އަނާޔާ
އަހަރެން މިދުނިޔެއް ފުރަތަމަ ނޭވާލީ ކަރުނައަޅަމުންނެވެ. އެހެނަސް އަހަރެންގެ މަންމައާއި ބައްޕަގެ މޫނަށް ހިނިތުންވުން ގެނެސްދެމުންނެވެ. އަހަރެންނަށްޓަކައި އަހަރެންގެ މަންމަ ރޭގަނޑުގެ އަރާމް ނިދި ނަގައިލީ ކިތައް ރޭގަކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން ކުކުރައިލިޔަސް އަހަންނަށް ކަމެއްވީ ކަމަށް ހީކޮށް ބިރުން އުޅޭނެޔެވެ. ރޭގަނޑު އަހަރެން ނުނިދާ އޮތަސް ޝަކުވާއެއް މަންމަ ނުކުރެއެވެ.
ލޯބިން މޫނުގައި ބޮސްދީ ހަދާނެއެވެ. މަންމަގެ ރީތި އަޑުފުޅުން ނާނާ ކިޔާހަދަނީ ފޫހިކަމެއް ވަރުބަލިކަމެއ ނެތިއެވެ. މެންދަމު ތެދުވެ ރޯލިޔަސް އަހަރެން މަސަލަސް ކުރަން އުޅޭނެއެވެ. ހުންއައިސް ބަލިވެ އުޅޭނަމަ ރޭގެ ހަތަރުދަން ހޭދަވެގެން ދާނީ އަހަންނަށް ހޭހަންކުރުމުގައެވެ. ޝަކުވާކުރުމެއް ނޯވެއެވެ.އަހަރެންދެކެ ލޯބިވާ ވާހަކަ އަބަދުވެސް މަންމަ ބުނާނެއެވެ.
އަހަރެންނާއި މަންމައަށްޓަކައި ގަދައަވީގަޔާއި ވިއްސާރައިގައި ބައްޕަ މަސައްކަތްކުރިއެވެ. އަހަރެންނަށް ރަނގަޅު ދިރިއުޅުމެއް ހޯދަ ދޭންވެގެންނެވެ. ކާންދޭ އުމުރަށް އެޅުމުން ފައިދާ ހުރި ކާނާތައް ހޯދައި އަހަންނަށް ކާންދޭނެއެވެ. ނުކާން ގަދަހެދުމުން ވާހަކައެއް ކިޔައިދީގެން ނަމަވެސް ކާންދޭން މަސައްކަތް ކުރާނެވެ. ފެންވަރުވައި ބޮލުގައި ފުނާއެޅުވީ އޯގާތެރިކަމާއި ކުލުނުވެރިކަމާއި އެކުގައެވެ.
އަހަރެން ނިދެންދެން އުނދޯލި ހެއްލައިދެނީ ވަރުބަލިކަމެށް ނެތިއެވެ. އަބޮއްފުޅާއި ދަބޮއްފުޅުގެ ވާހަކަ އަހަންނަށް ކިޔައިދޭނައެވެ. ހަވީރުގެ ވަގުތުގައި އަހަރެން ގޮވައިގެން އަތިރިމައްޗައް ކުޅެން ދާނެއެވެ. މާމަގެއައް ދިޔުމަށް ބޮޑާހޭކުމުން ރުޅިމޫނު ހެދުމެއްނެތި އަހަރެން އުރާލައިގެން އެގެޔަށް ގެންދާނެއެވެ. ބައްޕަގާތު މޫދަށް ދާން ބޭނުންވާކަމުގަ ބުނުމުން އަހަރެން ގޮވައިގެން މޫދަށް ދާނެއެވެ. މޫދުގައި ފަތާނެގޮތް އަހަންނަށް ބުނެދިނީ އަހަރެންގެ ބައްޕައެވެ.
އުމުރުން ހަތްއަހަރު ފުރުމުން މަންމަ އަހަރެން ގޮވައިގެން ސުކޫލަށް ދިޔައީ އުރާލައިގެންނެވެ. ސުކޫލުގަ ނުހުންނަން ގަދަހަދައި އަހަރެން ރުއީމެވެ. އަހަރެން ރޯ މަންޒަރުބަލަން މަންމަ ހުރީ ރޯށެވެ. ދުވެފައި އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަރެން ގެންފައިވާ ބިރު ކަނޑުވައިލީ މަންމަ އަހަރެންގެ މޫނުގައި ބޮސްދީ އަހަރެންގެ ގައިގައި ބައްދާލުމުންނެވެ.
ސުކޫލުން ދެއްވާ ފިލާވަޅުތައް އަހަރެން ލައްވައި މަންމަ ހައްދާނެއެވެ. ދެނަމާދު ދޭތެރޭ ގުރުއާން ކިޔެވުމަށް ބާރުއެޅީ މަންމައެވެ. ބަރާބަރަށް ނަމާދުކުރުމަށް ނަމޫނާ ދެއްކީވެސް އަހަރެންގެ މަންމައެވެ. ނިދުމުގެކުރިން ޒިކުރު ކިޔުމަށާއި ފަލަގް ނާސި ސޫރަތް ކިޔަވަން ދަސްކޮއްދިނީ އަހަރެންގެ މަންމައާއި ބައްޕައެވެ. ދޮގުބުނުމާއި ދޮގުވާހަކަ ދެއްކުމުގެ ނުބައިކަން އަހަންނަަށް ކިޔައިދިނީ އަހަރެންގެ މަންމައާއި ބައްޕައެވެ.
ރިޕޯޓުފޮތް ލިބިގެންދާ ދުވަހު ހުރިހާ މާއްދާއަކުން އޭފާސް ހޯދުމުން މަންމައާއި ބައްޕަ އަހަރެންނަށް އައިސްކޯން ގަނެދީ ކުޅޭ އެއްޗެހި ގަނެދިނެވެ. އަހަރެންދެކެ އަަބަދުވެސް ލޯބިވާވާހަކަ ބުނާނެއެވެ. ބޮޑެތި މީހުންނަށް އަޅާލައި އުޅުމަށް ނަސޭހަތްތެރިވީ އަހަރެންގެ މަންމައެވެ. ހެޔޮ ރަނގަޅު އެކުވެރިން ހިޔާރުކުރުމަށް ބުނެދިނީވެސް އަހަރެންގެ ލޯބިވާ މަންމަ އަދި ބައްޕައެވެ.
މިއަދު އަހަރެންނަކީ ބޮޑުވެފައި ހުރި ޒުވާނެކެވެ. މަންމައާއި ބައްޕަ އެދުނުފަދައން އަހަރެންނަކީ އިސްލާމް ކިޔަވައިދޭ މުދައްރިސަކީމެވެ. އަހަރެންގެ މަންމައާއި ބައްޕަ މިހާރު މިތިބީ ގައިގެބާރު ދެރަވެ ބަލިކަށިވެފައެވެ. އަހަރެން އެމީހުންނަށްޓަކައި ހޭހަން ކުރުންމަތީ ދެމިހުންނާނަމެވެ. އަހަރެން ކުޑައިރު އަހަރެންނަށް އޯގާތެރިވީ އެދެމީހުންނެވެ. އެހެންކަމުން އަހަރެންގެ އެހީތެރިކަމަށް މަންމައާއި ބައްޕަ އެންމެ ބޭނުންޖެހިފައިވީ ދުވަހު އަހަރެން އެދެމީހުންނަށް އަޅާލާނަމެވެ.
އަހަރެންގެ ހައްގުގައި އެދެމީހުން އުފުލިބުރަ އަހަރެންނަށް ދުވަހަކުވެސް އަދާކޮށެއް ނުދެވޭނެއެވެ. އެހެނަސް މަންމައާއި ބައްޕަގެ ހިދުމަތުގައި އަހަރެން ދެމިހުންނާނަމެވެ. ފޫހިވުމެއް ވަރުބަލިވުމެއް ނެތިއެވެ. އަހަރެންގެ ހައްގުގައި އެމީހުން އުފުލި ތަކުލީފުތައް އަހަންނަށް އެގެއެވެ. އެހެންކަމުން މަންމައާއި ބައްޕަ ހިތުގައިޖެހޭނެ ފަދަކަމެއް ދުވަހެއްގެ ކޮޅުންވެސް ކުރާކަށް އަހަރެން ނެތީމެވެ.
އަހަރެންގެ އުއްމީދަކީ މަންމައާއި ބައްޕަ ގޮވައިގެން އަވަސް މުސްތަގުބަލެއްގައި ހައްޖަށް ދިޔުމެވެ. މަންމައާއި ބައްޕަ ހައްޖަށް ދިޔުމަށް އެއްކުރި ހުރިހާ ފައިސާާއެއް ހަރަދުކޮއްލީ އަހަރެންގެ ކިޔެވުމަށެވެ. ވީއިރު މަންމައާއި ބައްޕަ ހައްޖަށް ފޮނުވުމަކީ އަހަރެންގެ ޒިއްމާއެއް ކަމުގައި ދެކެމެވެ. ނުބައި ފާހިޝް އަމަލަކަށް އަރައިނުގަނެ ހެޔޮ ދިރިއުޅުމެއް އަހަންނަށް ހޯދައިދިނީ އަހަރެންގެ މަންމައާާއި ބައްޕައެވެ.
އެދެމީހުންގެ ހައްގުގައި އަހަރެން ގުރުބާންވާނަމެވެ. އަހަރެން ދުނިޔޭގައި ހުރިހައި ދުވަހަކު މަންމައާއި ބައްޕަގެ ހިދުމަތުގައި ހުންނާނަމެވެ. އުފަލުންނެވެ. އަހަރެން އެންމެ ތުއްތު އިރުއްސުރެ ބަލައި ބޮޑުކުރި އަހަރެންގެ ދިރިހުރުމުގެ ކާނާއަކީ އަހަރެންގެ މަންމައާއި ބައްޕައެވެ. ވީއިރު އެދެމީހުންނަށް އިހާނެތިކޮށް ހިތަން އަހަރެންނަށް ދުވަހަކުވެސް ނުކެރޭނެއެވެ. އަހަރެންގެ ދިރިއުޅުމަކީ އަހަރެންގެ މަންމައާއި ބައްޕައެވެ. އަހަރެންނަކީ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅު އަނާޔާއެވެ. އަހަރެންގެ ހަށިގަނޑުގައި ލޭދައުރުވާހައި ހިނދަކު އަހަރެންގެ ލޮބުވެތި މައިންބަފައިންނަށް އަހަރެން ހުރުމަތްތެރިކޮށް ހިތާނަމެވެ. އަހަރެންގެ ހަނދުވަރުގެ އަލިކަމީ މަންމައާއި ބައްޕައެވެ.
ނިމުނީ

