ޤަބޫލްކުރަންދަތި ހަޤީޤަތް…؟؟؟ ފުރަތަމަ ބައި
ރެޔަކީ ވިއްސާރަ ރެޔެކެވެ. ގަޑިން މެންދަމުން އަލިވެ އެކެއް ޖަހާ އެހާކަން ހާއިރެވެ. ނިޝްވާ އަށް އޮތީ ނިދިފައެވެ. ފިނިރެއެއްކަމުން އޭނާ އޮތީ ރަޖާ އަޅާ މުޅި ހަށިގަނޑު ނިވާކޮށްލައިގެންނެވެ. ކުއްލިއަކަށް ނިޝްވާ އަށް ހޭލެވުނީ މީހަކު އޭނާގެ މޫނުގައި ބީހޭ ކަމުގެ އިހްސާސް ކުރެވިގެންނެވެ. ހޭލެވުމާ އެކު ރަޖާގަނޑު ގަޔާލާ ބޮނޑިކޮށްލަމުން އެމީހާ އާއި ދުރަށްޖެހިލިއެވެ. “… ދޮން ދޮންތަބޭ…” ނިޝްވާ އަޅައަޅައި ގަންނަމުން ބުންޏެވެ. ” ކީ.. ކީއް..ކުރަނީ ތި މިކޮޓަރީގަ….”
“…. ކަލެއަށް މަ މިކޮޓަރިއަށް އަންނަ ބޭނުން ނޭގޭތަ؟” އެމީހާ ނުރުހިފައި ބުންޏެވެ. “ދެންވެސް ރުހުމުގަ މަ ބޭނުންވާ ކަންތައް.. ……ނޫނީ މިރޭވެސް……”
“ނޫން ނޫން…” ނިޝްވާއަށް ރޮއެގަނެވުނެވެ. “..އަހަރެންނަށް ތިކަމަށް މަޖުބޫރު ނުކުރޭ….” ނިޝްވާ ދައްކާ ވާހަކައަކަށް ރޯ ރުއިމަކަށް ބެލުމެއްނެތި ނިޝްވާ ގައިގައި އޮޅާލެވިފައިވާ ރަޖާގަނޑު ދަމާގަތެވެ. “ދޮންތާ………………………………” ނިޝްވާއަށް ބާރަށް ހަޅޭ ލަވައި ގަނެވުނެވެ.
ނިޝްވާގެ ހަޅޭކުގެ އަޑާއެކު ސިއްސައިގެންގޮސް ނައުމާ އަށް ހޭލެވުނެވެ. ނައުމާއަށްވެސް ކޮއްކޯ އޭ ކިޔާ ބާރަށް ގޮވާލެވުނެވެ. މީހާ ވަނީ ދާހިތްލާ ފޯވެފައެވެ. އެދުން ފައިބެގެން ގޮސް ކޮޓަރި ދޮރު ހުޅުވިއެވެ. ކޮޓަރިން ނެކުތުމަށް ކުރިއަށް އެޅި ފިޔަވަޅާއެކު ނައުމާ ހުއްޓުނީ ފަހަތުން މީހަކު ގޮވާލުމުންނެވެ. “ކޮންތާކަށް ތިދަނީ؟؟..” އެއީ އޭނާގެ ލޯބީވާ ފިރިމީހާ ޝަހީންގެ އަޑެވެ. ނައުމާއަށް ފެނުނީ ހުވަފެނެއްކަން އެނގުނީ ދެނެވެ. މަޑުމަޑުން ހިނގަމުން އައިސް އެނދުގައި އިށީނެވެ. ނައުމާ އެއްވެސް ވާހަކައެއް ނުދައްކައި ޝަހީންގެ މޫނަށް ބަލަހަށްޓައިގެން އިނީއެވެ. މޫނުމަތިން ހާސްވެފަ ހުރިކަން އެނގެއެވެ.
“ނައު.. ކިހިނެއްވީ؟” ޝަހީން ވާހަކަ ދައްކަންފެށިއެވެ. “ކޮންތާކަށް ދާން ތި ނެކުން ނަނީ.. އަހަރެންނަށް ހޭލެވުނީ ނައު ހަޅޭލަވައި ގަތް އަޑަށް… ހުވަފެނެއް ފެނުނީތަ؟؟..” ނައުމާ ވާހަކަ އެއް ނުދައްކައެވެ. އާއެކޭ ބުނުމުގެ ގޮތުން ބޯޖައިލިއެވެ. ޝަހީން ފެންޖަގުން ފެންތައްޓެއް އަޅާ ނައުމާ އަށް ދިއްކޮށްލިއެވެ.
“ތި އެއްވެސް ކަމެއް ނޫން” ދެންވެސް ވާހަކަ ދެއްކީ ޝަހީން އެވެ. “ފެން ފޮދެއް ބޯލައިގެން އޮށޯވެލާ.. އެބަ އަންނަން ފާޚާނައަށް ގޮސް” މިހެން ބުނެފައި ޝަހީން ދިޔައީ ފާހާނާއަށެވެ. ނައުމާ ފެންފޮދެއް ބޯލާ ތަށި ބަހަށްޓާފައި އޮށޯތެވެ. ޝަހީން ފާހާނައިން ނެކުމެގެން އައިސް ނައުމާގެ ގައިމަތީ ބެޑްޝީޓެއް އަޅާލަދިނެވެ. އަދި ނައުމާގެ ނިތްކުރީގައި ބޮސް ދިނުމަށްފަހު އޮށޯތެވެ.
ޝަހީންއަށް ނިދުނު އިރުވެސް ނައުމާ އޮތީ ނުނިދިފައެވެ. އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ އެ ހުވަފެނުގެ މަންޒަރުތަކެވެ. އޭގެން އޭނާ ނަގަންވީ ކޮން މާނައެއް ހެއްޔެވެ؟ އެ ހުވަފެނުގެ ތައުބީރަކީ ކޮބާ ހެއްޔެވެ؟ އެކަހަލަ ކަމެއް މެދުވެރި ވެދާނެހެއްޔެވެ؟ ނިޝްވާގެ އުޅުމަށް މިހާރު އަންނަމުން ދާ ބަދަލުތަކުގެ ސިއްރަކީ މީހެއްޔެވެ؟ ޝަހީން އަކީ އެހާވިޔާ ނުދާ މީހެއްބާއެވެ؟ މިކަހަލަ އެތަކެއް ސުވާލުތަކެއް ނައުމާގެ ސިކުނޑީގައި ގުގުމަމުން ދިޔަ އެވެ.
މީގެ 8 އަހަރު ކުރިން ނައުމާގެ ބައްޕަގެ އެދުމުގެ މަތިން އުމުރުން 18 އަހަރުގައި، ބައްޕަގެ ރަހުމަތްތެރިއެއްގެ ދަރިފުޅު ކަމުގައިވާ ޝަހީން އާއި ކާވެނިކުރީ ކޮއްކޮއަށް ރަނގަޅު މުސްޠަޤުބަލެއް ހޯދައި ދިނުމުގެ ބޭނުމުގައެވެ. އޭރު ނިޝްވާގެ ޢުމުރަކީ 10 އަހަރެވެ. އެއާއިލާ ގައި އިތުރު މެންބަރަކު ނުހުރެއެވެ. ނިޝްވާ ވިހެއުމުގެ ތެރޭގައި މަންމަ ވަނީ މިދުނިޔެ ދޫކޮށްފައެވެ. ޝަހީން އާއި ނައުމާގެ ކާވެނި ކުރެވުނީ ދެމީހުން އެކަކު އެނަކަކު ދެކެ ލޯބިވެގެން ނޫން ކަމުގައި ވިޔަސް އެދެމީހުން މިއަދު އެކަކު އެނަކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ. އެކައިވެންޏަށް 8 އަހަރު ވީއިރު ލިބިފައިވަނީ އެންމެ ކުއްޖެކެވެ. އެއީ އުމުރުން 3 އަހަރުގެ ޝާން އެވެ.
* * * * * *
ހެނދުނުގެ ވަގުތެވެ. ނައުމާ އާއި އަރީކާ އާ ދެމީހުން އުޅުނީ ބަދިގޭގައެވެ. އަރީކާ އަކީ ނަޢުމާ ބަނޑުބޮޑުވުމުން އެގެޔަށް ގެންގުޅެން ގެނައި ރާއްޖެތެރޭ ރަށެއްގެ ކުއްޖެކެވެ. އަޅާލާނެ މީހަކު ނެތް ނިކަމެއްޗެކެވެ. އެހެންކަމުން ނަޢުމާ ވިހެއުމަށް ފަހުގައިވެސް އަރީކާ އެގޭގައި ބެހެއްޓީއެވެ. ޝާންގެ ކަންތަކުގައާއި ގޭތެރޭ ކަންތަކުގައި އެހީވުމަށްޓަކައެވެ. ނަޢުމާ ދެކެނީ އެއީވެސް އޭނާގެ ކޮއްކޮ އެއްގެ ގޮތަށެވެ. އަރީކާވެސް އެގޭގައި އުޅެމުންދަނީ އެއީ އޭނާގެ އާއިލާ މެންބަރުންކަމަށް ދެކިގެންނެވެ.
ނިޝްވާ ސުކޫލަށް ދާން ތައްޔާރު ވަމުންދެއެވެ. އޭނާ އުޅެނީ ސީއެޗްއެސްއީ ގްރޭޑް ބާރާގައެވެ. މިއަދަކީ އޭނާ ސުކޫލުގައި ހޭދަކުރާނެ ފަހު ދުވަހެވެ. ފަހު އެގްޒާމް އޮންނަ ދުވަހެވެ. ޔުނީފޯމް ގަޔަށް ހެޔޮވަރުކޮށްލަމުން ބުރުގާ ބޮލުން މަހާލަމުން ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. އެމޫނުމަތިން އެއްވެސް ކަހަލަ އުޖާލާކަމެއް ނުފެނެއެވެ. ފެންނަނީ މާޔޫސްކަމެވެ. އެދޮން މޫނު ވަނީ މިލާ މޯޅިވެފައެވެ. އެރީތި ލޮލުގައިވެސް ރަތްކަމެއް ހުއްޓެވެ. ރޭގަ ނުނިދާ ހުރީމަކަމަށްވެސް ވެދާނެއެވެ. އޭނާ އަވަސްއަހަށް ބުރުގާ އަޅާ މޫނުގައި ފުއްކޮޅެއް ޖަހާ އާދައިގެ ގޮތަކަށް ރީތިވެލިއެވެ.
“ކޮއްކޯ… ” ގެއިން ނެކުންނަށް ދިޔަ ނިޝްވާއަށް ނައުމާ ގޮވާލިއެވެ. “…މިއަދު ސައިވެސް ނުބޮއެތަ ދަނީ…”
“މިއަދު ސައިބޯ ހިތެއް ނެއް” ނިޝްވާ ފަރުވާ ކުޑަ ގޮތަކަށް ބުންޏެވެ.
ނަޢުމާގޮސް ނިޝްވާގެ ކުރިމަތީ ހުއްޓުނެވެ. އެވަގުތު ނިޝްވާގެ މިލާމޯޅިވެފައިވާ މޫނާއި ރަތްވެފައިވާ ދެލޯ ފެނުނެވެ.
“ކޮއްކޮ ކަމަކާ ވިސްނަނީތަ؟” ނައުމާ ކަންބޮޑުވިއެވެ. “ބަލާބަލަ ތިހިރަ މޫނެއް.. ލޮލެއް.. މީހާގެ އެއްވެސް ކަހަލަ ދިރުމެއް ނެތެއްނުން ..ދޮންތަމެނާވެސް ދުރުދުރުން ތި އުޅެނީ.. ސުކޫލުން އަންނަ ގޮތަށް ކޮޓަރީގަ…ދޮންތައަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟ ”
“..ރޭގަ ނުނިދާ ފޮތްކިޔަން އިނީމަ ނިދި ހަމަނުވާތީ ހީވާގޮތްތީ.. މިއަދު އޮންނާނީ ފަހު ޓެސްޓް.. ދެން ރަނގަޅުވާނެ” ނިޝްވާ ދިނީ ހިތުގައި އޮތް ޖަވާބެއް ނޫނެވެ. އޭނާ ވާހަކަ ދެއްކީވެސް ވަރަށް ގަޔާނުވެ ހުރެއެވެ. އަދި ނައުމާ އަށް އިތުރު އެއްޗެއް ބުނާނެ ފުރަޞަތު ނުދީ ގެއިން ނެކުމެގެން ދިޔައެވެ.
ނިޝްވާ ހެދީ ދޮގުކަން ނައުމާ އަށް އިނގުނެވެ. އޭނާއަށް ނިޝްވާގެ މޫނުމަތިން އެކުލަވަރު ފެނުނީ މިއަދަކު އެކަންޏެއް ނޫނެވެ. އެކަން ފާހަގަވާތާ ދެތިން ދުވަހެއް ވަރު ވެއްޖެއެވެ. ނިޝްވާގެ އުޅުމަށް ކުޑަ ބަދަލެއް އަޔަސް އޭނާއަށް އެނގޭނެއެވެ. އެހެނަސް އޭނާގެ އުއްމީދަކީވެސް ކޮއްކޮ އެބުނިގޮތަށް ކޮއްކޮ ރަނގަޅު ވުމެވެ. ނަޢުމާގެ ކުއްލިއަކަށް ރޭގަ ފެނުން ހުވަފެން ހަނދާންވިއެވެ. އެކަހަލަކަމެއް މެދުވެރި ވެދާނެބާއޭ ހިތަށް އެރިއެވެ. ނަމަވެސް ހަމަ އެސިކުންތުގައި ހުވަފެނަކީ ބިލާހެކޭ ހިތަށް އެރުމުން އެކަމާ ނުވިސްނާ ސައި ހެދުމާގެން ކުރިޔަށް ދިޔައެވެ.
ނައުމާ ސައިތައްޔާރުކޮށްލާފައި ގޮސް ޝަހީންއަށް ޑިއުޓީއަށް ދާންގޮވިއެވެ. ޝަހީން އަކީ ފުލުހެކެވެ. ދުވަސްވަރަކީ މާލޭ މަގުތައްމަތީ މުޒާހަރާކުރުން އާންމު ދުވަސްވަރެކެވެ. އެހެންކަމުން އޭނާ އުޅެންޖެހެނީ ވަރަށް ބިޒީކޮންނެވެ. ގެޔަށް ނިދާލާން ނާދެވޭ ރޭތައްވެސް ދެއެވެ. އޭނާ ކިތަންމެ ބިޒީކޮށް އުޅުންނަމަވެސް އޭނާ އަކީ އޯގާތެރި އަޅާލާ ފިރިއެކެވެ. އަދި ޒިންމާދާރު ބައްޕަ އެކެވެ. އާއިލާގެ ހުރިހާ އެންމެންގެ ކަންތައްވެސް ހުންނަނީ ފުރިހަމަކޮށް ދީފައެވެ.
ޝަހީން ތައްޔާރުވެގެން ނެކުތް އިރު ނައުމާ އިނީ ޝާންއަށް ކާންދޭށެވެ. “.. ބައްޕަ ދޫނި.. މިއަދު ކޯއްޗެއް ކަނީ؟؟” ޝަހީންގެ ދަރިފުޅު ޝާން އުރާލަމުން ބުންޏެވެ. “…ބަކުން ކަނީ..” ކުޑަކުޑަ ޝާން ބުނެލިއެވެ. “….ބައްޕި ޝާން ކިނބޫ ބަލާލަން ދާން ބޭނުން…”
“..ހަވީރުން ދާނީ..” ޝަހީން ދަރިފުޅު ކޮލަށް ފިތާލަމުން ބުންޏެވެ. “މަންމަގެ ބަސްއަހާގެން ބަކުން ހުސްކޮށްލާތި…”
“..ލައްބަ ބައްޕީ..” ޝާން ހެވިފައި ބުންޏެވެ.
ސައިބޮއެގެން ޝަހީން ދިޔައީ އޮފީހަށެވެ. އެއާއިލާގެ ހުރިހާ ކަމެއްހެން ބަލަހަށްޓަމުންދަނީ އޭނާ އަށް ލިބޭ އެއްޗަކުންނެވެ. ޝަހީން އަކީ މާލެ މީހެއްކަމުން އޭނާގެ އަމިއްލަ ގެދޮރު މާލޭގައި ހުރެއެވެ. އެހެންކަމުން އެދެމީހުންގެ ކާވެންޏަށް ފަހު ނައުމާގެ އާއިލާ މާލެ ބަދަލުވީއެވެ. ކާވެންޏަށް އެއް އަހަރުވީ ފަހުން ޝަހީން އާއި ނައުމާގެ ބައްޕަ ވަނީ މިދުނިޔެ ދޫކޮށްފައެވެ.
***********************
“…އަހަރެން މިކަމާ ވިސްނާ ވިސްނާ ބޯގޮވާފި…. އަހަރެން ބޭނުމެއް ނޫން މިކުޑަ ކުޑަ އާއިލާ ރޫޅިގެން ދާކަށް…” ނިޝްވާ ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ރީޝާ އާއެވެ. ނިޝްވާއަށް ކޮންމެ ކަމެއް ދިމާވިޔަސް އެކަން ހިއްސާކުރާ ހަމައެނި މީހަކީ އެއީއެވެ. ދެމީހުން ތިބީ ލައިބްރަރީ ގައެވެ. އެގްޒާމް ނިންމާލުމަށްފަހު، ސުކޫލުގައި ހޭދަ ކުރެވޭނެ ފަހު ދުވަސް ކަމަށްވުމުން ވާހަކަ ދައްކާލަން މަޑުކޮށްލީއެވެ.
“….މާބޮޑަށޭ ތި ވިސްނަނީ.. ބަލާބަލަ މީހާއަށް ތިހިރަ އަންނަ ބަދަލުތައް.. ތިހެން އުޅެން ހަދާގެން ދޮންތަ އަހަންނާ ސުވާލްކޮށްފާނެ… އަހަންނަށް ދޮގު ހަދަން އުނދަގޫވާނެކަން ނިޝްއަށްވެސް އެނގޭނެ… ކުރިން އުޅުން ގޮތަށް ނޯމަލްކޮށް އުޅެމުން އަހަރެން ބުނިގޮތަށް ކަންތައްކޮށް ބަލަ.” ރީޝާ ހަނދާންކޮށް ދިނެވެ. (ނުނިމޭ)
ދެވަނަބައިގެ ތެރެއިން:
ނިޝްވާ އާއި ރީޝާ އަދި އިޝާން ހިނގަމުން ދިޔައީ ގެއަށް ދިޔުމަށްޓަކައި މަޖީދީމަގުން ހެންވޭރާ ވީ ކޮޅަށެވެ. ތިން ކުދިންގެ ގެ ވެސް ހުންނަނީ އެއް ހިސާބެއްގައެވެ. ސޯސަންމަގު ގައެވެ. އެމީހުން ދިޔައީ ސުކޫލްގެ ދައުރުގެ މަޖާ ވާހަކަތަކުގެ މަތިން ހަނދާންކޮށް އެވާހަކަތައް ދައްކަމުން ނެވެ. ނިޝްވާ ވެސް އެމަޖަލުގައި ބައިވެރިވުމުގެ ގޮތުން މޫނު މަތިން އުފާވެރިގޮތް ދައްކަމުން ހެމުން ދިޔައެވެ. “..އިޝަންޓޭ…” އެންމެން ހުނުން މަޑުކޮށްލުމަށް ފަހު މަގުގެ އަނެއް ފަރާތަށް ބަލާލީ އިޝާންއަށް މީހަކު ގޮވާލުމުންނެވެ.
ނޯޓް:- މިއީ ޚިޔާލީ ވާހަކައެކެވެ. އަދި މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކައެވެ.
6 Comments
Comments are closed.
ވ ސަޅި….
ތޭންކް ޔޫ ނަޒާ
ވަރައް ރީތި މިވާހަކަ…. ކޮން އިރަކު ދެވަނަ ޕާރޓް ނިކުން ނާނީ…….
thank yu rose.. next episode on monday
Reethi vara reethi
Vara salhi