Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެންލޯބި

އެދެނީ އެކުގައިވާށޭ 2

Axian Level 1
July 4, 2020 5 Mins Read
2 Comments

”މާތްކަލާކޯ ތީ ކޯޗެއް..؟” އެތެރެއަށް ވަތް އަޒަލްގެ އަޑަށްވެސް އަހަރެން ފަހަތެއް ނުބަލަމެވެ. އަހަރެން އިޒާނަށްވުރެ ވެސް ހައިރާންވީއެވެ. އިޒާނުގެ އަތުގައި އެ އޮތީ ސަހަލު އެއްޗެއް ނޫނެވެ.

“އަޅޭ އިވާނޫ..! އަހަރެންނާއިވެސް ޝެއާ ކޮށްގެން ދޯ ކާނީ..؟” އަޒަލްގެ އަޑަށް އަހަރެންނަށް ހޭވެރިކަމެއް ވިއެވެ. “މަށާއި ޝެއާ ކޮށްގެން ކާން ޖެހޭނީ.. މަށެއްނު އިވާނުގެ އިޒާންބެއަކީ..” އިޒާން އޭތި މެޔާއި ލާ ބޮނޑި ކޮށްލިއެވެ.

އަހަރެންނަށް އަދިވެސް ހުރެވުނީ އެ ހަދިޔާއާއި ދިމާލަށް ބަލާށެވެ. އެއީ އަހަރެންގެ މުލި ހަޔާތުގައިވެސް ދެކުނު އެންމެ ބޮޑު ޗޮކުލެޓެވެ. “ނޫން.. މަ ކާނީ..!” އެތެރެއަށް ވަތް އަޒްފާއާއި އިމްޝާގެ އަޑު އިވުނެވެ. ”އަޑުއަހާ.. އަހަރެން މި ކާނީ އެންމެންނަށްވެސް ބަހައިގެން…” ބޮލަށް ނުކުޅަދާނަވެގެން އަހަރެން އެންމެފަހުން ބުނީމެވެ. “ޔޭ.. އިވާނުގެ ހުންނަ ހިތްހެޔޮކަމުން އަހަރެމެންނަށްވެސް ފައިދާ ކުރެއެއްނު…؟” އަޒަލް އަހަރެންގެ ކޮނޑަށް އަތް ވައްޓާލިއެވެ.

“މަންމަ ބުނީ ކީކޭ..؟ އަވަހަށް ނިދާށޭ..” އާއިޝް ދޮންބެ އެހެން ބުނެލިއިރުވެސް ދެ އަތުން ޓައިޕު ކުރުމެއް ހުއްޓައެއްނުލައެވެ. ”ހިނގާ މިރޭ ކާލަން..؟” އިމްޝާ ވަރަށް ވަގު ރާގަކަށް ބުނެލިއެވެ. “އޭނ..؟ އެކަމު ޗޮކުލެޓު ކައިފައި ޑަސްޕިނަށް ކަރުދާސްގަނޑު ލީމައި މަންމައަށް އެނގޭނެއްނު..؟ އޭރުން ދެން ނޭނގެ މިހާރު ހުރި ޗޮކުލެޓްތައް ކާން ލިބޭނެކަމެއްވެސް..” އިޒާން ބުނެލިއެވެ.

“ނޫނޭ… އަހަރެމެން އެ ފޮރުވާނީއޭ..” އިމްޝާ ހުރީ ވަރަށް ރަނގަޅަށް ވިސްނާލައިގެން ހެން އަހަރެންނަށް ހީވިއެވެ. “މިސާލަކަށް..؟” އިޝާންވެސް ހުރީ ޗޮކުލެޓް ކާހިތުންކަން އެނގުނީ އެހެން ބުނުމުންނެވެ. “ބަލަ އަހަރެން ޕްލޭނެއް ކިޔާދެންތަ..؟” އާކިޝް އެއްސެވެ. “ހޫމް.. ހަމަ ކިޔަންވީ..” އަޒަލް ދަހި ގޮތަކަށް އެ ޗޮކުލެޓާއި ދިމާލަށް ބަލާލާފައި ބުނެލިއެވެ. “އަހަރެމެން ޗޮކުލެޓްގެ ކަރުދާސްގަނޑު ކޮޕީގަސްތައް ބުޑުގައި ވަޅުލާނީ.. ދެން މަންމަމެންނަކަށް ނޭނގޭނެ އަހަރެމެން ޗޮކުލެޓު ކޭކަމެއް..” އާކިޝް ދިން ޚިޔާލާއި ދޭތެރޭ އަހަރެން ވިސްނާލީމެވެ.

“ގްރޭޓް.. އަވަހަށް ހިނގާ ކާން ފަށަން..” އަޒަލް އަތު ކުރި އޮޅާލިއެވެ. “އައިލީންއާއި އައިރީން ނިންދަވާފަ މަ އެބައަންނަން.. މަ އައީމަ ކާން ފަށާނީ..” އަޒްފާ ބުނެލިއެވެ. “މަންމަ ކައިރީ ބުނާނަން..!” އާނިޝްގެ އަޑުން އެންމެން މޫނު ކުނިކޮށްލިއެވެ. “ކީއްވެ..؟” އަހަރެން އަހާލީމެވެ. “ޖެހޭނެ ޗޮކުލެޓުން ބޮޑުބައި އަހަރެންނަށް ދޭން.. އޭރުން ނުބުނާނަން..” އާނިޝް ބުނެލިއެވެ. “އައިރީންއާއި އައިލީންއާއެކީ އާނިޝްބެވެސް ނިދަން ފޮނުވާލެވުނުނަމަ ރަނގަޅުވީސް..” އާނިޝަށް އަޑު ނީއްވަންވެގެން އިޝާން އެހެން ބުނެލީ އަހަރެންގެ ކަންފަތް ބުޑުގައެވެ.

ވަގުތު ޖެހިއްޖެއެވެ. އަހަރެން ބަދިގެއިން ވަޅިއެއް ނަގައިގެން އައީމެވެ. އޭރު ޗޮކުލެޓް ވަށާލާ އެންމެން ވަށް ބުރަކަށް އެތުރިގެން ތިއްބެވެ. އާއިޝް ފިޔަވައެވެ. “އާޝް ދޮންބެ ނުކާނަންތަ..؟” އަހަރެންގެ ބޮޑު ހިތާއި ހެދި ނާހާލާ ހުންނާކަށް ނުކެރުނެވެ. “މަ ނޫޅެން ޗޮކުލެޓަކާއި ހެދި މޮޔަވާކަށް..” އާއިޝް އެހެން ބުނެލިއިރު ތުންފަތުގައިވާ ހިނިތުންވުމުން މިޝާއާއި އާއިޝްގެ ގުޅުން އަމާންކަން ދައްކުވާދިނެވެ. ”ހޫން.. މިޝްކޮދައްތަ މާ މުހިއްމު ވިއްޔާ ޗޮކުލެޓަކަށް ވުރެ..” އިޝާން އެހެން ބުނެލުމާއެކީ އެހެން އެންމެން އަޑުން އަޑުނަގާ ހޭންފެށިއެވެ. އާއިޝް ރަކިވެގެން އަވަހަށް ހީނލައިފިއެވެ.

ޗޮކުލެޓްގެ ކަރުދާސްގަނޑު ނިއުޅާލުމަށްފަހު އަހަރެން ޗޮކްލެޓް އަށް ބަޔަށް ބަހާލީމެވެ. އެންމެންހެން އަވަހަށް ޗޮކުލެޓް ކާން ފެށިއެވެ. އަހަރެން ހުރީ ވާތުން ކަރުދާސްގަނޑުގައި ވެސް ހިފާއްޓައިގެންނެވެ. އެންމެން ވަރަށް މީރުކޮށް ޗޮކްލެޓް ކައި ނިންމާލިއެވެ. “ދެން ދޭ ނިދަން..” އާއިޝް ބުނެލިއެވެ. އަހަރެން އާފުރިލަން އަނގަ ހުޅުވާލުމާއެކީ އިމްޝާ އަހަރެންގެ އަނގަޔަށް ޗޮކުލެޓްގެ ކަރުދާސްގަނޑުން އެތިކޮޅެއް ލިއެވެ. “ޗީޑި އިމްކޯ..” އަހަރެން ކޮށިއެރިއެވެ. ކެއްސަކެއްސާފައި އަހަރެންގެ އަނގައިން އެ ކަރުދާސްކޮޅު ބޭރުވިއިރު އިމްޝާ ހީ ނަގަނީއެވެ.

އަހަރެން އަތަށް އައި ކަރުދާސްކޮޅަށް ބަލާލީމެވެ. “އިވާނޫ..!” އަހަރެން ފުން ވިސްނުމަކަށް ގެއްލިފައި ހުއްޓާ އަޒްފާ ގޮވާލިއެވެ. “ދޮންތާ… ޗޮކުލެޓްގެ ކަރުދާސްގަނޑު ވަޅުލީތަ..؟؟” އަހަރެން އަހާލީމެވެ. “އާނ އާކިޝްބެ އާއި އާނިޝްބެ އެ ވަޅުލައިފި.. ކިހިނެތްވީ..؟” އަޒްފާ އަހަރެންގެ މޫނަށް ބަލާލީ ފާޑަކަށެވެ. “ނޯ ކަމެއް ނުވޭ.. ހަމަ ޔަގީން ކޮށްލީ..” އަހަރެން އަވަހަށް ބޯހޫރާލާފައި ނުކުތީމެވެ. ކޮޓަރީގެ ބޮކި ފަނޑު ކޮށްލާފައިވެސް އަހަރެންނަށް ބެލުނީ އަހަރެންގެ އަތުގައި އޮތް ކުޑަ ކަރުދާސް ކޮޅަށެވެ. “ހިޑެން އައިލެންޑް އޮފް މޯލްޑިވްސް..” އަހަރެން އެ ކުޑަ ގަނޑުކޮޅުގައި ލިޔެފައި އޮތް އިބާރާތް ކިޔާލީމެވެ.

އަހަރެން ކޮޓަރިއަށް ވަތްއިރު އިޒާން އޮތީ ނިދާފައެވެ. އެނދުގެ ބޭރަށް ފައި ވެއްޓިފައި އޮތްއިރު ރަޖާ ގަނޑު އޮތީ ގައިގެ އެއްބައި ނިވާކޮށްގެންނެވެ. އަނގަވެސް ތަންމިނަށް ހުޅުވާފައިވާއިރު ގުގުރީގެ އަޑުފަށްގަނޑު އިވެމުން ދިޔައެވެ. “އެންމެ ސާދަ އަހަރުގައިވެސް އިޒާން އެބަ ގުގުރިދަމައޭ..” ފާޚާނާއިން ނުކުތް އިޝާން އަހަރެންގެ ގާތު ބުނެލިއެވެ. “ހްމްމް.. ކިހިނެތް އެނގެނީ ދޮންބެވެސް ނިދީގައި އޮވެގެން ގުގުރި ނުދަމާކަމެއް..؟” އަހަރެން ހީނލާފައިި ފާޚާނާއަށް ވަނީމެވެ. އަހަރެން ނިދަން އޮށޯތް އިރު އިޝާން ވެސް ބާރަށް ގުގުރިދަމާއަޑު އިވެއެވެ. “އަހަރެންވެސް ހަމަ އެހާ ބާރަށް ގުގުރިދަމަން ތަ..؟؟” އަހަރެންނަށް އަމިއްލަ ނަފްސާއި ސުވާލު ކޮށްލާފައި ހީނލީމެވެ.

“އިވާނޫ…!! އިވާނޫ…!!” އަހަރެންނަށް ހޭލެވުނީ އިޒާން އަހަރެން ދެފަރާތަށް ތަޅުވާ ވަރުންނެވެ. “ކިހިނެތްވީތަ..؟ މާ ހެނދުނު ހެނދުނާ އަހަރެން ތި ހޭލެއްވީ..؟” އަހަރެން ރުޅިއައިސްފައި ބާލީސްތެރެއަށް މޫނު ގަންބާލީމެވެ. އެހާ އަރާމުގައި ނިދާފައި އޮއްވާ މީހަކު އަހަރެން ހޭލައްވައިފިނަމަ އެއީ އަބަދުވެސް އަހަރެންގެ ހާލެވެ. “އިވާނޫ..! ހޭލަބަލަ… ކަމެއް ގޯސްވެއްޖެ..” އިޝާން އައިގޮތަށް އައިސް އަހަރެންގެ ފައިގައި ހިފިގޮތަށް އެނދުން ވައްޓާލިއެވެ.

“އައްދިއްޔޯ ކީކޭ ދޮންބޭ..؟” ވީތަދުން އަހަރެންނަށް ތެދުވެވުނު ގޮތަށް ދަތްދޮޅީގައި ފިރުމާލެވުނެވެ. “ދަތުރު ކެންސަލޯ..” އިޝާން ދެބުމަ ގޮށްޖަހާލަމުން ބުނެލިއެވެ.

“ވަޓް..؟؟ އެކަމަކު އަހަރެމެން..؟؟ ކީއްވެގެންނޯ..؟؟” އަހަރެންނަށް ބުނެވުނު އެއްޗެއް ނޭނގުނެވެ. “މާމަ ބަލިވީ.. މާމަ ބޭނުންވަނީ މާމަގެ ހުރިހާ ދަރިންކޮޅު މާމަގެ ގާތުގައި ހުންނަން.. އެހެންވެ އާއިޝް ދޮންބެ އިންޗާޖްކޮށްފައި މަންމަމެން އެންމެން އެދިޔައީ ހޮސްޕިޓަލަށް..” އިޝާން ބުނެލިއެވެ. “ދެން ކާކުތަ ކައްކަނީ..؟” އަހަރެން ކަންބޮޑުވީ މާމައާއި ދޭތެރެއެއް ނޫނެވެ. ކާތަކެއްޗާއި ދޭތެރޭގައެވެ.

“އަޒްފާއާއި އަޒަލް އާއި އިމްކޮ..” ފާޑަކަށް އަނގަ ހަދާލަމުން އިޝާން ބުނެލިއެވެ. ”ކަންތަކާއި ލައިގެންފަ މިއޮތީ..” އިޒާން ބޭރަށް ނުކުތެވެ.

އަހަރެން ފާޚާނާއަށް ވަތްއިރު ފާޚާނާގެ ކުޑަދޮރުން ވަރަށް ރަނގަޅަށް ވާރޭ ވެހޭ އަޑު އިވެއެވެ. އަހަރެން ހޫނު ފެނުން ފެންވަރާލައިގެން ނުކުތީމެވެ. ފެހި ކުލައިގެ ހޫޑީއަކާއި ކަޅު ސޯޓެއް ލައިގެން އަހަރެން ނުކުތީ ސައިބޯށެވެ.

އޭރު އަޒަލް އޮތީ ސޯފާގައި އޮށޯވެގެންނެވެ. “އޭތް އަޒަލޫ..!” އަހަރެން ގޮސް އިށީނީ އަޒަލްގެ އިސްތަށިގަނޑު މަތީގައެވެ. ”އޭތް އިވާނޫ..! ތަދުވެޔޭ..” އަޒަލް އަހަރެން ކޮއްޕާލާފައި ތެދުވިއެވެ. ނިކަމެތި ކޮށް އެހުރި އަންހެން ކުއްޖާއަކީ ބައެއް ފަހަރު ވަރުގަދަ ކަމުން ގޮސް ފިރިހެނެކޭ އަހަރެންގެ ހިތަށް އަރައެވެ. އަނެއްކާ އަޒަލްއަކީ އަންހެން ސިފައެއްގައި އުފަންވި ފިރިހެނެއް ނޫންބާވައެވެ.؟

އަހަރެން ސައިބުއީ އެއް ސޭންޑްވިޗުންނެވެ. ލޮނުގަދަ ކަމުން އަހަރެންގެ ދެލޯ ނުވިރުނީ ހަމަ ކިރިޔާއެވެ. ކިރުސައި ތަށި ބޮއިފައިވެސް އަހަރެން ބޭނުންވީ ހޮޑުލާށެވެ. އަހަރެންމީ ކިރުސައި ބޯ ހިތްވާ މީހެއް ނޫނެވެ. މަންމަވެސް އަހަރެންނަށް ގިނައިން މައިލޯ އަޅައިގެން ސައި ގިރަނީ އެހެންވެއެވެ. އަހަރެން އިޝާނާއި ދިމާލަށް ބަލާލީމެވެ. އިޝާންވެސް އެހުރީ އެ ކިރުސައިތަށި ބޮވުމުގެ މޮޔަ ހީވެފައިކަން އަހަރެންނަށް ޔަގީންވިއެވެ. އިތުރުން އަޒްފާއަކީ މީހަކު އެއްޗެކޭ ބުނާއިރަށް އޮފެންޑެޑްވާ ކުއްޖެއްކަމުން ޗުއްޕެއްވެސް ނުބުނެ އަހަރެމެން ސައި ބޮއިގެން ތެދުވީމެވެ.

”އޭތް އިވާން..!” އަޒަލް އަހަރެންނަށް ގޮވާލީ ވައި އަޑުންނެވެ. “ކީކޭ އަޒަލް..؟” އަޒަލް އެ ރާގުގައި އަހަރެންނަށް ގޮވާނީ ބިރުން ނޫނީ ކަންބޮޑުވުމުންކަން އަހަރެންނަށް އެނގެއެވެ. “އިއްޔެރޭ ދަންވަރު ގަޑީ އިވާން ކީއްތަކުރީ ފްރިޖް ދޮށުގައި..؟” އަޒަލް އެހެން ބުނެލުމުން އަހަރެން ހައިރާންވިއެވެ. “ވަޓް..؟ އަހަރެން ރޭ ނުނިކުންނަށް ކޮޓަރިން ބޭރަކަށް..” އަހަރެން ހައިރާންވެފައި ބުނީމެވެ.

“އިއްޔެރޭ އިވާނު އަހަރެމެންގެ ކޮޓަރިއަށް ވެސް އައީމެއްނު..؟” އައިލީން އުރާލައިގެން ހުރި އާނިޝް ބުނެލިއެވެ. “އޭތް ސަމާސާ ނުކުރޭ އަހަރެން ރޭ ކޮޓަރިން ބޭރަކަށް ނުނިކުންނަން..” އަހަރެން ހީގަތީމެވެ. ޔަގީނެވެ. އެ އެންމެން އެއުޅެނީ ރާވައިގެން އަހަރެންނަށް ލަނޑެއް ދޭށެވެ.

“އިވާން ނުނިކުމޭ ބޭރަކަށް..” އިޝާން އެހެން ބުނެލި އަޑަށް އަހަރެން ބަލާލީމެވެ. ދޮންބެ މިހާރު މި ޑްރާމާ އިން ބަޔެއް ނެގީތާއެވެ. “ހުވާކޮށްފައި މި ބުނީ ރޭ އަހަރެންނާއި އާކިޝް ދެކުނިން އިވާން.. އިވާން ހުރީ އަހަރެމެން ޗޮކުލެޓް ކެނޑިތަނުގައި އިށީނދެގެން.. އަހަރެމެން ގޮވީމަ ވާހަކައެއްވެސް ނުދެއްކި..” އާނިޝް ސީރިއަސް ރާގަކަށް އެހެން ބުނެލުމުން އަހަރެން ބިރު ގަތެވެ. “އަހަރެން ދެގަޑި ބައިވަނިކޮށް ފާޚާނާއަށް ދާންޖެހިގެން ހޭލިއިރު އިވާންވެސް އިޒާންވެސް އޮތީ ނިދާފައޭ..” އިޝާންގެ އަޑު ބާރުވެއްޖެއެވެ. “އިފް ޔޫ ގައިޒް އާ ޖޯކިން ޕްލީޒް ސްޓޮޕް…” އިމްޝާ ބުނެލިއެވެ.

“ނޫނޭ ހަމަ އަސްލަށޭ..” އާކިޝް ބުނެލިއެވެ. “މަ ދެކުނީމޭ އިވާން ފްރިޖްގެ ގާތު ހުއްޓާ.. ރޭ އެންމެންނަށް ވަގަށް ޗޮކްލެޓް ކެއީ ދޯ..؟” އަޒަލް އެއްސެވެ. “ނޫނޭ.. ބަލާލަ މިއޮއް އެއްޗެއް..” އަހަރެން ބޭނުންވީ މައުޟޫ ބަދަލު ކޮށްލާށެވެ. އިތުރަށް އެ ވާހަކަ ދައްކައިފިއްޔާ އަހަރެންނަށް ހީސްލެވިދާނެއެވެ.

“ކޯޗެއް..؟” އަޒަލް އަހަރެންގެ އަތުގައި އޮތް އެއްޗަށް ބަލާލަން ބޯ ދިއްކޮށްލިއެވެ. ”މިއީ ރޭގަ އިމްކޮ އަހަރެންގެ އަނގަޔަށް ލީ ކަރުދާސްކޮޅު… މަށަށް ހީވަނީ މީގަ ފޮރުވިފައި އޮތް މާނައެއް ވާނެޔޭ..” އަހަރެން ބުނެލީމެވެ. ހީކުރިވަރަށްވުރެ އަވަހަށް އަހަރެންނަށް އެންމެންގެ ވިސްނުން އަނބުރާލެވިއްޖެއެވެ.

“އަހަރެ…..” އަޒަލް އެއްޗެކޭ ބުނަން އުޅެނިކޮށް ކަރަންޓް ހިނގައްޖެއެވެ. ހުރިހާ އަންހެންކުދިންތައް ބޮނޑިވެގަތީ އަހަރެންގެ ގައިގައެވެ. “ކާކު ބޮކި ނިވާލީ..؟؟؟” ފާޚާނާތެރޭ ހުރި އާއިޝްގެ އަޑު އަހަރެންނަށް އިވުނެވެ. “ކަރަންޓު ދިޔައީޔޭ އާޝް ދޮންބޭ..!” އަޒްފާ ބުނެލައިފިއެވެ.

“ޓައް ޓައް ޓައް..!!” މީހަކު ދޮރުގައި ތަޅާ އަޑަށް އިޒާން ގޮސް ދޮރުބޮޑުގައި ހުއްޓުނެވެ. “ހުޅުވަން ވީ.؟” އިޒާން އެންމެންނާއި މުޚާތަބުކޮށް އެއްސެވެ. “މީ މަންމައޭ..” އެހެން ބުނެލާއިރަށް އިޒާން ހަމަޖެހިލާފައި ދޮރު ހުޅުވިއެވެ.

ދޮރު ހުޅުވިއިރު އެތަނުގައި އެކަކުވެސް ފެންނާކަށް ނެތެވެ. “މަންމާ..؟” އިޝާން ބާރަކަށް ގޮވާލިއެވެ.

“ކާކަށްތަ ތި ގޮވަނީ..؟” ތުވާލި އަނދެލައިގެން ނުކުތް އާއިޝް އަހާލިއެވެ. “މަންމަ ޓަކި ޖެހީ… ދެން ހުޅުވިއިރު ނެތް ފެންނާކަށް..” އަހަރެން ޖަވާބުދޭން އަނގަ ހުޅުވާލިތަނާ އިމްޝާ ޖަވާބު ދިނެވެ.

”އި.. ވްވާ…” އަޒަލް އެއްޗެކޭ ބުނަން މަސައްކަތް ކުރިއެވެ. “ކީކޭތަ..؟؟” ހާސްވެފައިވާ ވަރުން އަހަރެންގެ ގާތަށް ފާޑެއްގެ ރުޅިއެއް އައެވެ. “ބް.. ބަލް.. ލާލަ..!” އަޒަލް އެހެން ބުނުމުން އަހަރެންނަށް އެކައްޗެއްވެސް އޮޅުމެއް ނުފިލިއެވެ.

“އަޒަލް ތި ކިޔަން އުޅޭ އެއްޗެއް ރަނގަޅަށް ކިޔާބަލަ..!” އަހަރެން އަޒަލްގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ބުނެލީމެވެ. ފުދޭވަރަކަށް ބާރަށެވެ. އަޒަލް އަހަރެންނަށް ބަލާލީ ފެންކަޅިވެފައެވެ. “އިވާން އެދިމާ..” އާކިޝް އެހެން ބުނެލިއަޑަށް އަހަރެން އެންމެންގެ މޫނަށް ބަލާލީމެވެ. އެންމެންހެން ހުރީ އާކިޝްގެ އިނގިލި އަމާޒުވެފައިވާ ދިމާލަށް ބަލާށެވެ.

އަހަރެންވެސް ލަސްލަހުން އެނބުރުނީމެވެ. ހީވީ ގަދަބާރުން އިސްކުރެއް އަނބުރާލި ހެންނެވެ. އެންމެންވެސް ހުރީ އާއިޝާއި ދިމާލަށް ބަލާށެވެ. އަހަރެންނަށް އަނގަމަތީ އަތް އެޅުނެވެ. ”އާ..” އަހަރެން މަސައްކަތް ކުރީ އާއިޝުގެ ގާތު ދުއްވައިގަންނާށޭ ބުނުމަށެވެ. “އެންމެން މާ ފާޑަކަށް އަހަރެންނާއި ދިމާލަށް ތި ބަލަނި ކީއްވެތަ..؟ ސައިބޯނި ހުރީތަ..؟” އާއިޝް ހައިރާންވެފައި ސުވާލަކަށް ފަހު ސުވާލެއް ކުރަން ފެށިއެވެ. ޖަވާބު ދޭން އަނގަ ހަލުވާލާނެ ހިތްވަރެއް ހުރި މީހަކު އަހަރެމެންގެ ތެރޭ ހުރިކަމަކަށް ނުވިއެވެ.

”އާޝް ދޮންބޭ..!! ރަން..!!!!” ތަނުގެ ހިމޭންކަން ނަގާލީ އިޝާންގެ ހަޅޭއްލަވައިގަތުމުންނެވެ. ހީވީ ފުޓުބޯޅަ މެޗެއްގައި ގަބުކައިފައި އިން ކުޅުންތެރިޔާއާއި ދިމާލަށް ކޯޗެއް ހަޅޭއްލަވައިގަތް ހެންނެވެ. އާއިޝް ސިހިފައި ފަހަތް ބަލާލިއެވެ.

އޭރު ފާޑެއްގެ ބިޔަ ހިޔަންޏެއް އާއިޝްގެ ފަހަތުންގައި ހުއްޓެވެ. އޭތި މަޑުމަޑުން ކުރިއަށް އަންނަމުން ދިޔައެވެ. ”ވަޓް ދަ…!!” އާއިޝް ދުއްވައިގަންނަން ފައިނެގި ތަނާ ހުރިތަނަށް ވެއްޓުނެވެ. އޭރު އޭއްޗެއް ހުރީ އޭގެ ހިޔަނި އަތުން އާއިޝްގެ ތުވާލީގައި ހިފާއްޓައިގެންނެވެ. ސަލާމަތްވުމަށްވުރެ އައުރަ ނިވާކުރުން އާއިޝަށް މުހިއްމުވީ ތޯއްޗެކެވެ.

އަހަރެންނަށް އާދަޔާޚިލާފް ހިތްވަރެއް ލިބުނެވެ. ބާރުބާރަށް ދުއްވައިގަނެވުނީ ކީއްވެގެންކަމެއް ނޭނގުނެވެ. އަހަރެން ދިޔަގޮތަށްގޮސް އާއިޝުގެ އަތުގައި ހިފާ ދަމާލީ ގައި ހުރި ބާރެއް ލާފައެވެ. ތުވާލި ނެއްޓިގެން އެ ހިޔަނީގެ އަތަށް ދިޔައެވެ.

އެ ހިޔަނި ކުއްލިއަކަށް ގެއްލުނެވެ. ވައިމަަތީ އޮތް ތުވާލި ބިންމައްޗަށް ވެއްޓުނެވެ. “އާޝް ދޮންބޭ..!” އާނިޝް ހީނގަންނަމުން ގޮވާލިއެވެ. އޭރު އަޒަލް ފަހަތަށް އެނބުރިއްޖެއެވެ. އަޒްފާ އިމްޝާގެ ލޯމަތީ އަތް އަޅާފައި ފަހަތަށް އެެނބުރުންއިރު ހީނ ބަލިވަނީއެވެ. ”ހިނާ މިޝްކޮދައްތައަށް ފޮނުވަމާ..؟” ލާނެތްކަމުގެ އެއްވަނަ ކަމަށްވާ އިޒާން ބުނެލިއެވެ. ”ނޫން..! މިޝާއަށެއް ނޫން..!” އާއިޝް އެހެން ބުނެލިގޮތުން ހީވީ އެ ކަން ނޫހުގައި ޖެހިޔަސް މިޝާއަށް އެނގިގެންނެއް ނުވާނޭ ބުނެލި ހެންނެވެ.

އަހަރެން އަތް ނަގާފައި އެކަން މަނާ ކުރީމެވެ. “ކްރީޕީ.. އެ ވީކިހިނެތްތަ..؟” އާކިޝް ބިރުގަނެފައި އަހާލި ސުވާލަށް ދޭނެ ޖަވާބެއް އަހަރެންނަކަށް ނުވިސްނުނެވެ. “ޔަގީން އެ ޗޮކްލެޓްގައި ހަންޑިއެއް އޮތީކަން..!” އިމްޝާ ބުނެލިއެވެ.

ސަމާސާއަކަށް ނުވަތަ ހީވި ހީވުމެއްގެ މައްޗަށް އިމްޝާ އެ ބުނެލި ޖުމްލައިގެ މުހިއްމުކަން އަހަރެންނަށް ކުރިން ވިސްނުނު ނަމައެވެ.

ނުނިމޭ

Share Article

Follow Me Written By

Axian

Level 1

Other Articles

Previous

ލަމްހާ – 3

Next

ގޮތްނޭނގޭ ޝަރުމީލާ

Next
July 4, 2020

ގޮތްނޭނގޭ ޝަރުމީލާ

Previews
July 2, 2020

ލަމްހާ – 3

2 Comments!

  1. Zem says:
    July 4, 2020 at 11:29 am

    Lol majaa and biruveri ? rlly like it nd waiting for the next part. Best of luck Xia

  2. Zem says:
    July 4, 2020 at 11:29 am

    Btw me first dhw ????

Comments are closed.



All Right Reserved!