Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ހުއްޓާ

Aminath rau Level 110 Stories
July 4, 2020 5 Mins Read
2 Comments

ވިރުވައިލި ރަންގަނޑެއްހެން އުދަރެހުގައި ކުލަ ޖެހެމުން ދިޔައެވެ. އިޔެއް އޮއްސުނު އިރު މިއަދުވެސް ދުނިޔެއަށް މަރުޙަބާ ކިޔަމުންދަޔައެވެ. ކާރޫބާރު ބޮޑު މާލެތެރެ ވެސް ވަނީ ހިމޭން ވެފައެވެ. މަދުފަހަރަކު ނޫނީ ދުއްވާ އެއްޗެއްގެ އަޑުވެސް ނީވެއެވެ. ގިނައިރުތަކެއް ވަންދެން ފާޙާނައިގައި ހުރުމަށްފަހު ޒައިނާ ދޮރުހުޅުވައިލިއެވެ. މޫނުމަތިން ފެންނަމުން ދިޔައީ ކޮޅެއް ނެތްހާ އުފާވެރިކަމެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެނދުމައްޗަށް ޖެހިގަތެވެ. އެނދުގައި ގަދަނިދީގައި އޮތް ފިރިމީހާ ޔަނާލަށް ގޮވަމުންނެވެ.

“ޔަނާލް… ހޭލަބާ… ބަލާބަ މިއޮއް އެއްޗެއް… ޔަނާލް…” ޒައިނާގެ ބައްތަރިރީސް ދަތް ފެންނަން ހުއްޓެވެ. ވެފައިވާ އުފާވެރި ކަމެއްގެ ސަބަބުންނެވެ.

“ކިހިނެއްތަ ވީ… ދެން ނިދިޔަ ދީބަލަ ޒައީ…” ޔަނާލް އަނެއްފަރާތަށް އެނބުރުނީއެވެ. ނިދީގެ އަސަރު އަދިވެސް މުޅި ހަށިގަނޑުގައި ރަސްކަން ކުރަމުން ދާތީއެވެ.

“ޔަނާލް… އަހަރެން ބަނޑު ބޮޑު…”ޒައިނާ، އޭނާގެ އަތުގައި އޮތް ޓެސްޓް ކިޓް ދައްކާލިއެވެ.

ޒައިނާގެ އެ ޖުމުލައިން ޔަނާލްގެ ނިދި ނަގައިލިއެވެ. ގަޔަށް ލެވުނުހާ ބާރެއް ލާފައި ތެދުވިއެވެ. އުފާވެރިކަމުގެ ކޮޅެއްނެތެވެ.

“އަސްލުވެސް….؟” ލޮލުން ފާޅުވި އުފާވެރިކަމުގެ ކަރުނައިގެ ރާޅު ކޯތާފަތް މައްޗަށް ބީއްސާލީ ޔަނާލްގެ ހިތަށް ލިބުނު ފިނިކަމެއްގެ ބޮޑު ކަމުންނެވެ. ވީ އުފަލެއްގެ ބޮޑުކަމުން ޒައިނާ މެޔާލާ ބޮނޑިކޮށްލެވުނެވެ. ހިތާހިތުން މާތް ﷲއަށް ޝުކުރު ކުރެވުނު ވަރެއްވެސް ނޭންގެއެވެ.

“ޒައި ދެން ޖެހޭނެ ވަރަށް ރަނގަޅަށް ކާން… ގޭތެރޭގެ އެއްވެސް ކަމެއް ޒައިކޮށްގެން ނުވާނެ… ބަރާބަރަށް ރެސްޓުކުރަންވާނެ… އިނގޭ…” ޒައިނާގެ މޫނުގައި ބޮސްދެމުން ޔަނާލް ވާހަކަ ދެއްކިއެވެ. ޔަނާލްގެ ހިތް އުފަލުން އުތުރި އަރަނީއެވެ.

މީގެ ހަތް އަހަރު ކުރިން ކުރެވުނު ޔަނާލާއި ޒައިނާގެ ކައިވެނީގެ ގުޅުން ވަރަށް ރަނގަޅެވެ. ފުރިހަމަ ނުވެއޮތީ ހަމައެންމެ ކަމެކެވެ. އެ ދިރިއުޅުމަށް އުޖާލާކަމާއި އުފާވެރިކަން ގެނެސްދޭނެ ކުޑަކުޑަ ދަރިފުޅެއް ނެތްކަމެވެ. އެއުޑުގައި އަލިކުރާން ތަރިއެއް ނެތްކަމެވެ. އެލޯބީގެ މާތަކުން ޖަރީވެފައިވާ ބަގީޗަގައި ފިޔަޖަހައިލާނެ ކޮކާލެއް ނެތްކަމެވެ. އެފަދަ ދަރިއަކަށް ބޭނުންވެ ހުރި ކުރެވުނު އެއްވެސް ކަމެއް މިވީހާތާކަށް ކާމިޔާބު ވެފައެއް ނުވެއެވެ. ފާއިތުވެ ދިޔަ ހަތް އަހަރު ދުވަހު ޒައިނާ ، 4 ފަހަރަށް ބަލިވެއިންކަމުގައި ވީނަމަވެސް އެއްފަހަރުވެސް ކާމިޔާބު ވާގޮތެއްނުވިއެވެ.

މިއަދު އެދަމަފިރިންނަށް ލިބިފައިވާ އުފާވެރިކަމަކީ ، އެފަދަ ކަމެއް ތަޙައްމަލު ކުރަމުންދާ ދެމަފިރިއަކަށް ނޫނީ އިހުސާސު ކުރަންވެސް ދަތި އުފާވެރިކަމެކެވެ. އެހާދުވަސް ވަންދެން ކައިވެނީގެ ގޮއްމޮހެނުލައި ، ކެތްތެރިކަމާއިއެކު ތިބީވެސް މިފަދަ އުފާވެރި ޙަބަރެއް ކޮންމެވެސް ދުވަހަކުން ލިބޭނެ ކަމުގެ އުއްމީދުގައެވެ. ﷲއަށް ވަކީލުކޮށްގެންނެވެ.

ހަވީރުގެ ފިނިފިނި މަރިޔާދު ވަގުތެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓިގެން ހުރި ޒައިނާގެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަން ގެއްލިނުދެއެވެ. މޫނުގައި ފުށްޖަހާ ދޮންކޮށްލުމަށްފަހު އިސްތަށިގަނޑު ރީތިކުރަން ފެށީ އަވަސް އަވަހަށްށެވެ. ކުއްލިއަކަށް ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނީ ޔަނާލް އެވެ. ފަހަތުން އައިސް ޒައިނާގެ ގައިގައި ބައްދާލިއެވެ.

“އަވަސްކޮށްބާ… ޑޮކްޓަރަށް ދައްކާން ދާން ޖެހޭ ގަޑި އެއޮއް ޖެހެނީ…” ޒައިނާގެ ކަރުގައި ވަސްގަންނަމުން ޔަނާލް ވާހަކަ ދެއްކިއެވެ. ޒައިނާ ވެސް ކުޑަ ގޮތަކަށް ބޯހަދައިލައި ހިނގައިގަތީ ޔަނާލް އާ އެކު ދިއުމަށްށެވެ.

“ހުރިހާ ކަމެއްވެސް އަނެއްހެން އޯކޭ.. މިދުވަސް ކޮޅުގަ ވަރަށް އިސްކަން ދޭން ވާނެ ބޭބީގެ ހެލްތަށް.. ވިހާވެސް މަދުން ޖަންކް ފުޑްސް ބޭނުންކޮށް، ގިނައިން މޭވާ އާއި ތަރުކާރީ ބޭނުން ކުރުންވެސް މުހިއްމު… ވީހާވެސް ގިނައިން އެކިކަހަލަ ހަށިގަނޑަށް ފައިދާ ހުރި ފަތް ކެއުމުގައި ހިމަނަންވެސް އާދަ ކުރަންވީ…. ” ޑޮކްޓާރ ތަފުސީލުކޮށްދެމުން ދިޔައެވެ.

” އެންޑް… ވަރަށް އިމްޕޯރޓެން ކަމެއް.. މީގެ ކުރިން ބަލިވެ އިނުމަށްފަހު ބައިގެންދާ ސަބަބަކަށް ވެދާނެ… ދެމީހުން ކުރެ ކޮންމެވެސް އެކަކު ދުންފަތުގެ އިސްތިއުމާލު ކުރާތީ ދިމާވި ކަމެއް ކަމަށް.. އިޓް އިޒް ޕޯސިބްލް… ސޯ…. އައި ރިއަލީ އިންސިސްޓް…. މިފަހަރު އެކަހަލަ ކަމެއް މެދުވެރި ވިޔަ ނުދިނުމަށް… އެކަން ހުއްޓާލާ… ދެމީހުންވެސް ވަރަށް ހެލްތީ ލައިފް ސްޓައިލެއް ގެންގުޅެން… ” ޑޮކްޓަރ އައިޝާއަކީ މީގެ ކުރިންވެސް ޒައިނާ ބައްލަވަމުން ގެންދަވާ އަންހެނުންގެ ހާއްސަ ޑޮކްޓަރު ކަމުން، އައިޝާ ވިސްނައިދޭން މަސައްކަތް ކުރިއެވެ.

ޒައިނާގެ މޫނުމަތިން މާޔޫސް ކަމުގެ ކުލަވަރު ފައުޅު ވާންފެށިއެވެ. ފެންކަޅިވެފައިވާ ދެލޮލުން ބަލައިލެވުނީ ޔަނާލާ ދިމާލަށްށެވެ. އެ އާދަ ދޫކޮށްލުމަށް އާދޭސް ކުރާ ފަދަ ނަޒަރަކުންނެވެ. ޔަނާލް އިސްޖަހައިލިއެވެ. މީގެ ކުރިން ހުރިހާ ފަހަރެއްގައިވެސް ޑޮކްޓަރު ވަނީ ދުންފަތުގެ އިސްތިޢުމާލު ނުކުރުމަށް، ޔަނާލަށް އިލްތިމާސްކޮށްފައެވެ. ނަމަވެސް އެކަން ވެފައިވަނީ ޔަނާލަށް ދުރުވުން އުނދަގޫ ކަމަކަށްށެވެ.

އިރުއޮއްސި ކަނު އަނދިރިކަމުން މުޅި ކައުނު ބައްދާލިއެވެ. އެކަނިމާއެކަނި އެނދުގައި އޮތް ޒައިނާގެ ދެލޯވަނީ ފެންކަޅިވެފައެވެ. ކިތަންމެ އާދޭހެއް ކުރިޔަސް ޔަނާލް އެކަން ނުހުއްޓާނެ ކަން ޒައިނާއަށް އެނގެއެވެ. އެހެންނަމަވެސް ޒައިނާ ހޭލާ އެއޮތީ ޔަނާލް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ޔަނާލް ގާތު އެކަން ހުއްޓާލުމަށް ރޮއި އާދޭސް ކުރާންށެވެ. ގިނަ ދުވަސް ތަކަކަށްފަހު ލިބުނު އެ އުފާވެރިކަން، އެހެން ފަހަރުތަކޭ އެއްގޮތަށް ގެއްލިގެން ދާކަށް ޒައިނާ ބޭނުމެއް ނުވިއެވެ.

ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެގެން އައީ ޔަނާލްއެވެ. މަޑުމަޑުން ތެދުވެ ޒައިނާވެސް އެނދުގައި އިށީނެވެ. ލައިގެން ހުރި ގަމީސް ބާލައި ހަރުގައި ހަޅުވާފއި ޔަނާލް މިސްރާބު ޖެހީ ޒައިނާއާ ދިމާއަށްށެވެ. ޒައިނާއަށް އިސްޖަހައިލެވުނެވެ. ވާހަކަ ފަށާނެ ގޮތެއް ނޭންގިފައި އިނދެވުނީއެވެ.

“ޒައި… ކިހިނެއްވެފަ…. އެއްޗެއް ކައިގެންތަ ތި އިނީ…” ލޯތްބާއި އޯގާތެރިކަމާއެކު ވާހަކަ ދައްކަމުން ޔަނާލް އައިސް ޒައިނާ ގާތު އިށީނެވެ.

“ދެން ތިކަން ހުއްޓާލަން ވީނު…” ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޒައިނާ ވާހަކަ ފެށީ ކެރިގެންނެވެ.

“އެކަމާތަ ދެރަވެފަ…. އަހަރެން ވަރަށް މަސައްކަތް ކުރާނަށް.. މިކަން ހުއްޓާލެވޭތޯ… ޒައި ދެރަ ނުވެބަލަ…” ޔަނާލް ގެ އަޑުގައިވީ ޔަގީންކަމެވެ.

ޒައިނާ ހިނިތުންވެލިއެވެ. ޔަނާލަށް ކުރާ އިތުބާރެއްގެ ބޮޑު ކަމުން ޔަނާލް އެކަން ހުއްޓާލާނެ ކަމަށް ހިތް ބުނަމުން ދިޔަ ނަމަވެސް، ސިކުނޑި އެކަމާ ދެކޮޅު ހެދިއެވެ. މީގެ ކުރިންވެސް ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމަށް ބުނުމުން، ޔަނާލް ގެ ޖަވަބަކަށް ވެފައިވަނީ ހަމަ ‘ހުއްޓާލަން ވަރަށް މަސައްކަތް ކުރާނަށް’ މިއެވެ.

ދުވަސްތައް މާޒީގެ ޞަފުހާތަކުގައި ލިޔެވެމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށްށެވެ. ހަފުތާތަކާއި މަސްތައް ފަހަނައަޅާ ގޮސް ޒައިނާގެ ބަނޑަށް 7 މަސް ފުރިއްޖެއެވެ. އެހެން ފަހަރުތަކާއި ޙިލާފަށް މިފަހަރު އެހާ ދުވަސް ވުމުން، ސިނގެރޭޓު ބުއިން މަދު ކުރި ޔަނާލްގެ ހިޔާލު ބަދަލުވީ ޒައިނާގެ ބަނޑަށް ފަސް މަސް ނުފުރިގެން އުޅެނިކޮށްށެވެ. ފުރަތަމަ އެކަން ކުރީ ޒައިނާއާ ސިއްރުން ކަމުގައި ވީނަމަވެސް މިހާރު ޒައިނާގެ ކުރިމަތީގައި ވެސް ސިނގެރޭޓު ބޮއެވެ. އެކަމުގައި ޒައިނާއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ޔަނާލް ކައިރީ އެތަކެއް ފަހަރު އާދޭސް ކުރެވުނެވެ. ނަމަވެސް ޔަނާލްގެ ވާހަކައަކީ މައްސަލައެއް ނުޖެހޭނެ ކަމުގައެވެ. އެހެން ފަހަރުތަކުގައި ދެމަސް ނުވެގެން އުޅެނިކޮށް ބައިގެން ދާ ވާހަކައެވެ. މިފަހަރު އެހެން ނުވެއެއް ނޫން ހެއްޔެވެ؟ މިފަހަރު ޒައިނާ ޔަގީނުންވެސް ވިހާނެ ކަމަށްބުނެ ޒައިނާއަށް ހިތްވަރު ދިނަސް އެހިތަށް ހަމަޖެހުމެއް ނުލިބެއެވެ.

ޖޫން މަހުގެ ވިއްސާރަ ދުވަސްތަކުން ދުވަހެކެވެ. ޒައިނާގެ ބަނޑުގައި ރިއްސަންފެށީ ކުއްލިއަކަށްށެވެ. ކަންދިމާކުރިގޮތުން އެދުވަހު ޔަނާލް އޮފީހަކަށް ނުދެއެވެ. ޒައިނާގެ ބަނޑުގެ ރިހުން މަޑެއް ނުވިއެވެ. ދެމީހުންގެ ވެސް ސުވާލަކަށްވީ ، ދުވަސް ނުފުރޭއިރު އެފަދައަށް ބަނޑުގައި ރިހެންވީ ކީއްވެގެން ތޯއެވެ.

“އަދިވެސް ވަރަށް ތަދުވޭތަ…” ސޯފާގައި އޮތް ޒައިނާއަށް މުހާތަބުކޮށް ޔަނާލް އެއްސެވެ.

“ޔަނާލް…. ހެޔޮނުވާނެ… އަހަރެން މިއޮއް މަރުވަނީ… ވަރަށް ތަދުވޭ… ހޮސްޕިޓަލަށް ގެންގޮސް ދީބަލަ….” ޒައިނާގެ އަޑު ނުކުންނަމުން ދިޔައީ ހަމަ ކިރިޔާއެވެ.

“އެމްބިއުލާންސަށް ގުޅައިފިން… އިރުކޮޅެއް ވާނީ… ކެތްކޮށްލާ އިނގޭ…” ޒައިނާގެ ބޮލުގައި ފިރުމައިލަމުން ޔަނާލް ބުންޏެވެ.

އޭގެ ވިހިވަރަކަށް މިނެޓު ފަހުން ޒައިނާ ހޮސްޕިޓަލަށް ގެންދެވުނެވެ. އޭރުވެސް ބަނޑުގެ ރިހުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އޭރުވެސް ޒައިނާ ދިޔައީ ރޮމުންނެވެ. ހޮސްޕިޓަލަށް ގެންދިޔުމަށްފަހު ޑޮކްޓަރު ބުނި ވާހަކަ ތަކުން ޔަނާލްގެ މޭގަނޑު ތެޅިގަތެވެ. ކުއްޖާގެ ވިންދު ދައްވަމުން ދާ ވާހަކައެވެ. ސިޒޭރިއަން ހަދައި ދަރިފުޅު ނަގަން ޖެހޭ ވާހަކައެވެ.

ޒައިނާ ސިޒޭރިއަން ހަދާން ވެއްދުމުން ޔަނާލަށް އިނދެވުނީ ދެންވާނެ ގޮތެއް ނޭންގޭ ހާލު ﷲއަށް ދުޢާ ކޮށްލަކޮށްލައެވެ. ތެޅިތެޅިއޮތް ހިތަކާއިއެކު ޑޮކްޓަރު ނުކުންނާނެ ވަގުތަކަށް އިންތިޒާރު ކުރަމުން ދިޔައީ ނުތަނަވަސް ކަމާއެކުގައެވެ.

އޭގެ ދެތިން ގަޑީއިރެއްފަހު ޑޮކްޓަރު ނުކުރުވެ. ފަޔަށް ލެވުނުހާ ބާރެއް ލައި ޔަނާލަށް ކޮޅަށް ތެދުވެވުނެވެ. ޑޮކްޓަރުގެ މޫނުމަތިން ފެންނަމުން ދިޔަ މާޔޫސްކަމުން، ޔަނާލްގެ ހިތުގެ ހަމަޖެހުން ނަގައިލިއެވެ. ޑޮކްޓަރު އައިސް ޔަނާލްގެ ކޮނޑުގައި އަތް ބާއްވާލިއެވެ.

“އައި އެމް ސޮރީ….ދަރިފުޅުގެ މަންމަގެ ހާލު ރަނގަޅު… ބަޓް… ބޭބީ ސަލާމަތެއް ނުކުރެވުނު…” ޑޮކްޓަރުގެ އެބަސްތައް ތޫނު ހަންޖަރެއްހެން އައިސް ޔަނާލްގެ މެޔަށް ހެރުނެވެ.

ޔަނާލްގެ ހިތް ރޫޅެން ފެށިއެވެ. މެޔަށް އެރި ކުއްލި ތަދާއެކު މޭގައި އަތް އަޅައި ލެވުނެވެ. ފަހަތަށްޖެމުން ގޮސް ގޮނޑި ބަރި މައްޗަށް ދެމުންނެވެ.

ރޮއިރޮއި ޒައިނާގެ ދެލޯރަތް ވެއްޖެއެވެ. ކުދިކުދިވެފައި އޮތް ހިތަކާއެކު އިންތިޒާރު ކުރެވެމުން ދިޔައީ ޔަނާލް އަންނާނެ އިރަކަށްށެވެ. ކައިރީގައި ހުރީ ނަރުސް ކުއްޖެކެވެ. ދަރިފުޅު ސަލާމަތް ނުކުރެވުނު ވާހަކަ ބުނީވެސް އޭނާއެވެ. ދެތިންފަހަރަކު އެކުއްޖާގާތު ޔަނާލް ކޮބާތޯ ސުވާލު ވެސް ކުރިއެވެ. ނަމަވެސް ޖަވާބެއް ނުދީ އެކުއްޖާ ބޭރަށް ނުކުމެގެން ދިޔައީއެވެ.

ކުޑަ އިރުކޮޅެއްފަހެވެ. ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނީ ނަރުސް ކުއްޖާއެވެ. މޫނުމަތިން ފެންނަމުން ދިޔަ މާޔޫސް ކަމުން ޒައިނާގެ މޭގަނޑު ތެޅިގަތެވެ. އެކުއްޖާ މަޑުމަޑުން އައިސް ޒައިނާ ގާތު ހުއްޓުނުވެ.

“ޔަނާލް ނިޔާވެއްޖެ….” އެކުއްޖާގެ އެ ޖުމުލައިން ޒައިނާގެ ހިތުގެ އެންމެ ހިމަ ނާރުތަށް މުގުރައިލި ކަހަލައެވެ. ލޮލުން ފައުޅުވި ކަރުނައިގެ ބޮޑު ރާޅު ކޯތާފަތް މައްޗައް ބިންދައިލިއެވެ. ސުވަލުން ފުރިގެންވާ ހާލު އެ ކުއްޖާއާ ދިމާލަށް ބަލަހައްޓައިގެން އޮވެވުނީއެވެ.

“ބޭބީ ސަލާމަތް ނުކުރެވުނު ވާހަކަ ބުނުމުން…. ޔަނާލް ހުރިތަނަށް ވެއްޓުނީ… ޑޮކްޓަރ ބައްލަވާފަ ބުނުއްވީ ހާރޓް އެޓޭކެއް ކަމަށް….” ނަރުސް ކުއްޖާ ތަފުސީލު ކޮށްދިނެވެ.

ޒައިނާގެ ހިތް ފަޅައިގެންދާ ވަރުވިއެވެ. ރުއިމުގެ އަޑު ބާރުވެ، މޫނުގައި ދެއަތް އަޅައިލެވުނެވެ.

“ހިތްވަރު ކުރޭ… ޑޮކްޓަރ ބުނުއްވީ ޔަނާލް އަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއް ކަމަށް… ހާރޓް އެޓޭކް ޖެހެން މެދުވެރި ސަބަބަކީ އެއީ ކަމަށްވެސް ވެދާނެ… އަސްލު ހިތާމައަކީ އެކަމަކީ ކިހާ ނުރައްކާތެރި ކަމެއް ކަން އެނގެ ހުރެ ގިނަބަޔަކު އެކަން ކުރާތީ… ގިނަ ފަހަރަށް ބޭބީ މިސްކަރޭޖްވެ، ބާރތު ޑިފެކްޓްސްގެ ވެސް އެންމެ ބޮޑު ސަބަބަކީ އެއީ… ގިނަ މީހުން ހީކުރަނީ ދަރިފުޅަށް އަސަރުކުރާނީ ހަމަ އެކަނި މައިމީހާގެ އަމަލުތައް ހުންނަ ގޮތުންނޭ… އަސްލު ހަޤީގަތެއް ނޫން އެއީ…. ތިދެމަފިރިންނަށް ތިހެން ދިމާވި ކަމުގެ ސަބަބަކަށް، ޔަނާލަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހަކަށް ވުމަކީ ގާތްކަމެއް… ކޮންމެ ދެމަފިރިއަކަށް އެހެން ނުވެވެސް ދާނެ… އެކަމު އެއީ ވުން ވަރަށްވެސް ގާތްކަމެއް….” ނަރުސް ކުއްޖާ ތަފުސީލުކޮށްދެމުން ދިޔައެވެ.

އެދުވަސް ވެގެން ދިޔައީ ޒައިނާގެ ހަޔާތުގައި ލިޔެވިގެން ދިޔަ ކަޅު ސަފުހާއަކަށްށެވެ. ގެއްލިގެން ދިޔަ، ލޯބިވާ ދެ ފުރާނަޔަށްޓަކާ ޒައިނާ ކެރިގެން ނުކުތެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމުން ލިބޭ ގެއްލުންތަކަށް މީހުން އަޙުލުވެރިކޮށް ، އެކަން ހުއްޓާލަން ބޭނުން ވެފައި ތިބި މީހުންނަށް އެހީތެރިވުމަށް، އަމިއްލަ އެންޖީއޯ އެއް ހުޅުވިއެވެ. މިއަދު ޒައިނާއަކީ ހިތްވަރާއެކު މަސައްކަތް ކުރަމުން ދާ ފިސާރި ކަނބަލެކެވެ. އެންމެނަށް ހުރި ނަމޫނާ ކަނބަލެކެވެ.

(ނިމުނީ)

Share Article

Follow Me Written By

Aminath rau

Level 110 Stories

Crazy person?? who loves to write✍️? A student nurse ?‍⚕️?? Just 18 years old? A Thalassophile???

Other Articles

Previous

މަގޭ ހިތުގެ ރިހުން

Next

ވަކިވީ ވިންދާއި ހިތާއޭ

Next
July 4, 2020

ވަކިވީ ވިންދާއި ހިތާއޭ

Previews
July 4, 2020

މަގޭ ހިތުގެ ރިހުން

2 Comments!

  1. Iyaadh says:
    July 4, 2020 at 11:56 am

    Is this real???
    I loved this story!!

  2. ♡Eshh♡ says:
    July 4, 2020 at 1:58 pm

    Hi rau..maasha allah vrh reethi mi story..rau ge ehen story akah inthizaaru kuran??

Comments are closed.



All Right Reserved!