭ ސާރާގެ އާއިލާއިން ސާރާ ހޯދަން މަސައްކަތް ކޮށްފައިވާ ކަމުގެ އެއްވެސް ހަބަރެއް ސާރާއަކަށް ލިބިފައެއް ނެތެވެ. ނަމަވެސް ސާރާ މަންމަމެން މަތިން ހަނދާންވާ ވަރުން އަލުން ރަށަށް ގޮސްލަން ބޭނުންވިއެވެ. އެހެންނަމަވެސް އެއީ އެރަށުގައި ދިރިއުޅުން އަލުން ފަށާކަށް ނޫނެވެ.
ސާރާގެ ރަށަށް ގޮސް އުޅުމުގެ ތެރޭގައި އަނެއްކާވެސް އިމްރާންއާއި ސާރާގެ ދެމެދުގައި މައްސަލަ ޖެހެން ފެށިއެވެ. ސާރާ އަލުން އަނބުރާ އިމްރާންގެ ރަށަށް ދާކަށް ބޭނުމެއް ނުވިއެވެ.
ހަމަ އެދުވަސްކޮޅު ސާރާއަށް ފޭސްބުކުން ފައިރޫޒް ކިޔާ މީހަކާއި ވާހަކަ ދައްކަން ފެށުނެވެ. އިމްރާން ގޭގައި ނޫޅޭ ވަގުތު ތަކުގައި ފައިރޫޒާ ވީޑިއޯކޯލް ކޮށްގެން ވާހަކަ ދައްކަން ސާރާއަށް އޮވެވެން ފެށިއެވެ. ފައިރޫޒަށް ސާރާގެ ހިތް ދެވެން ފެށީ އެހިސާބުންނެވެ. އިމްރާންގެ ފަރާތުން ނުލިބޭ އޯގާތެރިކަން ފައިރޫޒްގެ ފަރާތުން ލިބެން ފެށުމުންނެވެ.
ފައިރޫޒުދެކެ ވެވިފައިވާ ބޮޑު ލޮތްބެއްގެ ސަބަބުން ސާރާއަށް އޭނާ ބުނާ ކަންތައް ކޮށްދެވެނީ އެއްވެސް ވިސްނުމަކާ ނުލައެވެ.
ބުރުގާ އަޅައިގެން އުޅޭ އިއްފަތްތެރި އަންހެނަކު ހިލޭ ފިރިހެނަކަށް ފޮނުވައިގެން ނުވާވަރުގެ ނިވައިކަންކުޑަ ފޮޓޯތައް ފައިރޫޒަށް ފޮނުވުނީ ފައިރޫޒްގެ ހިތް ދަމައިގަންނަން ސާރާ ބޭނުން ވެފައި ހުރި ވަރުންނެވެ.
ކަންތައްވީ ސާރާ އެދުނު ގޮތަށެވެ. ފައިރޫޒް ސާރާއާއި ކައިވެނި ކުރަން ބޭނުންވިއެވެ. އެހެންނަމަވެސް ފައިރޫޒަކީ މީހަކާއި އިނދެގެން ދަރިއަކުވެސް ހުރި މީހެކެވެ. އެކަމަކުވެސް އެއީކީ ސާރާއަށް އެއްވެސް މައްސަލައެއް ނޫނެވެ. ސާރާ ހުރީ ދެއަތްބަށް ފައިރޫޒާ އިންނަން ރާވައިގެންނެވެ.
އިމްރާންގެ ކައިރިން ވަރިވާން ސާރާ ބޭނުންވިއެއް ކަމަކު އިމްރާން ސާރާ ވަރިއެއް ނުކުރިއެވެ. ސާރާ މިހާރު އިމްރާންއާއިއެކު އުޅޭކަށް އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އިމްރާން ސާރާ ވަރި ނުކުރި ވާހަކަ ސާރާ ފައިރޫޒު ކައިރީގައި ބުންޔެވެ.
ގިނަދުވަސްތަކެއް ނުވެ ސާރާގެ ފޮޓޯތަކެއް ރަށުތެރޭގައި ލީކުވިއެވެ. އެފޮޓޯތަށް ސާރާވެސް ދެކުނެވެ. އެއީ ސާރާ ފައިރޫޒަށް ފޮނުވި ބަރަހަނާ ފޮޓޯތަކެވެ. އިމްރާންއަށް އެ ފޮޓޯތައް ފެނުނު ދުވަހު އިމްރާން އައިސް ރޮއިފައި ސާރާ ގާތުގައި އާދޭސްކުރިއެވެ. އިމްރާންގެ ކައިރިން ދުރަށްދާން މަސައްކަތް ނުކުރުމަށް ބުނެއެވެ.
ސާރަގެ އަބުރާ އިއްޒަތް ވެއްޔާ މޮޑެލީ ފައިރޫޒެވެ. ސާރާ އެހުމުން ފައިރޫޒް ބުނީ އެ ފޮޓޯތަށް އޭނާ ލީކް ކޮށްލީ އިމްރާން ސާރާ ވަރިކޮށްފައި ދޭތޯއެވެ. ނަމަވެސް ކަންތަށް ވީކީ އެހެންނަކުން ނޫނެވެ. ފައިރޫޒުގެ އެ ފެންވަރުދަށް އަމަލުގެ ސަބަބުން ސާރާ ފައިރޫޒާ ގުޅުން ކަނޑައިލިއެވެ.
އެންމެ ފަހުން އަނެއްކާވެސް ސާރާއަށް ސާރާގެ އަމިއްލަ ރަށުގައި އުޅެން އުނދަގޫވިއެވެ. ރަށު މީހުންނާ ކުރިމަތި ލާނެ ގޮތެއްވެސް ސާރާއަކަށް ނޭނގެއެވެ. އެންމެންވެސް ދައްކަނީ ސާރަގެ ބަރަހަނާ ފޮޓޯތަކުގެ ވާހަކައެވެ.
އަނެއްކާވެސް ސާރާ އިމްރާންގެ ރަށަށް ދިރިއުޅުން ބަދަލުކުރީ އެހިސާބުންނެވެ. އިމްރާންވެސް ސާރާގެ ރަށުގައި އުޅެން ބޭނުންނުވީމައެވެ. އުޅެވުނީ ރަނގަޅަށް ނޫންކަން ސާރާއަށް ވިސްނުނެވެ. ފޭސްބުކުން ދިމާވާ މީހުނަށް އިތުބާރު ކުރުމަކީވެސް މޮޔަކަމެއްކަން މިހާރު ސާރާއަށް އިނގެއެވެ.
ނިމުނީ
