ހިތަކުން ހަމަނުފިލާނޭ…
ނާޒް އަކީ ޙުސްނާއާއި ޞާބިރު ގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އާދައިގެ ދިރިއުޅުމެއް އުޅެމުންދާ މިދެމަފިރިންގެ ޢާއިލާގައި ނާޒްގެ އިތުރުން ދެން ތިބެނީ 06 ފިރިހެން ކުދިންނެވެ. ނާޒް އަކީ ދެވަނަ އަށް އެންމެ ދޮށީ ކުއްޖާ ކަމުން އޭނާގެ ހުންނަނީ އެންމެ ބޭބެއެކެވެ. ދެން ތިބެނީ ހުސް ކޮއްކޮއެވެ.
ނާޒް އާއި ނާޒްގެ ބޭބެ ނިޔާޒު މިހާރު ކިޔަވަމުންދަނީ ގްރޭޑް 07ގައެވެ. ގްރޭޑް 05ގައި ކިޔަވަމުން ދިޔަ އަހަރު ނިޔާޒުގެ ފަޔަށް ލިބުނު އަނިޔާއަކާގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ބޭސްފަރުވާގައި އުޅެންޖެހުމުން އޭނާވަނީ ގްރޭޑް 05ގައި ރިޕީޓްވެފައެވެ. އެހެންކަމުން އޭގެފަހުން ނާޒް އާއި ނާޒްގެ ބޭބެ ކިޔަވަން ޖެހިފައިވަނީ އެއް ގްރޭޑެއްގައެވެ. ނާޒް އަކީ އަބަދުވެސް ކިޔެވުމުގައި ރަން ވަނަ ތަކެއް ހޯދަމުން އަންނަ ކުއްޖެކެވެ. ރަށު ސްކޫލް އިން ކިޔެވެނީ ގްރޭޑް 07 އާ ހަމައަށްކަމުން، މިހާރު ނާޒްގެ ހުރިހައި އުއްމީދަކީ ރަށު ސްކޫލް ނިމުމުން އިތުރަށް ކިޔެވުމަށްޓަކައި މާލެ ދިއުމެވެ. އެހެންނަމަވެސް، ޙުސްނާ އާއި ޞާބިރު އެކަމަށް އެއްބަސް ނުވާތީ ނާޒް ހުންނަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ޙުސްނާ އާއި ޞާބިރު އެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ އުއްމީދުތައް ފުރިހަމަކޮށްދިނުމަށް މަސައްކަތްކޮށްދޭން ބޭނުން ނުވަނީ އެއް ނޫނެވެ. އެދެމަފިރިންގެ މާލީ ޙާލަތު ހުރިގޮތުން އެފަދަ ޚަރަދެއް ކުރުމަށް ނުކުޅެދޭތީ އެކަމަށް އިންކާރު ކުރެވެނީއެވެ. އަމުދުން މާލޭގައި ބަހައްޓައިގެން ކުއްޖަކަށް ކިޔަވައިދިނުމަކީ ވަރަށްބޮޑު ޚަރަދެކެވެ. އެހެންނަމަވެސް، ނާޒް އެއްގޮތަކަށްވެސް ކުރުނުކުރާތީ ޙުސްނާ އާއި ޞާބިރު ދަނީ އެކަމަށް މަގެއް ފެނޭތޯ ބަލަމުންނެވެ.
މާލޭގައި ދިރިއުޅެމުންދާ އެރަށު ދެމަފިރިއަކާ ވާހަކަ ދައްކައިގެން ނާޒް އާއި ނިޔާޒު ކިޔަވަން އެގޭގައި ބެހެއްޓޭގޮތް ހަމަޖެހިއްޖެއެވެ. އޭރު ދިރާސީ އައުއަހަރު ފެށިގެން 01މަސް ދުވަހުގެ ކިޔެވުންވެސް ވަނީ ނިމިފައެވެ. އެހެން ނަމަވެސް މިޚަބަރު ލިބުމާއެކު ނާޒް ހީވީ އުފަލުންގޮސް މޮޔަވެދާނެ ހެންނެވެ. ވީއެންމެ އެންމެ އަވަހަކަށް މާލެ ދިއުމަށް އޭނާ ބޭނުންވިއެވެ. ދުވެލާފައިގޮސް މާލެ އަށް ދެވޭނެނަމައެވެ. ނާޒް ދާނީ ކޮންސްކޫލަކަށް ބާއެވެ. އެސްކޫލް ހާދަ ބޮޑުވާނެއެވެ. މާލޭ ސްކޫލްތަކުގައި ކިޔަވާ ކުދިން ހާދަ މޮޅު ވާނެއެވެ. މިކަހަލަ ފޮނި ޚިޔާލުތަކެއްގައި ނާޒް އަށް އަބަދުވެސް ހުރެވެނީ ޚިޔާލީ ދުނިޔެއެއްގައެވެ.
މާލޭގެ އަމިއްލަ ސްކޫލެއްގެ ގްރޭޑް 07 އިން ނާޒް އާއި ނިޔާޒު އަށް ޖާގަ ލިބުނެވެ. ރަށު ސްކޫލް އިން ގްރޭޑް 07 ނިންމާފައި ވީނަމަވެސް ރަށު ސްކޫލްގެ ކިޔެވުމުގެ ފެންވަރު އެހާ ރަނގަޅުނުވާނެކަމަށް ފެންނާތީ ނާޒްގެ މައިންބަފައިން ނިންމި ނާޒް އާއި ނިޔާޒުވެސް ގްރޭޑް 07 ށް ވެއްދުމަށެވެ. ހުރިހާ ކަމެއް ހަމަޖެހި ދިރާސީ އާއަހަރުގެ ކިޔެވުން ފެށެންވާއިރަށް ނާޒް އާއި ނިޔާޒު މާލެއަށް ދިއުމުގެ ކަންތައްތައް ޙުސްނާއާއި ޞާބިރު ވަނީ ހަމަޖައްސާފައެވެ. މާލޭގައި ނާޒްމެން ތިބެން ހަމަޖެހުނީ ހެޔޮލަފާ ރަނގަޅު ދެމަފިރިއެއްގެ ކައިރީގައެވެ. އޭގެ ވެރިމީހާ މަދީހާއާ އަކީ އޭނާ ގެންގުޅޭ ކުދިންނަށް ނުހަނު ކަމޭހިތާ ހެޔޮލަފާ މީހެލެވެ. ނާޒް އާއި ނިޔާޒު ފިޔަވައި އިތުރު ދެތިން ކުއްޖަކު އެގޭގައި ކިޔަވަން ބައިތިއްބާފައި ތިބެއެވެ. އެހުރިހާ ކުދިންނަކީވެސް ހަމަ އެއްރަށެއްގެ ކުދިންނެވެ. މީގެ އިތުރުން މަދީހާގެ 04 ކުދިން ތިބޭތީއާއި، ހުރިހާ ކުދިންނަކީވެސް ގުޅިގެންއުޅޭ އެކުވެރި ކުދިންތަކަކަށްވާތީ ގޭތެރޭގައި ބޮޑު ފެމިލީއެއް ދިރިއުޅެމުންދާ ފަދައެވެ.
މަދީހާމެން ދިރިއުޅެނީ ޝާންމެންގެ ގޭގައި ކުއްޔަށް ދޫކޮށްފައިހުންނަ އެޕާޓްމަންޓެއްގައި ކަމުން ނާޒް އާއި ޝާންވެސް ދިރިއުޅެނީ އެއްގެއެއްގައެވެ. ޝާން އަކީ އެގޭގެ ވެރިމީހާ ސީމާގެ އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ. ޝާން ކިޔަވަމުންދަނީ މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 08ގައެވެ. ޝާން އަކީ ތަންކޮޅެއް ލަދުން ލަދުން އުޅޭ މިޒާޖުގެ ކުއްޖެކެވެ. އެއީ އޭނަގެ ކިބައިގައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައެވެ. ހެދުން އެޅުމުގައި ސާދާއެވެ. ވާހަކަ ދެއްކުމުގައި މަޑުމައިތިރިއެވެ. ރީތި އަޚުލާޤުގެ ވެރިއެކެވެ. މާލޭ ކުއްޖަކަށްވިޔަސް އެއްވެސް ބޮޑާކަމެއްނެތް މީހުންނާގުޅޭ ޝަޚުސިއްޔަތެއްގެ ވެރިއެކެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ޝާންގެ ކިބައިގައި ހުންނަ މިސިފަތަކުގެ ސަބަބުން އެންމެވެސް ޝާންދެކެ ލޯބިވެއެވެ. އޭނާއަކީ އެޢާއިލާގެ ރަންދަރިއެވެ. ހުރިހާ ކުދިންގެ ލޯބިވާ ދޮންބެއެވެ.
ޝާންގެ ކިބައިގައިވާ ރީތި އަޚުލާޤާއި މަޑުމައިތިރިކަން ފެނި ދާދިކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނާޒްގެ ހިތުގައި ޝާންއަށް ވަނީ ޚާއްޞަ މަޤާމެއް ދެވިފައެވެ. އެންމެ ފުރަތަމަ ނާޒް އެގޭގައި އުޅެން ފެށިއިރު ހީވެފައި އޮތީ ޝާން އަކީ ވަރަށް ފޮނި މީހެއްގެ ގޮތުގައެވެ. ވާނީވެސް އެހެންތާއެވެ. ޝާންމެންނަކީ “ހަތަރު ކަށިމަތި” މާލޭ ބޭފުޅުންނެވެ. ދިރިއުޅެނީ ޝާހީ ބޭފުޅުންނެކޭ އެއްގޮތަށެވެ. ގޭގައި މަސައްކަތްކުރަން ކުރަން ނޯކަރުން ތިބެއެވެ. އެހެން ނަމަވެސް، ޝާންމެން ގޭމީހުންނަކީ ވަރަށް ހިތްހެޔޮ ރަނގަޅު ބައެކެވެ. ޝާން ފިޔަވައި އެގޭ އެހެން ހުރިހާ ކުދިންވެސް ނާޒްމެން ދިރިއުޅޭ ބަޔަށް ވަރަށް ގިނައިން އާދެއެވެ. އަދި ވަރަށް ވާހަކަ ދައްކާ ހަދައެވެ. ނޭނގިނަމަވެސް ނާޒުގެ ހިތް ޝާން އަށް ފިދާވަމުންދިޔައިރު އެކަމުގެ ޚަބަރު ޚުދު ނާޒުއަށްވެސް ނޭނގޭކަހަލައެވެ. އަމުދުން ޝާން އަށް އެފަދަ ކަމެއްގެ ރޭކާވެސް ވާހެނެއްވެސް ހިއެއްނުވެއެވެ.
ދުވަސްތައް މާޒީވަމުން ނުހަނު ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. ނާޒުގެ ޅަހިތުގައި ޝާންއަށްޓަކައި އުފެދިފައިވާ ޖަޒުބާތުވެސް އުތުރި އިތުރުވަމުން ދިޔައެވެ. ނާޒު އަށް ހުރެވެނީ އަބަދުވެސް ޝާން ފެނޭތޯ ޝާންމެން ދިރިއުޅޭ ބަޔާ ދިމާއަށް ބޯދީ ބަލަބަލައެވެ. ޝާން އަކީ މާގިނަ ބަޔަކާ ވާހަކަ ދައްކާ އުޅޭ މީހެއް ނޫނެވެ. ހުސްވަގުތެއް ލިބިއްޖެއްޔާ އަބަދުވެސް އުޅޭނީ އޭނާގެ “ގިޓާކޮޅު” ހިފައިގެންނެވެ. ޝާންގެ ދެތިން ރައްޓެއްސަކުވެސް އޭނާ އާއެކު މިސަކަރާތެއްގައި އަބަދުހެން އެގެއަށް އައިސްގޮސް އުޅެއެވެ. މިގްރޫޕް މީދެން މާމިއުޒިކް ވެގަނެގެން އުޅޭ ބައެކެވެ. ޝާން ގިނައިން އުޅޭނީ އޭނާގެ ކޮޓަރީގައި މިގޫޕްއުޅޭނަމަ އެމީހުންނާއެކުގައެވެ. އެހެން ނޫންނަމަ ފޮތްތައް ހިފައިގެން ކިޔެވުމާއިގެންނެވެ. ކޮޓަރިން ބޭރަށް ނުކުމެ އުޅޭނީ ވަރަށް މަދުންނެވެ.
އެހެން ނަމަވެސް ނާޒުއަށް ޝާން ފުދޭވަރަކަށް ގިނައިން ފެނެއެވެ. އެއީ ޝާންގެ ކޮޓަރި ހުންނަނީ ނާޒުމެން އުޅޭ އެޕާޓްމަންޓަށް ވަންނަން އިންނަ ދޮރާ ދިމާ ކުރިމަތީގައި ކަހަލަ ގޮތަކަށް ކަމަށްވާތީއާއި ޝާން ފެނޭތޯ ވަރަށް ގިނައިން އެކޮޓަރިއާ ދިމާއަށް ނާޒް އަށް ބެލޭތީއެވެ.
މަދީހާ އަކީވެސް މީހުންނާ ނުހަނު ގުޅޭ މިޒާޖެއްގެ ވެރިއެއްކަމުން ޝާންމެންގޭ މީހުންނާވެސް ވަރަށް ގުޅުން އޮވެއެވެ. ޚާއްޞަގޮތެއްގައި މަދީހާ އާއި ޝާންގެ މަންމަ ސީމާއާ އޮންނަނީ ވަރަށްވެސް ގާތް އެކުވެރި ގުޅުމެކެވެ. އެއްބަޔަކު މީރު އެއްޗެއް ކެއްކިއްޔާ އަނެއްބަޔަކަށް ނުދީ ހިތްހަމައެއް ނުޖެހޭނެއެވެ.
ޝާންގެ މަންމަ ސީމާ އަކީ ވަރަށް ފާޑެއްގެ މީހެކެވެ. ގޭތެރޭގައި އަންހެނުން ކުރާ އާދައިގެން ބައެއް ކަންތައްތައް ރަނގަޅަށް ކުރަންވެސް އޭނާއަށް ނޭނގެއެވެ. ޚާއްޞަކޮށް ބަދިގޭގެ ކަންކަމުގައި އޭނާއަކީ ވަރަށް ނުފަރިތަ މީހެކެވެ. އެފަދަ ކަންކަން ކުރަން އަބަދުވެސް ގޭގައި މީހުން ގެންގުޅޭތީ ކަމަށްވެސް ވެދާނެއެވެ. ސީމާއަށް ކައްކަން ނޭނގޭކަން ނާޒްއަށް އެނގުނީ އެގޭގައި ގެންގުޅޭ މީހާ ކޮންމެވެސް ކަމަކާ ރުޅިއައިސްގެން ގެއިން ނުކުމެގެން ދިއުމުން، ބަދިގޭގެ ބައެއްކަހަލަ ކަންކަން ކުރުމަށް ސީމާ، މަދީހާ ކައިރިން އެހީ ހޯދަންފެށި ހިސާބުންނެވެ. ގިނަ ފަހަރު ނާޒް ގޭގައި ހުރިއްޔާ ސީމާ ބޭނުންވާ ކަމެއް ކޮށްލަދޭން ގޮސްދޭން މަދީހާ ބުނަނީވެސް ނާޒް ކައިރީގައެވެ.
ކޮންމެ އަކަސް ސިއްރު ސިއްރުން ނާޒްގެ ހިތުގައި ޝާން އަށްޓަކައި ޖަހަމުން އައި ވިންދެއް ވާކަން ނާޒްއަށް އިޙްސާސް ވާން ފެށީ އެހިސާބުންނެވެ. އަދި ޝާންގެ ހިތުގައިވެސް ނާޒްއަށްޓަކައި ޚާއްޞަ މަޤާމެއް ދެވިފައިވާކަން ނާޒްއަށް އިޙްސާސް ކުރެވެން ފެށީވެސް ހަމަ އެދުވަސްވަރުއެވެ. ސީމާއަށް އިސްތިރިކޮށްދޭން، ނުވަތަ ކެއްކުމުގައި އެހީތެރިވެދޭން ނުވަތަ އެނޫނަސް އެފަދަ ކޮންމެވެސް ކަމެއްގައި ދުވާލަކު ދެތިން ހަތަރު ފަހަރަކު ނާޒް ސީމާމެން ބަޔަށް ދާންޖެހެއެވެ. އެހެންކަމުން ކުރިއަށްވުރެ ގިނައިން، އަދި އެއަށްވުރެ މާކައިރިން ނާޒްއަށް ޝާން ފެންނަން ފެށިއެވެ. ބައެއް ފަހަރު ޝާންވެސް ނާޒްއާ ދިމާއަށް ބަލާލާފައި ހީލައެވެ. ޝާން އާ ހަތަރުކަޅި ހަމަވާ ކޮންމެ ފަހަރަކު ނާޒްއަށް ވާގޮތެއް ބުނެދޭންވެސް ނޭނގެއެވެ. މުޅި މީހާ ފިނިވެ ގަނޑުވާކަހަލައެވެ. ޝާން ހީލުމުން ޖަވާބުގައި ހީލާކަށްވެސް ގިނަފަހަރު ނާޒް ހަނދާނެއް ނުހުރެއެވެ.
މަޑުމަޑުން ޝާންގެ މަންމަ ނާޒްގެ ގާތުގައި ކޮށްދޭން ބުނާ ކަންތައްތައް އިތުރުވަމުން ދިޔައެވެ. ނާޒް ހުންނަނީ އުފަލުންނެވެ. އެކަމަކު އެކަން އެއްވެސް މީހަކަށް އެނގިދާނެތީ ވަރަށް ނޫންކަމަށް ހަދައިގެންނެވެ. ފަހުންފަހުން އައިސް ޚާއްޞަކޮށް ޝާންގެ އެއްޗެއް އިސްތިރިކޮށްލަން ޖެހިއްޖިއްޔާ ސީމާ ބުނަނީ ނާޒްގެ ގާތުގައެވެ.
ޝާން އަކީ މަޖީދިއްޔާ ސްކޫލްގެ ކެޑޭޓްގައި އުޅޭ ކުއްޖެކެވެ. ކެޑޭޓް ޔުނިފޯމްގައި ހުންނައިރު ނާޒްއަށް ޝާން އަދި ވަކިން ފިރިހެންވަންތަވެފައި ރީތިހެން ހީވެއެވެ. އެ ޔުނިފޯމްގައި ހުންނައިރު ޝާން ހީވަނީ ސިފައިންގެ މަތީފަންތީގެ ބޭކަލެއް ހެންނެވެ. އެހާވެސް ޝާހީ ގޮތެއް ހުރެއެވެ. ވަރަށް ގިނައިން ނާޒްއަށް ޝާންގެ ކެޑޭޓް ޔުނިފޯމްވެސް އިސްތިރިކުރަންޖެހެއެވެ. އެންމެފުރަތަމަ ނާޒް ޝާންގެ ކެޑޭޓް ޔުނިފޯމް އިސްތިރިކުރިފަހުން އެހެން މީހަކުލައްވައި ޔުނީފޯމް އިސްތިރިކުރުވާކަށް ޝާން ބޭނުމެއް ނުވެއެވެ. ކެޑޭޓް ޔުނިފޯމަކީ ވަކި ޤަވާޢިދަކުން އިސްތިރިކުރަންޖެހޭ އެއްޗަކަށްވާތީ ނާޒް އިސްތިރިކުރާގޮތް ޝާން މާހިތްހަމަޖެހެނީއެވެ. އެކަން ނާޒްއަށް އެނގުނީ ސީމާގެ ފަރާތުންނެވެ. އެއީ ސްކޫލްގައި އޮތް ކޮންމެވެސް ރަސްމިއްޔާތަކަށް ކެޑޭޓް ޔުނިފޯމް އިސްތިރިކުރަންވެގެން ނާޒްގެ ގާތުގައި އެހެން ބުނަން ޝާން މަންމަ އައިދުވަހެކެވެ. “މިރޭ އޮންނަ ރަސްމިއްޔާތަކަށް ޝާން ބުނި ނާޒް ލައްވައި ޔުނިފޯމް އިސްތިރިކޮށްލަދެއްޗޭ. ޝާން މާހިތްހަމަޖެހެނީޔޯ ނާޒް ކެޑޭޓް ޔުނިފޯމް އިސްތިރިކުރާގޮތް”. ނާޒްއަށް ކުޑަވަގުތުކޮޅަކަށް އޭނާއަށް މިހުރެވުނީ މަދީހާއާއި ޝާންގެ މަންމަގެ ކުރިމަތީގައިކަމެއްވެސް ހަނދާންނެތުނުކަހަލައެވެ. ހިތް އުފަލުންގޮސް ހީވީ ފުއްމައިގެން ބޭރަށް ނުކުމެދާނެހެންނެވެ. އަނެއްކޮޅުން ލަދުންގޮސް ނާޒްގެ މޫނަށް އަރާފައިބަމުންދިޔަ ކުލަތައް މަދީހާއާއި ޝާންގެ މަންމައަށް ނުފެންނަކަމެއްވެސް ނޭނގެއެވެ. ބޭޒާރުވެދާނެތީ އެހެންހެއްޔޭ ހަވީރުން ދާނަމޭ ބުނެފައި ނާޒް ބެލީ އަވަހަށް އެމީހުންގެ ކުރިމަތިން ދުރަށް ދެވޭތޯއެވެ.
އެދުވަހު ހަވީރު ނުވެގެން ނާޒްހުރީ ގަޑިބަލާލަ ބަލާލައެވެ. މުޅިންހެން ހުރެވެނީ ޚިޔާލީ ދުނިޔެއެއްގައެވެ. އިރުއިރުކޮޅުން ބޭއިޚްތިޔާރުގައި ހިނިތުންވެލައެވެ. މިއަދު ގަޑިހިނގަނީވެސް ހާދަ ލަހުންނެވެ. އެއްގެއެއްގައި ފެނިދެނިވެ މިހާ ދުވަސް ވީއިރު ވެސް އެފޮނި ޝާން ގަނޑު ވާހަކަ ދައްކާއަޑެއްވެސް އަހަންނަށް އިވިފައެއް ނުވެއެވެ. ހާދަ އެ ފިރިހެންވަން އަޑު އަނހާލާ ހިތްވެއެވެ. އަޑުވެސް އެހާ މަޑުމައިތިރި ވާނެ ބާވައެވެ. ނޫނީ އޮންނާނީ ބަރުބަރު އަޑެއްކަން ނޭނގެއެވެ. މިކަހަލަ މޮޔަ ޚިޔާލުތަކާ ދުރަށްދާން މަސައްކަތް ކުރިކުރިހެން ޚިޔާލުތައް ގިނަވާހެން ނާޒް އަށް ހީކުރެވުނެވެ.
ހަވީރު ވުމާއެކު ޝާންގެ ޔުނިފޯމް އިސްތިރިކޮށްދޭން ނާޒް އެބަޔަށް ހިގައްޖެއެވެ. އެވަގުތު ޝާންގެ މަންމަ ގޭގައި ނޫޅެއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން އެނބުރި ދާންކަމަށް ނާޒް އެނބުރިއިރު ގޭތެރެއިން ޝާންގެ ހަނގު އަންހެން ކޮއްކޮ ޝާނީ އަންނަތަން ފެނުނެވެ. ނާޒް ފެނިފައި އަތުގެ އިޝާރާތުން ކީއްކުރަންތޯ އަހަމުން އޭނާ ނާޒްގެ ގާތަށް އައެވެ. ” މިއައީ ދޮންބެގެ ޔުނިފޯމް އިސްތިރިކޮށްދެއްޗޭ މަންމަ ބުނެފަ އޮތީމަ އެހެންވެ. އެކަމަކު މަންމަ ގޭގައި ނޫޅެނީ ދޯ. ފެންނަންނެތީމަ ދާން މިދަނީ.” ނާޒް ބުނެލިއެވެ. “އިސްތިރި ކުރަންވީ އެއްޗިހި ޝާނީ ދީފާނަމޭ. މަންމަ ނެތަސް އެކަން ކުރެވިދާނެއެއްނު. އެއްޗިހިތައް ދޭންވީތަ؟ ނުނީ މިގޭގައި ކުރަނީތަ؟” މަޖާގޮތަކަށް ޝާނީ އަނހާލިއެވެ. އޭނާ އަކީ ވަރަށް ސަކަ މިޒާޖެއްގެ ކުއްޖެކެވެ. “މިގޭގައި ކޮށްލާފައި ދާނީ ދޯ؟ އޭރުން ފަސޭހަވާނެ.” ނާޒް ޖަވާބުދިނެވެ. “އާނ! އެހެން ނޫނީ ތިގޭ ބިލްވެސް ބޮޑުވާނެ” ހެމުން އެމުން ޝާނީ މިހެން ބުނުމުން ނާޒްގެ ގާތަށްވެސް ހިނިއައެވެ. ޝާނީ ނާޒްއަށް އިސްތިރިކުރާ މޭޒު ދައްކާފައި، އިސްތިރިއާއި އިސްތިރިކުރަންވީ އެއްޗިހިވެސް ދެއްކިއެވެ. އަދި އިތުރު ކަމެއް ބޭނުންތޯވެސް ޝާނީ އަހާނލިއެވެ. ވިސްނާލާފައި ނާޒް ބުންޏެވެ. “ޝާނީ ދިޔައިމަ އަހަރެން އެކަންޏެއްނު ހުންނަންޖެހޭނީ. އިސްތިރިކޮށް ނިމެންދެން މިތާ މަޑުކޮށްލަދޭންވީނު.” “އޯކޭ” އޭ ބުނެފައި އެތާގައިހުރި ސޯފާއެއްގައި ޝާނީ އޮށޯތެވެ. އެހެން އޮވެގެން ތަފާތު ވާހަކަތައް ދައްކަމުން ދިޔައެވެ. ނާޒްވެސް އޭނާ ދައްކާ މަޖާ ވާހަކަތައް އަޑުއަހަމުން އިސްތިރިކުރަމުން ދިޔައެވެ. ކުއްލިއަކަށް އޭނާ ބުންޏެވެ. “އޭ ސޮރީ އިނގޭ. ޝާނީ އަށް ހުރެވޭކަށް ނެތޭ. މިގަޑީގައި ޝާނީގެ ފޭވަރިޓް ކާޓޫނު އަންނާނެ. ޕްލީސް… ޕްލީސް… ނާޒްދައްތާ! ޝާނީ ދަންތަ ސިޓިންގ ރޫމަށް. މިތާ ކައިރިއެއްނު. ކަމެއް ބޭނުންވެއްޖިއްޔާ ގޮވާލާ. ޕްލީސް…. ޕްލީސް.” ޝާނީގެ ޅަކަމާހެދި ނާޒް ގާތަށް ވަރަށް ހިނިއައެވެ. ދެން ތިވަރު ނުވިޔަސް އޯކޭއޭ، ދޭބަލާށޭ ބުނެވުނީވެސް ހެމުން ހެމުން އެހެނަސް ހިނިގަނޑު މައިތިރިކުރަމުންނެވެ. ޖަވާބުދީ ނުނިމެނީސް ދުވަމުން ފުމެމުން ޝާނީ ހިގައްޖެއެވެ.
އިސްތިރިކޮށް ނިމިގެން ނާޒް ޝާންގެ ޔުނިފޯމް އެތާ އިން ހަރެއްގައި އަޅުވާލީމެވެ. ދެން އިސްތިރިކުރަން ގެންގުޅުނު މޭޒު ކުޑަކޮށް އެއްފަރާތަކަށް ޖައްސާލައި، އިސްތިރީގެ ކަރަންޓް ކަނޑާލައިފައި ދާން ހިނގައިގަތީމެވެ. ނަމަވެސް ކީއްވެގެން ކަމެއް ނޭނގެއެވެ. ކުއްލިއަކަށް ހިތައްއެރި އެއްޗަކުން ކުރިއަށް ނަގަނަގާހުރި ފިޔަވަޅުވެސް ހުއްޓުނެވެ. ބުނަންނޭނގޭކަލަ ދަމާބާރަކުން ޝާންގެ ޔުނިފޯމް އަޅުވާފައިވާ ހަރުގަނޑާ ދިމާއަށް ނާޒް ގެންދަންފެށިކަހަލައެވެ. އެޔުނިފޯމްގައި ފިރުމާލާ ހިތްވިއެވެ. މަޑުމަޑުންގޮސް ކޮނޑުގައި އަޅުވާފައި އޮތް ޔުނިފޯމްގައި ނާޒް ފިރުމާލީމެވެ. އެވަގުތު ކަރަންޓްގެ އޮއިވަރެއް ނާޒްގެ ހަށިގަނޑުގައި ހިގައިގަތްކަހަލައެވެ. ނިދާފައިވާ އެތައް ޙިއްސެއް ހޭލިކަލައެވެ. ޝާންގެ ޔުނިފޯމްގައި ބީހިލުމުން އެލިބުނީ ކޮންފަދަ ފޮނިމީރުކަމެއްބާވައެވެ. ޝާންގެ އެފިރިހެންވަންތަ ހަށިގަނޑުގައި ބީހިލެވިއްޖެނަމަ އަދި ވާނީ ކިހިނެތްބާވައެވެ. ހިނދުކޮޅަކަށްޓަކައި ފޮނިފޮނި ޚިޔާލީ ޢާލަމެއްގައި ނާޒް ޣަރަޤުވެފައިވަނިކޮށް، ކުއްލިއަކަށް ޝާން އައިސް އެކޮޓަރިއަށް ވަންތަން ނާޒްއަށް ފެނުނެވެ. ތެޅިގެންފައި ޔުނިފޯމް ހަރުގައި އަޅުވާކަމަށް ނާޒް ހެދިއެވެ. ޝާން އަށް ނާޒް ކުރަން ހުރި ކަންތައް ފެނުނު ބާއެވެ؟ ޔާރައްބީ! އޭނާގެ ހިތައް އަރާނީ ކީކޭ ބާވައެވެ؟ ތަފާތު އެއްޗިހި ހިތައް އަރަން ފެށުމާއެކު ނާޒް ހާސްވާންފެށިއެވެ. ނާޒްއަށް ވީގޮތް ޝާން އަށް ފާހަގަކުރެވުނު ކަމެއް ނޭނގެއެވެ. އާދައިގެ މަތިން ލުއިލުއި ހިނިތުންވުމެއް ނާޒްއަށް ހަދިޔާކޮށްލަމުން ގޭގެ އަނެއް ފަރާތަށް ނުކުމެގެން ޝާން ހިގައްޖެއެވެ. އެގޭގެ ފުރަގަހުގައި އޮންނަ ހުސްތަންކޮޅަށް ނުކުމެވޭނީ ޝާން މަންމަގެ ކޮޓަރި ތެރެއިންނެވެ. އަދި އެގޭގައި ބޭނުންކުރާ އެއް ފާޚާނާވެސް ހުންނަނީ އެފަރާތުގައެވެ. ގޭގެ އެންމެންވެސް ގިނައިން ބޭނުންކުރަނީވެސް އެފާޚާނާއެވެ. މާއަވަހަށް އިސްތިރިކޮށް ނިންމާލެވުނީތީ ނާޒް ދެރަވި ކަހަލައެވެ. އަދި ހަމަ ކުޑައިރުކޮޅަކަށް މަޑުކޮށްލެވުނު ނަމައެވެ. ކޮންމެ ގޮތެއްވިޔަސް އޭރު ނާޒްގެ ވާޖިބު އަދާކޮށް ނިމިފައިވާތީ ސިޓީން ރޫމްގައި ޓީ.ވީ ބަލަން އިން ޝާނީ ގާތުގައި ދަނީ ކަމަށް ބުނެފައި ނާޒް ދިޔައީ ގެއަށެވެ.
ޖެހިގެން އައި ދުވަހެވެ. ނާޒް ސްކޫލަށްދަނީ މެންދުރުފަހުގައިކަމުން އެނބުރި ސްކޫލުން އަންނަނީ އިރުއޮއްސޭއިރުގައެވެ. އާދައިގެ މަތިން އެހިސާބު ގަނޑުގައި ދިރިއުޅޭ ރައްޓެހި ދެތިން ކުއްޖަކާއެކު ސްކޫލް ނިމިގެން ނާޒް ގެއަށް އައިއިރު، ގެކައިރީގައި ގޯޅިކަންމަތީގައި ތިބި ޝާން އާއި އޭނާގެ ރައްޓެހިންގެ ގްރޫޕް ތަންކޮޅެއް ދުރުން ނާޒްގެ ލޮލުގައި އަޅައިގަތެވެ. އެމީހުންނާ ތަންކޮޅެއް ކައިރިއަށް އައުމާއެކު ނާޒްގެ ރައްޓެހިންގެ ތެރެއިން ނަދާ، ސިއްރު ސިއްރުން ހާދަ ސަޅި ބިޓުންކޮޅެކޭ ބުނުމާއެކު ނާޒްމެން ގްރޫޕް އެންމެން އެއްފަހަރާ ޕަކަ…ޕަކަ.. ލާފައި ހީގެންފިއެވެ. އެންމެ ސަޅީ މެދުގައި ހުރި ކުއްޖާ ދޯ؟ ސޯފިޔާ ވެސް ވައްކަޅިން ޝާން މެންނާދިމާއަށް ބަލާލަމުން ނަދާއާއި ބައިވެރިވެލިއެވެ. އެއީ ތެދެއްތޯ ޔަޤީން ކުރުމުގެ ގޮތުން ނޫންކަމެއްވެސް ނޭނގެއެވެ. ހުރިހާ އަންހެން ކުދިންވެސް އެވަގުތު އެއްފަހަރާ އެދިމާއަށް ބަލާލިއެވެ. އަންހެން ކުދިންތަކެއް އެމީހުންނަށް ތުއިދެއްކޭތީ ޝާންމެން ގްރޫޕްވެސް ތިބީ ވަރަށް ފޮނިވެފައި ކަހަލަ ގޮތަކަށެވެ. ނާޒްއަށް ބޭއިޚްތިޔާރުގައި ބަލާލެވުނީ ޝާންއާ ދިމާއަށެވެ. އެވަގުތު އެއީ ޝާންވެސް ނާޒް އާ ދިމާއަށް ބަލާލިވަގުތެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު ނާޒްއަށް ވީގޮތެއް ބުނެދޭންވެސް ނޭނގުނެވެ. ލަދުންގޮސް މުޅިމީހާ ފިނިވެ، ދެފައިއޮޅިގެން ހިނގަންވެސް ނޭނގުނެވެ. ނާޒްގެ ރަޙްމަތްތެރިން ޝާން މެންނާއި އަދިވެސް ބޮޑަށް ކައިރިވި ވަގުތު ސިއްރު ސިއްރުން އެކަކު އަނެކަކަށް ކޮންމެވެސް އެއްޗެކޭ ބުނެފައި އަނެއްކާވެސް އެންމެ އެއްފަހަރާ ހީގެންފިއެވެ. ނާޒް ވަރަށް ލަދުވެސް ގަތެވެ. ޝާންގެ ހިތައް އަރާނެ އެއްޗެއް ނޭނގޭތީއެވެ. ނާޒްމެން މީ ހާދަ ވިޔާނުދާ ފާޑަކަށް އުޅޭ ބައެކޭ ހިތައްއަރާފާނެތީއެވެ.
“އޭތް.. އެއީ ޝާންގެ ނާޒް ދޯ.” ޝާންގެ ރައްޓެހިންގެ ތެރެއިން ކޮންމެވެސް ކުއްޖަކު ބުނެލި އަޑު ކިތައްމެ މަޑުމަޑުން ބުނިކަމުގައިވިޔަސް ނާޒް އަށް މާރީއްޗަށްވެސް އެއަޑު އިވުނެވެ. ޙައިރާންކަމާއެކު ޝާންގެ މޫނަށް ކުޑައިރުކޮޅަކު ބަލަން ނާޒްއަށް ހުރެވުނެވެ. ރަޝާންވެސް ހުރީ ސީދާ ނާޒްގެ މޫނަށް ބަލާށެވެ. ނުކެރިގެން ނާޒް އިސްޖަހާލިއެވެ. އޭރު ގޭގެ ގޭޓާ އަރާހަމަވަނީއެވެ. ދެންދަނީއޭ ބުނެފައި ނާޒް ގެއަށް ވަންނަން ހިނގައި ގަންނަމުން ހުއްޓިފައި އަދި މަޑުކޮށްބަލާށޭ ކިޔާފައި ރައްޓެހިންގެ ގާތަށް ޖެހިލިއެވެ. އެމީހުންގެ މެދުގައިހުރީ މިގޭ ވެރިމީހާގެ ދަރިއެއް. ޝާން. ތިމީހުން މީހުންނާ ދިމާކުރިޔަސް، މަގޭ ރައްޓެހިން ގޮތުގައި ތިބެ ޝާން މެންނާ ބެހުން އެހާ ރީތިކަމަކަށްވާނެހެން މަށަށް ހީނނުވޭ. އެހެންވީމަ ވިސްނާލައްޗޭ މިކަމާ. ނާޒް މަޑުމަޑުން އޭނާގެ ރައްޓެހިންނަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އެމީހުންވެސް އެކަމާ އެއްބަސްވެ، ކުރިން އެނގުނުނަމަ ނޫންހޭ، ދެން އެކަހަލަ ކަމެއް ނުވާނެޔޭ ބުންޏެވެ. ރަޙްމަތްތެރިން ހިތްހެޔޮކަމާއެކު އޭނާގެ ވާހަކަ ޤާބޫލުކުރީތީ ޝުކުރުއަދާކުރަމުން އޯކޭ އޭ ކިޔާފައި ނާޒް ވަނީ ގެއަށެވެ. އެޕާޓްމަންޓްގެ ދޮރުން ވަންނަންވެގެން ބޫޓް ބާލަން ހުއްޓާ “ތޭންކްސް” އޭ މީހަކު ބުނެލިއަޑަށް ޙައިރާންކަމާއެކު ނާޒް ފަހަތަށް ބަލާއިއެވެ. އެއާއެކު އެއަށްވުރެ ބޮޑަށް ޙައިރާންވެގެން ދެލޯ ބޮޑުކޮށްލައިގެން ކުރިމަތީގައި ހުރި މީހާއަށް ބަލަން ހުރެވުނީ ޤަބޫލު ނުކުރެވިގެންނެވެ.
9 Comments!
Comments are closed.
woww… v v reethi mi story ves…waitin for next part…n gud luck AFRA..
Wow salhi mi story vx… Wiaitin 4 next part
wow nice story
Eyn nice stry…. hywany v nice waane hen … khirakuh nxt part upload khdhenyny… v awahah khdhyba… gud luck Afra.
liyumuga ebahuri baeh mistake thah…naaz ge baigenes dheyiruga baeh faharu heevey liyun theriya naaz ah badhal vefa innahen…n baeh basthah beynun kohfa hurigoiy rangalhu kohlan feney…like ‘hangu dhari fulhu’ aslu kiyaanee hagu dhari fulhu…hus nooneh neennaane… next part ge inthixaaruga mihureee3
kobaa tha komakoahi? dialog thah komakoahiga liyunima kiyan faseha vani
Wow,, v salhi…
Furathama bai dw. .feshigen ai goi v salhi.. ohh shaan and naaz something something hehe waitin 4 the next part
v reethi vaahaka eh….. keep it up