Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަމަޖާ

ގޮތްނޭނގޭ ޝަރުމީލާ

Maseeh Level 110 Stories
July 4, 2020 4 Mins Read
3 Comments

(މިއީ ޙިޔާލީ ވާހަކައެކެވެ.)

އުމުރުން 20 އަހަރުން ފެށިގެން ހަށިގަނޑު ވަރުގަދަ ކުރުމަށް ކަސްރަތުކޮށް ޖިމް ޖެއްސުމާއި ދުވަން ދިޔުމަކީ އަހަރެން ގަވާއިދުން ކުރާ ކަންކަމެވެ. ހަޤީޤަތުގައި އަހަރެން އެންމެ ފުރަތަމަ އެކަންކަން ކުރަން ފެށީ އަހަރެންގެ އަމިއްލަ ޟަމީރު ބޭނުންވެގެންނެއް ނޫނެވެ. އެއިރު އަހަރެން ރައްޓެހިވެގެން އުޅުނު ސާންދިއްޔާގެ ޖީލަ ގަދަކަމުންނެވެ.

ސާންދިއްޔާ އަކީ ބަނޑަށް 6 ގޮޅި އަރުވައިގެން އުޅޭ ގައިގެ މަސްގަނޑު ވަރުގަދަކޮށް ތިބޭ ފިރިހެނުންނަށް ވަރަށް ލޯބިކުރާ އަންހެނެކެވެ. އެހެންކަމުން އޭނާ އަބަދުވެސް ބޭނުންވަނީ އަހަރެންވެސް ހޮލީވުޑްގެ ފިލުމުތަކުން އެދައްކާފަދަ ރީތި މަސް ވަރުގަދަ ފިރިހެނަކަށްވާށެވެ.

ޖިމަށް ފުރަތަމަ ދާންފެށި ދުވަސްކޮޅު މުޅި ގައިގައި ރިއްސާވަރުން ކެތްނުކުރެވޭވަރު ވިއެވެ. އެހެންނަމަވެސް ސާންދިއްޔާ މުލައްދަނޑީގެ ބާރު ދައްކާލުމުން އަނެއްދުވަހު ޖިމަށް ނުގޮސް އޮންނާކަށްވެސް ނުކެރެއެވެ. ސާންދިއްޔާ ފަހަން އިންނަ ގަޑީގައި ޖިމަށް ނުދާނަމޭ ބުނެވުނު ދުވަހަކު އޭނާ ރުޅިއަރައިގެން ފަހަން އިން ފަހާފޮށިވެސް އަހަރެންނާ ދިމާލަށް އެއްލިއެވެ.

ދުވަސްތައް ހޭދަވަމުން ދިޔައީ މިފަދަ ގޮތަކަށެވެ. ސާންދިއްޔާގެ އިލޮށިފަތީގެ ބިރުގައި ކުރި މިންނެތް މަސައްކަތުން އަހަރެންނަށް އޭނާ އެ އެދޭފަދަ ހަށިގަނޑު ވަރުގަދަ ބަނޑުގައި ގޮޅި ޖަހާލައިގެން ހުރި ފިރިހެނަކަށް ވެވުނެވެ.

އެހިސާބުން ފެށިގެން އިންސްޓަގްރާމާއި ފޭސްބުކު ފަދަ އާންމުންގެ ތެރޭގައި ނަންމަޝްހޫރު ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަހަރެންގެ ހަށިގަނޑު މުޅި ރާއްޖެއަށް ދައްކާލަން ސާންދިއްޔާ ބޭނުންވިއެވެ. ނަމަވެސް އަހަރެން އެކަން ކުރާކަށް ބޭނުމެއް ނުވިއެވެ. އަހަރެން އެކަން ކުރަން ވަރަށް ލަދުގަތެވެ. ނަމަވެސް ސާއްދިއްޔާގެ ލޯތްބައްޓަކާ އަހަރެން ހުސްގަޔާ ތުވާލިކޮޅުކޮޅު އަނދެގެންވެސް ފޮޓޯ ނަގާފައި ސޯޝަލް މީޑިއާގައި އާންމު ކުރީމެވެ.

އެހާހިސާބުން މީހުންގެ ލޯބި އަހަރެންނަށް އޮހެން ފެށިއެވެ. ފޮލޯވަރުން ގިނަވާން ފެށިއެވެ. ގިނަ ދުވަސްތަކެއްނުވެ ރާއްޖޭގެ މަޝްހޫރު ބްރޭންޑުތަކުން އަހަރެން އެތަންތަނުގެ އެމްބެސަޑަރަކަށް ހޮވުމަށް ބޭނުންވެގެން ގުޅަން ފަށައިފިއެވެ. އެހެނަސް ސާންދިއްޔާ އެކަމަށް ގަބޫލެއްނުވިއެވެ. އޭނާ ބޭނުންވީ އަހަރެންނަކީ ހަމައެކަނި އޭނާގެ އެންބެސެޑަރަކަށް ހުންނާށެވެ. ނަމަވެސް ފުރަތަމަ ފަހަރަށް އެ ގުޅުމުގައި އަހަރެން ބޭނުންވާގޮތަށް ކަންތައް ކުރީމެވެ.

ސާންދިއްޔާއާއި އަހަރެންނާ ދެމެދު މައްސަލަ ޖެހެންފެށީ އެހިސާނުންނެވެ. އެމްބެސެޑަރަކަށްވެ ރިސޯޓުތައް އަހަރެންގެ ފޫހިފިލުވާ ހޮޅުވަށިތަކަށް ވެގެންދިޔައެވެ. އެތަންތަނުން ދިމާވާ ހުދު އަންހެން ކުދިންތައް ފެނިފައި އަހަރެންނަށް އުޅެވުނީ ގުއި ނުދެކޭ ކާޅު ގުއި ދެކިގެންވެސް ނޫޅޭނެފަދަ ގޮތަކަށެވެ.

އެ ކުދިންވެސް އަހަރެންނާހެދި ތިބެނީ މޮޔަވެފައެވެ. އަހަރެންގެ ގަޔަށާ، ކޮނޑަށާ، ބޮލަށް އަރާތިބެގެން އެކުދިން ފޮޓޯ ނަގާއިރު އަހަރެންނަށް ކުރެވޭ އިހުސާސް ބުނެދެންވެސް އަހަރެންނަކަށް ނޭނގެއެވެ. ސަބަބަކީ ކޮންމެ ދިވެއްސަކީ ހުދު ކުދިންނާއެކީ މަސްހުނިވެލާ އުޅުމުގެ ފުރުސަތު ނުލިބޭނެ ބަޔަކަށްވާތީއެވެ. އެހެންކަމުން އަހަރެންނަށް މިލިބުނު ނަސީބު އަހަރެން ސޯޝަލް މީޑިއާގައި އާންމު ކުރީމެވެ.

ކަންތައްތައްވީ އަހަރެން ހަމަ ހީކުރިގޮތަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން އަހަރެންނަށް ފޮލޯ ކުރާ މީހުން ކުއްލިއަކަށް ގިނަވެގެން ދިޔައެވެ. އެހެންނަމަވެސް ސާންދިއްޔާ އަކަށް އެމަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ. އޭނާ އަހަރެން ދޫކޮށްލާފައި ދިޔައީ އަހަރެންނަކީ ބޭރު ކަރަކަރައިން އެއްފިރިހެނެއްގެ އުނގުން އަނެއް ފިރިހެނެއްގެ އުނގަށް ތުންފުއްސެއްހެން ދުވާ ހައްޕުޑު އަންހެން ކުދިންނާހެދި ހޭބަލިވާ މީހެކޭ ކިޔާ އަހަރެންގެ ހިތުގައި އޭނާގެ ތުންފަތުން ބޭރަށް ނުކުމެފަ އިންނަ މުސަޅެއްފަދަ ދެދަތުން ދަތް އަޅާފައެވެ.

އޭނާ އަހަރެންގެ ހިތަށް ދިން ޒަޙަމުގެ އަނިޔާގައި އަހަރެން ބަލިވެގެން ހާލު ދެރަވެފައި ދެތިން ދުވަސް ވަންދެން އޮތީމެވެ. އެހެންނަމަވެސް އަހަރެންގެ އެ ހާލުން އަރައިގަތުމަށް އެހީވެދިނީ ހަމަ ސާންދިއްޔާ އެބުނާ ހައްޕުޑު އަންހެން ކުދިންތަކެވެ. ސާންދިއްޔާއާ އަޅާކިޔާއިރު އެކުދިން މާ ރަނގަޅު ވެފައި މާހެވެ.

އަހަރެން އެނބުރި ސާންދިއްޔާ ގާތަކަށް ނުދަމެވެ. އަހަރެން އަހަރެންގެ ދިރިއުޅުމާއިގެން ކުރިއަށް ދިޔައީމެވެ. އެ އަންހެން ކުދިންތަކަކީ އަހަރެންގެ ހިތްހަމަ ޖެހުން ކަމުގައި ހަދައިގެންނެވެ. އެކުދިންނަށްޓަކައި ޖާނާ މާލު ދީގެންނެވެ. އެހެންކަމުން ލިބޭ މުސާރަ އަތުގައި ހަރުލާގޮތެއް ނުވެއެވެ. މުސާރަ ލިބޭއިރަށް އެކުދިން އައިސް އަހަރެން ދަވާލައެވެ. ރެސްޓޯރެންޓުން ކެއުމާ، މޮޅެތި ފިހާރަތަކުން އަގުބޮޑު ގަހަނާތައް އަހަރެންގެ ހަރަދުގައި އަހަރެން އެކުދިންނަށް ގަނެދެމެވެ.

މިހެން އުޅުމުގެ ތެރޭގައި އަހަރެންނަށް އިންޓަވިއުއެއް ދިނުމަށް ފުރުސަތު ލިބުނެވެ. މާލޭގެ މަޝްހޫރު ޓީވީ ޗެނަލަކަށެވެ. އަހަރެން ވަރަށް އުފާވެލާފައި ދިޔައީމެވެ. އުފަލުން އިންވަރުން އަހަރެންނަށް ކިޔުނު ނުކިޔުނު އެއްޗެއްވެސް ނޭނގުނެވެ. މުޅި ރާއްޖެ ސިއްސާލާ ވަރުގެ މީހަކަށް ވާނަމޭ އަހަރެންނަށް ބުނެވުނުކަންވެސް އަހަރެންނަށް އެނގުނީ އަހަރެން ގެޔަށް އައިސް އެ ޕުރޮގުރާމު ބަލަން އިންދައެވެ.

އަހަރެންގެ ފިކުރުތައް އިތުރުވިއެވެ. މުޅި ދިވެހިރާއްޖެ ސިއްސުވާލާ ވަރުގެ ކަމެއް ކުރުމަށް އަހަރެން އެކި ގޮތްގޮތަށް ވިސްނަން ފެށީމެވެ. އެންމެ ފަހުން އަހަރެންނަށް ފެނުނު އެންމެ މޮޅު ގޮތަކީ އާންމުންގެ ތެރޭގައި އެންމެން ހައިރާންވާހާ އަގުބޮޑު ޒަމާނީ އެއްޗެހި ހިމަނާލާގެން ބޮޑު ގިވްއަވޭ އެއް ބާއްވާލުމެވެ. އެހެންނަމަވެސް އަހަރެން އަތުގައި މުކޮސްވެސް ނެތެވެ. ރިޒޯޓަށްގޮސް ހަރަދުކޮށްކޮށް އަހަރެންގެ އަތްމަތި ހުރީ ހުސްވެފައެވެ. އެހެންނަމަވެސް މިކަން ނުކޮށް ހުއްޓާލާކަށް އަހަރެން ބޭނުމެއް ނޫނެވެ.

ރައްޓެއްސަކު ހިންގާ ފިހާރައަކަށް އަހަރެން ދިޔައީމެވެ. އެ ފިހާރައިގައި ހުރި އެންމެ ޒަމާނީ އެއްޗެހި އެއްތަނަކަށް ޖަމާކޮށްލާފައި އެ އެއްޗެހި ކައިރީގައި ގުދަށާ، ބަންޑުންނާ، އަރިބިކައްޓަށް އޮވެ ޒާތްޒާތުގެ ފޮޓޯ އެތާއިން ސޭޓު ލައްވާ ނަގާލީމެވެ.

ހަމަ އެރޭ އަހަރެން އެތަނުން އަހަންނަށް ރީތިވި ފޮޓޯއެއް އިންސްޓަގްރާމްގެ ސްޓޯރީއަށްލާ މޮޅު ގިވްއަވޭއެއް އަހަރެން ތައްޔާރުކޮށްލީމެވެ.

އަހަރެން ހީވެސް ނުކުރާހާ ގިނަ މީހުން އޭގައި ބައިވެރިވިއެވެ. ފޮލޯވަރުން ގިނަވެގެން ދިޔަލެއް އަވަސްކަމުން ހީވީ މުޅި ދުނިޔެވެސް ދެންމެދެންމެ އަހަރެންގެ އަތްމަތީގައި އަނބުރާލެވި ދާނެ ހެންނެވެ. މާ ގިނަދުވަސްނުވެ ނޫސްތަކުގެ ފަލަ ސުރުހީއަށް އަހަރެންގެ ގިވްއަވޭ އިޝްތިހާރުވެގެންގޮސް އަހަރެންގެ ގިވްއަވޭގެ އަގު ބޮޑުކަމުން މުޅި ރާއްޖެ އެކީގައި އެއްއަޑަކުން އެވާހަކަ ދައްކަން ފަށައިފިއެވެ.

އެހެންނަމަވެސް އެންމެ ހިނދުކޮޅަކަށްވެސް އަހަރެންގެ ސިކުޑިން މިކަންތައް ނިމިގެންދާނެ ގޮތެއް ފިލައިގެނެއް ނުދެއެވެ. ގިވްއަވޭގައި ބައިވެރިވި މީހުންގެ ތެރެއިން ފޭކު އައިޑީ ހަދާފައި ހުރި މީހަކު އަހަރެން ހޯދަމުން ދިޔައީމެވެ. ގިވްއަވޭ ނިމޭ ދުވަހު އެމީހެއްގެ ނަން އިންސްޓަގްރާންގައި ޖަހާ ހަދިޔާ ނުދީ ކަމުން ރެކިލުމުގެ ނިޔަތުގައެވެ.

އެގޮތުން އަހަރެންނަށް ފެނުނު އެންމެ ކަމުދާ އައިޑީ އަކީ ޝަރުމީލާ ޖަހާފައިއިން ޕްރައިވެޓު އައިޑީއެކެވެ. ގިވްއަވޭ ނިމުނުދުވަހު އަހަރެން އޭނާގެ ނަން ހާމަކޮށްފައި އިންސްޓަގްރާމަށް ނުވަދެ ގޭގައި އޮތީމެވެ. މާ ލަސްތަކެއްނުވެ ހަދިޔާ ނުލިބިގެން ޝަރުމީލާ މެސެޖު ކުރަން ފަށައިފިއެވެ. އަހަރެންގެ ރިޕްލައި ނުލިބިގެން ރޯ އަވަގުރާނަތައްވެސް އޭނާ ފޮނުވަމުންދިޔައެވެ. ޝަރުމީލާއެކޭ އެއްގޮތަށް އެހެން އައިޑީތަކުންވެސް ގިވްއަވޭ ދޭތަން ފޮޓޯ ނަގާފައި އަޕްލޯޑު ނުކޮށްގެން ހީވީ އަހަރެންގެ ކަށިހަފާ ކާލަފާނެހެންނެވެ.

އަހަރެން ޝަރުމީލާއަށް ފޮލޯ ރިކުއެސްޓް ފޮނުވާލީމެވެ. އޭނާ އެކްސެޕްޓެއް ނުކުރިއެވެ. ‘ތީ ކާކުކަން އެނގުނީމަ ގިވްއަވޭ ދޭނަން.’ އަހަރެން ފުރަތަމަ ފަހަރަށް އޭނާގެ މެސެޖަށް ރިޕްލައި ދިނީމެވެ. ‘އަހަރެން އުޅެނީ މޫނު ބުރުގާ އަޅާގެން. ރޭގަ މި އެޅީ. ޔޫ އާދޭ ހަމަ މިހާރު ހަދިޔާ ހިފައިގެން އަހަރެންދޭ އެޑުރެހަށް.’ އަދިވެސް ޝަރުމީލާގެ ރުޅިގަނޑު ހުރީ އަރާ މުދުނުގައެވެ.

ކޮންމެ ގޮތެއްވިއަސް ފަހުން ރުފިޔާދޭގޮތަށް އަހަރެންގެ އެކުވެރިޔާގެ ފިހާރައިން އަހަރެން ގިވްއަވޭ ފޮޓޯގައި ހިމަނާލި އެއްޗެހި ނަގައިގެން ޝަރުމީލާ ދިން އެޑުރެހަށް ދިޔައީމެވެ. އޭނާ ހުރީ މޫނު ބުރުގާ އަޅައިގެންނެވެ.

ޝަރުމީލާ އަތަށް އެތަކެތި ދޭމަންޒަރު އަހަރެން ފޮޓޯ ނަގާފައި އަޕްލޯޑުކޮށްލީ މިކަމުން ހިންދެމިލެވޭތޯއެވެ. ނަމަވެސް މީހުން މައިތިރިއެއް ނުވިއެވެ. އެވަރުންވެސް އާންމުންނަކަށް ނުފުދުނެވެ. އެކި މީހުންގެ ނަމުގައި ޝަރުމީލާއޭ ކިޔައިގެން މީހުން ޙަބަރު ފަތުރަން ފަށައިފިއެވެ. އަހަރެންގެ ރައްޓެހިން ބުނާގޮތުގައި އެއީ އަހަރެން ކުރިން ރައްޓެހިވެގެން އުޅުނު ސާންދިއްޔާއެވެ. އެހެންކަމުން އަހަރެންވެސް ޝަރުމީލާގެ ހަޤީޤަތް ބަލާލާހިތްވިއެވެ.

އަހަރެން ޝަރުމީލާގެ ގެޔަށް ދިޔައީމެވެ. ދެތިން ފަހަރަކަށް ދޮރުގައި ޓަކި ޖަހާލުމުން ދޮރު ހުޅުވީ ސާންދިއްޔާއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. “ކަލޭތަ ޝަރުމީލާއަށް ވެގެން އުޅުނީ؟” އަހަރެން ވަރަށް ރުޅިއައިސްފައި އަހާލީމެވެ.

“މަމީ ޝަރުމީލާއެއް ނޫން. ދެން ކަލޭ މަކާލާ..” އެހެން ބުނެފައި ޝާންދިއްޔާ އަހަރެންގެ މޫނުމައްޗަށް ދޮރު ލެއްޕިއެވެ.

 

= ނިމުނީ =

Share Article

Follow Me Written By

Maseeh

Level 110 Stories

Other Articles

Previous

އެދެނީ އެކުގައިވާށޭ 2

Next

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..14

Next
July 4, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..14

Previews
July 4, 2020

އެދެނީ އެކުގައިވާށޭ 2

3 Comments!

  1. Iyaadh says:
    July 4, 2020 at 12:04 pm

    Hehe
    Who is that Sharmeela???

  2. Rainstorm says:
    July 4, 2020 at 3:10 pm

    OMG maseeh is backkkkk!!! man this is lit <3

  3. ހަމްދާ says:
    July 4, 2020 at 7:30 pm

    ސުބުޙާނައްﷲ

Comments are closed.



All Right Reserved!